بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބަލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު، އަދި ޕާލަމެންޓްރީ ގްރޫޕްގެ ދެ ޑެޕިއުޓީ ލީޑަރުން އަޙްމަދާއި، އަސްލަމް.

السّـلام عليـكم

މިރޭ އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑު، އަޅުގަނޑުމެންގެ ލޮބުވެތި އިހަވަންދޫގެ ރައްޔިތުންނާއި އަދި މިރޭ މިތަނަށް ވަޑައިގެން ތިއްބެވި މާންދޫގެ ރައްޔިތުންނަށް މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. މީގެ ދެއަހަރު ކުރީގައި ހަމަ މިފަޅުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ދެންނެވިން، އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން ފާހަގަކުރަމުން ގެންދިޔައިން، މިރާއްޖެ މިއޮންނަނީ ހަތަރުއަނގޯޅިއެއްގެ ކަންމަތީގައޭ. އަޅުގަނޑުމެނަށް އެބައޮތޭ، ޚަރާބުގެ މަގު ޚިޔާރުކުރެވެންވެސް. އަޅުނގަނޑުމެންނަށް އެހެންނޫނީ އެބައޮތޭ، މުޅިންއެހެންގޮތެއް. އެހެން ދިވެހިރާއްޖެއެއް ހޯދެންވެސް. އަޅުގަނޑުމެންގެ ރާއްޖޭގެ ގިނަ ބައިވަރު ރައްޔިތުން ވަރަށް ތަނަވަސް އަޚުލަބިއްޔަތަކުން ނީންމީ އަނެއް ދިވެހިރާއްޖެ ހޯދުމަށް.

އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން މިދެންނެވި އެހެންގޮތް، އަނެއް ދިވެހިރާއްޖެ ހޯދުމަށްޓަކައި، ލިބިގަތުމަށްޓަކައި، ތިޔަބޭފުޅުންނަށް ރައްދުކުރުމަށްޓަކައި ޕާޓީގެ ފަރާތުން ރައްޔިތުންނަށް ވަޢުދުތަކެއްވި. އެވަޢުދުތައް ރައްޔިތުންނަށް ފުއްދައިދިނުމަށްޓަކައި ޕާޓީއިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު ކަނޑައެޅީ. އަޅުގަނޑު ގާތުގައި ސަރުކާރުން އެކުލަވާލައި އެސަރުކާރުގެ ސިޔާސަތުތައް މިދެންނެވި ޕާޓީގެ ވަޢުދުތައް ފުއްދޭނެމަގަށް ތަރުތީބުކުރުމަށް އެދުނު. އަޅުގަނޑުމެން މިގެންދަނީ އެސިޔާސަތައް ތަންފީޒުކުރަމުން. އަޅުގަނޑުމެން މިގެންދަނީ ތިޔަބޭފުޅުންނަށް މިޕާޓީން ވެފައިވާ ވަޢުދުތައް ފުއްދަމުން. ޕާޓީގެ އެންމެއިސް އެއްވަޢުދަކީ ރައްޔިތުންގެ ފަޤީރުކަން ނައްތާލުމަށްޓަކައި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ފޯރުކޮށްދެވޭނޭ އިންތިޒާމެއް ހަމަޖެއްސުން. ޕާޓީގެ އަހުލުވެރިން ބުނީ، ބޭސް ސިޓީއަށް ސަލާންޖެހުން އަޅުގަނޑުމެން ނައްތާލާނަމޭ. ޕާޓީގެ އަމާޒަކަށް ވެފައިއޮތީ، ރައްޔިތުންނަށް ޤަދަރާއި ޢިއްޒަތް ހޯދައިދިނުން.

ވަރަށް ސާފުކޮށް އެނގޭ އަނެއް ޙަޤީޤަތަކީ، މި ތަނަވަސް އިހަވަންދޫގައިވެސް މި މަސްވެރި ރަށުގައިވެސް އާބާދީގެ ވަރަށްގިނަބަޔަކީ ނިކަމެތިންކަން. ތިންބައިކުޅައެއްބައި ރައްޔިތުންނަކީ އެމީހުންނަށް ރެޔާދުވާލަށް ދިހަ ފަނަރަ ރުފިޔާ ހަމަޔަށް ނުލިބޭ، އާމްދަނީގެ ގޮތުގައި ނުލިބޭ މީހުންކަން. އެމީހުންނަށް ބޭސްފަރުވާއަށްޓަކައި ޑޮކްޓަރެއް ގާތަށް ދެވިގެން ބޭސް ސިޓީއެއް ލިބުނަސްވެސް އެސިޓީއަށް ބޭސް ހޯދުމަށްޓަކައި އެއްމަހުޖަނެއް ކައިރިން އަނެއް ސައުދާގަރެއް ކައިރިން އަނެއް ވިޔަފާރިވެރިއެއް ކައިރިން ސަލާންޖަހަމުން ހިނގަންޖެހޭހާ ހިނދަކު ރައްޔިތުންގެ ޤަދަރާއި ޢިއްޒަތެއް ރައްކާތެރިއެއް ނުކޮށްދެވޭނެ. ރައްޔިތުންގެ ގިނަ ބައިވަރު މީހުންނަކީ ނިކަމެތީންކަމުގައި ވަނީވިއްޔާ މި އިހަވަންދުއެއްވެސް އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުކުރެވޭނެ. ތަރައްޤީ ހޯދާން މިޖެހެނީ ރައްޔިތުންނަށް. އިހަވަންދުއެއްނޫން ތަރައްޤީކުރަން މިޖެހެނީކީ. ތަރައްޤީކުރަން މިޖެހެނީ އިހަވަންދޫ މީހާ. ޙާލަތު އަޅުގަނޑުމެން ބަދަލުކުރާން މިޖެހެނީ އިހަވަންދޫ ރައްޔިތުމީހާގެ. އޭނާގެޖީބަށް ވަންނަ ފައިސާގެ އަދަދު އިތުރުކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރާން މިޖެހެނީ. އޭނާ މުއްސަނދި ކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާން މިޖެހޭނީ. އޭނާއަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާން މިޖެހެނީ.

