بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ. ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ. ވަޑައިގެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ދައުލަތުގެ، ސަރުކާރުގެ ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް، މި ބިލެތްދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މި ސަރުކާރު އުފެދިގެން އައީ، މި ރާއްޖޭގެ ތަރައްޤީގެ ވިސްނުމެއް، ފިކުރެއް އަޅުގަނޑުމެންގެ ހިތްތަކުގައި އަދި އަޅުގަނޑުމެންގެ ތަޞައްވުރުގައި ކުރެހިގެން. އަޅުގަނޑުމެންނަށް ސަރުކާރު އުފެދުމުގެ ކުރީގައި، މި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާއި އަދި ސަރުކާރުން ކަންކަން ގެންދާނެގޮތް ސާފުކޮށްދީފައި އޮތީ، ޕާޓީގެ ވަޢުދުތަކުގެ ތެރެއިން. ޕާޓީގެ ފަރާތުން ރާއްޖޭގެ ވަރަށްގިނަ ކަންކޮޅުތަކަށް، ހުރިހާ ރަށަކަށް، ރާއްޖޭގެ ހުރިހާ ގެއަކަށް، ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ މީހުންނަކާވެސް މަޝްވަރާކޮށް ވާހަކަ ދައްކައި ހެދިން. ޕާޓީން ރާއްޖޭގެ ރައްޔިތުންގެ އަޑުއެހިން. ޕާޓީއަށް އިވުނު އަޑުތައް ފުރޭނިގެން އައިސް، އޭގެ ޢަރަޤުގެ ގޮތުގައި ހިމެނިގެން އައީ، ޕާޓީން ރައްޔިތުންނަށްވީ ވަޢުދުތައް. މި ޕާޓީ ނޫން އެހެން ޕާޓީއެއް، ރައްޔިތުންނަކަށް ވަޢުދެއް ނުވާނެ. ވެފައިއެއް ނުވެސްނެތް. އަޅުގަނޑުމެންނަކީ ވަޢުދުވާ މީހުންނަކީވެސް. އަޅުގަނޑުމެންނަކީ ވަޢުދު ފުއްދާ ބަޔަކީވެސް. ވަޢުދެއްނުވެ، އެ ވަޢުދެއް ފުއްދޭނެ ގޮތެއްވެސް އަދި އަމާޒެއްވެސް، ހަމަގައިމުވެސް ނޯންނާނެ.

ޕާޓީއަށް ފެނުނު ޙަޤީޤަތްތަކުގެ ތެރޭގައި، ސަރުކާރުވެސް ހިތުގެ އަޑީން ގަބޫލުކުރޭ، މިރާއްޖޭގައި ދެވޭ ކިތަންމެ ޚިދްމަތަކީ އަދި އެންމެ އެކަށީގެންނުވާ، އަޅުގަނޑުމެންގެ ތެރެއިން ކިތަންމެ ބަޔަކު ހިތްހަމަނުޖެހޭ ޚިދްމަތްތަކެއްކަން. މިކަންކަން މިހެން އޮތްއިރު، ޕާޓީއަށްވެސް، ސަރުކާރަށްވެސް އަދި އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ އަނެއް ޙަޤީޤަތަކީ، މި ބިލެތްދޫގައިވެސް ރައްޔިތުންގެ ތެރެއިން ގިނަ ބައިވަރު ރައްޔިތުންނަކީ، ނިކަމެތިންކަން. އެމީހުންނަކީ، ރެޔާދުވާލަށް އެމީހުންނަށް އާމްދަނީގެ ގޮތުގައި ވިހި ފަނަރަ ރުފިޔާ ނުލިބޭ ނިކަމެތިން. މިރަށުގެ ކޮންމެ ތިންމީހުންކުރެ އެކަކީ، މިދެންނެވިފަދަ ނިކަމެއްޗެއް. ރާއްޖޭގެ ރައްޔިތުން، 2008 ވަނަ އަހަރުގެ ކުރީގައިވެސް އަދި ބައެއްފަހަރަށް މިހާރުވެސް، އެމީހުންގެ އާދައިގެ ޟަރޫރީ ބޭނުންތަކަށް، އާދައިގެ ޚިދްމަތްތަކަށް އަބަދުވެސް މިއޮންނަނީ، އެއް މަހުޖަނެއް، އަނެއް ވިޔަފާރިވެރިއެއް، އަނެއް ސާދާގަރެއްގެ ކައިރިން ތައްޕާހުން، މުއްފަތުން އުޅެން ޖެހިފައި.

