بســماللّـهالرّحمـنالرّحيــم
ދައުލަތުގެ ވަޒީރުން، މާޅޮހުގެ ވެރިންނާއި ވަކިން ޚާއްޞަކޮށް، އަޅުގަނޑުގެ ލޮބުވެތި އެކުވެރި ތިމާގެ މާޅޮހު އެންމެހާ ރައޔިތުން،
السّـلام عليـكم
މި ސަރުކާރު އުފެދުމުގެ މާކުރީގައިވެސް، މިޕާޓީ އުފެދުމުގެ މާކުރީގައިވެސް، މިޕާޓީގައި ހިމެނޭ ކިތަންމެ މެންބަރުންނެއް ރާއްޖޭގެ ވަރަށްގިނަ ރަށްރަށަކަށް ދަތުރުކުރަމުންދިޔަ. ޚާއްޞަކޮށް 2006 ވަނައަހަރާއި 2007 ވަނައަހަރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެން އެކުވެ، އަޅުގަނޑުމެން ރާއްޖޭގެ ކިތަންމެ ރަށަކަށް ދިޔައިމޭ. އެތައް ގެއަކަށް، ދޮރުންދޮރަށް ހިނގައި، ވަރަށްގިނަ މީހުންނާ ބައްދަލުކޮށްހެދިން. ވަރަށްގިނަ ރައްޔިތުންނާ އަޅުގަނޑުމެން މަޝްވަރާކުރީމު. މި ރާއްޖޭގެއަޑު އަޅުގަނޑުމެން އެހީމު. އެދުވަހު އިވުނު އަޑުތައް ފުރޭނިގެން އައިސް މިއަދު މިހުރީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ވަޢުދަށްވެފައި. އެހެންވީމާ، އެއީ، މި ސަރުކާރުގެ ސިޔާސަތުތަކަކީ. މި ސަރުކާރު، އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، ދެމިއޮންނަނީ އެންމެ ބޭނުމަކަށޭ. އެއީ، އަޅުގަނޑުމެންގެ ވަޢުދު ފުއްދުމޭ. އަޅުގަނޑުމެން ރައްޔިތުންނަށް ޚިދްމަތްކުރުމޭ.
އަޅުގަނޑުމެންނަށް ފާހަގަވެފައިވާ ޙަޤީޤަތްތައް ކިތަންމެހާވެސް ގިނަ. ރާއްޖޭގައިހުރި ޚިދްމަތްތަކުގެތެރެއިން ވަރަށްގިނަ ޚިދްމަތްތަކަކީ ރާއްޖޭގެ ރައްޔިތުން، އެތައް ރައްޔިތުންނެއް އެދޭ މިންވަރަށްވުރެ މާ ނިކަމެތިކޮށް، އެދޭ ފެންވަރަށްވުރެ މާ ދެރަވަރުކޮށް. ހުރި ޚިދްމަތްތަކެއް. މިދިޔަ ދިގު 30 އަހަރުވެސް އަދި ހަމަ މިދިޔަ ދެއަހަރުވެސް މި ދެންނެވި ޚިދްމަތްތައް މިއޮތީ އަޅުގަނޑުމެން ބޭނުންވާ މިންވަރަށް، އެދޭ މިންވަރަށް ފުރިހަމަ ނުކުރެވިފައި.
