بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި ވަކިން ޚާއްޞަކޮށް، ވަޑައިގެން ތިއްބެވި މަގޫދޫގެ އެންމެހާ ރައްޔިތުން.

السّـلام عليـكم

އަޅުގަނޑު ވާހަކަ ދައްކާން ފެށުމުގެ ކުރީގައި، ދަންނަވާލަން ބޭނުން، އިރުކޮޅަކުން ޢަޞްރު ނަމާދަށް ގޮވާނެ. ގޮވީމާ އަޅުގަނޑު މަޑުކޮށްލާނަން، ނަމާދަށް ގޮވައި ނިމެންދެން. އެއަށްފަހު، އަޅުގަނޑުގެ ވާހަކަ ދެން އޮތް ބައި އަނެއްކާވެސް ކުރިއަށް ގެންދާނަން.

މި ސަރުކާރު އުފެދިގެން އައީ، މި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރަކާވެސްއެކު. މިމަގޫދޫގެ ތަރައްޤީގެ ތަޞައްވުރަކާއެކު. މި ސަރުކާރަށް އަބަދުވެސް ސާފުވެފައި އޮތް، ތަރައްޤީ ޙާޞިލް ކުރުމަށްޓަކައި ފުރަތަމަ ކުރާންހުރި ކަންކަމަކީ ކޮބައިތޯ. އަޅުގަނޑުމެންގެ ހިތްތަކުގައި މިއަދާ ހަމައަށް، އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންގެ ހިތްތަކުގައި މިއަދާ ހަމައަށްވެސް ފާހަގަވެފައި، ބިންވަޅު ނެގިފައި މިއޮންނަނީ، ތަރައްޤީއަކީ ބޮޑުހިލަ ބަނދަރަކުން މިނާ އެއްޗެކޭ. ތަރައްޤީއަކީ އެއްގަމު ތޮށްޓެކޭ. ތަރައްޤީއަކީ މިސްކިތު ވަށާފާރޭ. ތަރައްޤީއަކީ ސަހަރާ ވަށާފާރޭ. ތަރައްޤީއަކީ އެހެންވެސް ކޮންމެވެސް ކޮންކްރީޓުން ކުރާ ކަމެކޭ. ވަރަށްގިނަ ފަހަރަށް އަޅުގަނޑު ގާތަށް ތިޔަބޭފުޅުން ވަޑައިގެން، ތިޔަބޭފުޅުންގެ ރަށުގެ ތަރައްޤީގެ ވާހަކަ ދައްކަވާއިރުގައި، ހައްތަހާވެސް ފާހަގަކުރައްވާފައި ހުންނަނީ، ކޮންކްރީޓުން ހަދާ ކޮންމެވެސް ބިނާއެއްގެ ވާހަކަ. އިންސާނީ ޙަޤީޤަތް އަޅުގަނޑުމެންނަށް ދައްކާފައި އޮތް ޙަޤީޤަތަކީ، އެޅޭ ބިނާއަކުން، ކުރެވޭ ޢިމާރާތަކުން ރަށްރަށް ތަރައްޤީވެ ގޮސްފައެއް ނުވާކަން. ތަރައްޤީވުމަށްޓަކައި ޙަޤީޤަތުގައި ތަރައްޤީވާން މިޖެހެނީ މަގޫދުއެއް ނޫން. ތަރައްޤީވާން މިޖެހެނީ މަގޫދޫ މީހާ. ތަންދޮރު އެނގޭން މިޖެހެނީ މަގޫދޫ މީހާއަށް. ޖާހިލުކަމުން ސަލާމަތްވާން މިޖެހެނީ އިންސާނާ. އަޅުގަނޑުމެނަށް ތަނެއްދޮރެއް އޮޅުންފިލާން މިޖެހެނީ. އަޅުގަނޑުމެން ރޯފިލާން މިޖެހެނީ. އަޅުގަނޑުމެނަށް ތަންދޮރު އޮޅުންފިލުމަށްޓަކައި، އަޅުގަނޑުމެނަށް ވާނުވާ އެނގުމަށްޓަކައި، އަޅުގަނޑުމެންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ލިބިފައި އޮތުމުގެ އިތުރުން، ރަނގަޅު ތަޢްލީމެއް ލިބިފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އަބަދުވެސް މަގޫދޫގެ ތަރައްޤީގެ ނާރެސްއަކަށް ވާނީ، މަގޫދޫގެ މަދްރަސާ.

މި ސަރުކާރުގެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަޢުދެއް އެއީ، އެ ޕާޓީގެ ސަރުކާރެއްގައި، އިމްތިޙާންގައި އޯ ލެވެލް އިމްތިޙާންގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިން، 5 މާއްދާއިން ފާސްކޮށްދިނުން. ޕާޓީގެ ފަރާތުން އެ ވަޢުދުވުމާ އެކުގައި، އެ ވަޢުދު ފުއްދުމުގެ ގޮތުން، ސަރުކާރުގެ ސިޔާސަތު އެކުލެވިގެން އައީ. އެ ސިޔާސަތު ޤަރާރު ކުރަނީ، އެއްދަންފަޅިއަށް މަދްރަސާ އޮތުމާއި، ވަށާޖެހޭ ތަޢްލީމެއް ދިނުން. އެ ސިޔާސަތު އަދި އިތުރަށް ޤަރާރު ކުރަނީ، މިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ދަރިވަރުންނަށް މަތީ ތަޢްލީމެއްގެ ފުރްޞަތު ފަހިކޮށްދިނުން. އަޅުގަނޑުމެންނަށް މިއަދު މަގޫދޫގައި މިހުޅުވެނީ، މިދެންނެވިފަދަ ފުރްޞަތެއް ފަހިވެގެންދާނެ މަދްރަސާއެއް ނުވަތަ ޔުނިވަރސިޓީއެއް. މިތަނަކީ އިޓަލީގެ ބިކޯކާ ޔުނިވަރސިޓީއާ ގުޅިގެން އުފެއްދޭ މަރްކަޒެއް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިތަނުގައި މިމަސައްކަތް، މިތަނުގައި މިމަރްކަޒު އެޅުމުގެ މަސައްކަތް ފަށައިގަތީ، 2009 ވަނަ އަހަރު. އެއަހަރު އަޅުގަނޑު އިޓަލީއަށް ކުރި ދަތުރެއްގައި، ބިކޯކާ ޔުނިވަރސިޓީގެ ރެކްޓަރ އާއި އަދި އެ ޔުނިވަރސިޓީގެ އެހެންވެސް ވެރިން އަޅުގަނޑާ ބައްދަލުކުރި. އެބޭފުޅުން ރާއްޖޭގައި މިބާވަތުގެ މަސައްކަތުގެ ކުރާ ވާހަކައެއް، އެއްގޮތަކަށްވެސް ކުރީގައި ދައްކަވާފައެއްނުވޭ. އެބޭފުޅުން ވިދާޅުވީ، އެބޭފުޅުން އެދެމޭ، ރާއްޖޭގައި ބައެއް ތަޙުލީލު ކުރުމަށް. އަދި އެބޭފުޅުން ކޮންމެވެސް ބޭފުޅެއް ގާތުގައި ތަންކޮޅެއް ކުރީގައި، ރާއްޖޭގައި ތަޙްލީލެއް ކުރުމަށް އެދޭ ވާހަކަ ދެންނެވުމުން، އެއީ ކުރެވެން ކަމެއް ނޫން ކަމަށް އޭރުގައި ފާހަގަވެފައި އޮތް ކަމަށް. އަޅުގަނޑު އެބޭފުޅާއަށް ދެންނެވިން، ތަޙްލީލެއް ކުރުމަށް އަޅުގަނޑުމެން އެއްބަސްވާނީ ނުވަތަ އަޅުގަނޑުމެން ރުހޭނީ، އެކުރާ ތަޙްލީލެއް، މި ރާއްޖޭގައި ތިބެގެން ކުރާހާ ހިނދެއްގައޭ. އަދި އެކުރެވޭ ތަޙްލީލެއްގެ ނަތީޖާ އަޅުގަނޑުމެންނަށް، އެއިން ލިބޭނޭ މަންފާއެއް، މި ރާއްޖެއަށް ލިބެންޖެހޭނެއޭ. އޭރުގައި އެއްވެސް ހާލެއްގައި، މިތަން ތަޙްލީލެއްކުރާ މަރްކަޒެއް ބިނާކުރަން އޮތީ މަގޫދޫ ކަމަކަށް އެއްވެސް ބޭފުޅަކު ވިދާޅެއްނުވޭ. އަދި އަޅުގަނޑެއްވެސް އެބޭފުޅުން އަރިހަކުވެސް ނުދަންނަވަން. އެހެން ނަމަވެސް، އަޅުގަނޑަށް ފެނުނީ، ފާހަގަވީ، މި މަގޫދުއަކީ މިބާވަތުގެ މަރްކަޒެއް ޤާއިމް ކުރުމަށް ރާއްޖޭގައި އެކަށީގެންވާ ތަނެކޭ. ގާތުގައި ރިޒޯޓްފަހަރު ހުރުމާއި އަދި މާލެއާވެސް އެހާ ދުރުނުވުމާއި، އަދި އެހެން އަތޮޅުތައްވެސް މިތަން، މި މަގޫދޫ މިއީ މެދެއްގެ ގޮތުގައި، މި ތިން އަތޮޅަށް ބެލެވޭނޭ ގޮތަކަށް ޤުދްރަތީ ގޮތުން މިތަން މިތަނުގައި އުފެދިފައި އޮތްކަމުން، ސަރުކާރަށް ފެނުނީ، މަގޫދޫގައި އެފަދަ ތަނެއް އުފެއްދުމުގެ، ޤާއިމް ކުރުމުގެ، ޤާއިމް ކުރުމަކީ ބުއްދިވެރި އަދި އެހާމެ ރާއްޖެއަށް ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށް.