ބޭސްސިޓީއަށް ސަލާންޖެހުން ނައްތާލުމަށްޓަކައި މަދަނައިގެ ވިއުގަ އުފެދިގެންއައީ. އެއީވެސް އަނެއްކާ ރައީސް މައުމޫން ކުރެއްވި ކަމެއްކަމަށްވަނީ. އަޅުގަނޑުމެނަށް މިރޭ ހިތްވަރުލިބެނީ، އަޅުގަނޑުމެންނަށް މިރޭ އުފާވެރިކަންލިބެނީ މި އިހަވަންދޫގެ ރައްޔިތުންގެ ތެރެއިން 330 ރައްޔަތަކު މަދަނައިގައި ރަޖިސްޓަރީ ވެފައިވަކަމުން. އަޅުގަނޑުމެނަށް ހިތްވަރުލިބެނީ މިދިޔަ 2010 އަހަރު އިހަވަންދޫ ރައްޔިތުންނަށް ބޭސް ސިޓީއަށް ބޭސްހޯދައި ދިނުމަށްޓަކައި ތިންލައްކަ ހަތްދިހަ ތިންހާސް ރުފިޔާ ޚަރަދުކުރެވިފައި އޮތްކަމުން. މިސަރުކާރުގެ އަބަދުވެސް އަމާޒަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ނިކަމެތީންނަށް އެހީތެރިވެދީގެންނޫނިއްޔާ އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ ޤައުމެއް ތަރައްޤީއެއް ނުކުރެވޭނެ. އަޅާބޮޑު ޢިމާރާތަކުން، ކުރެވޭބޮޑު ބިނާއަކުން ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އެޤައުމެއްގެ، ރަށެއްގެ ރައްޔތުންގެ ގިނަ މީހުންނަކީ ނިކަމެތީންކަމުގައި ވެފައިއޮތްހާ ހިނދަކު.

ސަރުކާރުގެ އަމާޒަކަށްވީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އެރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މިދިޔަ ދެއަހަރުގެ ތެރޭގައި އިހަވަންދުއަށް ކޮށްދެވިފައިއޮތް މިންވަރަކީ، މިރަށުގެ އާބާދީގެ ތެރެއިން ނިކަމެތިންގެ ގޮތުގައިތިބި މީހުންގެ ތެރެއިން 330 މީހުނަށް ބޭސްފަރުވާ ލިބޭނެގޮތް ހަމަޖައްސައިދިނުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުންލިބެނީ، މިދެންނެވި 330 މީހުންގެ ތެރެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ މާލިއްޔަތުގައި ރައްކާކުރެވިފައި އޮތީތީވެ. ޕާޓީގެ ވަޢުދެއް އެއީ، ޢުމުރުން 65 އަހަރުންމަތީގެ ކޮންމެ މީހަކަށް އަންހެނަކަސް ފިރިހެނަކަސް 2000 ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އެކަންކުރާން ޖެހުނު ސަބަބާއި ޕާޓީން އެވަޢުދުވީ ސަބަބު އަޅުގަނޑު ހިތުން މީގެކުރީގައި ވާހަކަ ދެއްކެވި ބޭފުޅުން ވަރަށް ޞަރީޙަ ޢިބާރާތުން ވިދާޅުވެ ދެއްވައިފި. އަދި ވަކިން ޚާއްޞަކޮށް އިހަވަންދޫގެ އަދި މިޕްރޮވިންސްގެ ކޯޑިނޭޓަރ ކިޔައިދެއްވައިފި، މިހާރުގެ ޒުވާނުން އެދެނީ ތިމަންނާ ކާފަޔާ މާމަޔާ ބަލާށޭ. މީގެކުރީގައި ކާފަޔާ މާމަޔާ ބަލާނެ މީހަކު ނެތިގެން އެއްތަނުން އަނެއްތަނަށް ހަމަ މިދެންނެވި ކާފައާއި މާމަ ހުއްޓި ވެއްޓެމުންދިޔަތަން އަޅުގަނޑުމެން ދުށީމު. އެހެންވެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަޢުދުވީ، އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 2000 ރުފިޔާގެ ޕެންޝަނެއް ދޭނެކަމަށް. މިދެންނެވި ކަންތައްވެސް މިއީ މައުމޫނު ކޮށްދެއްވިކަމަށްވަނީ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 118 މީހަކަށް ގަވާއިދުން 2000 ރުފިޔާ ދެމުން ދެވޭތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށަށް ޕެންޝަންގެ ގޮތުގައި، ދޮށީއުމުރުގެ މީހުންގެ ޕެންޝަންގެ ގޮތުގައި، ކޮންމެ މަހަކު ދެލައްކަ ތިރީސްހާސް ރުފިޔާ ޚަރަދުކުރުމުގެ ފުރްޞަތު ލިބިފައިވާތީވެ.

ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ދެވޭ ފައިސާ އިރާދަކުރެއްވިއްޔާ ޖަނަވަރީ މަސް ނިމުމުން ތަރުތީބުން ގަވާއިދުން ދެވެން ފެށޭނެ. އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް ދިނުމަށްޓަކައި ޕާޓީން ވަޢުދުވީ އެހީތެރިކަން މިދަނީ ފޯރުކޮށްދެމުން. މި ސަރުކާރަށް ހިތްވަރު ލިބެނީ، މިޕާޓީއަށް އުފާވެރިކަން ލިބެނީ، މި އިހަވަންދޫގެ 52 މީހަކަށް މިދެންނެވި ޢިނާޔަތާއި އެހީތެރިކަން ފޯރުކޮށްދެވޭތީވެ. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މި އިހަވަންދޫއަށް މިދިޔަ 6 މަސްދުވަހުގެ ތެރޭގައި ދެލައްކަ ސާޅިސް ހަތްހާސްރުފިޔާ، އެކަނިވެރި މައިންނަށް ޚަރަދުކުރެވިފައި ވާކަމުން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ އިހަވަންދޫގެ ތަރައްޤީ. މި ސަރުކާރު އުފެދިގެން އައީ އިހަވަންދޫގެ ތަރައްޤީގެ ތަޞައްވަރަކާއެކުގައި. އަޅުގަނޑުމެންގެ މެނިފެސްޓޯ އެކުލަވާލީ އިހަވަންދޫ ރައްޔިތުންގެ ވަރަށްބޮޑު ޙިއްޞާއާ އެކުގައި. މިޕާޓީ އުފެދިގެންއައީ ތިޔަ ލޮބުވެތި ރައްޔިތުންގެ ނުހަނުބޮޑު ޙިއްޞާއާ އެކުގައި. މިރާއްޖެއިން އެހެންވީމާ، ޑިމޮކްރަސީ ފެތުރިގެން ދިޔައީ، މިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުވެގެންދިޔައީ އިތުރުބައެއް ކުރީސަފުގައި ތިބެގެނެއްނޫން. އަޅުގަނޑުމެންނަކަށް އޮޅިފައެއްނެތް. އުތީމުރަދުން ވިހެއީ ކޮން ބަނޑެއް އަޅާކަމެއް. އިހަވަންދޫ މަންމައަކަށް ވިހޭމާ ދެން މީހާއަށް ވެގެންދާގޮތް، ރާއްޖޭގެ ބަޠަލަކަށް އެމީހާ ބަދަލުވާގޮތް. މިރާއްޖޭގެ ތާރީޚުއޮތީ ވަރަށްސާފުކޮށް ދައްކާފައި. އަޅުގަނޑު މިދަންނަވަނީ ބޮޑުތަކުރުފާނުގެ ވާހަކަ.