އެހެންވީމާ، އަޅުގަނޑުމެން ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް މިއޮންނަނީ ނުހޯދިފައި، ނުހިފެހެއްޓިފައި. ރައްޔިތުންގެ ބޭނުންތައް ރައްޔިތުންގެ ތެރެއިން އުފެދޭ ސަރުކާރަކުން، އެ ސަރުކާރު ހިންގާ ނިޒާމުގެ ސަބަބުން ރައްޔިތުންގެ ބޭނުންތައް ފުއްދޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު އެތުރުނީމާ، ރައްޔިތުންނަށް ސަލާމަތްތެރިކަން ލިބޭނީ. ރައްޔިތުން ސަލާމަތްތެރިކަންނެތި ދެން މި ބިލެތްދޫ ތަރައްޤީ ކުރެވޭނެ ގޮތެއް ނޯންނާނެ. އަޅާ ބޮޑު ޢިމާރާތަކުން، ކުރާ ބޮޑު ބިނާއަކުން ތަރައްޤީއެއް ނުލިބޭނެ، ރައްޔިތުން ހާލުގައި ތިބޭހާ ހިނދަކު. މިދެންނެވި ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، މިރަށުގައި ވަރަށް ރުއް މަދު ބައެއް. އެހެންވީމާ، އަޑުވެސް މަޑު ބައެއް. އެމީހުންގެ އަޑެއް ނީވޭނެ. އެމީހުންނަކީ ރިޒޯޓެއްގައި މަސައްކަތްކުރާ ބައެއްވެސް ނޫން. އެހެންވީމާ، އާމްދަނީއެއް ނުލިބޭނެ. އެމީހުންނަކީ އޮޑިވެރިންނެއްވެސް ނޫން. އެހެންވީމާ، ފައިސާއެއްވެސް ނުލިބޭނެ. އެމީހުންނަކީ މަސްވެރިންނެއްވެސް ނޫން. އެހެންވީމާ، އަތަށް އެއްޗެއް ލިބޭނެ ގޮތެއްވެސް ނޯވޭ. އެމީހުން ދަންނަ މާ މޮޅު މީހެއް، މާ މަޝްހޫރު މީހެއްވެސް ނުހުރޭ. އެހެންވީމާ، މީހެއް ކައިރީ ބުނެވޭނެ މާފަސޭހަ ގޮތެއްވެސް ނޯވޭ. އެމީހުންނަކީ ހަމަ ބިކަ ހާލުގައި، ރަށުގެ އެތަން މިތަނުގައި ތިބޭ މީހުން. އެއީ، މިރަށު ގިނަ މީހުން، ވަރަށްގިނަ މީހުން. ސަރުކާރަށް، އަޅުގަނޑުމެންނަށް ފާހަގަވާގޮތުގައި، މިރަށުގެ އާބާދީގެ ތިންބައިކުޅަ އެއްބައިމީހުން.

އެހެންވީމާ، ޕާޓީން ވަޢުދުވީ، ރާއްޖޭގެ ރައްޔިތުން، ބޭސްސިޓީއަށް ސަލާންޖަހާ ޖެހުން އިރާދަކުރެއްވިއްޔާ، ޕާޓީގެ ސަރުކާރެއްގައި ހުއްޓުމަކަށް ގެންނާނަމޭ. މިދެންނެވި ސަބަބަށްޓަކައި، މިދެންނެވި ވަޢުދު ފުއްދުމަށްޓަކައި، މަދަނައިގެ ޚިދްމަތް ސަރުކާރުން ފަށައިގަނެވުނީ. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ބިލެތްދޫ ރައްޔިތުންގެ ތެރެއިން 143 މީހަކު މަދަނައިގައި ރަޖިސްޓްރީވެ، އެމީހުންނަށް ޚިދްމަތް ލިބެމުން އަންނާތީވެ. މި ސަރުކާރަށް އުފާވެރިކަން ލިބެނީ، މިސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މި ޕާޓީއަށް ހިތްވަރު ލިބެނީ، މިދިޔަ އަހަރު މިދެންނެވި މަދަނައިގައި ރަޖިސްޓްރީވެފައި މިތިބި މީހުންގެ ތެރެއިން ބިލެތްދޫން ބަލިވި މީހުންގެ ބޭސް ސިޓީއަށް ޚަރަދު ކުރުމަށްޓަކައި ތިންލައްކަ ބައްތިރީސްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމުން. މިދެންނެވި ތިންލައްކަ ބައްތިރީސްހާސް ރުފިޔާއަކީ، އިތުރު އެހެން އެއްވެސް ކަމަކަށް ކުރެވުނު ޚަރަދެއް ނޫން. ހަމަ ސީދާ ބޭސްފަރުވާއަށްޓަކައި ކުރެވުނު ޚަރަދު. ހެލްތް ސެންޓަރުގައި ތިބި މީހުންނަށް މުސާރަދޭކަށެއް ނޫން. ބަލިމީހާ، އެއްތަނުން އަނެއް ތަނަށް ދަތުރުކުރާން ކުރެވުނު ޚަރަދެއްވެސް ނޫން. ހެލްތް ސެންޓަރުގެ ކަރަންޓް ފީ، ކަރަންޓް ބިލް ނުވަތަ އެނޫންވެސް އެބާވަތުގެ ޚަރަދު ކުރުމަށް ކުރެވުނު ޚަރަދެއް ނޫން. ހަމަ ސީދާ މިރަށު މީހާ ބަލިވީމާ، އޭނާގެ ބޭސްސިޓީއަށް ކުރެވުނު ޚަރަދު.

އަޅުގަނޑު ދެކެނީ، އަދި އަޅުގަނޑުމެން ޕާޓީންވެސް ދެކެނީ، ސަރުކާރުންވެސް ދެކެނީ، މިދެންނެވި ޚަރަދު، ބިލެތްދުއަށް ކުރެވިފައި އޮތީތީވެ، ބިލެތްދޫގެ އެންމެ ނިކަމެތި ހާލުގައި ތިބި މީހުންނަށް މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ރަނގަޅު އެހީތެރިކަމެއް، އިޖްތިމާޢީ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައި އެބައޮތޭ. މަދަނައިގެ އިތުރުން، މި ޕާޓީގެ ވަޢުދެއް އެއީ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުން. ސަރުކާރުން މި ބިލެތްދޫގެ 34 ރައްޔިތަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ދެމުން އަންނަތާ މިވީ ދެއަހަރު. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިރަށަށް މިދެންނެވި ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު ފަސްދޮޅަސް އަށްހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބިފައި އޮތީތީވެ. އެކަނިވެރި މައިންނާއި އަދި ޔަތީމު ކުދިންނަށް ކުރެވޭ ޚަރަދުގެ ގޮތުގައި، މިރަށުގެ 26 ފަރާތަކަށް މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި، އެއްލައްކަ އަށްޑިހަ ހަތްހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބިފައި އޮތްކަމީ، މި ސަރުކާރަށް ނުހަނު ހިތްހަމަޖެހުން ލިބޭ ކަމެއް.

