بســم اللّـه الرّحمـن الرّحيــم

 
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީގެ ރައީސް، އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އޮނަރަބްލް މޫސާމަނިކު، ޕާޓީގެ ތިމަރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޞްޠަފާ، އަދި އެހެންވެސް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ވަޒީރުންނާއި، ވަޑައިގެންތިއްބެވި އެންމެ ބޭފުޅުންނާއި އަދި ވަކިން ޚާއްޞަކޮށް، ތިމަރަފުށީގައި މިރަށު އިންތިޚާބަށް ކުރިމަތިލާ އެމް.ޑީ.ޕީ ކެންޑިޑޭޓުންނާއި، ދާއިރާއަށް ކުރިމަތިލާ އެމް.ޑީ.ޕީ ކެންޑިޑޭޓުންނާއި އަދި ތިމަރަފުށީގެ އެންމެހާ ރައްޔިތުން. 
 
السّـلام عليـكم
 
މި ސަރުކާރު އުފެދިގެންއައީ ތިމަރަފުށީގެ ތަޞައްވަރެއް އަޅުގަނޑުމެނގެ ކިބައިގައި އޮވެގެން. މި ސަރުކާރު އުފެދިގެންއައީ، ތިމަރަފުށީގެ ތަރައްޤީގެ މަންޒަރެއް އަޅުގަނޑުމެންގެ ހިތުގައި ބިންވަޅުނެގިގެން. މި ސަރުކާރު އުފެދިގެން އައީ އެހެންގޮތެއް، އެހެން ބަދަލެއް މިއަށްވުރެ ރަނގަޅުގޮތެއް މި ތިމަރަފުށީގެ ރައްޔިތުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދިނުމުގެ ނިޔަތުގައި. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީ ރައްޔިތުންނަށް ޚިދްމަތްކުރުމަށްޓަކައި. މި ސަރުކާރު ދެމިއޮތުމުގެ ހަމައެކަނި ބޭނުމަކީ، ސަރުކާރުގެ ވަޢުދު ފުއްދުން، ރައްޔިތުންނަށް ޚިދްމަތްކުރުން. މިއަދާ ހަމައަށްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރަމުން މިގެންދަނީ. ކުރިޔަށް އޮތްތަނުގައިވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެމިތިބޭނީ މިދެންނެވި މަސައްކަތުގައި.
 
ރާއްޖޭގެ ވެރިކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ނުކުތުމުގެ މާކުރީގައި މިޕާޓީގެ ފަރާތުން ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނާ މަޝްވަރާކުރި، ވާހަކަދެއްކި. މި ޕާޓީގެފަރާތުން ރާއްޖޭގެ އެތައްގެއަކަށް ވަތް. ކިތަންމެ މީހުންނަކާ ބައްދަލުކުރި. އެތައްއެތައް ރަށަކަށް ޒިޔާރަތްކުރި. ރައްޔިތުންގެއަޑު ޕާޓީން އެހި. އެދުވަހު ޕާޓީއަށާއި އަދި ޕާޓީގެ އެންމެ މެންބަރުންނަށާއި އެހެންވީމާ، މިއަދު މިސަރުކާރަށް އިވިފައިހުރި އަޑު ނުހަނުގިނަ. އަޅުގަނޑުމެންނަށް ފާހަގަވި އެއް ޙަޤީޤަތަކީ، ރާއްޖޭގައި ހުރި އަސާސީ ބައެއް ޚިދްމަތްތައް ދޭ މިންވަރާއި ދޭ ދަރަޖައާއި ދޭ ފެންވަރު އެއީ، ރައްޔިތުން އެއްގޮތަކަށްވެސް ހިތްހަމަޖެހޭ މިންވަރެއް ނޫނޭ. ދަރަޖައެއްނޫނޭ. ފެންވަރެއްނޫނޭ. ރާއްޖޭގެ ޞިއްޙީ ޚިދްމަތްވެސް ރާއްޖޭގެ ތަޢްލީމީ ޚިދްމަތްވެސް އަދި ރާއްޖޭގެ އެހެން ޚިދްމަތްތައްވެސް ދެމުން މިއަންނަނީ ރާއްޖޭގެ ރައްޔަތުން އެދޭ މިންވަރަކަށެއް ނޫނޭ.
 
