بســماللّـهالرّحمـنالرّحيــم

 
ދިވެހި ދައުލަތުގެ ވެރިން، ޚާއްޞަކޮށް، މި ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި ވަކިން ޚާއްޞަކޮށް، މި ބާރަށުގެ އަޅުގަނޑުމެންގެ ލޮބުވެތި އެކުވެރި ރައްޔިތުން.
 
السّـلام عليـكم
 
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، މި ރާއްޖޭގެ ވެރިކަން ކުރުމަށް ޙަވާލުވެ، އަދި އެކަން ކުރާން މި ޕާޓީގެ ފަރާތުން މިފެށީ، މި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރެއް، މަންޒަރެއް، އަޅުގަނޑުމެންގެ ހިތްތަކުގައި ކުރަހައިގެން. މި ބާރަށުގެ ތަރައްޤީގެ މަންޒަރެއް، އަޅުގަނޑުމެންގެ ހިތްތަކުގައި އަޅުގަނޑުމެންވާނީ ކުރަހާފައި.  މި ބާރަށުގެ ތަރައްޤީގެ ތަޞައްވުރެއް، އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯގައި ވާނީ އެކުލަވައިލެވިފައި. މި ބާރަށުގެ ތަރައްޤީގެ ތަޞައްވުރެއް، ސަރުކާރުގެ ސިޔާސަތުގެ ގޮތުގައި ވާނީ އެކުލަވައިލެވިފައި. ޤައުމީ ތަރައްޤީގެ އޮނިގަނޑުގައި، ބާރަށުގެ ތަރައްޤީއާ ގުޅޭގޮތުން ސަރުކާރުން ކުރިއަށް ހިންގާންހުރި ކަންކަމާއި އަދި މިހާރުވެސް ހިންގާ ކަންކަން ވަރަށް ބޮޑަށް ސާފުވެގެންދާނެ.
 
އަޅުގަނޑުމެން، ސަރުކާރު ހިންގުމާ ޙަވާލުވުމުގެ މާކުރީގައިވެސް، މި ބާރަށަށްވެސް އަދި ރާއްޖޭގެ ކިތަންމެ ކިތަންމެ ރަށަކަށް، އެތައްފަހަރަކު އަޅުގަނޑުމެން ޒިޔާރަތް ކުރިން. ދޮރުން ދޮރަށް ޕާޓީގެ މެންބަރުން ހިނގި. ގެއިން ގެއަށް އަޅުގަނޑުމެން ވަދެ، މީހުންނާ މަޝްވަރާ ކުރިން. އެއްރަށުން އަނެއް ރަށުން ދުއްވައި، މުޅި ރާއްޖޭގެ އަޑު އަޅުގަނޑުމެން އެހިން. މިއަދުވެސް       މި ސަރުކާރުން މިދަނީ، ރާއްޖޭގެ ރައްޔިތުންގެ އަޑު އަހަމުން. މާދަމާވެސް، ކުރިއަށް އޮތް ތަނުގައިވެސް، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ އަޑު އަހާނަން. ރާއްޖޭގެ ރައްޔިތުންގެ އަޑުން     މި ސަރުކާރަށް ސާފުވެގެންދިޔަ އެއް ޙަޤީޤަތަކީ، މި ރާއްޖޭގެ އާބާދީގެ ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުންނަކީ، ނިކަމެތި ފަޤީރުންކަން. މި ބާރަށުގެވެސް ކޮންމެ ތިންމީހަކުންކުރެ އެކަކީ، އޭނާއަށް ރެޔާ ދުވާލަށް ފަނަރަ ވިހި ރުފިޔާ އާމްދަނީގެ ގޮތުގައި ނުލިބޭ މީހުން. ސަރުކާރުން ގަބޫލުކުރޭ، އަދި އަޅުގަނޑުވެސް ހަމަ އެއްބަސްވަން، އަޅުގަނޑުމެންނަށް ސަރުކާރުން ކޮށްދެވޭ ޚިދްމަތްތައް އަދި ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދްމަތްވެސް، މަދްރަސާތަކުގައި ކިޔަވައިދޭ ކިޔަވައިދިނުންވެސް، އަދި އެހެން އެހެން ޚިދްމަތްތައްވެސް، ސަރުކާރުން ދެވެމުން މިގެންދެވެނީ އެންމެ އެކަށީގެންވާ މިންވަރެއް ނޫންކަން. އަދި އަޅުގަނޑުމެން އެދޭ މިންވަރެއްވެސް ނޫންކަން. ކުރާންހުރި ކަންތައް ގިނަކަމާއި، އަދި ކުރާން ޖެހިފައިވާ މިންވަރުވެސް ގިނަކަމަށް އަޅުގަނޑުމެން ހިތުގެ އަޑީން ގަބޫލުކުރަން.
 
މިކަން މިހެން އޮތްއިރު، ސަރުކާރަށް ފާހަގަވާ އެހެން ޙަޤީޤަތެއް އެބަވޭ. އެއީ، މިދެންނެވި ކަމުނުދާ ޚިދްމަތްތަކަށްވެސް، އަޅުގަނޑުމެން ހިތްހަމަނުޖެހޭ ޚިދްމަތްތަކަށްވެސް،         މި ރާއްޖޭގެ އާބާދީގެ ވަރަށްގިނަ ބަޔަކު އަތްނުފޯރައޭ. ބާރަށުގައިވެސް ލިބެންހުރި ޚިދްމަތްތަކަށްވެސް، އަޅުގަނޑުމެންގެ ތެރެއިން ކިތަންމެ ބަޔަކަށް އެ ޚިދްމަތްތައް ލިބިގަންނާނޭ މާލީ ތަނަވަސްކަމެއް، ޙަޤީޤަތުގައި ނެތޭ. ޤައުމެއް، ރަށެއް ތަރައްޤީވެއެއް ނުދާނެ، އެތަނެއްގެ ރައްޔިތުންގެ ގިނަ ބައިވަރު މީހުންނަކީ، ނިކަމެތި ފަޤީރުންގެ ގޮތުގައިވާ ހިނދެއްގައި. އަޅުގަނޑުމެންނަށް އެބަ އެނގޭ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ. އިން އަބަދުވެސް ފާހަގަކުރަމުން އައީ، ރާއްޖޭގެ ރައްޔިތުން، ބޭސް ސިޓީއަށް ސަލާންޖަހާ ޖެހުން، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުއްޓާލަދޭނަމޭ. ދައުލަތުގެ، ސަރުކާރުގެ ސިޔާސަތަކަށް އެހެންވީމާ ވެގެންދިޔައީ، އިޖްތިމާޢީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުން. ރާއްޖޭގެ ރައްޔިތުންނަށް މަދަނައިގެ ވިއުގައިގެ ތެރެއިން، މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެމުން އެބަގެންދެވޭ. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިއަދު އަޅުގަނޑުމެންނަށް އުފާވެރިކަން މި ލިބެނީ، މި ބާރަށުގެވެސް 245 މީހަކު އިޖްތިމާޢީ ރައްކާތެރިކަމުގެ އޮނިގަނޑުގައި، މަދަނައިގައި ރަޖިސްޓްރީވެފައިވާތީ. އަޅުގަނޑުމެންނަށް އަދި ވަކިން އުފާވެރިކަން ލިބެނީ، މި ބާރަށަށް، މިދިޔަ އަހަރު އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުގައި ނުވަތަ ބޭސްފަރުވާއަށް، ބޭސް ސިޓީއަށް ބޭނުންވާ ބޭސް ހޯދައިދިނުމުގެ ގޮތުގައި، މިރަށަށް މިދިޔަ އަހަރު ހަތަރުލައްކަ ބާވީސްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމުން. މިދެންނެވި ފައިސާއަކީ، އެއްވެސް ހާލެއްގައި އިތުރު ކަމެއް ކުރާކަށް، އިތުރު މަސައްކަތެއް، އެހެން ކަމެއް ކުރުމަށް ދެވުނު ފައިސާއެއް ނޫން. އެއީކީއެއް ހެލްތް ސެންޓަރުގެ ބޭފުޅުންގެ މުސާރަ ދިނުމަކަށް ކުރެވުނު ޚަރަދެއް ނޫން. އަދި އެތަނަށް ބޭނުންވާނެ ކަރަންޓާއި، އެތަނަށް ބޭނުންވާނެ އެހެން ކަމެއް ކުރާކަށް ދެވުނު ފައިސާއެއްވެސް ނޫން. އެއީ، ހަމަ ސީދާ ބާރަށު ރައްޔިތުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވެ، މަދަނައިގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ދޫކުރެވުނު ފައިސާ.
 
