بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ މޫސާ މަނިކު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ދައުލަތުގެ ވެރިން. އަދި ވަކިން ޚާއްޞަކޮށް، މި ޅައިމަގުގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މީގެ ދެއަހަރު ކުރީގައި، މި ރާއްޖޭގެ ރައްޔިތުންނަށް، މި ޕާޓީގެ ފަރާތުން ހުށަހެޅި ސުވާލެއް. އެދުވަހު ރާއްޖެ އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި. ރާއްޖޭގެ ރައްޔިތުންނަށް އޮތް، އެހިސާބުން ޚަރާބުގެ މަގު ޚިޔާރު ކުރެވެންވެސް. އަދި ރައްޔިތުންނަށް އޮތް، މުޅިން އެހެން ގޮތެއް ހޯދެންވެސް. ރާއްޖޭގެ ރައްޔިތުންގެ ތަނަވަސް އަޣްލަބިއްޔަތުން، ރައްޔިތުން ނިންމެވީ، އެ ރައްޔިތުން ބޭނުންވަނީ، މުޅިން އެހެން ގޮތެކޭ. އެހެން ދިވެހިރާއްޖެއެކޭ. އަނެއް ދިވެހިރާއްޖެއޭ. އަޅުގަނޑުމެންގެ މިއަދުގެ އަމާޒަކީ، އެދުވަހު ރައްޔިތުން އަޣްލަބިއްޔަތު ދެއްވި އަދި ބަލައިގަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަޢުދުތައް ފުއްދުމުގެ ސިޔާސަތުތައް ތަންފީޛު ކުރަމުން ގެންދިޔުން.

ވަޢުދުވާ ހަމައެކަނި ޕާޓީއަކީ އެމް.ޑީ.ޕީ. އެމް.ޑީ.ޕީ ނޫން، މި ޕާޓީން ނޫން ޕާޓީއަކުންނެއް ރައްޔިތުންނަށް ކަންކަން ކޮށްދިނުމަކަށް ވަޢުދެއްނުވޭ. އަދި އެ ވަޢުދު، އެހެންވީމާ، ފުއްދުމަކަށް ސިޔާސަތުތަކެއް ނުގެންގުޅެވޭ. ރައްޔިތުން އެދެންވީ ކޮންކަމެއްތޯ، ރައްޔިތުންގެ އިޙްސާސްތަކަކީ ކޮބައިތޯ، ރައްޔިތުން ބޭނުންވެގެން މިއުޅެނީ ކޮންކަމެއް ކުރާންތޯ، މިހިރަ މިހިރަ ކަންކަމަކީ، ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގައި، ހުރިހާ ޕާޓީއަކުންވެސް ބަލަންޖެހޭނެ ކަންކަން. ހިތާމައަކީ، އަޅުގަނޑުމެނަށް ލިބިފައިމިވާ ވާދަވެރިންނަކީ ޑިމޮކްރަސީގެ ރޫޙާއި، ޑިމޮކްރަސީގެ ސިފަތައް، އެބޭފުޅުންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ތިއްބެވި ބޭފުޅުންނެއް ނޫން. ޚުދު މުޚްތާރުގެ ވެރިކަމާއި، އަދި ތިމަންނާއަކީ އެންމެ މުހިންމު މީހާ ކަމާއި، ތިމަންނާ ނޫން މީހެއް ނެތް ކަމާއި، ތިމަންނާގެ ކަން އިސްކުރުމާއި ބޮޑުކުރުން، އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ބޮޑަށް މީގެކުރީގައި ފެނިފައި، ލިބިފައި.

މި ސަރުކާރުން ރައްޔިތުންގެ އަޑު އަހާނެ. މި ސަރުކާރުން ރައްޔިތުންގެ އަޑު އެހި. މި ސަރުކާރުން ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ އަޑު އަދި އަހާނެ. ރައްޔިތުންގެ އަޑު، ސަރުކާރުން އެހި އެހުމުގައި، ޕާޓީއަށް ފާހަގަވި ކިތަންމެ ޙަޤީޤަތެއް އެބަހުރި. މި ޅައިމަގުގެވެސް ރައްޔިތުންގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، އެމީހުންނަށް ރެޔާދުވާލަށް ދިހަ ފަނަރަ ރުފިޔާ، އާމްދަނީގެ ގޮތުގައި ނުލިބޭ ނިކަމެތިން. އެމީހުންނަކީ، އ.ދ. އެބުނާ ހައިހޫނުކަމުގެ ރޮނގުގެ ތިރީގައި ތިބި ރައްޔިތުން. އެމީހުންގެ ބޭސްފަރުވާއަށްވިޔަސް، ދަރިންގެ ފޮތް ލިސްޓަށްވިޔަސް އަދި ގިނަފަހަރަށް ތިންއިރު ކެއުން ކަމުގައިވިޔަސް، މިއޮންނަނީ ފުރިހަމަނުވާގޮތް، ހަމަނުޖެހޭފަހަރު ގިނަވެފައި، ހަމަޖެހޭފަހަރަށްވުރެ. އެހެންވީމާ، މިދެންނެވި ޅައިމަގު މީހާވެސް މިދާންޖެހެނީ، އެއް ސާދާގަރެއް ކައިރިން، އަނެއް ވިޔަފާރިއެއް ކައިރިން، އަނެއް މަހުޖަނެއް ކައިރިން ސަލާންޖަހަން. ރައްޔިތުންނަކީ، ޅައިމަގު މީހުންނަކީ، ގިނަ ބައިވަރު ޅައިމަގު މީހުންނަކީ، ކޮންމެވެސް މީހެއްގެ މުއްފަތުން އުޅެންޖެހޭ ބަޔަކަށްވާހާ ހިނދަކު، މި ޅައިމަގު މީހުންގެ ޤަދަރާއި ޢިއްޒަތް އަޅުގަނޑުމެންނަށް ހޯދައިދޭން ދަތިވާނެ. ރަނގަޅު ރައްޔިތަކު، ރަނގަޅު ޅައިމަގެއް އުފައްދައި ތަރައްޤީ ކުރަން އުނދަގޫވާނެ.