އަޅުގަނޑުމެން ގަބޫލުކުރަން، މި ސަރުކާރުން ދެވޭ ކޮންމެ ޚިދްމަތެއް ދެވިފައި މިއޮތީ އަޅުގަނޑުމެން އެންމެ އެދޭ މިންވަރަކަށެއްނޫން. އަދި ރައްޔިތުންވެސް އެންމެ އެދޭ މިންވަރަކަށެއްނޫން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެނގޭ އެއް ޙަޤީޤަތަކީ، މިދެންނެވި އަޅުގަނޑުމެން ހިތްހަމަނުޖެހޭ ޚިދްމަތްތަކަށްވެސް މިރާއްޖޭގެ ރައްޔިތުންގެ ވަރަށްގިނަ މީހުންނަށް މި އިހަވަންދޫގެވެސް ކޮންމެ ތިންމީހުންގެ އެކަކަށް އަތް ނުފޯރައޭ. ސަރުކާރުގެ ފުރަތަމަ އަމާޒަކަށްވީ، މިދެންނެވި ނިކަމެތިންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން. އަޅުގަނޑުމެންގެ އަމާޒަކީ، ތަރައްޤީކަމަށް ވަނީވިއްޔާ ތަރައްޤީކުރުމަށްޓަކައި އަޅަންޖެހޭ އަސާސްތައް އަޅުގަނޑުމެން އަޅަންފެށީ. އަޅުގަނޑު ލަދުވެތިވަން މިވާހަކަ ދަންނަވަން، އަޅުގަނޑު ދެރަވެސްވޭ، އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްރަށުގައި، ގިނަރަށްރަށުގައި ރިވެތި، ތާހިރުގޮތުގައި ބޮޑުކަމުދެވޭނެ ގޮތެއްނެތް. ތާހިރުވެވޭނޭ ފެންފޮދެއްނެތް، ނިދަންވަންނާނޭ ބޯހިޔާވަހިކަމެއްނެތް. އެހެންވީމާ، އަޅުގަނޑުމެން މިތަންތަން ތަރައްޤީ ކުރުމަށްޓަކައި އިންވެސްޓަރުން ހޯދައިގެން ކަންކުރެވޭނެގޮތެއް އަދިއެއްނެތް. އަޅުގަނޑުމެނަށް ފުރަތަމަ ކުރާންޖެހިފައި މިހިރީ ފުރަތަމަ ކުރާންޖެހިފައިވާ މަސައްކަތް. އެއީ އިހަށް ރައްޔިތުންނަށް ކޮންމެވެސްވަރެއްގެ ސަލާމަތްތެރިކަމެއް ފޯރުކޮށްދިނުން. އެއަށްފަހުގައިނޫނިއްޔަކާއެއް އަޅުގަނޑުމެން ބޭނުންވާ ކަންކަން އަޅުގަނޑުމެންނަކަށެއް ކުރިޔަކަށް ނުގެންދެވޭނެ. އަޅުގަނޑުގާތު ވަރަށްގިނަ މީހުންއަހާ، ރައީސް، ކީއްވެތޯއޭ އިހަވަންދޫ ރައްޔިތުންގެ ބޭސްފަރުވާޔަށް ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ މާލިއްޔަތުގައި ރައްކާކޮށްފައި ތިއޮތީ މިރަށުގެ ބަނދަރުނަހަދާ. މިރަށުގެ މަދަރުސާ ނާޅާ. މިރަށުގައި އަދި ވަކިންބޮޑު މިސްކިތެއް ނާޅާ. މިރަށުގެ ސަހަރާގެ ވަށާފާރު ނުރާނާ.

ތަރައްޤީވެވެނީ ވަކިތަރުތީބަކުންގޮސް. އެމަގުން ނުދިޔައްޔާ އަޅުގަނޑުމެން ގޮސް ހުއްޓޭނީ ގޮށްޖެހިފައި އޮންނަ ހުއްޓުމަކަށް. ކުރިޔަކަށް އަޅުގަނޑުމެންނަކަށެއް ނުދެވޭނެ. ކުރިޔަށްދިއުމަށްޓަކައި ކުރާންޖެހޭކަންކަން އެކުރާންޖެހޭ ތަރުތީބުން ކުރުމަށް އަޅުގަނޑުގެ ޕާޓީ، ތިބޭފުޅުންގެ ޕާޓީ އަޅުގަނޑުގާތުގައި ބުނޭ. ތިބޭފުޅުންގެ މެނިފެސްޓޯގައި ބަޔާންކޮށްފައި އޮތްގޮތަށް އޮތް މަގަށް މިސަރުކާރު އިރާދަކުރެއްވިއްޔާ ހިނގަމުންދަނީ. އަދި ކުރިޔަށްއޮތްތަނުގައި ހިނގާނީވެސް. ޕާޓީން ބުނެފައިއޮތީ، މިއަހަރު އިހަވަންދޫގެ ހެލްތް ސެންޓަރު ރަނގަޅުކުރަން ޖެހޭނެއޭ. ދެއަހަރުވެއްޖެއޭ، ދެންޖެހޭނީ މިކަންކުރާށޭ. އަޅުގަނޑަށް މިރޭ ހިތްހަމަޖެހުން ލިބެނީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އިހަވަންދޫ ހެލްތް ސެންޓަރަކީ ޓެލެމެޑިސިންގެ ހެލްތްސެންޓަރަކަށް ބަދަލުވެގެންދާނެ. ތިބޭފުޅުންނަށް ރާއްޖޭގައިތިބި ހުރިހާ ޑޮކްޓަރުންނަށް ދެއްކޭނޭ މަގު އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ. އަޅުގަނޑުމެންގެ މިމަސައްކަތްތައް ކޮށްދެނީ ހަމައެންމެ ބައެއް. އެއީ، އިހަވަންދޫ މީހުން. މިޕާޓީގެ މެންބަރުން. މިރާއްޖޭގެ ރައްޔިތުން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މިރާއްޖެ ތަރައްޤީކުރުން. އަޅުގަނޑުމެން މިތަނުގައި ދެމިތިބެނީ ހަމައެންމެ ސަބަބަކަށްޓަކައި. އެއީ، ތިބޭފުޅުންނަށް ޚިދްމަތްކޮށްދިނުމަށްޓަކައި. އަޅުގަނޑުމެންގެ ޕާޓީގެ ވަޢުދުތައް ތިބޭފުޅުންނަށް ފުއްދައި ދިނުމަށްޓަކައި.

