بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން، ޕާޓީގެ ވަގުތީ ރައީސް، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ، މިދާއިރާގެ ރައީސް، ޕާޓީގެ ޤައުމީ މަޖިލީހުގެ އެންމެ މެންބަރުން އަދި ޕާލަމެންޓްރީ ގްރޫޕްގެ އެންމެ މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން އަދި ވަކިން ޚާއްޞަކޮށް، ތިނަދުއާއި ހުވަދުއަތޮޅުގެ އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެން ފާހަގަކުރަމުންދިޔަ ނުކުތާތަކެއް، އަޅުގަނޑަށް ފެންނަ ފެނުމުގައި އަލުން އަނބުރާ މިއަދު އަޅުގަނޑުމެން ފާހަގަކޮށްލުމަކީ ބޭނުންތެރިކަމެއް. މީގެ އަހަރުތަކެއް ކުރީގައި، ވަކިން ޚާއްޞަކޮށް، ދެތިން އަހަރު ކުރީގައި، އަޅުގަނޑުމެން ދެންނެވިން، މި ރާއްޖެ ހުއްޓި މިއޮތީ، ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އަޅުގަނޑުމެންނަށް މިއަދު މިތިބަ ތަނުން ޚަރާބުގެ މަގުވެސް އިޚްތިޔާރު ކުރެވިދާނެއޭ. ނޫންނަމަ އަޅުގަނޑުމެންނަށް މުޅިން އެހެން ގޮތެއް ހޯދިދާނެއޭ. އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ލިބިދާނެއޭ. އަޅުގަނޑުމެންގެ ރައްޔިތުން މިޞްރާބުޖެހީ، ޚިޔާރު ކުރެއްވީ، އަނެއް ދިވެހިރާއްޖެ. އެހެން ގޮތެއް ހޯދަން. އެ ރައްޔިތުން ބޭނުންވީ، ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ، ދުވަހުން ދުވަހަށް އިތުރުވާން. ރައްޔިތުން އެދުނީ، ރައްޔިތުންގެ ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވާން. ރައްޔިތުން އެދުނީ، މި ރާއްޖެ ތަރައްޤީވުމަށް.

އަޅުގަނޑުމެންނަށް އެނގޭ، ތަރައްޤީ ލިބެނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރީމާކަން. އެކަންތައްތައް ދެނެގަތުމަށްޓަކައި، އަޅުގަނޑުމެންގެ ޕާޓީން މިދިޔަ ހަތަރު ފަސް އަހަރެއްގެތެރޭގައި، ވަރަށްގިނަ ގޭގެއަށް ދިޔައިން. ވަރަށްގިނަ ރަށްރަށަށް އަޅުގަނޑުމެން ދަތުރުކުރިން. އެތައް ބަޔަކާ ވާހަކަ ދެއްކީމު. ދޮރުން ދޮރަށް ވަނީމު، ހިނގީމު. މަޝްވަރާ ކުރީމު. މުޒާހަރާ ކުރީމު. އަޅުގަނޑުމެން، ރައްޔިތުންގެ އަޑު އެހީމު. އެ އަޑާ އެކުގައި އަޅުގަނޑުމެން އެކުލަވައިލީ، އަޅުގަނޑުމެން މި އިންތިޚާބާއި، އެ އިންތިޚާބަށް ނުކުންނާނެ މެނިފެސްޓޯ. އޭގައި އަޅުގަނޑުމެން ރައްޔިތުންނަށް ވަޢުދުވިން ކަންތައްތަކެއް. އެ ވަޢުދުތަކަކީ، އެ ވަޢުދުތައް ފުއްދީމާ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީވާނެ ވަޢުދުތައް. އަޅުގަނޑުމެންނަށް އޭރުވެސް އަދި މިހާރުވެސް ސާފު ކިތަންމެ ކަމެއް. ރާއްޖޭގެ ކިތަންމެ ޚިދްމަތެއް، ރާއްޖޭގެ ރައްޔިތުން އެދޭ މިންވަރަށް ތަރައްޤީވެފައި ނެތްކަން. ރާއްޖޭގެ ކިތަންމެ ކިތަންމެ ކަމެއްހުރީ، އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު، އެއަށްވުރެ މާ ރަނގަޅަށް އެކަންކަން އޮންނަން ބޭނުންވާ ގޮތަށް.