އަޅުގަނޑުމެން މިއެދެނީ މިރަށުގެ ތަރައްޤީ. އަޅުގަނޑުމެން ބޭނުމީ މިރަށު ރައްޔިތުން މުއްސަނދިވާން. އަޅުގަނޑުމެން ބޭނުމީ، މިރަށު ރައްޔިތުންގެ ޙާލަތު މިއަދު މިހުރި ޙާލަތުން އެހެން ޙާލަތަކަށް ބަދަލުވާން. އަޅުގަނޑު ގާތުގައި ބައެއްފަހަރަށް ބޭފުޅުން އަހާ، ރައީސް ކީއްވެތޯއޭ، މިރަށު ބަނދަރު ހެދުމަށް އެހުރިހާ ލާރި ޚަރަދުނުކޮށް، ރައްޔިތުންގެ ބޭސްފަރުވާއަށާއި، 65 އަހަރުން މަތީގެ މީހުންގެ ޕެންޝަނަށާއި، އެކަނި ގޭގައި ތިބޭ އަންހެނުންނަށް އެފައިސާ ޚަރަދުކުރީ. އެއީ، އަޅުގަނޑުމެންނަށް ތަރައްޤީއަކީ ކޯއްޗެއްކަން އެނގޭތީ. ތަރައްޤީ ކުރުމަށް ކުރާން ޖެހެނީ ކޮންކަމެއްކަންވެސް މި ސަރުކާރަށް ވަރަށް ސާފުކޮށް ސާފުވާތީ. އަޅުގަނޑުމެންގެ ޖެހިގެން ހުންނަ ގޭ މީހާގެ ދަރިން މަދްރަސާއަށް ފޮނުވަން ބޭނުންވާ ފޮތް، ފަންސުރު، ގަލަމާއި، ޔުނިފޯމާއި، އޭނާގެ ފައިވާން ނުގަނެވޭއިރު، އަދި އޭނާއަށް ބައްޔެއް ޖެހުނީމާ، ޑޮކްޓަރެއް ގާތަށްގޮސް ބޭސް ސިޓީއެއް ލިބުނަސް، އެ ސިޓީއަށް ބޭސް ނުނެގޭހިނދު އަދި ބައެއްފަހަރަށް އޭނާ ރަނގަޅަށް ތިންއިރު ނުކައި ހުންނައިރު، ދެން އަޅުގަނޑު ކިތަންމެ މުއްސަންޖަސް އަދި ތިޔަބޭފުޅުން ކިތަންމެ މުއްސަންޖަސް ތަރައްޤީއެއް ނުހޯދޭނެ. ތަރައްޤީއަކީ ރައްޔިތުންވާ އެއްޗެއް. ތަރައްޤީވާން މިޖެހެނީ ބިލެތްދޫއެއް ނޫން. ބިލެތްދޫ ރައްޔިތު، ބިލެތްދޫ މީހާ. ތަނަވަސްކަން މި އަންނަން ޖެހެނީ އެމީހާއަށް. ސަލާމަތްތެރިކަން މިހޯދަން ޖެހެނީ އެމީހާއަށް. އެމީހާއަށް އެހީތެރިވެދިނުން އެއީ، ތަރައްޤީއަށްޓަކައި ކޮންމެހެން ކުރާންޖެހޭނެ ކަމެއް.

ތަރައްޤީގެ މަސައްކަތް، ސަރުކާރަކުން ދުވަހަކުވެސް ހުއްޓައެއްވެސްނުލާނެ. މި ބިލެތްދުއަށް ކުރާ މަސައްކަތްވެސް ހަމަ ބާރަށް ކުރިއަށް ގެންދާނެ. އަދި އަޅުގަނޑުމެންނަށް ފެންނަނީ ކުރިއަށް ގެންދާތީވެ. މިރަށް ބަދަލުވާތީވެ. އަޅުގަނޑަށް ފެނޭ މިހާރު ދޮށީ ޢުމުރު މީހުންގެ ޞިއްޙަތު. އަޅުގަނޑަށް ފެނޭ މިހާރު އެމީހުން ތިބޭގޮތް. އަދި މީގެކުރީގައި އެމީހުންގެ ދަރިން، ރިޒޯޓްފަހަރުގައި އުޅެ، އެ ހާސްކަންމަތީގައި ކާފައަށް ނުވަތަ މާމައަށް ނުވަތަ މަންމައަށް ނުވަތަ ބައްޕައަށް އެއްޗެއް ނުފޮނުވިގެން، އަންހެނުންނަށްތޯ ދޭނީ، ދެދަރިންނަށްތޯ، ތިންދަރިންނަށްތޯ ދޭނީ ނުވަތަ ބައްޕައަށްތޯ ދޭނީ، އެސުވާލުގައި ގޮސް ކައިވެނި ރޫޅޭއިރުގައި، އޭނާއަށްޖެހޭ ބިކަ ހާލުން އޭނާވެސް ސަލާމަތްވާތަން އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑު އެބަ ބަލަން. އަޅުގަނޑުމެންނަށް ބިލެތްދުއަށް، ބިލެތްދޫގެ ތަރައްޤީއަށް 2009 ވަނަ އަހަރާއި، 2010 ވަނަ އަހަރު ކުރެވުނު މަސައްކަތް، އަޅުގަނޑު ދަންނަވާނީ އެއްގޮތަކަށްވެސް ކުޑައެއް ނޫނޭ. އަޅުގަނޑު ވަރަށް ހިތްހަމަޖެހެއޭ. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން މުޅިން ދެކެވަޑައިގަންނަވަނީ މިގޮތަށް ނޫންކަން. އަޅުގަނޑަށް އެކަން ވަރަށް ސާފުވޭ. އަދި އަޅުގަނޑަށް އެނގޭ، އޭގެ ސަބަބުން ތިޔަބޭފުޅުންގެ ނުރުހުމާއި، ހިތްހަމަނުޖެހުންވެސް ރައްދުވާކަން. އެކަންވެސް އަޅުގަނޑަށް އެނގޭ. އެކަމަކު އަޅުގަނޑަކީ ވަރަށްގިނަ ޒިންމާއާ އެކުގައި ވެރިކަމުގައި ހުންނަ މީހެއް. އަޅުގަނޑު ކުރާންޖެހޭ ކަމަކީ ރައްޔިތުންގެ ކަންކަން. އަޅުގަނޑު ކުރަން ޖެހެނީކީއެއް އަޑުގަދަ މީހުންގެ ކަންތަކެއް ނޫން. އަޅުގަނޑު ކުރާންޖެހެނީ އެންމެ ރައްޔިތުންގެ ކަންކަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިރަށު ހުރިހާ ރައްޔިތުންވެސް އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެންނަށް މިގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، މި 2011 ވަނަ އަހަރު މަދަނައިގައި ރަޖިސްޓްރީވެފައި ތިބި 143 މީހުންގެ ތެރެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، މާލިއްޔަތުގައި ބޭސްފަރުވާއަށް ރައްކާކުރެވިފައިވާނެ. އެއީ ސާދަ މިލިއަން ތިންލައްކަ ރުފިޔާ. އެފައިސާ އަޅުގަނޑަށް ވަރަށް މުހިންމު، ރައްކާ ކުރެވިފައި ބަހައްޓަން. އެއީ، އަޅުގަނޑުމެންނަށް ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް.

އެހެންވީމާ، ވެގެންދަނީ މިރަށުގެ ތަރައްޤީގެ ނާރެސްއަކީ މިރަށުގެ މަދްރަސާއޭ. މިރަށުގެ ސްކޫލޭ. އަދި އަޅުގަނޑުމެނަށް މިރަށުގެ ޞިއްޙީ ޚިދްމަތް ރަނގަޅު ކުރުމަށްޓަކައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި އަޅުގަނޑަށް އުފާވެރިކަން ލިބެނީ، މިރަށް، މި ޓެލެމެޑިސިންގެ ޚިދްމަތްދޭ ރަށަކަށް އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ، އަންހެން ބޭފުޅުން ބަލިވެއިނީމާ، ފިރިހެން ބޭފުޅުން ބަލިވީމާ، އެމީހުންނަށް ހުރިހާ ޑޮކްޓަރުންނަށް ދެއްކޭނެގޮތް ފަހިކުރަން. އަޅުގަނޑުމެންގެ އަމާޒަކީ، މިދުނިޔޭގައި މިހާރު ލިބެންހުރި އެންމެ ރަނގަޅު ޓެކްނޯލޮޖީ އެކަމަށް ބޭނުންކުރުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި، މިރަށުގެ ހުރިހާ ރައްޔިތުންނަށްވެސް، ރާއްޖޭގައި ތިބި ހުރިހާ ޑޮކްޓަރުންނަށް ދެއްކޭނެ ރަށުގައި ތިބެގެން. އެއީ، ޓެލެވިޜަނާއި އިންޓަރނެޓްގެ ޒަރީޢާއިން. އެނގިވަޑައިގަންނަވާނެ، ގދ. ތިނަދޫގައި މިހާރު އެނިޒާމަށް މަސައްކަތް ކުރަމުން އެބަގެންދޭ. އަދި އޭދަފުށްޓާއި، ކުޑަހުވަދުއާއި، ނައިފަރުގައިވެސް މިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުންވަނީ އެ މަޝްރޫޢު ފަށްޓާފައި. މިހާރު އަދި އިތުރަށް ސަރުކާރުން މިމަސައްކަތް 2011 ވަނަ އަހަރު ހިންގާ 34 ރަށުގެ ތެރޭގައި، ބިލެތްދޫ ހިމެނިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ނުހަނު ހިތްހަމަޖެހުން ލިބޭ ކަމެއް. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް އެމަސައްކަތް ފެނިގެންދާނެ.

