بســماللّـهالرّحمـنالرّحيــم

 
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީވެސް މިރަށުގައި ވަޑައިން އެބައުޅުއްވާ. މިޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަދި ވަކިން ޚާއްޞަކޮށް ގާފަރަށް ކުރިޔަށް މިއޮތް ލޯކަލް އިންތިޚާބުގައި ކުރިމަތިލައްވާ ކެންޑިޑޭޓުން، އަދި އެއަށްވުރެވެސް ވަކިން ޚާއްޞަކޮށް މިރަށު އެންމެހާ ރައްޔިތުން.
 
السّـلام عليـكم
 
މީގެ ދުވަސްތަކެއްކުރީގައި، މީގެ ދެތިން ހަތަރު އަހަރެއްގެ ކުރީގައި، މިޕާޓީއިން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރިން. އެއިން ކޮންމެ ރަށެއްގެވެސް ކިތަންމެ ގެއަކަށް، ދޮރުން ދޮރަށް އަޅުގަނޑުމެން ހިނގީމު. ވަރަށް ގިނަ މީހުނާ އަޅުގަނޑުމެން ބައްދަލުކުރީމު. އެމީހުންގެ ހާލުއަހުވާލު ބެލިއިރު އަދި މުޅިރާއްޖޭގެ އަޑު މިޕާޓީއަށް އެހުނު. އެ އަޑުތައް އެއީ ފަހުންއައިސް ވެގެންދިޔައީ، އެމައްޗަށް ބިނާވެ މިސަރުކާރުން ރައްޔިތުންނަށް ވާ ވަޢުދުތަކުގެ ގޮތުގައި. އަދި އެއަޑުތައް ފަހުންއައިސް ވެގެންދިޔައީ އަޅުގަނޑުމެންގެ ސިޔާސަތަށް. މިސަރުކާރުން މިރާއްޖޭގައި ތައްފީޒުކުރާ ސިޔާސަތުތަކަށް.
 
ޤައުމެއް، ރަށެއް، އާބާދީއެއް ތަރައްޤީކޮށް ކުރިއަރުވާން ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ކުރެވިފައި ހުންނަންޖެހޭކަން އެއީ، އިންސާނީ ތަޖުރިބާ ދައްކާފައިއޮތް ޙަޤީޤަތެއް. މިރާއްޖެއަށްވެސް ހަމަ ކަންއޮތީ މިޙުކުމުގައި. މި ގާފަރުގައިވެސް ކަންއޮތީ ހަމަ މިމަގުގައި. ވަކި ތަރުތީބަކުން ވަކި ކަންކަމެއް ކުރީމާ ނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަނަވަސްކަން، އަޅުގަނޑުމެން މިއެދޭ ހިތްހަމަޖެހުން އަޅުގަނޑުމެނަށް ހޯދަން ދަތިވާނެ. ރާއްޖޭގެ އާބާދީގެ ވަރަށްގިނަ ބަޔަކީ، ކޮންމެ ތިންމީހަކުން ކުރެ އެކަކީ، ނިކަމެތި ފަޤީރެއް. އޭނާއަކީ އޭނާޔަށް ރެއާ ދުވާލަކަށް ހަމަޔަށް ވިހިރުފިޔާވެސް ރަނގަޅަށް ނުލިބޭ ނިކަމެއްޗެއް. ޤައުމެއްގެ ނުވަތަ ރަށެއްގެ އާބާދީގެ ގިނަބަޔަކު، ބޮޑުބަޔަކު ފަޤީރުކަމުގައި ވަނިކޮށް އެޤައުމެއް، އެރަށެއް ތަރައްޤީއެއް ނުވާނެ. ތަރައްޤީވާން މިޖެހެނީ ގާފަރު މީހާ، ގާފަރެއް ނޫން. ތަރައްޤީވާން މިޖެހެނީ ގާފަރު މީހާ، ސަލާމަތްތެރިކަން ލިބެން މިޖެހެނީ ގާފަރު މީހާއަށް. ތަނަވަސް ދިރިއުޅުމެއް ހޯދައިދެވޭނީ، ލިބޭނީ ގާފަރު މީހުނަށް. އެއީ، ގާފަރުގެ ތަރައްޤީއަކީ.
 