މިދިޔަ 2009 ވަނަ އަހަރު ފުރަތަމަ މިތަނުގެ ބިންގާ އެޅުނީ. އެ ބިންގާ އެޅިގެން އައިސް، ދެން ރޭވިފައި އޮތީ ފިކުރު ކުރެވިފައި އޮތީ ކުރީގައި މިތަނުގައި ހުރި އަތޮޅުގެ ބަދަލުވެގެންދިޔަ ދިޔުމާ ގުޅިގެން، ތިޔަބޭފުޅުންނަށް، މަގޫދޫ ރައްޔިތުންނަށް ލިބުނު ނިކަމެތިކަން. މަގޫދޫ ރައްޔިތުންނަށް އެދުވަހު ލިބުނު އަނިޔާ. އަދި އެކަމާ ގުޅިގެން މުޅި މިރަށު، ގާތްގަނޑަކަށް ހުރިހާ ފިރިހެނުންހެން ހައްޔަރު ކުރެވި، އޭގެތެރެއިން ވަރަށްގިނަ ބަޔަކަށް އަނިޔާކުރެވި އަދި މިތަނުގައި ހިންގަމުން ގެންދިޔަ މިއަތޮޅުގެ އަތޮޅުގެ ގެންގޮސް އެހެން ރަށަކަށް ބަދަލުކުރެވި، މިއެންމެހާ ކަންކަން މިރަށުގައި ހިނގާފައި އޮތީތީވެ، ސަރުކާރުން، ޕާޓީން ވިސްނީ، މަގޫދޫގެ މީހުންނަށް އޭގައި ބަދަލެއް ދިނުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ޕާޓީއަށް ފެންނަ ކަމަށް. އެހެންވީމާ، އޭރުގައި އަޅުގަނޑަށް ވިސްނުނީ، މިފަދަ ތަނެއް ހެދުމަށް އެންމެ ރަނގަޅު އެއްތަނަކަށްވާނީ ކުރީގައި އަތޮޅުއޮފީސް ހިންގި، އަތޮޅުގެ ހިންގި މަގޫދޫ އަތޮޅުގޭގައި އެމަސައްކަތް ކުރުން. މަގޫދޫ އަތޮޅުގެ އަޅުގަނޑު ވަރަށް ކުރިއްސުރެ ފަށައިގެންވެސް ދަންނަން. އަޅުގަނޑު މިރަށަށް އަންނަ ކޮންމެ ފަހަރަކުވެސް އަޅުގަނޑަށް މަގޫދޫ އަތޮޅުގެ ފެނޭ. އަދި މަގޫދޫ އަތޮޅުގެ ނޫނަސްވެސް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެބަހުރި ވަރަށް ރަނގަޅު ޢިމާރާތްތަކެއް ޤާއިމްކުރެވިފައި. ރަށްވެހިގެތަކާއި އަތޮޅުގެތަކަށް. އަޅުގަނޑު މިއައީ ރޭ ނޫން އިހަށްރޭ، ރޭގައި ށ. އަތޮޅު ފުނަދޫން. އެތަނުގައިވެސް އެބަހުރި ގަނޑުވަރެއްފަދަ ރަށްވެހިގެއެއް، އަތޮޅުގެއެއް ބިނާކުރެވިފައި. މިއަތޮޅުގެތަކުގައި އެކިއެކި މަސައްކަތްތައް އަޅުގަނޑުމެންނަށް ހިންގޭނެ ފުރްޞަތުތައް ހޯދުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީކީއެއް ކޮންކްރީޓް ގިނަކުރާކަށެއް ނޫން. ހެދިފައި ހުރި ޢިމާރާތްތަކުގައި މިމަސައްކަތް، ރަނގަޅު މަސައްކަތްތަކެއް ކުރެވޭތޯ ބަލަން.

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކުގައި، މަގޫދޫ ރައްޔިތުންގެ ކިބައިން އެދެން، ތިޔަބޭފުޅުންވެސް ވިސްނަވާށޭ. ރަށުގެ ތަރައްޤީއޭ ކިޔާފައި، ޖެހިގެން ހުރި މީހާ ހަމަ ދައްކާ ވާހަކަ އެއީ ރަނގަޅު ވާހަކައެއްގެ ގޮތުގައި ދެކިގެން އައިސް އަޅުގަނޑު ކައިރީގައި ދެއްކުމަކީ ބުއްދިވެރިކަމެއް ނޫނޭ. މި ރަށް ތަރައްޤީ ކުރަން ކޮންމެހެންވެސް ބަނދަރެއް ބޭނުންވެއޭ. މި ރަށް ތަރައްޤީ ކުރަން ކޮންމެހެންވެސް އެއްގަމު ތޮށްޓެއް ބޭނުންވެއޭ. އަޅުގަނޑަކަށް ނުވިސްނޭ، އެއީ ކޮން ތަނަކުން ތިޔަބޭފުޅުން ނެރުއްވާ ވިސްނުމެއް ކަމެއް. ބަނދަރެއްގެ މުހިންމުކަން އަޅުގަނޑަކަށްވެސް ނޯޅޭ. އެއީ، އޮޑިދޯނިފަހަރު ސަލާމަތްކަންމަތީގައި، ރިވެތި ގޮތުގައި ބަނދަރުކޮށްފައި ބޭއްވުމަކީ ރަނގަޅު ކަމެއް. އެހެން ނަމަވެސް، މިރަށުގެ ތަރައްޤީއަށް އެންމެ މުހިންމު، އެންމެ ބޭނުންތެރި އެއްކަމަކީ ބަނދަރެއް ކަމަށް ދެކެވޭ ދެކުން، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތިޔަބޭފުޅުން މިކަންކަމާ ގުޅޭގޮތުން ވިސްނާލުމަށް. އަޅުގަނޑުމެން ތަރައްޤީ ވާން މިޖެހެނީ، އަޅުގަނޑުމެން، މީހާ. އޭނާ ތަރައްޤީވުމަށް އަޅުގަނޑުމެންނަށް މިޖެހެނީ ތަންދޮރު އޮޅުންފިލަން. އަޅުގަނޑުމެންނަށް މިޖެހެނީ އިތުރު ތަޢްލީމެއް ލިބެން، އެއްޗެއް އުނގެނެން. އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ހޯދައިދިނުމަށް.

