بســم اللّـه الرّحمـن الرّحيــم
ދިވެހި ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި އެހެންވެސް ހުވަދުއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، މިއަތޮޅުގެ ކުރިއަށް ތިއްބެވި ވިޔަފާރިވެރިންނާއި، މިއަތޮޅުގެ އިސްވެރިންނާއި، ވަކިން އަދި ޚާއްޞަކޮށް، މަޑަވެލީގެ ކުރިއަށް ތިއްބެވި އެންމެ ބޭފުޅުންނާއި، މަޑަވެލީގެ ރައްޔިތުން.
السّـلام عليـكم
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ، މި ރާއްޖޭގެ ވެރިކަން ކުރުމަށް ނުކުތީ، މަޑަވެލީގެ ތަޞައްވުރެއް އަޅުގަނޑުމެންގެ އަތުގައި އޮވެގެން. އަޅުގަނޑުމެންގެ ހިތްތަކުގައި މިރަށް، މިއަތޮޅު އަދި މި ރާއްޖެ ތަރައްޤީކުރާނެ މަންޒަރެއް އަބަދުވެސް އޮތް. އަޅުގަނޑުމެން، އެ މަންޒަރު އެކުލަވައިލީ، އެނގިވަޑައިގަންނަވާނެ، މި މަޑަވެލީގެވެސް ގެއިން ގެއަށް، ދޮރުން ދޮރަށް، އެކެއް ކައިރިން ފާހަގަޖައްސައި، އަނެކަކާ މަޝްވަރާކޮށް، އެތަން މިތަނުން އަޅުގަނޑުމެންނަށް ލިބުނު މަޢްލޫމާތުގެ ޢަރަގު އެއްކޮށް، މި ޕާޓީގެ ފަރާތުންވީ ވަޢުދުތައް ވެގެން އެދަނީ މި ރާއްޖޭގެ ތަރައްޤީއަށް އެވަޢުދުތައް ފުދުމުން، އެހީތެރިވެވޭނެ ވަޢުދުތަކަށް. މި ވަޢުދުތައް ވެގެންދިޔައީ، އަޅުގަނޑުމެންގެ މިހާރުގެ ސިޔާސަތުތަކަށް. އެ ސިޔާސަތުތަކަށް ތަންފީޛު ކުރަމުން މި ސަރުކާރުން މިގެންދަނީ. އަޅުގަނޑުމެންނަށް އެ ސިޔާސަތުތައް ތަންފީޛު ކުރެވުނީމާ، މިރަށް އަދި މިއަތޮޅު ބަދަލުކުރެވޭނެކަމާމެދު ކުޑަވެސް ޝައްކެއް އަޅުގަނޑުމެންގެ ހިތުގައި ނުހިނގާ.
އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މަޑަވެލީގެ ތަރައްޤީ. އަޅުގަނޑު މިއަދު މިހޯދަނީ މަޑަވެލީ ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ކުރާންހުރި މަސައްކަތަކީ ކޮބައިތޯ. އަޅުގަނޑުމެން ދެނެގަންނަނީ، މިރަށް ބަދަލުކުރުމަށް، މިރަށުގެ ރައްޔިތުންގެ ޖީބަށް މިހާރު ލިބޭ އެއްޗަކަށްވުރެ އިތުރަށް ފައިސާ ވެއްދޭނެ ގޮތްތަކަކީ ކޮބައިތޯ. އަޅުގަނޑުމެން ހޯދަނީ، މަޑަވެލީ ރައްޔިތުންގެ ޙާލަތު، މިއަދުގެ ޙާލަތުން ބަދަލުކުރުމަށް އަޅުގަނޑުމެން ކުރާންހުރި މަސައްކަތަކީ ކޮބައިތޯ. އަޅުގަނޑުމެން ބޭނުމީ މަޑަވެލީގެ ތަރައްޤީ. މަޑަވެލީގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ރައްޔިތުންނެކޭ އެއްފަދައިން، 2008 ވަނަ އަހަރު ފެށުނުއިރު، ތިންބައިކުޅަ އެއްބައި މަޑަވެލީ ރައްޔިތުންނަކީ ނިކަމެތި ފަޤީރުން. އެމީހުންނަކީ، އެމީހުންނަކީ ރެއާއި ދުވާލަށް ވިހި ރުފިޔާ ބޮލަކަށް ނުޖެހޭ ނިކަމެތިން.
