ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފިއެވެ.

 
ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން ވެ ވަޑައިގެންފައިވާ ވަޢުދުތަކަކީ، ރާއްޖޭގެ ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންގެ ބޭނުންތަކާއި އިޙްސާސްތަކަކީ ކޮބައިކަން ދެނެގަނެ، އެ ބޭނުންތައް ފުއްދަވައިދެއްވައި ރާއްޖެ ތަރައްޤީ ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށްޓަކައި ވެވަޑައިގެންފައިވާ ވަޢުދުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތު އެކުލަވާލައްވާފައިވަނީ، މި ވަޢުދުތައް ފުއްދެވުމަށްޓަކައި ކަމަށާއި، ދައުލަތުގެ ބަޖެޓް ތިން އަހަރު ދުވަހަށް އަންދާޒާ ކުރައްވައި، 2011 ވަނަ އަހަރުގެ ބަޖެޓް ފާސްކުރެވިފައިވަނީ، އެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ދަރަނބޫދޫގައި ދެއްކެވި ވާހަކަފުޅުގައި، އެރަށުގައި ސަރުކާރުގެ ވަޢުދުތައް ފުއްދެވިފައިވާ މިންވަރުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން، ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ދަށުން، ދަރަނބޫދޫގެ 68 ރައްޔިތަކަށް މަދަނައިގެ ތެރެއިން ކޮންމެ ރައްޔިތަކަށް އަހަރަކު އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރުމުގެ މަގުފަހިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދޮށީ އުމުރުގެ ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެށްޓެވި ޕެންޝަން އެރަށުގެ 12 ރައްޔިތަކަށާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ދެއްވާ ޕެންޝަން، އެރަށުގެ   6 ރައްޔިތަކަށް ލިބެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މީގެއިތުރުން، ސަރުކާރުގެ އެހެން ވަޢުދުތައް ކަމުގައިވާ ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލެއްވުމުގައި އަސާސީ ޚިދުމަތް ޤާއިމް ކުރެއްވުމަށް ކަނޑައެޅުއްވި ދެ އަހަރުގެ މުއްދަތު ނިމިފައިވާ ކަމަށާއި، ދެން ކުރިއަށްދާނީ މި ނިޒާމް އިތުރަށް ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދަރަނބޫދުއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިން ގެނެސް، އެކުދިން ބަލަހައްޓާ ދަނާލެއް ހަދައި އެތަނުގައި އެކުދިންނަށް ތަޢުލީމު ދިނުމުގެ މަސައްކަތް ހިންގާ، އިންސާނިއްޔަތަށް ލޯބިކުރާ ރައްޔިތަކު އުޅޭ ރަށެއްކަން ފާހަގަކުރެއްވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާ ދަރަނބޫދުއަށް މިކުރައްވާ ދަތުރުފުޅަކީ، 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދެއްވުމަށާއި، ސަރުކާރުން މިހާރު ހިންގަވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތާއި، ކުރިއަށް ރާއްވަވާފައިވާ އަދި ފެށްޓެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ނިލަންދެއަތޮޅު އުތުރުބުރިއާ އެއަތޮޅު ދެކުނުބުރިއަށް މިއަދު މެންދުރު ފެށްޓެވި ދަތުރުފުޅުގައި މިއަދު ވަޑައިގެންނެވި ތިންވަނަ ރަށެވެ.