بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ. ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ. ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އޮނަރަބްލް ރީކޯ މޫސާ މަނިކު. އަދި ވަކިން ޚާއްޞަކޮށް، ވަޑައިގެން ތިއްބެވި ވަށަފަރުގެ އެންމެހާ ރައްޔިތުން.

السّـلام عليـكم

މި ސަރުކާރު އުފެދިފައި މިވަނީ، ޒަމާންތަކެއް ވަންދެން، ދިވެހިންގެ ހިތްތަކުގައި، އެދިވެހިން ދިރިއުޅެން ބޭނުންވާގޮތާ ގުޅޭގޮތުން ވަރަށްގިނަ ސުވާލު ކުރެވި، ވަރަށްގިނަ ބަޙުޘް ކުރެވުމަށްފަހު، 2008 ވަނަ އަހަރު ދިވެހިންގެ ކުރިމައްޗަށް ހުށަހެޅުނު ސުވާލެއްގެ ޖަވާބުގެ ގޮތުގައި. އަޅުގަނޑުމެން ދައްކަމުން ގެންދިޔަ އެއް ވާހަކައަކީ، ދިވެހިންނަށް އެބައޮތޭ، ދިވެހިން ތިބީ، ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. ދިވެހިންނަށް އެހިސާބުން އެބައޮތޭ، ޚަރާބުގެ މަގުވެސް ޚިޔާރު ކުރެވެން. ނުވަތަ އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް ހޯދެން. އަޅުގަނޑުމެންގެ ޢާންމު ޙާލަތު، މިއަދަށްވުރެ ރަނގަޅުވާނޭ އުޞޫލުތަކެއް، ގޮތްތަކެއް ލިބިގަނެވޭން. އަޅުގަނޑުމެންނަށް މިއަދު މިލިބޭ އެއްޗަކަށްވުރެ، ވަށަފަރު މީހުންނަށް، މިއަދު މިލިބޭ އެއްޗަކަށްވުރެ އަދި މާ ރަނގަޅު އެއްޗެއް ހޯދުމުގެ ފުރްޞަތު، މިދިވެހިންނަށް، އަޅުގަނޑުމެންނަށް ޙަޤީޤަތުގައި އެބައޮތޭ. ރާއްޖޭގެ ރައްޔިތުން ނިންމެވީ، އެހެން ދިވެހިރާއްޖެއެއް، މުޅިން އެހެން ގޮތެއް، އަނެއް ދިވެހިރާއްޖެ ޚިޔާރު ކުރުމަށް. މި ޕާޓީގެ ސިޔާސަތުތަކަކީ، މި ޕާޓީގެ ވަޢުދުތަކަކީ، ޕާޓީ، ރާއްޖޭގެ ރައްޔިތުންގެ އަޑު އެހުމަށްފަހުގައި، ޕާޓީއަށް އިވުނު އަޑުތަކުގެ ފުރޭނިގެން އައި މަދު، އޭގައި އެވާ ވަޢުދުތައް ފުއްދުމުން، މިރާއްޖެ ބަދަލުވާނެ ވަޢުދުތަކެއް. މި ރާއްޖެ ތަރައްޤީގެ މަގަށް ފަހިވެގެންދާނެ ވަޢުދުތަކެއް.

ސަރުކާރުގެ ސިޔާސަތު އެހެންވީމާ ބިނާވީ، ވަޢުދުތައް ފުއްދުމަށްޓަކައި އެކުލަވައިލަންޖެހޭ ސިޔާސަތުތަކެއް. އަދި ޤައުމީ ތަރައްޤީގެ އޮނިގަނޑުވެސް އެހެންވީމާ، ބިނާވެގެންއައީ މިދެންނެވި މަގަށް. ޕާޓީއަށްވެސް، ސަރުކާރަށްވެސް، މި ރާއްޖެއާ ގުޅޭ ވަރަށްގިނަ ޙަޤީޤަތްތަކެއް، މިދިޔަ މަދު އަހަރުކޮޅުތަކުގެ ތެރޭގައި މިވަނީ ދެނެގަނެވިފައި، ބަލައިގަނެވިފައި. ރާއްޖެއަށް ފާހަގަވެފައިވާ އެއް ޙަޤީޤަތަކީ، މި ވަށަފަރުގެ އާބާދީގެ ރައްޔިތުންގެ ތެރެއިން، ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ، ނިކަމެތި ފަޤީރުންނޭ. ވަށަފަރުގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުންކުރެ އެކަކީ، އޭނާއަށް ރެޔާދުވާލަށް ވިހި ފަނަރަ ރުފިޔާ ނުލިބޭ މީހެކޭ. އޭނާއަކީ އ.ދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ހުރި މީހެކޭ. ވަށަފަރެއް ތަރައްޤީއެއް ނުކުރެވޭނެ، ވަށަފަރު ރައްޔިތުންނަކަށް ބާއްޖަވެރި ދިރިއުޅުމެއް، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ، މިރަށުގެ ގިނަ ބައިވަރު ރައްޔިތުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބިހާ ހިނދަކު. އެނގިވަޑައިގަންނަވާނެ، ވަށަފަރު ރައްޔިތުން ބަލިވީމާ، މީގެކުރީގައި އުޅެންޖެހުނު ހާލު. އަދި އެނގިވަޑައިގަންނަވާނެ، ވަށަފަރު ރައްޔިތުން ބަލިވީމާ، މިހާރުވެސް އުޅެންޖެހޭ ހާލު.