ތަރައްޤީ ވެވޭނީ އަޅުގަނޑުމެންނަށް ތަންދޮރު އެނގިގެން. މި އިހަވަންދޫގެވެސް ތަރައްޤީގެ ނާރެސްއަކަށް ވާންޖެހޭނީ އިހަވަންދޫ މަދަރުސާ. އަޅުގަނޑުމެންނަށް މިއޮތީ އިއްޔެ ނިމިގޮސްފައި. އެއީ، އިއްޔެ. މިއަދު މިއޮތީ ރޭވެފައި. ހޯދަން އަޅުގަނޑުމެންނަށް އޮތީ މާދަމާ. އަޅުގަނޑުމެންގެ މުސްތަޤްބަލް. އަޅުގަނޑުމެން ބިނާކުރަންވީ އަޅުގަނޑުމެންގެ ދަރިން. އެދަރިން ބިނާކުރުމަށްޓަކައި އަޅުގަނޑުމެން ހަރުދަނާ ކުރަންވީ މިތަނުގެ މަދަރުސާ. މި ސަރުކާރަށް ހިތްހަމަޖެހުންލިބޭ، މިދިޔައަހަރު އިހަވަންދޫ ދަރިވަރުންނަށް ފޮތްފަންސޫރު ގަތުމަށްޓަކައި ފަސްލައްކަ ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދުކުރެވިފައި އޮތްކަމުން. އަޅުގަނޑުމެންނަށް އުފާވެރިކަންލިބޭ، މިރަށުގެ ސަތޭކައަށްވުރެގިނަ ކުދިން އޯލެވެލް ހެދުމަށްޓަކައި އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމުގެ ފުރްޞަތު މި ސަރުކާރަށް ލިބިފައިއޮތްކަމުން. އަޅުގަނޑުމެންނަށް އުފާވެރިކަންލިބޭ، މި އިހަވަންދޫގެ އޭ ލެވެލް ހެދި 20 ކުދިންގެ އިމްތިޙާނުގެ ފީދެއްކުމަށްޓަކައި އެއްލައްކަ ވިހިހާސް ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމުގެ ފުރްޞަތު މިޕާޓީއަށް، މި ސަރުކާރަށް ލިބިފައި އޮތްކަމުން. ވަށާޖެހޭތަޢުލީމެއް ދިނުމާއި، އެއްދަންފަޅިއަށް މަދަރުސާތައް ބަދަލުކޮށްގެން ރަނގަޅު އިހަވަންދޫ ރައްޔިތަކު އުފެއްދުމަކީ، އަޅުގަނޑުމެންގެ އަމާޒު. މިރަށުގެ ސްކޫލްގެ ކިޔަވައިދިނުން އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކއި 12 ކްލާސްރޫމް އެޅުމުގެ މަސައްކަތް މިހާރު އެދަނީ ކުރިޔަށް. އަޅުގަނޑު އުންމީދުކުރަނީ، ދާދި އަވަހަށް މިރަށުގެ މަދަރުސާ އެއްދަންފަޅީ މަދަރުސާއަކަށް ބަދަލުވެގެންދާނެއޭ. އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ކޮންމެ އިހަވަންދޫ ރައްޔިތަކީވެސް ތިމަންނާޔަކީ ޙައްޤުތަކެއް ލިބިގެންވާ އިހަވަންދޫ މީހެކޭ، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ އިހަވަންދޫ މީހެކޭ ބުނެ، އެމީހާ ހަމައިސްކޮޅަށް ތެދުވެލާތަން ދެކުން. އަޅުގަނޑުމެންގެ ބޭނުމަކީ، ހަރުދަނާ ރައްޔިތަކު އުފެއްދުން. އަޅުގަނޑުމެނެއް ބޭނުމެއްނޫން، ނަމެއް. އަޅުގަނޑުމެން ބޭނުމީ ކަން. އަޅުގަނޑު ބޭނުމެއްނޫން، ދަންނަވާކަށް، 2000 ރުފިޔާ ދެނީ މިސަރުކާރުންނޭ އަޅުގަނޑޭ، އަޅުގަނޑު ބޭނުމެއްނޫން، ދަންނަވާކަށް އިޖްތިމާޢީ ރައްކާތެރިކަމުގެ އެންމެހާ ކަންކަން ހިންގީ މިސަރުކާރުންނޭ އަޅުގަނޑޭ. އަޅުގަނޑަށް އެނގޭ އެއްޗަކީ، މިއިހަވަންދޫގެ 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އެނގޭނެ، އޭނާއަށް އެފައިސާ ލިބެންފެށީ ކޮންއިރަކުކަން. އެކަން ހިނގާންފެށީ ކޮންގޮތަކަށްކަން. އަޅުގަނޑު ވާހަކަ ކިޔައިދޭކަށް ނުޖެހޭނެ.

މި އިހަވަންދޫގެ ކޮންމެ އެކަނިވެރި މަޔަކަށް އެނގޭނެ އޭނާއަށް އެހީތެރިކަން ލިބެންފެށީ ކޮންއިރަކުކަން. އެއީ، ކިހިނެއްވީކަން. އަޅުގަނޑު އެވާހަކަ އިތުރަކަށް ކިޔައިދޭކަށެއް ނުޖެހޭނެ. މިއިހަވަންދޫގެ ކޮންމެ ރައްޔިތަކަށް ބޭސްފަރުވާ މަދަނައިގެ ދަށުން ލިބުނު. އެނގޭނެ، އޭނާއަށް އެފައިސާ ލިބެނީ ކިހިނެއްކަން. އަދި މި މުޅި އިހަވަންދޫގެ ހުރިހާ ރައްޔަތުންނަށް ލިބޭނެ، މީގެކުރީގައި ވެލްފެއަރ ފަންޑުން ތީމުގެއިން ތިބޭފުޅުންގެ ތެރެއިން ކިތައް ބޭފުޅުންނަށްތޯ އެހީތެރިކަން ލިބުނީ. މިއަދު އެ އެހީތެރިކަން ލިބެނީ ކިހިނެއްކަން. އިހަވަންދޫ ރައްޔިތުންނަށް ސާފުވާނެ، އަޅުގަނޑު ކަންބޮޑުވަނީ އެންމެކަމަކަށް، ހޯރަފުށީ ޢިއްޒަތްތެރި މެންބަރު އަޙްމަދު ހޯރަފުށީގައި މިއަދު ވިދާޅުވެއްޖެ. އޭނާގެ ތިންދަރިންވެސް އޭނާއަށް ލިބުނީ ކުރީ ދައުރުގައޭ. އަނެއްކާ އެއީ، ކާކުގެ ކަމެއްބާއޭ. އަޅުގަނޑު ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ މެންބަރު މި ސަރުކާރާއެކުގައި މިރަށުގެ ތަރައްޤީއަށް އެކޮށްދެއްވާ މަސައްކަތަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަޙްމަދަށް ޝުކުރު ދަންނަވަން ބޭނުން. އަޅުގަނޑު މިފަހަރު މިޝުކުރު މިދަންނަވަނީ އިހަވަންދޫ ރައްޔިތުންގެ ފަރާތުން. އަޅުގަނޑު ތިޔަބޭފުޅުންގެ ގާތުގައި އެދުނީމު، އަޅުގަނޑާއެކީގައި މަސައްކަތް ކުރެވޭނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އަޅުގަނޑަށް ދެއްވާށޭ. ތިބޭފުޅުން ދެއްވީ ހަމަ ސީދާ އޭގެ މެންބަރެއް. އަޅުގަނޑަށް އެ މެންބަރާއެކީގައި މަސައްކަތް ކުރަމުންދާއިރުގައި ދަންނަވަންތޯ، ކަތީބު މިތަނުގައި އަޅާނީ ކުރީގައި އެޅި ބަނދަރެއްނޫނޭ. މިތަނުގައި އަޅާނީ އަޅުގަނޑުމެންގެ ޒަމާނީ ބަނދަރެއް.

