بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިކޮމްރެޓިކް ޕާޓީގެ ރައީސް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި ސަރުކާރުގެ ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް، ޖަލްސާއަށް ވަޑައިގެން ތިއްބެވި ފިއްލަދޫ އެންމެ ރައްޔިތުން.

السّـلام عليـكم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، މި ސަރުކާރު ހިންގުމާ ޙަވާލުވީ، އަޅުގަނޑުމެންގެ ހިތްތަކުގައި، މި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރެއް އޮވެގެން. މި ރާއްޖެ ބަދަލުކުރާނެ ފިކުރެއް، އަޅުގަނޑުމެން އެކުލަވައިލުމުން، އެ ފިކުރުގެ މައްޗަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. ޕާޓީގެ ފަރާތުން ރާއްޖޭގެ ވަރަށްގިނަ ގޭގެއަށް ޒިޔާރަތް ކުރި. ވަރަށްގިނަ ރަށްރަށަށް، ހުރިހާ ރަށަކަށް، ޕާޓީގެ ފަރާތުންވަނީ ގޮސްފައި. ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ގެއެއްގެ ރައްޔިތުންނާހެން ޕާޓީއަށްވަނީ ވާހަކަ ދެކެވިފައި. ޕާޓީގެ ފަރާތުން ވަނީ ރާއްޖޭގެ ރައްޔިތުންގެ އަޑު އަހާފައި. މިދެންނެވި އެހުނު އަޑުގެ ޙަޤީޤީ ނަތީޖާއަކަށް ވެގެންދިޔައީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯ. އަދި އެއަށްފަހު، ޕާޓީގެ ފަރާތުން ރައްޔިތުންނަށް ވެގެންދިޔަ ވަޢުދުތައް. ޕާޓީން ގެއިން ގެއަށް ހިނގާ، ރަށުން ރަށަށް ގޮސް، މަޢްލޫމާތު އޮޅުންފިލުވައި، މީހުންނާ މަޝްވަރާކޮށް ހެދުމުން، ކިތަންމެ ޙަޤީޤަތެއް އަޅުގަނޑުމެންނަށް ސާފުވެގެންދިޔަ.

އަޅުގަނޑުމެންނަށް އެނގޭ އަދި އަޅުގަނޑުމެން ގަބޫލުކުރަން، މި ރާއްޖޭގައި ރައްޔިތުންނަށް ބޭނުންވާ ކިތަންމެ ޚިދްމަތެއް، އޭގެ އެންމެ އެދެވޭ ގޮތަށް ނުދެވޭކަން. ރައްޔިތުން ބޭނުންވާ މިންވަރަށް، ސަރުކާރަށް، މިދިޔަ ދިގު 30 އަހަރުވެސް އަދި މިދިޔަ ދެއަހަރުވެސް ސަރުކާރު އެންމެ އެދޭގޮތަށް ރައްޔިތުންނަށް ޚިދްމަތްތައްވަނީ ފޯރުކޮށްނުދެވިފައި. މިދެންނެވި ޙަޤީޤަތް މިހެން އޮތްއިރު، އަދި ވަކިން ޚާއްޞަކޮށް ފާހަގަވާ އެހެން މާބޮޑު ޙަޤީޤަތެއް އެބަވޭ. މި ފިއްލަދޫގެވެސް ރައްޔިތުންގެ ތެރެއިން، ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، ނިކަމެތި ފަޤީރުން. އެމީހުންނަކީ، އެމީހުންނަށް ރެޔާދުވާލަށް ދިހަ ބާރަ ރުފިޔާ، ވިހި ފަނަރަ ރުފިޔާ، އެމީހުންގެ އާމްދަނީގެ ގޮތުގައި ނުލިބޭ ނިކަމެތިން. އެމީހުންނަކީ، އެމީހުންގެ ވަރަށް ޟަރޫރީ ކަންކަމަށްވެސް ބޭނުންވާނޭ ޚިދްމަތްތަކާއި، ބޭނުންވާނެ ކަންކަން ނުފުއްދޭނެ ނިކަމެތިން. ޤައުމެއް، ރަށެއް ތަރައްޤީއެއް ނުވާނެ، ފިއްލަދުއެއް ތަރައްޤީއެއް ނުވާނެ، ފިއްލަދޫ ރައްޔިތުންގެ ގިނަ ބައިވަރު މީހުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބިހާ ހިނދަކު. ތަރައްޤީ ވުމަށްޓަކައި، ތަރައްޤީވާން މިޖެހެނީ ފިއްލަދޫ މީހާ. އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުވުމަށްޓަކައި، ރަނގަޅުވާން މިޖެހެނީ މީހާގެ ޢާންމު ޙާލަތު. އެމީހުންގެ ޖީބަށް ވަންނަ ފައިސާގެ ޢަދަދު އިތުރުކުރުމަށް، ސަރުކާރުގެ ސިޔާސަތުތައް ރޭވިފައި ހުންނާން މިޖެހެނީ.

