بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވަޒީރުން، ތޮއްޑޫގެ ވެރިންނާއި، ކުރިއަށް ތިއްބެވި ބޭފުޅުން. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުގެ އެކުވެރި ލޮބުވެތި ތޮއްޑޫ ރައްޔިތުން.
 
السّـلام عليـكم
 
އެނގިވަޑައިގަންނަވާނެ، މިރަށަކީ އެއްވެސް ހާލެއްގައި އަޅުގަނޑަށް އާ ރަށެއް ނޫން. އަޅުގަނޑުގެ ސިޔާސީ ޙަޔާތުގެ ވަރަށްގިނަ ކަންކަން މިރަށާ އެކިގޮތްގޮތުން ގުޅިފައި ހުރޭ. އެހެންވީމާ، އަޅުގަނޑު އަބަދުވެސް ތޮއްޑޫ މަތިން ހަނދާން ނެތިއެއް ނުދޭ. ސަރުކާރުގެ ބައެއް ކަންކަން ނިންމަމުން އަންނައިރުގައިވެސް އަދި އަތޮޅާ ގުޅިގެން ޚާއްޞަކޮށް ކަންކަން ވަމުންދާއިރުގައި، ތޮއްޑޫގެ ނަން، އެކިއެކި ކަންކަމުގައި ހިމެނިފައިވޭތޯ އަޅުގަނޑަށް ބަލައިލެވޭ. އެއީ، އުނިކަމެއް. އެހެން ނަމަވެސް، އަޅުގަނޑަށް ހިތްހަމަޖެހުން ލިބޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމުގެ ކުރީގައި، ހިންގާން ފެށުމުގެ ކުރީގައި، ތޮއްޑޫ ނޫނަސް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދަތުރުކުރިން. ގިނަ ގޭގެއަށް އަޅުގަނޑުމެން ދިޔައިން. ގިނަ މީހުންނާ އަޅުގަނޑުމެން، ދޮރުންދޮރަށް ގޮސް ވާހަކަ ދައްކައި މަޝްވަރާކޮށް ހެދިން. މި ރާއްޖޭގެ އަޑު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެހި. އިވުނު އަޑުތަކުގެ މައްޗަށް ބިނާވެގެންދިޔައީ، ޕާޓީގެ ވަޢުދާއި، އަދި އެހެންވީމާ، ސަރުކާރުގެ ސިޔާސަތު.
 
އިވުނު އަޑުތަކުގެ ތެރޭގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ވަރަށް ބާރަށް އިވުނު އެއް އަޑަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކީ، އެމީހުންގެ ދުވަހަކަށް ރެޔާ ދުވާލަށް އެމީހާއަށް ފަނަރަ ވިހި ރުފިޔާ ނުލިބޭ ނިކަމެއްޗެކޭ. އ.ދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ހުންނަ މީހެކޭ. އޭނާ ނިކަމެތިވެފައި ހުއްޓާ، ރައްޔިތުން ބިކަ ހާލުގައި ވަނިކޮށް، ޤައުމެއް ނުވަތަ ރަށެއް ތަރައްޤީވުމަކީ ކުރެވޭނެ ކަމެއް ނޫން. އެއީ، އިންސާނީ ތަޖްރިބާ، އެކަން ދައްކާފައި އޮތް ގޮތެއް ނޫން. އަޅުގަނޑުމެން މި ސަރުކާރު، ސަރުކާރު ހިންގުމަށް ނުކުތީ، ތޮއްޑޫގެ ތަޞައްވުރެއް އޮވެގެން. ތޮއްޑޫގެ ތަރައްޤީގެ ވިސްނުމެއް، މި ތޮއްޑޫ ކުރިއަރުވާނެ ގޮތެއް އަޅުގަނޑުމެންގެ ހިތުގައި މަޝްވަރާ ކުރެވިގެން. އަޅުގަނޑުމެންގެ ހިތުގައި ބިނާކުރެވިގެން.
 
 އެ މަޝްވަރާގައި އަޅުގަނޑުމެންނަށް ފާހަގަވި އެއްކަމަކީ، ތެދުފުޅެއް، މިހާރު ސަރުކާރުން ދެމުން ގެންދާ ކިތަންމެ ޚިދްމަތްތަކެއް ދެމުން ގެންދެވެނީ، އަޅުގަނޑުމެން އެންމެ އެދޭ މިންވަރަކަށެއް ނޫން. އެހެން ނަމަވެސް، އޭގެ އިތުރުން، މިދެންނެވި ކަމުނުދާ ޚިދްމަތްތަކަށްވެސް، ރާއްޖޭގެ އާބާދީގެ ކޮންމެ ތިންމީހުންކުރެ އެކަކަށް އަތް ނުފޯރައޭ. ނިކަމެތިން މާގިނައޭ. ރަށެއް، ތޮއްޑޫ ތަރައްޤީ ކުރުމަށްޓަކައި އަދި ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި، ނިކަމެތިކަމުން ސަލާމަތެއް ރައްޔިތުންނަށް ލިބުން އެއީ، ކޮންމެހެން ބޭނުންތެރި ކަމެއް. ތަރައްޤީއަކީ ވަކި ޚާއްޞަ ކަމެއް، ވަކިގޮތަކަށް، ވަކިއިރެއްގައި ކުރެވުނީމާ ވާކަމެއް. ތަރައްޤީވާން މިޖެހެނީ، ތޮއްޑޫ މީހާ. އިންސާނާ. އޭނާ ތަރައްޤީވީމާ، އޭނާ ބަދަލުވީމާ، ރަށް ބަދަލުވެގެން މިއަންނަނީ. ތޮއްޑޫ މީހާ ބިކަ ޙާލުގައި، އޭނާ ބަލިވާ ކޮންމެ ފަހަރަކު، ރަށު ސާދާގަރުންނާއި އަދި މާލޭގެވެސް މަހުޖަނުން ގާތުން، އެކެއް ގާތުން، އަނެކެއް ގާތުން ހިނގަމުންދާންޖެހޭހާ ހިނދަކު، އެމީހާގެ ޤަދަރާއި، އެމީހާގެ ޢިއްޒަތް ރައްކާތެރިކޮށްދޭން ވަރަށް އުނދަގޫވާނެ. ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ތޮއްޑޫ މީހެކޭ. ތިމަންނާ ދިރިއުޅެމުންދަނީ، ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުނަ، ތިމަންނާގެ އަނބިދަރިން ބަލަހައްޓައިގެންނޭ، އެހެން ބުނެވޭ ތޮއްޑޫ ރައްޔިތެއް ބިނާކުރުމަކީ، އަޅުގަނޑުމެންގެ އަމާޒެއް. އެހެންވީމާ، މަދަނައިގެ ވިއުގަ ފެށިގެން އައީ. މި ތޮއްޑޫގެ 211 މީހުން މަދަނައިގައި ރަޖިސްޓްރީވެ، އެމީހުންނަށް އެމީހުންގެ ތެރެއިން 2009 ވަނަ އަހަރާއި، 2010 ވަނަ އަހަރު، މިދެއަހަރު ފަސްލައްކަ ތިރީސް ހަތްހާސް ހަތަރުސަތޭކަ ނުވަދިހަ ތިންރުފިޔާ، ތޮއްޑޫގެ މަދަނައިގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް، ބޭސްފަރުވާއަށް ހޭދަކޮށްދެވުނުކަމަކީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް.
 
އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މިދެންނެވި 211 މީހުންގެ ބޭސްފަރުވާއަށްޓަކައި، ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، މި 2011 ވަނަ އަހަރުވެސް މާލިއްޔަތުގައި ރައްކާ ކުރެވިފައިވާތީވެ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުން. ފަޤީރުކަމުން އަރައިގަނެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުން. އަޅުގަނޑުމެންގެ ޕާޓީއަށް ހަމަކަށަވަރުންވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ގަބޫލުކުރެވޭ ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވެގެންވަނީ، ހަމައެކަނި ސަރުކާރުގެ އޮފީސްތަކުގައި އުޅުއްވި ބޭފުޅުންނަށް ކަމަށް ދެކެވޭ ދެކެވުން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރާއްޖޭގެ ރައްޔިތުންގެ އަޑު އަހަމުންދިޔައިރު، އަޅުގަނޑުމެންނަށް ފެނުނު ނުހަނު ގިނަ މަންޒަރު. އަޅުގަނޑުމެން ދުށިން، ރާއްޖޭގެ ގޮނޑުދޮށްތަކުގައިވެސް، ރުއްރުއްދޮށުގައިވެސް، ހޮޅުއަށިތަކުގައިވެސް އަދި މާލޭގައި ގޯތިގެދޮރު ފޮތިކުރަމުން އައިސް، ކުރީގައި ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި، ވެއްޓިފައި ކާފަ ނުވަތަ މާމަ އޮއްވާ. އަޅުގަނޑުމެންނަށް މި ރާއްޖެ މިގޮތަށް ލިބިފައި މިވަނީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީތީ. އެމީހުން ވަލަށްވަނީތީވެ، ދަނޑުވެރިކަން ކުރީތީވެ، މަހަށް ފަރަށް ދިޔައީތީވެ، ރުކަށް އެރީތީވެ، ގެދޮރު ބިނާކުރީތީވެ، ރިޒޯޓްފަހަރު އެޅީތީވެ، އެމީހުން ކިތަންމެ ކުރީތީވެ، އަޅުގަނޑުމެންގެ ރާއްޖެ މިގޮތަށް އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ.
 
 މިއަދު މި ރާއްޖޭގައި ޕެންޝަނެއް އެހެންވީމާ ޙައްޤުވަނީ ކާކަށްތޯ ދެކޭއިރުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް، އެމް.ޑީ.ޕީ އަށް ވަރަށް ސާފުވި،  ފުރަތަމަ ޙައްޤީ، އޭގެ އެންމެ ޙައްޤުވެރިންނަށޭ. އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް ދެހާސް ރުފިޔާގެ ޕެންޝަނެއް ދައުލަތުން ދިނުމަށްޓަކައި. މިއަދު     މި ސަރުކާރަށް، މިއަދު އަޅުގަނޑުމެންގެ ޕާޓީއަށް، މިއަދު އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ،     މި ތޮއްޑޫގެ 70 މީހަކަށް މިދެންނެވި ޕެންޝަން ދެމުން ގެންދާތާ މިހާރު ދެއަހަރު. އިރާދަކުރައްވައިގެން، ކޮންމެ މަހަކު އެއްލައްކަ ސާޅީސް ހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ތޮއްޑުއަށް ދެމުން އެބަ ގެންދެވޭ. އެއީ، މި ސަރުކާރަށް ލިބޭ ހިތްވަރެއް. އެއީ، މި ސަރުކާރަށް އިތުރަށް މަސައްކަތް ކުރުމަށް ލިބޭ ފުރްޞަތެއް.
 
އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ، ރައްޔިތުންގެ ސަލާމަތްތެރިކަން. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، މި ސަރުކާރު ދެމި މިއޮންނަނީ، އެންމެ ސަބަބަށްޓަކައި. އެއީ، އިޖްތިމާޢީ ރައްކާތެރިކަން. ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި. ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި. އެކަނިވެރި މައިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ޔަތީމު ކުދިންނަށް މިރަށުގައިވެސް މިދިޔަ އަހަރު ސާޅީސްހާސް ސާޅީސް ހަތްރުފިޔާ ހޭދަކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، އެމަސައްކަތް އަޅުގަނޑުމެންނަށް ހިންގޭތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ރާއްޖޭގެ ރައްޔިތުންނަށް، ފަޤީރުކަމުން އަރައިގަތުމުގެ ރަނގަޅު މަޝްރޫޢެއް، ރަނގަޅު ޕްރޮގްރާމެއް، އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް ހިންގަމުން ގެންދެވޭތީވެ.
 