މި ސަރުކާރަކީ ބަނދަރު ހަދާ ސަރުކާރެއްނޫން. އަޅުގަނޑުމެން ނޫޅޭން ބަނދަރުހަދާކަށް. އަޅުގަނޑުމެން ބޭނުން ތަރައްޤީގެ ނާރެސްއެއް އުފައްދަން. އޭގައި ލަފާފުރުމުގެ މުހިންމުކަމާ، އަދި އޭގެ އިތުރުން ބަނދަރެއްގެ ބޭނުމަކީ ހަމައެކަނި ލަފާ ފުރުމެއްނޫން. މުދާއަރުވާ ބޭލުމެއްވެސްނޫން. ބަނދަރެއްގެ ވަރަށްގިނަ ބޭނުން އެބަހުރި. ބަނދަރެއްގެ ހުރިހާ ބޭނުންތަކަކާ އެކީގައި ބަނދަރުމައްޗަކާ އެކީ އިރާދަކުރެއްވިއްޔާ މި އިހަވަންދޫގެ ބަނދަރު މި ސަރުކާރުން ތަރައްޤީކޮށް ނިންމާދޭނަން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އިހަވަންދޫ ބަނދަރާއި ހޯރަފުށި ބަނދަރާ ލާމެހި ގުޅުވާލެވެނޭ ދެ ބަނދަރު އޭގެ އެއްބަނދަރުގެ ގޮތުގައި ތަރައްޤީކުރެވޭނެ އިންތިޒާމެއް ހޯދުން. އަޅުގަނޑުމެންނަށް އެ ވިސްނުން ލިބޭ، އަޅުގަނޑުމެންނަށް އެކަންކުރާނެ ގޮތްވެސް އެނގޭ. އަދި އެކަންކުރުމުގެ ހިތްވަރުވެސް، އެކަން ކުރުމުގެ ޤާބިލިއްޔަތުވެސް އަޅުގަނޑުމެންގެ އެބަހުރި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް އިހަވަންދޫއަކީ މަސްވެރި ތަރައްޤީ ނާރެސްއަކަށް އަޅުގަނޑުމެން ހަދައިދޭނަން.

އިހަވަންދޫގެ ފެނުގެ މަސައްކަތް 42 މިލިޔަން ރުފިޔާއަށް މިހާރުވަނީ ކޮންޓްރެކްޓު ކުރެވިފައި. މާފުކުރައްވައްޗޭ 45 މިލިއަށް ރުފިޔާ އަށް މިހާރުވަނީ ކޮންޓްރެކްޓު ކުރެވިފައި. އަޅުގަނޑު އުންމީދުކުރަނީ މިއަހަރު ނިމުމުގެ ކުރީގައި އަޅުގަނޑަށް އިހަވަންދޫއިން މީރުފެން ލިބޭނެކަމަށް. ރިވެތިގޮތުގައި އަޅުގަނޑުމެންނަށް މިއިހަވަންދޫގައި އުޅެވޭނެކަމަށް. އަޅުގަނޑު މިދަންނަވާ ވާހަކައަކީ މިއީ 2011 ވަނަ އަހަރޭ 2000 އަހަރުވެއްޖެ، މިރާއްޖޭގައި ލިޔެވިފައި އޮތް ތާރީޚެއް ނެތްތާ 1000 އަހަރުވެއްޖެ. މިދުނިޔޭގައި މީހުން ތަހުޒީބުވެ ތަރައްޤީވެ އުޅޭތާ 1000 އަހަރުވެ މިދަނީ. އަޅުގަނޑުމެން އަދި މިއުޅެނީ ވަލުން ނުކުންނާންވެގެން. އަޅުގަނޑުމެން އަދި މިއުޅެނީ ނަރުދަމާއެއް ހަދަންވެގެން އަޅުގަނޑުމެން އަދި މިއުޅެނީ ފެންހޮޅިއެއް އަޅާން ވެގެން. އަޅުގަނޑުމެން އަދި މިއުޅެނީ ލަފާފުރާންވެގެން. އަޅުގަނޑުމެންނަށް މިރާއްޖެ ތަރައްޤީކޮށްފައި އޮތްނަމަ، މީގެ އެއްވެސް ކަމެއްކުރާކަށް ނުޖެހުނީސް. އަޅުގަނޑަކަށް ނުޖެހުނީސް މިއީ، އަޅުގަނޑު ހެދި ބަނދަރެކޭ ކިޔައިގެން ވާހަކަދައްކާކަށްވެސް. އަޅުގަނޑު ހިތުން އަޅުގަނޑުނަމަ ލަދުގަންނާނެ، 30 އަހަރަށްފަހު މިއީ ތިމަންނާ ހެދި ބަނދަރެކޭ، ތިމަންނާހެދި ނަރުދަމައެކޭ. މިސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރުގައި މިރާއްޖޭގައި އޮތީ ނަރުދަމައާއެކުއޮތް 4 ރަށް. ބޮޑުކަމުދެވޭގޮތަށްއޮތް 4 ރަށް. ދެން އަޅުގަނޑުމެން މިރާއްޖެ ތަރައްޤީ ކުރުމަށް، މިރާއްޖެ ބަދަލުކުރުމަށް، ކުރާންހުރި މަސައްކަތުގެ ބޮޑުމިން އަޅުގަނޑުމެންނަށް ވިސްނޭ. އަދި ރައްޔިތުންގެ އިޙްސާސްތަކާ ރައްޔިތުންގެ ބޭނުންތަކާ އެރައްޔިތުންގެ އުންމީދުތައްވެސް އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމާ، އަޅުގަނޑުމެން މިރާއްޖެ ހަމައެކަނި ރާއްޖެ މިއީ، ޤައުމު މިއީ، ޤާނޫނުއަސާސީގައި އަސާސީ ޙައްޤެއްގެ ގޮތުގައި ފެނާއި ނަރުދަމާގެ ވާހަކަ ލިޔެވިފައި އޮންނާނީ. އެހެންވެ، މިސަރުކާރުން އަޅުގަނޑުމެންގެ ޕާޓީން ބާރުއެޅީ ޤާނޫނު އަސާސީގައި އަސާސީ ޙައްޤުތަކުގެތެރޭގައި ފެނާ ނަރުދަމާއަކީ އަސާސީ ޙައްޤެއްގެ ގޮތުގައި ކަނޑައަޅަންނިންމީ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ރާއްޖެ ތަރައްޤީކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެންނަކީ ތަހުޒީބީ ބަޔަކަށްވުން. އަޅުގަނޑުމެންނަކީ ރޯފިލާ، ރިވެތި ދިރިއުޅުމެއްއުޅޭ ބައެއްގެ ގޮތުގައިވުން.

