بســماللّـهالرّحمـنالرّحيــم

 
السّـلام عليـكم
 
އަޅުގަނޑުމެން އަތޮޅުތެރޭގައި އުޅޭތީއާ އެކީގައި، ރަސްދޫގެ މަސައްކަތް، ބަނދަރުގެ މަސައްކަތް ހިނގަމުންދާގޮތް ބަލައިލުމަށް އަސްލަމް އެދިވަޑައިގަތުމާއެކީގައި، ދެން އަޅުގަނޑުމެން ހިތަށްއެރީ، މިރަށަށް މަޑުކޮށްލާފައޭ، އަޅުގަނޑުމެންގެ ދަތުރު މިއަދު ކުރިއަށް ގެންދާނީ. ރަސްދުއަށް އައުމަށް ފުރްޞަތު ލިބުމަކީ، އަބަދުވެސް އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، އަޅުގަނޑުމެންގެ ރަސްދޫގެ ތަޞައްވުރުގެ ތެރެއިން، އަޅުގަނޑުމެން ގެންދާނީ، ރަސްދޫގެ ތަރައްޤީގެ މަސައްކަތް އަބަދުވެސް ކުރަމުން.
 
މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިވަނީ، ސަރުކާރަށް ފެންނަ ގޮތުގައި، ވަރަށް މުހިންމު މަސައްކަތެއް ފަށައިގަނެވޭ ދުވަހަކާ. އެއީ، ފެބްރުއަރީ 5 ވަނަ ދުވަހު އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ފުރަތަމަފަހަރަށް ރަށު ކައުންސިލްގެ އިންތިޚާބު މި ބޭއްވެނީ. މިދެންނެވި އިންތިޚާބަކީ، މީގެކުރީގައި ކޮށްފައިވާ ބާވަތުގެ ނުވަތަ އެއްކުރެވިފައިވާ ރަށްކުރިއަރުވާ ކޮމިޓީ ނުވަތަ އެހެންވެސް ޖަމްޢިއްޔާއެއް، އެބާވަތުގެ ކަމެއް ކުރާކަށެއް ނޫން، މިފަހަރު މިއުޅެވެނީކީއެއް. މިއީ، ސީދާ ތިޔަބޭފުޅުންގެ ކަންކަން ނިންމުމުގައި، ތިޔަބޭފުޅުންނަށް އިޚްތިޔާރު ދިނުމަށް މަސައްކަތް މިކުރެވެނީ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޛު ކުރުމުގައި، ސީދާ ޢަމަލީ ގޮތުން ރައްޔިތުންނާ ގާތުން އިންތިޚާބުވެފައި ތިބި ބަޔަކު ބައިވެރިކޮށްގެން، ރަށުގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް މަސައްކަތް މިކުރެވެނީ. ދެން މިމަސައްކަތަކީ ވަރަށް ބޮޑަށް އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި ތެދަށް ބުރަވެ، އެއްވެސް ބޭފުޅަކު ވިދާޅުވާ ކަމަށްވަނީވިއްޔާ، އެމް.ޑީ.ޕީ.ގެ ފިކުރެއް.
 
ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ހިންގުމުގެ ވިސްނުމަކީ، ވަރަށް ކުރިއްސުރެ ފަށައިގެން، މި ޕާޓީ ގެންގުޅޭ މައި ވިސްނުމެއް. އެންމެ ފުރަތަމަ، ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު، އެއަކުއެއް ނެތް، ލާމަރްކަޒީ އުޞޫލުން ކަންކަން ކުރިއަށް ގެންދާނެ އެއްވެސް ވާހަކައެއް. ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ބަޔާންކޮށްފައި އޮތީ. އެހެން ނަމަވެސް، އޭގެފަހުން އެމް.ޑީ.ޕީ އަށް ލިބުނު ފުރްޞަތުތަކުގެ ތެރޭގައި، ޑޮކްޓަރ ޙުސައިން ރަޝީދާއި އަދި އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމް ހުށަހެޅުއްވި އިޞްލާޙެއްގެ ތެރެއިން އަޅުގަނޑުމެންނަށް މިހާރު މިއޮތް ޤާނޫނުއަސާސީގައި އެވާ 8 ވަނަ ބާބު ލިބުނީ.
 
