ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫ ސިޓީއަށާއި، ފުވައްމުލަކަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، މިއަދު މެންދުރުފަހު އައްޑޫ ސިޓީއަށް ވަޑައިގެން، އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު އަތޮޅު ކައުންސިލުގެ ޤައުމީ އިދާރާގެ އޮފީސް ހުޅުއްވައި ދެއްވައިފިއެވެ. މިކަމަށްޓަކައި، ދެކުނު ޕްރޮވިންސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު އަތޮޅު ކައުންސިލުގެ ކަންކަން ހިންގެވުމަށްޓަކައި، މިފަދަ އޮފީހެއް ހުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

އައްޑޫ ސިޓީގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީ.ޑީ.ޕީ.އަކީ، ދެ ބިލިއަން ރުފިޔާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހާމަކުރައްވަމުން، އެމަނިކުފާނުގެ ސަރުކާރުގެ 5 އަހަރު ނިމުމުގެ ކުރިން، އައްޑޫގެ ޖީ.ޑީ.ޕީ. ދެގުނައަށް އިތުރުކުރައްވައި، ހަތަރު ބިލިއަން ރުފިޔާއަށް ގެންދެވުމަކީ، ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު އަތޮޅު ކައުންސިލުގެ ޤައުމީ އިދާރާގެ އޮފީސް އިފްތިތާޙް ކޮށްދެއްވުމުގެ ކުރިން، ދެކުނު ޕްރޮވިންސް އޮފީހުގައި، އައްޑޫ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންފައިވާ މެންބަރުންނާއި، މާލޭ ސިޓީ ކައުންސިލަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހޮވިވަޑައިގެންފައިވާ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީ ކައުންސިލާއި، މާލޭ ސިޓީ ކައުންސިލް ގުޅިގެން، ދެ ސިޓީގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުމުގެ މުހިންމުކަމާ ބެހޭގޮތުން އެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

އައްޑޫ ސިޓީގައި ހިނގަމުންދާ ސްކޫލްތަކުގެ ސްކޫލް ބޯޑު މެންބަރުންނާވެސް ރައީސުލްޖުމްހޫރިއްޔާ، މުޙިއްބުއްދީން ސްކޫލްގައި މިއަދު މެންދުރުފަހު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީގެ ސްކޫލްތައް ހިންގުމުގައި، ދިމާވާ ދަތިތަކުގެ މަޢްލޫމާތު އޮޅުންފިލުއްވައި، މި ދަތިތައް ޙައްލު ކުރެއްވުމަށް ސަރުކާރުން އެޅުއްވެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ ބެއްލެވިއެވެ.

މީގެއިތުރުން، ސަދަން ޔުޓިލިޓީޒް ކުންފުނީގެ ބޯޑާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަނާއި، މެނޭޖިންގ ޑިރެކްޓަރާއި، އެސް.ޓީ.އޯ ބޯޑާއި، ސަރަޙައްދީ ބަނދަރުގެ ބޯޑާއި، ގަން އެއަރޕޯރޓް ކުންފުނީގެ ބޯޑާއި، ސައުތު ހެލްތް ސަރވިސަސް ކޯޕަރޭޝަންގެ ބޯޑާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުންނާއި، ވިޔަފާރި އުޞޫލުން، ރައްޔިތުންނަށް ލިބެންޖެހޭ ޢާންމު ޚިދްމަތްތައް ފޯރުއްވައިދެއްވުމަށް ސަރުކާރުން ދެއްވާ އިސްކަމާއި، މިކަމުގެ ސަބަބުން، ރައްޔިތުންނަށް ލިބޭ ފައިދާގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން، އައްޑޫގައި ވިޔަފާރި ފުޅާކުރުމަށް، މި ކުންފުނިތަކުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، މި ކުންފުނިތަކާއެކު މަޝްވަރާ ކުރެއްވިއެވެ.

އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން، ޑިރެކްޓަރުން ފެށިގެން މަތީ މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ލާމަރްކަޒީ އުޞޫލުގެ ދަށުން އައްޑޫ ސިޓީ ކައުންސިލް ޤާއިމް ކުރެވިގެން ދިޔުމަކީ، ސަރުކާރުގެ ހިންގުމަށް އަންނަ ވަރަށްބޮޑު ބަދަލެއްކަން ފާހަގަކުރައްވައި، އެކަމާ ގުޅޭގޮތުން، އެބޭފުޅުންގެ ޚިޔާލު ހޯއްދެވިއެވެ. އަދި އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ސަރުކާރު މުވައްޒަފުން ކުރައްވާ މަސައްކަތުގެ އަގު، ސަރުކާރުން ވަޒަން ކުރައްވާ ކަމަށް ވިދާޅުވެ، އެބޭފުޅުން ކޮށްދެއްވާ އިޚްލާޞްތެރި މަސައްކަތަށްޓަކައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީއަށް މިކުރައްވާ ދަތުރުފުޅުގައި، އައްޑޫ ސިޓީގައި ޙަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާ މިރޭ އިރާކޮޅު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތަކާއި، ސިޓީތައް ހިންގަން ފެށުމުން، މިފަދަ ޖަމާޢަތްތަކުގެ ދައުރު ފުޅާވެގެންދާނޭ ކަމަށާއި، މި ނިޒާމް ހަރުދަނާ ކުރެއްވުމުގައި، މި ޖަމާޢަތްތަކަށް، ޚާއްޞަގޮތެއްގައި، އައްޑޫ ސިޓީގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިފަދަ ޖަމާޢަތްތަކަށް، ޔޫ.އެން.ޑީ.ޕީ.އިން ދެއްވުމަށް މިއަހަރު ކަނޑައަޅުއްވާފައިވާ އެހީ، ކުރީ އަހަރުތަކަށްވުރެ އިތުރުވެފައިވާ ކަމަށް ވިދާޅުވެ، މިއީ، މި ޖަމާޢަތްތަކުގެ ޙަރަކާތްތައް ހަރުދަނާ ކުރުމަށް ލިބޭނެ އިތުރު އެހީތެރިކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.