ބައިބައި ބަހާއިރު ކަންކުރާގޮތް ކިޔާއިރުގައި ވާގޮތަކީ އަބަދުވެސް ހަމަވަމުންދާގޮތް. ޒުވާރި އިންދާ ފަހަރު ފަހަރު ބުނާނެ، މިފަހަރު ތިމަންނާއަށް މަތިންނޭ. ކައްޓަލަ އިންދީމާ ބުނާނެ މިފަހަރު ތިމަންނައަށް ދަށުންނޭ. އަބަދުވެސް މޮޅުވަނީ އެއްކޮޅު. އަޅުގަނޑުމެނެއްނޫޅެން، މޮޅުތަކެއް ހޯދާކަށެއް. އަޅުގަނޑަށް އެނގޭ، އިހަވަންދޫ ރައްޔިތުން ކަންކަން ދެކޭނެގޮތް. އަޅުގަނޑަށް އެނގޭ، ޑީ.އާރު.ޕީ ހޮވަން އުޅޭގޮތުންވެސް ހަމަ ޙަޤީޤަތުގައި ދެކޭނީ މި ސަރުކާރުން މިރަށް ތަރައްޤީ ކުރުމުގެ ވަރުގަދަ މަޝްރޫޢުތަކެއް ހިންގާކަމަށް. ޑީ.އާރު.ޕީ މެންބަރުންނަށްވެސް ވަރަށް ބޮޑަށް ސާފުވެ ވަޑައިގަންނަވާނެ، 2000 ރުފިޔާ ދިނުމުގައި ޑީ.އާރު.ޕީއެއް އެމް.ޑީ.ޕީ އެއް ބެލުމެއް ނޯންނާނެ. އެކަނިވެރި މައިންނަކީ ކޮބައިތޯ ހޯދުމުގައި ހަމައެކަނީ ބަލާނީ މައިމީހާ އެކަނިވެރިތޯ. އިތުރުބެލުމެއް ނޯންނާނެ. ނުކުޅެދޭ މީހަކީ ކޮބައިތޯ ހޯދުމުގައި ހަމައެކަނި ބަލާނީ އޭނާގެ ނުކުޅެދުންތެރިކަން ހުރިކަމަށް ޑޮކްޓަރު ބުނީ ކިހާވަރަކަށްތޯ. މަދަނައިން ބޭސްފަރުވާ ކޮށްދިނުމަށްޓަކައި ހަމައެކަނި ބަލާނީ އޭނާ މަދަނައިގައި ރަޖިސްޓަރީވެފައި އޮތްތޯ. އެނޫންބެލުމެއް ނޯންނާނެ. އަޅުގަނޑަށް ޔަޤީން، ޑީ.އާރު.ޕީ މެންބަރުންނަށްވެސް މިސަރުކާރުގެ ޚިދްމަތްތައް ވަރަށްބޮޑަށް ސާފުވާނެ. އެބޭފުޅުން އަޅުގަނޑުމެންނަށް ވޯޓުދެއްވާނެ. އެކަމާ ތިބޭފުޅުން ކަންބޮޑުވެލައްވާނެކަމެއްނެތް. އިހަވަންދޫ ރައްޔިތަކަށްވެހުރެ އެބޭފުޅުން އަޅުގަނޑުމެންނަށް ވޯޓުނުދީ މިސަރުކާރަށް ވޯޓުނުދީއެއް ނުތިއްބަވާނެކަން އަޅުގަނޑަށް ހަމަކަށަވަރު.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެން އެންމެން މިއަށްވުރެ ރިވެތިގޮތެއް ދިރިއުޅޭނޭ ހޯދުން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ރާއްޖެ ބަދަލުކުރުން. އަޅުގަނޑު ހަމަ މިއިހަވަންދޫގައި އަޅުގަނޑުމެންގެ ޕާޓީގެފަރާތުން ވަޢުދުވީން، އިރާދަކުރެއްވިއްޔާ މިޕާޓީގެ ސަރުކާރެއްގައި އިހަވަންދޫ ރައްޔިތުން ބާނާމަހަށް ހަމައަގު އަޅުގަނޑުމެން ހޯދައިދޭނަމޭ. އެކަން ކުރުމަށްޓަކައި ސަރުކާރުން ކުރި މިހާތަނަށް މައިގަނޑު ދެކަންތައް. އެއްކަމަކީ މިރާއްޖެ ވަށައިގެން ލޭނުއަޅަން ހުއްދަދީފައިތިބި ބޭރުމީހުނަށް ލޭނުއެޅުމުގެ ލައިސަންސްތައް ބާޠިލުކުރީ. އެކަން، އެ ލައިސަންސްތައް ފަހުން އިތުރުކޮށް ނުދިނީ. އެންމެފަހު ލައިސަންގެ މުއްދަތު ހަމަވީ އަޅުގަނޑު ހަނދާންވާގޮތުގައި އޮކްޓޫބަރުމަހު. ދެން އެހެންވީމާ މަސްވެރިކަން އިރާދަކުރެއްވިއްޔާ ބައެއްފަހަރަށް ރަނގަޅުވެލާނެ. މަހެއް އަންނާން ނެތިއްޔާ މި ގައްލަންދޫ ކަނޑުން މަސް ގުޅާނެ. އަދި މި ހޯރަފުށި އިހަވަންދޫ ރައްޔިތުން، މަސްވެރިން އެމަސް ބާނާނެ. އަދި ބާނައިފިއްޔާ މިއަދު ބޭނި 5 ޓަނުމަހަކީ ކުރީ ސަރުކާރުގައިބޭނީ 15 ޓަނު މަހުގެ އަގު. މިކަންވެސް އިތުރަކަށް އަޅުގަނޑު އިހަވަންދޫ ރައްޔިތުންނަށް ކިޔައިދެމުން ހިނގާނެކަމެއްނެތް. އެމީހުންގެ ޖީބުގައި އެމީހުންގެ ބެންކް އެކައުންޓުގައި އެފައިސާ ހުންނާނެ. އިހަވަންދޫ ރައްޔިތުންނަށް މަހުގެއަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިގެންދެވެނީ ދުވަހެއްދުވަހަކަށް އުފުލަމުން. މިއަދު ނުވަ ރުފިޔާ މިކޮޅުގައި، ބާރަރުފިޔާ ފަންސަވީސްލާރި ހުވަދޫގައި، ސާދަ ރުފިޔާ މާލޭގައި. އިހަވަންދޫ ތޮށްޓަށް މަސް ކިރީމާ ކައްކާމީހުން އެގަންނަނީ ބާރަރުފިޔާ ބަޔަށް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރަށު މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުން. އަޅުގަނޑު މިހުންނަނީ ތަންދޮރު ނުފިލައެއް ނޫން. އަޅުގަނޑު މިހުންނަނީ އިހަވަންދޫގައިވާގޮތްވެސް ނޭނގިއެއްވެސްނޫން. ފަސްފަހަރަކުވެސް ނޫން އަޅުގަނޑު މިރަށަށް އަންނާނީކީއެއް. އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑު މިރަށަށް އަންނަ ފަހަރުގެއަދަދު ގުނަން އުޅުއްވާކަށް. އަޅުގަނޑު ބަލިވެއްޖިއްޔާ އަދަދު ގުނަން ފަށައިފިއްޔާ ވަރަށް ގިނަވާނެ. އަޅުގަނޑު ފެންބުއި އަދަދު ގުނަން ފަށައިފިއްޔާވެސް ވަރަށްގިނަވާނެ. އަޅުގަނޑު އިހަވަންދުއަށް އަންނާނަން އަބަދުވެސް. އަޅުގަނޑުމެންގެ އަމާޒެއް، އަޅުގަނޑު ހަނދާނެއް ނުނެތޭ، މިއީ ކޮންރަށެއްކަމެއް އަޅުގަނޑު ހަނދާނެއް ނުނެތޭ. އަޅުގަނޑުމެންގެ ރާއްޖެ ބަދަލުކުރުމުގައި މިރަށު ރައްޔިތުންގެ ހިތްވަރާއި ޢަޒުމް. އަޅުގަނޑުމެނެއް ހަނދާނެއް ނުނެތޭނެ. މި ދިވެހި ވެރިކަމުގެ ސިފަ. މިރާއްޖެއަށް ޖެއްސުމުގައި މި އިހަވަންދޫ ރައްޔިތުންގެ މަސައްކަތް.

