بســماللّـهالرّحمـنالرّحيــم

 
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމް.ޑީ.ޕީ ގެ ރައީސް، ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި ވަކިން ޚާއްޞަކޮށް          މި ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ކެލާގެ އެންމެހާ ރައްޔިތުން.
 
السّـلام عليـكم
 
މި ސަރުކާރު އުފެދިގެން އައީ، އަޅުގަނޑުމެންގެ ހިތްތަކުގައި ކެލައާ ގުޅޭ ތަޞައްވުރެއް ކުރެހިފައި އޮވެގެން. އަޅުގަނޑުމެންނާ، އަޅުގަނޑުމެން ކެލައާ ގުޅޭގޮތުން ކިތަންމެ އުންމީދެއް ކުރަމުން. އެނގިވަޑައިގަންނަވާނެ، ވަރަށް ކުރިއްސުރެ ސަރުކާރުން އަދި ޕާޓީންވެސް މިގެންދިޔައީ، ކެލާގެ ރައްޔިތުންނަށް، ތިލަދުންމަތީ ރައްޔިތުންނަށް އަދި ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގައި ރައްޔިތުންނާ ވާހަކަ ދައްކަމުން. އަޅުގަނޑުމެން ދޮރުން ދޮރަށް ހިނގިން. އެތައް ބަޔަކާ ބައްދަލުކުރިން. ކިތަންމެ ބަޔަކާ މަޝްވަރާކޮށް ލަފާ ހޯދައި ހެދިން. މި ސަރުކާރު ރާއްޖޭގެ ރައްޔިތުންގެ އަޑު އެހިން. މިހާރުވެސް އަހާނެ. ކުރިއަށް އޮތް ތަނުގައިވެސް އަހާނެ. ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ރަށްތަކުގެ ތަރައްޤީ. އަޅުގަނޑުމެންގެ އަމާޒަކީ، ކެލާ ރައްޔިތުން މުއްސަނދިވުން. އަޅުގަނޑުމެންގެ ބޭނުމަކީ، ކެލާ ރައްޔިތުންނަކީ، ތަނަވަސް، ހާސްކަމެއްނެތް، ފުރިހަމަ އަރާމު ދިރިއުޅުމެއް އުޅޭ ރައްޔިތަކަށް ބަދަލުކުރުން. އެފަދަ ކެލައެއް އަޅުގަނޑުމެން ހޯދުން.
 
ސަރުކާރަށް ފާހަގަވެފައިވާ އެތައް ޙަޤީޤަތްތަކެއް ކެލައާ ގުޅޭގޮތުންވެސް އެބަހުރި. ސަރުކާރުން ފުރިހަމައަށް ގަބޫލުކުރޭ، ސަރުކާރުން ދެމުން އަންނަ ބައެއް ޚިދްމަތްތައް ދިނުމުގައި، ކެލާ ރައްޔިތުންވެސް އަދި ރާއްޖޭގެ އެހެން ކިތަންމެ ރައްޔިތުންނެއްވެސް އެދޭ މިންވަރަށް، ހިތްހަމަޖެހޭ މިންވަރަށް، މިކަންކަން މުޅިން ފުރިހަމަނުވެވާކަން. ސަރުކާރަށް ފާހަގަވާ އަނެއް ޙަޤީޤަތަކީ، މިދެންނެވި ފުރިހަމަނުވާ ޚިދްމަތްތަކަށްވެސް، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް، އެ ޚިދްމަތްތަކަށް އަތެއް ނުފޯރައޭ. ކެލާ ރައްޔިތުންގެ ތެރެއިން ފާހަގަވަނީ، ކޮންމެ ތިންމީހަކުންކުރެ އެކަކީ، ތިންބައިކުޅަ އެއްބައި މީހުންނަކީ، އެމީހުންނަށް ރެޔާދުވާލަށް ވިހި ފަނަރަ ރުފިޔާ، ބޮލަކަށްނުޖެހޭ މީހުން. އެމީހުންނަކީ އ.ދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައިވާ މީހުން. އެމީހުންނަށް މިދެންނެވިހެން އަޅުގަނޑުމެންގެ ވަރަށްގިނަ ރައްޔިތުންނަށް ފުރިހަމަނުވާ، ހިތްހަމަނުޖެހޭ ޚިދްމަތްތަކަށްވެސް މިދެންނެވި އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަކަށް އަތެއް ނުފޯރާ.
 
