ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.) ނޫން އެހެން ޕާޓީއަކުން ދިވެހި ރައްޔިތުންނަށް ވަޢުދެއް ވެފައި ނުވާނެ ކަމަށާއި، ވަޢުދެއް ނުވާބައެއްގެ އަމާޒެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫއާއި ނޭކުރެންދޫއަށް މިއަދު ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކާއި، އެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
ވައިކަރަދޫގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވަޢުދެއް ވެވަޑައިގެންނެވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ އަމާޒެއް ހިއްޕަވައި، ދާނެތަނެއް ހޯއްދަވައި، މަޤްޞަދެއް ކަނޑައެޅުއްވުންކަމާއި، ކުރާން އުޅޭކަމެއްވެސް ސާފުވުންކަން ފާހަގަކުރެއްވިއެވެ. އަދި ވަޢުދެއް ވެވަޑައިގެން ނޫނިއްޔާ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުން ދަތިވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ނޭކުރެންދޫގައި ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރަކީ ސިޔާސީ ތަޞައްވުރެއް އޮވެގެން ރާއްޖޭގެ ސިޔާސަތު، ރާއްޖޭގެ ވެރިކަން، އަދި ރާއްޖޭގެ ޤައުމިއްޔަތު، ދިވެހި ރައްޔިތުން މިއަދު އެދޭ ގޮތަށް، އެހެން މާނައެއްގައި ބިނާކުރެއްވުމަށް މަސައްކަތް ކުރައްވާ ސަރުކާރެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ޤައުމިއްޔަތު އެންމެ ބޮޑަށް ގުޅިފައި އޮންނަން ޖެހޭނެ އެއްކަމަކީ ފަޤީރުކަން ނެތުމާއި، ޢާންމު ޙާލަތު ރަނގަޅުވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ސަރުކާރުގެ ވަޢުދުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރާއްޖެއިން ފަޤީރުކަން ނައްތާލައްވައި، ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ރައްކާތެރިކޮށް ދެއްވުމަށްޓަކައި، ސަރުކާރުން ވެވަޑައިގެންނެވި އެއް ވަޢުދަކީ ރައްޔިތުން ބޭސްސިޓީއަށް ސަލާންޖެހުން ނައްތާލައްވައި، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުއްވައިދެއްވުމުގެ ވަޢުދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރައްޔިތުން ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލެއްވުމަށްޓަކައި މަދަނައިގެ ވިއުގަ ހަރުދަނާކުރައްވައި، ވައިކަރަދޫން މަދަނައިގައި ހިމެނިފައިވާ 375 މީހުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވި މީހުންގެ ބޭސްފަރުވާއަށް މިދިޔަ އަހަރު 685,000 އަށްވުރެ ގިނަރުފިޔާ ޚަރަދު ކުރެއްވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ނޭކުރެންދޫން މަދަނައިގައި ހިމެނިފައިވާ 187 މީހުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވި މީހުނަށް ބޭސްފަރުވާ ކޮށްދެއްވުމަށް މިދިޔަ އަހަރު 217,000 ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.މީގެއިތުރުން، ދޮށީ އުމުރުގެ ރައްޔިތުންނަށް މި ސަރުކާރުން ދެއްވަން ފެށްޓެވި ޕެންޝަން، ވައިކަރަދޫގެ 94 ރައްޔިތަކަށާއި، ނޭކުރެންދޫގެ 68 ރައްޔިތަކަށް މި ވޭތުވެދިޔަ ދެއަހަރު ލިބެމުން ގޮސްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ, ވައިކަރަދޫގައި ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން އިސްލާމްދީނުގެ ރިވެތި އުޞޫލުތައް ދިވެހި ދަރީންނަށް ދަސްކޮށްދެއްވުމަށްޓަކައި ފަހިކޮށްދެއްވާފައިވާ ފުރުޞަތުގެ ޒައްރެއްގެ މިންވަރުވެސް މީގެކުރިން މިރާއްޖޭގެ އެއްވެސް ބަޔަކު ފަހި ކޮށްފައި ނުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މަދަރުސަތުލް ޢަރަބިއްޔާގެ ޢިމާރާތް ހަލާކުވެ ވެއްޓުނީ، މި ސަރުކާރުގައި ނޫންކަމަށާއި، އެ ސްކޫލަށް އާ ޢިމާރާތެއް ނުލިބި ވޭތުވެދިޔަ 30 އަހަރު ދިއުމަށްފަހު، އެ ސްކޫލަށް   އާ ޢިމާރާތެއް އަޅުއްވަނީ މި ސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދީނީ ދަންނަބޭކަލުން، ދީނީ ހެޔޮލަފައާއި ނަޞޭޙަތް ދެއްވައި، ދީނީ ދަންނަބޭކަލުންނަށް މިނިވަންކަމާއެކު، އެފަދަ ހެޔޮލަފާ ނަޞޭޙަތް ދެއްވޭނެ ފުރުޞަތު އޮތް އެހެން އިސްލާމީ ޤައުމެއް މި ދުނިޔޭގައި ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުން ވައިކަރަދޫގައިވެސް ތަކުރާރު ކުރެއްވިއެވެ. އަދި ބޯދާކަންކަމުގެ ތެރެއަށް ނުވެއްޓި، މި ޤައުމަކީ އިސްލާމީ އުންމަތަށް މިސާލެއްގެ ގޮތުގައި ވާންޖެހޭނެ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ވައިކަރަދޫގެ ނަރުދަމާ އެޅުމަށް މިއަހަރު ބަޖެޓްގައި ހިމަނުއްވާފައިވާކަމާއި، މިއަހަރު އެ މަސައްކަތް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
 
ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނޭކުރެންދޫ، ވައިކަރަދޫ، ކުމުންދޫ، ކުޅުދުއްފުށި، ނޮޅިވަރަން، ނޮޅިވަރަންފަރުން ހަނިމާދުއަށް، އަދި ބާރަށުން ކެލައާ ހަމައަށް، ތިލަދުންމަތީގެ މި ދުނީގައި މި އޮތް ރަށްތަކަކީ، އެމް.ޑީ.ޕީ.ގެ ތަޞައްވަރުގައި އެއް ސަރަޙައްދުގެ ގޮތުގައި ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ސަރަޙައްދެއް ކަމުގައި ވިދާޅުވިއެވެ. އަދި މިސަރުކާރުގެ މިއޮތް ތިންއަހަރުގެ ތެރޭގައި މި ސަރަޙައްދުގައި ސިޓީއަކަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަ ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނޭކުރެންދޫގައި ދެއްކެވި ވާހަކަފުޅުގައި، ނޭކުރެންދޫގައި ޖަލެއް ޢިމާރާތް ކުރެއްވުމަށް ސަރުކާރުން ނިންމަވައި، އެކަމުގެ މަސައްކަތް ހިންގަވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ނޭކުރެންދޫއާއި، އެ ސަރަޙައްދުގެ އެހެން ރަށްރަށުގެ މީހުނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.