އަޅުގަނޑުމެންގެ އަމާޒަކީ، ބާރަށު ރައްޔިތުންނަކީ ޤަދަރުވެރި ބައެއްގެ ގޮތުގައި ހެދުން. ސަރުކާރަކުން ނުދެކޭ، އެއްވެސް ރައްޔިތަކު، އޭނާ ބޭނުންވާ ބޭހަށް، އެކެއް ކައިރިން، އަނެކެއް ކައިރިން ސަލާން ޖަހަމުން، އާދޭސް ކުރަމުން ހިނގާހާ ހިނދަކު، އެ ރައްޔިތެއްގެ ޤަދަރާއި،      އެ ރައްޔިތެއްގެ ޢިއްޒަތް ދެމެހެއްޓޭނޭ، ހިފެހެއްޓޭނޭ ގޮތެއް. ސަރުކާރުން ވަޢުދުވަމުން ގެންދިޔައީ، ޕާޓީން ވަޢުދުވަމުން ގެންދިޔައީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން، ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލާނަމޭ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި 2011 ވަނަ އަހަރުވެސް، މިދެންނެވި ބާރަށު 245 މީހުނަށް، ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާއަށްވާ ފައިސާ، މާލިއްޔަތުގައި ރައްކާ ކުރެވިފައިވާތީވެ.
 
އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ބާރަށު ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. ތަރައްޤީވާން މިޖެހެނީ ބާރަށެއް ނޫން. ތަރައްޤީވާން ޖެހެނީ ބާރަށު މީހާ. ވާނުވާ އޮޅުންފިލައި، ރަނގަޅު ޞިއްޙަތެއްގައި ހުރެ، އަދި ރިވެތި ގޮތުގައި ދިރިއުޅެވެން މިޖެހެނީ ބާރަށު މީހާ. އެމީހާ އެހެން ހެދުމަށްޓަކައި، އެމީހާއަށް މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ކުރިއަށް އޮތް ތަނުގައި، ބާރަށު ހުރިހާ ރައްޔިތުންވެސް އިޖްތިމާޢީ ރައްކާތެރިކަމުގެ ވިއުގައިގައި ހިމެނުން. ހުރިހާ ރައްޔިތުންވެސް މަދަނައިގައި ރަޖިސްޓްރީވެވޭނެ އުޞޫލެއް ހަމަޖެއްސުން.
 
މަދަނައިގެ އިތުރުން، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ތެރޭގައި، ސަރުކާރުން ވެފައިވާ، ޕާޓީން ވެފައިވާ ވަޢުދެއް އެއީ، މި ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުން،  މި ރާއްޖެއަށް ކޮށްފައިވާ ޚިދްމަތާއި، އަދި ޢަމުދުން ވަކިން އެމީހުން، މިހާރުގެ ޢުމުރުގެ، އެމީހުންގެ މުޅި ޙަޔާތް އެކީގައި މަސައްކަތް ކުރުމަށްފަހުގައި، އަތްފައިގައި ބާރު ދެރަވެ، ދެން އާމްދަނީއެއް ހޯދޭނެ ގޮތެއް ދޮށީ ޢުމުރުގެ މީހުންނަށް ނެތުނީމާ، އެމީހުންގެ ޙަޔާތުގެ ބާކީ އޮތް ބައި، ނިކަމެތި ހާލުގައި ހޭދަކުރަމުން، ދުވަސްތައް ވޭތުކުރަމުން ގެންދާ ގެންދިޔުމަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުއްޓުމެއް ގެނެސްދޭނަމޭ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ، އެއްގޮތަކަށްވެސް ގަބޫލުކުރި ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވާން ޖެހެނީ، ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް ކަމަށް. އެހެންވީމާ، ޕާޓީންވީ ވަޢުދެއް އެއީ، ރާއްޖޭގެ އާމްދަނީ މަދު، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ބާރަށުގެ 72 މީހަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ދެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، ބާރަށަށް ކޮންމެ މަހަކު އެއްލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ޚަރަދު ކުރެވޭކަމުން. އަހަރެއްގެ މައްޗަށް ބާރަށަށް ރަނގަޅު ދެމިލިއަން ރުފިޔާ، ޕެންޝަންގެ ގޮތުގައި ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް.
 
އަޅުގަނޑުމެން ބޭނުމީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ސަލާމަތްކޮށްދިނުން. އަޅުގަނޑުމެން ބޭނުންވަނީ، ރައްޔިތުންނަކީ ޤަދަރުވެރި ޢިއްޒަތް ލިބިގެންވާ، އެމީހުންނަށް އިޙްތިރާމް ލިބިގެންވާ، ދުޅަހެޔޮ ރައްޔިތެއް ބިނާކުރުން. އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ދެވޭ ފައިސާ ދެވެނީ، މިދެންނެވި ސަބަބަށްޓަކައި. މިބާރަށުގެ 22 ފަރާތަކަށް، މިދެންނެވި ފައިސާ ދެވޭކަމީ،     މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. މިދިޔަ 2010 ވަނަ އަހަރުގެ 6 މަސް ދުވަހުގެ ތެރޭގައި، އެއްލައްކަ ފަސްހާސް ރުފިޔާ، އިޖްތިމާޢީ ރައްކާތެރި ކަމަށް، މިދެންނެވި ފަރާތްތަކަށް، އެކަނިވެރި މައިންނާއި، ގިނައިން އެކަނިވެރި މައިންނަށް އަދި ބައެއް ޔަތީމު ކުދިންނަށާ އެކީގައި، މިރަށުގައި ފޯރުކޮށްދެވޭކަމީ، އަޅުގަނޑުމެންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ނުވަތަ އެމަސައްކަތް ރަނގަޅަށް ހިނގަމުންދާ ކަމުގެ ފުރިހަމަ ދަލީލެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން.
 