މި ޙަޤީޤަތް މިހެން އޮތްއިރު، އަޅުގަނޑުމެންނަށް އެނގޭ އަނެއް ޙަޤީޤަތަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހުންކުންކުރެ އެކަކީ ފަޤީރެއް. އޭނާޔަކީ އޭނާގެ ރެޔާދުވާލަށް މަސައްކަތަށް ފަނަރަ ވިހި ރުފިޔާ ނުލިބޭ ނިކަމެތިން. އދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ހުރި މީހެއް. އަޅުގަނޑު ދެންމެ މިދެންނެވި، ރާއްޖޭގައި އަޅުގަނޑުމެންގެ ގިނަ މީހުންނަށް ކަމުނުދާ ޚިދްމަތްތަކަށްވެސް މިދެންނެވި އެއްލައްކަ މީހުނަށް އަތެއް ނުފޯރާ. އެމީހުންނަކަށް އެ ޚިދްމަތްތަކެއް ނުލިބޭ. ތާއަބަދު އަޅުގަނޑުމެންނަށް ފެންނަމުންމިދަނީ ރައްޔަތުން ބިކަޙާލުގައި އެކެއް ކައިރިން އަނެކެއް ކައިރިން ބޭސް ސިޓީއެއް ހިފައިގެން، ފޮތް ލިސްޓެއް ހިފައިގެން ސަލާންޖަހަމުން ދާތަން. ޑޮކްޓަރު ލިޔެދޭ ސިޓީއަށް ފަރުވާއެއް، ޝިފާއެއް، ހޯދުމަށްޓަކައި ބޭނުންވާ ބޭސް ހޯދުމަށް، އެއް މަހުޖަނެއް ކައިރިން އަނެއް ސައުދާގަރެއް ކައިރިން ބުނެކިޔައި އާދޭސްކުރަމުން ދާއިރުގައި ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ޙިމާޔަތްކުރަން އުނދަގޫވާނެ.
ޤައުމެއް، ރަށެއް، ތަރައްޤީއެއް ނުކުރެވޭނެ، އެރަށެއްގެ ރައްޔިތުންގެ ގިނަ ބައިވަރު މީހުންނަކީ ފަޤީރުންކަމުގައި ވެގެނެއް. އެރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ލިބިގެން ނޫނިއްޔާ، ކޮންމެ މާޅޮހުމީހަކީވެސް ތިމަންނާޔަކީ، ޙައްޤުތަކެއް ލިބިގެންވާ މާޅޮހު މީހެކޭބުނެވި، ތިމަންނާޔަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ފައިސާ ހޯދައިގެން، ދިރިއުޅެމުންދާ ތިމަންނާގެ އަނބިދަރިން ބަލަހައްޓާ މާޅޮހު މީހާއޭ، ނުބުނެވޭހާ ހިނދަކު ޙަޤީޤތުގައި މާޅޮސްވެސް، އަޅުގަނޑުމެން މިއެދޭ ތަރައްޤީ މާޅޮހަށްވެސް ގެންނަން އުނދަގޫވާނެ. މިޕާޓީގެ ވަޢުދެއް އެއީ، ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓުވާލުން. މި ސަރުކާރުގެ ސިޔާސަތެއް އެއީ، އެވަޢުދު ފުއްދުން. އެހެންވީމާ، މަދަނައިގެ ވިއުގަ އުފެދިގެންއައީ. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބޭ އެއްކަމަކީ، މި ސަރުކާރަށް އުފާވެރިކަން ލިބޭކަމަކީ، މިޕާޓީއަށް ހިތްވަރު ލިބެނީ، މި މާޅޮހުގެ 121 މީހަކު މިހާރު މަދަނައިގައި ރަޖިސްޓަރީ ކުރެވިފައިވާތީވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި މި މާޅޮހުގެ މަދަނައިގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނަށް ބޭސްފަރުވާ ކުރުމަށްޓަކައި ހަލައްކަ ފަސްދޮޅަސްހާސް ހަތްސަތޭކަ ސާޅީސްއަށްރުފިޔާ ޚަރަދުކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބިފައިވާތީވެ. ހަމަ އޭގެ އިތުރުން، މިދެންނެވި 121 މީހުންނަށް ކޮންމެ މީހަކަށްވެސް އެއްލައްކަ ރުފިޔާ، ބޭސްފަރުވާއަށްޓަކައި މާލިއްޔަތުގައި 2011 ވަނަ އަހަރުވެސް ރައްކާކުރެވިފައި އެބަވޭ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އިޖްތިމާޢީ ރައްކާތެރިކަން މީހުންނަށް ފޯރުކޮށްދިނުން. ރައްޔިތުންނަށް ސަލާމަތްތެރިކަމެއް ހޯދައިދިނުން. އަޅުގަނޑުމެންގެ މަސައްކަތަކީ އެއީ. އަޅުގަނޑުމެންގެ ސިޔާސަތު ތަންފީޒުކުރުން. އަޅުގަނޑުމެން ވެފައިވާ އަޢުދު ރައްޔަތުންނަށް ފުއްދުން.