ޕާޓީގެ ސިޔާސަތުގައި، ޕާޓީގެ މެނިފެސްޓޯގައި، މި ޅައިމަގުގެ ތަރައްޤީގެ ތަޞައްވުރެއް އެބައޮތް. އެކަން ކުރާނެ ގޮތުގެ ވިސްނުމެއް، މި ޕާޓީ ގެންގުޅޭ. މި ސަރުކާރުގެ ކިބައިގައި އެބަވޭ. ސަރުކާރު މަސައްކަތް ކުރަމުން މިގެންދަނީ، މިދެންނެވި ސިޔާސަތުތައް ތަންފީޛު ކުރުމުގައި. ސަރުކާރުގެ ބޭނުމަކީ، ހަމައެކަނި ބޭނުމަކީ، މިރަށުގެ ރައްޔިތުންގެ ތަނަވަސްކަން ހޯދުން. ރައްޔިތުން މުއްސަނދި ކުރުން. ރައްޔިތުންގެ އެދުންތައް ފުއްދައިދިނުން. އަދި އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުރިހަމަކޮށްދިނުން. ރަށުގެ ގިނަ ބައިވަރު ރައްޔިތުންނަކީ، ފަޤީރުން ކަމުގައި، ނިކަމެތިން ކަމުގައިވާހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ތަރައްޤީއަކީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރެވުނީމާ ޙާޞިލުވާ ކަމެއް. އެއީ ބޮޑުހިލައިން މިނާ ކަމެއް ނޫން. އެއްގަމު ތޮށިން މިނާ ކަމެއްވެސް ނޫން. ސަހަރާ ވަށާ ފާރުން މިނާ ކަމެއްވެސް ނޫން. ތަރައްޤީއަކީ، ޅައިމަގު މީހާ ތަރައްޤީވުން. ތަންދޮރު އޮޅުންފިލާން މިޖެހެނީ އަޅުގަނޑުމެނަށް. ޅައިމަގު މީހާއަށް. ޅައިމަގު ތަރައްޤީ ކުރުމެއް ނެތް. ތަރައްޤީ ކުރުން އޮތީ، މިރަށު މީހާ. ބަދަލުވާންވީ މިރަށު މީހާ.

ޕާޓީގެ ވަޢުދަކަށްވީ، ބޭސް ސިޓީއަށް ރައްޔިތުން ސަލާންޖަހާ ޖެހުން ޕާޓީގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ނައްތާލަދޭނަމޭ. ސަރުކާރުގެ ސިޔާސަތު، އެހެންވީމާ ތަންފީޛު ކުރަމުން ގެންދިޔައީ، މަދަނައިގެ ވިއުގަ ހަރުދަނާކޮށް، މަދަނައިގެ ވިއުގަ އެކުލަވައިލެވުނު. މިއަދު އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މި ޅައިމަގުގެ 135 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީވެފައިވާތީ. މިއަދު މި ސަރުކާރަށް ހިތްވަރު ލިބެނީ، މި ޕާޓީއަށް އުފާވެރިކަން ލިބެނީ، އަދި އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ އަހަރު މި ޅައިމަގުގެ މަދަނައިގައި ރަޖިސްޓްރީވެފައި ތިބި މީހުންގެ ބޭސްފަރުވާއަށް އެއްލައްކަ ފަންސާސް ތިންހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމުން. މިދެންނެވި ފައިސާއަކީ، އިތުރު ކަމެއް ކުރާން ޚަރަދު ކުރެވުނު ފައިސާއެއް ނޫން. ސީދާ ބަލިމީހާގެ ބޭސް ސިޓީއަށް ބޭސް ނަގައިދިނުމަށް ކުރެވުނު ޚަރަދު. ސީދާ އޭނާއަށް ދެވުނު ފައިސާ.

އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޕާޓީގެ ވަޢުދު ފުއްދުމަށް، ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، އާމްދަނީ މަދު ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް ޕާޓީން ވަޢުދުވިން. މިއަދު އަޅުގަނޑުމެން ހިތްހަމަޖެހެނީ، މި ޅައިމަގުގެ 41 މީހަކަށް، ގަވާއިދުން މިދެންނެވި ޕެންޝަން ދެމުން ގެންދެވޭތާ މިވަނީ ދެއަހަރު. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، މިރަށަށް ޕެންޝަންގެ ގޮތުގައި ހޭދަކުރުމަށް ކޮންމެ މަހަކު، ކޮންމެ މަހަކު ސާޅީސް ދެހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، އަޅުގަނޑުމެންނަށް ލިބިފައިވާތީވެ. އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ކަމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޑާޓީން ވަޢުދުވިން. މިސަރުކާރުން އެމަސައްކަތް ދަނީ ހިންގަމުން. މި ޅައިމަގު 5 ފަރާތަކަށް، މިދިޔަ 2010 ވަނަ އަހަރު، ފަނަރަހާސް ރުފިޔާ ޚަރަދު ކުރެވުނުކަމީ، މި ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް.