އެކަން އަޅުގަނޑުމެންނަށް އެނގި ތިބެ، އަދި އެކަން އިޞްލާޙުކޮށް، ރަނގަޅު ކުރުމުގެ މަސައްކަތް، އަޅުގަނޑުމެން ކުރަމުން ގެންދިޔައިރު، ފާހަގަވެފައި އޮތް އަނެއް ޙަޤީޤަތަކީ، މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިން މީހަކުންކުރެ އެކަކީ ފަޤީރެކޭ. މި ރާއްޖޭގެ އާބާދީގެ އެއްލައްކަ މީހުންނަކީ، އ.ދ. އެ ބުނާ ހައިހޫނުކަމުގެ ރޮނގުން ދަށުގައި ތިބި، ރެޔާ ދުވާލަށް ދިހަ ބާރަ ރުފިޔާ، އެމީހުންގެ ބޮލަށްނުޖެހޭ ނިކަމެތިން. އަޅުގަނޑުމެންގެ ރާއްޖެއެއް އަދި އެއްވެސް ޤައުމެއް ތަރައްޤީއެއް ނުވާނެ، އެ ޤައުމެއްގެ ރައްޔިތުން ބަނޑަށް ތިއްބަކާއެއް. އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެން މިއެދޭ އަނެއްގޮތް، އާގޮތް، އުންމީދީ ދިރިއުޅުން، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ، ހަމައެކަނި އަޅާ ބަނދަރަކުން، ހަދާ ފާޚާނާ ނިޒާމަކުން ނުވަތަ ހަދާ އެހެންވެސް ބޮޑު ޢިމާރާތަކުންނެއް. އަޅުގަނޑުމެންގެ ރައްޔިތު މީހާއަށް އިޖްތިމާޢީ ރައްކާތެރިކަން ނުދެވޭހާ ހިނދަކު، އަޅުގަނޑުމެންނަކަށް ރައްޔިތެކޭ މިއީ ކިޔައިގެންވެސް ތިބެން ދަތިވާނެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް، އެމީހާއަކީ ޙައްޤުތަކެއް ލިބިގެންވާ މީހެކޭ، ތިމަންނާއަކީ ތިނަދޫ މީހެކޭ، ތިމަންނާއަކީ ހުވަދޫ މީހެކޭ، ތިމަންނާއަކީ ދިވެއްސެކޭ، ތިމަންނާއަކީ ތިމަންނާގެ ޙަލާލު މަސައްކަތުން މަސައްކަތްކޮށް، ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ހަމައިސްކޮޅަށް ދެމި، ނޭވާލެވިހުރި، ޙައްޤުތަކެއް ލިބިގެންވާ ރައްޔިތެކޭ ބުނެވޭ ދުވަހެއް، ބުނެވޭ ގޮތެއް ހޯދައިގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

އަޅުގަނޑުމެންގެ އަމާޒަކަށްވީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ ބޭނުމަކަށްވީ، ނިކަމެތި ފަޤީރުންނަށް ޙައްޤުތަކެއް ދިނުން. އަދި އެފަޤީރުންނަކީ، ހައިހޫނުކަމުގެ ރޮނގުން މަތީގައި ތިބޭ ބަޔަކަށް ހެދުން. އެހެންވެގެން، މަދަނައިގެ ވިއުގަ އުފެދިގެން އައީ. އަޅުގަނޑު މިރޭ އުފާވަނީ، މިރަށުގެ 1359 މީހުން މަދަނައިގައި ރަޖިސްޓްރީވެފައިވާކަމުން. އަޅުގަނޑުމެންގެ ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މިދެންނެވި 1359 މީހުންނަށް ބޭސްފަރުވާއަށްޓަކައި، ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، މާލިއްޔާގައި ފޮރުވިފައި އޮތްކަން. އެއީ އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމަކީ.

އަޅުގަނޑުމެންނަށް އޭރުވެސް އެނގޭ، ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ރައްދުވެފައި، އަޅުގަނޑުމެންނަށް ލިބިފައި އެއޮތީ، އަޅުގަނޑުމެންގެ ކުރީގެ، އަޅުގަނޑުމެންގެ ކާބަފައިން ކުރި މަސައްކަތުން. އަޅުގަނޑުމެންގެ ޕާޓީ ހަމަގައިމުވެސް ގަބޫލުކުރާ ފަލްސަފާއަކީ، މި ރާއްޖޭގައި މިއަދު ޕެންޝަނެއް އެންމެ ޙައްޤުވަނީ، ޢުމުރުން ދޮށީވީ މީހުންނަށްވެސްކަން. އަޅުގަނޑުމެން ވަޢުދުވިން، އަޅުގަނޑުމެން ދުށީމު، އެމީހުންގެ ޙާލަތު. އަޅުގަނޑުމެން ދުށީމު، ރާއްޖޭގެ ރަށްތަކުގައި، ރާއްޖޭގެ ރަށްތަކުގެ ހޮޅުއަށިތަކުގައި، ގޮނޑުދޮށްތަކުގައި ޢުމުރުން ދޮށީ މީހުން ބިކަ ހާލުޖެހިފައި، މަޑުޖެހިފައި ތިއްބާ. އަޅުގަނޑުމެން މާލެއިންވެސް ދުށީމު، ގޯތިތައް ބަހަމުން އައިސް، އެންމެފަހުން ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި، ކާފަ ނުވަތަ މާމަ ހުއްޓިފައި ހުއްޓާ. މަންމަ ނުވަތަ ބައްޕަ ބިކަވެފައި އޮއްވާ. އަޅުގަނޑުމެން ދެން ވަޢުދުވީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރެއްގައި، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދޭނަމޭ. އަޅުގަނޑު މިރޭ އުފާވަނީ، މިރަށުގެ 371 މީހުންނަށް ގަވާއިދުން ދެހާސް ރުފިޔާ ގަވާއިދުން ދެމުން އަންނަތާ މިހާރުމިވީ ދެއަހަރު. މިރަށަށް، ތިނަދުއަށް ކޮންމެ މަހަކު ހަތްލައްކަ ސާޅީސް ދެހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ދެވޭކަމީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް އަޅާލުމަކީ، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް، މިޤައުމުގެ ތަރައްޤީއަށްޓަކައި. މިރޭ އަޅުގަނޑު އުފާވަނީ، ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މި ޕާޓީއަށް ހިތްވަރު ލިބެނީ، އަޅުގަނޑުމެންނަށް މިރަށުގެ 170 ފަރާތަކަށް، އިޖްތިމާޢީ ރައްކާތެރިކަން، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ގޮތުގައި ދެމުން ގެންދާތީ. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން. އަޅުގަނޑު ގާތުގައި މީހުން އަހާ، ރައީސް ކީއްވެތޯއޭ މިވެނި ނަރުދަމައެއް، މިވެނި ބަނދަރެއް ނުހެދީ، މިހުރިހާ ފައިސާ އެކަމަށް ޚަރަދު ނުކުރީ. އަޅުގަނޑު މިދަންނަވާހެން، ރައްޔިތުން ނުކައި ތިއްބާ ހޯދޭނެ ތަރައްޤީއެއް ނޯންނާނެ. އަޅުގަނޑުމެންގެ ފަލްސަފާ ވަރަށް ސާފުކޮށް، އަޅުގަނޑުމެންގެ މެނިފެސްޓޯއިން ފެންނާނެ. އަޅުގަނޑުމެން ބަޔަކަށް އޮޅުވައެއްނުލަން. އަޅުގަނޑުމެން ވަރަށް ސާފުކޮށް ދަންނަވަމުން ދިޔައިން، އެންމެ ފުރަތަމަ ކުރަންޖެހެނީ ވަކިކަމެކޭ. ދެނޭ އެހެން ކަމެއް ކުރާން އަޅުގަނޑުމެންނަށް ފެށޭނީ.

އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ކުރާން ޖެހިފައި، ޙަޤީޤަތުގައި 2009 ވަނަ އަހަރު ވަކިން ޚާއްޞަކޮށް އޮތީ، އިޤްތިޞާދީ ދަތިކަމުގެ ތެރޭގައި، ރައްޔިތުން ވަރަށް ބޮޑަށް އަތްމަތި ދަތިވެފައި. އަތޮޅުތަކަށް، ރާއްޖެއަށް، ރަށްތަކަށް ކޮންމެވެސް މިންވަރެއްގެ ފައިސާއެއް، ރައްޔިތުންނަށް ފޯރުކޮށްނުދީ އަޅުގަނޑުމެންނަށް އެ ވަޅުގަނޑުން އަރައިގަނެވޭނެ ގޮތެއް ނެތް. މިރޭ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ އެންމެބޮޑު އެއް ސަބަބަކީ، މިދަންނަވާ ފުރިހަމަ، ފުރަތަމަ މަރްޙަލާ މިހާރު އަޅުގަނޑުމެންނަށް ފުރިހަމަވެފައިވާކަމުން. އަދި ހަމަ އެއާއެކީގައި، އެހެންވީމާ، އަޅުގަނޑުމެނަށް މިހާރު ދެން މިދެވެނީ، މިދެންނެވި އެއްލައްކަ މީހުންނަށް ބޭސްފަރުވާ ލިބޭނެގޮތް ހަމަޖައްސައި ދިނުމުގެ އުޞޫލުތައް ތަޢާރުފްކޮށް، އަދި އެއަށްފަހު، ޚިދްމަތްތައް ރަނގަޅު ކުރުމަށް. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެން މިއަދު އުފާވަނީ، މިއަދު މިރަށުގައި ޓެލެމެޑިސިންގެ ޕްރޮގްރާމް ޤާއިމުވީތީ. މިރަށުގައި ދެން ބަލިވާ ކޮންމެ ރައްޔިތެއްގެ ބައްޔަށް ފަރުވާއެއް ހޯދުމަށްޓަކައި، މާލޭގައި ތިބޭ ޑޮކްޓަރުންނާއި، އަދި މި ސަރަޙައްދުގައި ތިބޭ ހުރިހާ ޑޮކްޓަރުންގެ ލަފައާއި އިރުޝާދު ލިބޭނެ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ޞިއްޙީ ކަންކަން ބެލެހެއްޓުމުގައި އަޅުގަނޑުމެން އެންމެ ހިނދުކޮޅެއްގައިވެސް ފަހަކަށް ނުޖެހޭނަން.

އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، އަދި ވަކިން ޚާއްޞަކޮށް، މި ހަވަރުތިނަދޫ ރައްޔިތުންނަށް އަބަދުވެސް ފާހަގަވެފައި އޮންނަ ނުކުތާއެއް. ތަރައްޤީ ކުރަންވީ ރައްޔިތު މީހާއޭ. ރަށެއްވެސް ނޫނޭ، އަތޮޅެއްވެސް ނޫނޭ، ޤައުމެއްވެސް ނޫނޭ. ރައްޔިތު މީހާއޭ، އަޅުގަނޑުމެންނޭ، ދިވެހި މީހާއޭ، ހުވަދޫ މީހާއޭ، ތިނަދޫ މީހާއޭ. އެމީހާ ތަރައްޤީ ކުރުމަށްޓަކައި ވަށާޖެހޭ ތަޢްލީމެއް ދިނުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އެހެންވީމާ، މި ސަރުކާރުން އެއްދަންފަޅިއަށް މަދްރަސާތައް ބަދަލުކުރުމަށް، އިތުރު ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް ފަށައިގަނެވުނީ. އަޅުގަނޑުމެން ހިތްހަމަޖެހޭ އެންމެބޮޑު އެއްކަމަކީ، 2010 ވަނަ އަހަރުގެ ތެރޭގައި، ވިހި މިލިއަން ތިންލައްކަ ރުފިޔާ ޚަރަދުކޮށް، މިރަށުގައި އަލުން އަނބުރާ ޕްރައިމަރީ ސްކޫލެއް ބިނާކުރުމުގެ މަސައްކަތް، ބާރަށް ކުރިއަށް ގެންދެވުނީތީވެ. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ 2010 ވަނަ އަހަރުގެ ތެރޭގައި، މި ސަރުކާރަށް އުފާވެރިކަން ލިބެނީ، މިދިޔަ 2010 ވަނަ އަހަރުގެ ތެރޭގައި، މިރަށުގެ ކިޔަވާ ކުދިންގެ ފޮތް، ފަންސުރު، ޤަލަން ގަތުމަށް ހަތްލައްކަ ސައްބީސްހާސް ތިންސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ޚަރަދުވެފައިވާކަމީ، އަޅުގަނޑުމެންގެ ޕާޓީގައި އުފާވެރިކަން، ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މިރަށުގެ ދަރިވަރުންނަށް މަދްރަސާގެ ފީގެ ގޮތުގައި، ދެލައްކަ އަށްޑިހަ ތިންހާސް އެއްސަތޭކަ ނުވަދިހަ ރުފިޔާ ޚަރަދުވެފައި އޮތްކަމީ، ސަރުކާރަށް އެފުރްޞަތު ލިބިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި ގދ. އަތޮޅު ތަޢްލީމީ މަރްކަޒާއި އަދި އަބޫބަކުރު ސްކޫލަކީ، މިހާރު އެއްދަންފަޅީގައި ކިޔަވައިދޭ ދެސްކޫލް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއަތޮޅުގެ ހުރިހާ ސްކޫލަކީވެސް އެއްދަންފަޅީގައި ކިޔަވައިދޭ ސްކޫލްގެ ގޮތުގައި ހަދާނެ.

އަޅުގަނޑުމެންނަށް އެބަ އެނގޭ، ޤައުމެއް ތަރައްޤީ ކުރުމަށް، އަޅުގަނޑުމެންގެ ދަރީންނަށް ފުރިހަމަ ތަޢްލީމެއް އެބަދޭންޖެހޭކަން. މިދެންނެވި ކަންކަމުގެ ނަތީޖާ، އަޅުގަނޑުމެންނަށް ފެނުނީ، ވަރަށް އުޖާލާކޮށް. 2009 ވަނަ އަހަރާ އަޅާބަލައި، 2010 ވަނަ އަހަރު އަޅުގަނޑުމެންގެ ތިނަދޫގެ ދަރިވަރުން، 5 މާއްދާއިން ފާސްވި މިންވަރު 18 އިންސައްތައަށް އޮތީ މައްޗަށް ޖެހިފައި. އެކަމަށްޓަކައި އަޅުގަނޑު، އަޅުގަނޑުމެންގެ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ލުޠުފީއަށް ނިހާޔަތަށް ޝުކުރު ދަންނަވަން. ދަރިވަރުންގެ ތަރައްޤީއާއި، ޒުވާނުންގެ ކުރިއެރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. މި ސަރުކާރުން ގިނަ ކުޅިވަރު ކުޅޭ ދަނޑެއް، މިރަށުގައި ތަރައްޤީ ކުރުމަށް މިފަހަރުގެ ބަޖެޓްގައި ހިމެނިފައި އޮތްކަމީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން، މިރަށުގެ ރައްޔިތުންގެ އަދި ޚާއްޞަކޮށް، ޒުވާނުންގެ މުނިފޫހިފިލުވުމާއި އަދި އިތުރުގަޑީގައި ކުރާ އެންމެހާ ކަންކަމަށް، ކަންކަން ހިންގޭނޭ ގޮތަށް އިންތިޒާމްތައް ހަމަޖެހިގެންދާނެ.