މިދިޔަ އަހަރު މި ރާއްޖޭގެ ބަޖެޓްގެ 10 ޕަސެންޓް ޚަރަދު ކުރެވުނީ، މިދެންނެވި މަސައްކަތަށް. އަޅުގަނޑު ގާތު ވަރަށްގިނަ މީހުން އަހާ، ރައީސް ކީއްވެތޯ މިވެނި އެވެނި ކަމެއް،    އެ ފައިސާއިން ނުކުރީ. ތޮއްޑުއަށް މިފައިސާ ހަމައެކަނި ކޮންކްރީޓެއް ކުރިނަމަ، ވަރަށް ބައިވަރު ކޮންކްރީޓް ފެންނަން ހުރީސް. ބަނދަރުވެސް ފެންނަން އޮތީސް. އަދި އެތަން މިތަންވެސް ފެންނަން އޮތީސް. އަޅުގަނޑުމެނަކަށެއް ނުފެނުނު އަދި ގަބޫލެއް ނުކުރެވުނު، ނިކަމެތިކަމާއި ފަޤީރުކަންމަތީގައި ތިއްބައި، ހަދާ އުސް ޢިމާރާތަކުން، އަޅާ ބޮޑު ބިނާއަކުން ރަށެއް، ޤައުމެއް ތަރައްޤީވާނެ ގޮތެއް. ފުރަތަމަ އަޅުގަނޑުމެން ހޯދާން މިޖެހެނީ، އިޖްތިމާޢީ ރައްކާތެރިކަން. އިރާދަކުރައްވައިގެން، މިދިޔަ ދެއަހަރު ތެރޭގައި، އަޅުގަނޑުމެންނަށް މިއޮތީ، މިދެންނެވި ވިއުގަ ޤާއިމް ކުރެވިފައި. މިއަހަރު އެހެންވީމާ، ޙަޤީޤަތުގައި އަޅުގަނޑުމެން މިފަށަނީ، މިރަށުގެ ތަރައްޤީއަށް. މި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް، 2011 ވަނަ އަހަރުގެ ބަޖެޓުގައި އެހެރީ ވަރަށް ރަނގަޅަށް ހިމެނިފައި. އެއިން ތޮއްޑޫގެ އެކިއެކި މަޝްރޫޢުތައް، އެންމެ ސާދާކޮށް، އަދި ފަސޭހަކޮށް ކިޔާލަދެއްވީ، ތޮއްޑޫގެ ޢިއްޒަތްތެރި މެންބަރު، އަޅުގަނޑުމެންގެ ވާދަވެރި ސިޔާސީ ޕާޓީގެ މެންބަރު. ތޮއްޑުއަށް މިއަހަރުގެ ބަޖެޓްގައި ހުރި ކަންކަން އެބޭފުޅާ ކިޔާލަދެއްވީ ރައްޔިތުންގެ މަޖިލީހުގައި. އެއީ، އަޅުގަނޑަށް ހިތްހަމަޖެހުން ލިބޭ ކަމެއް.
 
ތެދުފުޅެއް، މިދިޔަ އަހަރު އަޅުގަނޑުމެންނަށް މިރަށުގެ ބަނދަރުގެ ނެރު، އޮޑިދޯނިފަހަރު ވަދެވޭގޮތަށް ޕެނަލެއް، ނެރެއް ފުންކުރެވުނު. ނުވަލައްކަ ނުވަދިހަހާސް ރުފިޔާ، އެކަމަށް ޚަރަދު ކުރެވުނު. އަދި އިރާދަކުރެއްވިއްޔާ، މިއަހަރު ވަރަށް އަވަހަށް ނަރުދަމާގެ މަސައްކަތް ފަށައިގަނެވޭނެ. މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް އަޅުގަނޑު ތޮއްޑޫގެ ނަރުދަމާގެ މަސައްކަތް ކުރެވޭތޯ އުޅުނިން. ފުރަތަމަ އަޅުގަނޑުމެން އުޅުނީ، މިރަށުގައި ހިންގާ އެހެން މަސައްކަތަކާ ގުޅުވައިގެން، އެ ނަރުދަމާ ހެދޭތޯ ބަލަން. ދެން އަޅުގަނޑުމެންނަކަށެއް، ސަރުކާރަކަށެއް ނުބެލުނު، އެހެން ކުރާ އެހެން ކަމަކާ އެޅިގެން މިރަށުގެ ނަރުދަމާ ނުހެދި ތިބުން އެއީ ބުއްދިވެރި ކަމެއްގެ ގޮތުގައި. އަދި ވެވެން ނެތް ކަމެއްގެ ގޮތުގައި. ތިޔަބޭފުޅުންގެ ޢާންމު ޞިއްޙަތު ސަލާމަތް ކުރަން އެބަޖެހޭ. ރީތި ގޮތުގައި، ތާހިރު ގޮތުގައި ދިރިއުޅެވެން އެބަޖެހޭ. 2011 ވަނަ އަހަރު ދުނިޔެއަށްވާއިރު، މިރަށުގައި ނަރުދަމާއެއް ނެތުމަކީ ލަދުވެތި ކަމެއް. އެތައް އެތައް ބަޔެއް އުޅޭ ރަށެއް. އެ އުޅެނީ ފާޚާނާ ކުރުމުގެ ނިޒާމް، މި ޤައުމުތައް، މީގެ އެތައް ސަތޭކަ އަހަރު ކުރީގައި ނިންމާފައި ހުރި މަސައްކަތެއް.
 