މިޕާޓީއަށް ފެންނަމުންދިޔަ އެތައް ޙަޤީޤަތެއް އަޅުގަނޑުމެން މިހާރުމިވަނީ ސިޔާސަތު ތަކުގެ ގޮތުގައި ތަންފިޒުކުރަން ފަށާފައި. މުޅި ރާއްޖޭގެ އެތަން މިތަނުގައި ދޮށީ ޢުމުރުގެ މީހުން އުޅެމުންދިޔަ ޙާލު، އުޅެމުންދިޔަގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އޭރުވެސް ފެނޭ. ހޮޅުއަށިތަކުގަޔާއި ގޮނޑުދޮށްތަކާއި ރުއްރުއްދޮށުގައި މާލޭގައިވެސް ގޯތިތައް ފޮތިކުރަމުންއައިސް އެންމެފަހުން ކުރީގައި ބަދިގެ ހުރިތާނގައި ހުންނަ ކޮޅުފިލާ ގޮނޑިއެއްގައި ހުއްޓި ވެއްޓިފައި އޮންނަނީ މަންމަ ނުވަތަ ކާފަ. އަޅުގަނޑުމެންގެ ބޭނުމަކީ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން.
މިޕާޓީ ވަރަށް ފުރިހަމައަށް ގަބޫލުކުރާ އެއް ޙަޤީޤަތަކީ، މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް މިއަދު ލިބިފައި މިއޮތީ މިރާއްޖޭގެ ދޮށީއުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީތީއޭ. އެމީހުން މަހަށް، ފަރަށް، ރުކަށް، ވަލަށް ދިޔައީތީއޭ. އެމީހުން ގެދޮރު އެޅީތީއޭ. ވަޑާން ކުރީތީއޭ. އޮޑިދޯނިފަހަރު ބަނީތީއޭ. އެމީހުން ރެޒޯޓުފަހަރު ހެދީތީއޭ. އެމީހުން ކިތަންމެ މަސައްކަތެއް ކުރީތީއޭ. އެހެންވީމާ، މިއަދު މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ ދެކޭއިރު ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގަބޫލުކުރާ ސިޔާސަތެއްނޫން އެއީ، އެ ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގައި މަސައްކަތްކުރި މުވައްޒަފުންނަށްކަމަށް. އެހެންވީމާ، އެ ޕާޓީން، އެމް.ޑީ.ޕީ.ން ވަޢުދުވީ އެޕާޓީގެ ސަރުކާރެއްގައި ކޮންމެ ރައްޔިތަކަށްވެސް އަންހެނަކަސް، ފިރިހެނަކަށް އާމްދަނީމަދުވެ 65 އަހަރުވެފައިވާނަމަ 2000 ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑަށް މިއަދު އުފާވެރިކަންލިބެނީ، އަޅުގަނޑުގެ ޕާޓީއަށް މިއަދު ހިތްވަރާއި ޖޯޝް ލިބެނީ، މި ސަރުކާރަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި މާޅޮހުގެ 27 މީހަކަށް 2000 ރުފިޔާ ދެމުން އަންނަތާ މިހާރު މިވީ 2 އަހަރު. އަޅުގަނޑުމެނަށް ހިތްވަރުލިބެނީ، މި ސަރުކާރަށް ކޮންމެމަހަކު މާޅޮހަށް 54 ހާސްރުފިޔާ ޕެންޝަންގެގޮތުގައި ދިނުމުގެ ފުރްޞަތު ފަހިވެފައިވާތީވެ. މިދެންނެވި ފައިސާއަކީ މިރަށުގެ އިޤްތިޞާދުގައި ދައުރުވާނެ ފައިސާ. މިދެންނެވި ފައިސާއަކީ، މިރަށް ތަރައްޤީވުމަށް މަގުފަހިވާނޭ ފައިސާ. ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ތެރޭގައި މި ހިމެނޭ ޔަތީމު ކުދިންނާއި އެކަނިވެރި މައިންނަށް، ކުރެވޭ ޚަރަދުގެ ތެރެއިން މިދިޔަ ހަމަސްދުވަހުގެ ތެރޭގައި މިމާޅޮހަށް 96 ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަތްރުފިޔާ ޚަރަދުކުރުމުގެ ފުރްޞަތު މިސަރުކާރަށް ލިބުނީތީވެ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުންލިބޭ.