ސަރުކާރުގެ އަމާޒަކީ، ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ވިސްނަވާ، ތިމަންނާއަށް ކިތަންމެ ފައިސާއެއް ލިބުނަސް، އަޅުގަނޑުގެ ތަނަވަސްކަން ކިތަންމެ ބޮޑަސް، އަޅުގަނޑާ ޖެހިގެން ހުންނަ މީހާގެ ގޭގައި ތިންއިރު ހަމައަށް ނުކަންޏާ، އޭނާގެ ދަރިފުޅު މަދްރަސާއަށްދާނެ ބޫޓެއް ނެތިއްޔާ، އަންހެން ދަރިފުޅުވެސް ޔުނިފޯމް ނެތިއްޔާ، ފިރިމީހާއަށް ނުވަތަ މަންމައަށް، މާމައަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިއްޔާ، ދެން ތަހުޒީބެއް، ކޮން ތަރައްޤީއެއްތޯ އަޅުގަނޑަށް ވަކި ލިބޭނީ. ތަނަވަސް މީހާއަށް، ތަނަވަސްކަން ލިބޭނީ، ނިކަމެތި މީހާއަށް ލާރި ލިބުނު، ފައިސާ ލިބުނު މިންވަރަކުން. ވިޔަފާރި ކުރިއަށްދާނީ، މީހުންގެ އަތުގައި ފައިސާ ހުރީމާ. މީހާ ފަޤީރުކަންމަތީގައި ހުއްޓައި، ވިޔަފާރިއެއް ކުރިއަރައެއް ނުދާނެ. ވިޔަފާރި ކުރިއަރައި ނުދާހާ ހިނދަކު، ރަށެއް، ޤައުމެއް ތަރައްޤީވެއެއްނުދާނެ.

ސަރުކާރުން އިޖްތިމާޢީ ރައްކާތެރި ކަމުގެ ހޭދައަށް، ރަށްރަށަށް ކުރެވޭ ހޭދައިގެ އަނެއް ބޭނުމަކީ، މި ރަށްރަށުގެ ވިކުރާ ރަނގަޅު ކުރުން. މިރަށްރަށުގެ ލޭންދޭން ކުޑަކުރުން. މިރައްޔިތުންގެ ޢާންމު ޙާލަތު ބަދަލުކުރުން. ރައްޔިތުން މުއްސަނދި ކުރުން. އަޅުގަނޑުމެންނަށް ދުވަހުން ދުވަހަކަށް ފެންނަމުން މިދަނީ، އަޅުގަނޑުމެންގެ ސިޔާސަތު ޙަޤީޤަތަކަށް ވަމުން އަންނަތަން. އަޅުގަނޑުމެން ބޭނުމީ، އަޅުގަނޑުމެން އެދެނީ، މި ސަރުކާރުގެ އުންމީދަކީ، މި ޅައިމަގު ހުރިހާ ރައްޔިތުންވެސް މަދަނައިގައި ރަޖިސްޓްރީވުން. އަދި މިރަށު އެންމެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން.

މިރަށުގެ ތަރައްޤީގެ ނާރެސްއަކީ މި މަދްރަސާ. އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރު އޮޅުންފިލުވައިނުދީ، އަޅުގަނޑުމެންގެ ދަރިންނަކީ، ޖާހިލު ކަމުގައި، ނޭނގުމުގެ ތެރޭގައި، އަނދިރި ކަމުގައި ތިބި ބައެއްގެ ގޮތުގައި ތިބިހާ ހިނދަކު، އަޅުގަނޑުމެން މިބޭނުންވާ ބަދަލެއް ނުހޯދޭނެ. އޭރަށް އަޅުގަނޑުމެން ޖާހިލުކަންމަތީގައި ހަމަ ތިބޭނީ. ކިތަންމެ މޮޅު ޓެކްނޯލޮޖީއެއް ހިފައިގެން އައިސް، ބަނދަރެއް ތަނެއް ހަދާން އުޅުނަސް ބުނާނެ، ތި އެއްޗެހިތައް ތިހިރީ ހުދުކޮނޭ، އެ ފީވެފައޭ އެހުރީ. ކޮންމެފަދަ ވާހަކައެއްވެސް ދައްކާފާނެ. ކޮންމެސް އެއްޗެކޭ ކިޔައި، ރަށުގައި ކޮންމެ ޒުވާބެއްވެސް ކޮށްފާނެ. އެއިން މިއެއް، ތަނެއްދޮރެއް ކުޑަކޮށްވެސް އޮޅުންނުފިލާ. ތިމަންނާއަށް މާމޮޅަށް އެނގޭ ކަމަށް ދެކިގެން، ތިމަންނާއަށޭ އެނގެނީ، ފައިކަށި އިންނަންވީ ގޮތް. އެގޮތަށް ފައިކަށި ހެދީމާ، އަނެއް ދުވަހު ބަނދަރަށް ވެލިއަޅައި ފުރޭނެ. ދެން އަންނަ ދަތުރުގައި، ރައީސް މިރަށުގެ ބަނދަރު މިހާރު ވެލިއަޅައްޕޭ. ދެން އަނެއްކާ ފައިކަށި އެހެން ގޮތަކަށް ބަދަލުކުރާން ބުނެ، ކިތަންމެ އެއްޗެއްކީމާ، އެ އެހެން ގޮތަކަށް ބަދަލުކުރީމާ، ދެން އަނެއްކާ ވެދާގޮތް އެއަށްވުރެ ފަލަ. އަޅުގަނޑުމެނަށް އެބަ އެނގެންޖެހޭ، އަޅުގަނޑުމެނަށް އެބަ ވިސްނެންޖެހޭ، އަޅުގަނޑުމެންނާ ނުބެހޭ ކަންކަމާ، ކާޅުކެޔަސް ސޮއް ނުގޮވާށޭ ބުނާހެން، ނޭނގޭ ކަންކަމާ ގުޅޭގޮތުން އަދި އަމުދުން އަޅުގަނޑު މީހަކު ޚިތާނުލައްވާ ގޮތް ކިޔައިދެމަކުން ނުހިނގަން. ނޭނގޭ ކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެނަށް ވާހަކަ ދައްކައި، މާމޮޅު ކަމަށް ދެކެވި މިއުޅެނީވެސް އަޅުގަނޑުމެންގެ ޖާހިލުކަމުން. ގަބޫލު ކުރައްވާ، އަޅުގަނޑުމެންގެ ރަށްރަށް ހުރި ގޮތް.