މި ސަރުކާރުން ގަބޫލުކުރޭ، އަދި ބަލައިގަނޭ، ސަރުކާރުން ދޭންޖެހޭ ކިތަންމެ ޚިދްމަތެއް، އޭގެ އެންމެ އެދެވޭ ގޮތުގައި ނުދެވޭކަން. މިކަން މިހެން އޮތްއިރު، ސަރުކާރަށް ފާހަގަވާ އަނެއް ޙަޤީޤަތަކީ، މިދެންނެވި ކަމުނުދާ، އެކަށީގެންނުވާ ޚިދްމަތްތަކަށްވެސް، ވަށަފަރު ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބައިވަރު މީހުންނަކަށް އަތެއް ނުފޯރައޭ. ޑޮކްޓަރަށް ދެއްކިގެން، ބޭސް ސިޓީއެއް ލިބުނަކަސް، އެ ސިޓީގައިވާ ބޭހަށް ބޭސް ސިޓީ ހޯދާނެ މާލީ ތަނަވަސް ކަމެއް، ވަށަފަރު ރައްޔިތުންގެ ވަރަށްގިނަ ބައެއްގައެއް ނެތޭ. ސަރުކާރުގެ ސިޔާސަތަށްވީ، ޕާޓީގެ ވަޢުދަކަށްވީ، ބޭސް ސިޓީއަށް ސަލާންޖެހުން އިރާދަކުރެއްވިއްޔާ، ޕާޓީގެ ސަރުކާރެއްގައި ނައްތާލާނަމޭ. އެހެންވީމާ، ސަރުކާރުގެ ސިޔާސަތަކަށް ވެގެންދިޔައީ، މަދަނައިގެ ވިއުގައިގެ ތެރެއިން، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ވަށަފަރުގެ 114 މީހަކު، މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ވަށަފަރަށް މިދިޔަ 2010 ވަނަ އަހަރު ތިންލައްކަ ހަތްދިހަ ހަތަރުހާސް ރުފިޔާއަށްވުރެ ގިނަ ރުފިޔާ، ވަށަފަރު ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި، ސީދާ ރައްޔިތުންނަށް، ސީދާ ރައްޔިތުންގެ ބޭސް ސިޓީއަށް ޚަރަދު ކުރެވިފައި އޮތްކަމުން.

ރާއްޖޭގެ ބައެއް ރަށްރަށާ ޚިލާފަށް، މި ވަށަފަރަކީ، މީގެ ކުރީ ސަރުކާރުގެ ވަރަށްގިނަ ބޭފުޅުން، އިސްބޭފުޅުން މިރަށުގައި ހިމެނޭ ރަށެއް. އެހެން ނަމަވެސް، އަޅުގަނޑު ވަށަފަރު ރައްޔިތުންގެ ކިބައިގައި ދަންނަވާލަން ބޭނުން. މީގެކުރީގައި ވަށަފަރު ރައްޔިތުންނަށް ބޭސްކުރުމުގެ އެހީގެ ގޮތުގައި، ކިހާ ބަޔަކަށް އަހަރެއްގެ މައްޗަށް ކިހާ ފައިސާއެއް ލިބޭތޯއޭ؟ ކިތައް މީހުންނަށްތޯއޭ ވެލްފެއަރ ފަންޑުން ބޭހުގެ އެހީތެރިކަން ލިބިފައި އޮތީ؟ އަޅުގަނޑުމެން އަޑުއަހަމު، ދެކޮޅު ޓިކެޓާއި 200 ޑޮލަރުދީފައި، ބޭސްކުރުމަށް ދިނުމުގެ ފުރްޞަތެއް، މި ކުރީ ސަރުކާރުގައި ހިންގާފައި އެބައޮތް. އަޅުގަނޑަށް ލިބިފައި ހުރި މަޢްލޫމާތުގައި، ޙަޤީޤަތުގައި ވެލްފެއަރ ފަންޑުން ވަށަފަރަށް ބޭސްކޮށްދީފައިވަނީ 3 މީހުންނަށް. އަޅުގަނޑުމެންނަށް މިދިޔަ އަހަރު މިދެންނެވި ތިންލައްކަ ހަތްދިހަ ހަތަރުހާސް ރުފިޔާ ވަށަފަރުގެ ކިތަންމެ ބަޔަކަށް ބޭސްކޮށްދިނުމަށްޓަކައި ހޭދަކުރެވުނުކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ އަމާޒަކީ، ވަށަފަރު ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައިދިނުން.

