ރާއްޖޭގައި މަދިރި މަދުކުރުމުގެ މަސައްކަތް، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޙައްލުކުރުމުގައި، ދަތިތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން ހިންގެވި ޚާއްޞަ ދެ ޕްރޮގްރާމެއް ކަމަށްވާ [މަދިރި ކޮންޓްރޯލް 2011] އަދި [އެއްފަސް 2011]، ނިންމުމުގެ ގޮތުން މިއަދު ހަވީރު ކަޅުތުއްކަލާކޮށީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނީ ގޮތުން ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް މިހާރަށްވުރެ ބާރުވެރި ކުރުމަށް، އަވަސް މަގެއް ހޯދުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، މިކަމާ ގުޅިގެން ބަންޑާރަ ނައިބާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މަދިރި މަދުކުރުމުގެ މަސައްކަތް، ޢާންމު ގޮތެއްގައި ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެހިގެންނުދާ ކަމުގައިވާނަމަ، މަދިރީގެ ނުރައްކާތައް އަބަދުވެސް ދިމާވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަދިރި ގިނަވެ، އުފެދޭ ބަލިތައް ޢާންމުވެގެންދާ ދިޔުމަށް ހުއްޓުމެއް ގެނައުމަކީ، ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވަމުން، މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައިވެސް، އެމް.އެން.ޑީ.އެފް.ގެ ބޭފުޅުން ބައިވެރިވެވަޑައިގެން، ކާމިޔާބުކަމާއެކު މަސައްކަތް ނިންމަވައިދެއްވި ކަމަށްޓަކައިވެސް، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ހިނގާ ވަރަށްގިނަ ކަންކަން، އޮމާންކަމާ އެކީގައި ހިންގުމުގައި، އެމް.އެން.ޑީ.އެފް.ގެ ބައިވެރިވުމާއި މަސައްކަތް، އެކަންކަމުގައި ހިމެނޭކަމީ، މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިޔުމަށް އަދި ސަރުކާރަށާއި ރައްޔިތުންނަށް، އޭގެ ފައިދާތައް ރަނގަޅަށް ކުރުމަށް ލިބޭ ވަރަށްބޮޑު ހިތްވަރަކާއި، އެޅޭ ވަރަށްބޮޑު ބާރެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ހދ. ނޮޅިވަރަންފަރަށް، އެއަތޮޅު މާވައިދޫ ރައްޔިތުންނާއި، ކުނބުރުދޫ ރައްޔިތުންނާއި، ފަރިދޫ ރައްޔިތުން ބަދަލުކުރުމުގެ މަސައްކަތަކީ، ވަރަށްބޮޑު މަސައްކަތެއް ކަމަށާއި، އެމް.އެން.ޑީ.އެފް.އިން 11 ދުވަހުގެ ތެރޭގައި، އެމަސައްކަތް ނިންމަވައި ދެއްވާފައިވަނީ، ވަރަށް ފަރުވާތެރިކަމާ އެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވަރަށްގިނަ ރައްޔިތުންގެ ހިތްހަމަޖެހުން، އެމަސައްކަތަށް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ހދ. އަތޮޅުގެ ރައްޔިތުންގެ ނަމުގައާއި، ރާއްޖޭގެ ރައްޔިތުންގެ ނަމުގައި އެމް.އެން.ޑީ.އެފް.ގެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.