بســماللّـهالرّحمـنالرّحيــم

 
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އޮނަރަބްލް މޫސާ މަނިކު، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އެންމެ މެންބަރުން، ދައުލަތުގެ ވަޒީރުން، އަދިވެސް ދައުލަތުގެ ކުރިއަށް ތިއްބެވި ބޭފުޅުން. އަދި ވަކިން ޚާއްޞަކޮށް، މި މުރައިދޫގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
މި ސަރުކާރު އުފެދިގެން އައީ، މުރައިދޫގެ ތަރައްޤީގެ ވިސްނުމެއް، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިގެން. އަޅުގަނޑުމެންނަށް މިރަށުގެ ތަރައްޤީއާ ގުޅޭގޮތުން ތަޞައްވުރެއް އެކުލަވައިލުމަށްފަހު، އެ ތަޞައްވުރު ޕާޓީގެ މެނިފެސްޓޯގައި ހިމެނި އަދި އޭގެފަހުން މިޤައުމުގެ ޤައުމީ މަޝްރޫޢު، ޤައުމީ ތަރައްޤީގެ މަޝްރޫޢުގައި، އެ ތަޞައްވުރު ހިމެނި، މިއަދު މިވަނީ މި ރާއްޖޭގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޛު ކުރަމުން ދިޔުމުގައި، މިރަށުގެ ތަޞައްވުރު އެއީ، އަޅުގަނޑުމެން ޙަޤީޤަތަކަށް ހެދުމަށް މަސައްކަތްކުރާ މުހިންމު ތަޞައްވުރަކަށްވެފައި.
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ މާކުރީގައިވެސް، މި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް، ހުރިހާ ރަށްރަށަށް އަޅުގަނޑުމެން ދިޔައިމު. ރާއްޖޭގެ ހުރިހާ ގެއަކަށް މި ޕާޓީގެ ފަރާތުން ވަތް. އެ ގޭގޭގެ މީހުންނާ އަޅުގަނޑުމެން މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް ހެދީމު. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ އަޑު އެހިން. މިހާރުވެސް މި ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ އަޑުއަހާ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ރައްޔިތުންގެ އަޑު ސަރުކާރުން ދާނީ އަހަމުން. ރައްޔިތުންގެ އަޑުތައް، ރައްޔިތުންގެ އެދުންތައް، ރައްޔިތުންގެ އިޙްސާސްތައް ފުރޭނިގެން އައިސް، އޭގެ ޢަރަޤުގެ ގޮތުގައި ހިމެނިގެން މިއައީ، ޕާޓީގެ މެނިފެސްޓޯގެ ތެރޭގައި. އެ މެނިފެސްޓޯ، ސަރުކާރުން ތަންފީޛު ކުރުމަށް ޕާޓީގެ ފަރާތުން ޙަވާލުކޮށްފައި އޮތީ އަޅުގަނޑާ. އަޅުގަނޑު މިގެންދަނީ ސަރުކާރެއް އެކުލަވާލައި، އަދި އެ މެނިފެސްޓޯގައިވާ ސިޔާސަތުތައް ތަންފީޛު ކުރަމުން.
 
އަޅުގަނޑުމެނަށް ފެނުނު ކިތަންމެ ޙަޤީޤަތެއް އެބަހުރި. އަޅުގަނޑުމެނަށް ސާފުވޭ، ރާއްޖޭގައި މިއަދުވެސް ދެވޭ ކިތަންމެ ޚިދްމަތެއް ދެވެނީ، ރައްޔިތުން އެންމެ އެދޭ މިންވަރަށް ނޫންކަން. ފުރިހަމަ ކުރަން ހުރި ކިތަންމެ ކަންކަންވެސް އެބަހުރިކަން. އަޅުގަނޑުމެން ހިތުގެ އަޑީން އެކަން ގަބޫލުކުރަން. މިދެންނެވި ކަންކަން މިހެން އޮތްއިރު، އަދި ވަކިން ޚާއްޞަކޮށް، އެހެން ޙަޤީޤަތެއް އެބަ ފާހަގަވޭ. މި މުރައިދޫގެވެސް، ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށްވުރެ ގިނަ މީހުންނަކީ ނިކަމެތިންނޭ. އެމީހުންނަކީ، އެމީހުންނަށް ރެޔާދުވާލަށް ބޮލަކަށް ވިހި ފަނަރަ ރުފިޔާ އާމްދަނީގެ ގޮތުގައި ނުލިބޭ މީހުންނޭ. އެމީހުންނަކީ، އ.ދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުންނޭ. ޤައުމެއް ތަރައްޤީވެއެއް ނުދާނެ، އެރަށެއްގެ، އެޤައުމެއްގެ ރައްޔިތުންގެ ގިނަ ބައިވަރު މީހުންނަކީ ނިކަމެތިންގެ ގޮތުގައި އޮތްހާ ހިނދަކު. އަޅާ ބޮޑު ޢިމާރާތަކުން، ކުރެވޭ ބޮޑު ބިނާއަކުން އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުހޯދޭނެ. ތަރައްޤީވާން މިޖެހެނީ މުރައިދޫ މީހާ. މުރައިދުއެއް ނޫން. ކުރިއަރައިދާން މިޖެހެނީ އިންސާނާ. ތަރައްޤީއަކީ ޙަޤީޤަތުގައި އިންސާނާ ތަރައްޤީވުން. މުރައިދޫ މީހާ ތަރައްޤީވުން.
 