ޤައުމެއް، ރަށެއް ތަރައްޤީވެއެއްނުދާނެ، އެރަށެއްގެ އެޤައުމެއްގެ ރައްޔިތުންގެ ގިނަ ބައިވަރު މީހުންނަކީ، ނިކަމެތި ފަޤީރުންގެ ގޮތުގައި ވެފައި އޮންނަހާ ހިނދަކު. ތަރައްޤީއަކީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރެވުނީމާ، ޙާޞިލްވާ ކަމެއް. ތަރައްޤީ މިނަނީކީއެއް ކޮންކްރީޓަކުންނެއް ނޫން. އެޅޭ ބޮޑު ޢިމާރާތަކުން، ހެދޭ ބޮޑު ބިނާއަކުންނެއް އަޅުގަނޑުމެންނެއް ތަރައްޤީވެއެއް ނުދާނެ. އެއީ، އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ގޮތެއް ނޫން. ތަރައްޤީވާން މިޖެހެނީ ކެލާ މީހާ. ތަނަވަސްކަން ލިބެން މިޖެހެނީ ކެލާ ރައްޔިތަކަށް. ސަރުކާރުގެ އަބަދުވެސް އަމާޒަކަށްވީ، ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ފުރަތަމަ ކުރާންޖެހޭ ކަންކަން ފުރަތަމައަށް ކުރުން. އެއީ، ޚާއްޞަ ގޮތެއްގައި، ނިކަމެތިންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. މިއަދު އަޅުގަނޑު އުފާވަނީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ،  މި ކެލާ ރައްޔިތުންގެ ތެރެއިން 368 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީވެ، އެމީހުންނަށް ބޭސްފަރުވާ ލިބެމުންދާކަމުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ 2010 ވަނަ އަހަރު، ކެލާގެ ރައްޔިތުންނަށް ބޭސްފަރުވާއަށްޓަކައި ހަތްލައްކަ އަށްޑިހައެއްހާސްރުފިޔާ ޚަރަދު ކުރެވިފައިވާތީވެ. މިދެންނެވި ހަތްލައްކަ އަށްޑިހައެއްހާސްރުފިޔާއަކީ، އެއްވެސް ހާލެއްގައި ހެލްތް ސެންޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނުވަތަ އެތަނުގެ ކަރަންޓް ފީ ދިނުމަށް ނުވަތަ އެތަނުގެ މަރާމާތަށް ނުވަތަ އެހެންވެސް އެތަނަށް ބޭނުންވާ ޚިދްމަތެއް ހޯދުމަށް އެތަނަށް ޚަރަދުކުރި ފައިސާއެއް ނޫން. ހަމަ ސީދާ ކެލާ ރައްޔިތުން ބަލިވީމާ، މަދަނައިގައި ރަޖިސްޓްރީވެފައި ތިބި، އެމީހުންގެ ބޭސްފަރުވާއަށްޓަކައި މަދަނައިން ކުރެވިފައިވާ ޚަރަދު. އަޅުގަނޑުމެންގެ ވަޢުދަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ޕާޓީގެ ވަޢުދަކީ، ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖެހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނައްތާލާނަމޭ. ސަރުކާރުގެ ސިޔާސަތަކީ، މަދަނައިގެ ވިއުގައިގެ ތެރެއިން، މިދެންނެވި ޕާޓީގެ ވަޢުދު ފުއްދައިދިނުން. އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެންނަށް ޔަޤީން، އަދިވެސް ކެލާގައި ބޭސްފަރުވާއަށް ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބިކަން. އެއީ، އަޅުގަނޑުމެންގެ އެހެންވީމާ އުންމީދަކީ، ކެލާގެ ވީހާވެސް ގިނަ ބަޔަކު މަދަނައިގައި ރަޖިސްޓްރީވުން.
 
ޤައުމެއް، ކެލައެއް ތަރައްޤީއެއް ނުވާނެ، ކެލާ ރައްޔިތުންނަކީ، އެމީހުންގެ ބޭސްފަރުވާއަށް ބޭނުންވާ ބޭސް ހޯދުމަށްޓަކައި އެއް މަހުޖަނެއް ގާތުން، އަނެއް މަހުޖަނެއް ގާތުން ސަލާންޖަހަމުން ހިނގާ ބައެއްގެ ގޮތުގައި ތިބިހާ ހިނދަކު، މިރަށުގެ ތަރައްޤީ ހޯދަން އަޅުގަނޑުމެންނަށް ދަތިވާނެ. ބޭނުންވަނީ ކޮންމެ ރައްޔިތަކީވެސް ޤަދަރާއި ޢިއްޒަތް ލިބިގެންވާ ރައްޔިތަކަށް ހެދުން. ބޭނުންވަނީ ކޮންމެ ރައްޔިތަކީވެސް ފަސޭހަކަމާއެކީގައި، އެމީހުން އެ ބޭނުންވާ ޢާންމު ޚިދްމަތްތައް، އެމީހުންނަށް ލިބޭނެ ރައްޔިތަކަށް ހެދުން. ސަރުކާރުގެ އަބަދުވެސް އަމާޒަކަށްވީ، ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާއާއި، އެހެނިހެން އަޅާލުން ރައްޔިތުންނަށް ފޯރުކޮށްދިނުން. އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެން ކުރާންހުރި މަސައްކަތް ނުހަނު ގިނަކަން. އެހެން ނަމަވެސް، އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މިދަންނަވާހެން މިދިޔަ ދެއަހަރުގެ ތެރޭގައި، މި ކެލައަށްވެސް އަޅުގަނޑުމެންނަށް އެހީއެއް ކަމަށްވާ ބޭސްފަރުވާއަށް ބޭނުންވާ ކިތަންމެ ބަޔަކަށް ސަރުކާރުގެ ޚަރަދުގައި އެހީތެރިވެވިފައި އޮތީތީވެ. މިކަންކަމުގެ ހަނދުމަ ގެންދަވާ، މީގެ ތިން ހަތަރު އަހަރު ކުރިއަށް. ތީމުގޭ ފަންޑުން ބޭސްކޮށްދެއްވާ. ބޭސްކޮށްދެއްވާފައިވާނީ ގިނަވެގެން ކެލާ ހަތަރު މީހުންނަށް. އެއީ، މިރަށުގެ މަތީ ފެންވަރުގެ ޢާއިލާއަކަށް ނުވަތަ ވެރިކަމުގައި ތިއްބަވާ ބޭފުޅުންކޮޅަކަށް ވެދާނެ ނުވަތަ މާލޭގައި މުޅި ޙަޔާތް ހޭދަކުރާ ކެލާ ދެތިން ހަތަރު ބޭފުޅަކަށްވެސް ވެދާނެ. ސީދާ ޢާންމުކޮށް އުޞޫލެއްގެ ދަށުން ރައްޔިތުންނަށް ބޭސްފަރުވާއާއި އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށް މި ސަރުކާރުން މިހިންގާ ޕްރޮގްރާމްގެ ފައިދާއާއި، އޭގެ އަސަރާއި، އޭގެ ނަތީޖާއާ ގުޅޭގޮތުން އަޅުގަނޑުމެން ހިތްހަމަޖެހޭ ހާލު، އަޅުގަނޑުމެން ގަބޫލުކުރަނީ، މިމަސައްކަތް މިއޮތީ އަދި ކިތަންމެ ތަނަކުން އިތުރަށް ފުޅާކުރަންވެފައިކަމޭ.
 