ޤައުމެއް، ރަށެއް ތަރައްޤީއެއް ނުކުރެވޭނެ، އެރަށެއްގެ، އެޤައުމެއްގެ ރައްޔިތުންގެ ގިނަ ބައިވަރު މީހުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބެގެނެއް. ބޮޑެތި ބިނާކުރެވިދާނެ. ބޮޑެތި ޢިމާރާތް ހެދިދާނެ. އެހެން ނަމަވެސް، ތިމަންނާއަކީ، މަޑަވެލީ މީހާއަކީ ބަލިވާ ކޮންމެ ފަހަރަކު، ބޭސް ސިޓީ ހިފައިގެން، އެއްމަހުޖަނެއް ގާތުން، އަނެއް ވިޔަފާރިވެރިއެއް ގާތުން ސަލާން ޖަހަމުންދާންޖެހޭ މީހަކަށްވަނީނަމަ، މަޑަވެލީގެ ރައްޔިތުމީހާގެ ޤަދަރެއް، ޢިއްޒަތެއް ނުހޯދޭނެ، ނުހިފެހެއްޓޭނެ. ޤަދަރާއި ޢިއްޒަތް ލިބިގެން ނޫނިއްޔާ، ރައްޔިތަކަށް ކުރިއަރައެއް ނުދެވޭނެ. ހިފެހެއްޓި، ތަޅުލެވި، އަޅުދާސްތުވެގެނެއް ރައްޔިތަކު ތަރައްޤީއެއް ނުވާނެ. ރައްޔިތަކު ތަރައްޤީ ނުވާހާ ހިނދަކު، އަޅުގަނޑުމެންނަކަށް މަޑަވެއްޔެއް ތަރައްޤީއެއް ނުކުރެވޭނެ. މަޑަވެލީގެ ތަރައްޤީ އޮތީ މަޑަވެލީ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅިފައި. އެހެންވީމާ، މި ސަރުކާރުން ވަޢުދުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރެއްގައި، ބޭސް ސިޓީއަށް ސަލާންޖެހުން އަޅުގަނޑުމެން ނައްތާލާނަމޭ. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ސަރުކާރަށް އުފާވެރިކަން ލިބެނީ، މި ޕާޓީއަށް ހިތްވަރު ލިބެނީ، މި މަޑަވެލީގެ 309 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާތީވެ. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މިދެންނެވި ކޮންމެ ރައްޔިތަކަށް، 2010 ވަނަ އަހަރުގެ ތެރޭގައި، ނުވަލައްކަ ދެހާސް ރުފިޔާ، މި މަޑަވެލީގެ ބޭސްފަރުވާއަށްޓަކައި، މަދަނައިގެ ވިއުގައިން ޚަރަދު ކުރެވިފައިވާތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މަޑަވެލީގައި މަދަނައިގައި ރަޖިސްޓްރީ ވެފައިވާ 309 މީހުންގެ ތެރެއިން، ކޮންމެ މީހަކަށްވެސް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ މާލިއްޔަތުގައި 2011 ވަނަ އަހަރު ރައްކާކުރެވިފައިވާތީވެ.
އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މަޑަވެލީ ރައްޔިތުންނަށް ބޭނުންވާނެ ބޭސްފަރުވާ، ބޭނުންވާނެ ޞިއްޙީ ޚިދްމަތް ހޯދުމުގައި، އެމީހުންނަށް ފައިސާގެ ދަތިކަމެއް ނުލިބުން. އަޅުގަނޑުމެން ގަބޫލުކުރަން، މި ރާއްޖޭގެ ކިތަންމެ ޚިދްމަތެއް މިހުރީ އަޅުގަނޑުމެން އެދޭ މިންވަރަކަށް ނޫން. އެދޭ ފެންވަރަކަށް ނޫން. މަޑަވެލީގެ ޞިއްޙީ ޚިދްމަތް މިހާރަށްވުރެ ފުޅާކުރުމަށްޓަކައި، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި 2011 ވަނަ އަހަރު، އެ ހެލްތް ސެންޓަރު އެއީ، ޓެލެ މެޑިސިންގ ހެލްތް ސެންޓަރަކަށް ބަދަލުވެގެންދާނެތީ. އެނގިވަޑައިގަންނަވާނެ، ތިނަދޫގައި މިހާރު މިވަނީ އެޚިދްމަތް ފެށިފައި. ދާދި އަވަހަށް އަޅުގަނޑުމެންނަށް، މަޑަވެއްޔަށް އެޚިދްމަތް ތައާރުފު ކުރެވޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މަޑަވެލިން ތިޔަބޭފުޅުންގެ ބަލިތަކަށް ފަރުވާ ލިބޭނެ، ޝިފާ ލިބޭނެ އުޞޫލުތަކާއި ހަމަތައް ހަމަޖެހިގެންދާނެ.
އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، މަޑަވެލީ ތަރައްޤީ. އެ އިޖްތިމާޢީ ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ޕްރޮގްރާމް ހިންގުން ކޮންމެހެންވެސް ބޭނުން. އަޅުގަނޑު މީގެ ދެއަހަރު، ދޮޅުއަހަރެއްހާ ދުވަހު ކުރީގައި، ތިޔަބޭފުޅުން ގާތަށް އައިސް އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންނަށް ނާޒިމް ގޮނޑީގައި ބައިންދައިދެއްވާށޭ. އޭރަށް މި މަޑަވެއްޔަށް ޚިދުމަތް ކުރަން އަޅުގަނޑުމެންނަށް ފަސޭހަވާނެއޭ. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުން، މިހާތަނަށް މިދިޔަ ދެއަހަރުގެ ތެރޭގައި، ތިޔަބޭފުޅުންގެ ފަރާތުން ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ވަކާލާތު ކުރައްވަމުން ގެންދެވީ ނުހަނު ބާރަށް، ނުހަނު ފަށުވިކޮށް. އަޅުގަނޑު ގާތުގައި ނާޒިމް މަޑަވެލީގެ ވާހަކަ، އެބޭފުޅާގެ ދާއިރާގެ ވާހަކަ ނުދައްކަވާ ހަމަ އެންމެ ހަފްތާއެއްވެސް ފާއިތުވެ ގޮސްފައެއްނެތް. މި މަޑަވެއްޔަށް ތަރައްޤީ ގެނައުމަށާއި، މި މަޑަވެލީގެ ކަންތައްތައް ފުރިހަމަވުމަށް ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ހުރިކަމީ، އަޅުގަނޑު ދަންނަވާނީ، މަޑަވެއްޔަށް ލިބުނު ބޮޑު ނަޞީބެކޭ. އަޅުގަނޑު މިއަދު އަނެއްކާ މިއެދެނީ، މަޑަވެލީގެ ރައްޔިތުންގެ ކިބައިން، ތިޔަބޭފުޅުންގެ މަޑަވެލީ ރަށު ކައުންސިލުގެ އަޣްލަބިއްޔަތު މިޕާޓީއަށް، މި ސަރުކާރަށް ދެއްވާށޭ. އެހެން ނުހައްދަވާށޭ، އަޅުގަނޑުމެން ކުރާންހުރި މަސައްކަތް ވަރަށްގިނައޭ. އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްވެސް، މީގައި މަދަނައިގެ ޚިދްމަތްތައް ތަންފީޛު ކުރުމަށްޓަކައި، އެކަން އަޅުގަނޑުމެންނާއެކީގައި ކުރާން ބޭނުން އަދި ކުރާހިތްވާ އަދި ކުރުމަށް އެދޭ ބަޔަކު މަސައްކަތް ކުރާން ނުހަނު ބޭނުމޭ. އެހެންވީމާ، އަޅުގަނޑު އަނެއްކާވެސް ތަކުރާރުކޮށް މިއެދެނީ، މި މަޑަވެލީގައި އެމް.ޑީ.ޕީ ކެންޑިޑޭޓުންނަށް މަޑަވެލީ ރައްޔިތުން ވޯޓް ދެއްވުމަށް.
ސަރުކާރުގެ ބޭނުމަކީ، ރާއްޖޭގެ ގިނަ ބައިވަރު ރައްޔިތުންނާ އަޅާލެވޭނެ ގޮތެއް ހޯދުން. މަޑަވެލީގެވެސް ގިނަ ރައްޔިތުންނާ އަޅާލެވޭނެ ގޮތެއް ހޯދުން. އަޅުގަނޑު މަޑަވެއްޔަށް އައި ފަހަރު ފަހަރު މަދެއް ނުވާނެ. އަޅުގަނޑު މިރަށަށް އަންނަ ކޮންމެ ފަހަރަކު އަދި އަޅުގަނޑުމެން ޕާޓީން މިރަށަށް ދަތުރުކުރާ ކޮންމެ ފަހަރަކު، އަދި މަޑަވެލީގައި ތިބި މިޕާޓީގެ ހީވާގި މެންބަރުންނަށް ފެންނަމުންދާ މަންޒަރުތައް ވަރަށް ސާފު. އަޅުގަނޑުމެން ޕާޓީގެ ކޮންގްރެސްގައިވެސް އަދި ޕާޓީގެ އެހެން ޖަލްސާތަކުގައިވެސް މަޑަވެލީ އެމް.ޑީ.ޕީ.ގެ ވެރިން، މި ސަރުކާރަށް މަޑަވެލީގެ ޚަބަރު ކުރަމުން ގެންދަނީ ނުހަނު ސާފުކޮށް. މަޑަވެލި ބަދަލުކުރަން އަޅުގަނޑުމެން އެންމެންނަށް މަސައްކަތް ކުރުމުގެ ފުރްޞަތެއް މިއަދު ލިބެމުންދާއިރުގައި، އެ ފުރްޞަތުގެ ބޭނުން ހިފުމަށް، އަޅުގަނޑު މަޑަވެލީގެ ރައްޔިތުންގެ ކިބައިން އިޚްލާޞްތެރިކަމާއެކު އެދެން.
އަޅުގަނޑުމެންގެ އަމާޒަކީ، ޢުމުރުން ދޮށީ މީހުންނަށް ޕެންޝަނެއް ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖޭގެ ރަށްރަށުގައި ދިރިއުޅެމުން އަންނަ ދޮށީ މީހުންނަށް، މީގެކުރީގައި އެބޭފުޅުންނަށް ކަންތައްތައް ދިމާވެފައި އޮތްގޮތް ނޫން އެހެން ގޮތަކަށް ކަންތައްތައް ރާވައި، ކަންތައްތައް އިންތިޒާމް ކުރުން. ފާގަތި ދިރިއުޅުމެއް ދޮށީ ޢުމުރުގެ މީހުންނަށް ދިނުމުގެ ބޭނުމަކީ، ޒުވާނުންވެސް ވީއްލުން. މަންމައާއި ކާފަ ނުވަތަ ބައްޕައާއި މަންމަ، މިފަރާތްތަކުގެ ދިރިއުޅުމުގެ ދަތިކަމާއި ހާސްކަމަށްޓަކައި ޒުވާން ޖީލަށް އަބަދުވެސް ހިފެހެއްޓި، ހުއްޓިފައި ހުންނަނަމަ، އެ ޖީލަށް ވަރުގަދަކޮށް މަސައްކަތް ކުރަން އުނދަގޫވާނެ. ސަރުކާރުގެ ބޭނުމަކީ، ދޮށީ ޢުމުރުގެ މީހާއާވެސް އަޅާލުން. އަދި އެ އަޅާލުމުގެ ސަބަބުން، ޒުވާން ޖީލު ވީއްލުން. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި މަޑަވެލީގެ 84 ރައްޔިތަކަށް ކޮންމެ އަހަރަކު، ކޮންމެ މަހަކު ދެހާސް ރުފިޔާ ލިބެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި މަޑަވެއްޔަށް ކޮންމެ މަހަކު އެއްލައްކަ ފަސްދޮޅަސް އަށްހާސް ރުފިޔާ ޕެންޝަންގެ ގޮތުގައި ދެވޭތީ. މި ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، މަޑަވެލީގެ ތަރައްޤީ.