ޕާޓީގެ އެއް ވަޢުދަކަށްވީ، ޕާޓީގެ ސަރުކާރެއްގައި، ބޭސް ސިޓީއަށް ސަލާންޖެހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނައްތާލަދޭނަމޭ. އެހެންވީމާ، ސަރުކާރުގެ ސިޔާސަތު ތަންފީޛު ކުރަން ފެށުނީ. މަދަނައިގެ ވިއުގަ އުފެދިގެން އައީ. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ،       މި މުރައިދޫގެ 127 މީހުންނަށް ގަވާއިދުން މަދަނައިގައި ރަޖިސްޓްރީ ކުރެވި، އެމީހުންނަށް ބޭސްފަރުވާ ލިބުމުގެ އެންމެހާ ކަންކަން ހަމަޖެހިފައި އޮތީތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މިދިޔަ އަހަރު، 2010 ވަނަ އަހަރު މި މުރައިދޫގެ ރައްޔިތުންގެ ތެރެއިން، މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާ ބޭފުޅުންނަށް، ބޭސްފަރުވާއަށްޓަކައި ތިންލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައި އޮތީތީވެ. މިދެންނެވި ތިންލައްކަ ރުފިޔާއަކީ، އެއްވެސް ހާލެއްގައި، މިރަށުގެ ހެލްތް ސެންޓަރަށް ދެވުނު ލާރިއެއް ނޫން. ހެލްތް ސެންޓަރު މީހުންގެ މުސާރައަށް ދެވުނު ފައިސާއެއް ނޫން. އެތަނުގެ ކަރަންޓް ބިލަށް ދެވުނު ފައިސާއެއް ނޫން. އެތަނުގެ އެހެން އެއްވެސް ޚަރަދަކަށް ދެވުނު ފައިސާއެއް ނޫން. އަދި އެފައިސާއަކީ ހަމަ ސީދާގޮތުގައި، މި މުރައިދޫ ރައްޔިތުންގެ ތެރެއިން މަދަނައިގައި ރަޖިސްޓްރީވެފައި ތިބި މީހުން، ބަލިވީތީވެ، އެމީހުންނަށް ބޭސްފަރުވާ ކޮށްދިނުމަށް ޚަރަދު ކުރެވުނު ފައިސާ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިއަހަރުގެ ބަޖެޓްގައިވެސް، 2011 ވަނަ އަހަރުގެ މާލިއްޔަތުގައި، މިރަށުގެ މަދަނައިގައި ރަޖިސްޓްރީ ކުރެވިފައި ތިބި 127 މީހުންނަށް، ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، ބޭސްފަރުވާއަށްޓަކައި ފޮރުވިފައި އޮތީތީވެ.
 
އަޅުގަނޑު މާލޭ ވިޔަފާރިވެރިން ގާތުގައި އަހަން. މާލޭގައި މީގެ ތިން ހަތަރު އަހަރު ކުރީގައި، މީހުން ބޭސްފަރުވާއަށް ބޭސް ސިޓީ ހިފައިގެން ސަލާންޖަހަން އައި މިންވަރަށް މިއަދުވެސް އާދޭތޯ. މާލޭ ވިޔަފާރިން އަޅުގަނޑު ގާތުގައި ބުނަނީ، ރައީސް، މިހާރު އެކަން ހިނގާލެއް ވަރަށްމަދޭ. އަޅުގަނޑަށް ޔަޤީން، މުރައިދޫގެވެސް ތަނަވަސް މީހުންނަށް، މިކަން ވަރަށް ބޮޑަށް ސާފުވެފައި އޮންނާނެ. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ސަލާމަތްކޮށްދިނުން. ރައްޔިތުންނަކީ، އެމީހުންގެ ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި، ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީ ހިފައިގެން، އެއްމަހުޖަނެއް ގާތުން، އަނެއް ސާދާގަރެއް ގާތުން ސަލާން ޖަހަމުން ހިނގާންޖެހޭ ބަޔަކަށްވަނީނަމަ، ދެން         އެ ރައްޔިތުންގެ ޤަދަރާއި، އެ ރައްޔިތުންގެ ޢިއްޒަތެއް ނުހޯދޭނެ، ނުހިފެހެއްޓޭނެ. އަޅުގަނޑުމެންގެ ބޭނުމަކީ، ކޮންމެ މުރައިދޫ ރައްޔިތަކީވެސް، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ މުރައިދޫ މީހެކޭ. ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން މަސައްކަތްކޮށް، ތިމަންނާގެ އަނބިދަރިން ބަލަހައްޓާ މުރައިދޫ މީހެކޭ ބުނެ، ހަމައިސްކޮޅަށް ހިންދެމިލެވޭ މުރައިދޫ ރައްޔިތަކު އުފެއްދުން، އަޅުގަނޑުމެންގެ އަމާޒަކީ. މި ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، މިދެންނެވި މަގަށް. އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެވިގެން މެނުވީ، އަޅުގަނޑުމެން މި ބޭނުންވާ ބަދަލު، އަޅުގަނޑުމެން މިބޭނުންވާ އިޞްލާޙު، އަޅުގަނޑުމެން މި ބޭނުންވާ އަނެއް ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.
 
