بســماللّـهالرّحمـنالرّحيــم

 
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ދައުލަތުގެ ވަޒީރުން އަދި ވަކިން ޚާއްޞަކޮށް، މީދޫގެ ވެރިންނާއި، އަޅުގަނޑުމެންގެ ލޮބުވެތި މީދޫ ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެންގެ ދަތުރު ގޯސްވެ، މިތަނަށް އައުން ވަރަށްބޮޑުތަނުން ލަސްވެ ހިނގައްޖެ. އެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މަޢާފަށް އެދެން. އަޅުގަނޑުމެން އުންމީދުކުރި ގަޑިއަށްވުރެ، އަޅުގަނޑުމެންނަށް މި އާދެވުނީ މާފަހުން. އެހެން ނަމަވެސް، އަޅުގަނޑުމެން،      2008 ވަނަ އަހަރު، ރާއްޖޭގެ ރައްޔިތުންނަށް ހުށަހެޅި ސުވާލެއް. 2008 ވަނަ އަހަރު މި ރާއްޖެ އޮތީ، ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި. އެދުވަހު އަޅުގަނޑުމެންނަށް އޮތް، ޚަރާބުގެ މަގު ޚިޔާރު ކުރެވެންވެސް. އެދުވަހު އަޅުގަނޑުމެންނަށް އޮތް މުޅިން އެހެން ގޮތެއް، އަޅުގަނޑުމެންގެ ޙަޔާތް ބަދަލުކުރާނެ ގޮތެއް، އެހެން ދިވެހިރާއްޖެއެއް، އެހެން ގޮތެއް ހޯދެން. އަޅުގަނޑުމެން، ރާއްޖޭގެ ރައްޔިތުން، ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ނިންމީ، އަނެއް ދިވެހިރާއްޖެ، އެހެން ދިވެހިރާއްޖެއެއް، އެމީހުން އެދޭ ކަމަށް. އެހެން ގޮތަކަށް މީދޫ ރައްޔިތުން އުޅުމަށް، މީދޫ ރައްޔިތުން އެދޭ ކަމަށް. މީދޫ ރައްޔިތުންނަށް ޒަމާންތަކަކަށްފަހު ވެފައި ތިބި ގޮތް، އެބޭފުޅުންގެ ޙަޔާތް، ތިޔަބޭފުޅުންގެ ޙަޔާތް، ތިޔަބޭފުޅުންގެ މުސްތަޤްބަލް، ތިޔަބޭފުޅުން ބަދަލުކުރުމަށް އެދި ތިބި މިންވަރު، ތިޔަބޭފުޅުން އެދުވަހު ވޯޓް ދެއްވި ގޮތުން އަޅުގަނޑުމެންނަށްވެސް އަދި މުޅި ދުނިޔެއަށްވެސް ވަރަށް ސާފުވެގެންދިޔަ.
 
އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، ތިޔަބޭފުޅުން ކުރި މަސައްކަތެއްގެ ރަނގަޅު ހެޔޮ ނަތީޖާ، ތިޔަބޭފުޅުންނަށް ލިބޭނެކަމީ، ހަމަ ޔަޤީން ކަށަވަރު ކަމެއް. އިރާދަކުރެއްވިއްޔާ، މިޕާޓީގެ ފަރާތުން މީދޫ ރައްޔިތުންގެ ހާލުއަހުވާލާއި އަދި މީދޫ ރައްޔިތުން އުޅެމުން އައި ގޮތާއި އަދި މިހާރުވެސް އުޅެމުން އަންނަ ގޮތާއި، މީދޫ ރައްޔިތުންގެ ހަޔާތް ނުވަތަ މުސްތަޤްބަލް ބަދަލުކުރުމަށް، ކުރާންހުރީ ކަންކަމަކީ ކޮބައިތޯ އަބަދުވެސް ބަލައި ދިރާސާކުރޭ. މި ސަރުކާރު އުފެދިގެން އައީ، މީދޫގެ ތަރައްޤީގެވެސް ތަޞައްވުރެއް ސަރުކާރުގެ ކިބައިގައި އޮވެގެން. ޕާޓީގެ ކިބައިގައި އޮވެގެން.
 
ސަރުކާރުން، ޕާޓީން އެހި އަޑުން ފާހަގަވެގެންދިޔަ ކިތަންމެ ޙަޤީޤަތްތަކެއް އެބަހުރި.  މި ތަނަވަސް މީދޫގެވެސް މި މަސްވެރިރަށުގެވެސް ވަރަށްގިނަ ރައްޔިތުންނަކީ ނިކަމެތިން. އެމީހުންނަކީ، އެމީހުންގެ އާމްދަނީގެ ގޮތުގައި ރެޔާދުވާލަށް ވިހި ފަނަރަ ރުފިޔާ ނުލިބޭ މީހުން. އެމީހުންގެ ވަރަށް އާދައިގެ ބޭނުންތަކަށްވެސް، ވަރަށް ގިނައިން އެހެން މީހުންނަށް ބަރޯސާ ކުރަން ޖެހިފައި ތިބި، ހާލުގައި ތިބި ބައެއް. ސަރުކާރުން ފުރިހަމައަށް ގަބޫލުކުރޭ، މިދިޔަ ދިގު 30 އަހަރުވެސް އަދި މިދިޔަ ދެއަހަރުވެސް، ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން ދެމުން ގެންދިޔަ ކިތަންމެ ޚިދްމަތެއް، ދެމުން ގެންދެވިފައިވަނީ، ސަރުކާރު އެންމެ އެދޭ މިންވަރަކަށެއް ނޫން. ކަންކަން އިޞްލާޙު ކުރުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. މިކަން މިހެން އޮތްއިރު، ސަރުކާރަށް ފާހަގަވާ، ޕާޓީއަށް ފާހަގަވާ އިތުރު އަދި މާބޮޑު ޙަޤީޤަތެއް އެބައޮތް. މިދެންނެވި ކަމުނުދާ، މިދެންނެވި ހިތްހަމަނުޖެހޭ ޚިދްމަތްތަކަށްވެސް، މި މީދޫގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށް އަތެއް ނުފޯރައޭ. އެހެންވީމާ، ޕާޓީގެ ސާދާ ބަހުން ޕާޓީ ވަޢުދުވީ، ޕާޓީގެ ސަރުކާރެއްގައި ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާޖެހުން އިރާދަކުރެއްވިއްޔާ ނައްތާލާނަމޭ. މަދަނައިގެ ވިއުގަ އުފެދިގެން އައީ، މިދެންނެވި ހިސާބުން. އަޅުގަނޑުމެންގެ އަމާޒަކަށްވީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑަށް ހިތްވަރު ލިބެނީ، އަޅުގަނޑުމެން ޕާޓީއަށް އުފާވެރިކަން ލިބެނީ، މި ސަރުކާރަށް އިތުރަށް މަސައްކަތް ކުރުމުގެ ބާރާއި ޖޯޝް އަންނަނީ، މި މީދޫގެ ރައްޔިތުންގެ ތެރެއިން 188 މީހަކު، މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާތީވެ. އަދި މިދެންނެވި 188 މީހުންނަށް، ކޮންމެ މީހަކަށް،  2011 ވަނަ އަހަރުވެސް ބޭސްފަރުވާއަށްޓަކައި މާލިއްޔަތުގައި އެއްލައްކަރުފިޔާ ރައްކާ ކުރެވިފައި އޮތީތީވެ. އަދި އޭގެއިތުރުން، 2010 ވަނަ އަހަރު، މީދޫ ރައްޔިތުންގެ ތެރެއިން ނިކަމެތިންނަށް، ބޭސްފަރުވާ ނުލިބޭ، މަދަނައިގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް، ބޭސް ގަންދިނުމުގެ ގޮތުން، ދެލައްކަ ފަސްދޮޅަސް ދެހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތީތީވެ. އެ ފުރްޞަތު، މި ޕާޓީއަށް       އެ ފުރްޞަތު މި ސަރުކާރަށް ލިބިފައި އޮތީތީވެ.
 
