بســم اللّـه الرّحمـن الرّحيــم

އުޑުތަކާއި ބިންތަކުގެ ނޫރަކީ ﷲ. އެކަލާނގެ ނޫރުފުޅުގެ މިސާލަކީ، ރަންމުތުގެ ބިއްލޫރި ތަރިއެއްގެ ތެރޭގައި ދިއްލިފައިވާ ބައްތިއެއްގެ މިސާލޭ. އެ ބައްތި ދިއްލޭނީ، ބަރަކާތްތެރި އަތްތަކަކުންނޭ. އެގަހަކީ އިރުމަތީގެ ގަހެއްވެސް ނޫނޭ. އަދި ހުޅަނގުގެ ގަހެއްވެސް ނޫނޭ. އަލިފާން ނުބީހުނަސް، އެ ގަހުގެ ތެޔޮ އަލިކޮށްދެއޭ. އަލިކަމުގެ މައްޗަށް އަލިކަމޭ. އެކަލާނގެ އިރާދަކުރެއްވި މީހަކަށް އެކަލާނގެ ނޫރު ދައްކަވަތޭ. އަދި މީސްތަކުން ދެނެގަތުމަށްޓަކައި ﷲ މިސާލު ޖައްސަވަތޭ. އަދި ﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވެއޭ.

ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޢިއްޒަތްތެރި ވަޒީރުން، ކޮލެޖް ކައުންސިލްގެ ރައީސާއި މެންބަރުން، ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުން، އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ އިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިޖަލްސާއަކީ ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއް ފުރަތަމަ އުފެއްދުމަށް ބޭއްވޭ ތާރީޚީ ޖަލްސާ. މަތީ ތަޢްލީމާބެހޭ މަޖިލީހުގެ ރައީސްގެ ޙައިޘިއްޔަތުން، މިޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރްޞަތު ލިބުނު ކަމަށްޓަކައި، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން، ދިވެހިރާއްޖޭގެ ވައިސް ޕްރެޒިޑެންޓްގެ ޙައިޘިއްޔަތުން އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވި އެންމެ މުހިންމު މަސައްކަތަކީވެސް، ރާއްޖޭގައި ޔުނިވަރސިޓީއެއް ޤާއިމް ކުރުން ކަމަށްވާތީ، މިއަދަކީ އަޅުގަނޑަށް ވަކިން ޚާއްޞަ އުފަލެއް ލިބޭ ދުވަހެއް.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު ބުނާގޮތުން، ޔުނިވަރސިޓީ ޤާއިމް ކުރުމުގެ މަޤްޞަދަކީ، ދިވެހިރާއްޖެ، ފުރިހަމަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަން ބޭނުންވާ އަދި ޤައުމުގެ ޘަޤާފީ، އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށްޓަކައި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ ޢިލްމާއި ހުނަރު އުފައްދައި، ހޯދާ، ރައްކާތެރިކޮށް ފެތުރުން. ޔުނިވަރސިޓީގެ މަޤްޞަދަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ނަންބޯޑް ހަމައެކަނި ބަދަލުކޮށްލުމެއް ނޫން. ޔުނިވަރސިޓީ އުފެދުމުން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ އިތުރުން، ސަރުކާރުގެ ދަށުގައި މިހާރު ކުރަމުންދާ ބައެއް ރިސަރޗް މަސައްކަތް، ޔުނިވަރސިޓީގެ ދަށަށް ބަދަލުވެގެންދާނެ. ޤައުމީ ޔުނިވަރސިޓީއެއް އުފެއްދުމުގެ އެންމެބޮޑު ބޭނުމަކީ، ޤައުމު ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ އިންސާނީ ރައުސްމާލު އުފެއްދުމާއި، އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ކުރިއެރުމަށް ބޭނުންވާ ޢިލްމު އުފެއްދުމާއި، އެ ޢިލްމު ހެޔޮގޮތުގައި ބޭނުންކުރުން.