މި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ހަމަގައިމުވެސް ގަބޫލުކުރި ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކުން. އަޅުގަނޑުމެން ޕާޓީގެ ފަރާތުން ރާއްޖޭގެ ރަށްރަށަށް، އެއްރަށުން އަނެއް ރަށަށް ޒިޔާރަތް ކުރަމުން ދިޔައިން. މީހުންނާ ބައްދަލުކުރިން. އަދި އަޑުއަހާ، ތަންތަން ބަލަމުން ދިޔައިން. އަޅުގަނޑުމެންނަށް ނުހަނު ގިނަ އެއްޗެހި ފެނުނު. މިހާރުވެސް ފެނޭ. އަޅުގަނޑުމެންނަށް އެނގޭ، ކުރިއަށް އޮތް ތަނުގައިވެސް ފެންނާނެކަން. ރަށްރަށުގައިވެސް، ހޮޅުއަށިތަކާއި ރުއްރުއްދަށުގައި، ގޮނޑުދޮށްތަކުގައި، މާލޭގައިވެސް ގޯތިތައް ފޮތިކުރަމުން ކުރަމުން އައިސް، އެންމެފަހުން ކުރީގައި ބަދިގެހުރި ތަނުގައި ހުރި ކޮޅުފިލާގޮނޑިއެއްގައި ހުއްޓި ވެއްޓިފައި އޮތީ މަންމަ، މާމަ، ކާފަ ނުވަތަ ބައްޕަ. މި ޕާޓީން ވަޢުދުވީ، ރާއްޖޭގެ 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. މިއަދު އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ،       މި ޕާޓީއަށް ހިތްވަރު ލިބެނީ، މި ސަރުކާރަށް އުފާވެރިކަން ލިބެނީ، މި މުރައިދޫގެ 36 ރައްޔިތަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ދެވެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި މުރައިދުއަށް ކޮންމެ މަހަކު ހަތްދިހަ ދެހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ދިނުމުގެ ފުރްޞަތު، އަޅުގަނޑުމެންނަށް ލިބިފައިވާތީވެ.
 
 އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، ނުކުޅެދޭ ފަރާތްތަކަށްދެވޭ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، މި ޕާޓީގެ ސިޔާސަތެއް. މި ޕާޓީގެ އަމާޒެއް. މި ސަރުކާރު ތަންފީޛު ކުރަމުންދާ ސިޔާސަތެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި މުރައިދޫގެ 5 މީހަކަށް، މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީ ދެވެމުން ގެންދެވޭތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި، މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަމަށް، މިރަށަށް އަށާރަހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތީތީވެ.
 
 ބައެއްފަހަރަށް އިވޭ އަޑެއް، މިވެނި އެވެނި ކަމެއް ކުރީ ތިމަންނާއޭ. ތެދުފުޅެއް. އެހެން އަޅުގަނޑުމެން ގަބޫލުކުރަން. ކުޅުދުއްފުށީ ބިން ހިއްކީވެސް ކުރީ ސަރުކާރުން. ސާކް ސަމިޓް ބާއްވަން ނިންމީވެސް ކުރީ ސަރުކާރުން. މިވާހަކަ މިހެން ދައްކަމުންދިޔައިރެއްގައި، އަޅުގަނޑުގެ ރައްޓެއްސަކު އަޅުގަނޑު ގާތުގައި އަހައިފި، ރައީސޭ މަގޭ ދެދަރިން ލިބުނީވެސް، މިދިޔަ ދައުރުގައޭ. އަނެއްކާ ކާކު ކުރި ކަމެއްބާއޭ އެއީ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ކަމެއްގެ ނަމެއް ލިބުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖެ ތަރައްޤީ ކުރުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، މުރައިދޫގެ ތަރައްޤީއަށްޓަކައި. ތިލަދުންމަތީގެ ތަރައްޤީއަށްޓަކައި. ރާއްޖޭގެ އިޞްލާޙަށްޓަކައި. މި ވެރިކަމުގައި އަޅުގަނޑުމެން މިތިބެނީކީއެއް، ވެރިކަމުގެ ލައްޒަތަށްޓަކައި، ޖާހަތަށްޓަކައި، އަރާމަށްޓަކައެއް ނޫން. އަޅުގަނޑުމެން ވެރިކަމުގައި މިތިބެނީ، ހަމަ އެންމެ ބޭނުމަކަށްޓަކައި. އަޅުގަނޑުމެން، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. ރައްޔިތުންނަށް އަޅުގަނޑުމެން ޚިދްމަތް ކުރުމަށްޓަކައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އެންމެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދުލެއް ނުކޮށްލާނަން، ތިޔަބޭފުޅުންނަށްޓަކައި ދިހަ ބާރަ ގަޑިއިރު މަސައްކަތް ނުކޮށެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ ފައިސާގައި، ލޯ ލާރިއެއްގައިވެސް އަޅުގަނޑެއް އިރާދަކުރެއްވިއްޔާ ނުޖެހޭނަން.
 