ސަރުކާރުގެ އަމާޒަކީ މީދޫގެ ތަރައްޤީ. މީދޫ ތަރައްޤީ ކުރުމަށް، މީދޫގެ ނިކަމެތިންނާ އަޅާލުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. ޤައުމެއް ތަރައްޤީއެއް ނުވާނެ، އެބައެއްގެ ތެރޭގައި އުޅޭ ގިނަ ބައިވަރު މީހުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބިހާ ހިނދަކު. އަޅުގަނޑުމެންގެ އަބަދުވެސް ފުރަތަމަ ފިޔަވަޅަކީ، ފުރަތަމަ އަމާޒަކަށްވާންޖެހޭނީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ރައްޔިތުން ސަލާމަތް ކުރުން. މި ޕާޓީގެ ފަރާތުން ރައްޔިތުންނަށްވީ ކިތަންމެ ވަޢުދެއް އެބަވޭ. ސަރުކާރުގެ ސިޔާސަތު ބިނާވެފައި އޮތީ، ޕާޓީގެ ވަޢުދު ފުއްދުމަށް. އަދި މިހާރު އެ ސިޔާސަތު ތަންފީޛު ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން އެވަނީ ދައުލަތުގެ ބަޖެޓް ފާސްކޮށްދެއްވާފައި. އަޅުގަނޑުމެންނަށް ދެން އޮތީ، ހަމަ މަސައްކަތް ކުރުން. ފައިސާ މިއޮތީ އެއްކައިރި ކުރެވިފައި. ކުރާންވީ ކަންތައް މިއޮތީ ފާހަގަކުރެވިފައި. އެކަން ކުރާންވީ ގޮތް މިއޮތީ ކަނޑައެޅިފައި. އަޅުގަނޑުމެންނަށް ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް، އަޅުގަނޑުމެން މި އެދޭ އަނެއް މީދޫ، އަޅުގަނޑުމެންނަށް ދާދި އަވަހަށް ހޯދިދާނެ.
 
ގެއިން ގެއަށް، ދޮރުން ދޮރަށް، އެކެއް ގާތުން އަނެކެއް ގާތުން، އެއްރަށުން އަނެއް ރަށަށް، މި ޕާޓީގެ އެކްޓިވިސްޓުންނާއި، ޕާޓީގެ އެކިއެކި މެންބަރުން ހިނގި. ރާއްޖޭގެ ރައްޔިތުންގެ އަޑު، ޕާޓީން އެހި. އިވުނު އަޑުތައް ފުރޭނިގެން އައިސް، އޭގެ ޢަރަޤުގެ ގޮތުގައި އެހުރީ، ޕާޓީގެ ފަރާތުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ ގޮތުގައި. އެ ވަޢުދުތަކަކީ އެ ވަޢުދުތައް ފުއްދުމުން، މި ރާއްޖެ ބަދަލުވާނެ ކަންކަން. މި މީދޫ ބަދަލުވާނެ ކަންކަން. އަޅުގަނޑުމެންނަށް ދުށިން، ރާއްޖޭގެ ގޮނޑުދޮށްތަކުގައި، ރުއްރުއްދަށުގައި، ހޮޅުއަށިތަކުގައި އަދި މާލޭގައިވެސް ގޯތިގެދޮރު ފޮތިކުރަމުން ކުރަމުން އައިސް، އެންމެފަހުން ކުރީގައި ބަދިގެ ހުރި ތަނުގައި ހުރި ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި، ވެއްޓިފައި އޮންނަނީ ކާފަ ނުވަތަ މާމަ. މި ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި އޮތީ، ދޮށީ ޢުމުރުގެ މީހުން ނުހަނު މަސައްކަތް ކުރީތީ. އެމީހުން މަހަށް، ފަރަށް ދިޔައީތީވެ. އެމީހުން ރުކަށް، ވަލަށް ދިޔައީތީވެ. އޮޑިދޯނިފަހަރު ބަނީތީގެ. ވަޑާން ކުރީތީވެ. ގެދޮރު އެޅީތީވެ. އެމީހުން ނުހަނު ގިނަގުނަ އެތައް މަސައްކަތެއް ކުރީތީވެ. ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ، ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ދެކެވޭ ދެކުން. އެހެންވީމާ، ޕާޓީން ވަޢުދުވީ، ޕާޓީގެ ސަރުކާރެއްގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އާމްދަނީ މަދު ކޮންމެ މީހަކަށް، 65 އަހަރު ވެފައިވާ، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި މީދޫގެ 47 ޢުމުރުން ދޮށީ މީހަކަށް، ކޮންމެ މަހަކު މިދެންނެވި ޕެންޝަން ދެމުންދާތާ މިވީ ދެއަހަރު. އަދި ހަމައެހެންމެ، ކޮންމެ މަހަކު އެ ޕެންޝަނަށްޓަކައި، މިރަށަށް ނުވަދިހަ ހަތަރުހާސްރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ލިބިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.
 
އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ކުރާ ޚިދްމަތް، ކުރާ ހޭދަ، އެ ޢިނާޔަތުގެ ގޮތުގައި، މިރަށުގެ 8 ފަރާތަކަށް، މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި، ސާޅީސް ދެހާސް ރުފިޔާ ދެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މީދޫގެ ތަރައްޤީ. މީދުއެއް ތަރައްޤީއެއް ނުވާނެ، މީދޫގެ ގިނަ ރައްޔިތުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބިހާ ހިނދަކު. އަޅުގަނޑު އަތުގައި ކިތަންމެ ފައިސާއެއްވެސް ހުރެދާނެ. އަޅުގަނޑަކީ ވަރަށް ތަނަވަސް މަހުޖަނަކަށްވެސް ވެދާނެ. އެހެން ނަމަވެސް، އަޅުގަނޑާ ޖެހިގެން ހުރި ގޭ މީހާ، އޭނާގެ ދަރިންނަށް ސްކޫލަށް ފޮނުވަން ފޮތް، ފަންސުރު، ގަލަންނެތި، ޔުނިފޯމާއި ބޫޓްނެތި، އޭނާގެ މައިންބަފައިންނަށް ބޭސްކޮށްދެވޭނެ ގޮތެއްނެތި އަދި ގިނަފަހަރަށް، ބައެއްފަހަރަށް އޭނާއަށް ތިންއިރު ހަމައަށް ކާން ނުލިބި އުޅޭއިރުގައި، އަޅުގަނޑުގެ ތަނަވަސްކަމަކުން އެކަނި މި ރާއްޖެއެއް ބަދަލެއް ނުކުރެވޭނެ. ރާއްޖެ ބަދަލުކުރެވޭނީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދެވިގެން. މި ސަރުކާރުގެ އަމާޒެއް އެއީ، މި ޕާޓީގެ ވަޢުދެއް އެއީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން.
 