ޕާޓީގެ ވަޢުދަކީ، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި، ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާ ޖެހުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހުއްޓާލަދޭނަމޭ. ސަރުކާރުގެ ސިޔާސަތަކަށްވީ، މަދަނައިގެ ވިއުގައިގެ ތެރެއިން، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑުމެންނަށް މިއަދު ހިތްވަރު ލިބެނީ، އަޅުގަނޑުމެންނަށް މިއަދު އުފާވެރިކަން ލިބެނީ، މި ފިއްލަދޫގެ 144 މީހަކަށް، މަދަނައިގައި ރަޖިސްޓްރީވެ، ޚިދްމަތް ލިބެމުންދާކަމުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، ފިއްލަދޫގެ މަދަނައިގައި ރަޖިސްޓްރީވެފައި ތިބި މީހުންގެ ތެރެއިން މީހުންނަށް ބޭސްފަރުވާ ކުރުމަށްޓަކައި، މިދިޔަ 2010 ވަނަ އަހަރު ދެލައްކަ ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވިފައި އޮތްކަމުން. މިދެންނެވި ފައިސާއަކީ، ފިއްލަދޫގެ ހެލްތް ސެންޓަރަށް ކުރެވުނު ޚަރަދެއް ނޫން. މިދެންނެވި ފައިސާއަކީ، ފިއްލަދޫގެ ހެލްތް ސެންޓަރުގެ ކަރަންޓް ބިލް ނުވަތަ ތަނުގައި ތިބި މުވައްޒަފުންގެ މުސާރަ ނުވަތަ އެހެންވެސް އިދާރީ ކަމަކަށް ޚަރަދު ކުރެވުނު ފައިސާއެއް ނޫން. އެފައިސާއަކީ ހަމަ ސީދާ ފިއްލަދޫ ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި ކުރެވުނު ޚަރަދު.

އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ބައްޔެއްވީމާ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް، ކަން ކުރާން ޖެހިފައި މިއޮންނަ ގޮތަކީ، ބައެއްފަހަރަށް ނަޞީބުގަދައްޔާ، އަދި ރަށުގެ ބޮޑު މީހަކާ ނުވަތަ މާލެއިންވެސް ކޮންމެވެސް ނުފޫޒުވެރި ފަރާތަކާ ގުޅިފައި އޮތިއްޔާ، ދެކޮޅު ޓިކެޓާއި 200 ޑޮލަރު، ތީމުގޭ ފަންޑުން ލިބިދާނެ. އެހެން ނަމަވެސް، އެއިން ދެން އިތުރަށް ބޭނުންވާ ކަމެއް ކުރާން ވެއްޖެނަމަ، ހަމަ އަނެއްކާވެސް އެކެއް ގާތުން އަނެކެއް ގާތުން އަޅުގަނޑުމެންނަށް މިއޮންނަނީ ހިނގާން ޖެހިފައި. ތީމުގޭ ފަންޑުން މި ފިއްލަދުއަށް ބޭސްފަރުވާ، މިދިޔަ ދިގު 30 އަހަރުގެ ތެރޭގައި، ކޮށްދީފައި ހުރި މިންވަރު، އަޅުގަނޑަށްވުރެ ބޮޑަށް މިރަށު ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށް އޭގެ ހިސާބު އެނގޭ. އަޅުގަނޑަށް އޭގެ ޢަދަދު އެނގޭ. އަޅުގަނޑަކަށެއް ނުފެނޭ، އެ ޚިދްމަތް ސަރުކާރުގެ ފަރާތުން ފިއްލަދޫ ރައްޔިތުންނަށް ދުވަހަކުވެސް ފޯރުކޮށްދީފައި އޮތް ތަނެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިދެންނެވި 144 މީހުންނަށް، ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، 2011 ވަނަ އަހަރުގެ މާލިއްޔަތުގައި އިރާދަކުރެއްވިއްޔާ ރައްކާ ކުރެވިފައި އެބަވޭ. ތިޔަބޭފުޅުންގެ ބޭސްފަރުވާއަށް، ތިޔަބޭފުޅުން ބޭނުންވާ ބޭހާގުޅޭ ޞިއްޙީ ޚިދްމަތްތައް ހޯދުމަށްޓަކައި، މަދަނައިގެ ވިއުގައިން ތިޔަބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެވޭކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން.