މިވަގުތު ކުރަމުން މިގެންދާ މަސައްކަތަކީ، އެ ބާބުގައި ލިޔެފައި ހުރި ވާހަކަތައް ތަންފީޛު ކުރުން. މިބާރުތައް ވަކިކުރުން އަދި އޭގެއިތުރުން ވެރިކަމުގެ ބާރުގައިވާ ބައެއް ބާރު، ރަށްރަށަށްވެސް ބަހާލުން. އެހެން ބަސްތަކަކުން ދަންނަވަނީނަމަ، އަޅުގަނޑުގެ ރަށް، މާލޭގައި ހުރި އެއްޗަކުން ބައެއް، މި ރަސްދުއަށްވެސް ދިނުމަށް މިހާރު މި މަސައްކަތް މިކުރެވެނީ. މާލޭގައި ޒަމާންތަކެއް ވަންދެން އެއްވެފައި ހުރި ވެރިކަމުގެ ބާރު، އަޅުގަނޑުމެން މިހާރު މިއުޅެނީ ރަށްރަށަށް އޭގެތެރެއިން ތަންފީޛު ކުރުމުގެ ބާރުގެ ބައެއް ދިނުމަށް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން މިކަމާ ދޭތެރޭގައި ގޮތެއް ނިންމަވާއިރުގައި، ތަންކޮޅެއް ފުޅާ ވިސްނުމެއް ގެންގުޅުއްވާނެ ކަމަށް. ވޯޓް ތިޔަ ދެއްވަނީކީއެއް ޙަޤީޤަތުގައި އަޅުގަނޑު މިއެދެނީކީއެއް ސަރުކާރަށް ވޯޓް ދިނުމަކަށެއްވެސް ނޫން. އަޅުގަނޑު މިއެދެނީ، ތިޔަބޭފުޅުންގެ އަންނާން އޮތް ޖީލަށް ވޯޓް ދެއްވުމަށް. އުފަންނުވާ ރަސްދުއަށް ވިސްނަވާފައި ވޯޓް ދެއްވުމަށް. މިހާރު އަޅުގަނޑުމެންގެ މި ސަކައިގައި އެކަނި ނުވިސްނުމަށް.
 
އަޅުގަނޑު އެދެނީ، ހަމަ އެމް.ޑީ.ޕީ ފިކުރުގެ، އަޅުގަނޑުމެން މިކުރަން މިއުޅޭ މަސައްކަތް ދަންނަ ޕާޓީއަކީ މިފަހަރު އަޅުގަނޑުމެން. އެހެންވީމާ، އަޅުގަނޑުމެން މިކުރަން މިއުޅޭ ކަމަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެނގޭތީވެ، އަދި އެމަސައްކަތަކީ އަޅުގަނޑުމެންގެ މަސައްކަތަކަށްވާތީވެ، އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން، މިމަސައްކަތް ކާމިޔާބު ކުރަން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ރަސްދޫގެ ތަރައްޤީ ގުޅިފައި އޮތީ މި މަސައްކަތާ. ރަސްދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ، 2011 ވަނަ އަހަރު ތެރޭގައިވެސް ހިނގާނެ. އަޅުގަނޑު މިތަނަށް އަންނަން ކަނޑައެޅިގެން ޝެޑިއުލްވެފައި ނެތުނީމާ، އަޅުގަނޑަކަށް ހަނދާނަކުއެއް ނެތް، ސީދާ އެ މަޝްރޫޢުތަކަކީ ކޮބައިކަމެއް. އެހެން ނަމަވެސް، އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންނަށް އެންމެ ކަމެއްވެސް ނުކޮށެއް، ކުރެވެން ހުރި އެއްކަމެއްވެސް ނުކޮށް އަޅުގަނޑުމެންނެއް ދުލެއް ނުކުރާނަން. ދެން ޢާންމުކޮށް ހަމަ އުޞޫލެއްގެ ގޮތުން ހުރި ކަންކަންވެސް ތިޔަބޭފުޅުންނާއި އަޅުގަނޑުމެންނާ މަޝްވަރާ ކުރެވިގެން، ޚާއްޞަކޮށް، މިއުފެދޭ ރަށު ކައުންސިލާ އެކީގައި، އަޅުގަނޑު ވަރަށް ބާރަށް މަސައްކަތް ކުރާނަން، އަޅުގަނޑަށް މަސައްކަތް ކުރެވޭ ބާވަތުގެ ކައުންސިލަކަށް ވެއްޖިއްޔާ.
 
މިވަގުތު ވެގެން މިއުޅޭ ގޮތަކީ، މިސާލަކަށް، ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި، ތިޔަބޭފުޅުންގެ ވަކީލާ އަޅުގަނޑަކާ މަޝްވަރާއެއް ނުކުރެވޭ. އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑާ މަޝްވަރާ ކުރެވޭ، ތިޔަބޭފުޅުންގެ ވަކީލުން، ތިޔަބޭފުޅުންގެ ކަންކަން ބަލަހައްޓާ ބޭފުޅުން ތިއްބަވައިގެން، މިކަން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވައި ދެއްވުން.
 
އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ފެންނަނީ ހަމަ ވަރަށް އުޖާލާކޮށް، އަޅުގަނޑަކަށެއް ނުފެނޭ ގޯސް ކަމެއް. ރަސްދުއަށްވެސް އަޅުގަނޑަށް ފެންނަނީ، ތަނަވަސްކަން މިހާރަށްވުރެ އަދި މާބޮޑަށް އަޅުގަނޑުމެންނަށް ހޯދިދާނެ ކަމަށް. އަޅުގަނޑުމެންގެ އަމާޒަކީ، ވީހާވެސް ގިނަ ބައެއް މުއްސަނދިވުން. ވީހާވެސް ގިނަ ބައެއް ތަނަވަސްވުން. ވީހާވެސް ގިނަ ބައެއް ފަޤީރު ކަމުގައި ނެތުން. އަޅުގަނޑުމެންގެ އުންމީދަކީ، ރަސްދޫގެ ތަރައްޤީ.
 
والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
 
 

_______________________