އަޅުގަނޑު ދަންނަވައިފިން، މަދްރަސާއޭ ހުރިހާވެސް އެއްޗަކީ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ، މަދްރަސާއަށްޓަކައޭ. އަޅުގަނޑުމެންނަށް މިއޮތީ އިއްޔެ ނިމިފައި. އިއްޔެ ގެއްލިފައި. މިއަދު މިއޮއް ހަވީރުވީ. އަޅުގަނޑުމެންނަށް ހޯދެން ޙަޤީޤަތުގައި އޮތީ މާދަމާ. އަޅުގަނޑުމެންގެ މުސްތަޤްބަލް. އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ އަމާޒަކަށްވާންޖެހޭނީ، ދަރިންނަށް ރަނގަޅު ތަޢްލީމެއް ދެވޭތޯ އުޅުން. މި ސަރުކާރުގެ ވަޢުދެއް އެއީ، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވާ ކުދިންގެ 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް އިރާދަކުރެއްވިއްޔާ، މިސަރުކާރުން ހަދާނަމޭ. މިދިޔަ އަހަރު ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަމާއި، ޔުނިފޯމާއި އަދި އެހެންވެސް އެބާވަތުގެ ތަކެތި ގަތުމަށް އެއްލައްކަ އަށްޑިހަ ހަހާހަށްވުރެ ގިނަ ރުފިޔާ، މި ބިލެތްދުއަށް ޚަރަދު ކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބުނުކަމީ، ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި އޯލެވެލް ފީގެ ގޮތުގައި ދައްކަން ޖެހުނު އަށްޑިހަ ދެހާސް ރުފިޔާއާއި، އަދި އޭގެއިތުރަށް، އެހެންވެސް އިމްތިޙާނު ފީގެ ގޮތުގައި ފަސްދޮޅަސް އެއްހާސް ރުފިޔާ ދެއްކުމުގެ ފުރްޞަތު، ސަރުކާރަށް ލިބުނުކަމީ، މިސަރުކާރަށް ނުހަނު ހިތްހަމަޖެހުން ލިބޭ ކަމެއް.

2010 ވަނަ އަހަރުގެ ތެރޭގައި އެނގިވަޑައިގަންނަވާނެ، މިރަށުގައި 3 ކްލާސްރޫމް ޢިމާރާތް ކުރެވި، މަދްރަސާވަނީ އެއްދަންފަޅިއަށް ކިޔަވައިދޭ ތަނަކަށް ބަދަލުކުރެވިފައި. އެހެންވީމާ، އަޅުގަނޑުމެން އުންމީދު ކުރަނީ، މިރަށުގެ މަދްރަސާ ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް. އަޅުގަނޑަށް އެހެން ނަމަވެސް، ހަމަ ދަންނަވަންޖެހެނީ، މިއަހަރު އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ފާސްވި ކުދިންގެ ޢަދަދު، މިދިޔަ އަހަރަށްވުރެ، މި ބިލެތްދޫގައި ދަށޭ. އެއީ، ހިތާމައެއް. ސަރުކާރުން މިރަށުގެ މަދްރަސާއަށް ކުރާ ޚަރަދު، ކުއްޖަކަށް، ބޮލަކަށް ބަލާއިރު، މެލޭޝިޔާގެ ސްކޫލެއްގައި އުޅޭ ކުއްޖަކަށްވުރެ ގިނަ ޚަރަދު، ބޮޑު ޚަރަދު ކުރެވޭ. އެހެންވީމާ، މެލޭޝިޔާ ކުއްޖާއަށްވުރެ ރަނގަޅު ނަތީޖާ، މިރަށު ކުއްޖާ ނެރެންޖެހޭނެ. އެއީ އަޅުގަނޑުމެންގެ ބޭނުމަކީ. އަޅުގަނޑުމެންގެ އަމާޒަކީ، މިރަށުގެ ތަރައްޤީ. މިރަށުގެ ދަރިން، ހެޔޮ ދަރިންނަށްވުން. ރަނގަޅު ކުދިންނަށް ހެދުން. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑު އެދެން، ބެލެނިވެރިންނާއި، ދަރިވަރުންނާއި، ސްކޫލް ހިންގާ ފަރާތްތަކާއި އަދި ރަށު އޮފީހާއި، މެޖިސްޓްރޭޓާއި، ކެޔޮޅުންނާއި، ދަނޑުވެރިންނާއި، ރަށުގައި ދެންވެސް ތިބިހާ ބަޔަކު، މި މަދްރަސާއާ އަޅާލަން. މިއަހަރުގެ ބަޖެޓްގައި، މިރަށުގެ ބަނދަރު ހެދުން އޮންނާނީ ސަރުކާރުން ހިމަނާފައި. އިރާދަކުރެއްވިއްޔާ، މިއަހަރު އެ ބަނދަރު ސަރުކާރުން ހަދާނަން. މިހާރު ޓެންޑަރގެ މަސައްކަތް އެދަނީ ކުރިއަށް. އެހެން ނަމަވެސް، އަޅުގަނޑު ހިތަށް މިއަރާ އެއްޗަކީ، ކީއްކުރަންތޯއޭ ބަނދަރެއް ހައްދަވަން ތިއުޅުއްވަނީ. ރަނގަޅު ދިރިއުޅުމެއް ހޯދަން، ދަރިންނަށް ކިޔަވައިދޭން.