މި ކެލާގައި އަޅުގަނޑު ކުރީގައި އައިސް ދަންނަވާފައިވާނެ، އަޅުގަނޑުމެން ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުން އުޅެމުން އަންނަ ހާލާ ގުޅޭގޮތުން. ރުއްރުއްދޮށުގައި، ހޮޅުއަށިތަކުގައި އަދި ގޮނޑުދޮށުގައި. މާލޭގައިވެސް ގޯތިތައް ބަހަމުން، ފޮތިކުރަމުން އައިސް، ކުރީގައި ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި އޮންނަނީ މަންމަ، މާމަ ނުވަތަ ކާފަ. މި ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީމާ. އެމީހުން މަހަށް ފަރަށް ދިޔައީތީވެ. އެމީހުން ރުކަށް ވަލަށް ދިޔައީތީވެ. ވަޑާން ކުރީތީވެ. އޮޑިދޯނިފަހަރު ބަނީތީވެ. ގެދޮރު އެޅީތީވެ. ރިޒޯޓްފަހަރު ހެދީތީވެ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތްތަކެއް ކުރީތީވެ. ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓް ޕާޓީ، އެމް.ޑީ.ޕީ.ގެ ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވާން ޖެހެނީ، ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކެވުން. އެހެންވީމާ، ޕާޓީގެ ވަޢުދަކަށްވީ، ރާއްޖޭގައި އާމްދަނީ މަދު، 65 އަހަރުން މަތީގެ ކޮންމެ މީހަކަށްވިޔަސް، އަންހެނަކަސް، ފިރިހެނަކަސް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުން. އަޅުގަނޑުމެންނަށް މިއަދު އުފާ ލިބެނީ، މިރަށުގެ 123 މީހަކަށް،     65 އަހަރުން މަތީގެ 123 މީހަކަށް، ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް ދެމުން ގެންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، އަޅުގަނޑުމެންނަށް ހިތްވަރާއި ޖޯޝް އާވަނީ، މިރަށަށް ކޮންމެ މަހަކު ދެލައްކަ ސާޅީސް ހަހާސް ރުފިޔާ ޕެންޝަންގެ ގޮތުގައި ޚަރަދު ކުރެވޭތީ.
 
ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިނުދީ، އެއްވެސް ޤައުމެއް ތަރައްޤީވެފައެއް ނެތް. ހިލާ ނުވާނެ. ތަރައްޤީއެއްވެސް ނުވާނެ. ތަރައްޤީ ކުރާން ޖެހެނީ ކެލައެއް ނޫން. ތަރައްޤީވާން ޖެހެނީ ކެލާ މީހާ. އެމީހާގެ ސަލާމަތްކަން އަޅުގަނޑުމެން ހޯދާން މިޖެހެނީ. އެމީހާ ހައިހޫނުކަމުގައި، ފަޤީރު ކަމުގައި ހުއްޓައި، ދެން އެޅޭ ޢިމާރާތަކަށް، ހެދޭ ފިހާރައަކަށް ވަންނާނެ އިތުރު ކެލާ މީހެއް ނުހުންނާނެ. އަޅުގަނޑުމެންނަށް އެނގި ފަރިތަ ދަސްވެފައި އޮތް ޙަޤީޤަތެއް، ތަރައްޤީ ކުރާން މިޖެހެނީ އިންސާނާކަން. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ، ޖެނުއަރީ މަސް ނިމޭ ހިސާބު އެހީތެރިކަން ފޯރުކޮށްދެވޭނެ. އަދި އެނޫންވެސް އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ދެވޭ ފައިސާގެ ތެރެއިން، މި ކެލާގެ 26 ފަރާތަކަށް އެ އެހީތެރިކަން ފޯރުކޮށްދެވޭކަމީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިރަށަށް އަށްޑިހަ ފަސްހާސްރުފިޔާ، މިދިޔަ އަހަރުގެ ތެރޭގައި، މިދެންނެވި އިޖްތިމާޢީ ރައްކާތެރި ކަމަށް، ޔަތީމު ކުދިންނަށާއި، އެކަނިވެރި މައިންނަށް މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ފޯރުކޮށްދެވިފައި އޮތީތީވެ.
 