އަޅުގަނޑު އަބަދުވެސް ދަންނަވަން، އަޅުގަނޑުމެންނަށް އިއްޔެ މިއޮތީ ގެއްލިފައޭ. މިއަދު މިއޮއް މެންދުރުފަސް ވެދިޔައްޔޭ. ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ހޯދެން އޮތީ ހަމަ މާދަމާ އެކަނި. އަޅުގަނޑުމެންގެ މުސްތަޤްބަލް. އެ މުސްތަޤްބަލަކީ އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް ކުރާން މިއުޅެނީ ދަރިންނަށް ކިޔަވައިދޭންވެގެން. ދަރިންނަށް ތަންދޮރު އޮޅުންފިލުވައިދޭންވެގެން.

އެނގިވަޑައިގަންނަވާނެ، މިދިޔަ 2010 ވަނަ އަހަރު މަގޫދޫ ސްކޫލްގެ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަންފަދަ ތަކެތި ގަތުމަށް ސަރުކާރުން އެއްލައްކަ ސާޅީސްހާސް ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ނުހަނު ހިތްވަރު ލިބޭ ކަމެއް. މި ސަރުކާރަށް ނުހަނު ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި މި ޕާޓީއަށްވެސް، އަޅުގަނޑަށްވެސް އުފާވެރިކަން ލިބޭ ކަމެއް. މިރަށުގައި އޯ ލެވެލް އިމްތިޙާންގައި ބައިވެރިވި 19 ކުދިންގެ އޯ ލެވެލް ފީ ދެއްކުމަށް ފަންސަވީސްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރު ދެކޭގޮތުގައި، އެއީ ސަރުކާރަށް ލިބުނު ވަރަށް ރަނގަޅު ފުރްޞަތެއް. އަދި ހަމަ އެހެންމެ، މިދިޔަ އަހަރު، 2010 ވަނަ އަހަރު މިރަށު މަދްރަސާގައި ދެކްލާސްރޫމް އިތުރަށް ބިނާކުރެވި، ކްލާސްރޫމް ވަނީ އެއްދަންފަޅިއަށް ސްކޫލްވަނީ އެއްދަންފަޅިއަށް ބަދަލުކުރެވިފައި. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ، މިކަންކަމުން ނުކުންނަންވީ ރަނގަޅު ނަތީޖާ، ސްކޫލްގެ އިމްތިޙާނަކު، އޯ ލެވެލް އިމްތިޙާނަކު މިރަށަކު ނުނުކުތޭ. މިރަށުގައި 19 ކުދިން، އޯލެވެލްގައި ބައިވެރިވި. އޭގެތެރެއިން 5 މާއްދާ މިހެދީ 6 ކުދިން، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި. އޭގެތެރެއިން 5 މާއްދާއިން ފާސްވީ ދެކުދިން. 4 މާއްދާއިން ފާސްވި ކުދިންގެ ޢަދަދު ރަނގަޅު. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އަމާޒަކީ، މި ސަރުކާރުގެ އަމާޒަކީ، މި ޕާޓީގެ ވަޢުދަކީ، އިމްތިޙާންގައި ބައިވެރިވި 19 ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. އެހެންވީމާ، އަޅުގަނޑުމެންނަށް މިކަން ނުކުރެވޭއިރު، އަދި އެކަމަށް އެއްވެސް އަހަންމިއްޔަތު ކަމެއްދޭތަން އަޅުގަނޑަށް ނުފެންނާތީވެ، އަޅުގަނޑު އެހާ ކަންބޮޑުވޭ.

އަޅުގަނޑު ހަމަ ވަރަށްގިނަފަހަރު އެބަ ހިތަށްއަރާ. އަޅުގަނޑުމެންގެ ރާއްޖޭގެ ކަންކޮޅުތަކުގައި، ރައްޔިތުން، ތަރައްޤީގެ ގޮތުގައި މިދެކޭ ދެކުމަކީ، އަދި މުޅިން ފުރިހަމަ ވިސްނުމެއް ނޫނޭ. އެ ވިސްނުމަށް އަޅުގަނޑުމެން އެނބުރޭން ފަށަންވެއްޖެ. އަޅާފައި ހުންނަ ބޮޑު ޢިމާރާތެއް، ތެދުފުޅެއް، ފެންނަން ހުންނާނެ. އަދި އެގެ ރީތިކޮށް ކުލަލީމާ، ވަރަށް ޗާލޫވެސް ކުރެވިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ދަރިއަކަށް ތަންދޮރު އަންގައިދެވުނީމާ، އެލިބުނު ޢިލްމް، އޭނާގެ ކިބައަކުން ފެންނާކަށް ނުހުރެދާނެ. އަދި އެއީ، ރަށުގައި ނިވިދިއްލޭހެން ފެންނަންހުރި އެއްޗަކަށްވެސް ނުވެދާނެ. އެހެން ނަމަވެސް، ޙަޤީޤީ ތަރައްޤީ މަގޫދުއަށް ލިބޭނީ، މިދެންނެވި މަސައްކަތް ކޮށްގެން. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުގެ އެދުމަކީ، ދަރިންނަށް ކިޔަވައިދެމާއުޅޭށޭ، އެއީއޭ ތަރައްޤީއަކީ. އެއީއޭ އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކީ. އެނޫން ކަމެއް ޙަޤީޤަތުގައި ކުރުމުގެ މާބޮޑު މާނައެއް ނުވެސްނެތް. ދެންހުރި އެހެން ހުރިހާ ކަމެއް އަޅުގަނޑުމެން މިކުރަނީ، މިދެންނެވި ކަމަށްޓަކައި. ދަރިންނަށް ކިޔަވައިދިނުމަށްޓަކައި. ރަނގަޅު ދިރިއުޅުމެއް ދަރިންނަށް ހޯދައިދޭން. އަޅުގަނޑުމެންގެ މުސްތަޤްބަލެއް ބިނާކުރަން.

މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި، ކުރާންޖެހޭ ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރާންޖެހޭކަމީ، އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ޙަޤީޤަތެއް. މި މަގޫދޫގެވެސް ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުންކުރެ އެކަކީ ނިކަމެއްޗެއް. އޭނާއަކީ އޭނާއަށް ރެޔާދުވާލުގެ މަސައްކަތަށް ދިހަ ފަނަރަ ރުފިޔާ ނުލިބޭ މީހެއް. އޭނާއަކީ އޭނާގެ ވަރަށް އާދައިގެ ކަންކަމަށްވެސް ކޮންމެވެސް ސައުދާގަރެއް، ވިޔަފާރިވެރިއެއް، މަހުޖަނެއްގެ ތައްޕާހުން، މުއްފަތުން ނޫނިއްޔާ، ކަންކަން ނުކުރެވޭ. އަބަދު އަބަދުމެ އާދޭސްކުރަންދާން ޖެހެނީ. އޭނާގެ ޤަދަރާއި ޢިއްޒަތް، މަގޫދޫ މީހާގެ ޤަދަރާއި ޢިއްޒަތް އަޅުގަނޑުމެން ރައްކާތެރި ކުރާން ވެއްޖިއްޔާ، މަގޫދޫ މީހާއަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ މާ މުހިންމު ކަމެއް. މި ސަރުކާރުގެ އަމާޒަކީ، މި ޕާޓީގެ ވަޢުދަކީ، ޕާޓީގެ ސާދާ ބަހުރުވައިންނަމަ، އިރާދަކުރެއްވިއްޔާ، ޕާޓީގެ ވެރިކަމެއްގައި، ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާޖެހުން އަޅުގަނޑުމެން ނައްތާލަދޭނަމޭ. އެހެންވީމާ، ސަރުކާރުގެ ސިޔާސަތު އަދި މަދަނައިގެ ވިއުގަ ވަރުގަދަ ކުރުމުގައި، އަޅުގަނޑުމެނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި މަގޫދޫ ރައްޔިތުންގެ ތެރެއިން 139 މީހަކު، މަދަނައިގައި ރަޖިސްޓްރީވެފައި މިހާރުވާތީވެ. އަދި އެމީހުނަށް ބޭސްފަރުވާއަށްޓަކައި މިދިޔަ އަހަރު އެއްލައްކަ ނުވަދިހަ އެއްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑު މިދަންނަވަނީ، މިދެންނެވި އެއްލައްކަ ނުވަދިހަ އެއްހާސް ރުފިޔާއަކީ، ހެލްތް ސެންޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ޚަރަދުކުރި ފައިސާއެއް ނޫން. އެތާ ވަށާފާރުގައި ކުލަލާކަށް ކުރެވުނު ޚަރަދެއް ނޫން. އެތަނުގެ ބޮކިދިއްލާކަށް ކުރެވުނު ޚަރަދެއް ނޫން. ހަމަ ސީދާ މަގޫދޫ މީހާގެ ބޭސް ސިޓީއަށް ބޭސް ގަތުމަށް ކުރެވުނު ޚަރަދު.

ސަރުކާރުގެ ބޭނުމަކީ، ސަރުކާރުގެ އަމާޒަކީ، މަގޫދޫ ރައްޔިތުންވެސް، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، ބޭސްފަރުވާއަށް ބޭނުންވާ ކޮންމެ ފަހަރަކު، އެއްތަނުން އަނެއް ތަނަށް، އެ ބޭސް ސިޓީ ހިފައިގެން ހިނގަން ނުޖެހޭނެ އިންތިޒާމެއް ހަމަޖެއްސުން. އަޅުގަނޑުމެންނަށްވެސް އެނގޭ، މިރަށުން ތިޔަބޭފުޅުން އެދޭ އަދި އަޅުގަނޑުމެންވެސް އެދޭ މިންވަރުގެ ޚިދްމަތްތައް އަދި ފޯރެއްނުކޮށްދެވޭ. މިދިޔަ ދިގު 30 އަހަރުވެސް އަދި މިދިޔަ ދެއަހަރުވެސް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެނގޭ، އަނެއް ޙަޤީޤަތަކީ، މިހާރު ލިބިހުރި ޚިދްމަތްތަކަށްވެސް، މި މަގޫދޫ ރައްޔިތުންގެ ތިންބައިކުޅަ އެއްބައި މީހުންނަކަށް އަތެއް ނުފޯރައޭ. ތިމަންނާ ކިތަންމެ ތަނަވަހަސް، ކިތަންމެ މުއްސަންޖަސް، ޖެހިގެންހުރި ގޭ މީހާގެ ދަރިފުޅަށް، އޭނާ މަދްރަސާއަށްދާން ބޭނުންވާ ފޮތް، ފަންސުރާއި، ޔުނިފޯމާއި ބޫޓާ، އޭނާއަށް ނުހޯދޭއިރުގައި އަދި އޭނާ ބަލިވެގެން އޭނާއަށް ޑޮކްޓަރެއް ގާތަށް ގޮސްގެން ބޭސް ސިޓީއެއް ލިބުނަސް، އެ ސިޓީގައި އެހުރި ބޭސް ނުލިބޭއިރެއްގައި، އަދި ގިނަފަހަރަށް، ބައެއްފަހަރަށް އޭނާއަށް ތިންއިރު ކާން ނުލިބޭ އިރެއްގައި، ތިމަންނާ ދެން މާ މުއްސަނދިވެގެން، ލިބޭނެ ތަރައްޤީއެއް ޙަޤީޤަތުގައި ނޯންނާނެ. އަދި އެ ހާލުގައި ރަށް އޮއްވައި، ދެން އަޅާ ބިނާއަކުން، މި ރަށް ބަދަލުވާނެ ގޮތެއްވެސް ނޯންނާނެ. އަދި ހަމަ އެހެން އެހާލުގައި އޮއްވައި، މިރަށުގެ ދިހަ ބާރަ މީހުންނަށް، ވިއްސަކަށް މީހުންނަށް ސަރުކާރުގެ މާބޮޑު ވަޒީފާއެއްދީގެން، އެ ޢަދަދު އިތުރުކޮށްގެން އެމީހުންނަށް ރަނގަޅެއްކޮށްގެންވެސް މިރަށް ތަރައްޤީއެއް ނުވާނެ.

ރަށުގެ ޙަޤީޤީ ތަރައްޤީ ހޯދަންޏާ ފުރަތަމަ އަޅުގަނޑުމެން ކުރާން މިޖެހޭ ކަމަކީ، ކައިގެން ބޮއިގެން އެންމެންނަށް އުޅެވޭގޮތް ހެދުން. ދެން އަޅުގަނޑުމެން ތަންދޮރު އޮޅުންފިލުން. މިދެކަންތައް ނުކޮށް، އެހެން ކަމެއްގެ ތެރެއަކަށް އެހާ ބާރަކަށް ދިޔުން އެއީ މާ ބުއްދިވެރި ކަމެއް ނޫން. އަޅުގަނޑުމެން ރާއްޖޭގެ މި ރަށްތަކަކީ، ވަރަށް ނިކަމެތި ހާލުގައި، ޙަޤީޤަތުގައި އޮތް ރަށްތަކެއް. އަޅުގަނޑުމެން މިތަނުގައި ދިރިއުޅޭތާ އެއްހާސް އަހަރަށްވުރެ ގިނަ އަހަރުވެއްޖެ، މި މަގޫދޫގައި އުޅޭތާ. ދެން މި މަގޫދުއަކީ އެއްހާސް އަހަރުގެ ލިޔެވިފައި އޮތް ތާރީޚެއް އޮތް ރަށެއް. އެކަމަކު އަދިވެސް އަޅުގަނޑުމެންނަކަށެއް ނެތް، މިރަށުގައިވެސް ރަނގަޅަށް ތާހިރުވެވޭނެ ގޮތެއްވެސް. ބޮޑުކަމުދާންވިޔަސް ދާންމިވީ، ހަމަ ދާދި އިހަކަށް ދުވަހަކު ގޮނޑަށްދިޔުން ހުއްޓާލީ. އަދި މިހާރު ގޭގައި ފާޚާނާ ތަށްޓެއް ބެހެއްޓިފައި ހުއްޓަސްވެސް، އެވެސް އެހެން ތަނަކާ ގުޅޭނެ ގޮތެއްވެސް ނެތް. ނަރުދަމައެއްވެސް ނެތް. ތާހިރު ފެންފޮދެއް ލިބޭނެގޮތެއްވެސް ނެތް. ރޯ އަލިކަމެއް ލިބޭނެގޮތެއްވެސް، ދާދި އިހަކަށްދުވަހަކު ލިބުނީ. ޙަޤީޤަތުގައި އަޅުގަނޑުމެން މިއުޅެނީ ވަލުތެރޭގައި. އަޅުގަނޑުމެނަށް މިކަމުން، ޖާހިލުކަމުން އަރައިގަނެވިގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، އަބަދުވެސް ބޭނުމަކީ، މި މަގޫދޫގެ ތަރައްޤީ. މި ރާއްޖޭގެ ތަރައްޤީ. އެ ތަރައްޤީ ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރާން މިޖެހެނީ، މިދަންނަވާހެން ވަކި ޚާއްޞަ ކަންތައްތަކެއް. އަޅުގަނޑު ދެރަވަނީ، އަޅުގަނޑު ކަންބޮޑުވަނީ ވަފުދު ހައްދަވާފައި، ފައިކަށީގެ ވާހަކަ ދައްކަންވެގެން، ބަނދަރުގެ ވާހަކަ ދައްކަންވެގެން ނުވަތަ އެހެންވެސް ކޮންމެސް ބިނާއެއްގެ ވާހަކަ ދައްކަވަންވެގެން ބޭފުޅުން ވަޑައިގަންނަވާއިރުގައި، ދަރިން ފާސްނުވާ ވާހަކައެއް ނުދައްކަވާ. ދެން ދެއްކެވިޔަސް ދައްކަވާނީ، އެ މަދްރަސާގައި ހުންނަ ކޮންމެވެސް ވޮޗަރެއް، އެހެން ނޫނިއްޔާ ޓީޗަރެއް އެތަނުން ކަނޑާނުލެވިގެން، އޭނާއަށް ކޮންމެވެސް ކަމެއް ނުކުރެވިގެން ދައްކަވާ ވާހަކަ. ދަރިންގެ ތަޢްލީމާބެހޭ ވާހަކައެއް އަޅުގަނޑުމެންނަށް މި އަޑުއިވެނީ، ވަރަށްމަދު ފަހަރެއްގައި. ސަރުކާރުން މިދަނީ މިތަނުގެ މަދްރަސާ އެއްދަންފަޅިއަށް ބަދަލުކޮށް، ސްކޫލް ބޯޑެއް އުފައްދައި، ސްކޫލް ހިންގުމުގެ ކަންތައް، އެބޯޑް މެދުވެރިކޮށްގެން ކުރެވޭގޮތަށް ކަންކަން ފަހިކޮށް، އަޅުގަނޑުމެންނަށް އެ ސްކޫލް ހިންގުމުގެ ކަންކަމަށް، ރަނގަޅު އަހަންމިއްޔަތުކަން ނުދެވޭހާ ހިނދަކު، އަޅުގަނޑުމެން މިބޭނުންވާ ބަދަލު، އަޅުގަނޑުމެންގެ ރާއްޖެއަކަށް އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ.