މި ސަރުކާރު އުފެދުނުއިރުގައި، މި ރާއްޖޭގައި 4 ރަށް ނެތް، ނަރުދަމައާ އެކުގައި. މިދެންނެވީ އިންސާނެއްގެ އެންމެ އާދައިގެ ޙަރަކާތް. ބޮޑުކަމުދިޔުން. އެކަމަށް ބޭނުންވާ ޚިދްމަތް، އެކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެހިފައެއް ނެތް. އެކަން ކުރަންވީ ގޮނޑަށް ނުކުމެ. ތާހިރު ފެންކޮޅެއް ލިބޭނެ ގޮތެއް ނެތް. ރޭ އަލިކަމެއް ހޯދޭނެ ގޮތެއް ނެތް. މަދްރަސާގައި ކިޔަވައިދެވޭނެ ގޮތެއް ނެތް. ވަލުން ނުކުމެ މަހަށް ދެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެންގެ ރަށްތައް އޮތީ، ވަރަށްވެސް ފަހަތުގައި. އަޅުގަނޑުމެނަށް މިއަދު މަޖްބޫރުވެފައި މިވަނީ، މިރަށްރަށް ދިރުވުން. އަޅުގަނޑުމެނަށް ޖެހިފައި މިވަނީ، މިރަށްރަށް ބަދަލުކުރަން. މިރަށްރަށަށް ތަރައްޤީ ގެންނަން. މި ޕާޓީގެ ފަރާތުން އެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރުމަށް ވަޢުދުވަމުން ގެންދިޔައީ. އެއީ އަޅުގަނޑުމެންގެ ވަޢުދުތަކަކީ. މި ރާއްޖެ ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން އެއީ، މި ޕާޓީގެ ވަޢުދަކީ. އެއްދަންފަޅިއަށް މަދްރަސާ ހެދުން. ވަށާޖެހޭ ތަޢްލީމެއް ދިނުން، ކޮންމެހެން ބޭނުންތެރިކަމެއް. އިރާދަކުރެއްވިއްޔާ، މިރަށު މަދްރަސާ މިއަންނަ އަހަރު ހުޅުވޭއިރު، އޮންނާނީ އެއްދަންފަޅިއަށް.

މިދިޔަ 2010 ވަނަ އަހަރު ޅައިމަގު ސްކޫލްގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ގަތުމަށް އަދި ޔުނިފޯމާއި އެފަދަ ތަކެތި ހޯދުމަށް ނުވަދިހަ އަށްހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. މި ޅައިމަގު ދަރިވަރުންގެ އޯ ލެވެލް އިމްތިޙާނުގެ ފީގެ ގޮތުގައި، ތޭވީސްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް. އަދި އެއަށްވުރެ އުފާވޭ، ތިޔަބޭފުޅުންނަށް މަރްޙަބާ ދަންނަވައި، މުބާރަކްބާދީ ކިޔަން އަޅުގަނޑު ޖެހެނީ، ސަރުކާރުގެ ޕާޓީގެ ވަޢުދެއް އެއީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، ކޮންމެ 10 ކުއްޖަކުން 6 ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް އިރާދަކުރެއްވިއްޔާ، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި ހަދާނެއޭ. އެއީ، އަޅުގަނޑުމެންގެ ވަޢުދެއް. އެ ވަޢުދު ފުއްދަމުންދާ ރަށްރަށް މަދެއް ނޫން. މިރަށުގައި އެ ނިސްބަތް ހުރީ 25 ޕަސެންޓްގައި. އެއީ، އަދި ކިތަންމެ ތަނަކުން އިތުރު ކުރަންވެފައި އޮތް ނިސްބަތެއް. އެހެން ނަމަވެސް، އަޅުގަނޑަށް ހިތްވަރު ލިބެނީ، އަޅުގަނޑުމެނަށް އުންމީދު އާވަނީ، 2009 ވަނަ އަހަރާއި 2010 ވަނަ އަހަރާ އަޅާބަލާއިރު، މިރަށުގެ މަދްރަސާއިން އެ ނިސްބަތްވަނީ، 10 ޕަސެންޓުން މައްޗަށް ގެންދެވިފައި.