އަޅުގަނޑުމެންގެ ރާއްޖޭގައި މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވިއިރު މުޅި ޖުމްލަ އޮތީ 4 ނަރުދަމާ. މިހާރު އިރާދަކުރައްވައިގެން، މިއަހަރު ނިމޭއިރުގައި، މި ރާއްޖޭގައި    40 ރަށުގެ ނަރުދަމާ އޮންނާނެ. އަޅުގަނޑުމެންގެ 5 އަހަރު ނިމޭއިރު، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ރަށެއްވެސް ފެނާއި ނަރުދަމާގެ މަސައްކަތް އަޅުގަނޑުމެން ނިންމާނަން. މިރަށުގެ ނަރުދަމާއަކީ އަގުހެޔޮ މަސައްކަތެއް ނޫން. މިރަށުގެ ނަރުދަމާއަށް ސާޅީސް މިލިއަން ފަސްލައްކަ ރުފިޔާ ޚަރަދުވާނެ. އެފައިސާ މިފަހަރުވަނީ މިހާރު ބަޖެޓް ކުރެވިފައި. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެމަސައްކަތް ފެށި، އެއޮތް ތަރުތީބުން އެކަން ގޮސް އަޅުގަނޑުމެން ނިންމާނަން.
 
 މީގެކުރީގައި، އަޅުގަނޑު މިރަށަށް އައި ދުވަހަކު އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ވާހަކަ. މިރަށުގައި އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ތެރެއިން ނިންމިފައިވާނީ، ނުވަތަ ސިޔާސަތުގެ ތެރެއިން ނިންމިފައިވާނީ، މިރަށުގައި 100 ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމަށް. އޭގެތެރެއިން އަޅުގަނޑު އުންމީދު ކުރަނީ، މިއަހަރުގެ ތެރޭގައި، އެއްބައި މިރަށުގައި ބިނާކުރަން ފެށޭނެއޭ. އިރާދަކުރެއްވިއްޔާ، އެމަސައްކަތް ކުރުމުގެ ކޮންޓްރެކްޓްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އެދަނީ މިހާރު ހިންގަމުން. އެމަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި މިރަށުގައި ފެށިގެންދާނެ.
 
އަޅުގަނޑުމެންނަށް އެބަ އެނގޭ، ޤައުމެއް ތަރައްޤީވެ މިދަނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް، ވަކިއިރެއްގައި ކުރެވުނީމާކަން. ހަމަ ތިބެފައި އަޅުގަނޑުމެން ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ ގޮތުގައި ކަންކަން ކުރީމާ، އޭގެ ސަބަބުން އަންނަ އުނދަގުލާއި، ލިބޭ ގެއްލުން ބައެއްފަހަރަށް މާބޮޑަށް ފަލަވެގެންދޭ. ރާއްޖޭގެ ރަށްރަށުގައި ކަރަންޓްގެ ޚިދްމަތް ދޭން ފެށުނުގޮތް، އަޅުގަނޑު ހިތުން ތޮއްޑުއަށް ވަރަށް ސާފުކޮށް އެނގޭނެ. މި ތޮއްޑުއަކީ އެންމެ ކުރީގައި، ރާއްޖޭގައި ރަށްރަށުގައި ކަރަންޓްގެ ޚިދްމަތް ދެމުން ދިޔައިރުގައި، ކަރަންޓްގެ ޚިދްމަތް ދޭން ފަށައިގަތް އެއްރަށް. މިއަދާ ހަމައަށް އާދެވުނުއިރުވެސް، ހަމަ ވަރަށް ރަނގަޅަށް ދެކްލަބުން އެމަސައްކަތް ކުރަމުން އެބަ ގެންދޭ. އަދި މިއަދާ ހަމައަށް އާދެވުނުއިރު، ރަށު ރައްޔިތުންނަށް ނުހަނު ރަނގަޅު ޚިދްމަތެއްވަނީ ދެއްވާފައި. އެހެން ނަމަވެސް، އަޅުގަނޑުމެނަށް އެނގޭ ޙަޤީޤަތަކީ، ނެތްކަން ތޮއްޑޫ ތަރައްޤީ ކުރެވޭކަން، ތޮއްޑޫގެ ގޮނޑުދޮށާ ހިސާބުން އަޅުގަނޑުމެންގެ ވިސްނުން ވިސްނަންޏަކާއެއް. އަޅުގަނޑުމެންގެ ވިސްނުން އެބަ ގެންދަންޖެހޭ، ތޮއްޑޫގެ ގޮނޑުދޮށުން، މިއަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް. އަޅުގަނޑުމެނަށް މި ސަރުކާރުން މިހާރު ކަނޑައަޅާފައި މިވާ ސިޔާސަތާ އެއްގޮތަށް ޕްރޮވިންސްގެ ޔޫލިޓިލީޒް ކުންފުންޏެއްގެ ދަށުން މިމަސައްކަތް ހިންގީމާ، ކަރަންޓްގެ އަގު އެތައް ތަނަކުން ހެޔޮވެގެންދޭ. އަދި ހަމައެހެންމެ، ބޭނުންވާ އިތުރަށް ބޭނުންވާ އިންވެސްޓްމަންޓާއި ސާމާނާ، އަބަދުވެސް ރިޒާރވްގައި ފައިސާ ބެހެއްޓިފައި ހުރޭ. އިންޖީނެއް ގަންނަންވީމާ، އިންޖީނެއް ގަނެވޭނެ. އަދި ކަރަންޓް ނަރު އަޅަން ޖެހުނީމާ، ނަރު އެޅޭނެ. އެކަމަކާއިގެން ރަށު ރައްޔިތުން، އެކެއް ކައިރިން އަނެކެއް ކައިރިން ހިނގަމުންދާކަށެއް ނުޖެހޭނެ. އެއީ ކުންފުންޏަކުން ހިންގާ ކަމެއް. އެކުންފުންޏަކީ ދެކޮޅުޖެހޭ ކުންފުންޏަކަށްވާންޖެހޭ. ސަރުކާރުގެ ސިޔާސަތަކީ، ކުންފުނީގައި މިބުނަނީ، އެމީހުން ހަމަ އަގު ނަގާށޭ. ބާކީބައި ރައްޔިތުންނަށް ބޮޑުވާބައި ސަބްސިޑީޒްގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ދޭނަމޭ، ކުންފުންޏަކަށް ނޫނޭ. ރައްޔިތުންނަށް އެފައިސާ ދިނީމާ، ކުންފުންޏަށް ރަނގަޅު ފައިދާ ނެގޭ. އެހެންވީމާ، ކުންފުނި ރަނގަޅަށް ހިނގާ. ކަން ދިމާވެފައި މިއޮތީ ވަރަށް ރަނގަޅަށް މިޕްރޮވިންސަށް. ރާއްޖޭގައި އެންމެ ތަޖްރިބާ އެއް ކަރަންޓް ކުންފުންޏަކީ ސްޓެލްކޯ. މިތަނުގެ، މިޕްރޮވިންސްގެ ކަރަންޓާ ޙަވާލުވާން އެ އަންނަ ކުންފުނި. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިއަހަރުވެސް ފައިދާވީ. އެއީ، 15 އަހަރު ފަހުން ސްޓެލްކޯއަށް އެއްއަހަރު އަނެއްކާވެސް މި ފައިދާވީ.
 
އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިރަށުގެ ކަރަންޓްގެ މައްސަލަ ޙައްލު ކުރެވޭނެ. އަދި އެ ދެ އިންޖީނުގެއަށްވެސް އަޅުގަނޑު ދަންނަވާނަން ސްޓެލްކޯގައި،            އެ އިންޖީނުގެއާވެސް ވާހަކަ ދައްކައިގެން، ރަނގަޅު ގޮތުގައި އެމައްސަލައށް ޙައްލެއް ހޯދަން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ތޮއްޑޫގެ ތަރައްޤީ. އަޅުގަނޑު ގެއަކު ބަހައްޓާ އިންޖީނުގެއެއް ނޫން. އަދި އަޅުގަނޑުމެނަށް އެއިން ކަރަންޓް ލިބެން އޮތް އިންޖީނުގެއެއްވެސް ނުވޭ. އަޅުގަނޑުގެ އަމާޒަކީ، ހަމައެކަނި މިހާރު އަޅުގަނޑަށް ފެންނަން މިތިބި ތޮއްޑޫ ރައްޔިތުންނެއް ނޫން. އަޅުގަނޑުގެ އަމާޒަކީ، އުފަންވާން އޮތް ތޮއްޑޫ ރައްޔިތުން. ނުވަތަ ދެން އަންނާން ތިބި ރައްޔިތުން. އަޅުގަނޑުމެންނަކަށެއް ނެތް، އަޅުގަނޑުމެންގެ ނޭފަތުކުރިއާ ހިސާބުން ވިސްނާފައި، އެ މައްޗަށް ބިނާކޮށް ޤައުމެއް ތަރައްޤީއެއް ނުކުރެވޭނެ. މިއަދު އަޅުގަނޑުމެންގެ ލޮލަށް ފެންނާންހުރި ކަންތައްތަކުގެ މައްޗަށް އެކަނި ބިނާކޮށް، ޤައުމު ތަރައްޤީ ކުރުމަށް އަޅުގަނޑުމެން އުޅެއްޖެނަމަ، ދެފިޔަވަޅު ފަހުން އަޅުގަނޑުމެންނަށް ވެއްޓޭނީ ހަމަ ކުރީގައިވެސް އަޅުގަނޑުމެން ވެއްޓުނު އަނދަވަޅަށް.
 
 2008 ވަނަ އަހަރު އަޅުގަނޑުމެން ފާހަގަކުރިން، މި ރާއްޖެ މިއޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އަޅުގަނޑު މިރަށުގައިވެސް ހަމަ ވަރަށް ސާފުބަހުން އެއްދުވަހަކު އެވާހަކަ ދެންނެވިން. އަޅުގަނޑުމެންނަށް ޚަރާބުގެ މަގަށްވެސް، އެ ހަތަރުއަނގޮޅިން ދެވިދާނެއޭ. ނޫނިއްޔާ އެހެން ގޮތެއް، އެހެން މަލެއް، އެހެން ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަށް ހޯދިދާނެއޭ. ރާއްޖޭގެ ރައްޔިތުން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ނިންމެވީ އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް ހޯދުމަށް. އަޅުގަނޑުމެންނަށް އެބަ އެނގޭ، މި ރާއްޖެ އަޅުގަނޑުމެންނަށް ބަދަލުކުރެވޭނެކަން. މިދިޔަ ދެއަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ކުރެވިފައި ހުރި މަސައްކަތާ ގުޅޭގޮތުން އަޅުގަނޑުމެން ހިތްހަމަޖެހޭ. ސަރުކާރުން ވަޢުދުވިން، 7 އަހަރު ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލަން. ފުރަތަމަ ދެއަހަރު، އެ ނިޒާމްގެ އަސާސީ ޚިދްމަތްތައް ދޭން ފަށަން. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ތޮއްޑޫއިން    1627 ފަހަރު، މީހުން ދަތުރަށް އަރާފައިވޭ. މި ތޮއްޑުއަށް 1838 ފަހަރު، މީހުން ދަތުރު ނިންމާފައި އެބަވޭ. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، ދަތުރުފަތުރުގެ ނިޒާމާ ގުޅިގެން ހަދާ ފެރީ ޓަރމިނަލްވެސް މިރަށުގައި ބިނާކުރެވޭނެ. އަދި އެ ނިޒާމްގެ ފުރަތަމަ އަސާސީ ޚިދްމަތްތައްދޭ ދެއަހަރު މި ނިމުނީ. އެހެންވީމާ، ދެން އެ ނިޒާމް ދޭ ފަރާތުން، އެކަމުގައިވެސް މި ސަރަޙައްދުގެ މަސައްކަތް ޙަވާލުވެފައި އޮތީ އެންމެ ތަޖްރިބާކާރު އެއްކުންފުންޏާ، އެމް.ޓީ.ސީ.ސީ.އާ. އެހެންވީމާ، ކުރިއަށް މިއޮތް ތަނުގައި، އެބޭފުޅުންގެ ކޮންޓްރެކްޓާ އެއްގޮތަށް، އެބޭފުޅުން އެމަސައްކަތް ތަރައްޤީ ކުރައްވަމުން ގެންދާނެކަން އަޅުގަނޑަށް ކަށަވަރު.
 