އެނގިވަޑައިގަންނަވާނޭ ފަދައިން، ޔުނިވަރސިޓީ އުފެދިގެން މިއަންނަނީ، މިހާތަނަށް ރާއްޖޭގައި އެޅިފައިވާ މަތީ ތަޢްލީމުގެ ބިންގަލެއްގެ މައްޗަށް. ތަފާތު ދާއިރާތަކުން ހުނަރުވެރި މީހުން އުފެއްދުމަށްޓަކައި، ޤާއިމް ކުރެވުނު އެކިއެކި ޓްރޭނިންގ ސެންޓަރުތައް، ފެކަލްޓީތަކަކަށް ބަދަލުވެ، އެ ފެކަލްޓީތައް އެކުލެވިގެންވާ ގޮތުން އުފެއްދިފައިވާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން މިހާތަނަށް އައީ، ސެޓްފިކެޓް، ޑިޕްލޮމާ އަދި ޑިގްރީ ލެވެލްގެ ކޯސްތައް ދެމުން.

ޝައްކެއްނެތް. ޔުނިވަރސިޓީ ޤާއިމް ކުރެވުމުން، މިހާތަނަށް ކުރެވިފައިވާ މަސައްކަތަށް، އިތުރު ފުރިހަމަކަމެއް އައިސް، ކުރިއަށްވުރެ ފެންވަރު ރަނގަޅު އަދި މަތީ ދަރަޖައިގެ ކޯސްތައް އުފެދިގެންދާނެ. ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޔުނިވަރސިޓީއެއް އުފެއްދުމަކީ، މާނަވީ ބޮޑު ބަދަލެއް، މުޅި ޤައުމަށް ގެނެވޭނެ ކަމެއް.

މިއަދު އަޅުގަނޑުމެން މި ޔަޤީންކޮށް އަރުވަނީ، ދިވެހި ޤައުމުގައި، ޤައުމުގެ ޙާލަތާއި ކުރިމަގާމެދު ވިސްނައި ދިރާސާކޮށް، މަގު ދައްކާނެ ބައެއް ތިބެންޖެހޭ ކަމަށް. ޤާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ކަށަވަރުކޮށްދެނީ، މިނިވަން މުސްތަޤިއްލު ބައެއް، ޤައުމުގެ ކަންކަމާމެދު ވިސްނައި، ދުރު ރާސްތާގައި ރާއްޖެއަށް ރަނގަޅު ގޮތްތަކަކީ ކޮބައިތޯ ބަލައި ވިސްނަން އެބަ ތިބެންޖެހޭކަން. މިސަބަބަށްޓަކައި، ޔުނިވަރސިޓީ ހިންގާ މަޖްލިސް، ޔުނިވަރސިޓީ ކައުންސިލަށް، ޤާނޫނު ވަނީ ވަރަށް ބޮޑެތި ބާރުތަކެއްދީފައި. މީގެ ބޭނުމަކީ، ޕްލޫރަލް ސޮސައެޓީއެއްގައި، ވަކިފަރާތެއްގެ ނުފޫޒު، އާދަޔާ ޚިލާފަށް ބޮޑުވިޔަނުދީ، ވީހާވެސް ބޮޑަކަށް، ދާޚިލީ ސިޔާސީ އަދި މަޒްހަބީ ނުފޫޒުތަކުން ހިމާޔަތްވެފައިވާ ޢިލްމުވެރި މާޙައުލެއް އުފައްދައިދިނުން.