އެހެންވީމާ، ސަރުކާރުން ބޭނުންވަނީ ވަޢުދުވާން. މިތަނަށް އެއްދަންފަޅިއަށް މަދްރަސާ ހަދައިދިނުމާއި، ވަށާޖެހޭ ރަނގަޅު ތަޢްލީމެއް މިތަނަށް ދިނުން. އަޅުގަނޑު މިއަދު މިސްކޫލްގެ އެންމެ ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންނާއި، ސްކޫލް ބޯޑާއި، އެންމެހާ ބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދީ ރައްދުކުރަން. އެހެން ނަމަވެސް، ދަންނަވާލަން، އަޅުގަނޑުމެންނަށް އޮތީ 3 އަހަރު. 3 އަހަރު ތެރޭގައި، 60 ޕަސެންޓް ކުދިން ފާސްކުރާން އެބަޖެހޭ. ފައިކަށީގެ ވާހަކަ އެކީ އެކައްޗަކަށް ހުއްޓާލައި، ބަނދަރު ވާހަކަ މުޅިން ބާއްވައި، ކުދިންނަށް ކިޔަވައިދޭނެ ގޮތެއް ނުހޯދައި، އަޅުގަނޑުމެން ދެން ކުރާން އޮތް އެހެން ކަމެއްގެ ވާހަކައެއް ވަކިނެތް. އަޅުގަނޑު ދެރަވަނީ، ވަފްދު ހަދާފައި މާލެ ދުރުވާ ބޭފުޅުންނާއި އަދި އަޅުގަނޑު މިތަނަށް އައިމާ، އަޅުގަނޑާ ބައްދަލުކުރައްވާ ބޭފުޅުން، މަދްރަސާގެ ވާހަކަ ނުދައްކަވާތީ. ހައްތަހާވެސް ފައިކަށީގެ ވާހަކައާއި، ވަށާފާރު ވާހަކައާއި، އެއްގަމު ތޮށީގެ ވާހަކައާއި، ކޮންމެވެސް ކޮންކްރީޓްގެ ކަމެއްގެ ވާހަކަ. އަޅުގަނޑުމެންނަށް ދުވަހަކުވެސް ނުފެނޭ، ކޮންކްރީޓް ނޫން އެއްޗެއް. ބައެއްފަހަރަށް އަޅުގަނޑު ހިތަށްއަރާ، މިބޭފުޅުން ސިމެންތި ވިއްކަނީބާއޭ. ރަށު ތަރައްޤީއަށް އުޅުއްވާނަމަ، އަދި ތިޔަބޭފުޅުން ބޭނުންވެލައްވަނީ ތަރައްޤީ ކަމަށްވާނަމަ، އެކަމަށްވާ، އުނިވާ ކަންކަމުގެ ވާހަކަ އަޅުގަނޑުމެން ދައްކާންޖެހޭނެ. އޭގެފަހުން އަޅުގަނޑުމެން ކުރާންޖެހޭ. އެނުކުތާ އަޅުގަނޑުމެން ފާހަގަކުރާންޖެހޭ. އެހެނެއް ނޫން، ބޮޑު ހިލައެއްގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކެނީ. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންގެ ޅައިމަގު ސްކޫލް ބޯޑާއި، ޅައިމަގު ޓީޗަރުންނާއި، އަދި ޅައިމަގު ބެލެނިވެރިންނާ އެކީގައި މިތަނުގެ މަދްރަސާ ބަދަލުކުރާނެ ކަމަށް. މިތަނުގެ މަދްރަސާގެ ފެންވަރު މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ، އަދި އަނެއްކާ އިތުރު ދިހަ ފަނަރަ ޕަސެންޓުން މައްޗަށް ޖައްސުވާނެ ކަމަށް. އެކަން އެހެންވޭތޯ އަޅުގަނޑު އެދެން، ކަތީބުންވެސް، މެޖިސްޓްރޭޓުންވެސް، ކައުންސިލަރުންވެސް، ކެޔޮޅުންވެސް، ދަރިވަރުންވެސް، އެންމެންވެސް ރަށުގައި ބަސްކިޔާ ހުރިހާ އެންމެންވެސް، މިކަމަށް އަބަދުވެސް ކަނުލައި ބަލަހައްޓައިގެން ތިބެންޖެހޭނެ.

އަޅުގަނޑުމެންނަށް އެހެން އުންމީދެއް، އެހެން ކަމެއް ނެތް. އިއްޔެ އެއޮތީ ފާއިތުވެގޮސްފައި. މިއަދު މިއޮއް މެންދުރުވަނީ. އަޅުގަނޑުމެންނަށް ހޯދެން އޮތީ ހަމައެކަނި މާދަމާ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ އެ މާދަމައަށްޓަކައި. ވަގުތަކީ ހޭދަވާ އެއްޗެއް. ފާއިތުވީމާ، އަނބުރައެއް ނުގެނެވޭނެ. އަބަދުވެސް އަޅުގަނޑުމެންނަށް ބަލައިލެވޭނީ ހޭދަނުވާ ވަގުތު. ކުރިއަށް އޮތް ވަގުތު. އަޅުގަނޑުމެންގެ މުސްތަޤްބަލް އެއީ، އަޅުގަނޑުމެންގެ ދަރިން. އެއީ، އަޅުގަނޑުމެންގެ މަދްރަސާ. މިރަށުގެ ތަރައްޤީއާ ގުޅިފައިވަނީ އަޅުގަނޑުމެންގެ މުސްތަޤްބަލާ.