މި ޕާޓީއަށް ވަރަށް ކުރިއްސުރެ ފަށައިގެން އެނގިފައި އޮތް އަނެއް ޙަޤީޤަތަކީ، ރާއްޖޭގެ އާބާދީގައި ދޮށީ ޢުމުރުގެ މީހުން އުޅެމުން އައި ހާލު. ރުއްރުއްދޮށުން، ގޮނޑުދޮށްތަކުން، ހޮޅުއަށިތަކުން އަދި މާލޭގައިވެސް ގޯތިގެދޮރު ފޮތިކޮށްގެންގޮސް، އެންމެފަހުން ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި ހުއްޓި، ވެއްޓިފައި އޮންނަނީ ކާފަ ނުވަތަ މާމަ. އަޅުގަނޑުމެންނަށް މި ރާއްޖެ މިގޮތަށް ލިބިފައި މިއޮތީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީތީ. އެމީހުން މަހަށް، ފަރަށް ދިޔައީތީވެ. ރުކަށް، ވަލަށް ވަނީތީވެ. އޮޑިދޯނިފަހަރު ބަނީތީވެ. ވަޑާން ކުރީތީވެ. އަތްކަން ކުރީތީވެ. ގިނަގިނަ މަސައްކަތްތަކެއް އެމީހުން ކުރީތީވެ. އެހެންވީމާ، ހަމަގައިމުވެސް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ގަބޫލުކުރާ ފަލްސަފާއެއް ނޫން، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ، ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކުން. ޕާޓީން ވަޢުދުވީ، ޕާޓީގެ ވެރިކަމެއްގައި، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، އާމްދަނީ މަދުނަމަ، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަދި އުފާވެރިކަން ލިބެނީ، މި މަގޫދޫގެ 31 މީހަކަށް، ކޮންމެ މަހަކު ދެހާސް ރުފިޔާ ލިބެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި މަގޫދުއަށް ކޮންމެ މަހަކު މިދެންނެވި ޕެންޝަންގެ ގޮތުގައި ފަސްދޮޅަސް ދެހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބިފައިވާތީވެ.

އަދި ހަމައެހެންމެ، އެހެންވެސް ޔަތީމު ކުދިންނާއި، އެކަނިވެރި މައިންނާއި، އިޖްތިމާޢީ ރައްކާތެރިކަން ބޭނުންވާ ކިތަންމެ ކިތަންމެ ފަރާތެއް އެބަވޭ. މިދިޔަ 2010 ވަނަ އަހަރުގެ ފަހު 6 މަސްދުވަހުގެ ތެރޭގައި، މި މަގޫދޫ 19 ފަރާތަކަށް، އިޖްތިމާޢީ ރައްކާތެރިކަން، އެކަނިވެރި މައިންގެ ގޮތުގައި އަދި ޔަތީމު ކުދިންގެ ގޮތުގައި ދެވޭ ފައިސާގެ ތެރެއިން އެއްލައްކަ ތޭވީސްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ނުހަނު ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރަށުގެ ތަރައްޤީ. އެ ތަރައްޤީ ހޯދުމަށްޓަކައި، މިރަށު ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން އެއީ މާ މުހިންމު ކަމެއް. މިދެންނެވި 31 މީހުންވެސް އަދި 19 މީހުންނަކީވެސް ރުއް ގިނަ ބައެއް ނޫން. އެހެންވީމާ، އަޑުގަދަ ބައެއްވެސް ނޫން. އެމީހުންނަކީ އޮޑިވެރިންވެސްނޫން. އެހެންވީމާ، އަޅުގަނޑުމެންނަކަށް އަދި މެންބަރުގެ ފަރާތުންވެސް، އެހެން މީހެއްގެ ފަރާތަކުންވެސް އަޑެއްނީވޭ، މިއިން މީހެއްގެ ވާހަކައެއް. އެމީހުންނަށް، އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެބޭފުޅުންނަށް ކޯއްޗެއްތޯ އެ ލިބިލައްވަނީ. އަދި މިހާރު ކަންތައްތައް ހުރީ ކިހިނެއްތޯ.