އެނގިވަޑައިގަންނަވާނެ، ޕާޓީގެ ވަޢުދެއް އެއީ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، އާމްދަނީ މަދުނަމަ، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުން. އަޅުގަނޑުމެންނަށް، މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، ވަށަފަރުގެ 38 މީހަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ދެވެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ވަށަފަރަށް ކޮންމެ މަހަކު ޕެންޝަން ދިނުމަށްޓަކައި ހަތްދިހަ ހަހާސް ރުފިޔާ ޚަރަދު ކުރެވޭތީވެ. މިދެންނެވި ހަތްދިހަ ހަހާސް ރުފިޔާއަކީ، ވަށަފަރުގެ އިޤްތިޞާދުގައި ދައުރުވުމަށް، މި ވަށަފަރަށް ދެވޭ ފައިސާއެއް. އަޅުގަނޑުމެންގެ ބޭނުމަކީ، މި ރަށްރަށުގެ އިޤްތިޞާދުވެސް، އިޤްތިޞާދުގައި އެނބުރޭ ފައިސާގެ ޢަދަދު އިތުރުކޮށް، އަދި ވަކިން ޚާއްޞަކޮށް، ދުވަސްވީ މީހުންނަށާއި، އެހެންވެސް ބޭނުންވާ ނިކަމެތި ފަރާތްތަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. ވަށަފަރުގައި އެކަނިވެރި މައިންގެ ގޮތުގައި ދެމީހަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ، އަޅުގަނޑުމެންގެ ސަރުކާރަށް އަދި އަޅުގަނޑުމެންގެ ޕާޓީއަށް އަދި އަޅުގަނޑަށްވެސް ނުހަނު ހިތްވަރާއި ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ވަށަފަރު ރައްޔިތުންގެ ތަރައްޤީ.

މި ސަރުކާރު، އަޅުގަނޑު އަބަދުވެސް ބުނަން، ދެމިއޮންނަނީ އެންމެ ސަބަބަށްޓަކައޭ. އެއީ، ރައްޔިތުންނަށް ޚިދްމަތް ކުރުމަށޭ. އަޅުގަނޑުމެންނެއް ރައްޔިތުންގެ ފައިސާއަކު އަޅުގަނޑެއް ނުޖެހޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑެއް ރައްޔިތުންގެ ލޯ ލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ ނުޖެހޭނަން. އަޅުގަނޑުމެން ތިޔަބޭފުޅުންނަށްޓަކައި އަބަދުވެސް މަސައްކަތް ކުރާނަން. އެންމެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ ދޫކޮށްނުލާނަން، 10 ގަޑިއިރު ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން މަސައްކަތް ނުކޮށް.

ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރައްޔިތުންގެ ވެރިކަމެއް، މި ރާއްޖޭގައި ކުރުން. މި ސަރުކާރަކުން ރައްޔިތުންނަކަށް ބިރެއް ނުދައްކާނެ. ރައްޔިތުންނަކަށް އަނިޔާއެއް ނުކުރާނެ. ރައްޔިތުންގެ ގޯތިގެދޮރެއް ނުނަގާނެ. ރައްޔިތުންގެ މުދަލެއް ނުހިފާނެ. ރައްޔިތުންނަށް އެކިގޮތްގޮތުން އޮޅުވާލައި، ދާން އޮތް މަގު އޮޅޭ މިންވަރެއް، މި ސަރުކާރަކުންނެއް އިރާދަކުރެއްވިއްޔާ ނުކުރާނެ. މި ސަރުކާރަކީ، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، މި ވަށަފަރު ރައްޔިތުންނަކީ، ކޮންމެ ވަށަފަރު މީހަކީވެސް، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ވަށަފަރު މީހެކޭ، ތިމަންނާއަކީ ތިމަންނާގެ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ އަމިއްލަ ޝަޚްޞެކޭ ބުނެވޭނެ ވަށަފަރު ރައްޔިތެއް އުފެއްދުން. ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް، ރައްޔިތުންނަށް ހޯދައިދިނުން. ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި ބޭނުންވާ ބޭސް ސިޓީ ހިފައިގެން، އެއް މަހުޖަނެއް ގާތުން، އަނެއް މަހުޖަނެއް ގާތުން ސަލާން ޖަހަމުން ހިނގަންޖެހޭހާ ހިނދަކު، ރައްޔިތުންގެ ޤަދަރާއި ޢިއްޒަތެއް ނުހިފެހެއްޓޭނެ، ނުހޯދޭނެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ކަނޑައެޅިފައިވާ ޕްރޮގްރާމްތަކެއްގެ ތެރެއިން، އުޞޫލުތަކަކުން، އިންޞާފުވެރިކަމާ އެކީގައި، ހުރިހާ އެންމެނަށްވެސް ސަރުކާރުންދޭ އެހީއާއި، ސަރުކާރުންދޭ އެހެންވެސް ޢިނާޔަތްތައް، ރަނގަޅަށް ފުރިހަމައަށް، އިންޞާފްވެރި ގޮތުގައި ލިބިދިނުން.

މި ސަރުކާރު އަބަދުވެސް އަމާޒު ކުރާނީ، އަބަދުވެސް މަސައްކަތް ކުރާނީ އިންޞާފަށް. އަޅުގަނޑުމެންނަކީ ޑިމޮކްރަސީއަށް ލޯބިކުރާ، ހެޔޮވެރިކަމަށް ލޯބިކުރާ ސަރުކާރެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނާ އެކީގައި ވެރިކަން ކުރެވޭނޭ އިންތިޒާމެއް، ވެރިކަން ކުރެވޭނޭ ގޮތެއް އަޅުގަނޑުމެން ހޯދުން. އަޅުގަނޑު އަބަދުވެސް ދަންނަވަން، ވަށަފަރުގެ ތަރައްޤީއަށްޓަކައި، ޙަޤީޤަތުގައި ތަރައްޤީ ކުރާން މިޖެހެނީ، ވަށަފަރު މީހާ. ތަރައްޤީވާން މިޖެހެނީ، ވަށަފަރު ރައްޔިތުން. އެކަން ކުރުމަށްޓަކައި، ވަށަފަރުގެ ތަރައްޤީގެ ނާރެސްއަކަށް ހަމަގައިމުވެސް ވާންޖެހޭނީ، މިރަށުގެ މަދްރަސާ. މަދްރަސާގެ ފެންވަރު ރަނގަޅުކޮށް، މަދްރަސާ އެއްދަންފަޅިއަށް ބަދަލުކޮށް، މަދްރަސާގައި ރަނގަޅު ވަށާޖެހޭ ތަޢްލީމެއް ދިނުމަކީ، މި ސަރުކާރުގެ އަމާޒެއް. އިރާދަކުރެއްވިއްޔާ، 2012 ވަނަ އަހަރު ވަށަފަރުގެ މަދްރަސާ ހުޅުވާއިރުގައި، އެ މަދްރަސާ އެއްދަންފަޅިއަށް ބަދަލުވެގެންދާނެ.

މިދިޔަ 2010 ވަނަ އަހަރުގެ ތެރޭގައި، ވަށަފަރު ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަމާއި އަދިވެސް މަދްރަސާއަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި، އެއްލައްކަ ތިރީސްހަހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަދި ހަމައެހެންމެ، ވަށަފަރުގެ ރައްޔިތުން، ވަށަފަރުގެ ދަރިވަރުން، އިމްތިޙާންގެ ފީގެ ގޮތުގައި ފައިސާ ދެއްކުމަށްޓަކައި، އަށާވީސްހާސް ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަދި އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.