އެހެންވީމާ، ދަރިންނަށް ކިޔަވައިދިނުމުގެ ކަންތަކުގައި، ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ނުނެރުނުނަމަ، އަޅުގަނޑު ވަރަށް އުފާވީސް. ބަނދަރު ނުހަދައިގެން، ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ނުނެރޭނެއޭ ބުނެ، ބޮޑާ ހޭކީމާ އަޅުގަނޑު ދެރަވޭ. އެއީ، އެއްވެސް ހާލެއްގައި ކެންޑިޑޭޓެއް ނުލިބިގެނެއް ނޫން. އަދި އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރާނެ މީހުން ނެތިގެނެއްވެސް ނޫން. އަޅުގަނޑުމެންގެ މިމަސައްކަތަކީ، އަޅުގަނޑުމެން މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެފައިވާ ވަޢުދެއް ފުއްދުމަށް ކުރާ މަސައްކަތެއް. އަޅުގަނޑު އެމަސައްކަތުގައި އަބަދުވެސް ދެމިހުންނާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ތިޔަބޭފުޅުންގެ ލޯ ލާރިއެއްގައިވެސް ނުޖެހޭނަން. އަޅުގަނޑެއް ތިޔަބޭފުޅުންނަށްޓަކައި 10 ގަޑިއިރު މަސައްކަތް ނުކުރާ އެންމެ ދުވަހެއްވެސް ނުބާއްވާނަން. އެކަމަކު އަޅުގަނޑަށް އެނގޭ، އަޅުގަނޑު ކުރާ މަސައްކަތް މިކުރަނީ، ބިލެތްދޫގެ ދަރިންނަށްޓަކައިކަން. ބަނދަރެއް މިހަދަނީ، ދަރިންނަށް ކިޔަވައިދޭންވެގެން. ބަނދަރެއް މިހަދަނީ، މަސްދޯންޏެއް ސަލާމަތްކަންމަތީގައި އަމާންކަމުގައި ބާއްވަންވެގެން. މަސްދޯންޏެއް ބާއްވަނީ އާމްދަނީ ހޯދަންވެގެން. އާމްދަނީ ހޯދަނީ އަނބިދަރިން ގެންގުޅެންވެގެން. އެހެންވީމާ، އަޅުގަނޑަކަށް ނުވިސްނޭ، މަދްރަސާއާ އަޅާނުލައި، ދެން އަޅުގަނޑުމެން އަޅާލަން އޮތް އެއްވެސް ކަމެއް. އެހެންވީމާ، ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު އެންމެ ބޭފުޅުންގެ ކިބައިން އެބަ އެދެން. ބަނދަރު ހެދޭނެ، ބަނދަރު ހަދާނެ. ބަނދަރެއް ނުހެދޭނެ، ބަނދަރު ހަދައިގެން ލިބޭނެ މޮޅެއް، ވާނެ ރަނގަޅެއް ނޯންނާނެ، ދަރިން ނުކިޔަވާ ތިބިއްޔަކާއެއް. ޖާހިލު ކަމުގައި އަޅުގަނޑުމެން ތިބިހާ ދުވަހަކު، ޢިމާރާތް ކޮށްގެނެއް، ތަރައްޤީއަކީ ބޮޑުހިލައިން މިނާ އެއްޗެއް ނޫން. އެއްގަމުތޮށިން މިނާ އެއްޗެއްވެސް ނޫން. ސަހަރާ ވަށާފާރުން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ ކޮންކްރީޓުން މިނާ އެއްޗެއް ނޫނޭ އަޅުގަނޑު މިދަންނަވަނީ. ތަރައްޤީއަކީ އަޅުގަނޑުމެންނަށްވާ ގޮތެއް، އަޅުގަނޑުމެންގެ ވިސްނުން ތަނަވަސްވުން. އަޅުގަނޑުމެންނަށް ތަންދޮރު އެނގުން. އަޅުގަނޑުމެން ރޯފިލުން. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ބިލެތްދޫ ރައްޔިތުންގެ ކިބައިން ފަށްފަށުން އެދެން. މިރަށުގެ ދަރީންނާއިގެން އުޅެމާ ހިނގާށޭ. ސަރުކާރުން އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ، އަޅުގަނޑުމެންގެ ތިންއަހަރުގެ ތެރޭގައި، އެންމެ ރަށެއްވެސް ނުބާއްވާނަން، ބަނދަރު ހަދައި، ނަރުދަމައި އަޅައި، ފެންނުދީއެއް. އެކަން އަޅުގަނޑުމެންނަށްވާނެ. އެކަން ކުރަމުން އަޅުގަނޑުމެން މިދަނީ. އެހެން ނަމަވެސް، އަޅުގަނޑުމެނަށް ކަންކަން ކުރެވޭނީ ބިލެތްދޫގައި. އަޅުގަނޑު ގޭތެރޭގައި ކުރެވޭނެ އަޅުގަނޑު އެކަނި. ބިލެތްދޫގައި އަޅުގަނޑަށް ކުރެވޭނީ، ތިޔަބޭފުޅުންނާއެކުގައި. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން މި އެމް.ޑީ.ޕީ.ގެ ފަލްސަފާ. މިއީ ޕާޓީއަކުން ހިންގާ ސަރުކާރެއް. އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން، މިޕާޓީގެ މެނިފެސްޓޯ.، އެޕާޓީން ކަނޑައެޅީ އަޅުގަނޑު ސަރުކާރުގެ އެންމެމަތީ ވެރިޔަކަށްހުރެ، އެޕާޓީގެ ސިޔާސަތުތަކާއި، އެ ޕާޓީން ވެފައިވާ ވަޢުދުތައް ރައްޔިތުންނަށް ފުއްދައިދިނުމަށް އަޅުގަނޑު ނުކުތުމަށް. އަޅުގަނޑު މިކުރާ ކަމަކީ، އެ ޕާޓީގެ މަސައްކަތެއް. ތިޔަބޭފުޅުންގެ މަސައްކަތެއް. އަޅުގަނޑުގެ ފައިސާއެއްވެސް ނުހުންނާނެ. އެއީ ހަމަ ތިޔަބޭފުޅުންގެ ފައިސާ. އަޅުގަނޑާ ޙަވާލުކޮށްފައި އޮތް އަމާނާތެއް. އަމާނާތްތެރިކަމާއި އިންޞާފާއެކީގައި، އެ ޚަޒާނާއިން ޚަރަދު ކުރުން. އެހެންވީމާ، އަޅުގަނޑު ކުރާ ޚަރަދު، އަޅުގަނޑު ކުރާންޖެހޭނީ، އަޑުގަދަ މީހާއަށް ރުއް ގިނަވާ ގޮތަކަށެއް ނޫން. އަޅުގަނޑު އެ ޚަރަދު ކުރާންޖެހޭނީ، މިތިބަ ކުދިންނަށް. އަޅުގަނޑުމެން ބަޔަކަށް ހެދޭތޯ ބަލަންވީ އެކުދިން. އަޅުގަނޑުމެން އަބަދުވެސް އިރާދަކުރެއްވިއްޔާ، އެކުދިންނަށްޓަކައި ކުރާ މަސައްކަތް ކުރަމުން ގެންދާނަން. އަޅުގަނޑުމެންގެ އަމާޒަކީ އެއީ.

