بســماللّـهالرّحمـنالرّحيــم

 
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަދި ވަކިން ޚާއްޞަކޮށް، ވަޑައިގެން ތިއްބެވި ކާށިދޫގެ އެންމެހާ ރައްޔިތުންނާއި، ކާށިދޫގެ އިސްވެރިން.
 
السّـلام عليـكم
 
މީގެ ދުވަސްތަކެއްކުރީގައި، އަހަރުތަކެއް ކުރީގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ.ގެ ފަރާތުން ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ޒިޔާރަތްކުރިން. ވަރަށްގިނަ ގޭގެއަށް އަޅުގަނޑުމެން ދިޔައިމު. ވަރަށްގިނަ މީހުންނާ އަޅުގަނޑުމެން ވާހަކަދައްކާ ހެދީމު. އަޅުގަނޑުމެން މިރާއްޖޭގެ އަޑު އެހީމު. އަޅުގަނޑުމެންނަށް އިވުނު އަޑުތައް، ފަހުން އައިސް ވެފައިމިވަނީ މި ސަރުކާރު ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކަށް. އެ އަޑުތައް ވެފައިމިވަނީ އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތުތަކަށް. މިއަދު އަޅުގަނޑުމެންގެ މަސައްކަތަކީ މިދެންނެވި ވަޢުދުތައް ފުއްދުން. މި ސަރުކާރު މި ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، ވަޢުދު ފުއްދުމަށް. ރައްޔިތުންނަށް ޚިދްމަތް ކުރުމަށް. އަޅުގަނޑުމެންނަށް ފެނުނު އެއް ޙަޤީޤަތަކީ، މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިން ރައްޔިތުންނަކީ، ކޮންމެ ތިންމީހަކުން ކުރެ އެކަކީ ފަޤީރު ނިކަމެތި މީހެއްކަން. އ.ދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައިހުރި މީހެއްކަން. އޭނާއަށް ރެޔަކާއި ދުވާލަށް ހަމައަށް ވިހި ފަނަރަ ރުފިޔާ އާމްދަނީއެއްގެ ގޮތުގައި ނުލިބޭ މީހެއްކަން.
 
ޤައުމެއް ތަރައްޤީވެ މިދަނީ، ރަށެއް ތަރައްޤީވެ މިދަނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކި އިރެއްގައި، ވަކި ގޮތަކަށް ކުރެވުނީމާކަން އެއީ، އިންސާނީ ތަޖުރިބާ ދައްކާފައިވާ ޙަޤީޤަތެއް. އަޅުގަނޑުމެންގެ ރަށްރަށުގެ ގިނަ ބައިވަރު މީހުންނަކީ، ނިކަމެތިކަމުގައި ފަޤީރުކަމުގައި ތިބި މީހުންކަމަށްވަންޏާ އެމީހުން ބަލިވާ ކޮންމެ ފަހަރަކު ބޭސްސިޓީ ހިފައިގެން އެއްމަހުޖަނެއް ގާތުން އަނެއް މަހުޖަނެއް ގާތުން ސަލާން ޖަހަންޖެހޭ މީހުން ކަމަށްވަންޏާ އެރައްޔިތުންގެ ޤަދަރެއް، އެރައްޔިތުންގެ ޢިއްޒަތެއް އަޅުގަނޑުމެންނަށް ރައްކާތެރިއެއް ނުކޮށްދެވޭނެ. ޤަދަރެއް، ޢިއްޒަތް ނެތް ބަޔަކަށް ރައްޔިތެއްގެ ގޮތުގައި ހިންދެމިލެވި ތަރައްޤީގެ މަގު ޚިޔާރު ކުރަން އުނދަގޫވާނެ. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކަށްވެފައި އޮތީ، ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން، އެހީތެރިވެދިނުން. އަޅުގަނޑު މިއަދު އުފާވަނީ މަދަނައިގެ ދަށުން މިރަށު 316 މީހުން މަދަނައިގައި ރަޖިސްޓަރީ ކުރެވި، އެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ރާއްޖޭގެ، ދިވެހި މާލިއްޔަތުގައި ރައްކާކުރެވިފައި އޮތީތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން.
 