މި ސަރުކާރުގެ ވަޢުދެއް އެއީ، އަޅުގަނޑުމެން ބުނަމުން އައި ވާހަކައެއް އެއީ، ކަންމަތީ ސްޓޯރަށް އަޅުގަނޑުމެންގެ ރައްޔިތުން ދަރާފައިވާ ދަރަނި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނައްތާލަދޭނަމޭ. އަޅުގަނޑު މިއަދު ތިޔަބޭފުޅުން ގާތުގައި އަހާލަން ބޭނުންވަނީ، ވިކުރާ ފޮތުގެ ލޭންދޭން ބައި ކިހިނެއްތޯ؟ 2007 ވަނަ އަހަރުގައި ވިކުރާ ފޮތުގެ ލޭންދޭން އޮތްވަރަށްތޯ މިއަދުވެސް އޮތީ. އަޅުގަނޑު މިދަނީ ބަލަމުން. އަޅުގަނޑަށް ޔަޤީން، ކެލާގެ ވިޔަފާރިވެރިންގެ ލޭންދޭން ފޮތް، 2007 ގައި، 2008 ގައި އޮތް މިންވަރަށްވުރެ މިހާރު އޮންނާނީ ދެގުނައިން ދަށްވެފައި. ސިއްރަކީ، އޭގެ ސަބަބަކީ، ކޮންމެ މަހަކު މިރަށަށް މިދެވޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ފައިސާ، ކެލާގެ އިޤްތިޞާދުގައި ދައުރުވަމުންދާކަން. އޭގެ ސަބަބުން ކެލާގެ އިޤްތިޞާދު ކުރިއަރަމުންދާކަން. ޚާއްޞަކޮށް، 2009 ވަނަ އަހަރު މަސްވެރިކަން ދަށްވެ، ޓުއަރިސްޓުން އައި މިންވަރު ދަށްވެގެންދިޔަހިނދު، ކެލާ ސަލާމަތްވެފައި، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އޮންނާނެ އެންމެބޮޑު އެއްސަބަބަކަށްވާނީ، ސަރުކާރުން އިޖްތިމާޢީ ރައްކާތެރިކަމުގެ ފައިސާ މެދުކެނޑުމެއްނެތި ގަވާއިދުން ފޯރުކޮށްދެވެމުން ގެންދާކަމުން. އިޖްތިމާޢީ ރައްކާތެރިކަމުން ވަކިވަކި ފަރުދުންނަށް މިދެވޭ އެހީއާއި ޚިދްމަތްތައް، ބޮޑު ބިނާއެއްގެ ގޮތުގައި ފެންނާކަށެއް ނުހުންނާނެ. އެހެންވީމާ، އޭގައި ކުލަލައި، އެ ޢިމާރާތް ހުޅުވަން އައިސް، އެމަންޒަރެއް ތިޔަބޭފުޅުންނަކަށް ނުފެންނާނެ. އެހެން ނަމަވެސް، ހަމަގައިމުވެސް އަޅުގަނޑު މިދެންނެވި ޢަދަދުގެ، ކެލާ މީހުންނަށް ކަންވީގޮތް ވަރަށް ބޮޑަށް ސާފުވާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ ސަލާމަތްތެރިކަން ހޯދުން. އަޅުގަނޑުމެންގެ ބޭނުމެއް ނޫން އެއީ، އަޅުގަނޑުމެން އަޅާ ބޮޑެތި ޢިމާރާތްތަކެއްގެ ކުރެހުމާއި، އެޢިމާރާތްތަކުގެ އިޝްތިހާރު މިރަށުގައި ކުރުން. އަޅުގަނޑުމެންގެ އަމާޒަކީ މިރަށުގެ ތަރައްޤީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކޮށްނިންމާނީ ކެލާ ތަރައްޤީ.
 
މި ކެލައަށް ތަރައްޤީ ހޯދުމަށްޓަކައި އަބަދުވެސް އެނގިހުރި ޙަޤީޤަތްތައް، ޙަޤީޤަތަކަށް ހަދަން އަޅުގަނޑުމެން އިތުރަށް އެބަޖެހޭ. ތަރައްޤީވާން މިޖެހެނީ ކެލާ މީހާ. އެހެންވީމާ، މިރަށުގައިވެސް ތަރައްޤީގެ ނާރެސްއަކީ މިރަށުގެ މަދްރަސާ. އެ މަދްރަސާ ހަރުދަނާ ތަނަކަށް ހެދުމާއި، ރަނގަޅު ވަށާޖެހޭ ތަޢްލީމެއް އެތަނުގައި ދިނުމާއި، އެމަދްރަސާ އެއްދަންފަޅިއަށް ބަދަލުކުރުމަކީ، ސަރުކާރުގެ އަމާޒެއް. ސަރުކާރުގެ ވަޢުދަކީ، ކެލާ މަދްރަސާގައި އޯ ލެވެލް އިމްތިޙާނުގައި އިށީންނަ ކޮންމެ ސަތޭކަ ކުއްޖަކުން ނުވަތަ ދިހަ ކުއްޖަކުން 6 ކުއްޖަކީ 5 މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. މިއަދު އެ ޢަދަދު ކެލާގައި ސަރުކާރުން މިއެދޭ ނުވަތަ ޕާޓީން ވަޢުދުވެފައި އޮތް ހިސާބަކަށްނުދޭ. އެހެން ނަމަވެސް، 2010 ވަނަ އަހަރު ކެލާ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަމާއި، މަދްރަސާއަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ދެލައްކަ ނުވަހާސް ދިހަރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. ކެލާގެ 33 ދަރިވަރުން، ބޭރުގެ އިމްތިޙާން ހެދުމަށްޓަކައި ދައްކަންޖެހޭ ފީ ދެއްކުމުގެ ގޮތުން، ހަތްދިހަހާސް ހަސަތޭކަ ފަންސަވީސް ރުފިޔާ ހޭދަކޮށްފައި އޮތް ކަމަކީ، ހޭދަކުރުމުގެ ފުރްޞަތު މި ސަރުކާރަށް ލިބުނުކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް.
 