ސަރުކާރުން އަބަދުވެސް ވަޢުދުވަމުން އައި ކިތަންމެ ކަމެއް. އެއިން އެއްކަމާ އަނެއްކަމާ މިހުންނަނީ ލާމެހި ގުޅިފައި. އަޅުގަނޑުމެން ބުނިން، ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމާ އެކީގައި، ކަންމަތީ ސްޓޯރަށް ދަރާފައިވާ ދަރަނި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ކަނޑާލަދޭނަމޭ. އަޅުގަނޑު މިއަދު ބާރަށު ވިޔަފާރިވެރިން ގާތުގައި، ފިހާރަވެރިން ގާތުގައި އަހާލަން ބޭނުންވަނީ، 2008 ވަނަ އަހަރުގެ ވިކުރާ ފޮތް ބައްލަވާލަދެއްވާށޭ. 2007 ވަނަ އަހަރުގެ ވިކުރާ ފޮތް ބައްލަވާލަދެއްވާށޭ. ލޭންދޭނަށް ކިހާ ގެއަކުންހެއްޔޭ، އެއަހަރު ނަގާފައި އޮތީ. ދެން މިދިޔަ އަހަރުގެ ވިކުރާ ފޮތް މިހާރު ބައްލަވާލައްވާށޭ. އަދި މިމަހުގެ ވިކުރާ އަޅުގަނޑަށް ކިޔާލަދެއްވާށޭ، ލޭންދޭނަށް ކިހާވަރެއްތޯއޭ ގޭގެއިން ނަގާފައި އޮތީ. އަޅުގަނޑުމެންނަށް ކަށަވަރު، އަޅުގަނޑުމެންނަށް ޔަޤީން، ކިތަންމެ ގެއެއްގެ އާމްދަނީއާއި އަދި ދެކޮޅުޖެހުން މިދަނީ އިތުރުވަމުން. ކުރީގައި ކަރަންޓަށް ނެގި ޢަދަދެއް ނޫން، މިހާރު ކަރަންޓް ފީގެ ގޮތުގައި ތިޔަބޭފުޅުން ދައްކަވަނީ. އެއަށްވުރެ މާ ފަހި ޢަދަދެއް. އަޅުގަނޑުމެންނަށް ފާހަގަވަނީ، ބާރަށު ރައްޔިތުންގެ އާމްދަނީއާއި އަދި ބާރަށު ރައްޔިތުންގެ ޖީބުގައި ހުންނަ ފައިސާގެ ޢަދަދު، މީގެކުރީގައި އެމީހުން އަތުގައި ހުރި މިންވަރަށްވުރެ، އިރާދަކުރެއްވިއްޔާ މިހާރު ހުންނާނީ، އެތައް ތަނަކުން ރަނގަޅުވެފައޭ.
 
އަޅުގަނޑު އަހަން، މާލޭގެ ވިޔަފާރިވެރިން ގާތުގައި، މީގެކުރީގައި، މީގެ ތިން ހަތަރު އަހަރު ކުރީގައި، ރައްޔިތުން ބޭސް ސިޓީ ހިފައިގެން، އެ ސިޓީއަށް ބޭސް ހޯދުމަށް ސަލާން ޖަހަމުންދިޔަ މިންވަރަށް މިހާރުވެސް އެކަން ހިނގާތޯ. އަޅުގަނޑު ގާތުގައި މާލޭ ވިޔަފާރިވެރިން ބުނަނީ، މިހާރު އެކަން ހިނގާ މިންވަރު ކުޑައޭ. އަޅުގަނޑަށް ޔަޤީން، ބާރަށުގައިވެސް ކަން ހިނގާފައި އޮންނާނީ މިދެންނެވި މިނުގައި. އެހެން ނަމަވެސް، އަޅުގަނޑަށްވެސް އެނގޭ، ބާރަށުން އެކަށީގެންވާ ބޭސް ނުލިބޭތީވެ، މިތަނުގައި ހުންނަ ބޭސް ފިހާރައަކުން މަދަނައިގެ ތެރެއިން ބޭސް ނުލިބިވާނެކަން. އެހެން ނަމަވެސް، މި ސަރަޙައްދުގައި މިހުރި ޞިއްޙީ ޚިދްމަތްތަކަށް، ބާރަށުގެ ރައްޔިތުންގެ ތެރެއިން އިޖްތިމާޢީ ރައްކާތެރިކަމުގެ މަސައްކަތުގައި، ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރެވިފައިވާ ބޭފުޅުންނަށް، އަޅުގަނޑުމެން މިދެކެނީ، އެ ރައްކާތެރިކަން އެބަ ފޯރުކޮށްދެވޭކަމަށް. އަޅުގަނޑުމެންގެ އަމާޒަކީ، މުޅި ބާރަށަށް މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، މިރަށުގެ ތަރައްޤީ.
 
އަޅުގަނޑުމެން މި ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބެނީ، މިދެންނެވި ހަމައެކަނި ބޭނުމަށްޓަކައި. މި ވެރިކަމުގެ އަރާމާއި، އޭގެ ލައްޒަތާއި، އޭގެ ޖާހަތަށްޓަކައެއް ނޫން. ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވެ މިތިބެނީ، ރައްޔިތުންނަށް ވެފައިވާ ވަޢުދު ފުއްދަން. އަދި ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެން އެންމެ ހިނދުކޮޅަކަށްވެސް، އަޅުގަނޑެއް އެންމެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ ދުލެއްނުކޮށްލާނަން، ދިހަ ބާރަ ގަޑިއިރު ތިޔަބޭފުޅުންނަށް މަސައްކަތް ކޮށްނުދީއެއް. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ މާލިއްޔަތުގެ ފައިސާގެ އެންމެ ލޯ ލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ނުޖެހޭނަން.
 
މިރަށް، ބާރަށް ތަރައްޤީ ވާނީ ބާރަށު މީހުން ތަރައްޤީވީމާ. ތަރައްޤީއަކީ ކޮންކްރީޓުން މިނާ އެއްޗެއް ނޫން. ތަރައްޤީއަކީ ބޮޑުހިލަ ބަނދަރެއް ނޫން. ތަރައްޤީއަކީ އެއްގަމު ތޮށްޓެއް ނޫން. ސަހަރާ ވަށާފާރު ރޭނުމެއްވެސް ނޫން. ތަރައްޤީއަކީ ބާރަށު މީހާއަށް ތަންދޮރު އެނގުން. ތަރައްޤީއަކީ އެމީހާ ހަރުދަނާވުން. އެމީހާއަށް ވާނުވާ އޮޅުންފިލުން. އަޅުގަނޑުމެންނަށް މި ބާރަށުން ރަނގަޅު ތަޢްލީމެއްދެވި، ރަނގަޅު ރައްޔިތަކު އުފެއްދިއްޖެނަމަ، ދެން ނުކުންނާނެ ތަރައްޤީ، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އޭރުން ފެންނަން ފަށާނީ. އެހެންވީމާ، މި ބާރަށުގެވެސް ތަރައްޤީގެ ނާރެސްއަކަށްވާންޖެހެނީ ބާރަށު މަދްރަސާ. އެއްދަންފަޅިއަށް މަދްރަސާ ބަދަލުކުރުމާއި، އަދި ވަށާޖެހޭ ތަޢްލީމެއް ދިނުމަކީ، މި ސަރުކާރުގެ އަމާޒެއް. އަޅުގަނޑުމެންގެ 3 އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، ބާރަށުގެ މަދްރަސާއާއި އަދި ރާއްޖޭގެ ހުރިހާ މަދްރަސާއެއް، އެއްދަންފަޅިއަށް ބަދަލުކޮށް، ފުރިހަމަ ވަށާޖެހޭ ތަޢްލީމެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން.
 
މިދިޔަ އަހަރުގައި ބާރަށު ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި ސާޅީސްހާސް އެއްސަތޭކަ ނުވަދިހަ ފަސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް. މިދިޔަ އަހަރު ބާރަށުގެ         9 ދަރިވަރަކު އިމްތިޙާންގައި ބައިވެރިވުމަށް ދައްކާންޖެހޭ އިމްތިޙާން ފީގެ ފައިސާ ދެއްކުމަށްޓަކައި ވިހިހާސް ފައްސަތޭކަ ތިރީސްފަސްރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ލިބުނުކަމީ، މި ސަރުކާރަށް ލިބޭ ހިތްހަމަޖެހުމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ބާރަށު ދަރިންނަކީ، ހަރުދަނާ، ރަނގަޅު ރައްޔިތަކަށް ހެދުން. ދަރިންތަކަކަށް ހެދުން. އަޅުގަނޑުމެންގެ އަމާޒަކަށް އަބަދުވެސްވާނީ، މިރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރުން.
 
އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން، އަޅުގަނޑުމެންގެ އެބައޮތް މަންޒަރެއް. އަޅުގަނޑުމެންގެ އެބައޮތް ޕްލޭނެއް. އަޅުގަނޑުމެން މިކަން ކުރާން ނުކުމެ މިތިބެނީކީއެއް، އިއްޔެވީ ގޮތާއި، މިއަދުވާގޮތާއ، މާދަމާ ވާންއޮތް ގޮތް ނޭނގިއެއް ނޫން. އަޅުގަނޑުމެންނަށް މި ރާއްޖެ ތަރައްޤީ ކުރަން ކުރާންހުރި ކަންތައް އެނގޭ. އަޅުގަނޑުމެންގެ ކިބައިގައި އެހިތްވަރު އެބަހުރި. އަޅުގަނޑުމެން ތިޔަބޭފުޅުންގެ ކުރިމައްޗަށް ނުކުމެ މިހުންނަނީ އެހެންވެ. އޭގެ ޝައްކެއް އަޅުގަނޑަށް ހިނގާ ހިނދެއްގައެއް އަޅުގަނޑެއް މިމަސައްކަތަކު ނުހުންނާނަން. އަޅުގަނޑަށް އެނގޭ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރަކުން މި ބާރަށް ބަދަލުކޮށްލެވިދާނެކަން. ބާރަށަކީ ތަރައްޤީވެފައިވާ، އަޅުގަނޑުމެން ދުވަހަކުވެސް ނުދެކޭފަދަ ތަރައްޤީ ލިބިފައިވާ ރަށަކަށް އަޅުގަނޑުމެންނަށް މިރަށް ހެދިދާނެ. މިރަށަކީ ޤުދްރަކީ ވަސީލަތްތައް ނުހަނު ގިނަ ރަށެއް. އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، މިރަށުގެ ކުޅިތަކާއި، މިރަށުގެ ބޮޑު ބިމާއި، މިރަށުގެ ބޮޑު ފަޅާއި އަދި މިރަށުގެ ރައްޔިތުންނަކީ މިރަށަށް ލިބިފައިވާ ބޮޑު ނިޢުމަތެއް. އެ ނިޢުމަތުގެ ބޭނުން، އެ ރޯދީގެ ބޭނުން ހިފައިގެން އަޅުގަނޑުމެންނަށް  މި ރަށް ބަދަލުކޮށްލެވޭނީ.
 
މިރަށުގައި އިތުރަށް މިރަށުގެ ކުޅިތަކާއި، އަދި މިރަށުގެ އެހެންވެސް ތަންތަން ބޭނުންކޮށްގެން ހިންގޭ މަޝްރޫޢުތައް ހިންގުމުގެ މަސައްކަތް މިދަނީ ކުރިއަށް. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން، މިފްކޯއާ އެކީގައި ބާރަށުގައި ހިންގޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، އަޅުގަނޑު މި އުންމީދު ކުރަނީ، މި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެ ކަމަށް. މިއަދާ ހަމައަށް އެމަސައްކަތް ނުފެށި ހުރި ކިތަންމެ ސަބަބެއް އެބަހުރި. އެއްވެސް ހާލެއްގައި އަޅުގަނޑުމެން އެކަން ހަނދާން ނެތިގެން، އެމަސައްކަތް ނުކޮށް ހުރެގެނެއް ނޫން. މިއުޅެނީ ޖޭމު ގަހެއް އިންދަން ނޫންކަމުން، ގަސް އިންދަން ޖެހޭގޮތް އަޅުގަނޑުމެންނަށް ނޭނގޭތީވެ، ކުރާން މިއުޅެނީ އާ ކަމެއްކަމުން، އެކުރާ ކަންތަކުގެ ދެކޮޅު ފުރިހަމައަށް އެނގެން ޖެހޭތީވެ، އެކަމަށް ބޭނުންވާ ވަގުތާއި، އެކަމަށް ބޭނުންވާ ތަޙްލީލު އެބަ ކުރާންޖެހޭ. ކަން ކުރާން އައި މީހުން ފުރަތަމަ ބުނީ، ކުރީގައި އެކަންވާނޭ. ދެން އެހެން ނަމަވެސް، އިތުރު ދިރާސާއާއި ތަޙްލީލަށްފަހު މި އެނގުނީ، އިތުރަށް އެކަމުގައި އެތައް އެތައް މަސައްކަތެއް އެބަ ކުރާންޖެހޭކަން. އަޅުގަނޑަށް އަދިވެސް ފެންނަނީ، ގިނަ ވަގުތު ތަޙްލީލަށް ނަގަން. ނަގާފައި ކުރާ މަސައްކަތް ކުރަން ފެށީމާ، ދެން ނުހުއްޓި އެމަސައްކަތް ގެންގޮސް ކޮށް ނިންމާލެވި، އޭގެ ރަނގަޅު ފައިދާ އަޅުގަނޑުމެން ހޯދުމޭ. މަސައްކަތެއް ފަށާފައި، އެމަސައްކަތެއް ދެބަޔަށް ދިޔައީމާ ހުއްޓީމާ، އޭރުން ދިޔަ ޚަރަދުވެސް އަޅުގަނޑުމެންނަށް ނުލިބުނީ. އަދި ކުރާން އުޅުނު މަސައްކަތްވެސް އަޅުގަނޑުމެންނަށް ނުވަނީ. އަޅުގަނޑަށްވެސް އެނގޭ، މީހުން ބާވަތް ބާވަތުގެ ވާހަކަ ކިޔާކަން. އެހެން ނަމަވެސް، އަޅުގަނޑަށް އަދި އެނގޭ އަނެއް ޙަޤީޤަތެއް އެބައޮވޭ، ކަންވީމާ އެމީހުންނަށް އެނގޭނެކަން. އެނގުނީމާ، ވަގުތު ނެގި ސަބަބުވެސް އެމީހުންނަށް އެނގޭނެކަން. އަޅުގަނޑުމެންނެއް ނުޖެހޭ، ސަރުކާރަކުން ނުޖެހޭ، ކޮންމެ ދުވަހަކު އެއްފަހަރު ރައްދުދޭކަށް. ކޮންމެ ދުވަހަކު އެއްފަހަރު މޮޅުވާކަށެއް. ސަރުކާރުގެ ބޭނުމެއް ނޫން އެއީ، އަމާޒެއް ނޫން އެއީ ދުވާލަކު އެއްފަހަރު މޮޅުވުން. ސަރުކާރު ނުޖެހޭ މޮޅުވާކަށް. ސަރުކާރު ޖެހޭނީ، ކެތްތެރިކަމާއެކީގައި، ޙިކްމަތްތެރިކަމާއެކީގައި، ތަރައްޤީގެ މަޝްރޫޢުތައް ހިންގަން.
 
