ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫ ސިޓީއަށާއި، ފުވައްމުލަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، މިއަދު ފުވައްމުލަކަށް ވަޑައިގެން، ފުވައްމުލަކުގައި ވަޒީފާ އަދާކުރައްވާ ސިވިލް ސަރވިސްގެ ޑިރެކްޓަރުން ފެށިގެން މަތީގެ ބޭފުޅުންނާއި، ފުވައްމުލަކު ވިޔަފާރިވެރިންނާއި، އެ އަތޮޅުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާތަކާއި، ސްކޫލްތަކުގެ ބޯޑު މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ފުވައްމުލަކުގައި ޚިދުމަތް ކުރައްވާ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ޑިރެކްޓަރުން ފެށިގެން މަތީ ފެންވަރުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ މިއަދު ހެނދުނުއެވެ. ފުވައްމުލަކު އަތޮޅުގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، އަތޮޅު ކައުންސިލްތައް އުފެދުމާ ގުޅިގެން ފުވައްމުލަކުގެ ހިންގުމުގެ ދާއިރާއަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުން އެބޭފުޅުންނާ މަޝްވަރާ ކުރެއްވިއެވެ. އަދި ފުވައްމުލަކުގެ ތަރައްޤީއަށް، އެ އަތޮޅުގައި މަސައްކަތް ކުރައްވާ ސިވިލް ސަރވިސް މުވައްޒަފުން ކުރައްވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ފުވައްމުލަކުގައި ހިންގާ ސްކޫލްތަކުގެ ބޯޑު މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގައި ބައްދަލުކުރައްވައި، ފުވައްމުލަކުގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރާއި ސްކޫލްތަކުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމާ ބެހޭގޮތުންވެސް މިއަދު މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކުގެ ތަރައްޤީގެ ނާރެހަކީ އެރަށުގެ ދަރިވަރުން ކަމަށާއި، ސަރުކާރުގެ އަބަދުވެސް އަމާޒަކީ، ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ދެވޭނެ އިންތިޒާމް ހަމަޖެއްސެވުން ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ މިހާރުގެ ވިސްނުންފުޅަކީ، އަތޮޅު ކައުންސިލާއި، ސްކޫލްތަކުގެ ބޯޑަށް އިތުރު ބާރުތައް ދެއްވައިގެން، ސްކޫލްތައް ތަރައްޤީކުރައްވައި، ތަޢުލީމް ހަރުދަނާ ކުރެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ފުވައްމުލަކު ވިޔަފާރިވެރިންނާއި، އެ އަތޮޅުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާތަކާ ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކާބެހޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުވައްމުލަކުގައި އަޅާ އެއަރޕޯޓް އަޅާ ނިމުމުން، ޑޮލަރު ނުލިބުމުގެ ސަބަބުންނާއި، ދަނޑުވެރިންގެ އުފެއްދުންތައް ފަސޭހައިން މާލެއަށް ގެންދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ވަރަށް ބޮޑަށް ޙައްލުވާނެ ކަމަށެވެ. މީގެއިތުރުން، އަމިއްލަ ޖަމްޢިއްޔާތަކުގެ ހަރަކާތްތައް ހިންގުމުގައި، މުޅިން ސަރުކާރަށް ބަރޯސާވުން ކުޑަކޮށް، އެ ފަރާތްތަކުގެ ހަރަކާތްތައް ހިންގުމަށް އަމިއްލައަށް ފައިސާ ހޯދޭނެ ގޮތްތައް ހަމަޖެއްސެވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، އަމިއްލަ ޖަމްޢިއްޔާތަކަށް އެހީތެރިވުމަށް ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން ހިންގާ ޕްރޮގްރާމްގެ އިތުރުން، މި އަހަރުގެ ބަޖެޓްގައިވެސް އަމިއްލަ ޖަމްޢިއްޔާތަކަށް އެހީތެރިވުމަށް ފައިސާ ހިމަނުއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި، ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން، އެ ހޮސްޕިޓަލުގެ އިސްވެރިންނާ، ސަދަން ހެލްތް ސަރވިސަސް ކޯޕަރޭޝަންގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. އަދި ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާވެސް ބައްދަލުކުރައްވައި، އެމީހުންގެ ހާލު ބައްލަވާލެއްވިއެވެ. މީގެއިތުރުން، ފުވައްމުލަކު އަތޮޅު ކައުންސިލާއި ރަށު ކައުންސިލަށް ހޮވިވަޑައިގެންފައިވާ މެންބަރުންނާއި، ފުވައްމުލަކުގެ އެމް.ޑީ.ޕީ. ދާއިރާގެ ރައީސުންނާއި ހިންގާ ކޮމިޓީތަކާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ފުވައްމުލަކަށް ވަޑައިގެންނެވުމުގެ ކުރިން، އައްޑޫ ސިޓީގައި މިއަހަރުގެ ސާކް ސަމިޓް ބޭއްވުމަށް ބިނާ ކުރެވޭ އައްޑޫ ކޮންވެންޝަން ސެންޓަރު އެޅުމަށް ހަމަޖައްސަވާފައިވާ ބިން ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީއަށާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ވަނީ މާލެ ވަޑައިގެންފައެވެ.