އެކަނިވެރި މައިންނާއި ޔަތީމު ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރޭގައި، މިދިޔަ 2010 ވަނަ އަހަރުވެސް، މި މަޑަވެލީ 43 ރައްޔިތަކު ހިމެނިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. މި ޕާޓީއަށް ޖޯޝް އަންނަ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މަޑަވެލީ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން. އެކަނިވެރި މައިންނަށް އަދި ޔަތީމު ކުދިންނަށް ކޮންމެ މަހަކު އެއްލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބޭކަމީ، މި ސަރުކާރަށް އުފާވެރިކަން ލިބޭނެ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ މަޑަވެލި ބަދަލުކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، މި ރަށް ތަރައްޤީ ކުރުން. މިރަށުގެ އިޖްތިމާޢީ ރައްކާތެރިކަން، މި ޕްރޮގްރާމް ހިންގުމަށްޓަކައި އަޅުގަނޑުމެންނާ އެކުގައި، އަޅުގަނޑުމެންގެ ފަލްސަފާ ގަބޫލުކުރާ، އަޅުގަނޑުމެންގެ އުޞޫލުތައް ރަނގަޅު ކަމަށް ދެކޭ ބަޔަކާއެކީގައި މަސައްކަތް ކުރުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ދެއްވުމަށް، އަޅުގަނޑު މަޑަވެލީ ރައްޔިތުންގެ ކިބައިން ނުހަނު އިޚްލާޞްތެރިކަމާއެކު އެދެން. އަޅުގަނޑު، މަޑަވެލީ އެމް.ޑީ.ޕީ. މެންބަރުންނަށް އެކަންޏެއް ނޫން. މުޅި މަޑަވެލީގެ އެންމެހާ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން. ޒައްރެއްގެ މިންވަރުގެ ފުރްޞަތެއްވެސް އަޅުގަނޑުމެންނަށް ދެއްވައިފިއްޔާ، އެއިން އަޅުގަނޑުމެން މި މަޑަވެލި ބަދަލުކުރާނަމޭ. އަޅުގަނޑުމެންގެ އެބައޮތް މަޑަވެލީގެ ތަޞައްވުރެއް. އަޅުގަނޑުމެންނަށް އެބައޮތް، މަޑަވެލި ބަދަލުކުރަން އަޅުގަނޑުމެން ބޭނުންވާ ގޮތެއް.
ތަރައްޤީވާން ޖެހެނީ މަޑަވެލީ މީހާ. ޙައްޤުތައް ލިބެންޖެހެނީ މަޑަވެލީ މީހާއަށް. މަޑަވެލީގައި ކުރާ ޢިމާރާތްތަކަކުން، މަޑަވެލީގައި އަޅާ ބިނާތަކަކުން އެކަނި މި މަޑަވެއްޔެއް ތަރައްޤީއެއް ނުވާނެ. މަޑަވެލީ މީހާގެ ސަލާމަތް، އޭނާގެ ހެޔޮޙާލު ލިބިގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. މިދިޔަ ދެއަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ހިތްހަމަޖެހޭ މިންވަރަށް މަޑަވެލީ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވިއްޖެ ކަމަށް މި ޕާޓީން ދެކޭ. އަދި މި ސަރުކާރުވެސް ދެކޭ. އަޅުގަނޑުމެންގެ ބޭނުމަކީ، މި ނިޒާމް، އަޅުގަނޑުމެންގެ ބޭނުމަކީ، މިޕްރޮގްރާމް، މި މަޝްރޫޢު، މިހާރު މިހިނގާ މިންވަރަށްވުރެ، މާ ބާރަށް ފުރިހަމަކޮށް ހިންގަމުން ގެންދިޔުން. އަޅުގަނޑުމެންގެ ބޭނުމަކީ، އެ ޕްރޮގްރާމް މަޑަވެލީގެ ހުރިހާ ރައްޔިތުންނަށް ފަތުރާލުން.