ޖުމްލަކޮށް، އިންސާނުން މިއަދާ ހަމައަށް ހޯދާފައިވާ ހުރިހާ ޢިލްމަކީ، މުޅި އިންސާނިއްޔަތުގެ މިލްކެއް. އެ ޢިލްމު ހޯދިފައިވަނީ، އިންސާނުންގެ ވިސްނުމަށް، ވަށައިގެންވާ މާޙައުލުގެ އިޙްސާސް ކުރެވި، ތަޖްރިބާ ކުރެވުނު މިންވަރަކުން. މިހާތަނަށް ހޯދިފައިވާ ޢިލްމަކީ، އުޑުތަކާއި ބިންތަކުގައި އަދި މުޅި ކާއިނާތުގައި، ﷲ ލެއްވި ނޫރުގެ ކުޑަކުޑަ މިންވަރެއް. އަދި ހަމަ އެފަދައިން، އިންސާނުންނަށް ބޭނުންކުރެވެނީ، އާދަމްގެ ދަރިންގެ ސިކުނޑީގައި ﷲ ލެއްވި ކުޅަދާނަކަމުގެ ދާދި ކުޑަ މިންވަރެއް. ވީމާ، އަދި މިހާތަނަށް އަޅުގަނޑުމެނަށް ހޯދިފައިވާ ޢިލްމަކީ، ދާދި ކުޑަކުޑަ އެއްޗެއް. ނަމަވެސް، ވިސްނާވަޑައިގަންނަވާ. ﷲގެ ކުޅަދުންވަންތަކަމުގެ ކޮޅެއް، މެދެއް ނޭނގޭ ދިގު ރާސްތާގައި، އިންސާނުން އުފައްދަވައި، އަދާ ހަމައަށް އައިއިރު، މިއަދުގެ އިންސާނާއަކީ، މިހާތަނަށް އުފެއްދެވި ހުރިހާ އެއްޗެއް ރަމްޒުކޮށްދޭ އަދި އިންސާނާގެ ހަށިގަނޑާއި ސިކުނޑީގައި، އެހުރިހާ އެއްޗެއް އުނގެނުމުގެ ބާރު ލައްވާފައިވާ މީހެއް. އަދި ހަމަ އެހެން، ޢިލްމު ހޯދުމުގައި، އިންސާނާގެ ހަށިގަނޑާއި ސިކުނޑީގެ ހުރިހާ ޙިއްސުތަކެއް ޝާމިލްވޭ. ޢިލްމު އުނގެނެނީ، ހަމައެކަނި ލޮލަށް ފެންނަ އެއްޗަކުންނަމަ، ލޯފަން ޢިލްމުވެރިންނެއް ނުތިބީސް. އަދި ހަށިގަނޑަށް ކުރެވޭ އިޙްސާސަކުންނަމަ، ހަށިގަނޑުގެ ބާރެއް ނެތް ޢިލްމުވެރިންނެއްވެސް ނުތިބީސް. އިންސާނާގެ ކޮންމެ ޙިއްސަކީ، ޢިލްމު އުގެނުމަށް ލިބިފައިވާ ވަސީލަތެއް. ތަޢްލީމް ދިނުމުގެ އެންމެބޮޑު އެއް މަޤްޞަދަކީ، އުނގެނުމުގެ ޤާބިލްކަން އިތުރުކުރުން. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، އިންސާނީ ޤާބިލިއްޔަތު ކުރިއަރުވައި، ޢިލްމުވެރިކަން ކުރިއަރުވާ ތަނަކަށް ހެދުމަށް، ކުރަންހުރި ކިތަންމެ ކަންތަކެއް އެބަހުރި.

ޢިއްޒަތްތެރި ރައީސް.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، ދިވެހިރާއްޖޭގައި ޢިލްމުގެ ނޫރު ފަތުރާ އަލިގަދަ ދަންމަރަކަށް ހެދުމަށް ޢަޒުމް ކަނޑައެޅުން ވަރަށް މުހިންމު.