ވަޢުދުވާ ޕާޓީއަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. ތިޔަބޭފުޅުންނަށް އެހެން ޕާޓީއަކުން ވަޢުދެއް ނުވާނެ. އެހެން ޕާޓީއަކުން ތަފްޞީލުކޮނެއް ވިދާޅެއް ނުވާނެ، އެ ޕާޓީއެއް ވެރިކަމަށް އަތުވެއްޖެނަމަ، ކުރާނީ އެވެނި މިވެނި ކަމެކޭ. ވަޢުދެއް ނުވާ ބަޔަކަށް އަދި ވަޢުދެއް ފުއްދުމުގެ މަސައްކަތެއްވެސް ހަމަކަށަވަރުން ނުކުރެވޭނެ. އެކަމަށް އޮތް ސިޔާސަތެއްވެސް ކަނޑައެއް ނޭޅޭނެ. އެކަމަށް ބޭނުންވާ ފައިސާއެއްވެސް ހޯދާކަށް ނޫޅެވޭނެ. މި ޕާޓީއަކީ ޤައުމިއްޔަތެއް ބިނާކުރާ ޕާޓީއެއް. ޒަމާނީ ޤައުމެއް، މި ރާއްޖޭގައި ޒަމާނީ ޤައުމެއް ބިނާކޮށް، ޒަމާނީ ޤައުމެއް އެކުލަވައިލުމަކީ، މި ޕާޓީގެ އެންމެބޮޑު އެއް އަމާޒު. އެ މަޤްޞަދުގައި ޕާޓީން ރައްޔިތުންނަށް ވަޢުދުވަނީ. ދައުލަތުގެ ސިޔާސަތު، ސަރުކާރުގެ ސިޔާސަތު ކަނޑައެޅިފައިވަނީ، އެ ވަޢުދު ފުއްދުމަށް. އަޅުގަނޑުމެންނަށް ފެންނަނީ، ވަޢުދު ފުދޭތަން. ބައެއް ބޭފުޅުން އެކަމާ އިންކާރު ކުރައްވާނެ. އަޅުގަނޑަށްވެސް އެނގޭ، މިރަށުގައި ބޭސް ސިޓީއަށް ބޭސް ނުލިބި ހުރި މީހާއަކީ އަޑުގަދަ މީހެއް ނޫން. މިރަށުގެ 65 އަހަރުން މަތީގެ ނިކަމެތި މީހާއަކީ އަޑުގަދަ މީހެއް ނޫން. އެކަނިވެރި މަންމައަކީ އަޑުގަދަ މީހެއް ނޫން. ޔަތީމު ކުއްޖާއަކީ އަޑުގަދަ މީހެއް ނޫން. އެމީހުން ދައްކާ ވާހަކައެއް އަޅުގަނޑުމެންނަކަށް ބާރަކަށް އަޑެއް ނީވޭނެ. ބާރަށް އަޅުގަނޑުމެންނަށް އިވޭނީ ރުއް ގިނަ މީހާގެ އަޑު. އަޅުގަނޑުމެންނަށް މަސައްކަތް ކުރާން މިޖެހެނީ، އެހެން ނަމަވެސް، މުޅި ސަރުކާރަށް. މުޅި ރައްޔިތުންނަށް. ތިޔަބޭފުޅުން އަޅުގަނޑާ ޙަވާލުކޮށްފައި މިއޮތީ އަމާނާތެއް. މި ދިވެހި ދައުލަތުގެ ޚަޒާނާ. އަދި މި ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް. އަމާނާތްތެރިކަމާ އެކީގައި އަޅުގަނޑު އެކަން ކުރާންޖެހެނީ. އިންޞާފުވެރިކަމާއެކީގައި، އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް، އަޅުގަނޑުމެން އެންމެންނަށް ބަހާލަންޖެހޭނެ. ލިބޭ މިންވަރަށް އަޅުގަނޑުމެން ޝުކުރު ކުރީމާ،       މި ބޭޒާރެއްވެސް ދެނެއް އަޅުގަނޑުމެންނެއް ނުވާނެ. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، މީދޫ މީހުން މުއްސަނދި ކުރުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، ތިޔަބޭފުޅުންނަކީ ތަނަވަސް ބަޔަކަށް ހެދުމަށް. އަޅުގަނޑުމެން އެކަމަށްޓަކައި ބިނާކުރަންޖެހެނީ، ތަރައްޤީ ކުރަންޖެހެނީ މީދުއެއް ނޫން، މީދޫ މީހާ. ތަންދޮރު އެނގެން މިޖެހެނީ އަޅުގަނޑުމެންނަށް. ހޭއަރާން މިޖެހެނީ އަޅުގަނޑުމެން. ރޯފިލާން މިޖެހެނީ އަޅުގަނޑުމެން.
 
އެހެންވީމާ، މީދޫގެ ތަރައްޤީގެ އަބަދުވެސް ނާރެސްއަކީ މިތަނުގެ މަދްރަސާ. އަޅުގަނޑުމެންގެ ދަރީންނަށް ތަންދޮރު އަޅުގަނޑުމެންނަށް އޮޅުންފިލުވައި ނުދެވެނީނަމަ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އެހެންވެ ޕާޓީން ވަޢުދުވީ، ޕާޓީގެ ސަރުކާރެއްގައި، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ 60 ޕަސެންޓް ކުދިންނަކީ، އިމްތިޙާނުން ފާސްވާ، C މާއްދާއިން މަތިން ފާސްވާ ކުދިންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަމޭ. މިދިޔަ އަހަރުގެ ތެރޭގައި، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ، މީދޫގެ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަން ގަތުމަށް އެއްލައްކަ ހަތްދިހަ ހަތަރުހާސް ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވި، އަދި އިމްތިޙާންގެ ފީ ދެއްކުމަށްޓަކައި ސާޅީސް ހަހާސް ރުފިޔާ ޚަރަދު ކުރެވި، އަދި މިރަށުގެ މަދްރަސާއަކީ އެއްދަންފަޅިއަށް ކިޔަވައިދޭ މަދްރަސާއަކަށް ހެދި، މިތަނުގައި ވަށާޖެހޭ ތަޢްލީމެއްދޭން ފެށި، މި އެންމެ ކަންކަން ކުރެވިފައި މި ސަރުކާރަށް އޮތީތީވެ. މިދިޔަ ދެއަހަރު އަޅުގަނޑުމެންނަށް އެކަން ޙާޞިލްވެފައި އޮތީތީވެ. އެއީ އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އެއީ އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.
 
މި ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. ޕާޓީން ރައްޔިތުންނަށް ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށްޓަކައި. މިދެންނެވި މަސައްކަތުގެ ނަތީޖާ، މި މީދޫގައި ވަރަށް އުޖާލާ. އަޅުގަނޑުމެންނަށް އެބަ ފެނޭ، މީދޫގެ މަދްރަސާ ހަމަ އެފެންވަރުގައި ހިފަހައްޓަމުން އަންނަތަން. 25 ކުދިން އިމްތިޙާންގައި ބައިވެރިވި. އެހެން ނަމަވެސް، އަޅުގަނޑުމެން އެދުނު މިންވަރަކަށް ކުދިން 5 މާއްދާއަކުން ފާހެއްނުވޭ. 5 މާއްދާއިން އެ އެދުނު މިންވަރަށް ފާސްނުވީ ނަމަވެސް، 2009 ވަނަ އަހަރަށްވުރެ، ތިޔަބޭފުޅުންގެ ނަތީޖާ މިއަހަރު ރަނގަޅު. އަޅުގަނޑު މިދަންނަވަނީ، އެންމެ ކުއްޖަކަށް ވަރަށްމަތީ ނަތީޖާއެއް ލިބޭ ވާހަކައެއް ނޫން. އަޅުގަނޑުމެން ބަލަންވެގެން މިއުޅެނީ، ހުރިހާ ކުދިންނަށް ވަރަށް ރަނގަޅު ނަތީޖާއެއް ހޯދައިދެވޭތޯ. މަދު ބަޔަކަށް ޚިދްމަތް ކޮށްގެން، މަދު ބައެއްގެ ކަންކަން ބަލަހައްޓައިގެން، އަޅުގަނޑުމެންނަކަށް ގިނަ އެންމެންނަކަށް މިނިވަންކަމެއް ނުހޯދޭނެ. ގިނަ އެންމެންގެ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑުމެން ތަރައްޤީ ބޭނުމިއްޔާ، އަޅުގަނޑުމެންގެ ވިސްނުން އަބަދުވެސް ބަހައްޓަންޖެހޭނީ މުޅި ރައްޔިތަށް. މުޅި ރާއްޖެއަށް. އެހުރިހާ ކަމެއް ހަމަޖެހުނީމާ ނޫނީ، އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ.
 
މި މީދުއަކީ އަޅުގަނޑުމެންގެވެސް ރަށެއް. މާލޭ މީހުންގެވެސް ރަށެއް. އަދި މިއޮއް ހުޅުދެލީ މީހުންގެވެސް ރަށެއް. މި މީދޫ މީހުންގެވެސް ރަށެއް. އަޅުގަނޑުގެ ރަށް މާލެއަކީ މީދޫ މީހުންގެވެސް ރަށެއް. އަޅުގަނޑުމެންގެ ވަކި ރަށްރަށަށަކީ، ވަކިބައެއްގެ ވަކި ތަންތަންކޮޅު ގޮތުގައި ދެކިގެން ތިބެ، އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ހަމަގައިމުވެސް، އަޅުގަނޑަކަށެއް ނެތް، އަޅުގަނޑަކީ ކެރަފާ ގޯތި މީހެކޭ، ގަލޮޅު މީހެކޭ، މާލޭ މީހެކޭ ކިޔާ އަޅުގަނޑަށް އަތް އުރާލައިގެން ހުރެވޭކަށް. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ރަށުގޮނޑުދޮށުން ބޭރަށް، އަޅުގަނޑުމެންގެ އަތޮޅު ދުނިން ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. އަޅުގަނޑުމެން އެބަޖެހޭ ހުޅުވެން. ޤައުމެއް ރައްޔިތަކު ތަރައްޤީވާނީ އެބަޔަކު ދޫކޮށްލައިގެން. ހިފާ ހައްޔަރުކޮށްގެނެއް، ބިރު ދައްކައިގެނެއް، އަނިޔާ ކޮށްގެނެއް އަޅުގަނޑުމެންނަކަށެއް އެ ކާމިޔާބީއެއް ނުހޯދޭނެ. ތަރައްޤީވާން މިޖެހެނީ ރައްޔިތުން. ކުރިއަރާން މިޖެހެނީ ރައްޔިތުން.      އެ ކުރިއަރާންޖެހޭ މީހުން، އެ މަސައްކަތް ކުރާން ތިބި މީހުން ހިފާ ހައްޔަރުކޮށްގެން، ބަންދުކޮށްގެން، އަޅުގަނޑުމެން މިބޭނުންވާ ބަދަލު، އަޅުގަނޑުމެން މި ބޭނުންވާ ތަނަވަސްކަން، އަޅުގަނޑުމެން މިބޭނުންވާ މުއްސަނދިކަން އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އެހެންވީމާ، މި ސަރުކާރަށް އަބަދުވެސް އެންމެ މުހިންމު ޕްރޮގްރާމަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން.
 