ޤައުމެއް ތަރައްޤީވެ މިދަނީ، އަޅުގަނޑު އަބަދުވެސް އެބަ ފާހަގަކުރަން. ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތެއްގައި، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރެވުނީމާ ކަމަށް. އޭގެތެރޭގައި، ކަންތައްތައްކުރާ ގޮތާއި އަދި ވައްޓަފާޅިއާއި، އެކަމަށް ގެންގުޅޭ ވިސްނުން، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އެއީ، ވަރަށް މުހިންމު ކަމެއް. ތަރައްޤީ ކުރާން ބޭނުންވަނީ، ތަންދޮރު އެނގޭން މިޖެހެނީ މަޑަވެލީ މީހާއަށް. މަޑަވެލީ ދަރިއަށް. އަޅުގަނޑުމެންގެ އަމާޒަކީ، މަޑަވެލީގެ މަދްރަސާއަކީ، އެއްދަންފަޅި މަދްރަސާއަކަށް ބަދަލުކޮށް، އަދި ރަނގަޅު ވަށާޖެހޭ ތަޢްލީމެއްދޭ މަދްރަސާއަކަށް ހެދުން. މިދިޔަ އަހަރު މަޑަވެލީ މަދްރަސާގައި ސަރުކާރުންވަނީ ލެބޯރެޓަރީގެ ޢިމާރާތެއް ކުރެވިފައި. އަދި ސަރުކާރުގެ އަމާޒަކީ، މި ޢިމާރާތާއެކުގައި އަދި އިތުރު ޢިމާރާތްތައް، މަޑަވެލީ މަދްރަސާގައި އަޅައި، ކްލާސްރޫމް އިތުރުކޮށް، މަޑަވެލީ މަދްރަސާ އެއްދަންފަޅީގެ މަދްރަސާއަކަށް ހެދުން. މަޑަވެލީ މަދްރަސާގައި ވަށާޖެހޭ ތަޢްލީމެއް ދިނުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. މިދިޔަ 2010 ވަނަ އަހަރުގެ ތެރޭގައި، މަޑަވެލީ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ގަތުމަށް ސަތޭކަ އަށްޑިހަ ތިންލައްކަ ހަސަތޭކަ ހަތްދިހަ އަށްރުފިޔާ ޚަރަދު ކުރެވިފައިވާކަމީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ، މަޑަވެލީ ވީހާވެސް ގިނަ ކުދިންނެއް މަތީ ތަޢްލީމް ޙާޞިލް ކުރުން. އިމްތިޙާންތަކުން ފާސްވަމުން ދިޔުން. މި ސަރުކާރަށް އުފާވެރިކަން ލިބެނީ، މަޑަވެލީ 40 ދަރިވަރަކަށް، ބޭރު އިމްތިޙާން ހެދުމަށް ފަސްދޮޅަސް ހަތްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް މިދިޔަ އަހަރު ލިބިފައިވާތީވެ.
މަޑަވެލީގެ މަދްރަސާއަށް ސަރުކާރުން އަޅާލަމުން ގެންދިޔަ ގެންދިޔުން އަދި ބަލަހައްޓަމުން ގެންދިޔުމުގެ ނަތީޖާ ވަރަށް ސާދާ، ވަރަށްފޮނި. މަޑަވެލީގައި އޯލެވެލް އިމްތިޙާން ހެދި ކުދިން، 2009 ވަނަ އަހަރާ އަޅާބަލާއިރު، 2010 ވަނަ އަހަރު 18 ޕަސެންޓުން ވަނީ މައްޗަށް ގޮސްފައި. އެއީ، މަޑަވެލީ ދަރިވަރުންނާއި އަދި އެދަރިވަރުންގެ ބެލެނިވެރިންނާއި، މި މަދްރަސާ ހިންގާ ވެރިންނާއި، މަދްރަސާގެ އެންމެހާ މުވައްޒަފުންނާއި، އަދި މުޅި މަޑަވެލީ ރައްޔިތުން ހޯދި ވަރަށް ފުރިހަމަ ކާމިޔާބީއެއް. އަޅުގަނޑު އެންމެ ބޭފުޅުންނަށް އެކަމަށް މަރްޙަބާ ދަންނަވަން.