އެފަދަ ތަނަކަށް ޔުނިވަރސިޓީ ހެދޭނީ، ޢިލްމީ މިނިވަންކަން، އެންމެ ފުޅާ ދާއިރާގައި އޮވެގެން. ޢިލްމު ހޯދުމާއި، އުފެއްދުމާއި، އުނގެނުމާއި، ފެތުރުމުގެ ފުރިހަމަ މިނިވަންކަން އޮވެގެން. މިފަދަ ޔުނިވަރސިޓީއެއް، މި ޤާއިމް ކުރެވެނީ، ދިވެހިރާއްޖޭގެ އާ ޑިމޮކްރެޓިކް ވެށީގެ ތެރޭގައިކަމީ، ޝައްކެއްނެތްގޮތުގައި ހެޔޮފާލެއް. ވީމާ، ވީހާވެސް ބޮޑަކަށް ޢިލްމީ މިނިވަންކަން ޔަޤީންކޮށްދިނުމަށްޓަކައި، ސިޔާސީ ނުފޫޒުތަކުން ޔުނިވަރސިޓީ ހިމާޔަތް ކޮށްދިނުމަކީ، މުހިންމު ކަމެއް. އަޅުގަނޑުވެސް ގަބޫލުކުރަން. ކިތަންމެ ބޮޑަކަށް ޢިލްމީ މިނިވަންކަން ހިމާޔަތް ކުރަން މަސައްކަތްކުރި ނަމަވެސް، އެ ޔުނިވަރސިޓީއެއް ހުންނަ ޤައުމެއްގެ މުޖްތަމަޢެއްގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ނުފޫޒުތަކުން މުޅިން އެއްކިބާވެފައި އޮންނަން ދަތިވާނެ. އަދި ހަމަ އެހެން، ޔުނިވަރސިޓީއަކީ މުޖްތަމަޢާ ގާތް ގުޅުން އުފެދިފައި އޮންނަންޖެހޭ ތަނެއް. އަދުގެ ބާރު ސްޕީޑެއްގައި ބަދަލުވަމުންދާ ދިވެހި މުޖްތަމަޢުގައި، ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކާއި، ޓެކްނޮލޮޖީއާއި ތިމާވެށްޓަށް އަންނަ ބަދަލުތަކަކީ، ދިވެހި ޤައުމީ ޔުނިވަރސިޓީއަކަށް، އޭގެ އަސަރު ނުކޮށްނުދާނެ ކަންކަން. ވީމާ، އެކަންކަން ކުރިއެރުވުމުގައި، އާ ވިސްނުންތަކާއި، އާ ހޯދުންތައް ހޯދައި، ރައްޔިތުންނަށް، އެ މަޢްލޫމާތު ފޯރުކޮށްދިނުމަކީ، ޔުނިވަރސިޓީގެ ވަރަށް މުހިންމު މަސްއޫލިއްޔަތެއް.

މިހާތަނަށް ކޮލެޖްގެ ފެކަލްޓީތަކުގައި ކުރެވެމުން އައި އެންމެބޮޑު މަސައްކަތަކީ، ޢިލްމު އުނގަނައިދިނުން. ޢިލްމު ހޯދުމާއި، ޢިލްމު އުފެއްދުމުގެ މަސައްކަތަކީ، ޔުނިވަރސިޓީ ޤާއިމްވުމުން، އިތުރުވެގެންދާނެ މަސައްކަތެއް. ޔުނިވަރސިޓީގައި ޢިލްމު އުފެއްދުމާއި، ދެނެގަތުމުގެ ހުރިހާ ވަސީލަތްތަކެއް ފުރިހަމައަށް ބޭނުންކުރުމަކީ މުހިންމު ކަމެއް. ތަފާތު ވިސްނުމާއި ތަފާތު ޚިޔާލުތަކަށް ތަންދިނުމަކީ މުހިންމު ކަމެއް. އެއްވިސްނުމަކަށް، އެއްފަހުމަކަށް އެންމެން ތަބާކުރުމަކީ، ޔުނިވަރސިޓީއެއްގައި ނަމަވެސް، ގަދަބާރުން ނޫނީ ކުރެވޭނެ ކަމެއް ނޫން. ވިސްނުމާއި ފިކުރުގެ މިނިވަންކަމާއި، ޢިލްމު ހޯދުމުގެ މިނިވަންކަމަކީ، އިންސާނީ ޙައްޤެއްކަން ހަނދާން ބަހައްޓަން ޖެހޭނެ. ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ފެންނަ ގޮތް އެއީ، ހަމައެކަނި ޙަޤީޤަތްކަމަށް ހެދޭނީ، އަނިޔާވެރި ވަސީލަތްތަކުގެ ބޭނުންކޮށްގެން. ވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޔުނިވަރސިޓީއެއްގައި ފުރިހަމައަށް ޢިލްމު ހޯދޭނީ، އެ ޔުނިވަރސިޓީއެއްގައި ޑިމޮކްރަސީގެ ވެށްޓެއް ޤާއިމް ކުރެވިގެން. ޙަޤީޤަތަކީ ތަފާތު މީހުން، ތަފާތުކޮށް ދެކޭ އެއްޗެއްކަން ގަބޫލުކޮށް، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށް، ވިސްނާވަޑައިގަންނަވާ، ޔުނިވަރސިޓީގެ ޗާންސެލަރ ނުވަތަ ވައިސް ޗާންސެލަރ ވިދާޅުވާގޮތް އެއީ އޮތް ހަމައެކަނި ޙަޤީޤަތް ކަމުގައި ގަބޫލުކުރަން އެންމެނަށް ލާޒިމްވާނަމަ، އޮންނާނީ ކޮންކަހަލަ ޢިލްމީ މިނިވަން ކަމެއްތޯ.