ސަރުކާރުގެ އަމާޒަކީ، ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންގެ ޙިމާޔަތް ހޯދުން. މާޅޮހެއް ތަރައްޤީއެއް ނުކުރެވޭނެ، މާޅޮހު ރައްޔިތުންނަށް ސަލާމަތްތެރިކަން ނުލިބޭހާ ހިނދަކު. ނިކަމެތި ފަޤީރުންގެ ގޮތުގައި ގިނަބައިވަރު މީހުންތިބެ އެމީހުންގެ އެންމެ އާދައިގެ ކަންކަން ޙައްލުނުވާހާ ހިނދަކު ރަށެއް ތަރައްޤީއެއް ނުވެވޭނެ. ތަރައްޤީއަކީ އަޅާ ބޮޑުހިލަ ބަނދަރަކުން އެއްގަމު ތޮށްޓަކުން ވާކަމެއް ނޫން. އަޅާ ބޮޑު ޢިމާރާތަކުން، ކުރެވޭ ބޮޑު ބިނާއަކުން ލިބޭ އެއްޗެއްވެސްނޫން. ތަރައްޤީއަކީ ސީދާ މީހާ ތަރައްޤީވުން. މާޅޮހު މީހާއަށް ބަދަލު އައުން. އެމީހާ ހޭ އެރުން. އެމީހާއަށް ތަނެއް ދޮރެއް އެނގުން. އެމީހާ ހައިހޫނުކަމުން ސަލާމަތްވުން. އެމީހާގެ ބޭސްފަރުވާ އެމީހާއަށް ލިބޭނެގޮތްވުން. ތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނީ މާޅޮހު މީހާ ސަލާމަތް ކުރެވިގެން. އަޅުގަނޑު ގާތުގައި ވަރަށްގިނަ މީހުންއަހާ، މިދިޔަ ދެއަހަރު މިފައިސާ މާޅޮހުގެ އެހެން ކަންކަމަށް ޚަރަދުނުކުރީތީވެ. އެއީ، ތަރައްޤީއަކީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކިގޮތެއްގައި ކުރީމާ ޙާޞީލްވާ ކަމެއްކަން އެއީ، އިންސާނީ ތަޖްރިބާ ދައްކާފައިވާ ޙަޤީޤަތެއް. އަޅުގަނޑުމެންގެ މަސައްކަތަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި މާޅޮހާއި މިރާއްޖޭގެ ތަރައްޤީ. މި ސަރުކާރު އުފެދިގެން އައީ މާޅޮހުގެ ތަރައްޤީގެ ތަޞައްވަރަކާއެކުގައި. ވިސްނުމަކާއި، މަންޒަރަކާއި މިރަށަށް ގެންނާން ބޭނުންވާ ބަދަލު، މިރަށަށް ދެން ކަންކުރާންވީ ގޮތުގެ ޚިޔާލާތެއް މިޕާޓީގައި އޮވެގެން. އަޅުގަނޑުމެންގެ ކިބައިގައި ލިބިގަނެގެން.
އަޅުގަނޑުމެންގެ އަމާޒަކީ ރަށްތައް ތަރައްޤީ ކުރުން. މިސަރުކާރު ދެމިއޮތުމާއި، އަޅުގަނޑު ވެރިކަމުގައި މިހުންނަނީ މިވެރިކަމުގެ ޖާހަތަށްޓަކައި، ލައްޒަތަށްޓަކައި، އަރާމަށްޓަކާއެއް ނޫން. އަދިހަމަ އެހެންމެ، މީގެ ޝަހެންޝާހަށްޓަކައެއްވެސްނޫން. އަޅުގަނޑުމެންގެ އަމާޒަކީ، ޚިދްމަތްކުރުން. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑެއް ތިބޭފުޅުންގެ ފައިސާއެއްގައެއް ނުޖެހޭނަންް. އަޅުގަނޑެއް ތިބޭފުޅުންގެ ލޯލާރިއެއްގައިވެސް، ދައުލަތުގެ ލޯލާރިއެއްގައިވެސް އަތެއްނުލާނަން. އަދި އަޅުގަނޑު ތިބޭފުޅުންނަށްޓަކައި 12 ގަޑިއިރު މަސައްކަތް ނުކުރާ ދުވަހެއް އިރާދަކުރެއްވިއްޔާ ނުބާއްވާނަން.