ޑިމޮކްރަސީއަކީ އަބަދުވެސް އަޅުގަނޑުމެންގެ އެންމެބޮޑު އަމާޒު. އަޅުގަނޑު މިރޭ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުން. އަޅުގަނޑުމެން ތިޔަބޭފުޅުންގެ ބަނދަރުގެ ވާހަކަ އަޅުގަނޑު ފަހުން ދަންނަވާން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން އަޑު އައްސަވަން ތިތިއްބަވަނީ ބަނދަރުގެ ވާހަކަކަން. އަޅުގަނޑު ޙަޤީޤަތުގައި ދެރަވާ މައްސަލައެއް ތިއީ. ބޭފުޅުން އަޅުގަނޑު ގާތުގައި މިއަދު ވިދާޅެއްނުވޭ، މިތަނުގެ މަދްރަސާގެ ވާހަކައެއް. ބަނދަރެއް ހެދުމުގެ ބޭނުމަކީ، ދަރިންނަށް ކިޔަވައިދިނުން. މަހަށް އަޅުގަނޑުމެން މިދަނީ އިތުރު ކަމެއް ކުރާކަށެއް ނޫން. މަހެއް ލިބުނީމާ ގެނެސް، ފޮށްޓެއްލާފައި ތިބެގެން މަސް ބާއްވާކަށެއް ނޫން. ބޭނުންވެގެން މިއުޅެނީ، މަސް ވިއްކާފައި ފައިސާ. އެފައިސާއިން އަނބިދަރިންނަށް ޚަރަދު ކުރަން. ދަރިންނަށް ތަންދޮރުއޮޅުންފިލުވައިދޭން. މިރަށުގެ މަދްރަސާއަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން، ހުރިހާ ކެޔޮޅުންވެސް، ހުރިހާ އޮޑިވެރިންވެސް، ހުރިހާ ކަތީބުންވެސް، މެޖިސްޓްރޭޓުންވެސް، މުދިމުންވެސް، ޕާޓީތަކުގެ ވެރިންވެސް މަދްރަސާއަށްޓަކައި މަސައްކަތް ކޮށްދެއްވުން. މަދްރަސާގެ ކަންކަން ރަނގަޅަށްތޯ ހިނގަނީ ބެއްލެވުމަށް. އަދި މިހާރު އުފައްދާފައި އެވާ ސްކޫލް ބޯޑްގައި ބައިވެރިވެލައްވައި، ޕްރިންސިޕަލަށް އުނދަގޫ ނުކުރައްވައި އަދި ބޯޑް މެންބަރުންނަށް، ތިމަންނާމެންނަށް މާމޮޅު ގޮތަކަށް މަދްރަސާ ހިންގަން އެނގިދާނެ ކަމަށް ދެކެނުލައްވައި، ޕްރިންސިޕަލާ އެކީގައި މަސައްކަތް ކުރައްވައިގެން، ރަނގަޅު ނަތީޖާ ނެރުން. މިއީ އަޅުގަނޑުމެންގެ ދަރިން. މިއީ އަޅުގަނޑުމެންގެ ރަށް. މި ރަށް ތަރައްޤީ ކުރަން އަޅުގަނޑުމެން މިއުޅެނީ، އޭގައި އަޅުގަނޑުމެންގެ ދަރީންނަށް ގެއްލުންވާ ހަމަ އެއްކަމެއްވެސް، އެއްވެސް ބޭފުޅަކު ކުރައްވައިގެން ނުވާނެ. އެއީކީއެއް އަޅުގަނޑަކަށް، އަޅުގަނޑަށް އެހެން ހުރިހާ ވާހަކައެއްވެސް ހަޖަމް ކުރެވޭނެ. އަޅުގަނޑާ ދިމާއަށް، އަޅުގަނޑަށް ނިސްބަތްކޮށް ކިތަންމެ އެއްޗެއްވެސް ތިޔަބޭފުޅުންނަށް ކިޔުއްވިދާނެ. އަޅުގަނޑު އަޅައެއްނުލާނަން. އަދި އެކަމުން އަޅުގަނޑަށްވާނެ، އަންނާނެ ބަދަލެއްވެސް ނޯންނާނެ. އަޅުގަނޑުގެ ޢަޒުމެއް ނުގުޑާނެ. އަޅުގަނޑުމެންގެ މަޤްޞަދެއް އަޅުގަނޑުމެންނަކަށެއް ނޯޅޭނެ. އަދި އަޅުގަނޑުމެންގެ ދަތުރެއް ބީވެގެނެއް، ފޭވެގެނެއް ނުދާނެ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖޭގެ ތަރައްޤީ. އަޅުގަނޑުމެން ނުކުމެ މިތިބީ، އެތަރައްޤީ މި ރާއްޖެއަށް ގެންނާނެ ގޮތުގެ ވަރަށް ރަނގަޅު ތަޞައްވުރަކާ އެކީގައި. އަޅުގަނޑުމެންނަށް އެނގޭ، އެ ތަޞައްވުރު އެއީ މިހާރުގެ ޤައުމީ ތަރައްޤީގެ އޮނިގަނޑު. އެއަށް އަޅުގަނޑުމެން މަސައްކަތް ކޮށްފިނަމަ، އެއިން ނުގުޑާ، އެއަށް މަސައްކަތް ކުރެވިއްޖެނަމަ، އަޅުގަނޑުމެން މި ބޭނުންވާ ބަދަލު، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ގެނެވޭނެ. އަޅުގަނޑު މިރޭ އުފާވަނީ، އަޅުގަނޑުމެންގެ ޤައުމީ ތަޞައްވުރުގެ އޮނިގަނޑުގައި، ތިޔަބޭފުޅުން ބައްލަވައިލައްވާފައި އޮތް ކަމެއް ނޭނގެ، މި މީދުއަށްވާނެ ގޮތް. އަދި އަޅުގަނޑުމެން މީދުއަށް ގެންނަން ބޭނުންވާ ބަދަލު ވަރަށް ސާފުކޮށް އެނގެން އޮންނާނެ. މީދޫގައި އަޅުގަނޑުމެންނެއް ނުހަދާނަން، 700 ފޫޓްގެ ބަނދަރެއް. މީދޫގައި ހަދާނީ، މީދުއަށް އެންމެ އެކަށީގެންވާ ބޮޑު ބަނދަރެއް. އަޅުގަނޑުގެ ބޭނުމަކީ، މުޅި މީދޫގެ މޫނުމަތި އެކީގައި ވާޓަރަކަށް ހެދުން. އެހެން ހަދައިގެން ނޫނީ، އަޅުގަނޑުމެން ބޭނުންވާ ބަދަލު އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. ތަންދޮރު އެނގޭ އެއްވެސް މީހަކު، މި މީދޫގައި ހަދާ ބަނދަރެއް ކުޑަކޮށް ހަދާކަށެއް ނޫޅޭނެ. މި ރާއްޖޭގެ ކަނޑުފަޅު، މި ރާއްޖޭގެ ރަށްތައް، މި ރާއްޖޭގެ ރުއްގަސް، މި ރާއްޖޭގެ ރައްޔިތުން ކުޑަކޮށް އެނގޭ މީހަކުވެސް، މީދޫގެ ބަނދަރު ކުޑަކޮށް ހަދާކަށެއް ނޫޅޭނެ. މީދުއަކީ މި ސަރަޙައްދުގައި، މެދު ރާއްޖެތެރޭގައި އެންމެ ވަރުގަދަ އެއް އިޤްތިޞާދު. މިރަށުން މި ރާއްޖެއަށް ނެރޭ ފައިސާގެ ޢަދަދު އެނގޭ އެކަކުވެސް އެވާހަކަ އެހެން ގޮތަކަށް ނުދައްކާނެ. މިރަށުގައި ހަދަން ޖެހޭނީ ރަނގަޅު ބަނދަރެއް.     މި ސަރުކާރުން އިރާދަކުރެއްވިއްޔާ، މިރަށުގައި ހަދާނީ ރަނގަޅު ބަނދަރެއް. މިރަށަށް ބޭނުންކުރެވޭވަރު ބަނދަރެއް.
 