އިޖްތިމާއީ ރައްކާތެރިކަން ނުވަތަ ފަޤީރުކަމުން އަރައިގަނެވޭނެ ގޮތްތަކެއް ސަރުކާރުން ނުހޯދޭހާ ހިނދަކު މި ގާފަރެއްވެސް އަދި މިރާއްޖެއެއްވެސް ތަރައްޤީއެއް ނުކުރެވޭނެ. އެހެންވީމާ، މިޕާޓީން އަދި މިސަރުކާރުން ވީ ވަޢުދަކީ، ބޭސް ސިޓީއަށް ސަލާންޖެހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނައްތާލާނަމޭ. އަޅުގަނޑުމެނަށް މީގެކުރީގައި ފެންނަމުން ދިޔައީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ޑޮކްޓަރުދޭ ބޭހަށް، ޑޮކްޓަރު ލިޔެދިން ބޭހަށް، އެބޭސް ހޯދުމަށްޓަކައި ރައްޔިތުން އުޅެމުން ދިޔަގޮތް. އެއް ސައުދާގަރެއް ކައިރިން އަނެއް މަހުޖަނެއް ކައިރިން ސަލާން ޖަހަމުން ހިނގަމުންދިޔައީ. ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ހޯދާނުދެވޭކަމަށްވަނީވިއްޔާ އެރައްޔިތަކަށް ކުރިއަރައެއްވެސް ނުދެވޭނެ. އަޅުގަނޑު ބޭނުންވަނީ ގާފަރު މީހެއް، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ މީހެކޭ، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ހަލާލު ލާރީގައި ތިމަންނާގެ އަނބިދަރީން ބަލައި ގާފަރު ޝަޚްޞިއްޔަތެކޭ، އެހެން ބުނާނޭ ގާފަރު ރައްޔިތަކު ހޯދުން. އެކަމަށްޓަކައި އުފެދިގެން އައި އެއްކަމަކީ، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. މަދަނައިގެ ވިއުގަ އުފެދުނީ މިދެންނެވި ހިސާބުން. އަޅުގަނޑުމެނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ގާފަރުގެ 134 މީހުން މަދަނައިގައި ރަޖިސްޓްރީވެފައިވާތީވެ. އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ، އެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ މާލިއްޔަތުގައި ރައްކާކުރެވިފައި އޮތީތީވެ.
 
ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ސިޔާސީ ޕާޓީ، އެމް.ޑީ.ޕީ، ގަބޫލުކުރާ އުޞޫލެއްނޫން އެއީ، މިރާއްޖޭގައި މިއަދު ޕެންޝަނެއް ޙައްޤުވާން މިޖެހެނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށްކަމަށް ދެކޭ ދެކުން. މިރާއްޖެ އަޅުގަނޑުމެނަށް މިގޮތަށް ލިބިފައި މިއޮތީ އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މީހުން، އަޅުގަނޑުމެންގެ ކާބަފައިން ވަރަށް ގިނަގުނަ މަސައްކަތް ކުރީތީވެ. އެމީހުން ރުކަށް ފަރަށް ދިޔައީތީވެ. އެމީހުން އޮޑިދޯނިފަހަރު ބަނީތީވެ. މަހަށް ދިޔައީތީވެ. އެމީހުން ރިޒޯޓު ފަހަރު ހެދީތީވެ، އެމީހުން ކިތަންމެ ކިތަންމެ ކަމެއް ކުރީތީވެ. އެހެންވީމާ، މިއަދު އަޅުގަނޑުމެން މިތިބީ މިސަރުކާރުގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް ވަޢުދުވެގެން އަދި އަޅުގަނޑުމެން މިދަނީ މިދެންނެވި ވަޢުދު ފުއްދަމުން. އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް    މި ސަރުކާރުން އިރާދަކުރެއްވިއްޔާ ދެހާސްރުފިޔާގެ ޕެންޝަނެއް ދޭނަމޭ. އަޅުގަނޑުމެނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 45 މީހަކަށް މިދެންނެވި ޕެންޝަން ގަވާއިދުން ދެމުންދާތާ މިވީ ދެއަހަރު. މިރަށަށް ކޮންމެ މަހަކު ޕެންޝަނަށްޓަކައި ނުވަދިހަހާސްރުފިޔާ ޚަރަދުކުރުމުގެ ފުރުޞަތު މިސަރުކާރަށް ލިބިފައި އޮތްކަމީ، ސަރުކާރަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންގެ ގާފަރު ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުނާއި، އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް ދެވޭ ޢިނާޔަތްތައް މިރަށުގެ 19 ފަރާތަކަށް ދެވެމުން ގެންދާކަމުން.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން. އަޅުގަނޑުމެނަށް ފާހަގަވެފައިއޮތީ، މިރާއްޖޭގައި ހުރި އެކަށީގެންނުވާކަމަށް އަޅުގަނޑުމެން މިދެކޭ ޚިދުމަތްތައްވެސް، މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅައެއްބައި ރައްޔިތުންނަށް އެޚިދުމަތްތަކަކަށް އަތެއް ނުފޯރައޭ. އެހެންވީމާ، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދީގެން މެނުވީ، މިރަށުގެ ތަރައްޤީގެ މަގަށް އަޅުގަނޑުމެނަށް އެނބުރި ނުގަނެވޭނެކަން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިރަށުގެ ހެލްތް ސެންޓަރު ޓެލެމެޑިސިން ސެންޓަރަކަށް ބަދަލުވެގެންދާނެ. ތިބޭފުޅުންނަށް މިރަށުގައި ތިއްބަވައިގެން، މިރަށު ރައްޔިތުންނަށް، މާލޭގެ ހުރިހާ ޑޮކްޓަރުންނަކަށްވެސް، އެޑޮކްޓަރުންގެ ޚިދުމަތްތައް ރީތިކޮށް މިނިޒާމުގެ ތެރެއިން ލިބިލައްވާނެ. އަޅުގަނޑު އެކަން ތިނަދޫގައި ފަށައިފިން، ސަރުކާރުން، ގދ.ތިނަދޫގައި. އަދި ކުރިޔަށް މިއޮތް ހަފްތާ ތެރޭގައި ނައިފަރާއި، ކުޑަހުވަދޫއާއި، އޭދަފުށީގައިވެސް މިމަޝްރޫޢު ފެށޭނެ. ދާދި އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް މި ގާފަރުގައިވެސް އެމަސައްކަތް ފަށައިގަނެވޭނެ. އެޚިދުމަތް އަޅުގަނޑުމެނަށް ދެވޭނެ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނަށް ޚިދުމަތްކުރުން. މިސަރުކާރެއް ދެމިއެއްނޯވޭ އެހެން އެއްވެސް ބޭނުމަކަށް. ހަމައެކަނި ބޭނުމަކީ ވަޢުދު ފުއްދުން. އެއީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި. ސަރުކާރުން ވެފައިވާ ވަޢުދުތަކަކީ އެވަޢުދުތައް ފުދުމުން މިރާއްޖެ ބަދަލުވާނެ، މިރާއްޖެ ތަރައްޤީވާނެ ކަންކަން. އެކަންކަން އެވަޢުދުތައް ފުއްދުމަށްޓަކައި ސަރުކާރުން މިހާތަނަށް ކުރެވިފައިހުރި މަސައްކަތާ ގުޅޭގޮތުން މިސަރުކާރު ނުހަނު ހިތްހަމަޖެހޭ.
 
ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް އެމް.ޑީ.ޕީ ވަޢުދުވީ ރައްޔިތުންނަށް. މިސަރުކާރުން މިގެންދަނީ އެކަން ތަންފީޒު ކުރަމުން. ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލަން ނިންމިފައިއޮތީ ނުވަތަ ސަރުކާރުން ވަޢުދުވެފައިވާނީ ހަތްއަހަރު ދުވަހުގެ ތެރޭގައި އެމަސައްކަތް ކުރުމަށް. ދެއަހަރު ދުވަހުގެ ތެރޭގައި އޭގެ އަސާސީ ޚިދުމަތްތައް ދިނުމަށް. އަޅުގަނޑުމެނަށް، މިސަރުކާރަށް ހިތްހަމަޖެހުންލިބި ހިތްވަރު ލިބެނީ މިގާފަރު ރައްޔިތުން އެނިޒާމު ބޭނުންކުރާލެއް ގިނަކަމުން. މިއަދާ ހަމަޔަށް މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި 2360 ފަރާތަކުން މިރަށުން ދަތުރަށް އަރައިފި. އަދި ހަމައެހެން 2287 ދަތުރު މިރަށަށް ނިންމައިފި. އަޅުގަނޑުމެންގެ ބޭނުމަކީ ވިޔަފާރި ތަރައްޤީކުރުން. ޚިދުމަތްތައް ފުޅާކުރުން. ވިޔަފާރި ތަރައްޤީވާނީ މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ބަދަލުވީމާ. އެކަމަށްޓަކައި މިދަނީ ދަތުރުފަތުރުކުރުމުގެ ނިޒާމު ފުރިހަމަވަމުން.
 
މިރަށުގެ ބަނދަރު މުހިންމުވަނީ ހަމައެކަނި ދަތުރުފަތުރު ކުރުމުގެ ނިޒާމަކަށެއްނޫން. މިމާލެއަތޮޅުގައި އެންމެ މަސްވެރިކަންކުރާ އެއްރަށް. އަދި އަޅުގަނޑަށްވެސް ހަމަ ވަރަށް ސާފު، މާލޭ ރައްޔިތުން ކަނީ މިރަށު މީހުން ބާނާ މަސްކަން. މިރަށުގެ ފަޅާ، މިރަށުގެ ދޯނިފަހަރު ރަނގަޅަށް ނުބެލެހެއްޓޭކަމަށް ވަނީވިއްޔާ މިރަށުގެ އިޤްތިޞާދަށް އޭގެ ހީނަރުކަން އަންނާނެ. އެހެންވެ، މިރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ހެދުމަކީ ބޭނުންތެރިކަމެއް. މިއަހަރު، އިރާދަކުރެއްވިއްޔާ، ބަނދަރުގެ ނެރު ތިލަވަމުން އަންނަ އައުން އަޅުގަނޑުމެނަށް ފުންކޮށްދެވޭނެ. މިއަންނަ އަހަރު ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ މިރަށުގެ ބަނދަރު ހަދާ ނިންމޭނެ. މިއަހަރުގެ ތެރޭގައި ބަނދަރު ހެދުމުގެ މަސައްކަތްތައް، ސަރވޭއާއި ބަނދަރު ކުރެހުމުގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ. އަދި އަޅުގަނޑު މިއަންނަ އަހަރު މިތަނަށް އަންނައިރުގައި އިރާދަކުރެއްވިއްޔާ އަންނާނީ އެބަނދަރަށް.
 