ކެލާ މަދްރަސާ، އެއްދަންފަޅިއަށް ހެދުމަށްޓަކައި ބޭނުންވާ ކްލާސްރޫމް ބިނާކުރުމުގެ މަސައްކަތް، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތްގޮތުގައި، މިހާރުދާނީ ކުރިއަށް. ކެލާގެ މަދްރަސާގެ ނަތީޖާ ރަނގަޅުވަމުން އަންނަކަމީ، އަޅުގަނޑުމެންނަށް އަދި މާބޮޑު ހިތްވަރެއް ލިބޭ ކަމެއް. 2009 ވަނަ އަހަރާ އަޅާބަލާއިރު، 2010 ވަނަ އަހަރު ކެލާގައި އޯ ލެވެލް އިމްތިޙާން ހެދި ކުދިންގެ ނަތީޖާ،      5 ޕަސެންޓުންވަނީ މައްޗަށް ގޮސްފައި. އެކަމަށްޓަކައި އަޅުގަނޑު ހުރިހާ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، މަދްރަސާގެ ޓީޗަރުންނަށާއި، އެންމެ ހިންގުންތެރިންނަށް މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ، އެއްގޮތަކަށްވެސް ހިތްހަމަޖެހޭ ޢަދަދެއް ނޫނޭ  5 ޕަސެންޓަކީ. އަޅުގަނޑުމެން ކުރިއަށް ގެންދާންވީ މާ ބާރަށޭ. އެ ގެންދިޔުމަށްޓަކައި ބޭނުންވާ އެންމެހާ އިންތިޒާމްތައް، އެޑިޔުކޭޝަން މިނިސްޓްރީއިންނާއި، ސަރުކާރުގެ އެހެން ވުޒާރާތަކުން ހަމަޖައްސަމުން ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެހެންވީމާ، އަޅުގަނޑު ކެލާ ރައްޔިތުންނަށް އެ ޔަޤީންކަން އަރުވާނަން.
 
ކެލާގެ ބަނދަރު ހަދާ ނިމުނުއިރުގައި، އެ ބަނދަރުވަނީ ވަރަށް ކުޑަކޮށް ނިމިފައި. ކެލާ ރައްޔިތުންނަށް މިއަށްވުރެ ބޮޑު ބަނދަރެއް ބޭނުންވާކަމީ، ޝައްކެއް ހިނގާ ކަމެއް ނޫން. އަޅުގަނޑުމެންނަށް މިއަހަރު ބަޖެޓް ކުރެވިފައިވަނީ، ކެލާ ބަނދަރުގެ ނެރު ފުންކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ކެލާ ބަނދަރުގެ ނެރު ފުންކުރެވިގެންދާނެ. އަދި ބަނދަރަށް ފަސޭހައިން ގާތްކުރެވޭ ގޮތް ހެދޭނެ. އިރާދަކުރެއްވިއްޔާ، 2012 ވަނަ އަހަރު ކެލާ ބަނދަރަކީ ބޮޑު ބަނދަރަކަށް، ސަރަޙައްދީ ބޮޑު ބަނދަރަކަށް ހަދައި އަޅުގަނޑުމެން ނިންމާނަން.
 