އަޅުގަނޑުމެންނަށް އެބަ އެނގޭ، ޤައުމެއް ތަރައްޤީ މިވަނީ، ވިޔަފާރި ކުރިއަރައިގެންކަން. ވިޔަފާރި ކުރި މިއަރަނީ، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުވީމާކަން. އަޅުގަނޑުމެންގެ އަމާޒަކީ، ތަނަވަސްވުން ރައްޔިތުން. ތޮއްޑޫ މީހުން މުއްސަނދިވުން. ތޮއްޑޫ މީހުންގެ އަތުގައި ފައިސާ ގިނަވުން. ތޮއްޑޫ މީހުންނަށް ފާގަތި ޙަޔާތެއް، ސާދާ ދިރިއުޅުމެއް އުޅެވޭނެ ގޮތް ހޯދުން. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ހިތުގެ އަޑީން ގަބޫލު ކުރެވެނީ،     މި ސިޔާސަތުތައް ތަންފީޛު ކުރަމުން ގެންދިޔައީމާ، އަޅުގަނޑުމެންގެ ރާއްޖެ ބަދަލުވާނެއޭ. އޭގެ މިސާލު، އޭގެ ކުލަވަރު، އެކަންވާތަން، ކުލަ ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެކަންވާތަން އަޅުގަނޑުމެންނަށް މިދަނީ ވަރަށް ސާފުކޮށް ފެންނަމުން.
 
އަޅުގަނޑު އަހަން މާލޭ ވިޔަފާރިވެރިން ގާތުގައި، ސޭޓޭ މިހާރު ބޭސް ސިޓީ ހިފައިގެން، މީގެ ތިންއަހަރެއް ކުރީގައި ރައްޔިތުން ސަލާންޖަހަން އައި މިންވަރަށް އާދޭހެއްޔޭ. އަޅުގަނޑު ގާތު މާލޭ ކިތަންމެ ވިޔަފާރިވެރިންނެއް އެބަ ބުނޭ، ރައީސް މިހާރު އަންނަލެއް މާބޮޑަށް މަދޭ. އިރާދަކުރެއްވިއްޔާ، މި ނިޒާމް އެކީގައި، މަދަނައިގެ ގިއުގަނޑު އެކީގައި، އަޅުގަނޑުމެންނަށް ޤާއިމް ކުރެވުނީމާ އަދި މަދަނައިގެ ރަޖިސްޓްރީ، ބޭސް ފިހާރައާއި، ހެލްތް ސެންޓަރުތައް ރަނގަޅަށް އަޅުގަނޑުމެންނަށް ޤާއިމް ކުރެވުނީމާ، ތޮއްޑޫގައިވެސް އަޅުގަނޑު ހިތުން ދިމާވާނެ އެއްސަބަބަކީ، ރަނގަޅު ބޭސްފިހާރައެއް ނެތުން. ރަނގަޅު ހެލްތް ސެންޓަރެއް ޤާއިމްވެފައި ނެތުން. އަދި މަދަނައިގެ ޚިދްމަތުން އެ އަތް ފޯރަނީ، ލިބެންހުރި އެއްޗިއްސަށް. އެހެންވީމާ، ލިބެންހުރި އެއްޗެހީގެ ފެންވަރު ރަނގަޅު ކުރުން އެއީ އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް 3 އަހަރު ބާރަށް ކުރާނެ ކަންކަމޭ. މިވަގުތު އަޅުގަނޑުމެން މިކުރީ، ވީ އެންމެބޮޑު މަސައްކަތަކީ، ލިބެންހުރި އެއްޗިއްސަށް އެންމެންނަށްވެސް އަތް ފޯރާނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުން. ދެން އަޅުގަނޑުމެނަށް އޮތީ ލިބެންހުރި އެއްޗެހި ރަނގަޅު ކުރުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިމަސައްކަތް އަޅުގަނޑުމެންނަށް ބާރަށް ކުރިއަށް ގެންދެވޭނެ. އަޅުގަނޑުމެން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަށް މިރަށަށްވެސް، މި ތޮއްޑުއަށްވެސް ގެނެވޭނެ.
 
ތޮއްޑޫ މަދްރަސާ ތަރައްޤީކޮށްގެން މެނުވީ، ތޮއްޑުއެއް ތަރައްޤީއެއް ނުވާނެ. ތަރައްޤީވާން މިޖެހެނީ އިންސާނާ، ތޮއްޑޫ މީހާ. ތަންދޮރު މިއެނގެން ޖެހެނީ ތޮއްޑޫ ދަރިއަށް. އެނގުނީމާ ތޮއްޑޫ ބަދަލުވާނީ. ތޮއްޑޫގައި އަޅާ ބޮޑު ޢިމާރާތަކުން ނޫން ތޮއްޑޫ ބަދަލުވާނީ. ތޮއްޑޫގެ މަދްރަސާއަކީ އެއްދަންފަޅިއަށް ކިޔަވައިދޭ މަދްރަސާއަކަށް އެބަ ހަދަންޖެހޭ. އަދި ވަށާޖެހޭ ތަޢްލީމެއް އެބަ ދޭންޖެހޭ. މިއަދާ ހަމައަށް އައިއިރުގައި، އަޅުގަނޑުމެންނަށް އެކަމަކަށް އަމާޒު ކުރެވިފައެއް ނެތް. ތޮއްޑޫ މަދްރަސާއަކީ ބޮޑު، ރަނގަޅު، މެދު ސައިޒުގެ މަދްރަސާއެއް. އެ މަދްރަސާއަކީ މި ރާއްޖޭގައި ފެންވަރު ރަނގަޅު މަދްރަސާއަކަށް ހެދުމަށް މި ސަރުކާރުގެ ނިޔަތް އެބައޮތް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެމަގަށް މަސައްކަތް ކުރާނަން. އަދި ހަމަ މިއަހަރުގެ ތެރޭގައިވެސް އިރާދަކުރެއްވިއްޔާ، ފެންނަވަރުގެ ބަދަލާއި، ފެންނަވަރުގެ ތަފާތު، މަދްރަސާއަށް ގެނެސްދޭނަން.
 
އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ، މިދިޔަ 2010 ވަނަ އަހަރު ދެލައްކަ ސަތާރަހާސް ހަތްދިހަ ހަތަރުރުފިޔާ، ތޮއްޑޫ ދަރިވަރުންނަށް، ފޮތް، ފަންސުރު، ގަލަމާއި، މަދްރަސާއަށް ބޭނުންވާ ތަކެތި ހޯދުމަށް ޚަރަދު ކުރެވިފައި އޮތްކަމުން. އަދި މި ތޮއްޑޫ ދަރިވަރުންނަށް، އިމްތިޙާންގެ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަށް ފަންސާސްހާސް ފައްސަތޭކަ ނުވަދިހަ ރުފިޔާ ހޭދަކުރެވިފައި އޮތްކަމީވެސް، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ތޮއްޑުއާއި މި ރާއްޖެ ތަރައްޤީ ކުރުން، ބަދަލުކުރުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ތިޔަބޭފުޅުންގެ ލޯލާރިއެއްގައިވެސް ނުޖެހޭނަން. އެންމެ ފައިސާ ފޮއްޗެއްގައިވެސް އަޅުގަނޑު ނުޖެހޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި ދުވާލެއްގެ މައްޗަށް 12 ގަޑިއިރު މަސައްކަތް ނުކުރާ ދުވަހެއް އިރާދަކުރެއްވިއްޔާ ނުބާއްވާނަން. މި ވެރިކަމުގައި އަޅުގަނޑުމެން މިތިބެނީ، މި ވެރިކަމުގެ ޝަހެންޝާހާއި، ޝާހަށްޓަކައެއް، ލައްޒަތަށްޓަކައެއް ނޫން. އަޅުގަނޑުމެން މި ވެރިކަމުގައި މިތިބެނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އަޅުގަނޑުމެންގެ ދަރީންނާއި، ތިޔަބޭފުޅުންގެ ދަރީންނާއި، ދަރީންގެ ދަރީންނަށްޓަކައި. އަންނަން އޮތް ޖީލަށްޓަކައި. ދެން ވާން އޮތް ގޮތަށްޓަކައި. މިއަދު މިއޮތީ ނިމިފައި. އަޅުގަނޑުމެންނަކަށް ދެން މިއަދެއް ނުހޯދޭނެ. މިއަދު ފާއިތުވެ ހިނގައްޖެ. އަޅުގަނޑުމެންނަށް ލިބޭނީ މާދަމާ، އަންނާން އޮތް ދުވަސް. އެ މާދަމައަށް އަޅުގަނޑުމެން ތައްޔާރުވެ، އެ މާދަމައަށް އަޅުގަނޑުމެންގެ މިޞްރާބު އެބަ ބަހައްޓަންޖެހޭ.
 
އެކަމަށްޓަކައި ފެބްރުއަރީ 5 ވަނަ ދުވަހު އަޅުގަނޑުމެންނަށް މި އިފްތިތާޙް ކުރެވެނީ، މި ތޮއްޑޫގެ ތަރައްޤީއަށް ބިނާކުރެވޭ އެންމެ މުހިންމު އެއް މުއައްސަސާ. ރަށްވެރިކަން. ރަށުގެ ކައުންސިލް އިންތިޚާބު ކުރުން. ދަންނަވަންތޯ، މިއުޅެނީ އެއްވެސް ހާލެއްގައި ކުރީގައި މިއޮތް ރަށްކުރިއަރުވާ ކޮމިޓީ ހޮވާކަށް ނޫން. ޖިންސުއްލަޠީފުންގެ ކްލަބް ހަދާކަށެއްވެސް ނޫން. އަދި އެހެންވެސް މިޔުޒިކީ ޤުލްޝަނެއްވެސް ނޫން. މިއީ ސީދާ ރައްޔިތުންނަށް ބާރު ދޭންވެގެން، ސީދާ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ވެރިކަމެއް ހިންގުމަށް ކޮންމެހެން ބޭނުންވާ މުއައްސަސާއެއް ޤާއިމްކުރުން. ގަބޫލުފުޅު ކުރައްވާ، ޤާނޫނުއަސާސީގެ ފުރަތަމަ އަސާސީ ސިފަތަކާއި އުޞޫލުތައް ނިމިގެން އައިއިރުގައި، އެއަކު ނެތް، ލާމަރްކަޒީ އުޞޫލުން ރާއްޖެ ހިންގާ ވާހަކައެއް. އޭގައި ލިޔެފައި އޮތީ، ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކޭ. އެހެން ނަމަވެސް، ފަހުން އެމް.ޑީ.ޕީ އަށް ނިސްބަތްވާ ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގެންނެވި ފުރްޞަތުތަކުގައި، އެބޭފުޅުން ޤާނޫނުއަސާސީއަށް އެއޮތީ މިދެންނެވި މާއްދާތައް އިތުރުކޮށްފައި. 8 ވަނަ ބާބެއްގެ ނަޞީބު، އަޅުގަނޑުމެންނަށް މިހާރު މިއޮތީ ލިބިފައި. އެއީ، އޭރުގެ ކޮޅުމަޑުލު މެންބަރާއި، މުޙަންމަދު އަސްލަމް، އޭރުގެ އައްޑޫ މެންބަރުގެ ހުށަހެޅުމުން، އަޅުގަނޑުމެންނަށް ލިބިފައި އޮތް ބާބެއް. މިއަދު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އެބާބު ތަންފީޛު ކުރުން.
 