މި ސަރުކާރުގެ އޮންނަނީ ހަމަ އެންމެ ބޭނުމެއް. އަޅުގަނޑުމެން މި ވެރިކަމުގައި ތިބެނީ، ވެރިކަމުގެ އަރާމަށްޓަކައެއް ނޫން. އަޅުގަނޑުމެން މި ވެރިކަމުގައި ތިބެނީ، އޭގެ ޢިއްޒަތަށްޓަކައެއްވެސް ނޫން. ހަމައެކަނި ބޭނުމަކީ، އަޅުގަނޑުމެންގެ ވަޢުދު ފުއްދުން. ރައްޔިތުންނަށް ޚިދްމަތް ކުރުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ތިޔަބޭފުޅުންގެ ލޯ ލާރިއެއްގައެއްވެސް އިރާދަކުރެއްވިއްޔާ ނުޖެހޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި ދިހަ ބާރަ ގަޑިއިރު މަސައްކަތް ނުކުރާ އެންމެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ ދުލެއް ނުކުރާނަން. އަޅުގަނޑުމެންގެ ބޭނުމަކީ، ޅައިމަގު މީހުން މުއްސަނދި ކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، މިއަދަށްވުރެ ތަނަވަސް މާދަމައެއް، މި ޅައިމަގަށްވެސް، މި ރާއްޖެއަށްވެސް ލިބުން.

ތަރައްޤީއަށްޓަކައި ހިންގާންޖެހެނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް. އޭގެތެރޭގައި، ލާމެހިފައި އޮތް ދަތުރުފަތުރުކުރުމުގެ ނިޒާމަކީ، ކޮންމެހެން ބޭނުންތެރި ނިޒާމެއް. އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކީގައި ދެވި، މުދަލާއި ފަސިންޖަރުން ބަދަލުވީމާ ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އެހެންވީމާ، ޕާޓީން ވަޢުދުވީ، 7 އަހަރުގެ ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއް ޕާޓީން ޤާއިމްކޮށްދޭނަމޭ. ދެއަހަރުވީއިރު، އޭގެ ދެއަހަރުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައް ޤާއިމް ކުރުމަށް ކަނޑައެޅިފައި އޮތީ. އެ ދެއަހަރު ނިމިއްޖެ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އިރާދަކުރެއްވިއްޔާ، ފެބްރުއަރީ މަސް ނިމުމުގެ ކުރީގައި، މި ޅައިމަގުން ކޮންމެ ދުވަހަކު އެއްފަހަރު ފުރޭނެ. މި ޅައިމަގަށް ކޮންމެ ދުވަހަކު އެއްފަހަރު ލެފޭނެ.

ފެބްރުއަރީ 5 ވަނަ ދުވަހު ބިންގާ މިއެޅެނީ، މިރަށުގެ ތަރައްޤީގެ އެންމެ މުހިންމު މުއައްސަސާ. އެ މުއައްސަސާ މެދުވެރިކޮށްމެނުވީ، އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ރައްޔިތަކު ހިފަހައްޓައި، ރައްޔިތަކު އޮބަހައްޓައި، ރައްޔިތަކު ބިރު ދައްކައިގެން، އެ ރައްޔިތުންނަށް ދެވޭނެ ތަރައްޤީއެއް، ހޯދޭނެ ތަރައްޤީއެއް ނޯންނާނެ. ތަރައްޤީ ލިބޭނީ، މިނިވަންކަން ލިބިގެން. ތަރައްޤީ ލިބޭނީ، ރައްޔިތުން ދޫކޮށްލެވިގެން. އެހެންވީމާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް އެއީ، އަޅުގަނޑުމެންނަށް އެންމެ މުހިންމު މަޝްރޫޢަކީ. މިރަށުގައި އަންނި އިސްތިޢުފާ ޖެހީމާ ފޮހެލުން އެއީ، ރަނގަޅު ކަމެއް ނޫން. އެ ލިޔުން ހުންނަންޖެހޭނެ ފެންނާން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، އެންމެ މުހިންމު އެއްކަން. އެއަށް އަޅުގަނޑުމެން އެކަކުވެސް އަރައިގަނެގެން ނުވާނެ. ދެން އެހެން ޖެހިއަކަސް އަޅުގަނޑު ދޭނީއަކީ ނޫނެއްނޫންތޯ. އެކަމަކާ އަޅުގަނޑު އަޅާލާނީކީއެއް ނޫން.