މި ސަރުކާރަކީ ބަނދަރު ހަދާ ސަރުކާރެއް ނޫން. މި ސަރުކާރަކީ ތަރައްޤީގެ ނާރެސްތަކެއް އުފައްދާ ސަރުކާރެއް. ބަނދަރެއްގެ ބޭނުމެއް ނެތް، އެ ބަނދަރެއްގެ ސަބަބުން އަޅުގަނޑުމެންގެ އާމްދަނީ އިތުރުނުވާ ކަމަށްވަންޏާ. އެ ބަނދަރުގެ ސަބަބުން، އަޅުގަނޑުމެންގެ ދިރިއުޅުމަށް އުޖާލާކަމެއް ނާންނަ ކަމަށްވަނީވިއްޔާ. މިހާތަނަށް އަޅުގަނޑުމެންނަށް ބަނދަރު ބޭނުންވާ ކަމަށް ދެކެވިފައި މިއޮންނަނީ، ހަމައެކަނި އޮޑިވެރިން ބޭނުންވާ އެއްޗަކަށް. ދެން އޭގައި އުޅޭ ފަޅުވެރިންނަށް. އެހެން ނަމަވެސް، ޙަޤީޤަތުގައި ބަނދަރަކީ އެއްރަށާއި އަނެއްރަށާ ގުޅުވާލަދެވޭ ތަނެއް. އެއް މާރުކޭޓަކާއި އަނެއް މާރުކޭޓަކާ ދެމެދު ބައްދައިދޭ ފާލަމެއް. ބަނދަރެއް ތަރައްޤީ ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް، ރަށެއްގެ ތަރައްޤީއަށްޓަކައި. މި ސަރުކާރަކީ ބަނދަރު ހަދާ ބައެއް ނޫން. އަޅުގަނޑުމެންނަކީ ރަށްރަށް ތަރައްޤީ ކުރާ ބައެއް. އެ ތަރައްޤީއަށްޓަކައި އެއިރެއްގައި ބޭނުންވާ ފެންވަރަކަށް އަދި އެއިރެއްގައި އެކަން ކުރަންޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ، އެކަން ސަރުކާރުން ދާނީ ކުރަމުން. އަޅުގަނޑުމެންގެ އެބައޮތް ކެލާގެ ތަރައްޤީގެ ފެށުމެއް. މިރަށަކީ ނުހަނު ތަނަވަސް ރަށެއް. ބިން ބޮޑު ރަށެއް. މިރަށަކީ ދަނޑުވެރިކަމާއި އަދި އެހެންވެސް ކިތަންމެ ޞިނާޢަތެއް ކުރިއަށް ގެންދެވެން އޮތް ރަށެއް. އެހެންވީމާ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިއަހަރުގެ ބަޖެޓްގައި، ކެލައަށް ދަނޑުވެރިކަމަށްޓަކައި ލުއިލޯނު ދިނުމަށް އޮންނާނީ ބަޖެޓްގައި ފައިސާ އެއްކައިރި ކުރެވިފައި. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެފައިސާ މި ކެލައަށް ދޫކުރާން ފެށޭނެ.
 
ކެލާގެ އިންޖީނުގޭގެ ތަރައްޤީއާއި އަދި އެހެންވެސް ކެލައަށް ނަރުދަމާއާ، މިދެންނެވި މަސައްކަތްތައް ތަރައްޤީ ކުރުމަށް ޙަވާލުކުރެވިފައި މިވަނީ ޔުޓިލިޓީ ކުންފުންޏާ. ތިޔަބޭފުޅުންނަށް އަޅުގަނޑަށްވުރެ ބޮޑަށް، އަޅުގަނޑަށްވުރެ ބޮޑަށް ސާފުވެފައި އޮންނާނެ. ވަރަށް ކުރިއްސުރެ ފަށައިގެން، 1980ގެ އަހަރުތަކުއްސުރެ ފެށިގެން ރާއްޖޭގެ އެކިއެކި ރަށްރަށުގައި ކަރަންޓް ދިނުމަށް ރައްޔިތުން އެއުޅެމުން ގެންދިޔަ ހާލު. އެއްރޭ ދިއްލުނިއްޔާ، އަނެއްރޭ ނުދިއްލޭނެ. އެއްރޭ ހިނގިއްޔާ، އަނެއްރޭ އޮންނާނީ ހުއްޓިފައި. އެއްނަރު ރަނގަޅިއްޔާ، އަނެއް ނަރު އިންނާނީ ބުރިވެފައި. އިންޖީނުގޭގެ މައްސަލައެއް ދިމާނުވާ ދުވަހެއް، ހަފްތާއެއް، މީގެކުރީގައި އައިސްފައެއްނުވާނެ. އަޅުގަނޑު މިއަދު ކެލާ ރައްޔިތުން ގާތު އަހާލަން ބޭނުންވަނީ، ތިޔަބޭފުޅުން އެންމެފަހުން އިންޖީނުގެއާ ގުޅޭގޮތުން ކަންބޮޑުވެގެން އުޅުނީ ކޮންދުވަހަކުތޯއޭ؟ ތިޔަބޭފުޅުންގެ ކަރަންޓް ބިލް، މިހާރު ކިހާވަރެއްތޯއޭ؟ ކުރީގައި އެބިލް ހުރީ ކިހިނެއްތޯއޭ؟ ތިޔަބޭފުޅުންގެ ޖީބަށް ލުއިވިތޯއޭ، ބާކީވި ފައިސާއިން. ކަންމަތީ ސްޓޯރަށް ދަރާފައި އޮތް މިންވަރު ކުޑައެއްނުވޭތޯއޭ؟ އެއްވެސް ބޭފުޅަކު ހީފުޅު ކުރެއްވިތޯއޭ، ކަތީބު، ކައުންސިލަރ، ޕްރޮވިންސް މިނިސްޓަރ ވަޑައިގެން، ފަހަރަކު ފިހާރައަކަށް ގޮސް، ލޭންދޭން ފޮތުން ކަންމަތީ ސްޓޯރަށް ދަރާފައި އޮތް މިންވަރު ކަނޑާލެއްވި ކަމަށް. އެއީ، އިންސާނީ ޤަދަރު ގެއްލޭނެ ކަމެއް. އެއީ އަޅުގަނޑުމެންނަށް ދިރިއުޅުން އޮޅޭނެ ކަމެއް.
 