ޕާޓީގެ ފަރާތުން އަބަދުވެސް ވަމުން އައި އެއް ވަޢުދަކީ، މި ރާއްޖެ މިގޮތަށް އަޅުގަނޑުމެންނަށް ރައްދުކޮށްދީފައިވާ މި ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުންނަށް، ޕާޓީގެ ސަރުކާރެއްގައި، އިރާދަކުރެއްވިއްޔާ، ދެހާސް ރުފިޔާގެ ޕެންޝަނެއް ފޯރުކޮށްދޭނަމޭ. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ސަރުކާރަށް ހިތްވަރު ލިބެނީ، މި ޕާޓީއަށް އުފާވެރިކަން ލިބެނީ، މި ފިއްލަދޫގެ 45 ފަރާތަކަށް ގަވާއިދުން ދެހާސް ރުފިޔާ ދެމުން ގެންދެވޭތާ މިވީ ދެއަހަރު. މި ފިއްލަދުއަށް ކޮންމެ މަހަކު ދޮށީ ޢުމުރުގެ މީހުންގެ ޕެންޝަންގެ ގޮތުގައި ނުވަދިހަހާސް ރުފިޔާ، ކޮންމެ މަހަކު ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައި އޮތްކަމީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށްދެވޭ ޚިދްމަތް، ފިއްލަދުއަށްވެސް ދަނީ ދެވެމުން. ފިއްލަދޫގެ 8 ފަރާތަކަށް، މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި، މި އެހީތެރިކަން ފޯރުކޮށްދެވިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި މިދިޔަ 2010 ވަނަ އަހަރު މިދެންނެވި 8 ފަރާތަށް، ސާޅީސްނުވަހާސް ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައި އޮތްކަމީ، މި ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، ފިއްލަދޫގެ ތަރައްޤީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ، ފިއްލަދޫ ރައްޔިތުންނަށް، އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށް. އަދި އެއަށްފަހުގައި، ދެން ފިއްލަދޫގައި އަޅުގަނޑުމެން ކުރާންހުރި އެހެން ކަންކަން ކުރުމުގައި، މި 3 އަހަރު އަޅުގަނޑުމެން ހޭދަކުރުމަށް.

އަޅުގަނޑުމެންނަށް ފާހަގަވާ އެންމެބޮޑު އެއް ޙަޤީޤަތަކީ، އަޅާ ބޮޑު ބިނާއަކުން، ކުރެވޭ ބޮޑު ޢިމާރާތަކުން އަޅުގަނޑުމެންނަށް ތަރައްޤީއެއް ނުހޯދޭނޭ، ރައްޔިތުންގެ ޙާލަތު، ޢާންމު ޙާލަތު އަޅުގަނޑުމެންނަށް ރައްކާ ނުކުރެވޭހާ ހިނދަކު. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، މި ސަރުކާރު އެންމެ އިސްކަންދޭ އެއްކަންތައް. އަދި ހަމައެހެންމެ، އިޖްތިމާޢީ ރައްކާތެރިކަން ފޯރުމިކޮށްދެވެނީ، އިންސާނާ، ރައްޔިތު މީހާ، ފިއްލަދޫ މީހާގެ ތަރައްޤީއަށްޓަކައި. ތަރައްޤީވާން މިޖެހެނީ ފިއްލަދުއެއް ނޫން. ތަރައްޤީވާން މިޖެހެނީ، ފިއްލަދޫ މީހާ. ތަންދޮރުއޮޅުންފިލާން މިޖެހެނީ، ފިއްލަދޫ މީހާއަށް.