ޙަޤީޤަތް އޮޅުންފިލުވައި ހޯދުމުގައި، މަޝްވަރާއާއި ބަޙުޘަކީ ކޮންމެހެން އޮންނަންޖެހޭ ކަންކަން. އެފަދައިން ޢިލްމު ހޯދުމުގައިވެސް، ޢިލްމު ހޯދާގޮތާއި، ލިބޭ ނަތީޖާއަކީވެސް މަޝްވަރާއާއި ބަޙުޘަށް ހުޅުވި އަދި އެހެން ޢިލްމުވެރިންނަށް ގަބޫލުކުރެވޭ އެއްޗަކަށްވާންޖެހޭ.

މިއަދު އަޅުގަނޑުމެން ވިސްނާލަންޖެހޭ އަނެއް ނުކުތާއަކީ، އަޅުގަނޑުމެން މި ޤާއިމް ކުރަން ބޭނުންވާ ޔުނިވަރސިޓީއަކީ ކިހާ ފެންވަރެއްގެ ޔުނިވަރސިޓީއެއްތޯ؟ މެދުފަންތީގެ އާދައިގެ ޔުނިވަރސިޓީއެއްތޯ. ނުވަތަ ދުނިޔޭގެ ފެންވަރުގައި އަރާހުރި ޔުނިވަރސިޓީއެއްތޯ. އަރާހުރި ޔުނިވަރސިޓީއަކަށް ހެދުމަށް، ކުރިން ދެންނެވުނު ކަންތަކުގެ އިތުރަށް، ކޮންމެހެން ބޭނުން ކަންކަމީ:

ފުރަތަމަ: ރާއްޖޭގައި ތިބި މަތީ ފެންވަރަށް ކިޔަވައިތިބި ގިނަ މީހުން، ޔުނިވަރސިޓީއަށް ބަދަލުވާން ބޭނުންވާވަރުގެ އިންސެންޓިވް ޕެކެޖް ލިބުން.

ދެވަނައަށް: ދިވެހި ޤައުމީ ޔުނިވަރސިޓީއަށް، ބޭރުގެ ޔުނިވަރސިޓީތަކުން ޕްރޮފެސަރުންނާއި، ކިޔަވާ ކުދިން ގެނެވޭނެ ދޮރުތަކެއް ހުޅުވުން.

ތިންވަނައަށް: ރާއްޖޭގެ ސްކޫލްތަކުން ނިމޭ ފެންވަރު ރަނގަޅު ގިނަ ކުދިންނަށް، ދިވެހި ޤައުމީ ޔުނިވަރސިޓީއަށް ވަނުމަށް ސްކޯލަރޝިޕްފަދަ އެހީތައް ދެވުން.