މިރަށުގެ ބިން ކުޑަވެފައި އޮތްކަން އެއީ، އަޅުގަނޑުމެންނަށް ޝައްކު ހިނގާ ކަމެއް ނޫން. އަދި ކައުންސިލަރ، ކުރީގެ ކައުންސިލަރ ވިދާޅުވެއްޖެ، ބޮސްކާލިސްއިން ވަނީ ސަރވޭ ހަދައި ނިމިފައޭ. އަޅުގަނޑެއް ތިޔަބޭފުޅުން އަރިހު ނުދަންނަވަން، މިތަން ހިއްކާކަށް ސަރވޭ ހަދާ ވާހަކައެއް. މީގެކުރީގައި އެކަން ހިނގާ ގޮތަކީ، ސަރވޭ ހެދުން އެއީ، އެއްއަހަރުގެ ވޯޓް. އޭރުން އެދިޔައީ 5 އަހަރު. ކަޑަޖަހާލުން އެއީ އަނެއް 5 އަހަރު. ދެން ފޮޓޯ ކުރަހާލުން އެއީ އަނެއް 5 އަހަރު. އަޅުގަނޑު އެއްފަހަރު ހިންނަވަރަށްދިޔަ ދަތުރެއްގައި، މިދެންނެވި ސަރވޭ ހެދުމުގެ 5 އަހަރާއި، ކަޑަޖެހުމުގެ     5 އަހަރާއި، ފޮޓޯ ކުރެހުމުގެ 5 އަހަރު ނިމުމަށްފަހުގައި، ދެން އިނީ މުޅި ރަށުގެ މޮޑެލެއް ހަދާފައި. އެއަށް އެފަހަރު ހުރިހާ ވޯޓެއް ލިބުނީ. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން ނަން އެޅޭކަށް. އަޅުގަނޑުމެންނަކީ ބަނދަރު ހަދާ ބައެއް ނޫން. އަޅުގަނޑުމެންނަކީ، މި ސަރުކާރަކީ ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ބައެއް. އަޅުގަނޑުމެން ބޭނުންވަނީ މިތަނުގައި ތަރައްޤީގެ ނާރެސްއެއް އުފައްދަން. ބަނދަރެއް ނޫން. އޭގެތެރޭގައި، ބަނދަރެއް ހިމެނޭނެ. އަދި ބަނދަރުމައްޗެއްވެސް ހިމެނޭނެ. ފިހާރަފަތިވެސް ހިމެނޭނެ. ވަރކްޝޮޕްވެސް ހިމެނޭނެ. ފެރީ ޓަރމިނަލްވެސް ހިމެނޭނެ. މާރުކޭޓްވެސް ހިމެނޭނެ. އަޅުގަނޑުމެންނަކަށް ދެނެއް ނެތް އަތް އުރާލައިގެން ތިބެވޭކަށް. މިއީ       2011 ވަނަ އަހަރު. މި މީދޫގައި މީހުން ދިރިއުޅޭތާ ރަނގަޅު ފަނަރަސަތޭކަ އަހަރުވެއްޖެ. ދެނެއް އަޅުގަނޑުމެންނަކަށެއް ނެތް، މީދޫ ރައްޔިތުން ވީދައިގެން ކާން ދޫކޮށްލާކަށް. ވަލުތެރޭގައި ގަސްގަހުގައި އުޅޭކަށް ނުތިބެވޭނެ. އަޅުގަނޑު އުފާވޭ،
 
އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ، 2009 ވަނަ އަހަރު މިރަށުގެ ނަރުދަމާ އެއޮތީ އިރާދަކުރައްވައިގެން ހެދިފައި. އަޅުގަނޑު ނަރުދަމާގެ މިލްކިއްޔާތު ހޯދާކަށް ނޫޅެން. އަޅުގަނޑަށް އެނގޭ އެއްޗަކީ، ނަރުދަމާއަށް ފައިސާ ދެވުނީ އަޅުގަނޑު ސޮއިކޮށްގެންކަން. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، އައްޑުއަތޮޅު ސާކް ސަމިޓް ހެދީވެސް ހަމަ ކުރީ ސަރުކާރުން. ބާއްވަން ނިންމީވެސް. ކުޅުދުއްފުށި ހިއްކީވެސް ކުރީ ސަރުކާރުން. 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަން ދެނީވެސް ކުރީ ސަރުކާރުން. އެކަނިވެރި މައިންނަށް ޕެންޝަން ދެނީވެސް، ޢިނާޔަތް ދެނީވެސް ކުރީ ސަރުކާރުން. އަޅުގަނޑުމެންނަށް މަދަނަ އުފައްދައި، އެ މަދަނައިގެ ދަށުންދޭ ބޭސްފަރުވާ ދެނީވެސް ކުރީ ސަރުކާރުން. މިރާއްޖޭގައި ހިނގާފައި، އަޅުގަނޑު މިހުރިހާ ވާހަކައެއް އައްޑުއަތޮޅު ޢިއްޒަތްތެރި މެންބަރު އަރިހުގައި ދެންނެވީމާ، އެބޭފުޅާ ވަރަށް ކަންބޮޑުވެފައި ވިދާޅުވީ، ރައީސޭ ދެން ވިދާޅުވެދާނޭ، ތިމަންނާއަކީ ނަޝީދޭ. އެހެންވެއްޖިއްޔާ އެއީ، އަޅުގަނޑުމެންނަށް އުނދަގުލަކަށް ވެދާނޭ. އަޅުގަނޑުމެންނެއް ނުޖެހޭ ނަން އެޅޭކަށް. އަޅުގަނޑުމެން ޖެހެނީ ކަން ކުރަން. އަޅުގަނޑުމެން ޖެހެނީ، ތިޔަބޭފުޅުންނަށް، މިރަށުގެ 65 އަހަރުން މަތީގެ މީހުންނަށް ވަރަށް ސާފުކޮށް އެނގިލައްވާނެ، އެއީ ކޮންއިރަކު، ކިހިނެއް ލިބެންފެށި އެއްޗެއްކަން. މިރަށުގެ ޔަތީމު ކުދިންނަށް، މިރަށުގެ އެކަނިވެރި މައިންނަށް، މިރަށުގެ މަދަނައިގެ ޚިދްމަތް ލިބުނު ފަރާތްތަކަށް އަޅުގަނޑު ގޮސް އޮޅުންފިލުވައިދޭކަށެއް ނުޖެހޭނެ. އަޅުގަނޑުމެން ހަމައެކަނި ބޭނުންވަނީ ބަލަން، މިހާރު މީހުން މަރުވަނީ ކޮން ޢުމުރެއްގައިތޯ. އެކަން އަޅުގަނޑުމެންނަށް ސާފު. މީހުން މަރުވަނީ، މިހާރު މާ ދޮށީ ޢުމުރެއްގައި، މިދިޔަ ދެއަހަރު ރާއްޖޭގެ މީހުން މަރުވާ ޢުމުރު، އޭގެ އެވްރެޖް ޢުމުރު މައްޗަށް ގޮއްސި 7 އަހަރު. އެއީ އެމީހުންނަށް ކޮންމެވެސް އެއްޗެއް ލިބޭތީވެ. ކައިބޮއި އުޅެވޭތީވެ. ރިވެތި، ނަލަ ދިރިއުޅުމެއް އުޅުމުގެ ކުޑަވެސް ފުރްޞަތެއް ނަމަވެސް ލިބިފައިވާތީވެ. އަޅުގަނޑުމެންނަށް ނުޖެހޭ، އަދި އަޅުގަނޑުމެންނަކަށް އެކަމެއް އަންގައެއްވެސް ނުދެވޭނެ. އެވާހަކައެއް ބުނެއެއްވެސް ނުދެވޭނެ. ބުންޏަސްވެސް އެވާހަކައެއް ނެތް، ކޮންކްރީޓެއްހެން ފެންނާކަށް. ކޮންކްރީޓް އަޅުގަނޑުމެން ތަރައްޤީ މި މިނަނީ ބޮޑުހިލައިން. އެއްގަމު ތޮށިން. ވަށާފާރުން.
 