ކަންކަން ކުރާން ޖެހޭނީ، އަޅުގަނޑުމެން އުފައްދާން ބޭނުންވަނީ، ކެލާ ރައްޔިތަކު، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ، ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ކެލާ މީހެކޭ ބުނާ، ކެލާ ރައްޔިތެއް އުފެއްދުން. އަޅުގަނޑުމެން ބޭނުންވަނީ ހަރުދަނާ އާބާދީއެއް، ހަރުދަނާ ރައްޔިތަކު، މިރަށްރަށުގައި ދިރިއުޅޭތަން ދެކެން. އަޅުގަނޑުމެންގެ އަމާޒަކީ، މިދެންނެވި ބަދަލު ކެލައަށް، އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް ޔަޤީންކަން ލިބެނީ، މި ބަދަލު މިރަށްރަށުން އަޅުގަނޑުމެންނަށް ފެންނަމުންދާތީވެ.
 
ސަރުކާރަށް އަބަދުވެސް އެނގިއޮތް ޙަޤީޤަތެއް އެއީ، ރަށެއް، ޤައުމެއް ތަރައްޤީވެ މިދަނީ، ވިޔަފާރި ކުރިއަރައިގެންކަން. ވިޔަފާރި ކުރިއެރުމަށްޓަކައި، މުދަލާއި ފަސިންޖަރުން ފަސޭހަކަމާއެކުގައި، އެއްރަށުން އަނެއް ރަށަށް ބަދަލުވާންޖެހޭނެ. ޕާޓީގެ ވަޢުދެއް އެއީ، 7 އަހަރު ދުވަހުގެ ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމް ކުރުން. އަދި ފުރަތަމަ ދެއަހަރު، އޭގެ އަސާސީ ޚިދްމަތްތައްދޭން ފެށުން. މިދެންނެވި ދެއަހަރު މި ހަމަވީ. އެހެންވީމާ، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިހާރު މި ދަތުރުފަތުރުކުރާ މިންވަރަށްވުރެ، މާ ފުރިހަމައަށް،     މާ ރަނގަޅަށް، ކުރިއަށް މިއޮތް ދެތިން މަސްދުވަހެއްގެ ތެރޭގައި، އެ މަޝްރޫޢު، އެމަސައްކަތް އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، ކޮންމެ ދުވަހަކުވެސް ތިންފަހަރު ކެލައަށް ފުރޭގޮތްވުން. އަޅުގަނޑުމެންގެ އަމާޒަކީ، ކޮންމެ ދުވަހަކުވެސް ތިންފަހަރު ކެލައަށް އާދެވޭގޮތްވުން. ކެލައާއި ކެލާ ކައިރީގައިމިވާ އެންމެހާ ރަށްރަށާ، ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުން.
 
ތަރައްޤީއެއް ނުލިބޭނެ، އަޅުގަނޑުމެންނަށް ކެލާގެ މިންވަރަކީ ހަމައެކަނި މިރަށު ގޮނޑުދޮށް ކަމަށް ހީވެފައި އޮންނަހާ ހިނދަކު. ކެލާގެ މިންވަރަކީ އެއީއެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. އަޅުގަނޑުމެން ޖެހޭ އެބަ، ލާމެހިފައިވާ ދުނިޔެއެއްގައި ދިރިއުޅެން ފަރިތަވާން، ދަސްކުރަން. އަޅުގަނޑުމެންނަކީ ތަހުޒީބު ބަޔަކަށް އެބަވާންޖެހޭ. އަޅުގަނޑު އަބަދުވެސް ދަންނަވަން، އިއްޔެ އެއޮތީ ގެއްލިފައޭ. ނިމިގޮސްފައޭ. މިއަދަށް މިއޮތީ މެންދުރުވެފައޭ. އަޅުގަނޑުމެންނަށް ހޯދެންއޮތީ، ލިބެންއޮތީ މާދަމާ. އަޅުގަނޑު މިއަދު ތިޔަބޭފުޅުންގެ އަރިހުގައި      މި އެދެނީ، މާދަމާ ހޯދުމަށް އަޅުގަނޑުމެންނާ އެކީގައި ނުކުންނަވާށޭ. އަޅުގަނޑުމެންނާ އެކީގައި ކެލާގެ މާދަމައަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމާހޭ.
 
 ފެބްރުއަރީ 5 ވަނަ ދުވަހު ބިންގާ މިއަޅަނީ، ކެލާގެ ތަރައްޤީއަށްޓަކައި އުފެއްދޭ އެންމެ މުހިންމު މުއައްސަސާ. އެއީ ލާމަރްކަޒީ އުޞޫލުން ހިންގުމަށްޓަކައި އެކުލަވައިލެވޭ މިރަށުގެ ކައުންސިލް. ލާމަރްކަޒީ އުޞޫލަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. އެއީ، ޤާނޫނުއަސާސީގައި ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ފުރަތަމަ ކަނޑައެޅުނުއިރު،     އެ އަސާސަކު ނެތް، ލާމަރްކަޒީ އުޞޫލުން ކަމެއްކުރާ ވާހަކައެއް. ލާމަރްކަޒީ އުޞޫލުން ކަންކުރާ ވާހަކަ ޤާނޫނުއަސާސީގައި ހިމެނުނީ މާފަހުން. އެމް.ޑީ.ޕީ.ގެ އޭރުގެ އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި، އެމް.ޑީ.ޕީ.ގެ ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު، ދެބޭފުޅުންގެ ހުށަހެޅުމަކާ އެކުގައި. މި ނިޒާމް ޤާއިމް ކުރުމާއި، މި ނިޒާމަށް ހިންގުމާއި، މި ނިޒާމުގެ ދަށުން ރަށްރަށް ތަރައްޤީ ކުރުމުގެ ވިސްނުން އޮތީ، ވިސްނުން ލިބިފައިވަނީ، އަދި އެވިސްނުމުގައި މެނިފެސްޓޯއެއް އުފައްދައި، އެ ވިސްނުމުގައި ރާއްޖެ ބަދަލުކުރުވަން ނުކުތް ބަޔަކީ އެމް.ޑީ.ޕީ. އަޅުގަނޑު އެދޭނީ ތިޔަބޭފުޅުންގެ ވޯޓް، އަޅުގަނޑުމެންގެ ޕާޓީއަށް ދެއްވުމަށް. އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން ލޯކަލް ކައުންސިލް އިންތިޚާބުގައި، ތިލަފަތާ ދިމާލުގައި ފާހަގަ ޖައްސަވައި ދެއްވުން.
 