 އެހެން ބަސްތަކަކުން ދަންނަވަނީނަމަ، އަޅުގަނޑުގެ ރަށް، މާލޭގައި ހުރި އެއްޗަކުން ބައެއް، ތިބޭފުޅުންނަށް ދޭންވެގެން މިއުޅެނީ. ޤާނޫނުއަސާސީގައި އެ އޮތީ ޝަރީޢަތުގެ ބާރު ވަކިކުރެވިފައި. ސުޕްރީމް ކޯޓެއް ޤާއިމް ކުރެވިފައި. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ، މިހާރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބޭފުޅެއް ނޫން. އަދި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ރައްޔިތުންގެ މަޖިލީސް މެންބަރުންނެއްވެސް ނުމެތިއްބަވާނެ. މިދެ ބާރުވެސް އެވަނީ ވެރިކަމުގެ ފަރާތުން ވީއްލިފައި. މިހާރު އިތުރަށް ކުރާން ވެގެން މިއުޅޭ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުރި ހިންގުމުގެ ބާރުގެ ތެރެއިން ބައެއް، އަދި ރަށްރަށަށް ބަހާލުން. މިދެންނެވި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދައުލަތުގެ ވެރިޔާ، ދިވެހި ދައުލަތުގެ އެންމެމަތީ ވެރިޔާގެ ކިބައިގައިވާ ބާރަކީ، ވަރަށް ޒަމާން ވަންދެން މާލެއަށް އެއްކޮށްފައި ހުރި ބާރެއް. ދާދި ފަހަކާ ޖެހެންދެންވެސް، މާލޭ މީހުން ގަބޫލުކޮށް މިއުޅުނީ، އަޅުގަނޑާއި އަޅުގަނޑުގެ ކާބަފައިންނާވެސް އެކީގައި، މުލީގޭ ދޮން ޙަސަން މަނިކުގެ މިލްކެކޭ މާލެއަކީ. ދޮންބަންޑާރައިންގެ ދަރިކޮޅުންނޭ، މާލޭގެ ވެރިކަން މާލެއަށް ގެނެސްފައި އެއޮތީ. އަދި މާލޭގެ ވެރިކަން މާލޭގައި ހިންގަމުން އެ އަންނަނީ. އަޅުގަނޑުމެންނަށް މިއަދު ލިބޭ ނަޞީބަކީ، ތިބޭފުޅުން ބައްލަވާ، އެމް.ޑީ.ޕީ.ގެ އިސްވެރިން. މިދެންނެވި ދޮންބަންޑާރައިންގެ ޢާއިލާގެ ބޭބޭފުޅުން އެތިއްބެވީ، އެމް.ޑީ.ޕީ.ގެ ލީޑަރޝިޕްގައި. އެބޭފުޅުންނާ އެކީގައި އަޅުގަނޑުމެންނަށް މިއަދު މިއޮތީ ފުރްޞަތެއް ލިބިފައި، އެބޭފުޅުންގެ ކާބަފައިން މާލެއަށް އެއްކުރި ބާރު ބަހާލުމަށް.
 
އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އޮޅިވަޑައިނުގަންނަވެއްޗޭ. އަޅުގަނޑުމެންނޭ    މި ބާރު ދިނުމުގެ ވަލީވެރިންނަކީވެސް، ބަލަދުވެރިންނަކީވެސް. އަޅުގަނޑުމެންނޭ މިމަސައްކަތް     ކުރާންވެގެން މިއުޅެނީ. މިކަން ނުދަންނަ ބައެއް ނުވަތަ ގަބޫލުނުކުރާ ފަރާތަކަށް، މިކަން ކުރާން ދަތިވާނެ. ނުވެސް ކުރެވޭނެ. ކާކަށްތޯ އެނގެނީ ކައުންސިލެއް އޮންނަގޮތް. އިށީނދެ ތިބެނީ ކޮންތާކުކަން. ގޮނޑިތައް ހުންނާނީ ކިހިނެއްތޯ. ކޮބައިތޯ ކައުންސިލެއްގެ ތަޞައްވުރަކީ. އެއްވެސް ކެންޑިޑޭޓަކު، އިދިކޮޅުންވެސް، އެއްކޮޅުންވެސް ފާހަގަކުރެއްވިތޯ. އަޅުގަނޑުމެންނަކަށެއް، އެމް.ޑީ.ޕީ.އަކަށެއް ނެތް، ފެބްރުއަރީ 5 ގައެއް ކައުންސިލްތައް ދޫކޮށްލެވޭކަށް. މިކައުންސިލް އަޅުގަނޑުމެން ނަގައި، އެ ކައުންސިލް ހަރުދަނާ ތަނަކަށް ހަދައި، މިމަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތަރައްޤީ ކުރާނަން.
 
އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކީގައި، ތޮއްޑޫ ރައްޔިތުންގެ ކިބައިން، ނުހަނު އިޚްލާޞްތެރިކަމާއެކީގައި މިއީ، އަޅުގަނޑު އެދޭ ހަތަރުވަނަ ފަހަރު. އަޅުގަނޑަށް ފުރްޞަތެއް ދެއްވާށޭ. ހަތަރުވަނަ ފަހަރު މިއީ އަޅުގަނޑު ތޮއްޑޫ ރައްޔިތުންގެ ކައިރީގައި އެދޭ. އަޅުގަނޑުމެނަށް، އަޅުގަނޑަށް ބައި އިންޗީގެ ފުރްޞަތެއް ތިޔަބޭފުޅުން ދެއްވިޔަސްވެސް، ތިޔަބޭފުޅުންގެ ރަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްލާނަން. މިހާތަނަކަށް އަޅުގަނޑު ތަކުރާރުކޮށް ތިޔަބޭފުޅުން ކައިރިއަށް އަންނާނަން. އަދި ތަކުރާރުކޮށް އަޅުގަނޑު މިފުރްޞަތަށް އެދޭނަން. ލަވައެއްގައި އޮންނަ ވާހަކަ އަޅުގަނޑު އަހަން. ފޯދުނުއިރަކުން ބިންނާށޭ، ފުރްޞަތު ދޭނަން އަންނާށޭ.
 
އަޅުގަނޑު ބޭނުން، އަޅުގަނޑު އެދެން، ތޮއްޑޫ ރައްޔިތުން، މި ސަރުކާރު ގާތުގައި އެ ތަރުޙީބު އަޅުގަނޑު އެދެން. އަޅުގަނޑަށް ފެންނަނީ، މިއޮތީ އަޅުގަނޑުމެންގެ ކުރިމަތީގައި އިރާދަކުރެއްވިއްޔާ، އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________