އަޅުގަނޑުމެންގެ ބޭނުމަކީ ތަރައްޤީ. އަޅުގަނޑުމެންގެ ބޭނުމަކީ މަޑަވެލީ ރައްޔިތުން މުއްސަނދި ކުރުން. އަޅުގަނޑުމެންގެ އަމާޒަކީ، މިއަދު މަޑަވެލީ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް، މިއަދު އެ ވަންނަ މިންވަރަށްވުރެ މާދަމާ އިތުރުވުން. އަޅުގަނޑުމެންގެ މަސައްކަތް އަބަދުވެސް ހުއްޓިފައި ހުންނާނީ، މިދަންނަވާ އިތުރުވުން ފަހިވާނެ އުޞޫލުތައް ހޯދުމަށް. ފަހިވާނެ ސިޔާސަތުތައް ތަންފީޛު ކުރުން. މަޑަވެއްޔާއި ހޯނޑެއްދުއާ ގުޅާލުމުން އަދި އެދޭތެރޭގައި ގޯތި ދިނުމަށް ބޭނުންވާ ބިން ބޮޑުކޮށް، އެމަސައްކަތް ހިންގުމަކީ، މަޑަވެލި ހޯނޑެއްދޫގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި، މިދެންނެވި ކޯޒްވޭ، މިދޭތެރޭގައި މަޑަވެލި ހޯނޑެއްދުއާ ދޭތެރޭގައި ބިނާކުރެވި، މިދެރަށް އަޅުގަނޑުމެންނަށް ގުޅާލެވޭނެ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލެވި، މުޅި ދެރަށުގެ ފުރިހަމަ ތަޞައްވުރެއް އެކުލަވާލާން އަޅުގަނޑުމެން އިންތިޚާބު ކުރާ ބަޔަކީ، މިހާރު މި އިންތިޚާބުކުރާ ރަށު ކައުންސިލާއި އަތޮޅު ކައުންސިލް. އަޅުގަނޑު ބޭނުން، މިދެރަށުގެ ފުރިހަމަ ތަޞައްވުރެއް، ފުރިހަމަ މަންޒަރެއް، މިދެރަށުގެ ރައްޔިތުންވެގެން ކުރަހަން، އެއްދަވާދަކުން. މި ސަރުކާރުގެ ވިސްނުމެއް އެބައޮތް، ދެރަށާއި، ދާއިރާއާއި، އަތޮޅުގެ ތަރައްޤީއަށް. އެ ވިސްނުން ތިޔަބޭފުޅުންނާއެކީގައި ސަރުކާރުން އަދި މާބޮޑަށް އެބަ ޙިއްޞާ ކުރަންޖެހޭނެ. ދެ ރަށް ގުޅާލެވި، ބިން ބޮޑުކުރެވި، ރައްޔިތުން ބިން ވެރިކުރެވި އަދި ވިޔަފާރީގެ ފުރްޞަތުތައް ފުޅާކުރެވި، ދެރަށަށް ބޭނުންވާނެ އެކަށީގެންވާ ބޮޑު ބަނދަރެއް ބިނާކުރެވި ހެދުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެކަމަށްޓަކައި އަޅުގަނޑުމެން ކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ، ފެބްރުއަރީ 5 ވަނަ ދުވަހު މި ޤާއިމް ކުރެވޭ ލޯކަލް ކައުންސިލްގެ އިންތިޚާބު. އެ ކައުންސިލް މެދުވެރިކޮށްގެން މެނުވީ، ސަރުކާރުގެ ސިޔާސަތު، އަޅުގަނޑުމެން އެދޭގޮތުގައި ތަންފީޛެއް ނުކުރެވޭނެ.
އެ ސިޔާސަތު ތަންފީޛު ކުރުމަށްޓަކައި، ސަރުކާރުން ކަންކަން އަދި ކަނޑައެޅިނަމަވެސް އެއީކީއެއް، ފަސޭހައެއްކޮށް އަވަހަކަށް ވާނެ ކަމެއް ނޫން. މަޑަވެލީ ކައުންސިލްގައި ތިއްބަވަނީ ސަރުކާރުގެ ސިޔާސަތާ އެއްބަސްނުވެވޭ ބޭފުޅުން ކަމަށްވަނީވިއްޔާ، އެބޭފުޅުންނާއެކުގައި ސަރުކާރަށް މަސައްކަތް ކުރާން ދަތިވާނެ. ޤާނޫނު އަދި ކޮންމެ ގޮތަކަށް އޮތަސް، އެއްބަސްވާ ބަޔަކާއެކީގައި އަޅުގަނޑަށް ފެންނަ ފެނުމުގައި މާ ބާރަށް ކަންތައް ކުރެވޭނެ. މަޑަވެލީ ރައްޔިތުން ވިސްނަވަންވީ މިދެންނެވި މަގަށް. އަޅުގަނޑުމެންނަށް މަޑަވެއްޔާއި ހޯނޑެއްދޫގެ ކަރަންޓް އެއްކޮށްލެވޭނެ. ސަރުކާރަށް މަޑަވެއްޔާއި ހޯނޑެއްދުއަށް އެކީގައި ފެނުގެ ނިޒާމެއް ޤާއިމް ކުރެވޭނެ. ސަރުކާރަށް މިހާރުގެ މިއަހަރުގެ ބަޖެޓްގައި މިވަނީ މަޑަވެލީގެ ނަރުދަމާގެ ނިޒާމް ހިމެނިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ 2011 ވަނަ އަހަރު، އެމަސައްކަތް ފަށައި އަދި ކޮށް ނިމޭނެ. ސަރުކާރަށް މަޑަވެލި ތަރައްޤީ ކުރުމަށްޓަކައި، މަޑަވެލީގެ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ހޯނޑެއްދުއާ ގުޅުވާލައިގެން، އެމަސައްކަތް ހިންގުމުގެ ބުއްދިވެރިކަމާއި، އަދި ފައިދާއާއި ނަފާ ވަރަށް ރަނގަޅަށް އެބަ ފެނޭ.