މި ސަރުކާރު ނުވަތަ އަޅުގަނޑުގެ ކިބައިގައި ބާރުނެތީކީއެއް ނޫން. ރާއްޖޭގެ ކުރީގެ ޤާނޫނުލްޢުޤޫބާތަށް އަދިވެސް އަޅުގަނޑުމެން ޢަމަލުކުރަމުން މިގެންދަނީ. ފެހި ޤާނޫނުއަސާސީއެކޭ، މިހާރުގެ ޤާނޫނުއަސާސީއެކޭ، އަސާސީ ޙައްޤުތަކުގައި ނެތް އިތުރު ވާހަކައެއް. ކުރީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ކުށުގެ ތުހުމަތުން ބަރީއަވުމުގެ ޙައްޤު، ރައްޔިތުންނަށް ލިބިދީފައި އޮތް. އޭގެ 27 ވަނަ މާއްދާއިން އެއްވެ އުޅުމުގެ ޙައްޤު ރައްޔިތުންނަށް ލިބިދީފައި އޮތް. މިދަންނަވަނީ ކުރީގެ ޤާނޫނުއަސާސީން. އެހެން ނަމަވެސް، ސިޔާސީ ޕާޓީއެއް ހަދަން އުޅުނުހާ އެންމެން ހައްޔަރު ކުރަނީ. ކުށުގެ ތުހުމަތުން ބަރީއަވުމަށް ޤާނޫނީ ވަކީލެއްގެ ވާހަކަ ބުނެފިއްޔާ، ވަގުތުން ޙުކުމް އިއްވައި އަރުވާލާނެ. އަޅުގަނޑުމެންނަކަށް ޤާނޫނު މަދުވެގެނެއް ނޫން، އިހުހުރި ގޮތަށް ކަން ނުކުރާން މިއުޅެނީކީއެއް. ހަމަ އެމަގަށް އަޅުގަނޑުމެނަށް ދުއްވާލެވޭނެ. މިތަނުގައި ހުރި ހުރިހާ ކެމްޕޭން ޖަގަހައެއް ބަންދުކޮށްފައި، 88 (ހ) ގެ ދަށުން އެންމެން ދެއަހަރަށް އަރުވާލެވިދާނެ. އެއީކީއެއް މިއަދުވެސް ނުކުރެވޭން އޮތް ކަމެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން ބޭނުންވަނީ، މި ރަށްރަށުގެ ތަރައްޤީ ކަމަށްވަންޏާ، އަޅުގަނޑުމެންނަށްޖެހޭ އެބަ، އެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދޫކޮށްފައި، ނަގަހައްޓާފައި، ބިންވަޅު ނަގަހައްޓައި، ލަހައްޓާފައި މިރަށްރަށުގައި ބަހައްޓަން. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ އެއީ. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ ތަރައްޤީ.

ވެރިކަމުގެ ނިޒާމް ބަދަލުވުމަށް، އަޅުގަނޑު މިއެދެނީ ނަރުދަމާ ނިޒާމަށް އެދޭތީވެ. ވެރިކަމުގެ ނިޒާމުގެ ތެރެއިން، ނަރުދަމާ ނިޒާމް ނުކުންނަނީ. އެހެން ނޫނިއްޔާ، އަޅުގަނޑުމެނަށް އަހަރަކު އެއްފަހަރު ބަނދަރެއް ހަދަމުން ގެންދެވިދާނެ. 2006 ވަނަ އަހަރާ ޖެހެންދެންވެސް، މިރަށުގައި ބަނދަރު ހަދަމުން އައީ، އަހަރަކު އެއްބަނދަރު. އަޅުގަނޑު ހިތަށްއެރި، 200 އަހަރު ފަހުން ހަދާނީ ކޮން ރަށެއްގެ ބަނދަރެއްބާއޭ. 200 ރަށް އޮންނަ ޤައުމެއް މިއީ. ކޮންމެ އަހަރަކު އޭރު ހައްދަވަމުން ގެންދަވަނީ އެއް ބަނދަރު. ދެން 200 އަހަރު ފަހުން އިރާދަކުރެއްވިއްޔާ، ޅައިމަގު ބަނދަރު ހެދިދާނެ ތޯއްޗެ. އަޅުގަނޑުމެންނަށް މި ރާއްޖެ ބަދަލުކުރެވޭނެ. މި ރާއްޖޭގެ ރައްޔިތުންނަށް ރިވެތި ދިރިއުޅުމެއް އިރާދަކުރެއްވިއްޔާ، މި ޕާޓީއަށް ހޯދައިދެވޭނެ. އަޅުގަނޑުމެންގެ އެ ވިސްނުން އެބަހުރި. އެ ޙިކްމަތް އެބަހުރި. ހަމަގައިމުވެސް އަޅުގަނޑުމެންނަކީ، އެކެއް އަނެކެއް ކިބައިން ހިތްވަރު ހޯދާނެ ބައެއް. އަޅުގަނޑުމެންގެ ބިރު ފަހަނަޅައިދިޔަ މީހުން، އަޅުގަނޑުމެންގެ ކިބައިގައި ހިތްވަރު ހުންނާނެ. މި ރާއްޖެ އަޅުގަނޑުމެންނަށް ބަދަލުކުރެވޭނެ.

