ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދެއްވުމަށާއި، ސަރުކާރުން މިހާރު ހިންގަވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތާއި، ކުރިއަށް ރާއްވަވާފައިވާ އަދި ފެށްޓެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު، ނިލަންދެއަތޮޅު އުތުރުބުރި ރައްޔިތުންނާއި، އެ އަތޮޅު ދެކުނުބުރީ ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް، މިއަދު ފެށްޓެވި ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައިފިއެވެ.

 
ބިލެތްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ސަލާމަތްތެރިކަން ނެތި ބިލެތްދޫވެސް އަދި މި ރާއްޖެވެސް ތަރައްޤީ ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި، ރައްޔިތުންނަށް ސަލާމަތްތެރިކަން ލިބޭނީ، ރައްޔިތުންގެ ތެރެއިން ނުކުންނަ ސަރުކާރަކުން ހިންގާ ނިޒާމެއްގެ ތެރެއިން، ރައްޔިތުންގެ ބޭނުންތައް ފުއްދޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު އެކުލަވާލީމާ ކަމުގައި ވިދާޅުވިއެވެ. މި ގޮތުން، ސަރުކާރުން ހިންގަވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ އަމާޒަކީ، ރާއްޖޭގެ ތަރައްޤީއަށް މަގުފަހި ކުރެއްވުމަށްޓަކައި، ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން، ރައްޔިތުން ބޭސްސިޓީއަށް ސަލާން ޖެހުން ނައްތާލުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، ބިލެތްދޫގެ 143 ރައްޔިތަކު މަދަނައިގައި ރަޖިސްޓަރީ ވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބިލެތްދޫން މަދަނައިގައި ރަޖިސްޓަރީ ވެފައިވާ ރައްޔިތުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވި ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށް ތިންލައްކަ ބައްތިރީސް ހާސް ރުފިހާ ޚަރަދު ކުރައްވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މީގެއިތުރުން، ދޮށީއުމުރުގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް، އުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށް ދެއްވުމަށް ސަރުކާރުން ވަޢުދުވެވަޑައިގެންނެވި ދެހާސް ރުފިޔާ، ބިލެތްދޫގެ 34 ރައްޔިތަކަށް ލިބެމުންދާތާ ދެ އަހަރުވެފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، ޚާއްޞައެހީއަށް ބޭނުންވާ ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެށްޓެވި ޢިނާޔަތް ބިލެތްދޫގެ     26 ރައްޔިތަކަށް ލިބެމުންދާ ކަމަށާއި، އެމީހުންނަށް ދޭ ޢިނާޔަތުގެ ގޮތުގައި، ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި އެއްލައްކަ އަށްޑިހަ ހަތްހާސްރުފިޔާ ޚަރަދު ކުރެއްވިފައިވާކަން އެއީވެސް، ސަރުކާރުން ލިބިވަޑައިގަންނަވާ އުފަލެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބިލެއްދޫގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރެއްވިއެވެ. މިގޮތުން، މިއަހަރުގެ ތެރޭގައި އެރަށުގައި ޓެލެ-މެޑިސިންގެ ޚިދުމަތް ޤާއިމް ކުރައްވާނެ ކަމށް ވިދާޅުވެ، ބިލެތްދޫ ބަނދަރު ހެދުމުގެ ޚަރަދު މިއަހަރުގެ ބަޖެޓް ހިމެނިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.