ދެން މިފަހަކަށްއައިސް، ވަރަށް ގިނައިން އެއްބޭފުޅަކު އަނެއް ބޭފުޅަކު، އެއްޕާޓީއާއި އަނެއް ޕާޓީއާ ދެމެދު މިލްކިއްޔާތު ސާބިތު ކުރުމުގެ މައްސަލަތައް އެބަ ހިނގާ. ވާދަވެރި ޕާޓީން އެބަ ވިދާޅުވޭ، ސާކް ސަމިޓްވެސް ބާއްވަން ނިންމީ ތިމަންނަމެންނޭ. ކުޅުދުއްފުށި ހިއްކީ އެބޭފުޅުންނޭ. މަދަނަ ފެށީ އެބޭފުޅުންނޭ. އެވެނި މިވެނި ކަމެއް ކުރީ. އާދެ! އެބޭފުޅުން ހުރިހާ ކަމެއްވެސް ކުރެއްވީ. އަޅުގަނޑުމެންގެ މައްސަލައެއް ނެތް. އަޅުގަނޑުމެންނެއް ދުވަހަކުވެސް ބޭނުމެއް ނޫން ނަމެއް. އަޅުގަނޑު ބޭނުންވަނީ ކަންކަންވާން. އަޅުގަނޑަށް އެނގޭ އެއްޗަކީ، މިރަށުގެ 65 އަހަރުން މަތީގެ 31 މީހުންނަށް، އެމީހުންނަށް ސާފުވާނެ، އެމީހުންނަށް ކޮންއިރަކު ކޯއްޗެއްތޯ ލިބެންފެށީ. މިރަށުގެ 19 އެކަނިވެރި މައިންނަށް ސާފުވާނެ، ކޮންއިރަކު ކޯއްޗެއްތޯ އެމީހުންނަށް ލިބެންފެށީ. މަދަނައިގެ ދަށުން މިރަށުގެ ރައްޔިތުންނަށް އެލިބޭ ބޭސްފަރުވާގެ އެހީ ލިބޭ މީހުންނަށް ސާފުވާނެ، ކޮންއިރަކު ކޯއްޗެއްތޯ ލިބެންފެށީ. އަޅުގަނޑެއް ނުޖެހޭ، އަޅުގަނޑުމެންނަށް ހެޔޮ، އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނޫން. މިދެންނެވިހެން މިކަން ހިނގައިދާނެ. އެއީ ކުރީ ސަރުކާރުން އެކަން ކުރީ ކަމަށް އެބޭފުޅުންނަށް އެހެން ވިދާޅުވީމާ، އެބޭފުޅުންނަށް ހަމަ ނިދި ލިބިވަޑައިގަންނަވާ ކަމަށަވަންޏާ، ދެން އެވާހަކަވެސް ދައްކަވަމުން ގެންދެވިޔަސްވެސް، އަޅުގަނޑުގެ މައްސަލައެއް ނެތް. އަޅުގަނޑުމެންނޭ ކިޔައި، އަޅުގަނޑުމެންނޭ ބުނެ، ނުހަނު ގިނަ ވާހަކަ ދައްކާނެ. ކިތަންމެ ކިތަންމެ ފާޑެއް އަޅުގަނޑާ ގުޅޭގޮތުން ކިޔާނެ. އަޅުގަނޑަށް ވަރަށް މުހިންމު އެ ޖާގަ، އެބޭފުޅުންނަށް ލިބިފައި އޮތުން.

ޤައުމެއް ތަރައްޤީއެއް ނުވާނެ، ރަށެއް ތަރައްޤީއެއް ނުވާނެ، އެރަށެއްގެ ރައްޔިތުން ހިފައި ހައްޔަރުކޮށްފައި ތިބޭހާ ހިނދަކު. ބިރު ދައްކާހާ ހިނދަކު. އެމީހުން އޮބަހައްޓާފައި ބައިތިއްބާހާ ހިނދަކު. ތަރައްޤީ ހޯދުމަށް އަޅުގަނޑުމެން މިޖެހެނީ، ރައްޔިތުން ދޫކޮށްލަން. އެހެންވީމާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަމަކީ، މާ މުހިންމު ކަމެއް. އަޅުގަނޑު ކުރީގައި މިދެންނެވި ހުރިހާ ކަމަކަށްވުރެވެސް. ނަރުދަމާގެ ނިޒާމެއް ނުލިބޭނެ، ރަނގަޅު ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ނޫނިއްޔަކާއެއް. އަޅުގަނޑުމެންނަށް އެބަޖެހޭ ޞުލްޙަވެރި ގޮތުގައި ސިޔާސީ ޙަރަކާތް ހިންގެން. މި ސަރުކާރުގެ އަބަދުވެސް އެންމެބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ. އެކަން ދޫކޮށްލައިފިއްޔާ، އަޅުގަނޑުމެންނަށް ލިބޭނެ ގެއްލުން ވަރަށްބޮޑުވާނެ. ކުރީ ޤާނޫނުއަސާސީއެކޭ، މިހާރު އަޅުގަނޑުމެން ޢަމަލު ކުރަމުންމިދާ ޤާނޫނުއަސާސީއެކޭ، އަސާސީ ޙައްޤުތަކަށް ބަލާއިރުގައި، އަޅުގަނޑަކަށް މާބޮޑު ބަދަލެއް ނުފެނޭ. ކުރީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި، ކުށުގެ ތުހުމަތުން ބަރީއަވުމަށް ޤާނޫނީ ވަކީލުންގެ އެހީ ބޭނުންކުރެވޭނެއޭ ލިޔެފައި އޮވޭ. އެ ބޭނުންކުރަން އުޅުނީމާ، އަޅުގަނޑަށް ލިބުނީ އިތުރު ޙުކުމެއް. އަދި ހަމަ ކުރީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިންނާއި، 27 ވަނަ މާއްދާއިން ޖަމާޢަތް ހެދުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ލިބޭ. އެބޭނުންކުރަން އުޅުނީމާ އަޅުގަނޑަށް ލިބުނު ޙުކުމެއް. އެހެން ނަމަވެސް، އެޤާނޫނުއަސާސީގައި އެބައޮތް. ދެން މި ޤާނޫނުއަސާސީ މާނަކުރުމާއި، އެއަށް ޢަމަލު ކުރުމަށް މިއޮތީ ހަމަ ޤާނޫނުލްޢުޤޫބާތް. މިއަދުވެސް އެބައޮތް އެ ޤާނޫނުލްޢުޤޫބާތް. ހަމަ މިއަދުވެސް ވަރަށް ފުރިހަމައަށް އެބައޮތް، މި މަގޫދޫ 70 މީހުންނަށް ޙުކުމް އިއްވި ޤާނޫނުލްޢުޤޫބާތް، ފުރިހަމައަށް އެބައޮތް. ހަމަ އޭގެ އެމާއްދާތަކުން މާދަމާވެސް ގެންގޮސް މީހުން ހިފައި ހައްޔަރު ކުރެވޭނެ. އަދި އަޅުގަނޑުގެ ވެރިކަމުގައި، އެބާރު އަބަދުވެސް ހުންނާނެ.

އެ އަޅުގަނޑުމެން ދެކި މިއުޅެނީ، ބޭނުންވެގެން މިއުޅެނީ، މި ރާއްޖެ ތަރައްޤީ ކުރަން. ވެރިކަމުގެ އަރާމަކަށްޓަކައި، ވެރިކަމުގެ ލައްޒަތާއި ޢިއްޒަތަށްޓަކައި، ހަމައެކަނި ވެރިކަމުގައި ތިބުމަށްޓަކައި، ވެރިކަމުގައި ތިބުން އެއީ، އަޅުގަނޑުމެންގެ ބޭނުމެއް ނޫން. އަދި އަޅުގަނޑުމެން އުޅޭވެސް ކަމެއް ނޫން. މި ވެރިކަން، އަޅުގަނޑު އަބަދުވެސް ދަންނަވަން، ދެމިއޮންނަނީ ހަމަ އެންމެ ސަބަބަށްޓަކައޭ. އެއީ، ވަޢުދު ފުއްދުމަށްޓަކައި. ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް. މި ޕާޓީ ނޫނިއްޔާ ވަޢުދުވާ ޕާޓީއެއްނުވޭ، ނޯންނާނެ. އެހެން ޕާޓީތަކަކުން ވަޢުދެއް ނުވާނެ. އަޅުގަނޑުމެން އެކަނި ވަޢުދުވާނީ. އެމް.ޑީ.ޕީ. އެކަނި ވަޢުދު ވާނީ. އެމް.ޑީ.ޕީ. އެކަނި ވަޢުދު ފުއްދުމަށްޓަކައި، ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވައިލާނީ. އަދި އެ އޮނިގަނޑު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތު ހަމަޖައްސާނީ. އެ ސިޔާސަތުގެ މައްޗަށް ބިނާކޮށް، ދައުލަތުގެ ބަޖެޓް ފާސްކުރާނީ. އަޅުގަނޑުމެންނަށް އެނގޭ، ޤައުމެއް ހިންގަން. އަޅުގަނޑުމެންގެ ކިބައިގައި އެ ހިތްވަރުވެސް އެބަހުރި. އަޅުގަނޑުމެންގެ ޢަޒުމަކަށް، އަމާޒަކަށް މީހަކު ކިޔާ އެއްޗަކުން، ބުނާ ވާހަކައަކުން ބަދަލެއް ނާންނާނެ. އަދި އަޅުގަނޑުމެން ފަހަތަކަށްވެސް ނުޖެހޭނަން. ފަހަތް، ފަސްއެނބުރި ފަހަތެއް ނުވެސް ބަލާނަން. އަޅުގަނޑުމެން ބޭނުމީ މުސްތަޤްބަލް. އަޅުގަނޑުމެން ހޯދާންވެގެން މިއުޅެނީ މާދަމާ. އެހެން ގޮތެއް. އަނެއް ދިވެހިރާއްޖެ. އެހެން ދިވެހިރާއްޖެއެއް.