އަޅުގަނޑު އެދެނީ މަޑަވެލީ ރައްޔިތުންގެ ތަނަވަސް ވިސްނުމަށް. އަޅުގަނޑު މިއެދެނީ، މަޑަވެލީ ރައްޔިތުން މިއަދު އަޅުގަނޑުމެންނަށް ހަމަ އެންމެ ވޯޓެއް ދެއްވުމަކަށް ނޫން. ސަރުކާރަށް ވޯޓެއް ދެއްވުމަކަށެއް ނޫން. އަދި އެމް.ޑީ.ޕީ އަށް އެކަނި ވޯޓެއް ދެއްވުމަކަށްވެސް ނޫން. އަޅުގަނޑު މިއެދެނީ، އުފަންވާން އޮތް މަޑަވެލީގެ ޖީލަށް ތިޔަބޭފުޅުން ވިސްނެވުން. ދެން ވާންއޮތްގޮތާ އަޅުގަނޑުމެން އަޅާލުމަށް. އަޅުގަނޑު އަބަދުވެސް އެބަ ދަންނަވަން، މިއަދު މިއޮތީ ނިމިފައޭ. އިއްޔެ ނިމިގޮއްސިއޭ. އަޅުގަނޑުމެންނަށް ލިބެންއޮތީ މާދަމައޭ. މާދަމައަށް އަޅުގަނޑުމެން ވިސްނަންޖެހޭނޭ. އަޅުގަނޑުމެންގެ ނޭފަތު ކުރިއާ ހިސާބުގައި އަޅުގަނޑުމެންގެ ވިސްނުމެއް ނުބެހެއްޓޭނެ. އަޅުގަނޑުމެންނަށް އެބަޖެހޭ ދެންވާނެ ގޮތް އެނގެން. އަޅުގަނޑު އަބަދުވެސް ދަންނަވަން، ތިން ހަތަރު ކުޅި ކުރިއަށް ވިސްނައިގެން ނޫނިއްޔަކާއެއް، ރާޒުވާ ގަނޑަކުން މޮޅެއް ނުވާނެ. އަޅުގަނޑުމެން މިތިބީ މޮޅުވާން ނުކުމެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މޮޅުވާނެ. އިރާދަކުރެއްވިއްޔާ، މަޑަވެލީގެ ތަރައްޤީ ހޯދޭނެ.
މި ހުވަދުއަތޮޅުގައި ކޮންމެހެންވެސް ދަންނަވާން ބޭނުން ވާހަކައެއް އެބައޮތް. ލާމަރްކަޒީ އުޞޫލުން ނުވަތަ ރާއްޖޭގެ އަތޮޅުތަކަށް ބާރުދިނުމަކަށް މާލޭގައި އެއްވެސް ވެރިއަކު މީގެކުރިއަކު އުޅުއްވިފައެއްނެތް. އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކީ، އެތައް ސަތޭކަ އަހަރެއް ވަންދެން، މާލެއަށް އެއްކޮށްފައި ހުރި ބާރެއް، މި މަޑަވެއްޔަށް އެއިން ބައެއް ދޭން. އެ ބައެއް މަޑަވެއްޔަށް މާލޭގައި ހުރި ބާރު ދިނުމަކީ، ފަސޭހަ ކަމެއް ނޫން. މާލޭގައި ހުރި ބާރުން ކުޑަމިންވަރެއްވެސް ހުވަދުއަށް ބަހާލުމަކީ ވަކި ފަސޭހަ ކަމެއް ނޫން. ޤާނޫނުއަސާސީ ހެދެމުން އައިއިރުގައި، އެ ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުސޫލުތައް އެކުލަވައިލެވުނުއިރު، އެއަކު ނެތް ލާމަރްކަޒީ އުޞޫލުން ރާއްޖެ ހިންގާ ވާހަކައެއް. އޭގައި އޮތީ ދިވެހި ދައުލަތަކީ ޔުނިޓްރީ ދައުލަތެކޭ. އެހިސާބަކުންނެއް ލާމަރްކަޒު ކުރެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ބާރު، 8 ވަނަ ބާބަކީ، ޤާނޫނުއަސާސީގައި ހިމެނުނީ މާފަހުން. އެނގިވަޑައިގަންނަވާނެ، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު، އެމް.ޑީ.ޕީ.ގެ ޚާއްޞަ މަޖިލީހުގެ މެންބަރު އަދި އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމް، އެމް.ޑީ.ޕީ.ގެ ޚާއްޞަ މަޖިލީހުގެ މެންބަރު، އެބޭފުޅުން ފަހުން ވަކިން ހުށަހެޅުއްވި އިޞްލާޙެއްގެ ތެރެއިން އަޅުގަނޑުމެންނަށް 8 ވަނަ ބާބު ލިބުނީ. މިއަދު އަޅުގަނޑުމެން މިދަނީ އެ ބާބު ތަންފީޛު ކުރަމުން. އެ ތަންފީޛު ކުރުމުގައި، ފުރަތަމަ އަޅުގަނޑުމެން މިދޫކޮށްލީ، ޝަރީޢަތް ކުރުމުގެ ބާރު. ސުޕްރީމް ކޯޓެއް އުފައްދައި، އެ ސުޕްރީމް ކޯޓް މިހާރު އެވަނީ ހިނގަން ފަށާފައި. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ، މިއަދު ސަރުކާރުން އެ މަޖިލީހުގެ ރައީސް ކަނޑައަޅާ މަޖިލީހެއް ނޫން. އަދި އެމަޖިލީހުގައި ތިބީ ހައްތަހާވެސް އިންތިޚާބްވެފައިވާ ބޭފުޅުން.