 އަޅުގަނޑުމެންނަށް އެނގޭ، ރާއްޖެއަށް މިވަގުތު ލިބެންހުރި ވަރަށްގިނަ ޚިދްމަތްތަކަކީ، ވަސީލަތްތަކަކީ އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން އެންމެ އެދޭ އަދި އެންމެ ހިތްހަމަޖެހޭ މިންވަރަށް ފޯރުކޮށްދެވޭ ވަސީލަތްތަކެއް ނޫންކަން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެނގޭ އަނެއް ޙަޤީޤަތަކީ، މިދެންނެވ ކަމުނުދާ ވަސީލަތްތަކަށްވެސް އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑުމެންގެ އާބާދީގެ ކޮންމެ ތިންމީހަކުން ކުރެ އެކަކަށް އަތްނުފޯރާކަން. އެހެންވީމާ، މަދަނައިގެ ވިއުގަ އުފެދިގެން އައީ. އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ. މިރަށުގެ      316 މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން އެމަގުން ފޯރުކޮށްދެވިފައިވާތީ. ހަމަކަށަވަރުންވެސް، އަޅުގަނޑު ނިސްބަތްވާ ސިޔާސީ ޕާޓީ، އެމް.ޑީ.ޕީ. ގަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ، މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ ދެކޭއިރުގައި، އެ ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށްކަމަށް ދެކެވޭ ދެކުން.
 
އަޅުގަނޑުމެންނަށް ވަރަށް ސާފު، މިރާއްޖެ އަޅުގަނޑުމެންނަށް ލިބިފައިމިއޮތީ، އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ މީހުން، މިއަދުގެ ދޮށީ އުމުރުގެ މީހުން އިއްޔެގައި ކުރި މަސައްކަތުގެ ސަބަބުން. އެމީހުން މަހަށް ފަރަށް ފުރީތީވެ، އެމީހުން ވަލަށް ވަނީތީވެ، އެމީހުން ދަނޑުވެރިކަންކުރީތީވެ، އމީހުން ފަރަށް ދިޔައީތީވެ، ރުކަށް އެރީތީވެ، އެމީހުން އެތައް އެތައް ކަމެއް ކުރީތީވެ، އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެންނަށް މިއަދު މިގޮތަށް ލިބިފައި މިއޮތީ. އެހެންވީމާ، އެމީހުންގެ އުމުރުގެ ފަހު ދުވަސް އެއީ، ޤަދަރުވެރިކަމާއެކީގައި އުޅެވޭނެ ދުވަސް ކޮޅަކަށް ހެދުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. ޤައުމިއްޔަތަށްޓަކައި. އަދި ޒުވާން ޖީލު، އަދި މިއަދުގެ ޒުވާނުން ވީއްލި އެމީހުންނަށް މިނިވަންކަން ދިނުމަށްޓަކައި ދޮށީ އުމުރުގެ މީހުންނާ ދައުލަތުގެ ފަރާތުން އަޅާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އެހެންވީމާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ން ވަޢުދުވީ މިރާއްޖޭގެ އުމުރުން      65 އަހަރުންމަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް ފިރިހެނަކަސް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެހާސް ރުފިޔާގެ ޕެންޝަނެއް ދޭނަމޭ. މިއަދު އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މިއަދުގެ ސަރުކާރަށް ހިތްވަރު ލިބެނީ މިރަށުގެ 99 މީހަކަށް މިދެންނެވި ޕެންޝަން ގަވާއިދުން ދެމުންގެންދާތާ މިހާރު މިވީ އެއްއަހަރު ދުވަސް. އަދި އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށަށް ކޮންމެ މަހަކު، އެއްލައްކަ ނުވަދިހަ އަށްހާސްރުފިޔާ ޕެންޝަންގެ ގޮތުގައި ދެވެމުން އަންނަތާ މިއީ ދެވަނަ އަހަރު. އެއީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. އެއީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ ރައްޔިތުންގެ ރައްކާތެރިކަން ހޯދައިދިނުން. އެހެންވީމާ، ސަރުކާރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އެކަނިވެރި މައިންނަށާއި އަދި ޔަތީމު ކުދިންނަށްވެސް އެހީތެރިކަން ފޯރުކޮށްދެނީ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުމާއި ހިތްވަރު ލިބެނީ މިރަށުގެ 57 ފަރާތަކަށް މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަންވެސް މިއަދު ފޯރުކޮށްދެވެމުން ގެންދެވޭތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، މިރާއްޖެ ތަރައްޤީކުރުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، ރައްޔިތުން އަޅުގަނޑުމެން މިއެދޭ މިންވަރަށް ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެ، ރައްޔިތުން ތަނަވަސްވެ، މިހާރަށްވުރެ އަދި   މާ ފާގަތި އުފާވެރި ދުވަހެއް ރައްޔިތުންނަށް ހޯދައިދިނުމޭ.
 