ތަރައްޤީ ހޯދުމަށްޓަކައި މި މާޅޮހުގެ މަދަރުސާ މިހާރުވެސް އަދި އިތުރަށްވެސް ފުރިހަމަކުރުމަކީ ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑު މިތަނަށް އަންނަ ކޮންމެ ފަހަރަކު، މަދަރުސާއަށް ދެން ވާގޮތާއި މިހާރުވެފައިހުރިގޮތް އެބަދެކެން. މިހާރު މި ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަށް، އަޅުގަނޑު ހަނދާންވާގޮތުގައި ކުރީފަހަރު އަޅުގަނޑު އައިއިރު އެއްދަންފަޅިއަށް ބަދަލުކުރުމުގެ 3 ކްލާސްރޫމުގެ މަސައްކަތް ކުރިޔަށްދިޔަ. މިހާރު އަނެއްކާ އިތުރު 4 ކްލާސްރޫމް އިރާދަކުރެއްވިއްޔާ މިއަހަރުގެ ބަޖެޓުގައި ހިމެނި، ޢިމާރާތް ކުރެވޭނެ. ބޭނުމަކީ ދަރިވަރުންނަށް، ދަރީންނަށް ވަށާޖެހޭ ތަޢުލީމެއް ހޯދައިދިނުން. ބޭނުމަކީ އެމަދަރުސާއަކީ ރަނގަޅު މާޅޮހުގެ ޖީލެއް އުފައްދާނޭ ތަނެއްގެގޮތުގައި ހެދުން.
އަޅުގަނޑުމެން މިއަދު ވިސްނާންވީ މިއަދަކަށެއްނޫން. މިއަދު ގެއްލިއްޖެ. މިހާރު މިއޮތީ ހަވީރުވެފައި. އަޅުގަނޑުމެންނަށް އިއްޔެ ނެތިދިޔަތާ ކިތަންމެއިރެއް. އަޅުގަނޑުމެން ހޯދާންވީ މާދަމާ. އަޅުގަނޑުމެންގެ މުސްތަޤްބަލް. އަޅުގަނޑުމެން ރާވަންވީ މާދަމައަށް. އަޅުގަނޑުމެން މަސައްކަތް ކުރާންވީ، މިއަދު މިތިބި އަޅުގަނޑުމެންނަކަށެއް ނޫން. އުފަންވާންވީ މާޅޮހަށް. މިއަދުގެ މާޅޮސް ނިމިއްޖެ. އަޅުގަނޑުމެން މަސައްކަތް ކުރާންވީ މާދަމާގެ މާޅޮހަށް. އަޅުގަނޑަށް ޔަޤީން، އެތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނެކަން. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެނަށް މިރަށްރަށް ބަދަލުކުރުމުގެ ފުރިހަމަ ވިސްނުމެއް މާތްރަސްކަލާނގެ އިރާދަކުރައްވާނެ. އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރާނަން. މަސައްކަތްކުރާ އަޅަކަށް އިރާދަކުރެއްވިއްޔާ މާތްރަސްކަލާނގެ ކާމިޔާބު ދެއްވާނެ.