އަޅުގަނޑުމެން އޮތީ، ރައްޔިތުން އޮތީ ނިންމާފައި، އެމީހުން ބޭނުމޭ އެހެން ރާއްޖެއެއް. 2008 ވަނަ އަހަރު ފުރަތަމަ ބޭއްވުނު ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމްގައި. ޕާޓީގެ މެނިފެސްޓޯ ވަރަށް ސާފު. އެދުވަހު ރާއްޖެ އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި. އަޅުގަނޑުމެންނަށް އެދުވަހު އޮތް ޚަރާބުގެ މަގުވެސް ޚިޔާރު ކުރެވެން. އަޅުގަނޑުމެންނަށް ހަމަ އެދުވަހު އޮތް އެހެން ގޮތެއް ހޯދެން. ވަރަށްބޮޑު އަޣްލަބިއްޔަތަކުން ރާއްޖޭގެ ރައްޔިތުން ނިންމީ، އެމީހުން ބޭނުމީ އެހެން ގޮތެކޭ. އެހެން ދިވެހިރާއްޖެއެކޭ. އަނެއް ދިވެހިރާއްޖެއޭ. މިއަދު އަޅުގަނޑުމެން ހިންގަމުން މިގެންދަނީ، މިދަންނަވާ މަޝްރޫޢުތައް. އަޅުގަނޑުމެންގެ ބޭނުމަކީ، މަގޫދޫ މީހުން މުއްސަނދި ކުރުން، އެމީހުން ތަނަވަސްވުން. އެމުއްސަނދިކަން ހޯދުމަށްޓަކައި ކުރާންހުރި ކަންކަން އަޅުގަނޑުމެން މިކުރަނީ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑެއް ތިޔަބޭފުޅުންގެ ލޯ ލާރިއެއްގައެއްވެސް ނުޖެހޭނެ. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމުގައި، 10 ގަޑިއިރު މަސައްކަތް ނުކުރާ ދުވަހެއް އިރާދަކުރެއްވިއްޔާ ނުބާއްވާނަން. އަޅުގަނޑެއް ކަންބޮޑެއް ނުވާނެ އަވީގައި ހުންނާކަށް. ވިއްސާރައިގައި އޮންނާކަށް. އުނދަގުލުގައި ދަތުރުކުރާކަށް. އުނދަގުލުގައި ނިދާކަށް. މަދުން ކައިގެން އުޅޭކަށް، އަޅުގަނޑެއް ކަންބޮޑެއް ނުވާނެ. އަޅުގަނޑުމެން މިއުޅެނީކީއެއް، އަރާމު ނުލިބިގެނެއް ނޫން. އަޅުގަނޑުމެން ބޭނުމީ، މަގޫދޫ މީހުން މުއްސަނދި ކުރަން. އަޅުގަނޑުމެންގެ އަބަދުމެ އަމާޒަކީ، ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ލިބޭނެ ގޮތެއް ހޯދުން.

އަޅުގަނޑުމެން މިއުޅެނީ، އަޅުގަނޑުމެންގެ ދަރީންނާއި، އަޅުގަނޑުމެންގެ ދަރީންގެ ދަރީން، އަނދަގޮނޑި ނުޖަހާވޭތޯ ބަލަން. އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީން އޭންގަލަށް ނުނަގާވޭތޯ ބަލަން. އަޅުގަނޑުމެންގެ ދަރިން، އެއްހުޅު ބިޑި ނާޅާވޭތޯ ބަލަން. ކުޑަގޮޅިއަށްނުލާވޭތޯ ބަލަން. އެމީހުންގެ ނިޔަފަތި ނުއުފުރާވޭތޯ ބަލަން. އެމީހުން ކިރުދަޅެއްގައި ބައިންދައި މަރާނުލާވޭތޯ ބަލަން. އެމީހުން އޭންގަލަށް ނުނަގާވޭތޯ ބަލަން. އަޅުގަނޑުމެން މިއުޅެނީ، މި ރާއްޖޭގައި ތަނަވަސް ދިރިއުޅުމެއް އުޅެވޭތޯ ބަލަން. ދެން އަޅުގަނޑު މިދަންނަވާ ވިސްނުން ނެތް، ވާދަވެރި ބަޔަކު އައިސް، އޭތިމީތި ކިޔަސް، އަޅުގަނޑު އަޅައެއްނުލާނެ ނޫންތޯ.

ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްރަށް ހިންގާ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. އަޅުގަނޑު ދަންނަވާނީ، މި މަގޫދޫގެ ތަރައްޤީއަށްޓަކައި އެޅޭނެ އެންމެ މުހިންމު ބިންގަލަކީ، ފެބްރުއަރީ 5 ވަނަ ދުވަހު އެޅޭ ބިންގާ. އެދުވަހު ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ފާސްވެގެން އައިއިރުގައި، އެއަކު ނެތް، ލާމަރްކަޒީ އުޞޫލުގެ ވާހަކައެއް. އޭގައި އޮތީ، ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކޭ. އެހިސާބުން ލާމަރްކަޒު ކުރެވޭނެ ގޮތެއްވެސް، ޙަޤީޤަތުގައި ނެތް. އެހެން ނަމަވެސް، މާފަހުން އަޅުގަނޑުމެންގެ ކޮޅުމަޑުލު ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނާއި، އަޅުގަނޑުމެންގެ އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، އެދެބޭފުޅުން ހުށަހެޅި އިޞްލާޙާ އެކީގައި، 8 ވަނަ ބާބު އަޅުގަނޑުމެންނަށް ލިބުނީ. މިއަދު އަޅުގަނޑުމެން ސިފަ ގެންނަން، ދިރުންދޭން މިއުޅެނީ، މިދެންނެވި 8 ވަނަ ބާބަށް. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބާބަށް. އެއީ، އަޅުގަނޑުމެންގެ ފިކުރެއް. ތިޔަބޭފުޅުން، ވާދަވެރި ޕާޓީތަކުގައި ނުވަތަ ކެންޑިޑޭޓުން ގާތުގައި އައްސަވާ، ކައުންސިލް އެއީ، ކިހިނެއް އޮންނަ ތަނެއްތޯ. ކޮންތާކުތޯ އިށީންނަނީ. ކޮންތާކުތޯ ގޮނޑިތައް ހުންނާނީ. ރެޔަކު ކިތައްފަހަރު، ދުވާލަކު، ހަފްތާއަކު ކިތައްފަހަރުތޯ ބައްދަލުވާނީ. ހަމަޔަޤީން، އެއިން އެއްވެސް އެއްޗެއް އެނގިވަޑައިނުގަންނަވާނެކަން. އެބޭފުޅުން ނުވިސްނަވާ އަދި އެކަން ކުރާކަށް. ބައެއްފަހަރަށް ވިދާޅުވާނެ، ރަށު ތަރައްޤީއަށް އަޅުގަނޑޭ. އެއީ ވަރަށްބޮޑު އޮޅުމެއް. އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކީ، ސަރުކާރުގެ ސިޔާސަތު ތަންފީޛު ކުރާނޭ ބަޔަކު، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ އެދުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރެވޭނޭ ގޮތެއް ހޯދުން.