ކާށިދޫ ކޮންމެ ރައްޔިތަކީވެސް، ތިމަންނާއަކީ ތިމަންނާއަށް ޙައްޤުތަކެއް ލިބިގެންވާ މީހެކޭ، ކާށިދޫ މީހެކޭ. ތިމަންނާއަކީ ތިމަންނާގެ ހަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލައި، ކާށިދޫ ރައްޔިތެކޭ ބުނެ، ހިންދެމިލެވޭނެ ރައްޔިތެއް އުފެއްދުން އަޅުގަނޑުމެންގެ އަމާޒަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ އެމަގަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަސައްކަތް ފުރިހަމަކުރާނަން.
 
މިއަހަރު މިރަށުގެ ބަނދަރު ސަރުކާރުން ހަދާނެ. އެބަނދަރު ހެދުމުގެ މަސައްކަތް ވަރަށްބާރަށް ކުރިއަށް ގޮސް މިހާރު މިވަނީ ބީލަމުގެ މަރުހަލާގައި. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ކުރިއަށް މިއޮތް ދެހަފްތާއެއްގެ ތެރޭގައި، އެބީލަން ކާމިޔާބުކުރާ ބަޔަކު ފާހަގަވީމާ، އެބަޔަކާއެކީގައި ކޮންޓްރެކްޓް ކުރެވި،އެބަނދަރު އިރާދަކުރެއްވިއްޔާ މިރަށުގައި އަޅާނަން. އަޅުގަނޑެއް ނެތީމު، މިތާ ކަޑައެއް ޖަހާކަށް. އަޅުގަނޑެއް ނެތީމު، މިތާ ބިންގަލެއް އަޅާކަށް. އަޅުގަނޑު މިއުޅެނީ މިތަނުގައި ބަނދަރެއް ހަދަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެބަނދަރު މިއަހަރު ތެރޭގައި މިރަށުގައި ހަދާނަން.
 
ޤައުމެއް އަދި މިރަށްވެސް ތަރައްޤީވެ ދަނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކި ގޮތަކަށް ކުރެވުނީމާ. ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާނުލެވެނީސް މިރަށްރަށް އެކަހެރިވެފައި، ބާކީވެފައި، އެހެން ރަށްރަށާ ނުގުޅި އުޅޭހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށް ނުލިބޭނެ. ތަރައްޤީއަށްޓަކައި ކުރަންހުރި ކަންތައްތަކުގެ ތެރޭގައި، ވިޔަފާރި ތަރައްޤީކުރުން ވަރަށް މުހިންމު. މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކީގައި ބަދަލުވީމާ ނޫނިއްޔާ ވިޔަފާރިއެއް ތަރައްޤީއެއް ނުވާނެ. ވިޔަފާރިއަކީ، މިދެންނެވިހެން އެއްއަތުން އަނެއްއަތަށް ތަކެތި ބަދަލުވުން. މި ކާށިދޫއަކީ ދަނޑުވެރިކަމަށް މަޝްހޫރު ރަށެއް. މިކާށިދޫގައި އެމަސައްކަތް ހިންގަމުން އަންނަތާ ކިތަންމެ ޒަމާނެއްވެއްޖެ. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިދިޔަ މަދުދުވަސްކޮޅުގެ ތެރޭގައި، ސަރުކާރުން ވެފައިވާ ވަޢުދު، އޭގެ ގޮތުގައި ފުއްދަމުން އަންނާތީވެ. ސަރުކާރުން ވަޢުދުވެފައިވާނީ، 7 އަހަރު ދުވަހުގެ ތެރޭގައި ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއް މިރާއްޖޭގައި ޤާއިމު ކުރުމަށް. އަދި ފުރަތަމަ ދެއަހަރު އެނިޒާމުގެ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށް. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މި ކާށިދޫގައި މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި، އެއްހާސް އަށްސަތޭކަ އެއްފަހަރު ދަތުރަށް އަރާފައިވާތީވެ. އަދި ދެހާސް އެއްސަތޭކަ ފަންސާސް ފަހަރު މިކާށިދޫއަށް މީހުން ދަތުރު ނިންމާފައިވާތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، ކާށިދޫގައި ހެދޭ ތަކެތިވެސް، އުފައްދާ ތަކެތިވެސް އެހެން ރަށްރަށަށް ލިބޭނޭގޮތް ހެދުން. އަޅުގަނޑުމެންގެ އަމާޒަކީ، އެހެން ރަށްރަށުގެ ޚިދްމަތްތައްވެސް މިކާށިދޫއަށް ފަހިވާނެ ގޮތަކަށް ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމު ކުރުން.
 