އަޅުގަނޑުމެންނެއް ކަންކަމުގެ ނަމެއް ބޭނުންވެގެނެއް ނޫޅެމު. އަޅުގަނޑުމެން ބޭނުންވަނީ، ތިޔަބޭފުޅުންނަށް ލުއިފަސޭހަ ލިބުން. މި ސަރުކާރުން އަބަދުވެސް ދައްކަމުން ގެންދިޔަ ވާހަކަތައް ޙަޤީޤަތަކަށް ހެދުމަކީ، އަޅުގަނޑުމެންގެ އަބަދުވެސް އަމާޒު. ކިތަންމެ ބައެއް، ކިތަންމެ ގޮތަކަށް އަޅުގަނޑުމެންނާ ގުޅޭގޮތުން ވާހަކަ ދައްކާނެ. އެތައް ވާހަކައެއް، އެތައް މަލާމާތެއް އަދި ކިތަންމެ ކިތަންމެ ފާޑުކިޔުމެއް އަޅުގަނޑުމެންނަށް ރައްދުވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އަމާޒަކަށް، އަޅުގަނޑުމެންގެ މީޒާނަކަށް، އަޅުގަނޑުމެންގެ މަޤްޞަދަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެންނަކަށް ގުޑުމެއް ނާންނާނެ. އަޅުގަނޑުމެންގެ ޢަޒުމް ވަރުގަދަވާނެ. އަޅުގަނޑުމެންގެ އިރާދަކުރެއްވިއްޔާ، ހިތްވަރު ހުންނާނެ. އަދި މިމަސައްކަތް ކުރާނެ ޙިކްމަތް، ވިސްނުން، ކެތްތެރިކަން އަޅުގަނޑުމެންގެ ކިބައިގައި ލިބިގެންވާނެ.
 
ތަރައްޤީވާން މިޖެހެނީ މުރައިދުއެއް ނޫން. ތަރައްޤީ ކުރަން މިޖެހެނީ މުރައިދޫ މީހާ. ތަންދޮރު އެނގެން މިޖެހެނީ މުރައިދޫ މީހާއަށް. ތަނަވަސްކަން ލިބެން މިޖެހެނީ މުރައިދޫ މީހާއަށް. ސަރުކާރުގެ އަމާޒަކީ ސިޔާސަތުތަކެއް ތަންފީޛު ކުރުން. ތިޔަބޭފުޅުން މުއްސަނދިވާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، މުރައިދޫ ރައްޔިތުން މުއްސަނދި ކުރުން. މުރައިދޫ ރައްޔިތުންގެ އަތުގައި ގިނަ ބައިވަރު ފައިސާ އޮންނާނެ ގޮތެއް ހޯދުން. ސަރުކާރުންދޭ އެހީއަށްވެސް، ސަރުކާރުން ތަންފީޛުކުރާ ސިޔާސަތެއްވެސް ތަންފީޛު ކުރަމުން ގެންދާނީ، މިދެންނެވި އަމާޒަށްޓަކައި. މިދެންނެވި ބޭނުމަށްޓަކައި. އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ އަޅުގަނޑުމެން ހޯދުމަށްޓަކައި، މި މުރައިދޫގެ ތަރައްޤީ އަޅުގަނޑުމެން ހޯދުމަށްޓަކައި، މުރައިދޫގެ މަދްރަސާ އެއީ، އެ ތަރައްޤީ ލިބޭނެ ނާރެސް. މަދްރަސާ ތަރައްޤީވެގެން ނޫނިއްޔާ، މަދްރަސާގެ ތަޢްލީމީ ފެންވަރު ކުރިއަރައިގެން މެނުވީ، އަޅުގަނޑުމެން މި ބޭނުންވާ ބަދަލު، އަޅުގަނޑުމެން މި ބޭނުންވާ އިޞްލާޙް، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.
 
މިދިޔަ އަހަރު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މުރައިދޫ މަދްރަސާގައި        3 ކްލާސްރޫމް ޢިމާރާތް ކުރެވި، އަދި މި މަދްރަސާގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވި، އިރާދަކުރެއްވިއްޔާ، މިހާރު ވަށާޖެހޭ ތަޢްލީމެއް، މި މަދްރަސާގައި ދެމުން ގެންދާތީ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ އަހަރު މުރައިދޫ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި ފަސްދޮޅަސް ނުވަހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައިވާތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މުރައިދޫ ދަރިވަރުންނަށް ބޭރުގެ އިމްތިޙާންތަކުގައި ބައިވެރިވުމަށް ނަވާރަހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައިވާތީވެ. މިދެންނެވި އެންމެ ކަންތައްތަކުގެ ސަބަބުން، ދެން އައި ބަދަލާ ގުޅޭގޮތުން އަޅުގަނޑުމެން ޙަޤީޤަތުގައި ހިނިތުންވަނީ.
 