ޤައުމެއް ތަރައްޤީވުމަށް ކޮންމެހެން ބޭނުންވާ ކަންތައްތައް ހުންނައިރު، އަޅުގަނޑުމެންނަށް އެބަ އެނގޭ، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ވެރިކަން ކުރެވިގެން މެނުވީ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ، އަޅުގަނޑުމެންނަކަށް ނުލިބޭނެ. އަޅުގަނޑުމެންނަށް ލާމަރްކަޒީ އުޞޫލު ޚިޔާރު ކުރެވުނީ، މިދެންނެވި ކަންތައްތައް ވަރަށް ބޮޑަށް އަބަދުވެސް ސާފުވެފައި އޮތީތީވެ. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅިއިރު، އެ ޤާނޫނުއަސާސީއަކު ލާމަރްކަޒީގެ ވާހަކައެއް ނެތް. 8 ވަނަ ބާބަކީ، އެމަރްޙަލާ ނިމުމަށްފަހު، ވަރަށްފަހުން އަލުން އަނބުރާ އެމް.ޑީ.ޕީ.ގެ މަސައްކަތާއެކުގައި، އެޤާނޫނުއަސާސީއަށް ގެނެވުނު ބާބެއް. އަދި ވަކިން ޚާއްޞަކޮށް، އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި އަދި އޭރުގެ ކޮޅުމަޑުލު ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންގެ ބަސްތައް، ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި އެވަނީ. އަޅުގަނޑުމެން މިއަދު ތަންފީޛު ކުރާން މިއުޅެނީ، އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރުގެ ބަސްތަކާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރުގެ ބަސްތައް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން ކާމިޔާބު ކުރާނެ. އަޅުގަނޑުމެންނަށް އެނގޭ، ރައްޔިތުންނާ ގާތުން ރައްޔިތުންނަށްޓަކައި ކުރާ ވެރިކަން ކުރާގޮތް. އެ ފަލްސަފާއަކީ އަޅުގަނޑުމެންގެ ފަލްސަފާއެއް. އެ ފަލްސަފާއަކީ އެމް.ޑީ.ޕީ.ގެ ފަލްސަފާއެއް.

އަޅުގަނޑުމެން މިރަށަށާއި އަދި މި ރާއްޖޭގެ އެންމެހާ މަސްވެރިންނަށްވީ އެއް ވަޢުދަކީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި، ރާއްޖޭގެ މަސްވެރިންނަށް އިރާދަކުރެއްވިއްޔާ، އެމީހުން ބާނާ މަހުގެ ހަމައަގު ހޯދައިދޭނަމޭ. މިއަދު އަޅުގަނޑުމެންގެ މަސްވެރިންނަށް ލިބޭ އަގާ، 2008 ވަނަ އަހަރުގެ ކުރީގައި ލިބުނު އަގު، އަޅުގަނޑަށްވުރެ ބޮޑަށް މަސްވެރިންނަށް ސާފުވާނެ. ކިލޯ ހަމަނުވާ މަހަކަށް އެއްރުފިޔާ ފަންސަވީސްލާރި ނުވަތަ ބޮޑުވެގެން ދެރުފިޔާބައި، ފަސްރުފިޔާއަށްވުރެ ބޮޑު އެއްޗެއް، މީގެކުރީގައި މަސްވެރިންނަށް ލިބިފައެއްނުވާނެ. މިއަދު މަސްވެރިންނަށް ނުވަރުފިޔާ، ދިހަ ރުފިޔާ މަސްކިލޯއަކަށް ނުލިބޭ ހަމަ އެންމެ ދުވަހެއްވެސް ނުދާނެ. އަދި ވަކިން ޚާއްޞަކޮށް، މަސްވެރިކަން ވާދަވެރި ސިޔާސަތުގެ ތެރެއަށް ދޫކޮށްލުމުން، ވާދަވެރި ވިޔަފާރީގެ ތެރެއަށް ދޫކޮށްލުމުން، އެމަސްވެރިކަމުން ރާއްޖޭގެ މަސްވެރިންނަށް ދުވަހުން ދުވަހަށް މިއަންނަނީ ފައިދާވަމުން. އަޅުގަނޑަށް މަޢްލޫމާތު ލިބޭ ގޮތުގައި، މިހާރު މަހުގެ އަގު ދާދި އަވަހަށް ސާދަ ރުފިޔާއަށް އަރާނެ.

ސިޔާސަތަށް ގެނައި ބަދަލުން ރާއްޖޭގެ ގިނަ ބައިވަރު މަސައްކަތްކުރާ މީހުންގެ އާމްދަނީ އަޅުގަނޑުމެންނަށް ދެގުނަ ކުރެވިއްޖެ. އޭގައި އިޤްތިޞާދީ ތަރައްޤީ ހުންނާނެ. ސަރުކާރުން އަޅާ ޢިމާރާތަކަށްވުރެ މަސްދޯންޏަކުން ބާނާ މަހުގައި، ރައްޔިތުންނަށް ލިބޭ ފައިދާ މާ މާ ބޮޑުވާނެ. ހުރިހާ ރައްޔިތުންނޭ، މިކަން އަބަދުވެސް ހަނދުމައިގައި ބަހައްޓަވަންޖެހޭނެ. ޙަޤީޤީ ތަރައްޤީއަކީ، ދެމެހެއްޓެނިވި ގޮތުގައި ވަޒީފާތަކާއި އާމްދަނީ ލިބޭނޭ ގޮތްތައް އޮތުން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭންހުރި މަސައްކަތް، މި ސަރުކާރުން ގެންދާނީ ކުރަމުން. އަޅުގަނޑުމެންނަށް، މި ސަރުކާރަށް، އަދި މި ޕާޓީއަށް ހިތްހަމަޖެހުން ލިބޭ އެންމެ މުހިންމު އެއްކަމަކީ، މިރަށުގައި މިދިޔަ ދެތިން ހަފްތާގެ ކުރިން އައިސް ޕްލާންޓެއް ލިބި، މިރަށުގެ މަސްވެރިންނަށް އައިސް ދޫކުރެވެމުންދާކަން. އަޅުގަނޑު މިއަދު އެތަން ބަލައިލިއިރު، ބަލައިލިއިރުގައި އައިސް ހެދޭވަރު މާމަދު. އެއީ އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހިތްވަރު ލިބޭ ކަމެއް. މާނައަކީ އަދި ގިނަ އައިސް ހަދަންވީއޭ، ވިޔަފާރި މިއޮތީ ރަނގަޅަށޭ. އައިސް ވިއްކާ މަހަށްވެސް ވިޔަފާރި އެބައޮތޭ. މަސްބާނާ މީހާއަށްވެސް ވިޔަފާރި އެބައޮތޭ. މަސް އެކްސްޕޯޓް ކުރާ މީހާއަށްވެސް ވިޔަފާރި އެބައޮތޭ. ވިޔަފާރީގެ މަގުން، ވިޔަފާރީގެ ރޮނގުންނޭ ޤައުމުތައް ކުރިއަރައި ގޮސްފައިވަނީ. އަޅުގަނޑުމެންގެ ރާއްޖެ މިހިރީ، އަޅުގަނޑު ދަންނަވާނީ އެ މިޞްރާބަށޭ. އަޅުގަނޑުމެންގެ ރާއްޖެ މިދަނީ ތަރައްޤީގެ މަގަށޭ.