މިރަށުގެ ނަރުދަމައެއް ޤާއިމުކުރަން ސަރުކާރުން ބޭނުން. މި ސަރުކާރު، ސަރުކާރު ހިންގުމާ ހަވާލުވިއިރު މި ރާއްޖޭގައި އޮތީ ހަތަރު ރަށް. ނަރުދަމާ ނިޒާމާއެކު. މިއަހަރު ނިމޭއިރުގައި 40 ރަށް އޮންނާނެ. އިރާދަކުރެއްވިއްޔާ 2012 ވަނައަހަރު ސަރުކާރުން މިހާރުވާނީ ކަނޑައަޅާ ނިންމާފައި. މާޅޮހުގެ ނަރުދަމާ އަޅުގަނޑުމެން ހަދައިދޭން. 2011 ވަނައަހަރު ހަދައިދޭން ބޭނުން ނުވަނިއްޔަކީނޫން، އެހެންނަމަވެސް މިހާރު މަސައްކަތް ހުރިގޮތުން އެކަން އިތުރަށް ތަޙްލީލުކޮށް، ކުރެހުންތަކާއި ޑިޒައިނާއެކީގައި ސަރުކާރަށް މަސައްކަތް ފެށޭވަރުވާނީ 2012 ގައި. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ އެދުވަހު އެކަން ވެގެންދާނެ. މި ސަރުކާރުގެ 5 އަހަރު ހަމަވާއިރު މާޅޮހުގެ ނަރުދަމައާއި، ފެނާއި، މާޅޮހުގެ ބަނދަރާއި، މަޅޮހުގެ މަދަރުސާއާ އަދި އެހެންވެސް ކޮންމެހެން ތަރައްޤ އަށް ބޭނުންވާނެ ވަސީލަތްތައް އިރާދަކުރެއްވިއްޔާ ވަޒީފާގެ ފުރްޞަތާއެކީގައި މިރަށުގައި ގާއިމުކޮށްދެވޭނެ. މިރަށާއެކީގައި ކުރިޔަށްދާން ދެންތިބީ މިރަށުގެ ދަރިން.
ފެބްރުއަރީ 5 ވަނަދުވަހު އަޅުގަނޑުމެނަށް މި ބިންގާ އެޅެނީ ވަރަށް މުހިންމު މުއައްސަސާއެއް. ލާމަރްކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުން. އަދި ވަކިން ޚާއްޞަކޮށް މާޅޮހުގެ ތަރައްޤީއަށްޓަކައި އެޅޭ އެންމެ މުހިންމު އެއް މުއައްސަސާކީ، ބިނާކުރަންފެށޭ މުއައްސަސާއަކީ މިދެންނެވި ރަށު ކައުންސިލް. އުފައްދާން މިއުޅެނީ ކުރީގައި އޮތް ރަށްކުރިއަރުވާ ކޮމެޓީއެއްނޫން. އަދި ޖިންސުއްލަޠީފުންގެ ރޫޙެއްވެސް ނޫން. އަދި އެހެން ޖަމްޢިއްޔާއެއްވެސް ނޫން. މިއީ، ސީދާ މާޅޮހުގެ ތަރައްޤީއަށް، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް، ރައްޔިތުންގެ ފަރާތުން ބަޔަކު އިންތިޚާބުކުރުން.
ޤައުމެއް ތަރައްޤީވެއެއް ނުދާނެ، އެ ޤައުމެއްގެ ރައްޔިތުންނަކީ ފިއްތާފައި، ބިރުދައްކާފައި، ހައްޔަރުގައި ބައިތިއްބާފައި ތިބޭ ބަޔަކަށް ވާނަމަ. ތަރައްޤީ ހޯދުމަށްޓަކައި ރައްޔިތުން ދޫކޮށްލާންޖެހޭ، ވީއްލާންޖެހޭ. އެހެންވީމާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން މުހިންމުވެގެންދަނީ. މި ސަރުކާރުގެ އެންމެ މުހިންމު މަޝްރޫޢަކީ ޑިމޮކްރަސީ. އެ ނެތީހެއް ވެރިކަމެއް ހެޔޮގޮތުގައެއް އޯގާތެރިގޮތަކު ނުކުރެވޭނެ. ޑިމޮކްރަސީއާ ނުލައެއް އެއްވެސް ޤައުމެއްގައި ތަރައްޤީގެ ފިޔަވަޅުތައް ފަހިވެގެން ގޮސްފައި ހުރިތަނެއް ފެނިފައެއް ނެތް. ޚުދުމުޚުތާރު ކަމަކީ ޖާހިލުކަމަށް ގެންދާކަމެއް. އަނދިރިކަމުގެތެރެއަށް އަޅުގަނޑުމެންގޮސް ވެއްޓޭކަމެއް. އަޅުގަނޑަށް ޔަޤީން، މި މާޅޮހަކުވެސް އަދި އެހެންތަނަކުވެސް އެކަމަށްއެދި ހުރި މީހެއް ނޫޅޭނެ.