އަޅުގަނޑަށް ހަމަ ތިޔަބޭފުޅުންނަށް އުފަލާއެކީގައި ދަންނަވާލެވެން އެބައޮތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިތަނުގައި މާރުކޭޓެއް އެޅި، އެމާރުކޭޓުގެ ޚިދްމަތް ތިޔަބޭފުޅުންނަށް ފޯރުކޮށްދޭނަށް. ރާއްޖެ ތަރައްޤީވާނީ ރާއްޖޭގައި އުފައްދާ ތަކެތި ތަރައްޤީކޮށް، އެވިޔަފާރި ކުރިއަރައިގެން. ކާށިދޫ ތަރައްޤީވެފައިނުވެ މިއޮތީ އެއްވެސް ހާލެއްގައި މިތަނުގައި ތަކެތި ނުއުފައްދާތީކީއެއްނޫން. މިތަނުގައި އުފެއްދޭ ތަކެތި ސަލާމަތްތެރިކަމާއެކީގައި ފަސޭހަކަމާއެކީގައި، އެތަކެތި ބޭނުން މާރުކޭޓްތަކަށް ވާސިލުނުކޮށްދެވޭތީ، ފޯރުނުކޮށްދެވޭތީ. މިއީއަކީ، ދެނެގަންނަން އުދަނގޫ ވާހަކައެއް ނޫން.
 
މި ސަރުކާރު އުފެދިގެން އައީ ކާށިދޫ ތަރައްޤީގެ ވިސްނުމަކާއި ފިކުރެއް އޮވެގެން. އަޅުގަނޑުމެންގެ އެބައޮތް ތަޞައްވުރެއް، މަންޒަރެއް، ވިސްނުމެއް، ކާށިދޫއާ ގުޅޭ އުންމީދެއް.      އެ އުންމީދަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ. އަޅުގަނޑުމެންގެ އަމާޒަކީ ކާށިދޫ ބަދަލުވެގެން ދިޔުން. ކާށިދޫގެ ރައްޔިތުން ތަނަވަސްވުން. ކާށިދޫގެ ރައްޔިތުން މުއްސަނދިވުން. އަޅުގަނޑުމެން ބޭނުމީ އެންމެންވެސް މުއްސަނދިވާން. އަޅުގަނޑުމެން ބޭނުންވަނީ އެންމެންވެސް ފައިސާވެރިވާން. އަޅުގަނޑުމެން ބޭނުންވަނީ އެންމެންނަށްވެސް ރިވެތި ގޮތުގައި ދިރިއުޅެވޭނެ މާޙައުލެއް އޮތުން. އަދި އެކަން ކުރާނެ ވަސީލަތްތައް އެމީހުންނަށް ލިބިފައި އޮތުން. މިރަށުގެ ތަރައްޤީ އަޅުގަނޑުމެންނަށް ގެނެސްދެވޭނީ މިރަށު މީހާ ތަރައްޤީވެގެން. ކާށިދޫ ރައްޔިތެއް، ކާށިދޫ މީހާ ތަރައްޤީވެގެން. ތަރައްޤީއަކީ، އެއްވެސް ޙާލެއްގައި ކޮންކްރީޓުން މިނާ އެއްޗެއް ނޫން. ބޮޑުހިލައިން ނުވަތަ އެއްގަމު ތޮށިން މިނާ އެއްޗެއް ނޫން. ތަރައްޤީއަކީ، ތިމަންނާމެންގެ ދަރިންނަށް ކިހާ އެއްޗެއްތޯ އަންގައިދެވެނީ، ތިމަންނާއަށް އެނގެނީ ކިހާ އެއްޗެއްތޯ، ތިމަންނާއަށް އޮޅުންފިލަނީ ކޮންކަމެއްތޯ، ތިމަންނާގެ ބޯދާކަމާއި ގަމާރުކަމުން ތިމަންނާ ސަލާމަތްވެ މިހުރީ ކިހާވަރަކަށްތޯ ތިމަންނާއަށް އެނގި، ތިމަންނާ އެކަމަށް އަރައިގަތުން. ރަނގަޅު ތަޢްލީމެއް ދަރިންނަށް ދިނުން. އެތަޢްލީމު ދިނުމަށްޓަކައި އެއްދަންފަޅީގެ މަދަރުސާއާއި ވަށާޖެހޭ ތަޢްލީމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. ކާށިދޫ ތަރައްޤީއެއް ނުވާނެ، ކާށިދޫގެ ދަރިން ތަރައްޤީ ނުވަނީހެއް. ކާށިދޫގެ ޢުމްރާނީ ތަރައްޤީއަށް ކުރެވެން ހުރި ޚަރަދު ސަރުކަރުން ކޮށްފާނެ. އެހެންނަމަވެސް، ކާށިދޫގެ ދަރިންނަށް ރިވެތި ގޮތުގައި ތަންދޮރު ނުފިލާނަމަ، މިތަނުގެ މަދަރުސާ ތަރައްޤީވެގެން ނުދާނަމަ، އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެން މިއެދޭ ތަރައްޤީ ކާށިދޫއަކަށް ނުހޯދޭނެ.
 