މިދެންނެވި ޙަޤީޤަތް މިހެން އޮތްއިރު އަޅުގަނޑުމެނަށް ފެނިގެންދިޔަ އަނެއް ނުކުތާއަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހުންކުރެ އެކަކީ ނިކަމެތި ފަޤީރެކޭ.             މި ތިމަރަފުށީގައިވެސް ކޮންމެ ތިންރައްޔިތަކުންކުރެ އެކަކީ، އޭނާޔަށް ރެޔާދުވާލަށް ދިހަ ބާރަރުފިޔާ އާމްދަނީގެގޮތުގައި ނުލިބޭ މީހެކޭ. އޭނާޔަކީ އދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައިހުރި މީހެކޭ. ސަރުކާރުގެ އަމާޒަކަށްވަނީ، ތިމަރަފުށި ތަރައްޤީ ކުރުން. ސަރުކާރުގެ އަމާޒަކީ ރާއްޖެ ތަރައްޤީ ކުރުން. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންނަކީ ނިކަމެތިކަމުގައި އުޅޭރައްޔިތުންނަށް ވަނީވިއްޔާ އެޤައުމެއް ތަރައްޤީއެއް ނުކުރެވޭނެ. ޤައުމެއް ތަރައްޤީ މި ކުރެވެނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކިގޮތަކަށް ވަކިއިރެއްގައި ކުރީމާ. އޭގެތެރޭގައި ފަޤީރުކަމުން ރައްޔިތުން ސަލާމަތް ކުރުމުގެ އިޖްތިމާޢީ ރައްކާތެރިކަމެއް ފޯރުކޮށްދީގެން މެނުވީ ޤައުމުތައް ތަރައްޤީވެފައެއް ނެތް. މިއީ، އިންސާނީ ތަރައްޤީ ދައްކާފައިއޮތް ޙަޤީޤަތެއް.
 
ތިމަރަފުށީގެ ރައްޔިތުންނަށް އިޖްތިމާޢީރައްކާތެރިކަން ހޯދައިދެވިގެންމެނުވީ ތިމަރަފުށި ތަރައްޤީއެއް ނުކުރެވޭނެ. އަޅުގަނޑުމެން ތަރައްޤީކުރާން މިޖެހެނީ ތިމަރަފުށީ މީހާ. ސަލާމަތްތެރިކަން ހޯދައިދޭން މިޖެހެނީ ތިމަރަފުށީ މީހާޔަށް. އެހެންވީމާ، މަދަނައިގެވިޔުގަ ފެށިގެންއައީ. އަޅުގަނޑު މިރޭ ހިތްހަމަޖެހޭ ކަމަކީ، މި ސަރުކާރަށް ހިތްވަރު ލިބެނީ، މަދަނައިގައި ތިމަރަފުށީ 431 ރައްޔިތުން ރަޖިސްޓަރީވެފައި މިހާރު ވާކަމުން. އަދި މިއިން ކޮންމެ ރައްޔިތަކަށް އެއްލައްކރުފިޔާގެ ބޭސްފަރުވާ މާލިޔަތުގައި ރައްކާކުރެވިފައިވާތީވެ. އަޅުގަނޑުމެންގެ އަމާޒަކީ، ތިމަރަފުށީ ރައްޔަތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، ތިމަރަފުށީ ރައްޔިތުންނަކީ ނިކަމެތި ޙާލުގައި އެކެއް ގާތުން އަނެކެއްގެ ގާތުން އެމީހުންނަށް ބޭސްފަރުވާޔަށް ބޭނުންވާ ބޭހަށް ސަލާންޖަހަމުން ހިނގާ ބަޔަކަށް ނުވުން.
 
