މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި ކުދިން، އަލުން އަނބުރާ މުޖްތަމަޢަށް ނެރުއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކުގައި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، އެހެންވެސް ބޮޑެތި ކުންފުނިތަކުން ބައިވެރިވެ، ދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ ކުދިން އަނބުރާ މުޖްތަމަޢަށް ގެންނެވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ބައްލަވާލައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރު ޙިއްޞާވާ ކުންފުންޏެއް ކަމަށްވާ ވަރކްސް ކޯޕަރޭޝަން ލިމިޓެޑުން، އެކުންފުނީގެ ތިލަފުށީ ޕްރީކާސްޓް ޔާޑްގެ މަސައްކަތްތަކަށް މިދިޔަ އަހަރު މާޗްމަހު 15 ކުދިން ގެންނެވި ކަމަށާއި، އެކުދިން އެކުންފުންޏަށް ގެންނެވީ، އެކުދިން މުޖްތަމަޢަށް އަހުލުވެރިކޮށް، މުޖްތަމަޢަށް ނެރުމަށް ކުރެވެންހުރި މަސައްކަތްތަކަކީ ކޮބައިތޯ ދެނެގަނެ، އެކުދިންނަށް އެހީތެރިކަމެއް ފޯރުއްވައިދެއްވުމަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި 15 ކުދިންގެ ތެރެއިން 6 މަސްފަހުން 11 ކުދިން މިނިވަންވެ، މުޖްތަމަޢަށް ނުކުމެފައިވާ ކަމަށާއި، އޭގެފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު 10 ގައި އެކުންފުންޏަށް އިތުރު 16 ކުދިން ނެންގެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި 16 ކުދިން އެކުންފުނީގައި މިހާރު މަސައްކަތް ކުރަމުން އެބަދާ ކަމަށާއި، ސަރުކާރުން ބައްލަވަމުން މިގެންދަވަނީ، މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި ވީހާވެސް ގިނަ ކުދިން، މުޖްތަމަޢަށް ނެރެވޭނެ ގޮތަކަށް ކަންތައްތައް ގެންދެވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދެވުމުގައި، ވަރކްސް ކޯޕަރޭޝަނުން އިތުރު 25 ކުދިން ނެގުމަށް ޤަޞްދު ކުރައްވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑްރަގްގެ ދެވީގައިޖެހި، އެކަމުގައި މުޅި ޢާއިލާއާއި މުޖްތަމަޢުން އެކަހެރިވާ ކުދިންނަށް ގޮތެއް ހޯދައިދިނުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަމަށްޓަކައި ސަރުކާރުން ހިންގަވާ މަސައްކަތްތައް އަދި އިތުރަށް ބާރަށް ހިންގަވަން ފެށްޓެވުމަކީވެސް، އެހާމެ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރު ޙިއްޞާވާ ކުންފުނިތައް ނޫނަސް، އެހެންވެސް ބޮޑެތި ކުންފުނިތަކުން މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ، ސަރުކާރުގެ ވަރަށްބޮޑު އެދިވަޑައިގަތުމެއްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ވީހާވެސް ގިނަ ކުންފުނިތަކަކުން މިޕްރޮގްރާމްގައި ބައިވެރިވުމަށް ސަރުކާރަށް އިޝާރާތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިފެށޭ ހަފްތާގެ ތެރޭގައި، އެމަނިކުފާނު އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވުމާއެކު، މިދަތުރުފުޅުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިދަތުރުފުޅަކީ، ސަސެޕްގެ ވަރލްޑް ކޮންފަރެންސް އޮން ސައުތު އޭޝިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރެއްވުމަށް ސަސެޕުން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، މިކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ބަޙުޘް ކުރުމަށް ހަމަޖެހިފައިވަނީ، ޑިމޮކްރަސީއާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ސަރަޙައްދީ ޞުލްޙައާ ބެހޭގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ސަރަޙައްދުގެ ގިނަ ޤައުމުތަކުން އެޤައުމުތަކުގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު އަދި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، ތަރައްޤީއަށް އެޅޭ ހުރަސްތަކާވެސް ކުރިމަތިލަމުންދާއިރު، މިދަނޑިވަޅުގައި މިފަދަ ބައްދަލުވުމެއްގައި، މިކަންކަމާ ބެހޭގޮތުން ސަރަޙައްދުގެ ހުރިހާ ޤައުމުތަކުންނާއި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި މުއައްސަސާތަކުން ބައިވެރިވެ، ބަޙުޘް ކުރުމަކީ، މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.