އަޅުގަނޑުމެންގެ ބޭނުމަކީ އިޤްތިޞާދީ ތަރައްޤީ ރައްޔިތުންނަށް ލިބޭނެގޮތެއް ހޯދުން. އަޅުގަނޑުމެން އެމަސައްކަތުގައި އަބަދުވެސް ދެމިތިބޭނަން. އަޅުގަނޑަށް އެންމެ އުފާވީހީ މިއަދު ތިބޭފުޅުން އަރިހުގައި ދެންނެވުނުނަމަ، އިރާދަކުރެއްވިއްޔާ މިއަހަރު ތިބޭފުޅުންގެ ބަނދަރު ހަދައިދޭނަމޭ. އަޅުގަނޑަށް އެހެން ނުދެންނެވުނީ ހަމަ ކިތަންމެ ސަބަބަކާހުރެ. މިއަހަރު އެބަ ހަދާ 43 ބަނދަރު ސަރުކާރުން. އެ 43 ބަނދަރު ހެދުމުގައި ކޮން ކޮން ބަނދަރެއްތޯ މުހިންމީ، ކޮންބައެއްގެ ބަނދަރެއްތޯ ފުރަތަމަ ހަދާންވީ، މިކަންކަން މިނުމުގައި ސަރުކާރަށް އެހީތެރިވެދެނީ ރައްޔިތުންގެ ވަކީލުން. އަޅުގަނޑުމެނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް އަދި ފޫނުބެއްދޭފަދަ ބޮޑު ގެއްލުމެއް، ތިބޭފުޅުންގެ ވަކީލުންނާއެކީގައި އަޅުގަނޑަށް މަޝްވަރާ ނުކުރެވޭކަން. އެ މަޝްވަރާ އަޅުގަނޑަށް ކުރެވެމުން ގެންދެވުނުނަމަ އަޅުގަނޑަށް، މިތަން ފެންނަންދެނެއް ހުންނާކަށެއް ޙަޤީޤަތުގައި ނުޖެހުނީސް. އަޅުގަނޑު ފޮޓޯއިން ދުށިން މިރަށުގެ ބަނދަރު. އަޅުގަނޑު އޮފީހު ކުދިން ފޮޓޯނަގާފައި މިރަށުގެ ބަނދަރު އޮތްގޮތް އަޅުގަނޑަށް ދެއްކި. އަޅުގަނޑަށް މިރަށުގެ ބަނދަރު، ހަމަ ޙަޤީޤަތުގައިވެސް ހަދަންޖެހޭ ކަމުގެ މުހިންމުކަން އެންމެ ބޮޑަށް އިޙްޞާސް މިވަނީ، މިއީ އެހާ މަސްވެރިން އުޅޭ ރަށަކަށްވެފައި، މިރަށުގައި ރައްޔިތުންނަށް އޮޑިދޯނިފަހަރު ރަނގަޅު ގޮތުގައި ބެލެހެއްޓޭނެ ގޮތެއް ހޯދައިދިނުމަށް. އަޅުގަނޑު ގާތުގައި އަޅުގަނޑު ޕާޓީގެ ދާއިރާގެ ރައީސް، ބަނދަރުގެ ވާހަކަ މިދިޔަ ތިން ހަތަރު މަސްދުވަހުގެ ތެރޭގައި ދައްކަން ފެށްޓެވި. ކާށިދޫ ބަނދަރު އެބަހެދޭ މިއަހަރު. އެކަމު ގާފަރު ބަނދަރު ނުހެދޭކަން އެއީ، އަޅުގަނޑުމެނަށް އޮތް ހިތާމައެއް، މިއަހަރު އެކަން ނުވާކަން. އަޅުގަނޑު އިތުރަށް ދަންނަވާނީ މިފަހަރު އަޅުގަނޑު މާލެގޮސް، އަޅުގަނޑުމެން ޔަޤީންކަމާއެކުގައި މިއަންނަ އަހަރު ބަޖެޓުގައި ހިމަނައި ބަނދަރު ހަދާނަން. އެހެންނަމަވެސް، އަޅުގަނޑެއް ބޭނުމެން ނޫން، އަޅުގަނޑުގެ އުއްމީދު އަޅުގަނޑު ނަގާލާކަށް. ތިބޭފުޅުންކުރާ އެއްވެސް ކަމަކާ ބެހޭކަމެއްނޫން މީކީއެއް. އަޅުގަނޑުމެން ބޭނުންވެގެން ހަދަން އުޅޭ ބަނދަރެއް މިތާ ހަދަން މިއުޅެނީ. މިރާއްޖެ ބޭނުންވެގެން ހަދާ ބަނދަރެއް. އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން، މިއަހަރުގެ ތެރޭގައިވެސް ތިބޭފުޅުންގެ ބަނދަރުގެ ތަންކޮޅެއް ރަނގަޅު މަސައްކަތެއް ހިންގޭތޯ. ބަނދަރެއް އެނގިވަޑައިގަންނަވާނެ، ގާފަރަށް ހަދަންޏާ ތިރީސް ސާޅީސް މިލިޔަން ރުފިޔާ ޚަރަދުކުރަންޖެހޭނެ. މިފަހަރުގެ ބަޖެޓުގައި އެފައިސާ ނުހިމަނާ އޮތްކަމުން ބަޖެޓުގައި ނުހިމެނި ކޮންޓިންޖެންސީއަކުންވެސް ނުވަތަ އެހެން ދިމާއަކުންވެސް އެއަދަދަށް އެފައިސާއަކީ ބޮޑު އަދަދެއް، އަޅުގަނޑުމެނަށް ދަތިވެދާނެ. އެހެންވީމާ، އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، މިއަހަރު އަޅުގަނޑުމެނަށް މިރަށުގެ ބަނދަރުގެ ނެރުގެ މަސައްކަތް، ފުންކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއޭ. ހަމަކަށަވަރުންވެސް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު މިރަށުގެ ބަނދަރު ހަދާދެވޭނެއޭ.
 
މިރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން އަޅުގަނޑަށް އަބަދުވެސް ފާހަގަވޭ. އާބާދީ ބޮޑުވަމުން މިދަނީ، އިތުރު އާއިލާތައް އުފެދެމުން ދަނީ. އެއާ އެއްވަރަކަށް ރަށުގެ ބިމެއް ބޮޑުވުމަކުން ނުދޭ. އެހެންވީމާ، މިކަމަށް ޙައްލެއް އަޅުގަނޑުމެން އެބަ ގެންނާންޖެހޭ. ބޯހިޔާވަހިކަން ހޯދައި ދިނުމުގައި އެންމެންވެސް މިދެކެނީ ބާރަށް ބިން ހިއްކުން އެއީ، ފަސޭހައިން ކުރެވޭން އޮތްކަމެކޭ. މިއަދު އަޅުގަނޑުމެނަށް އެމަގަށް ކަންކަން ހިންގިދާނެ. ސަރުކާރުގެ މިއަހަރުގެ އަމާޒަކީ، މިރަށުގައި ހައުސިންގ ޔުނިޓް އެޅޭތޯ މަސައްކަތްކުރުން. އެހެންވީމާ، އޭގެތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދެވޭތޯ ބެލުން. ބިން ބޮޑުކުރުމުގެ މަސައްކަތް އަޅުގަނޑުމެނަށް ކުރިއަށް ގެންދެވޭނީ 2013 ވަނަ އަހަރު. އަޅުގަނޑުމެންގެ ސަރުކާރު ނިމުމުގެ ކުރީގައި އިރާދަކުރެއްވިއްޔާ މިރަށުގެ، ކުރިޔަށް އޮތް ފަންސާސް އަހަރަށް ބޭނުންވާ ވަރަށް، ރައްޔިތުންނަށް ބިން ބޭނުންވާ ވަރަށް އިރާދަކުރެއްވިއްޔާ މިސަރުކާރުން ބިން ހަދައިދޭނަން.
 
މިރަށުގެ ރައްޔިތުން ބޭނުންވެގެން އުޅޭ މިސްކިތް، އަޅުގަނޑުމެނަށް މިއޮތީ މިއަހަރު އެމަސައްކަތް ކުރަން ފެށިފައި، ފެށޭގޮތަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިރަށުގައި މިއަހަރު މިސްކިތުގެ މަސައްކަތް ހިނގާނެ. އަދި އެ ފައިސާވަނީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައި.
 