ސަރުކާރުގެ ހައްތަހާވެސް އަމާޒަކީ، ވަށަފަރުގެ ތަރައްޤީ އަޅުގަނޑުމެން ހޯދުން. އަޅުގަނޑުމެންނަކީ އިސްރާފުކުރާ ބައެއް ނޫން. އަޅުގަނޑުމެން މިވަގުތު މުޅި ސަރުކާރު އެކީގައި ތިލަދުންމަތީގައި މިތިބީ، ތިލަދުންމަތީ ރައްޔިތުންނާއި ސަރުކާރާ ވީހާވެސް ގާތުން ބައްދަލުވުމުގެ ނިޔަތުގައި. ސަރުކާރުގެ ބޭނުމަކީ، ވަޒީރުންގެ މަޖިލީހުގެވެސް ބޭނުމަކީ، އަދި ސަރުކާރުގެ އެހެން އެހެން މުއައްސަސާތަކުގެ ބޭނުމަކީ، އެ މުއައްސަސާތަކުގެ ވެރިންނަށް، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ކަންކަން އޮޅުންފިލުން. ރައްޔިތުން ބޭނުންވެފައިވާ ކަންކަމާއި، އަދި ރައްޔިތުންނަށް ނުކޮށްދެވި ހުރި ކަންކަމާއި، ކުރާން ޖެހިފައި ހުރި ކަންކަންވެސް ސަރުކާރުގެ ހުރިހާ ބޭފުޅުންނަށްވެސް އެނގުން. މިދިޔަ ދެދުވަހުގެ ތެރޭގައި، ސަރުކާރުގެ ހުރިހާ ވަޒީރުންނަށްވެސް އެކިއެކި ރަށްރަށަށް، މި ތިލަދުންމަތީގެ އެކިއެކި ރަށްރަށަށް ޒިޔާރަތް ކުރެވިއްޖެ. މި ތިލަދުންމަތީގެ ގިނަ ސަރުކާރުގެ މުއައްސަސާތަކަށް، އެކަމާބެހޭ ވަޒީރުންނަށް ޒިޔާރަތް ކުރެވިއްޖެ. އަދި އެތަންތަނުގައި ހުރި މައްސަލަތަކާއި، ދެން ކަން ކުރާންވީ ގޮތް ސަރުކާރަށް ދެނެގަނެވިއްޖެ. އަޅުގަނޑުމެންނަށްވެސް ވަރަށް ފަސޭހަވާނެ، މާލޭގައި ފިނި ކޮޓަރިއެއްގައި ތިބެ، މިކަން ނިންމާލަން. އޭރަކުން ރަށްރަށަށް އައިސް ފައިބައި، މިތަންތަނަށް ގޮސް އުޅޭކަށް ނުޖެހޭނެ. އަޅުގަނޑަށްވެސް ހަމަ އުނދޯއްޔެއްގައި އޮށޯވެލައި، އަޅުގަނޑުގެ މުޅި ދުވަސް ހޭދަކޮށްލެވިދާނެ. އެއީ އަޅުގަނޑަށްވެސް ހަމަ ފަސޭހައާއި އަރާމުކަން ލިބޭ ކަމަކަށްވާނެ. އަދި ވަޒީރުންނަށްވެސް މިދެންނެވި މޭރުމުން އުޅުއްވިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ކުރާން ނުކުމެ މިތިބީ، މުޅިން އެހެން ކަމެއް. އަޅުގަނޑުމެންނަށް ވަރަށްގިނަ ބޭފުޅުން، ވަރަށްގިނަ ގޮތްގޮތަށް ފާޑުކިޔާނެ. ގިނަ ގިނަ އެއްޗެތި އަޅުގަނޑުމެންނާ ދިމާއަށް އަދި އަޅުގަނޑުމެންނަށް ނިސްބަތްކޮށް ބުނާނެ. އެއީކީއެއް އަޅުގަނޑުމެންގެ ޢަޒުމަކަށް، އަޅުގަނޑުމެންގެ މަޤްޞަދަކަށް ކުޑަ ގުޑުމެއްވެސް، ކުޑަ ބަދަލެއްވެސް އަންނާނެ ކަމެއް ނޫން. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ، އަޅުގަނޑުމެންގެ ގޮތުގައި.

އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، މިއަދަކަށް ނޫން. އަޅުގަނޑު އަބަދުވެސް ދަންނަވަން، މިއަދު މިއޮތީ މެންދުރުވެފައޭ. އިއްޔެ ނިމިއްޖެއޭ. އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހޯދެން އޮތީ މާދަމައޭ. އެ މާދަމައަށްޓަކައި، އަޅުގަނޑުމެންގެ ދަރީންނާއި، އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށްޓަކައި، އަޅުގަނޑު ވަށަފަރު ރައްޔިތުންގެ ކިބައިން މި އެދެނީ، ވަރަށް އިޚްލާޞްތެރިކަމާއެކުގައި، މި ސަރުކާރާ އެކީގައި މަސައްކަތް ކުރައްވާށޭ. ވަށަފަރުގެ ތަރައްޤީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހޯދައިދޭނަމޭ. މާޒީ ހިނގައްޖެއޭ. ނެތި ހިނގައްޖެއޭ. ދެން އަޅުގަނޑުމެންނަށް އޮތީ މުސްތަޤްބަލޭ. ބުއްދި ބަހައްޓަވާށޭ. ވިސްނުންތެރިކަމ ެކީގައި ކަންކަން ކުރައްވާށޭ. އަޅުގަނޑު ދަންނަ ވަށަފަރު މީހުންނަކީ، ވަރަށް ބުއްދިވެރި ބައެއް. ޚާއްޞަކޮށް، އެނގިވަޑައިގަންނަވާނެ، ވަށަފަރު އާދަމް ޢަބްދުއްރަޙްމާނާއި، ވަށަފަރުގެ ގިނަ ރައްޔިތުންނަކީ އަދި ޤާނޫނުއަސާސީ މި ރާއްޖޭގައި ހެދިގެން އައިއިރުގައި، އަބަދުވެސް ވަށަފަރު ތަމްސީލުވެފައިވާ މިންވަރަކީ، ކުޑަ މިންވަރެއް ނޫން. އަޅުގަނޑުގެ ވަރަށް ގާތް، ގިނަ ވަށަފަރު ރައްޔިތުން އުޅޭނެ، އަޅުގަނޑަށް ސިޔާސީ ފިކުރު އަދި އަޅުގަނޑަށް އެކިއެކި ސިޔާސީ ދަރުސް ދެއްވާފައިވާ ދުވަސްވީ ދޮށީ ޢުމުރުގެ ވަށަފަރު ރައްޔިތުން.

އަޅުގަނޑު ދަންނަ ރަށެއް މިއީ. އަޅުގަނޑަށް އެނގޭ، ވެރިކަން، ކުރީގެ ވެރިކަން މިރަށުގައި ވަރުގަދަވާނެކަން، ކޮންމެ ވެރިކަމެއްވެސް، މިރަށުގައި ވަރުގަދަވާނެ. ވަށަފަރު ޒުވާނުންނަށް އެނގެންވީ، ވެރިކަން ބަދަލުވެއްޖެކަން. ވަށަފަރު ޒުވާނުންނަށް އެނގެންވީ، ވަށަފަރު ހަރު ޢުމުރުގެ މީހުންނަށްވެސް އެނގެންވީ، ވަށަފަރުގެ ތަރައްޤީ ހޯދެން އޮތީ، މީގެ ކުރީގައިވެސް ވަށަފަރު ރައްޔިތުން، މި ވަށަފަރު ކާބަފައިން، މީގެކުރީގައިވެސް ކަންކުރަމުން ގެންދިޔަ ގޮތަށް، ކަންކުރީމާކަން. މި ސަރުކާރަށް ބީރައްޓެހިވެގެން، އަޅުގަނޑުމެންނާ ދުރުވެގެން، އަޅުގަނޑުމެންނަށް އެއްޗެތި ކިޔާ އަޑުލިޔަކަސް، ހަމަ ދަންނަވަންތޯ ވާހަކައެއް، އަޅުގަނޑުގެ ޙަޔާތަށް އަންނާނެ ކުޑަ އުނިކަމެއްވެސް ނޯންނާނެ. އަޅުގަނޑަށްވާނެ، އަޅުގަނޑަށް ލިބޭނެ ކުޑަ ގެއްލުމެއްވެސް ނޯންނާނެ. އަޅުގަނޑަކީ ވަރަށް ސާދާ، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއް. އަޅުގަނޑާ ދިމާއަށް މީހަކު އެއްޗެއް ބުނެގެން، ކަންބޮޑުވާވަރަށްވުރެ އަޅުގަނޑުގެ ހަން މާ ބޯވާނެ. އަޅުގަނޑަކަށް ގެއްލުމެއް ޙަޤީޤަތުގައެއް ނުދެވޭނެ. އަޅުގަނޑެއް ޙަޤީޤަތުގައި ބިރެއް ނުގަންނާނެ. އަދި އަޅުގަނޑެއް ފަހަތަކަށެއްވެސް ނުޖެހޭނެ. އަޅުގަނޑުމެން ދާނީ އިރާދަކުރެއްވިއްޔާ ކުރިއަށް.