އަޅުގަނޑުމެން ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ވަޢުދުވިން. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން ދިޔައިން، އަޅުގަނޑުމެންނަކަށް ނެތޭ ރަށު ބަންދުގައި ތިބެވޭކަށް. ހަމަކަށަވަރުންވެސް އަޅުގަނޑަކަށް ނެތޭ، އަޅުގަނޑަކީ ކެރަފާ ގޯތި މީހެކޭ، ގަލޮޅު މީހެކޭ، މާލޭ މީހެކޭ ކިޔައި ހުރެވޭކަށް. އަޅުގަނޑުމެންގެ ވިސްނުން އެބަޖެހެއޭ، ރަށުގެ ގޮނޑުދޮށުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. އަޅުގަނޑުމެން އުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައޭ. ލާމެހިފައިވާ ދިވެހިރާއްޖެއެއްގައޭ. އަޅުގަނޑުމެންގެ ދަތުރުފަތުރު ކުރުމުގެ ނިޒާމް ޤާއިމް ކުރުމަށް، އަޅުގަނޑުމެން ވަޢުދުވެފައިވާނީ، 7 އަހަރު ދުވަހުގެ ތެރޭގައި. އަޅުގަނޑުމެންގެ މެނިފެސްޓޯގައިވާނެ، ފުރަތަމަ ދެއަހަރުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައް، ރައްޔިތުންނަށް ފޯރުކޮށްދިނުން. މިއަހަރު މިއީ އަޅުގަނޑުމެން އެ ޚިދްމަތްތައް އިރާދަކުރެއްވިއްޔާ، ބާރަށް ފޯރުކޮށްދޭނެ އަހަރު. މިއަހަރުގެ ތެރޭގައި، މި ހަވަރުތިނަދޫގެ ބަނދަރު ރަނގަޅު ފެންވަރަކަށް ހަދާ ނިމޭނެ. އެ ބަނދަރާ އެކީގައި، ބަނދަރުމައްޗެއް އަޅުގަނޑުމެންނަށް ޤާއިމް ކުރެވޭނެ. އެތަނުގައި ގުދަނާއި، ފިހާރައާއި، މާރުކޭޓާއި، އަދި އެނޫންވެސް ކޮންމެހެން ތަރައްޤީއަށް ބޭނުންވާ ވަސީލަތްތައް ޤާއިމް ކުރެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ، މިރަށަށް ތަރައްޤީ ގެނައުން. އަޅުގަނޑުމެންގެ ބޭނުމަކީ، ހުވަދުއަތޮޅުގެ އިންޖީނުގައި، މުޅި މި ދިވެހިރާއްޖެ ތަރައްޤީ ކުރުން، ދުއްވުން.

ރާއްޖޭގެ ތަރައްޤީއަކީ އަބަދުވެސް ރާއްޖޭގެ އަތޮޅުތަކާ ގުޅިފައި އޮތް ކަމެއް. މާލެއަކާ ގުޅިފައި އޮތް ކަމެއް ނޫން. ރާއްޖޭގެ ސީދާ ތަރައްޤީ ހޯދޭނީ، އަތޮޅުތައް ތަރައްޤީކޮށްގެން. މިރަށުގެ މަގުތަކާއި، މިރަށުގެ ނަރުދަމައާއި އަދި މިރަށުގެ އިޖްތިމާޢީ އެހެން އެހެން ކިތަންމެ ކަމެއް، އިރާދަކުރެއްވިއްޔާ ސަރުކާރަށް މިއަހަރުގެ ތެރޭގައި ކުރެވޭގޮތަށް ބަޖެޓްގައި މިހާރު މިއޮތީ ހަމަޖެހިފައި. އަޅުގަނޑުމެން މިރަށުގައި އެމަސައްކަތްތައް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދާނަން.