އަޅުގަނޑުމެންގެ ހަމަ ހައްތަހާވެސް އަމާޒަކީ، ގާފަރުމީހާ ތަރައްޤީކުރަން މަސައްކަތްކުރުން. މިތަނުގެ މަދަރުސާ އެއީ، ރަނގަޅު މަދަރުސާއަކަށް ހެދުން. ސަރުކާރަށް ހިތްހަމަޖެހުން ލިބޭ، މިރަށުގެ ދަރިވަރުންނަށް ފޮތް ފަންސޫރު ގަލަން ގަތުމަށްޓަކައި 2010 ވަނަ އަހަރުވެސް އެއްލައްކަ ފަންސާސް ދެހާސް ދުއިސައްތަ ނުވަރުފިޔާ ޚަރަދުކުރެވިފައި އޮތްކަމުން. އަޅުގަނޑުމެންނަށް އުފާވެރިކަންލިބޭ، މިރަށު ދަރިވަރުން އިމްތިޙާނުތަކުގައި ބައިވެރިވުމަށް އަށާވީސްހާސް ދުއިސްތަ ހަތްދިހަފަސްރުފިޔާ ޚަރަދު ކުރެވިފައި އޮތީތީވެ. އެހެންނަމަވެސް، ސަރުކާރުގެ އަމާޒަކީ، މިރަށުގެ މަދަރުސާ އެއް ދަންފަޅިއަށް ބަދަލުކުރުން. އަދި ވަށާ ޖެހޭ ތަޢުލީމެއް އެމަދަރުސާގައި ދިނުން. އަޅުގަނޑުމެނަށް، 2012 އަށް މިކަން އަމާޒުކުރެވިފައި އޮތީ. އިރާދަކުރެއްވިއްޔާ 2012 ވަނަ އަހަރު މިތަނުގެ މަދަރުސާ އެއްދަންފަޅިއަށް ބަދަލުވެގެންދާނެ.
 
އަޅުގަނޑު ދަންނަވާލަން ބޭނުން ގާފަރު ރައްޔިތުންނަށް މިއަދު، ކުރިއަށް މިއޮތީ، ފެބްރުއަރީ 5 ވަނަ ދުވަހަކީ މި ގާފަރުގެ ތަރައްޤީއަށްޓަކައި އެންމެ މުހިންމު ބިންގާ، އެންމެ މުހިންމު މުއައްސަސާގެ ބިންގާ އެޅޭ ދުވަސް. މިއުޅެނީކީއެއް މީގެކުރީގައި އޮތް ރަށްކުރިއަރުވާ ކޮމިޓީ އިންތިޚާބު ކުރާކަށެއް ނޫން. ޖިންސުންލަޠީފުންގެ ރޫޙު ނުވަތަ ރަށު ޖަމްޢިއްޔާއެއް އުފައްދާކަށެއްވެސް ނޫން. މިއުޅެނީ ވަރަށް ބަލައިގެން އަޅުގަނޑުމެން ކަމެއް ކުރަން. އެތައް އެތައް ޒަމާނެއް ވަންދެން މާލޭގައި އެއްވެފައި ހުރި ބާރު، އަޅުގަނޑުގެ ރަށުގައި ހުރި ބާރުތަކެއް، އެއިން ބައެއް ތިބޭފުޅުންގެ ރަށަށް ދޭންވެގެން. ޤާނޫނު އަސާސީ ތަންފީޒު ކުރަމުންދާއިރުގައި، މިހާރު މިވަނީ ވެރިކަމުގެ ފަރާތުން ޝަރީޢަތް ވީއްލިފައި، މުސްތަޤިއްލު ކުރެވިފައި. އަދި ޤާނޫނު ހަދާ މަޖިލިސްވެސް މިވަނީ ވެރިކަމުގެ ފަރާތުން ދޫކުރެވިފައި. މިހާރު ސަރުކާރު މިހިންގަނީ ޤާނޫނު އެގޮތަށް ފަހިކޮށްދީ ތަންދޭތީވެ. ވެރިކަމުގެ ފަރާތުގައިވާ އިތުރު ބާރު، ހިންގުމުގެ ބާރުން ބައެއް މިގާފަރަށް ދިނުމަށް. އެމަސައްކަތް އަޅުގަނޑުމެން މިކުރަނީ، ގަބޫލުފުޅު ކުރައްވާ އެއީ، އަޅުގަނޑުމެންގެ ރަށުގައި އޮތް، އަޅުގަނޑުމެން އަތުގައި ޒަމާންގަނޑެއް ވަންދެން އޮތް ބާރެއް. އެބާރު މިރަށަށް ދިނުމަށް މަސައްކަތް ކުރަނީ އަޅުގަނޑުމެން. އޭގެ ބެލެނިވެރިންނަކީވެސް އަޅުގަނޑުމެން. އެޚިޔާލާތަކީ އެފިކުރަކީވެސް އެމް.ޑީ.ޕީ ގެ ފިކުރެއް. ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުޞޫލުން ހިންގާކަށް އެހެން މީހަކު މީގެ ކުރިއަކު ނޫޅޭ. ޒަމާންތަކެއްވެއްޖެ، އަޅުގަނޑުމެން މިވާހަކަ ދައްކަމުން އަންނަތާ. ލާމަރުކަޒީ އުޞޫލުން ރައްޔިތުންނަށް ބާރުދީގެން، ރައްޔިތުން ގާތުން، ރައްޔިތުންނަށްޓަކައި ކުރާ ވެރިކަމެއް އަޅުގަނޑުމެން ކުރަން. ރައްޔިތުންގެ އިޙްޞާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން. އެވެރިކަން ކުރެވޭން އަންނަނީ، އެހެޔޮ ވެރިކަން ކުރެވެން އަންނަނީ، މިދަންނަވާ މުއައްސަސާތައް އުފެދިގެން. ރަށަށް ރަށުގެ ބާރު ލިބިގެން. ރަށްވެރިކަން ހަރުދަނާ ކުރެވިގެން. އެރަށްވެރިކަން ރަނގަޅަށް ހަރުދަނާ ކުރެވުނީމާ އަދި އަޅުގަނޑަށް އެނގޭ އެހެން އެއްވެސް ބަޔަކަށް މިކައުންސިލް އޮންނަ ގޮތެއްވެސް ނޭނގޭކަން، ގޮނޑިތައް އޮންނަނީ ކޮންތާކުކަންވެސް ސިފަނުވާކަން، އިށީންނާނީ ކޮން މޭޒެއްގެ ދޮށުގައިކަންވެސް ރަނގަޅަށް ސާފުނުވާކަން. އަޅުގަނޑުމެންނަކަށެއް ނެތް، ފެބްރުއަރީ 5 ން އަދި މިކަމުން އަތްދޫކޮށްލެވޭކަށް. އަޅުގަނޑުމެނަށް މިކައުންސިލް ދިރުވައި، ކުރިއަރުވައި މި ގާފަރުގެ ތަރައްޤީގެ މަސައްކަތުގައި އަބަދުވެސް އަޅުގަނޑުމެން އުޅޭނަން.
 