އަޅުގަނޑު ވަށަފަރު ރައްޔިތުންގެ ކިބައިން އެދެނީ، ބުއްދި ބަހައްޓާށޭ. ޙިކްމަތްތެރިކަމާއި، ވިސްނުންތެރިކަމާއެކީގައި، ކަންކަން ކުރައްވަމުން ގެންދަވާށޭ. މީހަކު އަދި ހަމަ ބުނާ އެއްޗަކަށް، ތިޔަބޭފުޅުން ނުހެއްލޭށޭ. ވަށަފަރު ރައްޔިތުން، މި ވޯޓް ސަރުކާރަށް ދެއްވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް. އަޅުގަނޑު ޔަޤީން ކުރަން، އެމަސައްކަތް، ވަށަފަރުގެ ޑީ.އާރު.ޕީ މެންބަރުންވެސް، އެމް.ޑީ.ޕީ. މެންބަރުންވެސް އަޅުގަނޑަށް ކޮށްދެއްވާނެ ކަމަށް. އަޅުގަނޑަށް އެނގޭ ކޮށްދެއްވާނެކަން. އަޅުގަނޑު ދަންނަން، ވަށަފަރު ޑީ.އާރު.ޕީ. އަޅުގަނޑަށް އެނގޭ، ވަށަފަރު ޑީ.އާރު.ޕީ އިން އަޅުގަނޑުމެންނަށް މި ވޯޓް ދެއްވާނެކަން. އެނޫން ގޮތަކަށް ބޭފުޅުން ވިދާޅުވި ކަމުގައިވިޔަސްވެސް، އަޅުގަނޑު އެހެން ގޮތަކަށް ދެކޭނީ، ވަށަފަރުގެ ވޯޓް މިފަހަރު ގުނާފައި. އަޅުގަނޑެއް މިރަށަށް އައިސް، މިރަށު ރައްޔިތުންނަކާއެއް މިގޮތަކަށެއް ނޭދެން. އަޅުގަނޑަށް ވަރަށްބޮޑު އުންމީދަކާ އެކީގައި އަޅުގަނޑު މިރަށަށް މިއައީ. އަޅުގަނޑުމެންގެ ތަރައްޤީގެ ވަށަފަރުގެ ތަޞައްވުރު ޙަޤީޤަތަކަށް އަޅުގަނޑު އެބަ ހަދަންޖެހޭ. ވަރަށް ބޮޑަށް އެބަޖެހޭ. އަޅުގަނޑު ވަށަފަރުގެ ދޮށީ ޢުމުރުގެ، ހަރު ކިތަންމެ ބައެއް ކައިރީގައި، މީގެކުރީގައި 1980ގެ މެދެއްހާ ތަނުގައި، ވަރަށްގިނަ މަޝްވަރާ އަޅުގަނޑު ކުރިން. ވަރަށްގިނަ ވާހަކަ، އެބޭފުޅުންނާ އެކީގައި އަޅުގަނޑު ދައްކާ އުޅުނިން. އަޅުގަނޑު މި ދިވެހި ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުރެ، މި ވަށަފަރު ތަރައްޤީނުކޮށް، އަޅުގަނޑަކަށެއް ނެތް، ވެރިކަމުން ފޭބޭކަށެއް. އަޅުގަނޑަކަށެއް ނެތް، އަޅުގަނޑުގެ އެހެން ވަޢުދެއް އެބައޮތް. އަޅުގަނޑުގެ ވަށަފަރަށް އޮތް ވަޢުދެއް އެބައޮތް. އެ ވަޢުދު، އެ ނަދުރު އަޅުގަނޑު އެބަ ފުއްދަންޖެހޭ. އަޅުގަނޑާ ދިމާއަށް ކޮންމެ އެއްޗެކޭ ތިޔަބޭފުޅުން ކިޔުއްވިނަމަވެސް، އަޅުގަނޑު ވަށަފަރަށް މިމަސައްކަތް ކުރުން ހުއްޓާލެވޭކަށެއް ނެތް. ވަށަފަރު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވަން ޖެހޭނެ، އަޅުގަނޑެއް ފައިސާއަކު ނުޖެހޭނަން.