މަސަވެރިކަމަށް ބަދަލެއް ގެނައުމަށްޓަކައި މަސްވެރިކަން ހުޅުވައިލެވުނީ. މީގެކުރީގައި އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ މަސްކަނޑުތައް އޮތީ ހަތަރުބަޔަށް ބަހައިލެވި، ހަތަރުމީހުންނަށްދެވި، އެމީހުން ބޭނުން އަގެއްގައި އެމަސް ގަންނަގޮތަށް. ގަންނައަގު ދެރުފިޔާބަޔަށް ކިލޯއެއް ނުވަތަ ބޮޑުވެގެން ފަސްރުފިޔާއަށް ކިލޯއެއް. އެއީ، މީހަކު ބޭރުތަނަކުން ކަޅުބިލަމަހެއް ގަންނައަގޭ ބުނެފިއްޔާ ސިއްސައިގެންދާނެ ބާވަތުގެއަގެއް. މަސްވެރިކަން ދޫކޮށްލެވުނީމާ، އޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި މަހުގެއަގު އިރާދަކުރެއްވިއްޔާ މިދަނީ އުފުލެމުން. އަޅުގަނޑުމެންނަށް އެތަން އަދިވެސްފެންނާނެ. މި މަހުގެ އަގު މާމައްޗަށް އުފުލިގެން ދާތަން. މި ސަރުކާރުން އަދި މިޕާޓީއިން އިހަވަންދޫއަށް ވެފައިވާ ވަޢުދު އަދިވެސް އެބަހުރި ބައިވަރު. މުދަލާއި ޚިދްމަތުގެ އަގު ތިރިކޮށްދޭނެކަމަށް އަޅުގަނޑުމެން ވަޢުދުވިން. އަޅުގަނޑު ތަކުރާރު ކުރާނަން، ޕާޓީގެ ވަޢުދު މިސަރުކާރުން ފުއްދައިދޭނެ. އެއިއްޔަކީއެއް މާދަމާފުއްދަންއޮތް ވަޢުދެއްނޫން. މިދައުލަތުގެ އާމްދަނީ ހޯދުމަށްޓަކައި ކަންކުރަމުން އަންނަގޮތް ސާފުވާނެ. މިރަށުގެ އެންމެ ނިކަމެތިމީހާގެ ދަތްއުނގުޅާ ބޭސްފުޅިން ނަގާ ޑިއުޓީއެކޭ، މާލޭ އެންމެބޮޑު މަހުޖަނެއް އަތުން ދަތްއުނގުޅާ ބޭސްފުޅިން ނަގާ ޑިއުޓީއެކޭ އެއްވަރު.