މިއަހަރު ނިމޭއިރުގައި މިރަށުގެ މައިގަނޑު އަސާސީ ކަންކަން ފުރިހަމަވޭތޯ ސަރުކާރުން މިވަނީ ބަޖެޓް ކޮށްފައި. އެއަށްބޭނުންވާ ފައިސާ މިވަނީ ހިމަނާފައި. އެމަސައްކަތް އަޅުގަނޑުމެންނަށް ކުރުމުގެ ތައުފީޤް ލިބި ދިޔައީ، ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއި އަދި އަޅުގަނޑު ދަންނަވާނީ ތަކުރާރުކޮށް ހަނދާންކޮށްދިނުން އޭގައި ހިމެނިގެނޭ. މި ޕާޓީއަކަށް މި ސަރުކާރަކަށް ލިބިފައެއް ނެތް، ނަސީބެއް މިކާށިދޫގެ ވަކީލުންނާއެކީގައި، ރައްޔިތުންގެ ވަކީލުންނާއެކީގައި މަސައްކަތް ކުރާކަށް. އެހެންވީމާ، އަޅުގަނޑު އެދޭ މިންވަރާ ގާތަށްވެސް އަޅުގަނޑަށް މިރަށަކާ އަޅައެއް ނުލެވޭ. ތިޔަބޭފުޅުންނަށޭ، އަޅުގަނޑަށް ދެންނެވޭނީ، ލިބިފައިވާ ނިޢުމަތެކޭ އެއީ، ތިޔަބޭފުޅުންގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި އަދި ތިޔަބޭފުޅުންނަށް މިހާރު މަސައްކަތް ކޮށްދޭ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ދާއިރާ ރައީސް، މި ދެބޭފުޅުންވެސް، ތަކުރާރުކޮށް އަޅުގަނޑު ގާތުގައި 5 މަސް ވަންދެން ކާށިދޫ ބަނދަރުގެ ވާހަކަ ދެއްކެވި. ސަރުކާރުން އައީ 2011ވަނަ އަހަރުގެ ބަޖެޓުގައި އެމަސައްކަތް ހިމަނައި، އެމަސައްކަތް ކުރެވޭނެ ފައިސާ އެއްކައިރިވީމާ ނޫނިއްޔާ އަޅުގަނޑު ހުރީ އެވާހަކަ ނުދައްކަން. މިއަދު އަޅުގަނޑަށް އެވާހަކަ ދެއްކެން މިއޮތީ. މިއަދު އަޅުގަނޑުމެންނަށް އެމަސައްކަތް ކުރެވެން އޮތީތީވެ.
 
 އަޅުގަނޑު، އަދި އަޅުގަނޑުމެންގެ ޕާޓީއާއި އަޅުގަނޑު މި ސަރުކާރު މިއެދެނީ މުޅިން އެހެން ގޮތަކަށް އަޅުގަނޑުމެން އެންމެން ބަދަލުވުމަށް. ފެބްރުއަރީ 5 ވަނަ ދުވަހު މިރަށުގައި މިއެޅެނީ، މިރަށުގެ ތަރައްޤީއަށް އެންމެ މުހިންމު މުއައްސަސާގެ ބިންގާ. އެއީ، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ އިންތިޚާބު ބޭއްވޭ ދުވަސް. މިރަށް ތަރައްޤީވާނީ، އެއްވެސް ރަށެއް ތަރައްޤީވާނީ އެރަށެއްގެ ރައްޔިތުން ދޫކޮށްލެވިގެން، އެރައްޔިތުން ވީއްލިގެން. ރައްޔިތުންނަށް ބިރުދައްކައި، ރައްޔިތުންނަށް އަނިޔާ ކުރަމުންދާއިރުގައި އުފެއްދުންތެރިކަމެއް އެ ރައްޔިތުންގެ ކިބައަކުންނެއް ނުނެރެވޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ އެންމެ މުހިންމު މަޝްރޫޢަކީ ޑިމޮކްރަސީ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަމަކީ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުން ކަމެއް. ރައްޔިތުންގެ ގާތުން، ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ، ލާމަރުކަޒީ އުޞޫލުން ކަންކަން ކޮށްގެން. ގަބޫލުފުޅު ކުރައްވާ.
 
ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައަޅައި ނިމުނުއިރުގައި އެއަކު ނެތް ލާމަރުކަޒީކޮށް ރާއްޖޭގެ އެއްވެސް ތަނެއް ހިންގާ ވާހަކައެއް. ޤާނޫނުއަސާސީގައި އޮތީ އެއާ ޚިލާފަށް ދިވެހި ދައުލަތަކީ ޔުނިޓަރީ ދަޢުލަތެއް ކަމަށް. އެހެންނަމަވެސް، މާފަހުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ.އަށް ނިސްބަތްވާ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ މަސައްކަތާއެކު މިހާރު އެވަނީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގޭނެ ބާބެއް           އެ ޤާނޫނުއަސާސީގައި ހިމެނިފައި. އަޅުގަނޑުމެން މިގެންދަނީ އެބަސްތައް ތަންފީޒު ކުރަމުން. އަޅުގަނޑު ގަބޫލެއް ނުކުރާނަން، މިޕާޓީ ނޫން އެހެން ބައެއް އެކަން ކުރަން އުޅޭ ކަމަކަށް. މިރާއްޖޭގެ ކުރިއަށް ތިބި ސިޔާސީ ލީޑަރުންނަކީ އެއީ، އަޅުގަނޑުވެސް ވަރަށް ރަނގަޅަށް ދަންނަ ބައެއް. އަޅުގަނޑުގެ މި ކުރު ޙަޔާތުގައި އެކިގޮތްގޮތަށް ދިމާވެފައި ތިއްބެވި ބޭފުޅުން. އަޅުގަނޑަކަށް ދަންނަވާކަށް ނުކުރޭނެ، އެބޭފުޅުންގެ ވިސްނުންފުޅުގައި ހުރިކަމަކަށް ބާރު ދޫކޮށްލަން. ކުރާންވެގެން މިއުޅޭ ކަމަކީ، އަޅުގަނޑުގެ ރަށުގައި މާލޭގައި ހުރި ބާރެއްގެ ބައެއް މިރަށަށް އެއިން ބައެއް އެޅުން. މާލެއަށް އެ ބާރު އެއްކޮށްފައި އެވަނީ ޒަމާންތަކެއްގެ ތެރޭގައި.
 
އެނގިވަޑައިގަންނަވާނެ، މާލެއަށް އެބާރު އެއްކޮށްފައިއެވަނީ މާލޭގެ ވެރިކަމުގެ ޚާންދާނުތަކުން. ބައެއް ފަހަރަށް ހަނގުރާމަ ކޮށްގެން. އަނެއްބައި ފަހަރަށް ޞުލްޙައަށް. ހޯދާފައި ހުރި ބާރުތައް. އަޅުގަނޑުމެންނަށް މިއަދު އުފާވެރިކަމާއި ހިތްހަމަޖެހުން ލިބެނީ އެ ޚާންދާނުތަކުގެ މިހާރުގެ ޖީލު އަޅުގަނޑުމެންނާއެކީގައި ތިޔަބޭފުޅުންނާއެކީގައި ތިޔަބޭފުޅުންނަށް އެބާރު ދިނުމަށްޓަކައި މަސައްކަތް ކުރައްވަމުންގެންދަވާކަމަށް. އެ ބާރު ހޯދުމުގެ، ލާމަރުކަޒީ އުޞޫލުގެ ބެލެނިވެރިންނަކީ އަޅުގަނޑުމެން. އެނޫން ބައެއް ނޫން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މާލެއަކީ، މުލީގޭ ދޮން ޙަސަން މަނިކުފާނުގެ މިލްކެއް ކަމަށް މާލޭ މީހުން ވަރަށް ފަހާ ޖެހެންދެންވެސް ގަބޫލުކުރޭ. ހޮޅިން އަތުން މާލެ ސަލާމަތްކޮށް، ރާއްޖޭގެ ވެރިކަން ދޮން ޙަސަންމަނިކު މިލްކު ކުރި ކުރުން، މާލޭ ރައްޔިތުން ވަރަށްފަހާ ޖެހެންދެންވެސް ގަބޫލުކުރޭ. މިއަދު ހަމަ އެބާރު، ހޯދާފައިވާ އެބާރު އަޅުގަނޑު މިދަންނަވަނީ ދޮންބަންޑާރައިންގެ ވާހަކަ. ދޮންބަންޑާރައިންސުރެ ފެށިގެން މާލެއަށް ފަހިވަމުން މިއައި ކިތަންމެ ބާރެއް މިއަދު އަޅުގަނޑުމެން މިއުޅެނީ މިރަށްރަށަށް ބަހާލަން. އެބަހާނީ އަޅުގަނޑުމެން. އެހެން އެބަޔަކު އެ ބަހާނެކަމަށް ތިޔަބޭފުޅުން ގަބޫލުފުޅު ކުރައްވަނީނަމަ، އަޅުގަނޑު ދަންނަވާނީ މިއަދަކީ ހިތާމަވެރި ދުވަހެކޭ. މިރާއްޖޭގެ ބާރު ދޫކުރާކަށް އުޅުނު މީހަކު އަޅުގަނޑު ނުދަންނަން. ފޮތެއްގައި ލިޔެފައި އޮއްވައެއްވެސް ނުކިޔަން. މީހަކު ބުނާތީއެއްވެސް އަޑެއް ނާހަން. އެބަޔަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. ބާރުދޫކުރާ ބަޔަކީ.
 