އެހެންވީމާ، އަޅުގަނޑުމެންގެ އަބަދުވެސް ތަރައްޤީގެ އެންމެބޮޑު އެއް ނާރެސްއަކީ ފިއްލަދޫ މަދްރަސާ. މި މަދްރަސާގައި، ފިއްލަދޫ މަދްރަސާގައި ދަރިވަރުންނަށް ރަނގަޅު ތަޢްލީމެއް ދިނުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. ސަރުކާރަށް ހިތްހަމަޖެހުން ލިބޭ، މިދިޔަ އަހަރު ފިއްލަދޫ ސްކޫލްގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަމާއި، ސްކޫލަށް ބޭނުންވާ ސާމާނު ގަތުމަށްޓަކައި ނުވަދިހަ ތިންހާސް ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. ފިއްލަދޫ ދަރިވަރުން އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް، 13 ދަރިވަރުން އޯ ލެވެލް އިމްތިޙާންގައި ބައިވެރިވުމަށް ތޭވީސްހާސް ރުފިޔާއަށްވުރެ ގިނައިން ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބުނުކަމީ، ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. ފިއްލަދޫގައި މިދިޔަ އަހަރު 3 ކްލާސްރޫމް އަޅައި، ފިއްލަދޫ މަދްރަސާ މިހާރު މިވަނީ އެއްދަންފަޅިއަށް ބަދަލުކޮށްފައި. އަޅުގަނޑުމެންގެ ބޭނުމަކީ، ފިއްލަދޫ ދަރިވަރުންނަށް ރަނގަޅު ތަޢްލީމެއް ހޯދައިދިނުން.

ސަރުކާރުގެ އަމާޒަކީ، ފިއްލަދޫގެ ތަރައްޤީ. ތަރައްޤީއަށްޓަކައި ހިންގާންޖެހޭ ކިތަންމެ މަސައްކަތެއް އެބަހުރި. އޭގެތެރޭގައި، ވަކިން ޚާއްޞަކޮށް، ރައްޔިތުންގެ އާމްދަނީ އިތުރުކުރެވޭނެ، ރައްޔިތުންގެ މުއްސަނދިކަން ފުޅާކުރެވޭނެ ގޮތްތައް ހޯދުމަކީ، ސަރުކާރަކުން ކުރަންޖެހޭނެ ކަމެއް. މި ސަރުކާރަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް އެބަލިބޭ، މި ދައްޕަރުގައި ޓުއަރިޒަމް ތަޢާރުފްކޮށް، އެ ދައްޕަރަށް، ދައްޕަރުގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުވެގެން ދިޔައީމާ، ފިއްލަދުއަށް އޭގެ ފައިދާއާއި، އޭގެ މަންފާ ކުރާނެކަމީ ޝައްކެއްހިނގާ ކަމެއް ނޫން. ސަރުކާރުން މިހާރުވަނީ ދައްޕަރު ފަރާތަކަށް ކުއްޔަށްދީފައި. އަދި އެފަރާތުން ދައްޕަރު ތަރައްޤީ ކުރުމުގެ މަސައްކަތް ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ފަށައިގަންނާނެ. އޭގެ ފައިދާ މިރަށަށް ލިބޭނެކަމީ، ސަރުކާރަށް ޝައްކުހިނގާ ކަމެއް ނޫން. އަޅުގަނޑަށްވެސް އެނގޭ، މިއަދު ފިއްލަދޫ ދައްޕަރު، ދައްޕަރު އޮންނަނީ ފިއްލަދޫ މީހުންނަށް ބޭނުންކުރެވެންކަން. ދައްޕަރު ގޮއި ކަނީ ފިއްލަދޫ މީހުންކަން. އެއިން ލިބޭ ކާށިކޮޅާއި، އެއިން ލިބޭ ފަންކޮޅަށްވުރެ ސަރުކާރަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން ހިސާބުޖެހީމާ ފެންނަ ގޮތުގައި، ޓުއަރިޒަމްގެ މަސައްކަތް، ދައްޕަރުގައި ތަރައްޤީކުރީމާ ލިބޭ ފައިދާ ކިތަންމެ ތަނަކުން ފުޅާވާނެ. އެތައް ތަނަކުން ރަނގަޅުވާނެ. ސަރުކާރުގެ ބޭނުމަކީ، ފިއްލަދޫ ރައްޔިތުންނަށް ރަނގަޅު އިޤްތިޞާދީ، ހަރުދަނާ ވަޒީފާތަކެއް ހޯދައިދިނުން. މިރަށުގައި ރަނގަޅު އިޤްތިޞާދެއް ބިނާކުރުން.

