بســماللّـهالرّحمـنالرّحيــم
 
السّـلام عليـكم
 
މިއަދަކީ، 11 ފެބްރުއަރީ 2011ވީ ހުކުރު ދުވަސް. އަޅުގަނޑުމެން، މިދިޔަ ހަފްތާ ހޭދަމިކުރީ، ރާއްޖޭގެ ސިޓީ ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި އަދި ރަށު ކައުންސިލުތަކުގެ އިންތިޚާބުގެ ނަތީޖާ ބެލުމުގައި. އިންތިޚާބުގެ ނަތީޖާ ދައްކައިދިން ވާހަކަތައް އަދި ކުރަހައިދިން މަންޒަރުތައް އަޅުގަނޑަށް ފެންނަ ފެނުމުގައި، ސިޔާސީ ހުރިހާ ފަރާތްތަކަށްވެސް ސާފުވާނެ. އަދި ހަމައެހެންމެ، ރައްޔިތުންނަށްވެސް، ޖުމްލަ ރައްޔިތުން އެކުވީމާ ނުކުންނަ ފިކުރާއި، ހުރިހާ ރައްޔިތުން ދާންއެދޭ ދިމާ ވަރަށް ބޮޑަށް ސާފުވާނެ. އަޅުގަނޑަށް ހަމަގައިމުވެސް ފެނުނީ، ސަރުކާރުގެ ސިޔާސަތަށް ވަރަށް ފުރިހަމަ ތާއީދެއް، ރާއްޖޭގެ ގިނަ ރައްޔިތުން ދެއްވިކަން. އެކަމަށްޓަކައި އަޅުގަނޑު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.
 
މިއަދަކީ ޙަޤީޤަތުގައި އިންތިޚާބުގެ ވާހަކައިގައި ތިބެވެން އޮތް ވަގުތެއް ނޫން. އަޅުގަނޑުމެން ދާން މިޖެހެނީ ކުރިއަށް. އަޅުގަނޑުމެންނަކަށެއް ނެތް، ފަހަތަށް ބަރޯސާވެގެން ތިބެވޭކަށް. ކައުންސިލުތައް އިންތިޚާބު ކުރުމަށްފަހުގައި، ދެން އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ މަސައްކަތްތައް މިފެށުނީ. ފެށޭއިރުގައި، ދެންވާންޖެހޭ ކިތަންމެ ގޮތެއް އެބަހުރި. އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި އަޅުގަނޑަށް ޤާނޫނީ ލަފާ ލިބި އަދި އަޅުގަނޑުމެން ދެކި މިތިބީ، ފުރަތަމަ މިހާރު ދެންވާން މިޖެހޭ ކަމަކީ، މި ޤާނޫނުގައި މިއޮތް ގޮތަށް، ކަންކަން ތަރުތީބުން ކުރަމުން ސަރުކާރުން ގެންދިޔުން. އޭގެތެރޭގައި، 71 ވަނަ މާއްދާ އެބުނާ ޤައުމީ އިދާރާތައް އުފެއްދުން. ޤާނޫނުގައި އެބަ ބުނޭ، ޤައުމީ އިދާރާއަކީ ކޮބައިކަންވެސް. ޤައުމީ އިދާރާ ނުވަތަ ޤައުމީ އިދާރާތައް ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި، އޮފީސްތަކާއި، މިތަންތަނުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާތަކާއި، ޤާނޫނުއަސާސީގެ ދަށުން އުފައްދާ، ހިނގަމުންދާ ދައުލަތުގެ މިނިވަން މުސްތަޤިއްލު މުއައްސަސާތަކަށޭ. ޤައުމީ އިދާރާތަކެއް އުފެދިފައި، ޤައުމީ އިދާރާގެ އޮފީހެއް މިއުފެދެން ޖެހެނީ، ކޮންމެ އިދާރީ ދާއިރާއެއްގައި. އެ އިދާރާގެ އޮފީހަކީ، ޙަޤީޤަތުގައި ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި، ބޭފުޅެއް، މަގާމެއް. އެހެންވީމާ، އެމަގާމު ކޮންމެ އިދާރީ ދާއިރާއެއްގައި ނުވަތަ އަތޮޅެއްގައި އެބަ އުފެދެންޖެހޭ، އެއީ، ޤައުމީ އިދާރާގެ އޮފީސް. ދެން އެއޮފީހުގައި ހުންނަވާ ބޭފުޅެއް ހުންނަވާނެ. އެބޭފުޅާއަކީ ޤައުމީ ކަންކަމާ ގުޅިގެން ނުވަތަ މުޅި ޖުމްލަ ސަރުކާރުގެ އެންމެހާ ކަންކަމާއި އަތޮޅު ކައުންސިލާ ދެމެދު ބޭނުންވާ ހުރިހާ މުޢާމަލާތެއް ހިނގާ، މަޝްވަރާއެއް ކުރެވި، ކަންކަން ފަހިވެގެންދާނެ އަދި ކަންކަމަށް މަގު ދައްކައިދިނުމަށް އެހީތެރިވެދިނުމަށް ސީދާ ސަރުކާރު ރަމްޒުކުރާ ފަރާތް. މިހާރު ކުރީގައި ހިންގަމުން ގެންދިޔަ ޕްރޮވިންސް އޮފީސްތައް ބަދަލުވެގެންދާނީ، ޤައުމީ އިދާރާތަކަށް.
 