އަޅުގަނޑު އަބަދުވެސް ކުރަމުން ގެންދާނީ، މިދެންނެވި ކަންކަން. އެހެންދާއިރުގައި، އަޅުގަނޑާ ދިމާއަށް ބުނާ އެއްޗެހިވެސް ގިނަވާނެ. ބައެއްފަހަރަށް އުފާވޭ، އަޅުގަނޑަކީ ފްލެޓް ދޮންބެކަމުން. އެކަމުގެ އުފާވެރިކަން އަޅުގަނޑަށް އަބަދުވެސް ލިބޭނެ. އަޅުގަނޑު ހަމަ ބާރަށު ރައްޔިތުންނަށް ދަންނަވަން އޮތީ، އަޅުގަނޑަށް ޔަޤީނޭ، އަޅުގަނޑުމެން، މި ސަރުކާރުން މިރަށުގައި އަޅާން ބުނި ފްލެޓް، އަޅުގަނޑުމެން އަޅާން ބުނި 100 ފްލެޓް، މިރަށުގައި އަޅުގަނޑުމެންގެ        3 އަހަރުގެ ދައުރު ނިމުމުގެ ކުރީގައި، އިރާދަކުރެއްވިއްޔާ އަޅައި ނިންމައި، ބާރަށު ރައްޔިތުންނަށް ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން އެ ގެދޮރު ތިޔަބޭފުޅުންނަށް ލިބޭނެ. އެއީ، އަޅުގަނޑުގެ އަމާޒަކީ. އެ ހެދުމާއި، އެ ލިބުމާ، މިދޭތެރޭގައި ކިޔާ ހުރިހާ އެއްޗެއް ކިޔުއްވާ. އެހެން ނަމަވެސް، އަޅުގަނޑުގެ އަމާޒަކަށް، އަޅުގަނޑުގެ މަޤްޞަދަކަށް ގުޑުމެއް ނާންނާނެ. އަޅުގަނޑެއް ނުގުޑާނެ، އަޅުގަނޑު މިމަސައްކަތް ކުރުން ހުއްޓައެއް ނުލާނެ، މާދަމާ ހެނދުނު ހަތްގަޑިބައިގައިވެސް އަޅުގަނޑު ހުންނާނީ އޮފީހުގައި. އަޅުގަނޑު އިންނާނީ މަސައްކަތް ކުރަން. ކުރާއިރު، ތިޔަބޭފުޅުންނެއް ކަންބޮޑުވެލައްވާނެ ކަމެއް ނެތް، އަޅުގަނޑު ގައްދޫން އަޑުއެހިން، އިދިކޮޅު ފަރާތްތަކުން ޒާތްޒާތުގެ އަޑުދާނޭ، ކަތުންނޭ އެ އަޑު ނާހާށޭ. އެ އަޑު އައްސަވާނެ ކަމެއް ނެތް. ތިޔަބޭފުޅުންގެ މަސައްކަތުގައި ތިޔަބޭފުޅުން ކުރިއަށް ވަޑައިގަންނަވާންވީ.
 
ބައްލަވާ، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވިފައި، ސަރުކާރަށް ކުރެވިފައި ހުރި އިޖްތިމާޢީ ރައްކާތެރި ކަމުގެ މަސައްކަތް. އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ އެއީ. ރަށެއް ތަރައްޤީއެއް ނުވާނެ، މިރަށުގެ ގިނަ ބައިވަރު ރައްޔިތުން، ހެޔޮ ހާލުގައި ނެތީހެއް. އެމީހުންނަށް ހާސްކަންމަތީގައި އުޅެންޖެހޭހާ ހިނދަކު. ތަރައްޤީވާނީ އަތްމަތިވެސް ތަނަވަސްވެގެން. ތަރައްޤީވާނީ އަޅުގަނޑުމެންނަށް އަނގަޔާއި އަތާވެސް ދިމާވެގެން. އަޅާ ބޮޑު ޢިމާރާތެއްގެ ބޮޑު ބޭނުމެއް ނެތް، އެ ޢިމާރާތަށް ވަންނާން ތިބި މީހުންނަކީ ނިކަމެތި ފަޤީރުން ކަމަށް ވަންޏަކާއެއް. ބިނާއެއްގެވެސް ބޭނުމެއް ނެތް، އެ ބިނާއަށް ބޭނުންކުރާން މީހަކު ނެތްހާ ހިނދަކު. ހުރިހާވެސް އެއްޗަކީ ރައްޔިތުން. ހުރިހާވެސް ބޭނުމަކީ އަޅުގަނޑުމެން ތަރައްޤީވުން. އަޅުގަނޑުމެން ބަދަލުވުން.
 
އިރާދަކުރެއްވިއްޔާ، މިއަހަރު ބާރަށުގައި ނަރުދަމާގެ މަސައްކަތް ފެށޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިހާރު އެވަނީ އެ ނަރުދަމާގެ ކޮންޓްރެކްޓްގައި ސޮއިކުރެވި،         އެ ނަރުދަމާގެ މަސައްކަތް ކުންފުންޏަކާ ޙަވާލުކުރެވިފައި. އަޅުގަނޑަށްވުރެ ބޮޑަށް، މިކަމުގައި އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކުގައި، ތިޔަބޭފުޅުންގެ މެންބަރަށް، އަޅުގަނޑަށް ޔަޤީން، މިފަހަރު ބާރަށު ރައްޔިތެއްގެ ގޮތުގައި ޝިފާޒަށް މިކަމާ ޝުކުރު ދަންނަވަން ބޭނުން. އެބޭފުޅާ އަޅުގަނޑު ގާތުގައި އެވާހަކަ ނުދައްކަވާ އެންމެ ހަފްތާއެއްވެސް، ހަމަ އެންމެ ހަފްތާއެއްވެސް ދުލެއްކޮށްނުލާ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑަށް ހީވަނީ، އަޅުގަނޑު ބާރަށު ރައްޔިތެއްގެ ގޮތުގައި ޝިފާޒަށް ޝުކުރު ދަންނަވަން ޖެހޭނެހެން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި މަސައްކަތްތައް، އެކުރަން އޮތް ތަރުތީބުން ކޮށް ނިންމުން. މިދިޔަ އަހަރު ނަރުދަމާ އަޅަން އަޅުގަނޑުމެން ފަށައިގަތީމު. އަޅުގަނޑުމެން އެމަސައްކަތްވެސް ކުރީމު. އަޅުގަނޑުމެން ކުރަހާވެސް ނިންމީމު. އަހަރު ރަނގަޅަށް ފަށައިނުގަނެވޭ، ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ފައިސާ ހޯދެންހުރި ހުރިހާ މަގެއް ބަންދު ކުރަން ނިންމަވައިފި. ޚާއްޞަ ގޮތެއްގައި، މާލިއްޔަތު ޤާނޫނަށް އިޞްލާޙެއް ގެންނަވައި، ފައިސާ ދައުލަތަށް ހޯދާންހުރި އެކިއެކި ފަރާތްތަކުގެ ހިތްތަކުގައި ބުރޫ އުފެދޭފަދަ ކިތަންމެ ކަމެއް ކޮށްފި. އެހެންވީމާ، އަޅުގަނޑުމެންނަށް ތާށިވީ. އަޅުގަނޑަށް އެނގޭ،          މި ޢުޛުރެއް ތިޔަބޭފުޅުންނަށް އަޅުގަނޑު ދައްކާކަށް ބޭނުމެއް ނޫން. މިދިޔަ އަހަރު އެމަސައްކަތް ނުކުރެވުނީ، އަޅުގަނޑުގެ ދެރަކަމުން. އަޅުގަނޑަށް އެކަންނުވީ. އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެން. އެއްއަހަރު ތިޔަބޭފުޅުންނަށް ނަރުދަމާއާނުލައި އުޅެންޖެހުނީ. އަޅުގަނޑަށް ސާފު، ތިޔަބޭފުޅުންނަށް ނަރުދަމާ ބޭނުންވާކަން. އަޅުގަނޑަކަށް އެކަމަކު އޮޅުމެއް ނެތް. އަޅުގަނޑު ގޭގައި ނަރުދަމައެއް ހުރޭ. މާލޭގައި ނަރުދަމައެއް އޮވޭ. އަޅުގަނޑަކަށް ނުވިސްނޭ، މިތާ ނަރުދަމައެއް ނޯންނާންވީ ސަބަބެއް.
 
ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވީއިރުގައި، މި ރާއްޖޭގައި އޮތީ 4 ރަށް، ނަރުދަމައާ އެކީގައި. ތަންކޮޅެއް ސާދާ ބަހުން ބުނަންޏާ، ބޮޑުކަމުދެވޭގޮތަށް ހެދިފައި އޮތީ 4 ރަށް. އަޅުގަނޑުމެނަށް މިދިޔަ އަހަރުގެ ތެރޭގައި، މިއަހަރު ނިމޭއިރުގައި، އަޅުގަނޑުމެންނަށް ތިބެވޭނީ،          27 ރަށުގެ ނަރުދަމައާ އެކީގައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ 3 އަހަރުގެ ތެރޭގައި،         މި ރާއްޖޭގެ 198 ރަށުގެ ނަރުދަމައާއި، ފާޚާނާއާއި، ފެނާ، މިމަސައްކަތްތައް އަޅުގަނޑުމެން ނިންމާނަން. އެހެން ނޫނިއްޔާ، މިކަންކަން އަޅުގަނޑުމެން ނުނިންމައި، މިދެންނެވި މަސައްކަތްތައް އަޅުގަނޑުމެން ނުނިންމައި، އަޅުގަނޑުމެންނަކަށެއް ނޫޅެވޭނެ، ޤައުމު ތަރައްޤީ ކުރާކަށް. އަޅުގަނޑުމެންނަކަށް ނުކުރެވޭނެ އެހެން މަސައްކަތެއް. ފުރަތަމަ ކަމަކަށް ބޭނުންވާނީ، އަޅުގަނޑުމެންނަށް އެންމެ ފުރިހަމައަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ހޯދުން. ފެނާއި ނަރުދަމައަކީ އަސާސީ ޙައްޤެއްގެ ގޮތުގައި، ޤާނޫނުއަސާސީގައި ހިމެނީ އެހެން ޕާޓީއަކުންނެއް ނޫން. މީގެކުރީގެ ޤާނޫނުއަސާސީ، އަދި ދުނިޔޭގެ އެއްވެސް ޤައުމެއްގެ ޤާނޫނުއަސާސީއެއްގައެއް ލިޔެފައެއް ނޯންނާނެ، ފެނާއި ނަރުދަމާ ފޯރުކޮށްދިނުން އެއީ އަސާސީ ޙައްޤެކޭ. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި އޮންނާނެ، އަޅުގަނޑުމެނަށް އެ ޙައްޤު ރައްޔިތުންނަށް ބޭނުންވާ މިންވަރު އެނގިގެން، އެނގޭތީވެ. ދެން އަޅުގަނޑެއް މިއަދާ ހަމައަށް އައިއިރުގައި، ބާރަށުގައި ނަރުދަމައެއް ހަދައިދެވިފައި ނެތްކަން. ދެން އަޅުގަނޑުމެންގެ ވެރިކަމަކަށް 30 އަހަރެއްވެސްނުމެވޭ. ދެން އެކަމުގެ ވާހަކައެއްވެސް އަޅުގަނޑު ދަންނަވާކަށެއް ނެތިން. އަޅުގަނޑު ދެކެނީ، ދެއަހަރަކީ ވަރަށްގިނަ ދުވަސް ކަމަށް. ސިޔާސަތުގައި މީހުން ބުނެއުޅެނީ، ސިޔާސީ ކަންކަމުގައި 7 ދުވަހަކީ ވަރަށްގިނަ ދުވަހޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، މިމަސައްކަތްތައް ކުރުމަށް ކިތަންމެ ހުރަހަކާ ދިމާވި. އެހެން ނަމަވެސް، އަޅުގަނޑުމެން އެހުރިހާ ހުރަހެއް ގިރާކޮށް، އަޅުގަނޑުމެންނަށް މިހާރު މިވަނީ، އިރާދަކުރެއްވިއްޔާ، ބައްތިރީސް މިލިއަން ހަތްލައްކަ ރުފިޔާގެ ކޮންޓްރެކްޓެއް، މިރަށުގެ ނަރުދަމާ ހެދުމަށް ވަރކްސް ކޯޕަރޭޝަނާ އެކުގައި ސޮއިކޮށް ނިމިފައި. އަޅުގަނޑަށް ލަފާކުރެވިފައި އޮތްގޮތުން ވެއްޖިއްޔާ.
 
އަޅުގަނޑަށް އަބަދުވެސް ފެންނަ ތަނެއް އެއީ، ބާރަށުގެ ލަފާފުރުމުގެ މައްސަލައާއި، މިބާރަށުގެ ބަނދަރު ބޭނުންކުރެވޭނެ ރަނގަޅު ގޮތެއް ހޯދުން. އަނެއްކާވެސް މިއީ އަޅުގަނޑުގެ އެކަނި ފިކުރެއް ނޫން. ތިޔަބޭފުޅުންގެ މެންބަރާ އެކުގައި އަޅުގަނޑުމެންނަށް ކުރެވޭ މަޝްވަރާ. މިފަހަރު ބަޖެޓްގައި މިވަނީ، ބާރަށުގައި ބޮޑުކޮށް، ވަރަށްބޮޑުކޮށް ޓީ ޖެޓީއެއް ހެދުމުގެ ފައިސާ ހިމެނިފައި. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެމަސައްކަތް ކޮންޓްރެކްޓް ކުރެވި، ބީލަމަށްލެވި، ތިޔަބޭފުޅުންނަށް އެމަސައްކަތް ހިނގައިގަންނާނެ.
 
ޤައުމެއް، ރަށެއް ތަރައްޤީވާނީ ވިޔަފާރި ކުރިއަރައިގެން. ޙަޤީޤަތުގައި ކުރާން މިއުޅޭ ކަމަކީ މުއްސަނދިވުން. ތަރައްޤީވުމޭ އަޅުގަނޑުމެން މިކިޔާ މައިގަނޑު ވާހަކައަކީ ފައިސާވެރިވާންވެއްޖެއޭ. މުއްސަނދިވާންވެއްޖެއޭ. އަތަށް ލާރި ލިބެންވެއްޖެއޭ. ކިހިނެއްތޯއޭ ވިޔަފާރި ކުރިއަރުވަނީ. ވިޔަފާރި ކުރިއަރުވަން ކުރާންހުރި ވަކި ޚާއްޞަ ކަންތައްތަކެއް އެބަހުރޭ. އޭގެތެރޭގައި، ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން އެއްރަށާއި އަނެއް ރަށް ގުޅާލުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެހެންކަމުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ. އިން ވަޢުދުވީ، ޕާޓީގެ ވެރިކަމެއްގައި، ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލަދޭނަމޭ. 7 އަހަރު ދުވަހުގެ ތެރޭގައި، އެމަސައްކަތް ނިންމުމަށް ސަރުކާރުގެ ސިޔާސަތު ކަނޑައެޅުނީ. ފުރަތަމަ ދެއަހަރު އޭގެ އަސާސީ ޚިދްމަތްތައް ފަށައިގަތުމަށް. މިހާރު މިވަނީ އެ ދެއަހަރު ނިމިފައި. ނިމިފައިވީއިރުގައި،     މި ތިލަދުންމަތީގައި އެކަން ހިނގާ މިންވަރު ދެރަ، ބައެއް، މިސާލަކަށް ކޮޅުމަޑުލުގައި، ހައްދުންމަތީގައި އެކަން ހިނގާ މިންވަރަށްވުރެ. އަޅުގަނޑަށް މިހާރު މި އެނގޭ މަޢްލޫމާތަކީ، ކުރިއަށް މިއޮތް ދެތިން މަހެއްގެ ތެރޭގައި، އިތުރު ދެފެރީ ކޮންމެ އަތޮޅަކަށް ލިބޭނެ ކަމަށް. އަޅުގަނޑުމެންގެ އަމާޒަކީ، ކޮންމެ ދުވަހަކު ތިންފަހަރު ބާރަށުން ފުރޭގޮތްވުން. ކޮންމެ ދުވަހަކު ތިންފަހަރު ބާރަށަށް ލެފޭގޮތްވުން. ކޮންމެ ރަށަކަށްވެސް، މިއަތޮޅުގެ ކޮންމެ ރަށަކަށްވެސް ތިންފަހަރު ފުރި، ތިންފަހަރު ލެފުނީމާ ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.
 