މިރަށް ތަރައްޤީ ކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ މި އެޅެނީ، ފެބްރުއަރީ 5 ވަނަ ދުވަހު. އެއީ، މިރަށުގެ ރަށްވެރިކަން މިރަށަށް ބަދަލުކުރުމަށްޓަކައި މަސައްކަތް ހިންގާން ފެށޭ ދުވަސް. ރަށު ކައުންސިލްގެ އިންތިޚާބަކީ، މީގެކުރީގައި އަޅުގަނޑުމެން ކޮށްފައިވާ ބާވަތުގެ ކަމެއް ނޫން، އަޅުގަނޑުމެން ކުރާން މިއުޅެނީކީއެއް. މީގެކުރިން ރަށްކުރިއަރުވާ ކޮމިޓީއެއް އިންތިޚާބު ކުރުމަށް ކުރެވޭ މަސައްކަތެއް ނޫން. އަދި އެހެންވެސް ޖަމްޢިއްޔާއެއް ހެދުމަށް ކުރެވޭ މަސައްކަތެއްވެސް ނޫން. އަމާޒަކީ ސީދާ މިރަށުގެ ވެރިކަން، ސީދާ މިރަށާ ގުޅޭ އެންމެހާ ކަންކަން ހިންގުން، މިރަށުގެ ރައްޔިތުންނަށް ހުޅުވާލުން. މިރަށުގެ ރައްޔިތުންނަށް އެ ބާރު ދިނުން. ދިނުމަށްޓަކައި ބޭއްވޭ އިންތިޚާބު. އެ އިންތިޚާބުގައި ތިޔަބޭފުޅުން ރަނގަޅަށް ވިސްނަވާނެކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ.