އެނގިވަޑައިގަންނަވާނެ، އިއްޔެގައި އޯ ލެވެލް އިމްތިޙާންގެ ނަތީޖާ ނުކުމެއްޖެ. މުރައިދޫ މައިންބަފައިންނަށް، މުރައިދޫ ދަރިވަރުންނަށް، އެންމެ ބޮޑަށް މިކަން ސާފުވާނެ. އޭގެކުރީ އަހަރު އިމްތިޙާންގައި ބައިވެރިވި ކުދިންތަކުގެ ތެރެއިން، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވި ކުދިންތަކުގެ ތެރެއިން ކުއްޖަކު ފާހެއްނުވޭ. މިއަހަރު ކިހިނެއްތޯވީ. މިދިޔަ އަހަރު، މިއަހަރު އޯ ލެވެލްގައި ބައިވެރިވި ކުދިންތަކުގެ ތެރެއިން، މި މުރައިދޫގެ ގިނަ ކުދިން ވަނީ ފާސްވެފައި. 5 މާއްދާއިން ފާސްވެ، ވަރަށް ފުރިހަމަ ނަތީޖާއެއް މުރައިދޫ ދަރިވަރުން މިއަހަރުވަނީ ހޯދާފައި. އަޅުގަނޑު މަދްރަސާގެ ހުރިހާ ޓީޗަރުންނަށާއި، ބެލެނިވެރިންނަށާއި، މައިންބަފައިންނަށާއި، ދަރިވަރުންނަށް އަދި މަދްރަސާ ހިންގާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، އެބޭފުޅުންނަށް މަރްޙަބާއާއި މުބާރަކްބާދީ އަދާކުރަން.
 
އަޅުގަނޑުމެންގެ ބޭނުމަކީ މުރައިދޫގެ ތަރައްޤީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން އަބަދުވެސް ގެންދާނީ، މި ރަށް ބަދަލުކުރުމަށްޓަކައި. މިދެންނެވިހެން އެކަން ކުރުމަށްޓަކައި ބޭނުންވާ ކަންކަން ނުހަނު ގިނަ. މުރައިދޫގެ އިޖްތިމާޢީ ރައްކާތެރިކަމާއި، އަދި ފުރިހަމަ ޞިއްޙަތަކާއި، ރިވެތި ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ޢުމްރާނީ ބަދަލުތަކެއްވެސް އެބަ ބޭނުންވޭ. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، ތިޔަބޭފުޅުންގެ ނަރުދަމާ، މިއަހަރުގެ ބަޖެޓްގައި ހިމެނި، އިރާދަކުރެއްވިއްޔާ މިއަހަރު ލެވޭނެތީވެ. ނަރުދަމައަށްޓަކައި، ނަރުދަމާ ތިޔަބޭފުޅުންނަށް ހޯދައިދިނުމުގައި، ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ކޮށްދެއްވި މަސައްކަތަށް، އަޅުގަނޑު މިފަހަރު މުރައިދޫ ރައްޔިތެއްގެ ޙައިޘިއްޔަތުން، އެބޭފުޅާއަށް ޝުކުރު ދަންނަވާނަން. އަޅުގަނޑު އެހެންވެ ތިޔަބޭފުޅުންގެ ކިބައިން އެދެނީ، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ލައިދެއްވާށޭ. އަޅުގަނޑު އެދުވަހުވެސް ދެންނެވިން، އަޅުގަނޑު ބޭނުމޭ، ތިޔަބޭފުޅުންގެ ނަރުދަމާ އަޅަން. އަޅުގަނޑު ބޭނުމޭ، މި ރަށްރަށަށް ސާފު ބޯފެންދޭން. އަޅުގަނޑު ބޭނުމޭ، މިރަށުގެ މަދްރަސާ އެއީ، އެއްދަންފަޅިއަށް ކިޔަވައިދޭ މަދްރަސާއަކަށް ހަދަން. އަޅުގަނޑު ބޭނުމޭ، މިރަށުގައި ވަޒީފާގެ ފުރްޞަތުތައް އިތުރުކުރާން. އަޅުގަނޑުމެން އެދެމޭ، މި ރަށް ބަދަލުކުރަން. އަޅުގަނޑުމެން އެދެނީ އެހެން މުރައިދުއެކޭ. އަނެއް ދިވެހިރާއްޖެއޭ. އަޅުގަނޑުމެން އެދެނީ، އަނެއް ދިވެހިރާއްޖެ، މިރަށަށް ގެނައުމަށޭ. އަޅުގަނޑުމެން އައިސް މިތިބީ، ގެންނާނަމޭ ކިޔާފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ގެންނާނަން.
 