އަޅުގަނޑުމެންގެ ބޭނުމަކަށްވެގެން މިއުޅެނީ، ޙަޤީޤަތުގައި މިހިނގާ ކަމަކީ، އަޅުގަނޑުގެ ރަށުގައި ހުރި އެއްޗެއް، ހުރި ބާރެއް، އެއިން ބައެއް މަގޫދުއަށްދޭން. އެތައް ސަތޭކަ އަހަރެއް ވަންދެން، މާލޭގެ ވެރިކަމުގެ ޚާންދާންތަކުން މާލެއަށް އެއްކޮށްފައި ހުރި ބާރުން ބައެއް، އެތިކޮޅެއް މިރަށަށްދޭން. މާލެއަށް އެ ބާރުތައް އެއްކުރީ، މާލޭގެ ވެރިކަމުގެ ޚާންދާންތަކުން. ތިޔަބޭފުޅުން މިއަދު ދާދިފަހާ ޖެހެންދެންވެސް އަޅުގަނޑުގެ މައިންބަފައިންވެސް ހަމަ ދެކިއުޅެނީ، މާލޭގެ ވެރިކަމަކީ، މުލީގޭ ދޮން ޙަސަންމަނިކުގެ، ދޮން ބަންޑާރައިންގެ މިލްކެކޭ. އޭގައި އަޅުގަނޑުމެންނަކާވާ ބެހުމެއް ނެތޭ. މިއަދު ތިޔަބޭފުޅުން ބައްލަވާ. މިދެންނެވި މާލޭގެ ވެރިކަމުގެ ޚާންދާންތަކުގެ މިއަދުގެ ޖީލަށް އެތިއްބެވީ އެމް.ޑީ.ޕީ. އެބޭފުޅުން މިރަށަށް ވަޑައިގެން އެތިއްބެވީ، އެބޭފުޅުންގެ ޢާއިލާތަކުން މާލެއަށް އެއްކުރި ބާރުން ބާރު، ބައެއް ތިޔަބޭފުޅުންނަށް ދިނުމަށްޓަކައި. މިއަދު ތިޔަބޭފުޅުން އެއްކޮށް އެހެން ގެއަކަށް، އެ ބަލާ ގޮއްސިއްޔާ، ވަރަށް ހެއްވާ ކަމަކަށްވާނެ. އޮތް ތަނަށް ނޫނިއްޔާ، ބޭނުން އެތި ބަލާ ދުރުވުން އެއީކީއެއް ބުއްދިވެރި ކަމަކަށްނުވާނެ. ނުލިބޭނެ ގޮސްގެނެއް.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންގެ ރުހުމާއި، ތިޔަބޭފުޅުންނާއެކީގައި، ސަރުކާރުގެ ކަންކަން ހިންގޭނެ ގޮތެއް ހޯދުން. އެގޮތަށް އެކަން ކުރުމަށްޓަކައި ހިންގާންޖެހޭ ބައިވަރު ކަންކަން އެބައޮތް. ތަރައްޤީއަށްޓަކައި ކުރާންޖެހޭ ކަންކަން، މި ސަރުކާރުން އަބަދުވެސް ކުރާނެ. އަޅުގަނޑުމެންގެ އެހެން ބޭނުމެއް އޮތީއަކީއެއް ނޫން. އަޅުގަނޑުމެން އަބަދުވެސް އެދޭނީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑު ދަންނަވާނީ، މިއަދު މިއީ، މަގޫދޫގައި އެއްފަހަރާ 10 ބަނދަރު ހެދުނު ދުވަހޭ. މިއަދު މަގޫދުއަށް މިލިބުނު ޚަޒާނާއަކީ، އަޅުގަނޑު މިހެން ދަންނަވާއިރުގައި، ސަރުކާރުން ރާވާފައި ޙަޤީޤަތުގައި އޮތީ އިނގޭތޯ، މަގޫދޫގެ ފަޅުގެ ކަންތައް މިއަހަރު ކުރަން. އެހެން ނަމަވެސް، އަޅުގަނޑު އެވާހަކަ ދައްކާހިތެއްނުވޭ، ތިޔަބޭފުޅުން އަތްޖަހާނެތީވެ. އަޅުގަނޑު އުފަލެއްވެސް ނުވޭ، އެތަން ހެދޭތީއަކީވެސް. ހަމަ މުޅިންވެސް އެއީ، ތިޔަބޭފުޅުންގެ ވިސްނުން އެހެން ހުންނާތީވެ. ހަމަ އެއްގޮތަކަށްވެސް އެ ވިސްނުން ބަދަލުކުރަން ބޭނުންވެސްވެނުލައްވާތީވެ. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންގެ ދަރިންނަށް ތަންކޮޅެއް ތަންދޮރު އެނގޭނެކަމަށް. އަޅުގަނޑުމެން ކުރާން މިއުޅޭ ކަންތައް އަޅުގަނޑުމެންނަށް އެނގޭނެކަމަށް. އަޅުގަނޑުމެން މިއުޅެނީ އެ ދަރިންނާއެކީގައި މަސައްކަތް ކުރަން. އަދި މިއަހަރު އިރާދަކުރެއްވިއްޔާ މިރަށުގެ މިސްކިތްވެސް ބިނާކުރާނެ. ބަޖެޓުގައި އެކަންވެސް އޮތީ ހިމެނިފައި.

އަޅުގަނޑުމެންގެ ބޭނުމަކީ، މަގޫދޫގެ ތަރައްޤީ. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ، މަގޫދޫ ރައްޔިތުންނާއެކީގައި. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންވެސް މި ސަރުކާރާ އެކީގައި ވިސްނާވަޑައިގަންނަވައިގެން މަސައްކަތް ކުރައްވާނެ ކަމަށް. އަދި ޙިކްމަތްތެރިކަމާއެކީގައި، ކަންކަމާ އުޅުއްވާނެ ކަމަށް. އަޅުގަނޑު އުންމީދު ކުރަން، މަގޫދޫ މީހުންނަކީ އެހާ އާދައިގެ ބަޔަކަށް ވެގެންނުދާނެ ކަމަށް. ތަންކޮޅެއް ފުންކޮށް ވިސްނައި، ދެތިންކުޅި ކުރިއަށް ވިސްނާ ބަޔަކަށްވާނެ ކަމަށް. ހައްތާވެސް ސައިވާ ގޭގެއަށް އަރާ ބަޔަކަށްނުވާނެ ކަމަށް. އަޅުގަނޑުމެންނަކީ، މި ސަރުކާރަކީ، އެމް.ޑީ.ޕީ.އަކީ ސައިވާ ގެއަކަށް އަރާނެ ޕާޓީއެއް ނޫން. އަޅުގަނޑުމެންގެ ބޮނދަކާ ގާތެއްނުވެވޭނެ. އަޅުގަނޑުމެންގެ ވެރިކަމަކުންނެއް، މި ތިން އަހަރު ތެރެއަކު ދުރެއް ނުކުރެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ވަރަށް ފަހިކަމާއެކީގައި، ކުރިއަށް މިއޮތް އިންތިޚާބު ކާމިޔާބު ކުރާނެ.

والحَمْـدُ لِلّـهِ. والســّلام عليــكم.

_______________________