 ތަރައްޤީއަކީ އަޅުގަނޑުމެންވާ އެއްޗެއް. އިންސާނާއަށްވާ ގޮތެއް. އޭނާ ތަހުޒީބުވަނީ. އޭނާގެ އާމްދަނީ އިތުރުވަނީ. ތަރައްޤީއެއް ނުވާނެ މީދުއެއް. ތަރައްޤީވާނީ މީދޫ މީހުން. އެމީހުން ތަރައްޤީ ކުރުމަށްޓަކައި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާން މިޖެހެނީ. އޭރުން ރަށެއް އެނބުރެނީ. އޭރުން ޤައުމެއް ބިނާވަނީ. އަޅުގަނޑުމެންގެ މަސައްކަތަކީ، މީދުއާއި މި ޤައުމު ބިނާކުރުން.
 
އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި، އާމިނަތު ޖަމީލާ ވިދާޅުވެފައި އޮތީ، ދާދި އަވަހަށް ވަޑައިގެން، މިތަނުގައި ޓެލެމެޑިސިންގެ ޕްރޮގްރާމް ހިންގަވައިދެއްވާނަމޭ. މީދުއަކީ ސަރުކާރުން 34 ރަށް ޓެލެމެޑިސިން ހިންގުމަށް ނަގާފައި އޮތް 34 ރަށުގެ ތެރެއިން ރަށެއް. އަޅުގަނޑުމެންނަށް ކޮންމެހެންނެއް އެވާހަކަ ތިޔަބޭފުޅުން ގާތުގައި ދައްކައިގެން ވޯޓް ހޯދާކަށެއް މީގެކުރިއަކު އެވާހަކައެއް ނުދައްކަން. އަދި މީދޫގައި އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެމަސައްކަތް ފަށައިގަނެވޭނެ. ފަށައިގަނެވި، ޑޮކްޓަރުންނަށް ދެއްކެން ފެށީމާ، ދެން ތިޔަބޭފުޅުންނަށް ސާފުވާނެ، އެއީ ކިހިނެއް ހިނގި ކަމެއްތޯ. އަޅުގަނޑު ދަންނަވާނަން، އެއީ ކުރީ ސަރުކާރުން ކުރި ކަމެކޭ.
 
އަޅުގަނޑުމެންގެ އަމާޒަކީ މީދޫ މީހުން މުއްސަނދިކުރުން. މީދޫ މަސްވެރިންނަށް އެންމެ ބޮޑަށް ސާފުކޮށް މިކަން އެނގިވަޑައިގަންނަވާނީ. މީދޫގެ ގިނަ މަސްވެރިންނަކީ ކަންނެއްޔަށްދާ މީހުން. 2008 ވަނަ އަހަރު މީދޫ މަސްވެރިންނެއް ނޯންނާނެ، އަށްޑިހަ ރުފިޔާއަށްވުރެ މައްޗަކަށް ކަންނެލި ކިލޯއެއް ވިއްކާފައެއް. އެއީ، މަސްވެރިކަމުގެ ސިޔާސަތު ހިފަހައްޓާފައި އޮތީތީވެ، މަދު ބަޔަކަށް ނޫން ބަޔަކަށް މަސް އެކްސްޕޯޓް ކުރުން މަނާކޮށްފައި އޮތީތީވެ. މި ސަރުކާރުން މަސްވެރިކަން ދޫކޮށްލައި، ސިޔާސަތު ބަދަލުކުރީ. ޕާޓީގެ ވަޢުދެއް އެއީ، ރާއްޖޭގެ މަސްވެރިންނަށް ބައިނަލްއަޤްވާމީ މާރުކޭޓްގައި ހުރި އަގު ލިބޭނޭ ސިޔާސަތެއް މި ރާއްޖޭގައި ތަންފީޛު ކުރާނަމޭ. މިއަދު މީދޫ މަސްވެރިންނަށް ސަތޭކަ ދިހަ ރުފިޔާއަށް ކިލޯއެއް، އެ ވިއްކެނީ ސަރުކާރުގެ ސިޔާސަތު ބަދަލުވީތީވެ. 2008 ވަނަ އަހަރު ތިޔަބޭފުޅުން ބޭނި ކަޅުބިލަމަހުގެ ފަސްޓަނެކޭ، ފަނަރަ ޓަނެކޭ މިއަދު ބާނާ ފަސް ޓަނެކޭ، އާމްދަނީ ވާނީ އެއްވަރޭ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މަސްވެރިންނަށް ތެލަށް ކަނޑައި، އޮޑިއަށް ކަނޑައި، ބައި އަޅައި ނިމިގެން މަހަށް ފުރޭގޮތް ހެދުން. މަހަށް ފުރޭނީ ރަނގަޅު އެއްޗެއް އަތަށް އަރައިގެން. އަތަށް އަރާނީ މަހުގެ އަގު ބަދަލުކުރެވިގެން. އެކަންވާނީ ވާދަވެރި ވިޔަފާރީގެ ނިޒާމެއް އަޅުގަނޑުމެންގެ ތެރޭގައި ޤާއިމް ކުރެވިގެން. މަސްވެރިކަން ދޫކޮށްލައިގެން. މަސްވެރިކަން ދޫކޮށްލުމަށްފަހު، މުޅި ރާއްޖެ ހަތަރު ބަޔަށް ބަހާފައި އޮތް އޮތުން، މިހާރު މަސް ބޭރުކުރާ، މިވަގުތުވެސް އިތުރު 8 ބައިމީހުން އެބަތިބި. އެހެންވީމާ، އެއްބަޔަކު އަނެއް ބަޔަކަށްވުރެ ގިނަ މަސް ގަންނަން މަސައްކަތް ކުރާނެ. ކުރީމާ މަސްވެރިންނަށް އޭގެ ފައިދާ ލިބޭނެ. މަހުގެ އަގު ދާނީ މައްޗަށް. އަޅުގަނޑު މި އުންމީދު ކުރަނީ، ބައިނަލްއަޤްވާމީ މާރުކޭޓްގައި، އެއިރެއްގައި މަހުގެ އަގު ހުރި އަގަށް، ފްރައިޓަށް ކަނޑާފައި އަދި ފައިދާއަށް ތިން ހަތަރު ޕަސެންޓް، އެމަސައްކަތްކުރާ މީހުންނަށްލާފައި، ދެން އެއޮންނަ އެއްޗެއް، ރާއްޖޭގެ މަސްވެރިންނަށް ލިބޭނެ. އެހެން ޤައުމުތައްވެސް ތަރައްޤީވެދަނީ، އެޤައުމުގެ ދަނޑުވެރިން ނުވަތަ މަސްވެރިކަންކުރާ ޤައުމުތަކުގައި މަސްވެރިން، އެމީހުންގެ އާމްދަނީ ދެގުނަ ކުރެވުނީމާ. އެމީހުންގެ އާމްދަނީ އިތުރުކުރެވުނީމާ. އަޅުގަނޑު ދާނީ ބަލަމުން، ތިޔަބޭފުޅުންގެ ޖީބަށް ވަންނަވަރު. އަޅުގަނޑު ދާނީ ބަލަމުން، މީދޫ ކޮންމެ މަސްވެރިއަކަށް ލިބެމުންދާވަރު. އަޅުގަނޑު ބަލަން އިންނާނަން، އެ އާމްދަނީ ދެގުނަ ވަންދެން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، ތިޔަބޭފުޅުންގެ އާމްދަނީ އަޅުގަނޑުމެން ދެގުނަ ކޮށްދޭނަން.
 