އަޅުގަނޑުމެން އަބަދުވެސް އެބަ ފާހަގަކުރަން، ތަރައްޤީއަކީ ވަކި ޚާއްޞަގޮތަކަށް ވަކި ކަންތައްތަކެއް ވަކި އިރެއްގައި ކުރީމާ ޙާޞިލްވާ ކަމެކޭ. އަޅުގަނޑުމެންގެ އަމާޒަކީ، މާޅޮހު މީހުން މުއްސަނދިކުރުން، ތަނަވަސްކުރުން. މިއަދު ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ވަންނާނެ ގޮތެއް ހޯދުން. ވިޔަފާރި ކުރިއަރައިގޮސްގެން މެނުވީ ރަށްރަށް ތަރައްޤީއެއް ނުވާނެ. ވިޔަފާރި ކުރިއެރުވުމަށް މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ބަދަލުވާންޖެހޭނެ. އެހެންވީމާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަޢުދަކަށް ވެގެންދިޔައީ އަދި އެހެންވީމާ، މި ސަރުކާރުގެ ސިޔާސަތަކަށް ވެގެންދިޔައީ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް. ސަރުކާރުން މިހާރު ވަޢުދުވެފައިވަނީ 7 އަހަރުދުވަހުގެ ތެރޭގައި ފުރިހަމަ ނިޒާމު ގާއިމު ކުރުމަށާއި ފުރަތަމަ ދެއަހަރު އަސާސީ ޚިދްމަތްތައް ދޭންފެށުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މި މާޅޮހު 1881 މީހުން، މިދިޔަ މަދު ދުވަސްކޮޅު ތެރޭގައި ދަތުރަށް އަރާފައިވާތީ. އަދި 2508 ފަހަރު މިރަށަށް ދަތުރު ނިންމާފައިވާތީ. އަދި ކުރިޔަށް މި އޮތް އަހަރުގެ ތެރޭގައި އެ ޚިދްމަތް ފުޅާވެގެންދާނެ. ތިންފަހަރު ރަށުން ފުރަންޖެހޭނެ. ތިންފަހަރު ރަށަށް އާދެވެންޖެހޭނެ. އަޅުގަނޑުމެންގެ އަމާޒަކީ މިދެންނެވީ. އެ އަމާޒަށް އަޅުގަނޑުމެންނަށް ވާސިލު ނުވެވެންވީ އެއްވެސް ސަބަބެއްނެތް. ޚާއްޞަކޮށް ރަށުގެ ތަރައްޤީއަށްޓަކައި ރަށު ކައުންސިލް މަސައްކަތްކޮށްފިނަމަ، ރަނގަޅު ކައުންސިލެއް ސަރުކާރާއެކީގައި މަސައްކަތްކުރެވޭނެ ކައުންސިލެއް އިންތިޚާބުވެއްޖެނަމަ އަޅުގަނޑަށް ފެންނަ ފެނުމުގައި މިރަށުގެ ތަރައްޤީ ހޯދާކަށް އުނދަގުލެއް ނުވާނެ.