އެނގިވަޑައިންނަވާނެ މިޕާޓީގެ، އަޅުގަނޑުމެންގެ ސަރުކާރު ހިންގާ ޕާޓީގެ ޗެއަރޕަރސަނަކީ މި ގާފަރާ މިއަތޮޅާ ދުރު ބޭފުޅެއްނޫން. އެހެންވީމާ، އަދި އަޅުގަނޑުމެންނަށް ވަކިން ޚާއްޞަކޮށް މިރަށަށް ބެލޭ، އަދި އަޅާލެވޭ. އެހެންނަމަވެސް، އެބޭފުޅާއަކީ ތިބޭފުޅުންގެ ވަކީލެއްނޫން. ތިބޭފުޅުންގެ ވަކީލުންނާއެކީގައި އަޅުގަނޑުމެނަށް ކަންކުރާން ފަސޭހައީ. ގިނަފަހަރު އަޅުގަނޑު އެމަސައްކަތް ކުރެވޭތޯ ބެލީމު. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެމަސައްކަތް އޮތީ އޭރުގައި މުޅިން ކާމިޔާބު ނުވެފައި. އަޅުގަނޑު ޔަޤީންކުރަން، މިހާރު ތިޔަބޭފުޅުން މިސަރުކާރަށް ފުރުޞަތެއް ދެއްވާނެކަމަށް. އަޅުގަނޑުމެންގެ އެބައޮތް، އަޅުގަނޑުމެންގެ ތަޞައްވުރެއް ގާފަރަށް. ގާފަރުގެ ތަރައްޤީއަށް އޮތް އަޅުގަނޑުމެންގެ މަންޒަރެއް، ކުރެހުމެއް، ވިސްނުމެއް. އަޅުގަނޑުމެން ބޭނުން އެމަންޒަރު ޙަޤީޤަތަކަށް ހަދަން. އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެނަށް އެކަން ކުރެވޭނެކަން. އަޅުގަނޑުމެން ޕާޓީގައި އެ ހިތްވަރު އެބަހުރިކަން. އަދި އަޅުގަނޑުމެންގެ ކިބައިގައި އެ ޙިކުމަތާއި    އެ ވިސްނުންވެސް އެބަހުރިކަން. އަޅުގަނޑުމެންނަށް ފެންނާން އޮތް މަންޒަރު މިއަށްވުރެ މާ މާ އުޖާލާ.
 