މީގެކުރީގައި، އަޅުގަނޑުމެންނަށް ކަންކަން ފުރިހަމައަށް ނުކުރެވިދިޔަ އެންމެބޮޑު އެއްސަބަބަކީ އިސްރާފު ގިނަކުރުމާއި، ނާޖާއިޒު ފައިދާ، ސަރުކާރުގެ ތެރޭގައި ބޮޑުކަމުން. ސަރުކާރުން ގެންދާނީ އަބަދުވެސް މިކަންކަމަށް ބަލަމުން. އަޅުގަނޑުގެ ހައްތަހާވެސް އެދުމަކީ، މިއަށްވުރެ މާ އަދި އުފާވެރި އުޖާލާ މާދަމައެއް ވަށަފަރަށް ލިބުން. އަޅުގަނޑުމެން ކުރަމުން މިއަންނަ މަސައްކަތަކީ، ވަށަފަރަށް ކޮށްދޭންވެގެން މިއުޅޭ މަސައްކަތަކީ، އާދަމްބެ ބުނި މަސައްކަތެއް. މާލޭގައި އެތައް ޒަމާނެއް ވަންދެން އެއްވެފައި ހުރި ވެރިކަމުގެ ބާރު، އެތައް ސަތޭކަ އަހަރެއް ވަންދެން. އެންމެ މަޒްމޫނެއް ނޫން މިކަމަށްޓަކައި ވަށަފަރު ދަރިން ލިޔެފައިވާނީކީއެއް. މާލެއަށް އެތައް ސަތޭކަ އަހަރު ވަންދެން، ބާރު އެއްވެފައި އޮތް މިންވަރާއި އަދި އެ ބާރު، މި ވަށަފަރަށް އެ ބާރުން ބައެއް ލިބެންޖެހޭ ސަބަބުތަކާއި، ލާމަރްކަޒީ ކުރަންޖެހޭ ގޮތްތައް. އަޅުގަނޑުމެނަށް، އަޅުގަނޑަށް މި ރާއްޖޭގެ ރަށްވެރިކަމުގެ އެތައް އެތައް ފިލާވަޅެއް ލިބުނީ ވަށަފަރު ރައްޔިތުންގެ ފަރާތުން، ވަށަފަރު ދަރިންގެ ފަރާތުން.

އަޅުގަނޑުމެން ޙަޤީޤަތުގައި މިއަދު ތަންފީޛު ކުރާން މިއުޅޭ ސިޔާސަތުތަކަކީ، 1989 ގައި ފެހި ޤާނޫނުއަސާސީ އެކުލަވައިލުމަށްޓަކައި، އެއީ 17 އަހަރުވީ ޤާނޫނުއަސާސީ އިޞްލާޙު ކުރުން. މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެނގިވަޑައިގަންނަވާނެ، 1989 ވަނަ އަހަރު ޤާނޫނުއަސާސީ އިޞްލާޙް ކުރަން އަނެއްކާ ފެށުނު. އެ ފެށުނުއިރުގައި، އެންމެ ކުރީ ސަފުގައި، އޭރުގެ ޚާއްޞަ މަޖިލީހުގައި ތިއްބެވީ ވަށަފަރު އެއް މެންބަރަކު. އޭރުގައި އަޅުގަނޑު އެކުލަވައިލިން، ލާމަރްކަޒީ އުޞޫލުތަކެއް. އަދި ރައްޔިތުންގެ މަޖިލިސް ހިންގާނެ ގޮތުގެ އުޞޫލުތަކެއް. އޭރުގައި އަޅުގަނޑު ނެރުނިން [ސަންގު] ކިޔާ މަޖައްލާއެއް. އެ މަޖައްލާ އަޅުގަނޑު ނެރެމުން އައީ، ހަމަ ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ، ކޮންމެ ލަފްޒެއް، ބަހެއް، ފޮޅުވަތެއް، ޖުމްލައެއް އާދަމްބެއާ އެކީގައި މަޝްވަރާ ކޮށްފައޭ. އަޅުގަނޑު ވަރަށް ދެރަވާނެ، އަބަދުވެސް އަޅުގަނޑު ދެރަވޭ، އަޅުގަނޑާ އެކުގައި ވަށަފަރު ރައްޔިތުން ނުތިބޭތީވެ. އަދި އަޅުގަނޑު އުންމީދު ކުރަނީ، މި ބަދަލު، މިއަދު އަޅުގަނޑުމެންނަށް މިފެންނަ ބަދަލު އަޅުގަނޑުމެންނަށް ލިބުމާ އެކީގައި، އަޅުގަނޑުމެންނަށް ވަށަފަރު ބަދަލުކުރަން ނުކުމެވޭނެ ކަމަށް. ވަށަފަރު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަތުމަށް އަޅުގަނޑު އެދެން، އަޅުގަނޑުގެ ވަށަފަރާ ގުޅޭ އުންމީދެއް އެބައޮތޭ. އަދި އަޅުގަނޑު ވަށަފަރަށް ފުއްދަން އޮތް ނަދުރެއް އެބައޮތޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________