ޒުވާނުންގެ ތަރައްޤީއަކީވެސް ކޮންމެހެން ބޭނުންތެރި ކަމެއް. ކުޅިވަރަކީ ކުޅިވަރެއް ނޫން. ކުޅިވަރަކީ މޮޅުވާން ދަސްވުމާއި، ބަލިވާން ދަސްވުން. ކުޅިވަރަކީ ހުނަރު ލިބިގަތުމާއި، ކުޅިވަރަކީ ކެތްތެރިވުމާއި، ކުއްޖާ ބޮޑުވަމުން އަންނައިރުގައި، ރަނގަޅު މީހަކަށް ވުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް. އެހެންވެ، ސަރުކާރުގެ ވަށާޖެހޭ ތަޢްލީމުގެ ނިޒާމުގެ ތެރޭގައި، ކުޅިވަރުގެ ތަރައްޤީ ހިމެނިފައި މިއޮތީ. މިހާރު ސަރުކާރުން މިދެކެނީ، މި ޕްރޮވިންސްގެ ތެރޭގައި، ތަޢްލީމީ ކަންކަން ހަރުދަނާ ކުރެވިގެންދާއިރުގައި، ކުޅިވަރު ދަނޑާއި އަދި އެ ދަނޑާ ގުޅޭ އެހެނިހެންވެސް ކަންކަން އިރާދަކުރެއްވިއްޔާ، މިރަށުގައިވެސް ރަނގަޅުވެގެންދާނެ. އަޅުގަނޑަށް ތަފްޞީލުކޮށް މިތަނުގައި ދަންނަވާހާ ވަގުތެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، ސްޓޭޓް މިނިސްޓަރު ކުޅުދުއްފުށްޓަށް ވަޑައިގެން، އަދި އިތުރު މަޢްލޫމާތާއި ތަފްޞީލު، ކުޅިވަރާ ގުޅޭގޮތުން ތިޔަބޭފުޅުންނަށް ލިބިގެންދާނެ.
 
އަޅުގަނޑުމެންގެ ހައްތަހާވެސް ހަމަ ބޭނުމަކީ، ރަށްރަށުގެ ތަރައްޤީ. މި ބާރަށުގެވެސް ތަރައްޤީ. އެކަން އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެން އެންމެންގެ ދަރިންނާއި ދަރީންގެ ދަރީންނަށްޓަކައި. މިއަދު އަޅުގަނޑު އަބަދުވެސް ބުނަން، އިއްޔެ ނިމިއްޖެއޭ. ދެން މިހާރު މިއޮތީ ހަވީރުވެފައޭ. އަޅުގަނޑުމެންނަށް ހޯދެން އޮތީ މާދަމާ. މާދަމައަށްޓަކައޭ އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް ކުރެވެން އޮތީ. އަޅުގަނޑުގެ ހުރިހާވެސް ބޭނުމަކީ، ތިޔަ ހުރިހާ ބޭފުޅުން، އަޅުގަނޑުމެންނާއެކީގައި، މި ބާރަށުގެ ތަރައްޤީއާއި ބާރަށުގެ މާދަމައަށްޓަކައި ނުކުންނެވުން. އަޅުގަނޑުމެންގެ ދަރީންނަށް ރަނގަޅު ގޮތެއް ހޯދުމަށްޓަކައި ނުކުތުން. އަޅުގަނޑުމެން މިތިބީ މެދު ޢުމުރުވެފައި. އަޅުގަނޑުމެން މިތިބީ، އަޅުގަނޑުމެންގެ ޙަޔާތް ނިމެން، ދެނެއް ނުވެސް ފެށޭނެ. ހަމަގައިމުވެސް ދެންދާނީ ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންގެވެސް ދުވަސްވަމުން. އެހެންވީމާ، އަޅުގަނޑުމެންނަށް އަމާޒު ކުރެވޭނީ، އަބަދުވެސް އަޅުގަނޑުމެންގެ ދަރީންނަށް. އަޅުގަނޑުމެންގެ ބޭނުމަކީ އެމަސައްކަތް އެގޮތަށް ކުރުން.
 
ފެބްރުއަރީ 5 ވަނަ ދުވަހު މި ހިންގާން މިއުޅެނީ، މި ބާރަށުގެ ތަރައްޤީއަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ. ލޯކަލް ގަވަރންމަންޓާއި ރަށްވެރިކަމުގެ ތަރައްޤީ. ބާރަށުން އަލުން އަނބުރާ ވެރިކަން ކުރުމަކީ، އަޅުގަނޑަށް ޔަޤީން، މިރަށުގައި ކުރަން އާކަމަކަށެއް ނުވާނެ. މިއީ ވިޔަޒޯރުގެ ވެރިކަން ވަރަށް ޒަމާން ވަންދެން ކުރި ރަށެއް. މިރަށުގައި ރަށްވެރިކަމުގެ ޘަޤާފަތެއް ކުޑައެއްނުވާނެ. މިރަށުގައި ރަށްވެރިކަމުގެ އާދަކާދައެއް ކުޑައެއް ނުވާނެ. އަޅުގަނޑަށް ޔަޤީން، މިރަށުގެ ރައްޔިތުންނަށް މިރަށުގެ ތަރައްޤީއާއިގެން ނުކުމެވޭނެ. އެކަން ކުރުމަށްޓަކައި، މި ލޯކަލް އިންތިޚާބް ފުރިހަމައަށް ކުރިއަށް ގެންދިޔުން މުހިންމު.
 
އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވާނަން، ލޯކަލް އިންތިޚާބެއް ގެނައުން ނުވަތަ ރަށު ތަރައްޤީއަށް، ރަށު ކައުންސިލެއް އިންތިޚާބު ކޮށްގެން، އެމަސައްކަތް ހިންގުމަކީ، އިތުރު ބަޔަކު ގެނައި ފިކުރެއް ނޫން. އަދި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު، އެއަކު ނެތް، ލާމަރްކަޒީ އުޞޫލުގެ ވާހަކައެއް. މާފަހުން، މާފަހުން ލާމަރްކަޒީ އުޞޫލު ޤާނޫނުއަސާސީގައި ހިމެނުނީ. އެއީ، އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން. އަދި އެހުށަހެޅުމުގެ ފުރްޞަތު ލިބުނުގޮތް، މާ ލަދުވެތި، މާ ލަދުވެތި. އޭރުގައި ވާދަވެރި އަނެއް ޕާޓީއަކުން ބޭނުންވެލެއްވީ، ރައީސްކަން ކުރާ ބޭފުޅެއްގެ މައްޗަށް ދަޢުވާ ނުކުރެވޭ ގޮތަށް ޤާނޫނުއަސާސީގައި އޮތުމަށް. އެމާއްދާ ދެން ލިބިއްޖިއްޔާ އަޅުގަނޑުމެން ބޭނުމީ ކޯއްޗެއްތޯއޭ، މިއެހެނީ. އަޅުގަނޑު ވަރަށް ބާރަށް ދެންނެވިން، އަޅުގަނޑު ބޭނުމީ ލާމަރްކަޒީ އުޞޫލޭ. އަޅުގަނޑު ބޭނުމީ މާދަމައޭ. އަޅުގަނޑު ބޭނުމެއްނެތޭ އިއްޔެއެއް ނުވަތަ މާޒީއެއް. އަޅުގަނޑުމެންނަކީ ލާމަރްކަޒީ އުޞޫލު. މާތްރަސްކަލާނގެ އިރާދަފުޅުން ކަންވީގޮތަކީ، އެބޭފުޅުން ބޭނުންވި މާއްދާއެއް ފާސްނުވީ. ލާމަރްކަޒީ އުޞޫލު ފާސްވީ. އެހެން ނަމަވެސް، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންނަށް ލާމަރްކަޒީ އުޞޫލު ހިމެނުމަށް ފުރްޞަތު ލިބުނީ، ކުރީގެ ރައީސަށް ދަޢުވާ ނުކުރެވޭނެ ގޮތަށް ޤާނޫނުއަސާސީގައި މާއްދާއެއް އެޅުމަށް ހިންގުނު މަޝްވަރާތަކެއްގެ ތެރެއިންނޭ. ކަންދިމާކުރި ގޮތުން، ދަޢުވާ ނުކުރާނެ ކަމަށް ލިޔެވެން އުޅުނު މާއްދާވެސް ނުހިމެނުނީ. އެހެން ނަމަވެސް، ލާމަރްކަޒީ އުޞޫލުގެ ކަންތައް ހިމެނުނީ. ތަޤްދީރު ކުރެހި ޕްލޭނެއް މިއީ. އިތުރު ކަމެއް ނޫން. އަޅުގަނޑުމެންގެ ކަމެއް ނޫން. ސީދާ އަޅުގަނޑުމެންނަށް ކަން ދިމާވެފައި އޮތް ގޮތް. އަޅުގަނޑުމެންގެ މިޞްރާބު މިހުރީ، މިދެންނެވި ދިމާއަށް.
 