މި މީދޫ ބަދަލުކުރުމަށްޓަކައި އަޅުގަނޑު އަބަދުވެސް އެބަ ދަންނަވަން. އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހޯދެން އޮތީ މާދަމައޭ. އިއްޔެ ނިމި ހިނގައްޖެއޭ. މިއަދު މެންދަންވަނީއޭ. އަޅުގަނޑުމެންނަށް ދެން ލިބެންއޮތީ މާދަމައޭ. ވަގުތުގެ އަޞްލަކީ މިދެންނެވީ، ހޭދަވުން. ހޯދެން އޮންނާނީ އަބަދުވެސް މާދަމާ. އެ މާދަމައަށްޓަކައި އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހެނީ. އެހެންވެގެން އަޅުގަނޑުމެންގެ ދަރިން އެއީ އެންމެ މުހިންމު ބަޔަކަށްވަނީ. އެހެންވެގެން، އެކުދިންނާ އަޅާލުން އެއީ އެންމެ މުހިންމު ބަޔަކަށްވަނީ. ހަމައެކަނި މަދްރަސާއަކުންނެއް، ދަރިންނަކަށް ރަނގަޅު ތަޢްލީމެއް ނުދެވޭނެ. ދަރިން އެބަޖެހޭ ބޯޅަކުޅެން. އެކުދިން އެބަޖެހޭ ނެށްޓެން. އެކުދިން އެބަޖެހޭ މޮޅުވާން. އެކުދިން އެބަޖެހޭ ބަލިވާން. އެކުދިންނަށް އެބަޖެހޭ އަނިޔާ ލިބެން. އެކުދިންނަށް އެބަޖެހޭ، ބޯޅަދަނޑެއްގައިވާ ހުރިހާ ކަމެއްވާން. އެކަންވީމާ ނޫނިއްޔަކާއެއް ކުއްޖަކަށްނުވޭ. މަދްރަސާއަކުން އެކަންޏެއް، އަޅުގަނޑުމެން މިބޭނުންވާ ތަޢްލީމެއް ނުދެވޭނެ. އަޅުގަނޑުމެން ހިތްހަމައެއްނުޖެހޭ، މިރަށު ކުދިންނަށް ކުޅޭނެ ތަނެއް ނެތީމާ. އިރާދަކުރެއްވިއްޔާ، މިރަށުގައި ބަނދަރު ހެދުމާ އެކީގައި، ފުރިހަމަ ބޯޅަދަނޑެއް ހެދުމުގެ ޖާގަ ހަދައި، އަޅުގަނޑުމެން މިރަށުގައި ބޯޅަދަނޑެއް ސަރުކާރުން ހަދައިދޭނަން.
 
ޙަޤީޤަތުގައި އަޅުގަނޑު ގާތުގައި އެއްވެސް ކުއްޖަކު އައިސް ބޯޅަދަނޑުގެ ވާހަކަ ދައްކާކަށް ނުޖެހޭނެ. އަޅުގަނޑަކީ ދަނޑުމަތީގައި އުޅެ ބޮޑުވި މީހެއް. އަޅުގަނޑަށް، އަޅުގަނޑަކީ ކްލަބް ގެއެއްގައި ނިދާ އުޅެ ބޮޑުވި މީހެއް. ކްލަބް ގެއަކަށް ވިހި މީހެއް. އެހެންވީމާ، އަޅުގަނޑަށް ބޯޅަދަނޑެއް ނެތުނީމާ، ދެން އެވާ ހުރިހާ ގޮތެއް ވަރަށް ސާފުވާނެ. އެހެންވީމާ، ބޯޅަދަނޑެއް އޮންނަންޖެހޭނެ. ކުދިންނަށް ކުޅެވެންޖެހޭނެ. ކުދިންނަށް ތަންދޮރު އެނގެންޖެހޭނެ. ކުދިންނަށް މަދްރަސާއަށް ދެވެންޖެހޭނެ. ކުދިންނަށް ރަނގަޅު ވަށާޖެހޭ ތަޢްލީމެއް ދެވެންޖެހޭނެ. އެއީ ހަމައެކަނި މަންމައިންގެ ކަމެއް ނޫން. އެއީ އަޅުގަނޑުމެން އެންމެންގެ ކަމެއް. ހަމަގައިމުވެސް އަޅުގަނޑެއް ވެރިކަމުގައި ހުރި މާނައެއް ނެތް، އެކުދިންނަށް ކިޔަވައި ނުދެވެންޏަކާއެއް. އަޅުގަނޑުމެން ސަރުކާރު ހިންގުމުގެ ބޭނުމެއް ނެތް، އެކުދިން ހަރުދަނާ ކުދިންނަށް ހަދައިގެން، ރަނގަޅު މީދޫ ޖީލެއް ނުނެރެވެންޏަކާއެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ކޮންމެ މީދޫ ރައްޔިތަކުވެސް ބުނަން، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ މީދޫ މީހެކޭ. ތިމަންނާއަކީ، ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ މީދޫ ރައްޔިތެކޭ ބުނެ، އޭނާ ހަމައިސްކޮޅަށް ތެދުވާތަން ދުށުން އަޅުގަނޑުމެންގެ އަމާޒަކީ.
 
އަޅުގަނޑު އާދޭހާއެކު ދަންނަވަން، ވިޔަފާރިވެރިންނަށް ރަށް ވިއްކާ ނުލައްވާށޭ. އަދި ޢަމްދުން ވާދަވެރި ސިޔާސީ ނިޒާމް އުފެދިގެން އަންނައިރުގައި، އެންމެ މުހިންމީ ސިޔާސީ ޕާޓީ. އަޅުގަނޑުމެންނަށް ލިބިފައިމިވާ ޙައްޤެއް، އަޅުގަނޑުމެންނަށް ލިބިފައިމިވާ މިނިވަންކަމެއް ލިބިފައި މިއޮތީ، ގަނޑެއްގައި އެވާހަކަ ލިޔެވިފައި އޮތީތީކީއެއް ނޫން. 1932 ވަނަ އަހަރު ނެރުނު ޤާނޫނުއަސާސީގައިވެސް ހުރީ ހަމަ ރައްޔިތުންގެ ޙައްޤުތަކުގެ ވާހަކަ. އަޅުގަނޑު ކަލޭފާނު އަރިހުގައި، ކަލޭފާނޭ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެންނެއް ނޫންތޯއޭ، ރައްޔިތުންނަށް ޙައްޤުތައް ލިބޭނީ. އޭރުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް، ޢަބްދުއްލަޠީފްމެން ކުރިއަށް ގެންދަވާކަން. 1989 ގައި. ކަލޭފާނު ވިދާޅުވި، ނޫން ގަނޑެއްގައި ލިޔެފައި އޮންނަ އެއްޗަކުންވާ ކަމެއް ނޫނޭ އެއީ. ގަނޑެއްގައި 1932 ވަނަ އަހަރުގައިވެސް ލިޔެފައި އޮތޭ، ޤާނޫނުއަސާސީއާ ގުޅޭ ހުރިހާ ވާހަކައެއް. އެހެން ނަމަވެސް، އަޅުގަނޑުމެންނަކަށް އެ ޙައްޤެއް ނުލިބޭ. ކުރީގެ ނޫ ޤާނޫނުއަސާސީ، 17 އަހަރު ދުވަހު ހެދި ޤާނޫނުއަސާސީ. އެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި އޮތް، ކުށުގެ ތުހުމަތުން ބަރީޢަވުމަށްޓަކައި ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދޭނޭ. ހޯދަން އުޅުނު މީހުންނަށް އިތުރު ޙުކުމެއް ލިބެނީ. އެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގަޔާއި، 27 ވަނަ މާއްދާގައި އެއްވެ އުޅުމުގެ މިނިވަންކަން އޮތް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް. އެހެން ނަމަވެސް، އެއިން ކަމެއް ކުރަން އުޅުނު މީހެއް، އަނދަގޮނޑި ޖަހައި، ބިޑިއަޅުވައި، ޗޭނުޖަހައި، އޭންގަލަށް ނަގައި، އޭނާގެ މުޅި ޙަޔާތް ބަރުބާދުވެ ނައްތާލަނީ. މިއަދުވެސް އޮތީ ހަމަ އެ ޤާނޫނުޢުޤޫބާތް. އެއްވެސް ބަދަލެއް ނެތް. ޤާނޫނުއަސާސީއެއްގެ ސަބަބަކުންނެއް ނޫން، އަޅުގަނޑުމެންނަށް މި ލިބިފައިމިވާ މިނިވަންކަން އަޅުގަނޑުމެންނަށް ލިބިފައި މިއޮތީކީއެއް. ސިޔާސީ ޕާޓީއާ. ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުން، އަޅުގަނޑުމެން ޢާންމު ކަމަކަށް ހެދީތީވެ. އެކެއް، އަނެކެއްގެ ކިބައިން ހިތްވަރު ހޯދައިގެން. އަޅުގަނޑުމެންގެ ބިރު ފަހަނަޅައިގޮސް، އަޅުގަނޑުމެން ރައްޔިތުން ޙައްޤުތަކާ އެކީގައި ތެދުވެ ތިބީތީވެ.
 
