މިޞްރުގެ ރައީސް ޙުސްނީ މުބާރަކް އިސްތިޢުފާ ދެއްވައި، އެ ޤައުމުގެ ރައްޔިތުންގެ އެދުމަށް ޖާގަދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. ޙުސްނީ މުބާރަކުގެ އިސްތިޢުފާއަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވީ، މިޞްރަށް ޑިމޮކްރަސީ ގެނައުމަށް ބޭނުންވާ އެތައް ހާސްބަޔަކު، ޙުޞްނީ މުބާރަކުގެ 30 އަހަރުވީ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާ މުޒާހަރާ ކުރަމުންމިދާ ދަނޑިވަޅުގައި، އަންގާރަ ދުވަހު ބީ.ބީ.ސީ.އަށް ދެއްވި އިންޓަރވިއުއެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިވަން އިންޞާފުވެރި އަދި ގިނަ ޕާޓީތައް ބައިވެރިވާ އިންތިޚާބަކަށް މަގުފަހިކޮށްދޭނެ، އިންތިޤާލީ މަރުޙަލާއެއް މިޞްރަށް ބޭނުންވާ ކަމަށެވެ.

 
ރައީސުލްޖުމްހޫރިއްޔާ، ބީ.ބީ.ސީ.އަށް ދެއްވި އިންޓަރވިއުގައި، ޑިމޮކްރެޓިކް މިޞްރަކާމެދު ޖެހިލުން ނުވުމަށް ހުޅަނގުގެ ޤައުމުތަކަށް ގޮވާލެއްވިއެވެ. އަދި މިޞްރުގެ ރައްޔިތުންގެ މިނިވަންކަމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރެވޭނީ، މިޞްރުގައި ޑިމޮކްރަސީ ޤާއިމް ކުރެވިގެން ކަމުގައިވެސް ވިދާޅުވިއެވެ. "ހަރުކަށި ޚިޔާލުގެ މީހުން، ގަދަބާރުން މައިތިރި ކުރުމަށް މަސައްކަތް ކުރުމަކީ، އެފަދަ މީހުން އިތުރަށް ވަރުގަދަވާނެ ކަމެއް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިޞްރަކީ ތަޞައްރުފް ފުދިފައިވާ ޤައުމެއް ކަމަށާއި، އެ ޤައުމު ވަރަށް ރަނގަޅަށް ހިންގޭނެ ވަރަށް ގިނަ ރައްޔިތުން އެ ޤައުމުގައި އެބަތިބި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އަސާސީ ޙައްޤުތަކާއި، މިނިވަންކަމަކީ އިންސާނުން އެކަންކަމަށް އެދޭ ކަންކަން. މިއީ އަޅުގަނޑުމެން އެންމެން ބޭނުންވާ ކަންކަން. މިއަދު މެދުއިރުމަތީގެ ޤައުމުތަކުގެ މަގުތަކުގައި، ރައްޔިތުން އެދި ގޮވާލަމުން އެދަނީ އެކަންކަމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

މި ހަފްތާގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާވަނީ މިޞްރުގެ ވާދަވެރި ލީޑަރު މުޙަންމަދު އަލްބަރާދޭއާވެސް ފޯނުން ވާހަކަފުޅު ދައްކަވާފައެވެ.