އަޅުގަނޑުމެންގެ ޕާޓީގެ ޒަޢާމަތަށް ތިޔަބޭފުޅުން ބައްލަވާ. އެއީ، މިދެންނެވި މުލީގޭ ދޮން ޙަސަން މަނިކުގެ ޢާއިލާ. އެބޭފުޅުން އެތިއްބެވީ މިއަދު ތިޔަބޭފުޅުންނަށް މިބާރު ދެއްވަން ތައްޔާރަށް. އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވަން އޮތް ވާހަކައަކީ، މަގުއޮޅިގެން ގޮސް ނުބައި ގެއަކަށް ބާރުބަލާ ވަޑައިނުގަންނަވައްޗޭ. ލިބެން އޮތީ އެންމެ ތާކުންނޭ. އެތަނަށް އެހެން ތަނަކަށް އެބާރު ބަލާ ހަމަ އަޅުގަނޑު ދަންނަވާނީ، ގޮސްގެން ހުސްއަތާއޭ ވަޑައިގަންނަވަން ޖެހޭނީ.
 
އަޅުގަނޑުމެންގެ އެބައޮތް އުންމީދެއް. އަޅުގަނޑުމެންގެ އެބައޮތް ވިސްނުމެއް، ފިކުރެއް. އަޅުގަނޑުމެންގެ އެބައޮތް ކާށިދޫގެ ތަޞައްވުރެއް. އަޅުގަނޑު ކާށިދޫ ރައްޔިތުންގެ ކިބައިން މިއެދެނީ ދެއްވާށޭ އަޅުގަނޑުމެންނަށް ފުރުސަތެއް، ތިޔަބޭފުޅުންނާއެކީގައި މަސައްކަތް ކުރުމަށް. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކަންވެދިޔަގޮތުން އަޅުގަނޑަކަށް ނުލިބުނޭ ތިޔަބޭފުޅުންގެ ވަކީލާ އެކީގައި މަސައްކަތް ކުރާނެ ހަނި ފުރުސަތެއްވެސް. އެހެންވީމާ، އަޅުގަނޑު އެދޭ މިންވަރާ ގާތަށްވެސް މިއޮއް ބޮޑު ބިން، މިއޮއް ބޮޑު ރަށް މިމާލެ އަތޮޅުގައި އޮތް، ޖަވާހިރެއްފަދަ ރަށެކޭ އަޅުގަނޑު ދަންނަވާނީ. މިތަން ތަރައްޤީ ކުރެވޭނެ ވަސީލަތްތަކެއް އަޅުގަނޑުމެންނަކަށެއް އަޅުގަނޑުމެން އެދޭ މިންވަރަކަށް ނުހޯދުނޭ. އަޅުގަނޑު މިއަދު ތަކުރާރުކޮށް ކާށިދޫ ރައްޔިތުންގެ ކިބައިން މިއެދެނީ، ވޯޓު ދެއްވާނީކީއެއް    މި ސަރުކާރަކަށެއް ނޫން. ވޯޓު ދެއްވާނީކީއެއް އެމް.ޑީ.ޕީ.އަކަށްވެސް ނޫން. ވޯޓު ދެއްވާނީ ތިޔަބޭފުޅުންގެ އަންނަން އޮތް ޖީލަށް. އުފަން ދެން އޮތް ކާށިދޫއަށް. އެ ކާށިދޫގެ މަންޒަރު އެނގޭ ބަޔަކަށް. އަޅުގަނޑުމެން ބަލަން ހިނގާ ކޮބައިތޯ، ލޯކަލް ކައުންސިލެއް އިށީންނަނީ ކޮންތާކުތޯ، ދަންނަ މީހަކު ހުރިތޯ. އެއީ ކިހިނެއް ހިނގާ ކަމެއްތޯ، އަޅާލި ބޭފުޅަކުވެސް ވީތޯ. އެމް.ޑީ.ޕީ. ނޫނިއްޔާ މި ފިކުރު ނެރުނު ބައެއް ނެތް. މިއަދު މާލަސްވެއްޖެ، އެހެން ބަޔަކު އައިސް މި މިލްކު ކުރަން. އަޅުގަނޑު އާދޭހާއެކު ތިޔަބޭފުޅުންގެ ކިބައިން މިއެދެނީ ވިސްނަވާށޭ. ވިސްނަވާފައި ނޫނީ ތިޔަބޭފުޅުންގެ ވޯޓު ނުދެއްވައްޗޭ.
 