އެނގިވަޑައިގަންނަވާނެ، 2008 ވަނައަހަރުގެ ކުރީގައި މިރާއްޖޭގައި އަދި ވަކީން      މި ތިމަރަފުށީގައިވެސް ބޭސްފަރުވާއަށްޓަކައި ރައްޔިތުން އުޅެމުންދިޔަ ހާލު. ޑޮކްޓަރުމީހާ ބޭސްލިޔެދިނީމާ އެ ބޭސްސިޓީ ހިފައިގެން އެއް މަހުޖަނެއް ގާތުން އަނެއް މަހުޖަނެއް ގާތުން އަޅުގަނޑުމެންގެ ގިނަ ރައްޔިތުން ދިޔައީ އާދޭސްކުރަމުން. ރައްޔިތުން އެއީ، އެއް ސައުދާގަރެއް ކައިރީގައި ސަލާންޖަހައި އަނެއް ސައުދާގަރެއް ކައިރީގައި ސަލާންޖަހާ ބަޔަކަށް ވާކަމަށް ވަންޏާ، އެރައްޔިތުންގެ ޤަދަރެއް އެރައްޔިތުންގެ ޢިއްޒަތެއް ނޯންނާނެ. ރައްޔިތުންގެ ޤަދަރާއި، ޢިއްޒަތް ރައްޔިތުންނަށް ހޯދިގެން މެނުވީ، އަޅުގަނޑުމެންނަކަށް މިޤައުމު ތަރައްޤީއެއް ނުވެވޭނެ، ނުކުރެވޭނެ. ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ރައްޔިތަކީވެސް މި ތިމަރަފުށީގެވެސް ކޮންމެރައްޔިތަކީ، ތިމަންނާޔަކީ ޤަދަރަކާއި، ޢިއްޒަތް ލިބިގެންވާ އަދި ތިމަންނާޔަކީ ޙައްޤުތަކެއް ލިބިގެންވާ ތިމަރަފުށީގެ ރައްޔިތެކޭ ބުނާނޭ، ތިމަރަފުށީ ރައްޔިތެއް އުފެއްދުން. އެހެންވީމާ، އަޅުގަނޑުމެން ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭންފެށީ.
 
އަޅުގަނޑު މާލޭ ވިޔަފާރިވެރިންގާތުގައި އަހަން، މީގެ ކުރީގައި މާލޭ ރައްޔިތުން ނުވަތަ އެހެންވެސް މީސްމީހުން ބޭސް ސިޓީއަށް އެހީހޯދުމަށް އަންނަ މިންވަރަށް އަންނަ ދަރަޖައަށް މިހާރުވެސް އެކަންވޭތޯ؟ މާލޭ ވިޔަފާރިން ބުނަނީ މިހާރު ރައީސް އެކަން ހިނގާމިންވަރު ކުޑައޭ. އަޅުގަނޑަށް ޔަޤީން، ތިމަރަފުށީ ވިޔަފާރިވެރިންވެސް ހަމަ މިމޭރުމުން ވާހަކަދައްކަވާނެ. މިއަދު ރާއްޖޭގައި ބޭސް ސިޓީ ހިފައިގެން ސަލާންޖަހަންޖެހޭމީހުންގެ އަދަދު ވަރަށް މަދުވާނެ.          މި ތިމަރަފުށީގައި 431 ރައްޔަތުންނަށް ކޮންމެމީހަކަށް އެއްލައްކަރުފިޔާވަނީ މާލިއްޔަތުގައި ރައްކާކުރެވިފައި.
 
މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ރައްދުވެފައި މިއޮތީ ރާއްޖޭގެ ދޮށީއުމުރުގެ މިއަދުގެ މީހުން ނުހަނު ގިނަ މަސައްކަތްކުރީމާކަން އެއީ، އަޅުގަނޑުމެންނަށް ފެންނާންއޮތް ވަރަށް ސާދާ ޙަޤީޤަތެއް. އެމީހުން މަހަށް ފަރަށް ދިޔައީތީވެ، އެމީހުން ރުކަށް އެރީތީވެ، ވަޑަންކުރީތީވެ، ގެދޮރު ބިނަކުރީތީވެ، އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރީތީވެ. ހަމަ ކަށަވަރުންވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަޅުގަނޑު ނިސްބަތްވާ ޕާޓީ ގަބޫލުކުރާ ފަލްސަފާއެއްނޫން އެއީ، މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށްކަން.
 