އަޅުގަނޑު ދަންނަވާލަން ބޭނުން، އަޅުގަނޑުމެން ކުރުމަށް މި އަމާޒުކުރާ މަސައްކަތަކީ، އަޅުގަނޑުމެންނަށް މާލޭގައި ހުރި ބާރުތަކުން ބައެއް، މިރަށަށް ބަހާލުން. މާލޭގައި އެހެރަ ބާރަކީ، ވަރަށް ޒަމާންވަންދެން މާލޭގެ ވެރިކަމުގެ ޢާއިލާތައް، މާލެއަށް އެއްކޮށްފައިވާ ބާރެއް. ވަކިން ޚާއްޞަ ގޮތެއްގައި، ދާދިފަހާ ޖެހެންދެންވެސް، މާލޭ ވަރަށްގިނަ މީހުންވެސް، އަޅުގަނޑުމެންގެ މައިންބަފައިންވެސް ދެކިއުޅެނީ، މާލޭގެ ވެރިކަމުގެ ބާރަކީ، މުލީގޭ ދޮން ޙަސަންމަނިކު، ދޮން ބަންޑާރައިންގެ ތަރިކައެކޭ. ދޮން ބަންޑާރައިންގެ އައުލާދުގެ ބޭފުޅުން، މިއަދު އެތިއްބެވީ، އެމް.ޑީ.ޕީ.ގެ ކުރީ ސަފުގައި. މާލޭގެ ވެރިކަމުގެ ޚާންދާންތައް ތިބޭނީ އެމް.ޑީ.ޕީ.ގައި. އެބޭފުޅުން މިއަދު ނުކުންނަވައި އެތިއްބެވީ، އެބޭފުޅުންގެ މައިންބަފައިން، އެބޭފުޅުންގެ ކާބަފައިން، މާލެއަށް އެއްކުރި ބާރުން ބައެއް، ތިޔަބޭފުޅުންނަށް ދިނުމަށްޓަކައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން އެހެންވީމާ އޮތް ވާހަކައަކީ، ތިޔަބޭފުޅުން އެބާރު ހޯއްދަވަން ވަޑައިގަންނަވާއިރުގައި، ނުބައި ގެއަށް ވަޑައިނުގަންނަވައްޗޭ. އެ ބާރު އޮތް ފަރާތަށް ނޫނިއްޔާ، އެ ބާރު ތިޔަބޭފުޅުންނަށް ދޫކުރާން ދަތިވާނެ. އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ، އެއްވެސް ހާލެއްގައި، ވެރިކަމުގެ ލައްޒަތަށްޓަކައި، ވެރިކަމުގެ އަރާމާއި ޖާހަތަށްޓަކައެއް ނޫން. އަޅުގަނޑު ހަމަގައިމުވެސް ތިޔަބޭފުޅުންގެ ފައިސާއިން ލޯ ލާރިއެއްގައެއްވެސް ނުޖެހޭނަން. އަޅުގަނޑެއް ތިޔަބޭފުޅުންނަށްޓަކައި 10 ގަޑިއިރު މަސައްކަތް ނުކުރާ ހަމަ އެންމެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ ނުބާއްވާނަން.

އަޅުގަނޑަށް އެނގޭ، ފިއްލަދޫގެ ގިނަގުނަ މައްސަލަތައް. ސަރުކާރުން އެމައްސަލަތަކަށް ޙައްލެއް ހޯދުމަށް، މީގެކުރީގައިވެސް މަސައްކަތް ކުރަމުން އައީ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންދާނީ، އެމައްސަލަތަކަށް ޙައްލު ހޯދުމަށް. ފިއްލަދުއަށް ދިމާވެފައިވާ އަދި އަބަދުވެސް ނުނިމި އޮތް އެއް މައްސަލައަކީ، ސުނާމީގައި ލިބުނު ގެއްލުމާ ގުޅިގެން ފިއްލަދޫ ރައްޔިތުންނަށް ލިބެންޖެހޭ ބަދަލުގެ ފައިސާގެ މައްސަލަ. ކުރީ ސަރުކާރުންވެސް، އެ މައްސަލަ ނުނިންމައި، 2008 ވަނަ އަހަރާ ހަމައަށް ދިޔައިރުވެސް އޮތްކަމީ، އެމައްސަލަ ބޮޑަށް އޮޅުން ބޮޅުން އަރައިގެންދިޔަ އެންމެބޮޑު އެއްސަބަބު. ސަރުކާރުން ބޭނުންވަނީ، ރައްޔިތުންވެސް މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމަވައިދެއްވުން. އަދި ރައްޔިތުން ނިންމަވާ ގޮތް އެއީ، ސަރުކާރުން ޢަމަލުކުރާނެ ގޮތްތޯ، ނޫންތޯ ސަރުކާރުން ބަލައިގަންނާނީ އަދި ޝަރީޢަތުގެ ހުރިހާ މަރްޙަލާއެއް ނިންމުމަށްފަހުގައި. އެއްވެސް ހާލެއްގައެއް، އެއްވެސް މީހަކަށް ލިބެން އޮތް އެއްޗެއް ނުލިބޭނެ ގޮތެއްވުމަކީ، މި ސަރުކާރުގެ ބޭނުމެއް ނޫން. އަދި އެއްވެސް އެއްޗެއް ޙައްޤު ނޫން މީހަކަށް، އެ އެއްޗެއް ލިބުމަކީވެސް، މި ސަރުކާރު އެދޭ ގޮތެއް ނޫން. ގޭގެ ހަލާކުވީ މީހުންނަށް ބަދަލު ލިބެންޖެހޭނެ. ގެއްލުން ލިބުނު މީހުންނަށް ޢިނާޔަތާއި އެހީތެރިކަން ލިބެންޖެހޭނެ. މި ސަރުކާރަށް މިއަދު ދިމާވާ ދައްޗަކީ، ލިބުނު ގެއްލުމަކީ ކޮބައިތޯ އަޅުގަނޑުމެނަށް އޭގެ 8 އަހަރު، 10 އަހަރު ފަހުން މިނާންޖެހޭ ޖެހުން. ކުރީގައި ހެދި ސަރވޭގެ މައްޗަށް ބިނާވެ، މިކަން ކުރާން އުޅުމުން، ރައްޔިތުންގެ ތެރޭގައި ނުހަނު ހިތްހަމަނުޖެހުން އެބަ އުފެދޭ. އެހެންވީމާ، ސަރުކާރުން ޝަރީޢަތުގައި އެދުނީ، މިކަމުގައި ގޮތެއް ނިންމަވައި ދެއްވުމަށް. އަދި ޝަރީޢަތުގެ އެއް މަރްޙަލާއިން ނިންމީމާ، އެހެން ބޭބޭފުޅުން އެކަމުގައި ހިތްހަމަނުޖެހުން ގެންގުޅެދާނެ ކަމަށްޓަކައި ސަރުކާރުން އެދުނީ، މައްސަލަ އިސްތިއުނާފްކޮށް، ޝަރީޢަތުގެ ދެން އޮތް މަރްޙަލާއިންވެސް އެކަން ނިންމައި، ތިޔަބޭފުޅުން ބޭނުންވާ ގޮތަށް މިކަން ފުރިހަމައަށް ނިންމޭނެ އިންތިޒާމެއް ހޯދުން.