ފެބްރުއަރީ 5 ވަނަ ދުވަހު ހިނގާން މިއުޅޭ ކަމަކީ، އަޅުގަނޑުމެންގެ ރަށުގައި، މާލޭގައި ހުރި އެއްޗަކުން ބައެއް، އެއީ ހައްޔަރު ކުރުމުގެ ބާރު. މާލޭގައި ހުރި ވެރިކަން ހިންގުމުގެ ބާރު، ބިޑި އެޅުމުގެ ބާރު. މާލޭގައި ހުރި ވެރިކަން ހިންގުމުގެ ބާރު، އަނދަގޮނޑި ޖެހުމުގެ ބާރު. މާލޭގައި ހުރި ވެރިކަން ހިންގުމުގެ ބާރު، ކުޑަގޮޅިއަށްލުމުގެ ބާރު. މާލޭގައި ހުރި ވެރިކަން ހިންގުމުގެ ބާރުގެ ތެރެއިން ބައެއް މިއުޅެނީ، މި ރަށްރަށަށް ބަދަލުކުރަން. މި ރަށްރަށަށްދޭން. އެކަން ކުރުމުގެ ވިސްނުމަކީ އެމް.ޑީ.ޕީ.ގެ ވިސްނުމެއް. އިތުރު ބައެއްގެ ވިސްނުމެއް ނޫން. އަޅުގަނޑުމެން ބުނީ، އަޅުގަނޑުމެން ނޭދެމޭ ވެރިކަމުގެ އެންމެހާ ބާރުތައް މާލެއަށް ބައްކޮށްފައި، މާލެއަށް އެއްކޮށްފައި ބާއްވާކަށް. އަޅުގަނޑުމެން އެދެނީ، މާލޭގައި ހުރި ބާރުތައް ބަހާލާށޭ. މާލޭ މީހުން މާލެއަށް ރަނގަޅު ގޮތް ނޭދޭތީއެއް ނޫން އެއީކީއެއް. އެއީ، އަޅުގަނޑުމެންގެ އެންމެންގެ ރަނގަޅަށް، މާލޭ މީހުން އެދޭތީވެ. އަޅުގަނޑުމެން އެންމެންގެ ތަރައްޤީއަށް، އަޅުގަނޑުމެން އެންމެން އެދޭތީވެ. ތިޔަބޭފުޅުން ވިސްނަވާ، ކޮންބައެއްތޯ ބާރުދޫކުރާން މިއަދު މިއުޅެނީ. މާލެއަށް އެއްވެފައި ހުރި ވެރިކަމުގެ ބާރަކީ، އެންމެހާ ބާރަކީ، މާލޭގެ ވެރިކަމުގެ ޚާންދާންތަކުން މާލެއަށް ހޯދި ބާރު. މިއަދު އެ ޚާންދާންތަކުގެ މިޒަމާނުގެ ޖީލު، މިއަދުގެ ޖީލު އެތިއްބެވީ، އެމް.ޑީ.ޕީ.ގެ ކުރީ ސަފުގައި. އެބޭފުޅުން ނުކުންނަވައި، އެ ވިދާޅުވަނީ، އެބޭފުޅުންގެ ކާބަފައިން، އެބޭފުޅުންގެ ރަށަށް، ގެޔަށް އެއްކޮށްފައި ހުރި އެއްޗަކުން ބައެއް ތިޔަބޭފުޅުންނަށް ދޭން މިއަދު ބޭނުމޭ. ދެން އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، އެ ބަލާ އަންނައިރު، ނުބައި ގެއަކަށް ވަޑައިނުގަންނަވައްޗޭ. ލިބޭނެ ތަނަކަށް ވަޑައިގަންނަވައްޗޭ.

އަޅުގަނޑުމެންގެ އަމާޒަކީ ތަރައްޤީ. އަޅުގަނޑުމެން އަހާލުން އެދެން ތިޔަބޭފުޅުން، ވާދަވެރި ފަރާތްތަކުގައި. ކޮންކަމެއްތޯ ކުރާން މިއުޅެނީ. ކޮންއެއްޗެއްތޯ ކައުންސިލަކީ. ކޮންތާކުތޯ އެތާ ގޮނޑިތައް އަތުރާފައި ހުންނާނީ. ކޮންތާކުތޯ އެތާ މޭޒު ހުންނާނީ. ކޮންކަމެއްތޯ އެތަނުން ކުރާނީ. ކޮން ގަޑިއެއްގައިތޯ އެތަން އެއްވާނީ. ކޮން ގަޑިއެއްގައިތޯ އެތަން ބަންދު ކުރާނީ. މިއިން އެއްވެސް އެއްޗެއް، އެއިން ބޭފުޅަކަށް އެނގިވަޑައެއްނުގަންނަވާނެ. އެއީ، އެބޭފުޅުންގެ ފިކުރެއް ނޫން މިކަން ކުރުމަކީ. ކަންކުރާ ގޮތުގެ ތަފްޞީލުވެސް، ކަމުގެ މަޤްޞަދުވެސް، ކަމުގެ ބޭނުންވެސް ޙަޤީޤަތުގައި ރޯފިލޭނީ، އެކަމަށް އެދޭ މީހުންކޮޅެއް، އެކަމުގައި އުޅެގެން. އަޅުގަނޑު މި ޅައިމަގު ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާޞްތެރިކަމާއެކު އެދެނީ، މި ސަރުކާރަކަށް، މި ޕާޓީއަކަށް ނެތޭ، ފެބްރުއަރީގެ ފަހުން އަތްދޫކޮށްފައި ދެވޭކަށް. ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާކަށް އަޅުގަނޑުމެންނަކަށެއް ނުލިބޭ. އެހެންވީމާ، އަޅުގަނޑަށް ޅައިމަގުގެ ވާހަކައެއް އަޑުއިވެނީ މަދުފަހަރެއްގައި، އެމް.ޑީ.ޕީ ދާއިރާ ރައީސް އަޅުގަނޑާ ބައްދަލުވެ އެއްޗެއް ވިދާޅުވިއްޔާ. ދާއިރާ ރައީސް ވަރަށް މަސައްކަތް ކުރައްވާ. އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރާނެ ޓީމެއް، މި ޅައިމަގުންވެސް އަޅުގަނޑުމެންނަށް ދެއްވުން.

އަޅުގަނޑުމެން އެދެނީ، ޅައިމަގުގެ ތަރައްޤީއަށް. އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ، އުފާވާ ޒަމާނެއް އަޅުގަނޑުމެން ހޯދުން. އަޅުގަނޑު ދަންނަވާނީ، އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.

_______________________