 އަޅުގަނޑުމެން ދުށީމު، ދޮށީއުމުރުގެ މީހުން ހޮޅުއަށިތަކުގައި، ގޮޑުދޮށްތަކުގައި، ރުށްރުށް ދޮށުގައި، އަދި މާލޭގައިވެސް ގޯތިގެދޮރު ފޮތި ކުރަމުންއައިސް އެންމެފަހުން ކުރީގައި ބަދިގެ ހުރިތަނުގައި ހުރިކޮޅުފިލާގޮނޑިއެއްގައި ހުއްޓި ވެއްޓިފައި އޮންނަނީ، ކާފަ ނުވަތަ މާމަ. އަޅުގަނޑުމެން ބޭނުންވީ، ރާއްޖެގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށް. ތިމަރަފުށީ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށް. އަޅުގަނޑުމެން ވަޢުދުވިން، ރާއްޖޭގެ 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 2000 ރުފިޔާގެ ޕެންޝަނެއް އަޅުގަނޑުމެންގެ ސަރުކާރެއްގައި، އެމް.ޑީ.ޕީގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ދޭނަމޭ. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެން މިއަދު އުފާވަނީ، މި ތިމަރަފުށީގެ 147 ރައްޔިތަކަށް މިދެންނެވި 2000 ރުފިޔާ ލިބެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ތިމަރަފުށްޓަށް ކޮންމެ މަހަކު ދެލައްކަ ނުވަދިހަ ހަތަރުހާސްރުފިޔާ، ދޮށީއުމުރުގެ ޕެންޝަންގެ ގޮތުގައި ދެވުމުގެ ފުރުޞަތު މި ސަރުކާރަށް ލިބިފައިވާތީވެ. އަޅުގަނޑު މި އެމް.ޑީ.ޕީ މެންބަރުންނަށް ވޯޓު ދިނުމަށް ތިބޭފުޅުންގެ އަރިހުން މިއެދެނީ، މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަމުގެ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކޮށް ހިންގުމުގެ ފުރްޞަތު އަޅުގަނޑުމެެންނަށް ދިނުމަށްޓަކައި.
 
 އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ ސަލާމަތްތެރިކަން.  އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ތިމަރަފުށިގެ     20 ރައްޔިތަކަށް މިދެންނެވި އެހީ ސަރުކާރުން ދެވެމުންގެންދާތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، ތިމަރަފުށީގައި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެމުން އަދި ހަމައެހެންމެ، ތިމަރަފުށީ ހެލްތް ސެންޓަރަށާއި އަދި ތިމަރަފުށީގެ އެހެންވެސް ޞިއްޙީ ޚިދްމަތްތައްދޭ ތަންތަނާއި މުއައްސަސާތައް ހަރުދަނާކުރުން، ވަރުގަދަކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، އެތަންތަނުގެ ފެންވަރު މައްޗަށް ގެންދިއުން. އަޅުގަނޑަށް މިރޭ އުފާވެރިކަން ލިބެނީ، އަޅުގަނޑުމެންގެ ސަރުކާރަށް، އަޅުގަނޑުމެންގެ ޕާޓީއަށް ހިތްހަމަޖެހުން ލިބެނީ، އިރާދަކުރެއްވިއްޔާ މިއަހަރުތެރޭގައި ތިމަރަފުށީ ހެލްތް ސެންޓަރު    ޓެލެ މެޑިސިންގ ސެންޓަރަކަށް ބަދަލުވެގެން ދާނެތީ.
 
ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަޢުދެއް. މި ސަރުކާރުގެ އެންމެހާ ވަޢުދަކީ، މިރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން ވެފައިވާ ވަޢުދު. އެ ވަޢުދުތައް ވެފައި އެވަނީ ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި. އެވަޢުދުތައް އަޅުގަނޑުމެން ފުއްދީމާ ރާއްޖެ ތަރައްޤީވާނެކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭތީވެ. ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމުގެގޮތުން ތިމަރަފުށީގައި ސަރުކާރުން މަސައްކަތްކުރަމުން ގެންދެވޭކަމީ، މި ސަރުކާރާއި މިޕާޓީއާއި އަޅުގަނޑުމެން އެންމެނަށް ނުހަނު ހިތްހަމަޖެހުން ލިބޭކަމެއް. އަޅުގަނޑު ތިބޭފުޅުންގެ އަރިހުން މި އެމް.ޑީ.ޕީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް މިއެދެނީ، މިދެންނެވި މަޝްރޫޢުތައް އަޅުގަނޑުމެން އަދި އިތުރަށް ބާރަށް ކުރިޔަށް ގެންދިޔުމުގެ ނިޔަތުގައި. އަޅުގަނޑުމެންގެ ބޭނުމަކީ، ތިމަރަފުށީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން. އަޅުގަނޑުމެން ވަޢުދުވިން، ތިމަރަފުށީގައި ގެދޮރުއަޅައި ދިގުމުއްދަތުގައި ފައިސާދައްކާ ޚަލާޞްކުރާ އުސޫލުން އެ ގެ ތިމަރަފުށީ ރައްޔިތުންނަށް ފޯރުކޮށްދޭނަމޭ. އަޅުގަނޑު ތިޔަބޭފުޅުންނަށް އަނެއްކާވެސް ދަންނަވަނީ، އިރާދަކުރެއްވިއްޔާ މިއަހަރުތެރޭގައި އެމަސައްކަތް މިރަށުގައި ފެށިގެންދާނެއޭ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ތިމަރަފުށީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން. އަޅުގަނޑުމެނަށް ފެނުނު އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ ރައްޔިތަކު ބިންކޮޅެއް އޮތްނަމަވެސް ގެއެއްއަޅަން އުޅޭ ޙާލު. އަދި ވަކިން ޚާއްޞަކޮށް ބިންމަދު ތޮއްޖެހިފައިވާ ތިމަރަފުށިފަދަ ރަށްރަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ތަނަވަސްދިރިއުޅުމެއް އުޅުމުގެ އެއްވެސް ފުރްޞަތެއް މިވަނީ ނުލިބިފައި. އެއްވެސްގޮތެއް މިވަނީ ނުހޯދިފައި. އަޅުގަނޑުމެންނަށް މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ މިދެންނެވި ޙައްލުތައް އަޅުގަނޑުމެންނަށް ހޯދޭތީވެ. އަޅުގަނޑު ތިބޭފުޅުންގެ ކިބައިން       މި ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް މިއެދެނީ އެ ޙައްލު އަޅުގަނޑުމެން ހޯދުމުގައި އަޅުގަނޑުމެންނާ އެކީގައި ތިބޭފުޅުން ތިއްބެވުމަށް. އަޅުގަނޑުމެންނާއެކީގައި ތިބޭފުޅުން މަސައްކަތް ކޮށްދެއްވުމަށް.
 