ރޭގައި އަޅުގަނޑު މިޞްރުގެ ވާދަވެރި ލީޑަރާ ފޯނުން، އަލްބަރާދީއާ ފޯނުން ވާހަކަ ދެއްކީ. އެބޭފުޅާ އަރިހުގައި އަޅުގަނޑު ދެންނެވިން، ފަސޭހައެއްކޮނެއް، ޚުދު މުޚްތާރު ވެރިކަމެއް ނުވެއްޓޭނޭ. މިރޭ އެބޭފުޅުން ޖުމްހޫރީ މައިދާނަށް އެ އެއްވަނީ. މިހާރު އެތަނުގައި އެއްލައްކަ ފަންސާސް ހާސް މީހުން އެއްވެ އެބަތިބި. މިރޭ އެތަނަށް ބަޑިޖަހާނެ. މިރޭ އެތަނުގައި އެތައްހާސް ބައެއް މަރާލާނެ. އެއަށްފަހު ދެން މިޞްރު ދިރޭނީ. އަޅުގަނޑުމެންނަކަށް އަގެއް ނުދައްކާނެ. ލިބޭނެ ހަމަ އެކައްޗެއްވެސް ނޯންނާނެ. އެހެން ހިތަށް ނާރުވާތި. އަޅުގަނޑު އެބޭފުޅާއަށް ދެންނެވިން، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ތިބޭނީ، މިޞްރު ރައްޔިތުންނާ އެކުގައޭ. އަޅުގަނޑޭ ކިޔައި، އަޅުގަނޑަށް ނިސްބަތްކޮށް، ނުހަނު ގިނަ ވާހަކަ ބޭބޭފުޅުން ދައްކަވާފާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޢަޒުމަކަށް، އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން، އަޅުގަނޑުމެންގެ މަޤްޞަދަކަށް، އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެންނެއް ނުގުޑާނެ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖޭގެ ތަރައްޤީ. މި ރާއްޖޭގެ ދީނީ ދަންނަ ބޭކަލުންނަށް ހެޔޮލަފާ ނަޞޭޙަތް ދިނުމުގެ ފުރްޞަތާއި ހުއްދަ، މީގެކުރީގައި އެއްގޮތަކަށްވެސް ނެތް. ރާއްޖެ ފިޔަވައި އިސްލާމީ އުންމަތުގައި ޤައުމެއް ނޯންނާނެ، ދީނީ ދަންނަބޭކަލުންނަށް ނަޞޭޙަތްދެވޭ. ވަޢުޡު ބުނެވޭ. ކޮންމެ ރަށެއްގައިވެސް. އިސްލާމީ އެހެން ކޮންމެ ޤައުމެއްގައިވެސް، ދީނީ ދަންނަބޭކަލުންލާނީ ޖަލަށް. އެމީހުން ކުރާނީ ހައްޔަރު. އެމީހުންގެ މުޅި ދިރިއުޅުންދާނީ ބަރުބާދުވެގެން، މިރާއްޖެ ފިޔަވައި. އަޅުގަނޑުމެން ބުނީ އަޅުގަނޑުމެން ދީނީ ކަންކަން ޙަވާލުކުރާނީ ދަންނަބޭކަލުންނާއޭ. ދަންނަބޭކަލުން އެދަނީ، ވަރަށްގިނަ ދަންނަބޭކަލުން އެދަނީ، ހެޔޮ ދީނީ ލަފާ، ހެޔޮ ދީނީ ނަޞޭޙަތް ދެމުން. ތެދުފުޅެއް، އޭގެތެރެއިން ބައެއް ބޭފުޅުން، ކުޑަކޮށް ސިޔާސީވެލައްވައިގެން، އޭގެތެރެއަށް ސިޔާސީ ކަންކަން ނެރުއްވައިގެން، ވޯޓް ހޯއްދަވާން އުޅުއްވާނެ. އެކަމަކު ރައްޔިތުންނަށް އެކަން ފާހަގަވާނެ. ވީމާ، ސިޔާސީ ތަޤްރީރަކީ ކޮބައިތޯ، ދީނީ ނަޞޭޙަތަކީ ކޮބައިތޯ، ރައްޔިތުންނަށް ފާހަގަވާނެ. ރައްޔިތުންނަށް ސާފުވާނެ. ދީނީ ނަޞޭޙަތެއް އަޑުއަހަން އަޅުގަނޑުމެން ދާނީ ދީނީ ނަޞޭޙަތެއްދޭ ތަނަކަށް. މިތަނަށް ތިޔަބޭފުޅުން ވަޑައިގަންނަވާނީ، ސިޔާސީ ވާހަކަ ދައްކާ އަޑުއެހުމަށް. މިތަނަކަށް ތިޔަބޭފުޅުން ވަޑައެއްނުގަންނަވާނެ. އަޅުގަނޑުމެންނަކަށް ނުފެނުނު ދީން އެއީ، ސިޔާސީ ފުރްޞަތަށްޓަކައި ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ހެދުން އެއީ ބުއްދިވެރި ކަމެއް ނޫން. އޭރުން އަޅުގަނޑުމެންގެ ޒުވާނުންނަށް ދީން އޮޅެނީ. އޭރުން އަޅުގަނޑުމެންގެ ޒުވާނުންނަށް މަގު އޮޅޭގޮތްވަނީ. ދީނީ ވާހަކައަކީ ވަކި ޚާއްޞަ ވާހަކައެއް. އެވާހަކައަކީ، އެވާހަކަ ދައްކަންޖެހޭގޮތަށް، އެދައްކަންޖެހޭ ތަންތަނުގައި ދައްކަންޖެހޭ ވާހަކައެއް.
 
އަޅުގަނޑު ނިންމާލުމުގެ ކުރީގައި، މި މީދޫ މަސްވެރިންނަށާއި، އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅުއްވާ މަސްވެރިންނަށް ޚާއްޞަ ވާހަކައެއް ދަންނަވާލަން ބޭނުން. އަޅުގަނޑު ރަށްރަށަށް އަންނާތީވެ، މަސް ބޭނުން ދޫކޮށްލައްވާފައި، މަރްޙަބާ ކިޔަން ވަޑައިގަންނަވަން ނުހައްދަވާށޭ. ބާނާ ކޮންމެ ކިލޯއަކީ އަޅުގަނޑަށް ކިޔޭ މަރްޙަބާއެއް. ބާނާ ކޮންމެ މަހަކީ، އަޅުގަނޑަށް ލިބޭ އުފަލެއް. އަޅުގަނޑު ކޮންމެ ދުވަހަކުވެސް އިންނަނީ ބާނާ މަސް ގުނަން. އަޅުގަނޑަށް އެނގޭ، ރޭ ބޭނި ޢަދަދު. އަޅުގަނޑު ބޭނުން، އެ ޢަދަދު އިތުރުކުރަން. އަޅުގަނޑު ބޭނުން، އެމަހަށްވާ ގޮތް ބަލަން. އަޅުގަނޑު ބޭނުން، މިތަނުގެ ގްރޭޑް 5ގެ ދަރިވަރަށްވާ ގޮތް ބަލަން. އަޅުގަނޑު ބަލާނަން. އަޅުގަނޑު ހޯދާނަން. އަޅުގަނޑު މިކަމައިގެން އުޅޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑު ކޮންމެ ރެޔާދުވާލަކަށް 10 ގަޑިއިރު މަސައްކަތް ނުކޮށް ދުލެއްނުކޮށްލާނަން، ތިޔަބޭފުޅުންނަށްޓަކައި. އަޅުގަނޑެއް ތިޔަބޭފުޅުންގެ ފައިސާއަކު ނުޖެހޭނަން. ތިޔަބޭފުޅުންގެ ޚަޒާނާއިން ލޯ ލާރިއެއްގައިވެސް އަޅުގަނޑު އަތެއް ނުލާނެ.
 
އަޅުގަނޑުމެން ނުކުމެ މިތިބީ، އުފާވާ ޒަމާނެއް ހޯދަން. އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުމެންނަށް، އެ ޒަމާން އަންނަމުން އަންނަތަން. އަޅުގަނޑު ދަންނަވާނީ، އުފާވޭ ޒަމާނޭ، ހިތާއޭ އަހާށޭ. އުފާވެރިވި މި ރާގޭ.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________