ސަރުކާރުގެ މިއަހަރުގެ ބަޖެޓްގައި، ފިއްލަދޫ ރައްޔިތުންގެ ފައިސާވާނީ ހިމަނާފައި. މިހާރު އަޅުގަނޑު ހަމައެކަނި އެދެނީ، އެންމެ އިންޞާފުވެރި ގޮތަކަށް އެފައިސާ ދެވޭނޭ ގޮތެއް ހޯދުން. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުވެސް ގަބޫލުކުރަން، ހުރިހާ އެންމެން، އެންމެ ހިތްހަމަޖެހޭ ގޮތަކަށް އެއްވެސް ކަމެއް ނުނިންމޭނެ. އެހެން ނަމަވެސް، ވީ އެންމެ ރަނގަޅަކަށް، ވީ އެންމެ އިންޞާފުވެރި ގޮތަކަށް ކަންކަން ނިންމޭތޯ ބެލުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. ފައިސާ ބެހުމުގައި، ވަކިން ޚާއްޞަކޮށް، އެއްވެސް އަތަކަށް ނުޖެހި، އެކަން ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހެއްގެ ވަރަށްބޮޑު ޒިންމާއެއް. އަޅުގަނޑަކަށެއް ނެތް، އަޅުގަނޑުގެ ޒިންމާގެ ދަށުގައި ހާސް މީހުނަށްދޭންޖެހޭ ތަކެތި ދިނުމުގައި ފަރުވާކުޑަކޮށް އަދި ބަލައިނުލާ، އޭނަ ބުނީތީ، މީނަ ބުނީތީ، އަނެއް މީހާ ބުނީތީ، ގޮތްގޮތް ހަދަމުން ގެންދެވޭކަށް. އަޅުގަނޑު ބޭނުންވަނީ، އިންޞާފުވެރިކަމާއެކީގައި، އެ އެއްޗެއް ޙައްޤު މީހަކަށް، އެ އެއްޗެއް ލިބުން. އަދި ޙައްޤު ނޫން މީހަކަށް، އެ އެއްޗެއް ނުލިބުން. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނާ އެކީގައި، އަޅުގަނޑުމެން މަސައްކަތް ކޮށްގެން، މިދެންނެވި ރިވެތި އުޞޫލާއި، ރިވެތި ގޮތް އަޅުގަނޑުމެނަށް ހޯދޭނެ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ އަމާޒަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންގެ މި ފިއްލަދުއަށް ހޯދުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.

_______________________