އަޅުގަނޑުމެންނަށް މިރަށުންވެސް އަދި ރާއްޖޭގެ ކިތަންމެ ރަށަކުންވެސް ފެންނަމުންދިޔަ އަނެއް މަންޒަރަކީ، ރައްޔިތަކު ގެއެއް އަޅަން އުޅޭ ހާލު. ގެވަޅެއް ލިބިދާނެ އަލަތު ކައިވެންޏާއެކުގައި. ރިޒޯޓެއްގައި ދެއަހަރު މަސައްކަތް ކޮށްފައި، ފަހަރެއްގައި ފުރަތަމަ އަހަރު ފައުންޑޭޝަން ދަމާލެވިދާނެ. އަންނަ އަހަރު ހަތަރު ފާރު ރާނާލެވިދާނެ. ދެން އަންނަ ރޯދައަކަށް މަތިވަޑާންގަނޑު އަޅާލައި، ހިޔާކޮށްލެވިދާނެ. އަނެއް ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. ދެން އަންނަ ރޯދައަށް ފާޚާނާ ބެހެއްޓިދާނެ. ގެއެއް ނިމޭއިރު، އާދައިގެ ދެމަފިރިއެއްގެ ޙަޔާތް މިއޮންނަނީ މެދުޖެހިފައި. އަޅުގަނޑުމެން ބުނިން، ނޫނެކޭ އެހެނަކުން ނޫނޭ، މި ސަރުކާރުން އެކަން ކުރާން ބޭނުންވަނީ. ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ގެދޮރު އަޅައިދޭށޭ ބޭނުންވަނީ. އަޅުގަނޑުމެން އުފާވަނީ، މިހާރު ތިނަދޫގައި އަޅުގަނޑުމެންނަށް އެމަސައްކަތް ހިންގޭކަމުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަދި އިތުރު 100 ގެ އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ތިނަދޫގައި ފަށައިގަނެވޭނެތީ.

އަޅުގަނޑުމެން ފާހަގަކުރާ ކިތަންމެ ކިތަންމެ ޚާއްޞަ ކަންތައްތަކެއް އެބަހުރި. އަޅުގަނޑު މިރޭ ތިނަދޫ ރައްޔިތުންނާ އަދި ވަކިން ޚާއްޞަކޮށް، މި ހުވަދުއަތޮޅު ރައްޔިތުންނާއި މުޅި ރާއްޖޭގެ އެންމެ ރައްޔިތުންނަށް ދަންނަވާލަން އިތުރު ވާހަކައެއް އެބައަތޮ. 2011 ވަނަ އަހަރު ފާހަގަވެގެންދާނީ، އައްޑުއަތޮޅުގައި ސާކް ސަމިޓް ބޭއްވޭ އަހަރުގެ ގޮތުގައި. އިރާދަކުރެއްވިއްޔާ، 2012 ވަނަ އަހަރު ވެގެންދާނީ، ހަވަރުތިނަދޫގައި ބޮޑު އިސްލާމީ ބައްދަލުވުމެއް ބޭއްވޭ އަހަރުގެ ގޮތުގައި. ސަރުކާރުން މިހާރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް، އިންތިޒާމް ކުރަމުން މިއަންނަނީ، މިގެންދަނީ، ބައިނަލްއަޤްވާމީ އިސްލާމީ ކޮންފަރެންސެއް، 2012 ވަނަ އަހަރު ތިނަދޫގައި ބޭއްވުމަށް. އެކަމަށް ބޭނުންވާ ތައްޔާރީތައް، 2011 ވަނަ އަހަރާއި، 2012 ވަނަ އަހަރު ސަރުކާރުން ކުރަމުން ގެންދާނަން. އަޅުގަނޑުމެން މިރަށަށް، މިދުނިޔޭގައި ޚާއްޞަކޮށް، ދެކުނު އޭޝިޔާގައި، އިސްލާމީ ދަންނަ ބޭކަލުންނަށް ދަޢުވަތުދީ، އިސްލާމީ ދަންނަ ބޭކަލުންގެ ރަނގަޅު މަޝްވަރާ ބައްދަލުވުމެއް، މުޅި ދުނިޔެއަށް އޭގެ އަސަރުކުރާ ގޮތަށް އިރާދަކުރެއްވިއްޔާ، މިރަށުގައި އަޅުގަނޑުމެން ބާއްވާނަން.