އޭގެ އިތުރުން އުފެދެނީ އަތޮޅު ކައުންސިލްތައް. މިހާރު އެވަނީ އަތޮޅު ކައުންސިލްތައް އުފެދިފައި. އަދި އެއާއެކީގައި، އަތޮޅު ކައުންސިލުތަކުގެ އިދާރާތަކާއި، ރަށު ކައުންސިލުތަކުގެ އިދާރާތައް. މި އިދާރާތައްވެސް އުފެދެންވީގޮތް، ޤާނޫނުގައި ވަރަށް ސާފުކޮށް އެބައޮތް. އަދި އިދާރާތަކުގެ މުވައްޒަފުން، އަތޮޅު ކައުންސިލްތަކުގަޔާއި ރަށު ކައުންސިލްތަކުގެ ލަފަޔާއެކީގައި ސިވިލް ސަރވިސްއިން އެ މުވައްޒަފުންތައް ކަނޑައެޅުމުގެ އުޞޫލުތައްވެސް ޤާނޫނުގައި އެބައޮތް. އެހެންވީމާ، އެކަން އެގޮތަށް ހިންގޭނެ.
 
ޤައުމީ އިދާރާތައް ކަނޑައެޅުމާއި އަދި އަތޮޅު ކައުންސިލުގެ އިދާރާތައް އަދި ރަށު ކައުންސިލުތަކުގެ، ސިޓީ ކައުންސިލުތަކުގެ އިދާރާތަކުގެ އިތުރުން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އެކުލަވައިލެވެން އެބަޖެހޭ. ލޯކަލް ގަވަރންމަންޓް އޮތޯރިޓީ، މިހާރު އެނގިވަޑައިގަންނަވާނެ، މިވަނީ އުފެއްދިފައި. އޭގައިވެސް އިތުރަށް ދެން މިބޭނުންވަނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ބޭފުޅުން. އެއީ، ޖަމްޢިއްޔާތަކުގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ބޭފުޅަކާއި، ޢާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ބޭފުޅަކާއި އަދި ދެ ސިޓީ ކައުންސިލް، މާލޭ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލުން، އެ ކައުންސިލަރުންގެ ތެރެއިން ކަނޑައަޅާ ދެބޭފުޅުން، ކޮންމެ ސިޓީއަކުން ބޭފުޅަކާއި އަދި ރާއްޖޭގެ އަތޮޅު ކައުންސިލުތަކުން ކަނޑައަޅާ 4 ބޭފުޅުންނާ، މި އެންމެހާ ބޭފުޅުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް އިތުރަށް ވަޑައިގަންނަވަން އެބަ ޖެހިވަޑައިގަންނަވާ. މިވަގުތު ކަނޑައެޅެން މިއޮތީ ހަމަ އަދިވެސް މިހުންނެވީ، ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގެ ބޭނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައި ހުންނަވާ ވަޒީރު. ލޯކަލް ގަވަރންމަންޓް އޮތޯރިޓީގައި މިވަގުތު ހުންނެވީ.
 
ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ މިދެންނެވި މަސައްކަތްތަކާ އެކުގައި، އަޅުގަނޑުމެންނަށް ކުރިއަށް ބާރަށް ގެންދެވެން މިހާރު މިއޮތީ، ފުރަތަމަ ދާއިމީ ނަތީޖާ ނުކުމެ، ހުރިހާ ކައުންސިލަރުން ހުވާކުރެއްވުމަށްފަހުގައި، ކައުންސިލަރުން މަގާމާ ޙަވާލުވެވަޑައިގަންނަވާނީ. މަގާމާ ޙަވާލުވެވަޑައިގަންނަވާއިރުގައި، އިރާދަކުރެއްވިއްޔާ، މިކަންކަން ތަރުތީބުވެ، ގަވާއިދަކަށް އެޅި، ހަމަޖެހިގެންދާނެ.
 
އަޅުގަނޑުމެންނަށް ކުރިމަތީގައި މިއޮތީ ހަމަ ވަރަށްވެސް އަޅުގަނޑު ދަންނަވާނީ ކަންކަން ބަދަލުވެ އަދި ވަރަށްގިނަ އުންމީދުތަކެއް އަޅުގަނޑުމެންނަށް ކުރެވި، ބާރަށް މަސައްކަތް ކުރެވެން އޮތް ދުވަސްތަކެކޭ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މި އިންތިޚާބު ވެފައިމިވާ ކައުންސިލުތަކުންނާއި އަދި އެންމެހާ ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވާނީ، ރަށާއި، އަތޮޅާއި އަދި ޤައުމުގެ ތަރައްޤީއަށްޓަކައި. އެއްވެސް ހާލެއްގައި އަޅުގަނޑު މިދަންނަވަނީ، ސިޔާސީ ޕާޓީތަކުގެ ފިކުރު ދޫކޮށްލައްވާކަށެއް ނޫން ނުވަތަ އެ ފިކުރުގެ މައްޗަށް ބުރަވެވަޑައިގެން ތިއްބަވައި މަސައްކަތް ނުކުރައްވާކަށެއްވެސް ނޫން. އެހެން ނަމަވެސް، ރަށާއި، އަތޮޅާއި އަދި ޤައުމުގެ ތަރައްޤީގައި އަޅުގަނޑުމެންނަށް މި އަލަށް ލިބުނު ނިޒާމްގައި ބާރަށް ކުރިއަށް ދިޔުމަށް މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް ހިތްވަރު ދެއްވުމަށް އެދި އަޅުގަނޑު ދުޢާކުރަން.
 
މި ހިނގާ ހަފްތާގެ ތެރޭގައި، އަޅުގަނޑުމެންނަށް ރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީ ރަސްމީ ގޮތުން ފަށައިގަނެވޭނެ. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި، ޔުނިވަރސިޓީ ޤާއިމު ކުރުމާއި އަދި ސިޓީ ކައުންސިލު ޤާއިމު ކުރުމާ، މިހިރަ މިހިރަ ކަންކަން އަޅުގަނޑުމެންނަށް ޙާޞިލުވަމުން އަދި ކާމިޔާބު ކުރެވެމުން ގެންދެވޭ ގެންދިޔުމަކީ، އަޅުގަނޑުމެން އެންމެން މި ރާއްޖެ ބަދަލުކުރުމާއި، އިޞްލާޙަށް އެދޭތީއާއި، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންގެ ކާމިޔާބަށް އަޅުގަނޑުމެން ކުރާ އުންމީދު. އަޅުގަނޑަށް ކަށަވަރު، އަޅުގަނޑުމެންނަށް މިހާރު ހިފިފައި މިހުރި ފާލުގައި ނައްޓާނުލައި ކުރިއަށް ދެވިއްޖެނަމަ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ އުފާވެރި ދިރިއުޅުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ލިބޭނެ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحمدللّـه.والسّـلامعليـكم.
    ______________________