ލާމަރްކަޒީ އުޞޫލުން ހިންގުމަށް، ކުރަން އަޅުގަނޑުމެން ޙަޤީޤަތުގައި މިއުޅޭ ކަމަކީ، އަޅުގަނޑުގެ ރަށުގައި ހުރި އެއްޗެއްގެ ބައެއް ބާރަށަށް ދޭން. ޒަމާނުއްސުރެ ފަށައިގެން، މާލޭގައި އެއްކޮށްފައިވާ ވެރިކަމުގެ ބާރުގެ ތެރެއިން ބައެއް ތަންފީޛު ކުރުމުގެ ބާރު، މިރަށްރަށަށް ދޫކޮށްލުމޭ. އެކަން ކުރުމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި، ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު އަނެއްކާވެސް ފާހަގަކުރާނަން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މިއަދުގެ ލީޑަރޝިޕްގައި، އެމް.ޑީ.ޕީ.ގެ ލީޑަރޝިޕްގައި މިއަދު އެތިއްބެވި ބޭފުޅުންނަކީ، ޒަމާނުއްސުރެ ފަށައިގެން މާލެއަށް މިދެންނެވި ބާރު އެއްކުރި ޚާންދާންތަކުގެ މިއަދުގެ ޖީލު. މާލޭ މީހުން ވަރަށްފަހާ ޖެހެންދެންވެސް ދެކިއުޅެނީ، މާލެއަކީ މުލީގޭ ދޮން ޙަސަންމަނިކުގެ ތަރިކައެކޭ. ދޮން ބަންޑާރައިންގެ ތަރިކައޭ. އަޅުގަނޑުމެންނަށް ދާދިފަހާ ޖެހެންދެންވެސް، ހަމަކަށަވަރަށްވެސް އަޅުގަނޑުގެ މައިންބަފައިން މިއަދުވެސް ދެކެނީ، މި ދޮންބަންޑާރައިންގެ ތަނެކޭ. ދޮންބަނޑާރައިންގެ އައުލާދުގެ ބޭފުޅުން އެމް.ޑީ.ޕީ.ގައި މިއަދު އެތިއްބެވީ. އެބޭފުޅުން ނުކުމެ އެތިއްބެވީ، އެބޭފުޅުންގެ ކާބަފައިން، އެބޭފުޅުންގެ ރަށަށް އެއްކުރި ބައެއް، ތިޔަބޭފުޅުންނަށް ދެއްވުމަށް. އެހެންވީމާ، ނުބައި ގެއަކަށް އެ ބަލާ ވަޑައިނުގަންނަވާށޭ.
 
އަޅުގަނޑުމެންގެ ހައްތަހާވެސް ބޭނުމަކީ، ޒަމާނީ ހުރިހާ ޓެކްނޯލޮޖީއެއް ބޭނުންކޮށްގެން، އަދި މިއަދުގެ ޢިލްމާއި ޙިލްމު އަޅުގަނޑުމެންނަށް ލިބިގެން، ވިސްނުންތެރިކަމާ އެކީގައި، މިރަށްރަށް ތަރައްޤީ ކުރަން އުޅުން. އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުމެންނަށް އެކަން ވަމުންދާތަން. އަޅުގަނޑު ގާތުގައި ވަރަށްގިނަ މީހުން އަހާ، ރައީސް ކީއްވެހެއްޔޭ، ބާރަށުގެ ނަރުދަމާ ނުހަދައި، ކޮންމެ މަހަކު އެއްފަހަރު ބާރަށަށް ދެލައްކަ ރުފިޔާ، ޕެންޝަން ގޮތުގައި ދެމުން ގެންދަނީ. ކީއްވެހެއްޔޭ ބާރަށުގެ ނަރުދަމާ ނުހަދާ، ކޮންމެ މަހަކު، ބޭސް ސިޓީއަށް ފައިސާ ދިނުމަށްޓަކައި، ބާރަށަށް ފަސްދޮޅަސްހާސް ރުފިޔާ ދެމުން ގެންދަނީ. ކީއްވެހެއްޔޭ ބާރަށުގެ ނަރުދަމާ ނުހަދާ، ކޮންމެ މަހަކު އެކަނިވެރި މައިންނަށް ފައިސާ ދެމުން ތިގެންދަނީ. ކީއްވެހެއްޔޭ ފައިސާ ބަހަނީ، ވަރަށްގިނަ މީހުން އަޅުގަނޑު ގާތުގައި އަހާ.
 
ޤައުމުތައް ތަރައްޤީވެފައިވާގޮތް އެއީ، އިންސާނީ ތަޖްރިބާ ދައްކާފައިވާ ޙަޤީޤަތެއް. އަޅުގަނޑުމެންގެ ހިތްތަކުގައިމިވާ ޢުމްރާނީ ތަރައްޤީ ގެނެސްގެން. އެއީ ވަށާ ފާރެއް ސަހަރާގެ. އެއިން ނުކުންނަ ތަރައްޤީއެއް، ކޮންކްރީޓުން ނުކުންނަ ތަރައްޤީއެއް ޙަޤީޤަތުގައި ނޯވޭ. އެހެނެއް ނޫން، މީހަކުގެ އަތްފައިގައި ބާރު ހިފައިފިއްޔާ، މީހެއްގެ ސިކުނޑިއަށް ތެތްކަމެއް އަތުވެއްޖިއްޔާ، އެއިން ނުކުންނާނެ ތަރައްޤީ ވަރަށްބޮޑުވާނެ، ވަރަށް ގިނަވާނެ. އަޅުގަނޑުމެން މިކުރާން މިހުރި ކަންތައްތައް ކުރަމުން މިގެންދަނީ، އަޅުގަނޑުމެންނަށް މިކަން ކުރާން ތިޔަބޭފުޅުން ވިދާޅުވި ތަރުތީބުން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯއަކީ، އެމް.ޑީ.ޕީ.ގެ މެންބަރުން އެކުލަވައިލި ލިޔުމެއް. އެކުލަވައިލި ފަލްސަފާއެއް. އަޅުގަނޑުމެންނަށް މިވަނީ ރާއްޖޭގެ އެންމެ ރައްޔިތުންގެ އަޣްލަބިއްޔަތު،  އެ ސިޔާސަތު ތަންފީޛު ކުރުމަށްޓަކައި ލިބިފައި. އެހެންވީމާ، އަޅުގަނޑުމެން އޭގައި މިހުރި، އޮނިގަނޑުގައި މިވާގޮތަށް، ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ގެންދިޔައިމާ، އަޅުގަނޑު ދެކޭނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއެދޭ މިޞްރާބަށް ގޮސް، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންނަށް ލިބޭނެއޭ.
 
އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ، އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ،
 
والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________