ޤައުމެއް، ރަށެއް ތަރައްޤީވެ މިދަނީ، އަޅުގަނޑު އަބަދުވެސް އެބަ ފާހަގަކުރަން، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރެވުނީމާ. ހަމަ ޖެހުނު ކަމެއް ކުރީމަކާއެއް، ކޮންމެހެނެއް އަޅުގަނޑުމެން މި ބޭނުންވާ ބަދަލެއް ނުގެނެވޭނެ. ތަރައްޤީއަކީ ބޮޑުހިލައިން މިނާ އެއްޗެއް ނޫން. ތަރައްޤީއަކީ އެއްގަމު ތޮށިން މިނާ އެއްޗެއްވެސް ނޫން. ސަހަރާ ވަށާފާރުން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ ސީދާ މީހާ ތަރައްޤީވުން. މީހާ ތަރައްޤީ ވާނީ، ވިޔަފާރިވެސް ތަރައްޤީވެގެން. ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި، ފުރިހަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ކޮންމެހެން ބޭނުން. ސަރުކާރުން، ޕާޓީން ވަޢުދުވީ، ރާއްޖޭގެ ރަށްތައް، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން، މި ސަރުކާރުން ގުޅާލަދޭނަމޭ. ސަރުކާރުން ސިޔާސަތު ހިންގަމުން މިގެންދަނީ، ސަރުކާރުގެ ސިޔާސަތަކީ، 7 އަހަރު ދުވަހުގެ ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމް ކުރުން. އަދި ހަމަ ފުރަތަމަ ދެއަހަރު، އޭގެ އަސާސީ ޚިދްމަތްތައް ދޭން ފެށުން. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި،     މި ފެބްރުއަރީ މަސް ނިމޭއިރުގައި، ކޮންމެ ދުވަހަކު އެއްފަހަރު މުރައިދޫން ފުރޭނެ. ކޮންމެ ދުވަހަކު އެއްފަހަރު މުރައިދުއަށް އާދެވޭނެ. ތިޔަބޭފުޅުންނާ ދިއްދުއާވެސް، ތިޔަބޭފުޅުންނާ ކުޅުދުއްފުށްޓާވެސް، ބާރަށާވެސް، ކެލައާވެސް، ހޯރަފުށްޓާވެސް، އިހަވަންދުއާވެސް އަދި މުޅި ތިލަދުންމައްޗާއި، ށ.އަތޮޅާވެސް އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި ލާމެހި ގުޅާލެވޭނެ.
 
ބޭނުމަކީ ހަމަ މުއްސަނދިކަން. ބޭނުމަކީ ފައިސާ. ބޭނުމަކީ ތިޔަބޭފުޅުންގެ ޖީބަށް މިއަދު މިލިބޭ، ވަންނަ މިންވަރަށްވުރެ އިތުރު މިންވަރެއް ވެއްދުމަށް މަސައްކަތް ކުރުން. މި ސަރުކާރުގެ އެންމެ ސިޔާސަތުތައް އަމާޒުވެފައި ހުންނާނީ، މިދެންނެވި މިޞްރާބަށް. މިދެންނެވި މީޒާނަށް. ތަރައްޤީއަށްޓަކައި މިރަށުގައި އެޅޭ އެންމެ މުހިންމު ބިންގާ އެޅެނީ، ފެބްރުއަރީ 5 ވަނަ ދުވަހު. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގައިގެން މެނުވީ، ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހޯދަން އުނދަގޫވާނެ. ރައްޔިތުންނާ ގާތުން، ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ކުރެވޭނޭ އިންތިޒާމެއް ނުހޯދައި، ޤައުމުތައް ތަރައްޤީވެ ގޮސްފައެއްނުވޭ.
 
ލާމަރްކަޒީ އުޞޫލަކީ، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވާނަން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފިކުރެކޭ. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު، އެ އުޞޫލުތަކުގެ ތެރެއަކު، އެ ސިފަތަކުގެ ތެރެއަކު، ލާމަރްކަޒީ އުޞޫލެއް ހިމެނިފައެއްނުވޭ. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު، އޭގައި ލިޔެވިފައި އޮތީ، ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކޭ. އެހިސާބުން ލާމަރްކަޒީ ކުރާނެ ގޮތެއް ވަރަށް ދަތި. އެހެން ނަމަވެސް، އިރާދަކުރައްވައިގެން، މާފަހުން، އަޅުގަނޑުމެންގެ އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ހުށަހަޅުއްވައި، އެ އިޞްލާޙު ޤާނޫނުއަސާސީގައި ހިމެނި، އަޅުގަނޑުމެނަށް ޤާނޫނުއަސާސީ ފާސްވެ، ލާމަރްކަޒީ ބާބު، 8 ވަނަ ބާބު، ޤާނޫނުއަސާސީގައި ލިޔެވިފައި އެއޮތީ.
 