އަޅުގަނޑު މިރަށުގައި ވާހަކަ ދައްކާއިރުގައި އަބަދުވެސް މިމަސައްކަތުގައި، މިރަށު ރައްޔިތުން އުޅުނު މިންވަރު ހަނދާނަށް އާދޭ. ހަވަރުތިނަދުއަކީ މުޅި ރާއްޖެ ބަދަލުކުރުމުގައި، ވަކިން ޚާއްޞަކޮށް، މި ރާއްޖެއަށް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ތަޢާރުފް ކުރުމުގައި ވަރަށްބޮޑު ރޯލެއް ކުޅުނު ރަށެއް. މިރަށުގެ ހުރިހާ ރައްޔިތުންވެސް، މިކަމުގައި ވަރަށް ބޮޑަށް ބައިވެރިވެލެއްވި. އެހެން ނަމަވެސް، އަޅުގަނޑު ވަކިން އެއްނަން ހަމަ ފާހަގަކޮށްލާހިތްވޭ. އެއީ، ސަލީމް. އަޅުގަނޑާ އެކުގައި، މިއަތޮޅުގެ ހުރިހާ ރަށަކަށް ސަލީމް ދަތުރުކުރެއްވި. އަދި އަޅުގަނޑު ސަލީމް ގާތު، ބަދަލަށް އެދި ކޮންމެ ކަމަކަށް ކުރާން އަޅުގަނޑު ބުނި ނަމަވެސް، ކުޑަކޮށްވެސް ސަލީމެއް ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން އަބަދުވެސް ސަލީމްގެ ހަނދާނުގައި ތިނަދޫގައި ކަންކަން ފާހަގަކުރަން ޖެހޭނެ، ވާހަކަ ދައްކާން ޖެހޭނެ. އަޅުގަނޑު އެއްވެސް ހާލެއްގައި، ތިނަދޫ އެހެން ބައިވަރު މެންބަރުން، މިކަމަށްޓަކައިވީ ޤުރްބާނީ ހަނދާން ނެތެނީކީއެއް ނޫން. އަދި އެކަން ފާހަގަނުކުރަނީކީއެއްވެސް ނޫން.

އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖޭގެ ތަރައްޤީ. އަޅުގަނޑުމެން އެދެނީ، އެއްދުވަހުން އަނެއް ދުވަހަށް، އަޅުގަނޑުމެންގެ ޙާލަތު ރަނގަޅުވަމުން ދިޔުން. އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ، ރައްޔިތުމީހާއަށް ހެޔޮގޮތްތައްވުން. މި ސަރުކާރު ދެމިއޮންނަނީ، އެންމެ ބޭނުމަކަށް. އެއީ ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުން. އަޅުގަނޑުމެން ރައްޔިތުންނަށް ވެފައި އޮތް ވަޢުދު ފުއްދުމަށް. ރައްޔިތަކު ތަރައްޤީއެއް ނުވާނެ، އެ ރައްޔިތަކު އޮބަހައްޓައިގެންނެއް، ހިފަހައްޓައިގެންނެއް، ބިރު ދައްކައިގެންނެއް. ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ހޯދައިނުދީ، ރައްދުކޮށްނުދީ، ޤައުމެއް ތަރައްޤީވެފައެއް ނުވާނެ. ޤައުމުތައް ތަރައްޤީވެ ގޮސްފައިވަނީ، ޤައުމުތަކުގެ ރައްޔިތުން މިނިވަންވީމާ. އެ ރައްޔިތުން ދޫކޮށްލީމާ. އެރައްޔިތުންގެ އަމިއްލަ ޚިޔާލާތާއި، އެ ރައްޔިތުންގެ އަމިއްލަ ފިކުރުގައި، ވިސްނުމުގައި، އެމީހުންގެ އަމިއްލަ ފައިދާއަށް މަސައްކަތް ކޮށްގެން، މުޅި ޤައުމު ތަރައްޤީވީމާ. އަޅުގަނޑުމެންނަށް އެ ޙަޤީޤަތް، މާކުރިންވެސް އެނގޭ. އެހެންވީމާ، މިއަދުވެސް، އިއްޔެވެސް އަދި މާދަމާވެސް އަޅުގަނޑު ބިރުގަންނަނީ. އަޅުގަނޑު ބިރުގަނޭ، އަޅުގަނޑުގެ ދަރިން އޭންގަލަށް ނަގާފާނެތީވެ. އަޅުގަނޑު ބިރުގަނޭ، އަޅުގަނޑުގެ ދަރީން 18 މަސްދުވަހު ކުޑަގޮޅީގައި ބާއްވާފާނެތީވެ. އަޅުގަނޑު ބިރުގަނޭ، އަޅުގަނޑުގެ ދަރީން އަނދަގޮނޑިޖަހައި، ޗޭނުޖަހާ ބާއްވާފާނެތީ. އަޅުގަނޑު ބިރުގަނޭ، އިހުހުރި ނިޒާމަށް، އިހުހުރި ގޮތަށް މިރާއްޖެ ރުޖޫޢަވެދާނެތީ. އެހެންވީމާ، އަޅުގަނޑު އަނެއްކާވެސް އާދޭހާއެކު، ހަވަރުތިނަދޫ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގެ ހުރިހާ ރައްޔިތުން އަރިހުން މިއެދެނީ، އެމް.ޑީ.ޕީ ނޫން ތަނަކަށް ތިޔަބޭފުޅުންގެ ވޯޓް އިހަށް ނުދެއްވާށޭ.

އަޅުގަނޑުމެން އެބަޖެހެއޭ، މި ފިކުރާއި، މި ވިސްނުމާއި، މިގޮތް މިރާއްޖޭގައި ރަނގަޅަށް އަށަގަންނުވަން. އަޅުގަނޑުމެނަށް ފާގަތި ދުވަސްތައް އެބައާދޭ. އަޅުގަނޑު ދަންނަވާނީ، މިދިޔަ އަހަރެކީވެސް އަޅުގަނޑުމެންނަށް އެހާދަތިތަނުން ދަތި އަހަރެއް ނޫނޭ. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން ދަންނަވަން އޮތީ، އުފާވާ ޒަމާނޭ، އުފާވެރިވި ރާގޭ، ހިތާއޭ އަހާށޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________