އެނގިވަޑައިގަންނަވާނޭ ފަދައިން، މިވަގުތު މިޖަލްސާ ހިނގަމުންދާއިރު، ދުނިޔޭގެ ހަތަރު ޤައުމެއްގެ ވިއްސަކަށް ޔުނިވަރސިޓީން، މި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ދަރިވަރުން ރެކްރޫޓް ކުރަމުންދާކަން ހަނދާން ކުރަންޖެހޭ. އަދި އެކިވަރުގެ އެހީތައް، އެފަރާތްތަކުންވެސް ދޭން ބުނަމުން އެބަގެންދޭ. ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، އެފަދަ ޔުނިވަރސިޓީތަކުން ހުރިހާ މޮޅު ކުދިންތަކެއް ހޮވާލުމަށްފަހު، ބާކީތިބި ފެންވަރު ދެރަ ކުދިންކޮޅަކަށް ވެގެން، މި ޔުނިވަރސިޓީއަށް މާ ފަހި މުސްތަޤްބަލެއް ނޯންނާނެ.

އާދެ! ހަމަ އެހެން، ޔުނިވަރސިޓީގެ މާޙައުލަކީ، އެދުރުންނާއި ދަރިވަރުން އުޅޭހިތްވާ، ކިޔެވުމާއި ޢިލްމު އުނގެނުމަށް [ވެށިފަހި] މާޙައުލަކަށްވާންޖެހޭ.

އެގޮތުން، ވީ އެންމެ އަވަހަކަށް ޔުނިވަރސިޓީގެ އާ ކެމްޕަސްއެއް ޤާއިމް ކުރުންވާނީ، ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށް.

އާދެ! ޔުނިވަރސިޓީ ހިންގުމުގައި، ގިނަބައެއްގެ ޙިއްޞާއޮވެ، ޔުނިވަރސިޓީ ހިންގުމުގައި، ފެކަލްޓީ ފުރިހަމައަށް ބައިވެރިވުމާއި، ދުނިޔޭގެ ސްޓޭންޑަޑްތަކާ އެއްވަރަށް، މަސައްކަތުގެ ފެންވަރު ބެހެއްޓުމަށް، އެންމެން ބާރުއަޅަންޖެހޭ.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، މިއަދުގެ ދުނިޔެއަކީ، ޢިލްމީ ދުނިޔެއެއް. ނޮލެޖް ސޮސައިޓީއެއް.

މިއަދު އުފެދޭ ޔުނިވަރސިޓީއެއް ވާންޖެހޭނީ، ICT ގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ ބަޔަކަށް. ޕްރިންޓް މީޑިއާއަށްވުރެ ބޮޑަށް، އިލެކްޓްރޯނިކް މީޑިއާ ބޭނުންކޮށްގެން ކިޔަވައިދިނުމާއި އުނގެނުން ބިނާވެފައިވާ ތަނަކަށް. ޢިލްމީ ސޮސައިޓީއާއި، ޢިލްމީ އިޤްތިޞާދު އުފެއްދުމަށްޓަކައި، ޔުނިވަރސިޓީއެއްގެ ރޯލް ވަރަށް ފުޅާ. ICT ރޮނގުން ކުރިއަރާފައިވާ ދިވެހިންނާއި، އެމީހުން މަސައްކަތްކުރާ މަޝްރޫޢުތައް، ޔުނިވަރސިޓީގެ ތެރެއިން ހުޅުވާލައި، އަޅުގަނޑުމެންގެ ތެރޭގައި ތިބި މަދު އެކްސްޕާރޓުން އެކުގައި މަސައްކަތް ކުރުމުގެ ބޭނުން ވަރަށްބޮޑު.

އާދެ! ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަރާހުރި ތަނަކަށް ހެދުމަށްޓަކައި އަޅުގަނޑު ދެކޭގޮތުގައި، އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ކޮމްޕްރެޓިވް އެޑްވާންޓޭޖް ހުރި ރޮނގު ރޮނގުން ރިސާރޗް ޑިވެލޮޕްމަންޓް މަސައްކަތް އަމާޒު ކުރުން.

