ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިޞްރުގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި، އެ ޤައުމުގެ މިހާރުގެ މަސްރަޙާމެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެމަނިކުފާނު، މިޞްރުގެ މިހާރުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރެއްވީ، މިޞްރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމާއި، އެ ޤައުމުގެ މިހާރުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް، މިޞްރުގެ ވާދަވެރި ލީޑަރު، މުޙަންމަދު އަލްބަރާދޭއާ ފޯނުން ވާހަކަފުޅު ދައްކަވަމުންނެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިޞްރު ސަރުކާރުން، މުޙަންމަދު އަލްބަރާދޭ ބަންދުގައި ބަހައްޓަވާފައިވާތީ،އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ، މުޙަންމަދު އަލްބަރާދޭއަށް ހިތްވަރު ދެއްވިއެވެ.އަދި ދިވެހިންނަކީ، އަބަދުވެސް ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ލޯބިކުރާ ބައެއްކަންފާހަގަކުރައްވަމުން، ދިވެހިން ތިބީ މިޞްރުގައި ޞުލްޙަވެރިކަމާއެކު މިނިވަންކަމަށް މަސައްކަތް ކުރާ ހުރިހާ ރައްޔިތުންނާއެކުގައި ކަމަށް ވިދާޅުވިއެވެ.
 
ރާއްޖޭގައި، ޑިމޮކްރަސީ ޤާއިމް ކުރެވި، ގިނަ ޕާޓީތައް ބައިވެރިވާ އިންތިޚާބެއް ބޭއްވިފައިވަނީ ވަރަށް ފަހުން، 2008 ވަނަ އަހަރުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރެވި، ގިނަ ޕާޓީތައް ބައިވެރިވާ އިންތިޚާބެއް ބޭއްވިފައިމިވަނީ ވަރަށް ގިނަ ބަޔަކު އެކަމަށްޓަކައި ކުރި ގިނަގުނަ މަސައްކަތްތަކަކާއި، ވީ ބޮޑެތި ޤުރުބާނީތަކެއްގެ ސަބަބުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިޞްރުގެ ވާދަވެރި ލީޑަރު މުޙަންމަދު އަލްބަރާދޭ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށްހިތްވަރުދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މިޞްރުގައި މިނިވަންކަމަށް މަސައްކަތްކުރާ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށްޓަކައި، ދިވެހި ރައްޔިތުންނަށް، އަލްބަރާދޭ ޝުކުރު އަދާކުރެއްވިއެވެ.
 

މީގެއިތުރުން، ވަރަށްގިނަ ބައެއްގެ މަސައްކަތުން، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރެވިފައިވާތީ،އެކަމަށްޓަކައި، މިޞްރުގެ ވާދަވެރި ލީޑަރު ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިންނަށްމަރުޙަބާ ވިދާޅުވިއެވެ. ރާއްޖެއަށްޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތުން ހިތްވަރު ހޯއްދަވާނެ ކަމަށާއި،ރާއްޖޭގެ ތަޖުރިބާއިން ވަރަށް މުހިންމު ފިލާވަޅުތަކެއް ލިބިވަޑައިގަންނަވާކަމުގައި، މިޞްރުގެ ވާދަވެރި ލީޑަރު މުޙަންމަދު އަލްބަރާދޭވިދާޅުވިއެވެ.