މިއަދު އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކީ، ވެރިކަން ހިންގުމުގެ ބާރުގެ ތެރެއިން އިތުރު ބާރެއް، އިތުރު މިންވަރެއް، މަޑަވެލީ ރައްޔިތުންނަށާއި އަދި މި ރާއްޖޭގެ އެންމެ ރައްޔިތުންނަށް ބަހާލުން. އެބަހާލުމުގައި، އެބަހާލުމުގެ ފިކުރަކީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. އެ ބަހާލަން ބޭނުންވެގެން މިއުޅެނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، އެންމެ ބޭފުޅުންގެ ކިބައިން އެދޭނަން، އަޅުގަނޑުމެންނާ ވާދަކުރާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ތިޔަބޭފުޅުން ބައްލަވާލައްވާ. އެބޭފުޅުންގެ މެންބަރުން ގިނަ. އެހެން ނަމަވެސް، ކިތައް މެންބަރުންތޯ ތިއްބެވީ، ސީދާ އެމެންބަރުން ތަންފީޛުކުރާ އުފަން ރަށުން ނުވަތަ އެދާއިރާއިން އައިސް. އެމެންބަރުން ތަންފީޛުކުރާ ދާއިރާގެ ވޯޓް ޙައްޤުވާ ކިތައް މެންބަރުންތޯ، އެހެން ޕާޓީތަކުގައި އެ ތިއްބެވީ. އަޅުގަނޑު އެހެން މިދެންނެވީ، ހެންވޭރު މީހަކު ގޮސް ކެންދުއަށް ކުރިމަތިލައިގެން، ކެންދޫ ތަމްސީލު ކުރަން އުޅޭތަން. އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑު އެ ކެންދުއަށް ދިޔައިން. އަޅުގަނޑަކަށް ހަމަ ނުވިސްނޭ، ހެންވޭރުގައި ދިމާވެފައި އޮތް އެއްވެސް ކަމެއް ކެންދޫގައި ދިމާވެފައި އޮއްވައެއް. އަޅުގަނޑުމެންނަށް މި މަޑަވެލި ތަމްސީލު ކުރަން ގަލޮޅުން މީހަކު ގެނެސް ބައިންދައިގެން، އަޅުގަނޑު ހިތަށްއަރަނީ، ހަމަ ކެންދޫ މީހާއަށް ޖެހުނު ދަތުރޭ ޖެހޭނީ. އަޅުގަނޑުމެންނަކީ، މި ރާއްޖޭގެ ޕާޓީއަކީ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގައި އެވަނީ ރާއްޖެ ތަމްސީލުކުރާ ފިކުރާއި، ރާއްޖެ ތަމްސީލުކުރާ މެންބަރުންނާއި އަދި ރާއްޖެ ތަމްސީލުކުރާ އެންމެ ރައްޔިތުންނޭ.
އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދޭނީ، ތަކުރާރުކޮށް އެދޭނީ، ތަރައްޤީ ބޭނުންވެލައްވަންޏާ، ބަދަލުވާން އަޅުގަނޑުމެން އެދޭ ކަމަށްވަންޏާ އަދި އަޅުގަނޑުމެން އެކުލަވައިލާފައިމިވާ ޕްރޮގްރާމް ޙަޤީޤަތަކަށް ހަދައި، ކުރިއަރާން ތިޔަބޭފުޅުން ބޭނުންވެލައްވަންޏާ، މަޑަވެލީގައި ތިލަފަތަށް ވޯޓް ޖައްސަވާށޭ.
މަޑަވެލީގައި މިއަހަރު ސަރުކާރުން ހިންގާން ހުރި މަސައްކަތްތައް ނުހަނު ގިނަ. އަޅުގަނޑު ގަނޑުކޮޅެއްގައި ލިޔުނިން. އެ އަޅުގަނޑަކަށް މިހާރު ފެންނާކަށް ނެތް. އަޅުގަނޑު ދަންނަވާން އޮތީ، އަޅުގަނޑުމެންނަށްވީ މިންވަރަކަށް، އަޅުގަނޑަށްވީ ހުރިހާ މަސައްކަތެއް، އަޅުގަނޑު، ނާޒިމާ އެކީގައި، އަދި ކައުންސިލާ އެކީގައި މަޑަވެލި ތަރައްޤީ ކުރަން އަޅުގަނޑު ކުރާނަމޭ. އަޅުގަނޑު ކޮންމެހެނެއް ނޭދެން، އަޅުގަނޑު މިވެނި ތާރީޚެއްގައި، އެވެނި ކަމެއް ކުރާނަމޭ، އަނެއް ތާރީޚެއްގައި އަނެއް ކަމެއް ކުރާނަމޭ، އެހެން ދަންނަވާކަށް އަޅުގަނޑަކަށެއް ނޭނގެ. އަޅުގަނޑަށް ޔަޤީން ކަމަކީ، އަޅުގަނޑު ތިޔަބޭފުޅުންގެ ލޯ ލާރިއެއްގައިވެސް ނުޖެހޭނަމޭ. އަޅުގަނޑެއް ވައްކަމެއް ނުކުރާނަން. އަޅުގަނޑެއް ޚިޔާނަތްތެރިއެއް ނުވާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި ކޮންމެ ދުވަހަކު 12 ގަޑިއިރު އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން. އަޅުގަނޑެއް ތިޔަބޭފުޅުންނަކީ އަޅުގަނޑާ ދުރު ބައެއްގެ ގޮތުގައެއް ނުދެކޭނަން.
އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުމެންނަށް އުޖާލާ މަންޒަރެއް. އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުމެންނަށް އަދި މާ އުފާވެރި ތަނެއް. އަޅުގަނޑުގެ ހައްތަހާވެސް ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑު ދަންނަވާނީ، މިއީ، އުފާވާ ޒަމާނޭ، އުފާވެރިވި މި ރާގޭ، ހިތާއޭ އަހާށޭ.
والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________