އަޅުގަނޑުމެންގެ ޕާޓީގެ ވަޢުދެއް އެއީ، 7 އަހަރު ދުވަހުގެ ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމަކުން މި ރާއްޖޭގެ ރަށްތައް ގުޅުވާލާނެ ކަމަށް. ފުރަތަމަ ދެއަހަރުގެ ތެރޭގައި، އަސާސީ ޚިދްމަތް އަޅުގަނޑުމެން ދޭން ފަށާނަމޭ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި، މިރަށަށް 500 ފަހަރަށްވުރެ ގިނައިން ފަސިންޖަރުން ފައިބައިފި. 500 ފަހަރަށްވުރެ ގިނައިން ފަސިންޖަރުން މިރަށަށް އަރައިފި. 700 އަށްވުރެ ގިނަ ފަސިންޖަރުން މިރަށަށް ފައިބައިފި. އަދި އަޅުގަނޑަށް އެނގޭ ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް، މި ޚިދްމަތް މިރަށުގައި ދާނީ ފުޅާވަމުން. އަދި ބަނދަރާ އެކީގައި އިރާދަކުރެއްވިއްޔާ، ފެރީ ޓަރމިނަލެއްވެސް، ފުރިހަމަ ރަނގަޅު ފެރީ ޓަރމިނަލެއްވެސް ހެދިގެން މިރަށުގައިދާނެ. ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލެވި، އެކެއް އަނެކެއްގެ މުދަލާއި ޚިދްމަތް، އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވި ހެދިގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ، ތިޔަބޭފުޅުންގެ ތަނަވަސްކަން ހޯދުން.

ފެބްރުއަރީ 5 ވަނަ ދުވަހު އަޅުގަނޑުމެންނަށް މި ބިންގާ އެޅެނީ، މިރަށުގެ އެންމެ މުހިންމު މުއައްސަސާ. އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް ދެޕާޓީއަށް ދަންނަވަން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކުން ނޫނީ، މި ރާއްޖޭގެ ތަރައްޤީއެއް ނުހޯދޭނެ. އަޅުގަނޑަކީ ސިޔާސީ ޕާޓީ ތަރައްޤީ ކުރުމުގެ މަޤްޞަދުގައި އަދި އޭގެ ބޭނުމުގައި އަދި އެއީ، އަޅުގަނޑުގެ ވާޖިބެއްގެ ގޮތުގައި ދެކިގެން އެމަސައްކަތް ކުރާ މީހެއް. އަޅުގަނޑަކަށެއް ނުދެންނެވޭނެ، ދެ ޕާޓީ ނޫން އެހެން އެއްވެސް ބަޔަކަށް ވޯޓް ދެއްވުމަކަށް. އިންޑިޕެންޑެންޓް އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދެއްވާކަށެއް، އެކަން އެހެން ކުރައްވައިފިނަމަ، އަޅުގަނޑު ދަންނަވާނީ، މިރަށުގެ ތަރައްޤީއަށް ހުރަސްއެޅޭނެއޭ. ޑީ.އާރު.ޕީ. އަށްވިޔަސްވެސް، އެމް.ޑީ.ޕީ. އަށްވިޔަސްވެސް. ކުލައެއްގެ، ފިކުރެއްގެ، ވިސްނުމެއްގެ، ދިދައެއްގެ ދަށުގައިވާ ބަޔަކަށް ނޫނީ، ވޯޓްދީގެން އަޅުގަނޑުމެން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. އަޅުގަނޑު ދަންނަވަން، ތިޔަބޭފުޅުން އެދޭ ވާހަކައެއް ނޫނޭ އަޅުގަނޑު އަބަދު ދައްކާނީ. އަޅުގަނޑު ދައްކާނީ، އަޅުގަނޑަށް ފެންނަ ގޮތަށް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތަށް. އަޅުގަނޑަށް ލިބިހުރި ތަޖްރިބާއަކާއި، ޢިލްމެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަ. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މިއެދެނީ، ފިކުރެއްގެ މައްޗަށް ނޫނިއްޔާ، ވޯޓް ދެއްވައިފިއްޔާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ތަރައްޤީއަށް ހުރަސްއެޅޭނެއޭ.

އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކީ، އަޅުގަނޑު ރަށުގައި، މާލޭގައި ހުރި ބާރުތަކުން ބައެއް މިރަށަށް ދޭން. މިރަށުގެ ތަރައްޤީއަށްޓަކައި އެ ބާރުން މަސައްކަތް ކުރުމަށް. އެ ބާރު މާލެއަށް އެއްކުރީ، އެތައް ޒަމާނެއް ވަންދެން މާލޭގެ ވެރިކަމުގެ ޚާންދާންތަކުން. މިއަދު އެ ޚާންދާންތަކުގެ ކުރިއަށް ތިއްބެވި ބޭފުޅުން އެ ތިއްބެވީ، މި ބިލެތްދުއަށް ވަޑައިގެން، ތިޔަބޭފުޅުންނަށް އެ ބާރު ބަހަންވެގެން. އެއްގޮތަކަށްވެސް ދެކެވަޑައިނުގަންނަވައްޗޭ، މިއުޅެނީ މާ ރަނގަޅު ޤާނޫނުއަސާސީއެއް އަޅުގަނޑުމެންނަށް ލިބިގެން، އޭގައިހުރި އެއްޗެއްގެ ސަބަބުންނޭ. ފެހި ޤާނޫނުއަސާސީގައި ހުރި ރައްޔިތުންގެ ޙައްޤުތައް މަދެއް ނޫން. އޭގެ 16 ވަނަ މާއްދާގައި އޮންނާނެ، ކުށުގެ ތުހުމަތުން ބަރީޢަވުމަށް ޤާނޫނީ ވަކީލުންގެ އެހީ ލިބޭނޭ. 26 އާއި 27 ވަނަ މާއްދާގައި އޮންނާނެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން. މިހާރު ޤާނޫނުއަސާސީގައިވެސް ހަމަ އޮތީ އެވާހަކަ. ހަމަ ކުރީގައި އޮތް ޤާނޫނުލްޢުޤޫބާތް މިހާރުވެސް އޮތީ. އެއްވެސް މައްސަލައެއް ނެތް، ކުރީގައި އޮތް ޤާނޫނުލްޢުޤޫބާތް މިހާރުވެސް އޮތީ. ވެރިކަމަށް ބަދަލު އައީތީވެ، އަޅުގަނޑުމެން ކަންކަން ކުރާގޮތް ބަދަލުކުރީ. ގޮފި ހެދިގެން، ޖަލްސާ ބޭއްވިގެން، ދިދަ ނެގިގެން، ސިޔާސީ ޕާޓީ ލިބުނީމައޭ. ސިޔާސީ ޕާޓީ ތަރައްޤީ ކުރުން އަޅުގަނޑުމެން ހުއްޓާލައިފިއްޔާ، އަޅުގަނޑުމެން އަތުން މިއޮތް މިނިވަންކަން ގެއްލޭނެ. އިސާހިތަކު މިރަށުންވެސް ކޮންމެ ވޯޓަކާ ދިމާކޮށް، އަނެއްކާވެސް ފަންސާހަކަށް މީހުން ގެންގޮސް ޖަލަށްލާނެ. އަޅުގަނޑު ވަކި ޕާޓީއެއްގެ ވާހަކައެއް ނޫން މިދަންނަވަނީ. ކޮންމެ ޕާޓީއަކަށްވިޔަސްވެސް ހެޔޮ. ޕާޓީގެ ނިޒާމް ދޫކޮށްނުލައްވައްޗޭ. އަޅުގަނޑު ދަންނަވާނީ ތިލަފަތަށްޖަހާށޭ. ތިލަފަތަށް ވޯޓް ޖައްސަވާށޭ. އެއީ އަޅުގަނޑުގެ ފިކުރު. އަޅުގަނޑު އެ އޮޅުވާލާކަށްވެސް ނުހަދާނަން. އަދި އަޅުގަނޑު ދަންނަވާނީ، އެނޫން އެހެން އެއްވެސް ކަމެއް. އަޅުގަނޑަކީ އަމިއްލަ ކެންޑިޑޭޓޭ، ދެކެވޭ ވާހަކަ އެއްގޮތަކަށްވެސް ގަބޫލުކުރާނެ މީހެއް ނޫން. އެމް.ޑީ.ޕީ.ގެ ފިކުރުގެ، ޑީ.އާރު.ޕީ.ގެ ފިކުރުގެ މީހުނެއް ނުތިބޭނެ، ޕާޓީން ބޭރަކު. ޕާޓީގެ ފިކުރުގެ މީހުން ތިބޭނީ ޕާޓީގެ ތެރޭގައި. ޑީ.އާރު.ޕީ މީހުންވެސް، އެމް.ޑީ.ޕީ މީހުންވެސް، ޢަދާލަތު މީހުންވެސް.

އެހެންވީމާ، އަޅުގަނޑުގެ ހަމަ ހެޔޮ ނަޞޭޙަތަކީ، ވިސްނަވާށޭ، މިހާރު އަޅުގަނޑުމެން މިއުޅެނީ، ކުރީގައި އަޅުގަނޑުމެން ކަން ކުރަމުންދިޔަ ގޮތާ ވަރަށް ތަފާތުކޮނޭ. އަޅުގަނޑުމެން ތިޔަބޭފުޅުންގެ ތަރައްޤީއަށްޓަކައި ތިޔަ ބޭނުންވެލައްވާ ކަންތައްތައް ކުރާނެ. ބަނދަރު ހަދާނެ. އެއަކު ޝައްކެއްނެތް. އަދި ނަރުދަމާވެސް ހަދާނަން. ފެންވެސް އަޅާނަން. އަދި މިރަށުގައި ހަމަ އެކަންކަން ނުކޮށެއް މި ސަރުކާރެއް، ދެން އަނެއް އިންތިޚާބަކަށް ނުދާނަން. އަޅުގަނޑުމެންގެ ހައްތަހާވެސް ބޭނުމަކީ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީވުން. އަޅުގަނޑުމެންގެ ހައްތަހާވެސް ބޭނުމަކީ، މި ބިލެތްދުއަށް އަދި މިއަށްވުރެ މާ ފާގަތި ދުވަސްތަކެއް ލިބުން. މިތާ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ސަލާމަތްކުރެވި، ތިޔަބޭފުޅުން މުއްސަނދިވުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________