މިކަމާ ގުޅިގެން އަދި ތަންކޮޅެއް ހުތުރު ވާހަކައެއްވެސް ދަންނަވާލަން އެބަޖެހޭ. މިދެންނެވި ބާބު، މިދެންނެވި ފަހު މަރްޙަލާގައި، އެ ބާބު އަސްލަމަށް ހުށަހެޅުމަށް ފުރްޞަތު ލިބިގެންދިޔަ ގޮތް. ވާދަވެރި ޕާޓީން ބޭނުންވެލެއްވީ، ކުރީގެ ރައީސްގެ އިމްތިޔާޒުގެ ވާހަކައެއް، ޤާނޫނުއަސާސީގައި ލިޔުމަށް. ކުރީގެ ރައީސަށް ދަޢުވާ ނުކުރެވޭނެ ވާހަކައެއް، ޤާނޫނުއަސާސީގައި ލިޔުމަށް. އެކަން، އެމާއްދާ، އެ ޤާނޫނުއަސާސީގައި އެޅުމަށްޓަކައި، އެބޭފުޅުން ވިދާޅުވީ، އަޅުގަނޑުމެން ބޭނުމީ ކޮންކަމެއްހެއްޔޭ؟ އަޅުގަނޑު ވިސްނީ، އަޅުގަނޑުމެން ބޭނުމީ މާދަމައޭ. އަޅުގަނޑު އަބަދުވެސް ދަންނަވަން، މިއަދު މިއޮތީ ހަވީރުވެފައޭ. އިއްޔެ ނިމި ހިނގައްޖެއޭ. ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ހޯދެންއޮތީ މާދަމާ އެކަންޏޭ. އަޅުގަނޑުމެނަށް ކުރީގެ ރައީސް ފަހާދުވެގެނެއް، މާދަމައެއް ނުހޯދޭނޭ. ކުރީގެ ރައީސްގެ އިމްތިޔާޒުގެ ބަދަލުގައި އަޅުގަނޑުމެނަށް ލިބުނީ، ތިޔަބޭފުޅުންގެ ވެރިކަން ތިޔަބޭފުޅުންނަށް. ދެން ތަޤްދީރު ދިމާކުރީ އަދި މާ ދެރަ ގޮތަކަށް. އެއީ ކުރީގެ ރައީސްގެ އިމްތިޔާޒުގެ ވާހަކަވެސް ޤާނޫނުއަސާސީގައި ނުލިޔެވި، އެ މާއްދާ ފާސްނުވީ. އެހެންވީމާ، ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި، އަޅުގަނޑުމެނަށް މިއޮތީ ލާމަރްކަޒީ އުޞޫލު ލިބިފައި.
 
ކުރާން އަޅުގަނޑުމެން މިއުޅެނީ ވަރަށް ސާދާ ކަމެއް. ކުރާން އަޅުގަނޑުމެން މިއުޅޭ ކަމަކީ، އަޅުގަނޑުގެ ރަށުގައި، މާލޭގައި ހުރި އެއްޗަކުން ބައެއް މިރަށަށްދޭން، މުރައިދުއަށް. ޒަމާނުއްސުރެ ފަށައިގެން މާލެއަށް އެއްކޮށްފައި ހުރި ވެރިކަމުގެ ބާރުތަކުގެ ތެރެއިން ބައެއް މިރަށަށް ބަހާލުން. އަޅުގަނޑުމެން ގެންގުޅުނު ފިކުރަކީ، ޤާނޫނުއަސާސީގައިވާ ޝަރީޢަތް ކުރުމުގެ ބާރު އެއީ، ވަކި ބާރެއްގެ ގޮތުގައި ހަމަޖައްސައި، އެބާރު އެއީ، ސުޕްރީމް ކޯޓުން އޭގެ އެންމެ މަތީ ފަރާތުން ހިންގާ ބާރެއްގެ ގޮތުގައި ބަލައި، އެކަން ވެރިކަމުގެ ފަރާތުން ވަކިކުރުން. އިރާދަކުރައްވައިގެން، މިހާރުވަނީ އެކަން ކުރެވިފައި. ޤާނޫނުހަދާ މަޖިލީހުގެ ރައީސަކީ، މިހާރު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބޭފުޅެއް ނޫން. އަދި ޤާނޫނުހަދާ މަޖިލީހުގައި، ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބަކާ ނުލައި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބޭފުޅުންނެއް ނުތިއްބަވާ. އެ މަޖިލީހަކީ މުސްތަޤިއްލު މަޖިލީހެއް.
 
