ދިވެހި ރައްޔިތުން ތިއްބެވީ މިޞްރުގެ ރައްޔިތުންނާ އެކުގައި ކަމަށާއި، މިޞްރަށް ޑިމޮކްރަސީ އައުމަކީ، ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި، މިޞްރުގެ ރައްޔިތުންނަށް ހިތްވަރު ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރޭ ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ އުންމަތުގެ ދެ ޤައުމު ކަމަށްވާ ޓިއުނީޝިޔާއާއި، މިޞްރުގެ ސިޔާސީ މަސްރަޙްގެ މައްޗަށް ބައްލަވާލައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

 
ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުޅި އިސްލާމީ އުންމަތުގައިވެސް އޮތް ރައްޔިތުންނަށް އެންމެ ބޮޑަށް މިނިވަންކަން ލިބިފައިވާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ލިބިއޮތް ހަމައެކަނި އިސްލާމީ ޤައުމަކީ، މި ރާއްޖެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ދަންނަ ބޭކަލުންނަށް، ރައްޔިތުންނަށް ހެޔޮލަފާ ނަޞޭޙަތާއި، ވަޢުޡު ވިދާޅުވުމަށް މިނިވަންކަން ލިބިވަޑައިގެންފައިވާ މިންވަރަށް، ދަންނަ ބޭކަލުންނަށް މިނިވަންކަން ލިބިވަޑައިގެންފައިވާ އެހެން ޤައުމެއް، އިސްލާމީ އުންމަތުގައި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. އަދި ދަންނަ ބޭކަލުން ހިފާ ހައްޔަރުކޮށް، ހިފަހައްޓައިގެނެއް އިސްލާމީ ވަޙުދަތާއި، އިސްލާމީ އުންމަތުގެ ކަރާމަތާއި، ޤަދަރާއި ޢިއްޒަތް ނުހިފެހެއްޓޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ހުޅުދެއްޔަށް މި ކުރެއްވި ދަތުރުފުޅަކީ، 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢްލޫމާތު ދެއްވުމަށާއި، އެ ރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި ހިންގަވަން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢްލޫމާތު، އެރަށު ރައްޔިތުންނާ ޙިއްސާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
 
މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހުޅުދެއްޔަކީ ވަރަށްގިނަ ކަންނެލި އޮޑިފަހަރު އަންނަ ރަށެއްކަން ފާހަގަކުރައްވަމުން، އެކަމަށްޓަކައި އެރަށުގެ ބަނދަރު ބޮޑުކުރަންޖެހޭ ކަމަށާއި، މި އަހަރުގެ ތެރޭގައި، އެރަށުގެ ބަނދަރު ބޮޑުކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެރަށުގެ މަސްވެރިންނަށް ބޭނުންވާ އައިސް ލިބޭނެ އިންތިޒާމްވެސް، މިއަހަރު ހަމަޖައްސަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

މީގެއިތުރުން، ސަރުކާރުގެ ވަޢުދުތައް ފުއްދެވުމުގައި، ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީއާއި، އެކާމިޔާބީއާ ގުޅިގެން، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ހުޅުދެއްޔަށް ލިބެމުންދާ ކުރިއެރުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.