މިގޮތުން، ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑާއި، މަސްވެރިކަމާއި، ޓޫރިޒަމާއި ހޮސްޕިޓޭލިޓީ އަދި އިސްލާމާއި ޑިމޮކްރަސީފަދަ ދާއިރާތަކަކީ، ރާއްޖޭގެ ޔުނިވަރސިޓީތައް، ދުނިޔޭގެ ކުރިމަތީގައި، ކުރިއަރައިގެންދާން ފަސޭހަވެދާނެ ދާއިރާތަކެއް.

މިދެންނެވި ގޮތަށް އަރާހުރި މޮޅު ޔުނިވަރސިޓީއެއް އުފެއްދުމަށްޓަކައި، ދައުލަތުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ. ޚާއްޞަކޮށް، ޔުނިވަރސިޓީއަށް ކަނޑައެޅޭ ބަޖެޓަކީ، އެކަށީގެންވާ ބަޖެޓަކަށް އެބަވާންޖެހޭ. ގިނަ ޤައުމުތަކުގައި، ކިޔަވައިދިނުމަށްދާ ޚަރަދުގެ އިތުރުން، ހަމައެކަނި ރިސާރޗަށް މުޅި ޤައުމުގެ GDPގެ 1 ޕަސެންޓް ކަނޑައަޅާފައި އެބަހުރޭ. ޔުނިވަރސިޓީއަކީ ފުދޭވަރެއްގެ ބޮޑު ޚަރަދެއް ހިނގާ ތަނެއް ކަމަށްވުމާއެކު، ދިވެހިރާއްޖޭގައި ފުރަތަމަ މިއުފެދޭ ޔުނިވަރސިޓީއަކީ، ފެންވަރު ރަނގަޅު ތަނެއް ކަމަށް ހަދަން އެބަޖެހޭ. އަދި ފެންވަރު ރަނގަޅު އެއް ޔުނިވަރސިޓީ ނަމަވެސް، ރާއްޖޭގައި އުފެއްދޭތޯ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި، ސިޔާސީ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ގޮވާލަން.


އަޅުގަނޑުމެންގެ ޤައުމީ ޔުނިވަރސިޓީ މިއުފެދިގެން މިދަނީ، ވަރަށްގިނަ ފަރާތްތަކެއްގެ އަގުހުރި ޚިދްމަތްތަކެއްގެ ސަބަބުން. އަޅުގަނޑު ފާހަގަކުރަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހަޔަރ އެޑިޔުކޭޝަން ޑިޕާޓްމަންޓް. އެމިނިސްޓްރީގެ ކުރީގެ މިނިސްޓަރާއި މިހާރުގެ މިނިސްޓަރ. އަދި ޚާއްޞަކޮށް، ސްޓޭޓް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޢަލިމަނިކު. މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކޮލެޖް ކައުންސިލް. ޚާއްޞަކޮށް، ކޮލެޖްގެ ރެކްޓަރ ޑޮކްޓަރ ޙަސަން ޙަމީދު. މަތީ ތަޢްލީމާބެހޭ މަޖިލިސްގެ މެންބަރުންނާއި އަދި ޚާއްޞަ ގޮތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. މި އެންމެހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން.

މި ސަރުކާރާ ޙަވާލުވެވަޑައިގަތް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިމަޝްރޫޢަށް ދެއްވި އަހަންމިއްޔަތު، އެންމެ ބޮޑަށް އެނގޭނީ އަޅުގަނޑަށް. ވީމާ، އެމަނިކުފާނުގެ ޒަޢާމަތުގެ ދަށުގައި، މިފަދަ ތާރީޚީ މުއައްސަސާއެއް އުފެދިގެންދާ ކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާއާއި ޝުކުރު ދަންނަވަން.

اللّـه سبحـانـه وتعـالى، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ޢިލްމުގެ އަލިގަދަ ދަންމަރެއް ކަމުގައި ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.

_________________________