މިހާރު އަޅުގަނޑުމެން ކުރަމުން މިގެންދާ ކަމަކީ، ވެރިކަން ހިންގުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރި ތަންފީޛީ ބާރުގެ ތެރެއިން ތަންފީޛު ކުރުމުގެ ބައެއް މަސައްކަތްތައް، ބައެއް ބާރުތައް، މިރަށްރަށަށް ދިނުން. އަޅުގަނޑު މިދެންނެވި ބާރުތައް، ވެރިކަމުގެ ބާރުތައް މާލެއަށް އެއްކޮށްފައިވަނީ، މާލޭގެ ޒަމާންވީ ވެރިކަމުގެ ޚާންދާންތަކުން. އަޅުގަނޑުގެ ރަށުގައި، މާލޭގައި ދާދިފަހަކާ ޖެހެންދެންވެސް، ހަމަގައިމުވެސް އަޅުގަނޑުމެންގެ މައިންބަފައިންވެސް ގަބޫލުކޮށް އުޅެނީ، މާލެއަކީ މުލީގޭ ދޮން ޙަސަންމަނިކުގެ މިލްކެއް ކަމަށް. ދޮން ބަންޑާރައިންގެ ތަނެއް ކަމަށް. ދޮން ބަނޑާރައިންގެ އައުލާދުގެ ބޭބޭފުޅުން މިއަދު ތިއްބެވިތަން ތިޔަބޭފުޅުން ބައްލަވާލައްވާ. އެހުރިހާ ބޭފުޅުން އެތިބީ، އެމް.ޑީ.ޕީ.ގެ ލީޑަރޝިޕްގެ ކުރީސަފުގައި. މިއަދު އެބޭފުޅުން ނުކުންނަވައި، ތިޔަބޭފުޅުންނަށް، އެބޭފުޅުންގެ މައިންބަފައިން އެއްކުރި، އެބޭފުޅުންގެ ކާބަފައިން އެއްކުރި ބާރުގެ ބައެއް ތިޔަބޭފުޅުންނަށް ދޭން އަޅުގަނޑުމެން މިއުޅެނީ. އެހެން އުޅޭ އުޅުމުގައި، ނުބައި ގެއަށް ތިޔަބޭފުޅުންނަށް ވަޑައިގެންނެވިއްޖިއްޔަކާއެއް އެ ނުލިބޭނެ. އޮތް ގެއަށް ވަޑައިގެންނެވިއްޖިއްޔާ އެ ލިބޭނީ. އެ ބާރު އޮތީ ވެރިކަމުގެ ފަރާތުގައި. އެ ބާރު ދޫކުރާންވެސް މިއުޅެނީ ވެރިކަމުގެ ފަރާތުން.
 
އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންނަށް ވެރިކަމުގެ ބާރު ދޫކޮށްލުން. އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންގެ ތަރައްޤީ. އަޅުގަނޑުމެންގެ އަމާޒަކީ، މިރާއްޖެ ބަދަލުވުން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިމަސައްކަތް ރަނގަޅަށް ހިންގޭނެ. އަޅުގަނޑަށް ފެންނަމުން މިދަނީ، ދުވަހެއް ދުވަހަކަށް އަޅުގަނޑުމެން ހިންގަމުން ގެންދާ މަސައްކަތްތަކުގެ ނަތީޖާ، ފުރިހަމަ ނަތީޖާ ފެންނަމުންދާތަން.
 
މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިޙާނަކީ ކުޑަކުޑަ ނަތީޖާއެއް. ބައްލަވާ، މިރަށުގެ އިޖްތިމާޢީ ރައްކާތެރިކަން ހުރީ ކިހިނެއްތޯ. ބައްލަވާ، މިރަށުގެ ދޮށީ ޢުމުރުގެ ކިތައް މީހުންތޯ މިއަދު ބަލިވެއުޅެނީ. ބައްލަވާ، މިއަދު އޭގެ ކިތައް މީހުންތޯ، މިއަދު ނުކުމެ އެއުޅެނީ. ބައްލަވާ، ފިރިއެއްނެތި ދަރިންކޮޅު ގޮވައިގެން އުޅޭ ނިކަމެތި އަންހެނުންނަށް، ކުރީގައި ދިމާވެފައި އޮތްގޮތާއި، މިހާރު ދިމާވެފައި އޮތް ގޮތް. ބައްލަވާ، ބޭސް، ބައްލަވާ، ބައްޔެއްވެގެން ބޭސްފަރުވާއަށް އެދި، އަދި ބޭސް ސިޓީއެއް ލިބުނެއް ކަމަކު، ޑޮކްޓަރަށް ދެއްކުނެއް ކަމަކު، ބޭސްކޮޅެއް ނުލިބި، އެއްތަނުން އަނެއް ތަނަށް ހިނގަން ޖެހުނު މީހުންނަށް، މިއަދު ލިބިފައިވާ ބަދަލު. ބަދަލުތައް ބަލަން ބޭނުން ބޭފުޅުންނަށް، ބަދަލު ފެންނާނެ. އަޅުގަނޑުމެންނެއް ޝަކުވާއެއް ނުކުރާނެ، ތިޔަބޭފުޅުން އެ ބަދަލުނުވާ ކަމަށް އަދި ވިދާޅުވިއެއްކަމަކު. އަޅުގަނޑަށް ޔަޤީން، ކަށަވަރު، ތިޔަބޭފުޅުންގެ ހިތްތަކުގައި، ވީގޮތް ވަރަށް ސާފުވާނެ. އަޅުގަނޑަށް ޔަޤީން، ކަށަވަރު، މި މުރައިދޫގެ ރައްޔިތުންނަށް، މި ރާއްޖެއަށް ވަމުންމިދާގޮތް ވަރަށް ސާފުކޮށް އެނގޭނެ.
 
އަޅުގަނޑުގެ އުންމީދަކީ، އަދި އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން މި ސަރުކާރަށް،      މި ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށްޓަކައި، ތިނޯހެއްގެ ފަށައިގެ، ޖާގައިގެ މިންވަރު ނަމަވެސް ދެއްވުން. ޒައްރެއްގެ މިންވަރުގެ ޖާގަ، އަޅުގަނޑުމެންނަށް ދެއްވިޔަސްވެސް، މޭލެއް އިރާދަކުރެއްވިއްޔާ އަނބުރާދޭނަން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖޭގެ ތަރައްޤީ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________