ކުރަން އަޅުގަނޑުމެން މިއުޅޭ ކަމަކީ، ސާދާ ބަހުން ދަންނަވަނީނަމަ، އަޅުގަނޑުގެ ރަށުގައި ހުރި އެއްޗަކުން ބައެއް ކެލައަށްދޭން. އެންމެހާ ސަރުކާރު ހިންގުމުގެ ބާރުތައް، މާލެއަށް އެއްވެފައި އޮންނަތާ އަދި މާލޭ މީހުން އެ ބާރު އެއްކުރަމުން އަންނަތާ ކިތަންމެ ޒަމާނެއްވެއްޖެ. އެތައް ސަތޭކަ އަހަރެއްވެއްޖެ. މިއަދު އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތަކީ، އެބާރުން ބައެއް މިކެލައަށް ދިނުން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ނުކުމެ ތިބީމާ، އަޅުގަނޑު ދަންނަވާނީ، ނޭފަތު ކުރިއަށްވުރެވެސް ދުރަށް ވިސްނާލާ ކޮންމެ ކެލާ ރައްޔިތަކަށް އެނގޭނެ ވަރަށް ސާފު ޙަޤީޤަތްތަކެއް ހުންނާނެ. އަޅުގަނޑު މިދެންނެވި ބާރު، މާލެއަށް އެއްކުރި ޢާއިލާތައް، މާލޭގެ ވެރިކަމުގެ ޚާންދާންތައް، މިއަދުވެސް އެތިބީ މާލޭގައި. ދާދިފަހާ ޖެހެންދެން އަޅުގަނޑުވެސް، އަޅުގަނޑު ގޭ މީހުންވެސް، މާލޭ އެންމެންވެސް ލަފާކޮށް އުޅެނީ، މާލެއަކީ މުލީގޭ ދޮން ޙަސަންމަނިކުގެ މިލްކެއް ކަމަށް. ދޮން ބަންޑާރައިން ހޯދި މިލްކެއް ކަމަށް. މިއަދު އަޅުގަނޑުމެން މިއުޅެނީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މިދެންނެވި ދޮން ބަންޑާރައިންގެ އައުލާދުތައް، މާލޭގެ ޢާއިލާތައް ނުކުމެ އެތިއްބެވީ އެމް.ޑީ.ޕީ.ގެ ކުރީ ސަފުގައި. ތިޔަބޭފުޅުން ބައްލަވާނެ، އެމް.ޑީ.ޕީ. ގައި ތިއްބެވީ ކޮންބައެއްތޯ. އެބޭފުޅުން މިއަދު ނުކުންނަވައި އެތިއްބެވީ، އެބޭފުޅުން ކާބަފައިން މާލެއަށް އެއްކުރި ބާރު ކެލައަށްދޭން. އަޅުގަނޑު ދަންނަވާނީ، އެއްޗެއް ބަލާ ނުދުރުވައްޗޭ، އެ އެއްޗެއް ނެތް މީހެއް ކައިރިއަށް. ވެރިކަމުގެ ބާރު މިއަދު އޮތީ ސަރުކާރުގައި، އަޅުގަނޑުމެންގެ އަތުގައި. ވެރިކަން ހިންގަނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތަށް. އެހެންވީމާ، ޖެހިގެން ހުރި ގެއަށް، އަޅުގަނޑުމެން އަތުގައި އޮތް އެއްޗެއް ބަލައި ދިޔަސް ނުލިބޭނެކަން، އަޅުގަނޑަށް ފެންނަ ފެނުމުގައި، ކެލާ ރައްޔިތުންނަކަށް އޮޅުމެއް ނާންނާނެ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ކުރުން. އަޅުގަނޑުމެން މި ވެރިކަން ކުރަމުން މިގެންދަނީ، ވެރިކަމުގެ އަރާމާއި، ލައްޒަތާއި، ޢިއްޒަތަށްޓަކައެއް ނޫން. އަޅުގަނޑުމެން ވެރިކަން ކުރަމުން މިގެންދަނީ، އެންމެ ބޭނުމަކަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. ޕާޓީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. އަޅުގަނޑަށް ފެންނަނީ، އަޅުގަނޑު މިދަންނަވާ ވަޢުދުތައް، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުދެމުން އަންނަތަން.
 
އަޅުގަނޑަށް ފެންނަނީ، އުފާވާ ޒަމާނޭ، އަޅުގަނޑު ދަންނަވާނީ، އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ،
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________