އަޅުގަނޑުމެންނަށް މިރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭ. މިކާށިދޫގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ހޯދުމަށްޓަކައި 2010 ވަނަ އަހަރު ތިންލައްކަ ދިހަހާސް އަށްސަތޭކަ ސާޅީސްރުފިޔާ، ޚަރަދު ކުރެވިފައި އޮތްކަމީ އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. މިރަށުގެ ދަރިންނަށް ބޭރުގެ އިމްތިޙާނުތައް ހެދުމަށްޓަކައި، އޯލެވެލް އިމްތިޙާނު ހެދުމަށްޓަކައި އަށްޑިހަހާސް ފަސްސަތޭކަ ސާޅީސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމަކީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އެހެންނަމަވެސް، އެއީއަކީ އަޅުގަނޑުމެން މިކަން ކުރަން އެދޭ މިންވަރެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މިރަށް މުޅިން ބަދަލު ކުރަން.
 
މިފަހަރު މިރަށުގައި އިތުރު މަސައްކަތެއް މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ހިންގޭނެ. އެއީ، ކާށިދޫ ކުރުހިންނަ ޙިމާޔަތް ކުރުމުގެ މަސައްކަތަށް މިފަހަރުގެ ބަޖެޓުގައި އެއްމިލިޔަން ތިންލައްކަ ރުފިޔާ ހިމެނިފައި އެބައޮތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެތަން މިއަހަރު ތެރޭގައި ހަދާ ނިންމޭނެ.
 
އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރުން. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނަށް ޚިދްމަތް ކުރުން. މިވެރިކަމުގައި އަޅުގަނޑުމެން މިތިބެނީ ވެރިކަމުގެ އަރާމާއި، ވެރިކަމުގެ ލައްޒަތާއި، ޖާހަތަށްޓަކައެއް ނޫން. މިވެރިކަމުގެ ޝެހެންޝާހަށްޓަކައެއްވެސް ނޫން. އަޅުގަނޑުމެން ތިޔަބޭފުޅުންގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް ނުޖެހޭނަން. އަޅުގަނޑެއް ނުޖެހޭނަން. އަޅުގަނޑު ތިޔަބޭފުޅުންގެ ޚިދްމަތުގައި ބާރަ ގަޑިއިރު މަސައްކަތް ނުކުރާ އިރާދަކުރެއްވިއްޔާ އެންމެ ދުވަހެއްވެސް ވައްޓައެއް ނުލާނަން. އަޅުގަނޑުމެންގެ ހިތްވަރު ކުޑައެއް ނުވާނެ. އަޅުގަނޑުމެންގެ ޢަޒުމް، އަޅުގަނޑުމެންގެ އަމާޒު، އަޅުގަނޑުމެންގެ މީޒާން އޮޅިގެނެއް ނުދާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސާބިތުކަމާއެކީގައި ތިޔަބޭފުޅުންނާއެކީގައި މަސައްކަތް ކުރަން އަބަދުވެސް ދެމިތިބޭނަން.
 
 އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ކުރިއަށް މިއޮތީ އުފާވާ ޒަމާނޭ. އަޅުގަނޑަށް ފެންނަނީ އުފާވާ ޒަމާނޭ، އުފާވެރިވި މިރާގޭ، ހިތާއޭ އަހާށޭ
 
واَلحَمْـدُ لِلّـهِ. والســّلام عليــكم. ވަރަށްބޮޑަށް ޝުކުރިއްޔާ.
 
_______________________