ރާއްޖޭގެ ދައުލަތުގެ އާމްދަނީ ހޯދަނީ މިދެންނެވި ބޭއިންސާފު މަގުން. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެވަނީ ފާސްކޮށްދެއްވާފައި. އަދި ޓުއަރިޒަމްގެ ޚިދްމަތާއި، މުދަލާއި ޚިދްމަތް ވިއްކާއިރުގައި އެ ވިއްކާއެއްޗެހިން ނެގޭ ޓެކްސްއެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން މިވަނީ ފާސްކޮށްދެއްވާފައި. މިދެންނެވި ދެބާވަތުގެ ޓެކްސް ހަމައަށް ރީތިކޮށް އިރާދަކުރެއްވިއްޔާ 2012 ވަނައަހަރު އަޅުގަނޑުމެންނަށް ނަގަންފެށޭނެ. އޭރުން އިރާދަކުރެއްވިއްޔާ 2013 ގައި ޑިއުޓީ ކަނޑާލެވޭނެ. ޑިއުޓީ ކެނޑުނީމާ ތަކެތީގެއަގު އިންތިހާއަށް އިރާދަކުރެއްވިއްޔާ ތިރިވެގެންދާނެ. މިދިޔަ ދެއަހަރު އަޅުގަނޑުމެންނަށް މިކުރެވުނުކަމަކީ ތިބޭފުޅުން ދެންމެ މޫސަ އެވިދާޅުވި ކިރުދަޅުގެވާހަކަ ކިރުދަޅު ތިބޭފުޅުން މިނަން ފަށްޓަވައިފިއްޔާ 2005 ވަނަ އަހަރު ދަޅެއް ހުރި އަގާއި، 2006 ވަނަ އަހަރު އެ ދަޅު ލިބެނީ 12 ރުފިޔާއަށް. 2008 ވަނައަހަރު އެދަޅު ބޮޑުވި އަނެއްކާ އިތުރު ސާދަ ރުފިޔާއިން. މިވީ ކިހިނެއްތޯ؟ އެދަޅު ބޮޑުވީ އިތުރު ހަރުފިޔާއިން. 2010 ވަނައަހަރު އެދަޅު ބޮޑުވީ އިތުރު ފަސްރުފިޔާއަށް. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، ތަކެތީގެއަގު ބޮޑުވަމުންދާ ނިސްބަތް މިވަނީ ވަރަށްބޮޑުތަނުން ދަށްކުރެވިފައޭ. އަޅުގަނޑުމެންގެ އަމާޒަކީ، ހަރުދަނާ އިޤްތިޞާދީ ސިޔާސަތެއް މިރާއްޖޭގައި ތަންފީޒުކުރަން ފެށުން. އަޅުގަނޑުމެންގެ ބޭނުމަކީ، މިދެންނެވި ބަދަލު މިރާއްޖެއަށް ގެނައުން.

މިރަށުގެ ތަރައްޤީގެ އެންމެ މުހިންމު ބިންގާ ކުރިއަށް މިއޮތް ފެބްރުއަރީމަހު ފަސްވަނަދުވަހު އެޅޭނެ، އެއީ، ލޯކަލް އިންތިޚާބު. ރަށު ކައުންސިލުގެ އިންތިޚާބު. މިރަށުގައި ފެބްރުއަރީމަހު 5 ވަނދުވަހު ބޭއްވޭނެ. ރަށްވެރިކަން ތަރައްޤީކުރުމާއި އަދި ރަށުގެ ވެރިކަމަކީ މިރަށުގެ ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ކިބައިން، ރައްޔިތުންނަށްޓަކައި ކުރާކަމެއްގެ ގޮތުގައި އޮތުމަކީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. ރައްޔިތުން ފިއްތައި، ރައްޔިތުން ބިރުގަންނަވައި، ރައްޔިތުންނަށް އަނިޔާކުރަމުން ދަނިކޮނެއް ތަރައްޤީއެއް ނުހޯދޭނެ. އޭރުން ރައްޔިތުން ތިބެނީ ފިތިފައި ހުއްޓިފައި، ބިރުން. ރާއްޖޭގެ ރައްޔިތުންނަށް އަނިޔާވީ މިންވަރާއި، އަޅުގަނޑު އަޑުއެހިން، ކުރީގެ ބަންޑާރަ ނައިބަކު 2005 ވަނަ އަހަރު، 2006 ވަނައަހަރު ވިދާޅުވަނިކޮށް. އެބޭފުޅާގެ ބަންޑާރަ ނައިބު ކަމުގައި އެކަނި ސާޅީސްހާސް މީހުނަށް ދަޢުވާ ކުރެއްވީމޭ. ރާއްޖޭގެ ޖަލުތަކުގައި މީހުންނަށް އަނިޔާކުރަމުންދިޔަ މިންވަރާއި، އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އެވިދާޅުވިފަދައިން، ކޮންމެ އިންތިޚާބަކަށް މާލެ މީހުން ގެންދާހާވަރާއި އަދި އޭގެތެރެއިން ގެންދާ މީހުން ގެންގޮސް ބަންދުކޮށް ހައްޔަރުކޮށް ބިކަޙާލުގައި މީހުން ޖައްސަމުންދިޔަ ޖެއްސުން. އަޅުގަނޑުމެންނަށް މިއަދުމިވަނީ ނިމުމަކަށް ގެނެވިފައި.

އަޅުގަނޑުމެނެއް ނޫޅެން، ކުރީ ވެރިކަން ފަހައިދުވާކަށް. އަޅުގަނޑުމެން ކުރާން ބޭނުން މާމުހިންމު ކަންތައް އެބަހުރި. އަޅުގަނޑުމެންގެ ދަރިންނާއި އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަކީ މާމުހިންމު ކަމެއް. އެއީ، އަޅުގަނޑުމެންގެ އަމާޒަކީ. މިވެރިކަން އަޅުގަނޑު ކުރަމުން މިގެންދަނީ މީގެ އަރާމަށްޓަކައެއްނޫން. މީގެ ޢިއްޒަތާއި ޖާހަތަށް ޓަކައެއްވެސްނޫން. ލައްޒަތަށްޓަކައެއްވެސް ނޫން. މިވެރިކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ ހަމަ އެންމެ ބޭނުމަކަށް. މިރާއްޖޭގެ ތަރައްޤީއަށް. އަޅުގަނޑުމެންގެ އެންމެންގެ ދަރިންނަށްޓަކައި. އަޅުގަނޑުމެން ބޭނުމެއްނޫން، އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެންނަށް ވީގޮތް ވާކަށް. އެމީހުންނަށް އަނިޔާވާކަށް އަޅުގަނޑުމެންނެއް ނޭދެން. އެމީހުން ގޮތްހުސްވެ ދުވާކަށްވެސް އަޅުގަނޑުމެންނެއް ނޭދެން. ތަޢުލީމެއް ނުލިބޭ ގަމާރު ބައެއްގެ ގޮތުގައި ބޮޑެތިވާކަށްވެސް އަޅުގަނޑުމެންނެއް ނޭދެން. ވަލުތެރޭން ވީދައިގެން ކާބަޔަކަށްވެސް އެމީހުންވެ ތިބޭކަށް އަޅުގަނޑުމެންނެއް ނޭދެން.

އަޅުގަނޑުމެން ބޭނުމީ ތަހުޒީބު. އަޅުގަނޑުމެން ބޭނުންވަނީ އުފާވެރިކަން. އަޅުގަނޑުމެން ބޭނުމީ މިއަދަށްވުރެ އަދި މާ ފާގަތިކަން. އަޅުގަނޑުމެން ދަންނަވަމުން ގެންދިޔައިން، އަޅުގަނޑުމެން ބޭނުންވީ ގުލްޒާރުގައި ނަޔާމަގޭ ނޫރާނީމާ ފޮޅޭނެ ދުވަހެކޭ، އަދި އަޅުގަނޑުމެން ބޭނުންވީ ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެ ދުވަހެކޭ. އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އުފާވާ ޒަމާނޭ. އަޅުގަނޑު ދަންނަވާނީ އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ އުފާވެރިވީ މި ރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.

________________________