މިރަށުގެ މަސްވެރީންނަށް، މިރަށު މަސްވެރީންގެ މަހަށް ލިބޭ އަގު އަބަދުވެސް ރަނގަޅުވާނެ މާލޭގައި މާރުކޭޓެއް އޮތިއްޔާ. އަދި ހަމައެހެންމެ، މިރަށު މަސްވެރިންނަށް ފެލިވަރުވެސް އެއޮންނަނީ ދާދި ގާތުގައި ގިނައިން ބާނާ ދުވަހަކު. އެނގިވަޑައިންނަވާނެ މީގ ކުރީގައި މަސްކިލޯއެއް، ކިލޯ ހަމަނުވާ މަހަކަށް މިލިބެނީ ދެރުފިޔާ ބައި ނުވަތަ ގިނަވެގެން ފަސްރުފިޔާ. އަޅުގަނޑުމެން ވަޢުދުވިން، ރާއްޖޭގެ މަސްވެރީނަށް އެމަހުގެ ހަމަ އަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަމޭ. އަޅުގަނޑުމެން ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން، މިހާރު ތިބޭފުޅުން ފެލިވަރު ޖެޓީއަށްވެސް އަދި ފެލިވަރަށްވެސް ކިރާނެ. ދިހަރުފިޔާއަށްވުރެ ހެޔޮކޮށެއް މަހެއް ނުކިރާ. އަދި އަޅުގަނޑަށް އެނގޭ ހުޅުމާލެއަށްވެސް، މަސްވެރިކަން ދޫކޮށްލުމާ ގުޅިގެން ބާރާ ރުފިޔާއިން ސާދަ ރުފިޔާއަށް މަސްކިލޯއެއް ގަންނަކަން.
 
މަސްވެރީންގެ އާމްދަނީ އިތުރު ކުރުމަކީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. މުއްސަނދިކަން ލިބުމަކީ ޤައުމެއް، ރަށެއް ތަރައްޤީވެ ދިޔުމަށް އޮތް އެންމެ މުހިންމު އެންމެ ރަނގަޅު ވަސީލަތް. އިރާދަކުރެއްވިއްޔާ އެމަސައްކަތް މެދުނުކެނޑި އަޅުގަނޑުމެން ކުރަމުން ގެންދާނަން. އިރާދަކުރެއްވިއްޔާ މިރަށުގެ މަސްވެރީންނަށްވެސް އަދި މިރަށުގައި އެހެން މަސައްކަތްތައް ކުރާ ފަރާތްތަކަށްވެސް މިއަހަރުގެ ތެރޭގައި ސަރުކާރުން ހަމަޖައްސާފައިވާ ލުއިލޯނުގެ ފުރުޞަތު ފަހިވެގެންދާނެ. ތަރައްޤީއަށްޓަކައި ވިޔަފާރި ތަރައްޤީ ކުރުމަށް އަޅުގަނޑުމެން އެދޭތީވެ އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ތަރައްޤީކުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އެކަމަށްޓަކައި މިފަހަރުގެ ބަޖެޓުގައި ލުއިލޯނު މިރަށަށްވެސް އަދި އެހެން ރަށްރަށަށްވެސް ހިމެނިފައި، ޚާއްޞަވެފައިވާނެ.
 
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހިނގާ މަގުން ހިނގީމާ، އަޅުގަނޑުމެނަށް ދެވޭނެ އެހެން މަންޒިލަކަށް. އަޅުގަނޑުމެން ދަންނަވަމުން ގެންދިޔައިމު، މިރާއްޖެއޮތީ 2008 ވަނަ އަހަރުވެސް ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އެދުވަހު އެބައޮތޭ އަޅުގަނޑުމެނަށް ޚަރާބުގެ މަގަށްވެސް ދެވެން ނުވަތަ އެހެން ގޮތެއް އަޅުގަނޑުމެނަށް ހޯދެން. އެހެން ދިވެހިރާއްޖެއެއް އަޅުގަނޑުމެނަށް ހޯދެން. އަޅުގަނޑުމެންގެ އާންމު ހާލަތު ރަނގަޅު ދިވެހިރާއްޖެއެއް، ވަޒީފާގެ ފުރުޞަތުތައް ލިބޭ ދިވެހިރާއްޖެއެއް، ބޯހިޔާވަހިކަމެއް އަޅުގަނޑުމެނަށް އޮތް ދިވެހިރާއްޖެއެއް، އަޅުގަނޑުމެނަށް ރަނގަޅު ޞިއްޙަތެއް ލިބޭނެ، އަޅުގަނޑުމެންގެ ދަރީންނަށް ރަނގަޅަށް ކިޔަވައިދެވޭނެ އަދި އަޅުގަނޑުމެނަށް އަނބިދަރީންނާއެކީގައި ދިރިއުޅެވޭނެ، އަޅުގަނޑުމެންގެ ދުވަސްތައް އުފަލުގައި ހޭދަކުރެވޭނެ ދިވެހިރާއްޖެއެއް. އަޅުގަނޑަށް ހަމަ ޔަޤީން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އިތުބާރު އެބޮތް. އަޅުގަނޑުމެންގެ މި ފަސްއަހަރުގެ ތެރޭގައި އަޅުގަނޑުމެން ވެފައިމިވާ ވަޢުދުތައް އަޅުގަނޑުމެން ފުއްދާނަން.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ ބޭނުމަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި ދުވަހެއް، އަޅުގަނޑުމެންގެ މި ގާފަރަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
واَلحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________