ގަބޫލުފުޅުކުރައްވާތި، ޤާނޫނުއަސާސީ އިޞްލާޙުވެގެން އައިއިރުގައި، ޤާނޫނުއަސާސީގެ އަސްލުތަކާއި އުސޫލުތައް ކަނޑައެޅިއިރުގައި އެއަކުނެތް ލާމަރުކަޒީ އުސޫލުން ކަންކުރާ ވާހަކައެއް. މާފަހުން އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން، އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، އަޅުގަނޑުމެން މިހާރު މިކިޔާ 8 ވަނަ ބާބު ޤާނޫނުއަސާސީއަށް ހުށަހެޅީ. މިއަދު އަޅުގަނޑުމެން ކުރަމުން މިދާ ބޮޑެތި އެބާބު ތަންފީޒުކުރުން އެއީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. އެއީ، އެމް.ޑީ.ޕީ.ގެ މަސައްކަތެއް. އެއީ، އެހެންބައެއްގެ ކަމެއްނޫން. އެހެން ބަޔަކު ގަބޫލުކުރާ ކަމެއްވެސް ނޫން. އަޅުގަނޑުވެސް މިރާއްޖޭގެ ސިޔާސީވެރިން ދަންނަން. ދުވަސްތަކެއް ވަންދެން، އަޅުގަނޑުވެސް އެމީހުން ދަންނަން. އަޅުގަނޑުގެ އުމުރުން މާގިނަދުވަސް ނުވިޔަސްވެސް ވަރަށްގިނަ މީހުނާ ބައްދަލު ވެފައިވަނީ. މިރާއްޖެއަކު ނޫޅޭ، ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ބާރުދީގެން ކަންކަން ހިންގާ ބަޔަކު މީގެ ކުރިޔަކު. މި ބާރަކީ އެތައްޒަމާނެއް ވަންދެން އަޅުގަނޑުގެ ރަށަށް އެއްވެފައިހުރި ބާރެއް، މާލެއަށް. މިއަދު ކުރާން މިއުޅޭ ކަމަކީ، އެ މާލޭގައި ހުރި ބާރެއްގެ ބައެއް މި މާޅޮހަށްދޭން. މާލޭ ރައްޔިތުން އަރުވާޖަހައި ތިބި ކަމެއްނޫން އެއީކީއެއް ކޮންމެހެން. މިރަށުގައި އޮތް ފަންގަޑެއް، ލަކުޑިގަނޑެއްވެސް، ހިމެންދުއަށް ދޭންވިޔަސްވެސް އެއީ، ބޮޑުކަމަކަށް ވެގެން ތިޔަބޭފުޅުން އުޅުއްވާނެ.
މާލޭ ރައްޔިތުން 700، 800 އަހަރުވަންދެން މާލެއަށް އެއްކޮށްފައިވާ ބާރު ބަހާލަން އަޅުގަނޑުމެން މިނުކުތީ. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މިއަދު ތިބޭފުޅުން ބައްލަވައިފިނަމަ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ އިސް ސަފުގައި އެ ތިއްބެވީ، މާލެއަށް އެބާރު އެއްކުރި ޚާންދާންތަކުގެ މިއަދުގެ ޖީލު. އެކުދިންނާއި އެބޭފުޅުންނާއެކީގައި އަޅުގަނޑުމެން އެންމެން މަސައްކަތްކޮށް، އަމާޒު މިކުރަނީ މިރާއްޖެ ތަރައްޤީކުރަން. މިރާއްޖޭގެ އެންމެހާ ބާރެއް މިރާއްޖޭގެ ރައްޔިތުންނަށް ދޭން. ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރާ ވެރިކަމެއް އަޅުގަނޑުމެން ރާއްޖޭގައި ކުރަން.
އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެނަށް މިއަދަށްވުރެން އަދި މާ ފާގަތި ދުވަހެއް ލިބުން. އަޅުގަނޑުމެންގެ އަމާޒަކީ މުއްސަނދިކަން. ލަދުވެތިކަމެއްނެތި މުއްސަނދިކަން. އަޅުގަނޑުމެން ބޭނުމީ، ތިބޭފުޅުންގެ ޖީބަށް މިއަދު ވަން ވަރަށްވުރެ އިތުރަށް މާދަމާ ޖީބަށްލާން. އަޅުގަނޑުމެންގެ ބޭނުމަކީ، ތިބޭފުޅުންގެ ޖީބަށް ވަންނަ ފައިސާގެ އަދަދު އިތުރުކޮށްދިނުން. އަޅުގަނޑުމެންގެ އަމާޒަކީ، މި މާޅޮހުގެ ތަރައްޤީ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެނަށް އޭގެ އުޖާލާ މަންޒަރު ހަމައަބަދުވެސް ފެނެއޭ. އަޅުގަނޑަށް ފާހަގަވަނީ، މިއީ، ހަމަ އުފާވާޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މިރާގޭ،
والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________