މިރަށުގެ ބަނދަރު އިރާދަކުރައްވައިގެން ތޭރަމިލިޔަން ދެލައްކަ ރުފިޔާ ޚަރަދުކޮށް،     މި ސަރުކާރުން މިހާރު މިވަނީ ނިންމިފައި. އެއީ، ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިރަށުގެ ނަރުދަމާގެ ނިޒާމު ސަރުކާރުން މިވަނީ ސޯޅަމިލިޔަން ތިންލައްކަ ރުފިޔާއަށް ނިންމިފައި. އަޅުގަނޑަށް މިއަދު އެ ނިޒާމު ފެށުމުގެ ފުރްޞަތު ލިބުނުކަމީ އަޅުގަނޑުގެ ޙަޔާތުގައި ލިބޭ އުފާވެރި ދުވަސްތަކުގެތެރެއިން ދުވަހެއް.
 
ތިމަރަފުށީގެ ތަރައްޤީއަކީ މިރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. ތިމަރަފުށި ތަރައްޤީކުރުމަށް މި ސަރުކާރުން މަސައްކަތްކުރަނީ، އެތަރައްޤީއާއި ކޮޅުމަޑުލުގެ ތަރައްޤީ  ގުޅިފައި އޮތްކަން އަޅުގަނޑުމެންނަށް ސާފުވާތީވެ. ކޮޅުމަޑުލުގެ ތަރައްޤީއާއި ރާއްޖޭގެ ތަރައްޤީ ގުޅިފައިއޮތްކަމީ އެއްވެސް ފަރާތަކަށް ޝައްކުހިނގާ ކަމެއްނޫން. މިރާއްޖެ ތަރައްޤީ ކުރުމަށްޓަކައި  މި ތިމަރަފުށި ތަރައްޤީކުރާން އަޅުގަނޑުމެން ޖެހޭނެ. ތަރައްޤީ އަޅުގަނޑުމެންނަށް ލިބެނީ ވަކިގޮތަކަށް ވަކި ކަންތައްތަކެއް ވަކި ޚާއްޞަ އިރެއްގައި ކުރީމާ. ތަރައްޤީއަކީ އެއްވެސް ޙާލެއްގައި ކޮންކްރިޓުން މިނާއެއްޗެއްނޫން. ބޮޑުހިލައިން މިނާ އެއްޗެއްވެސްނޫން. އެއްގަމުތޮށިން މިނާ އެއްޗެއްވެސްނޫން. ސަހަރާގެ ވަށާފާރުން މިނާއެއްޗެއްވެސްނޫން. ތަރައްޤީއަކީ ތިމަރަފުށީ މީހާ ތަރައްޤީވުން. ތަރައްޤީއަކީ ތިމަރަފުށި. ތަރައްޤީވެވޭނީ ތިމަރަފުށީ ރައްޔިތު މީހާއަކީ ތިމަންނާޔަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ މީހެކޭ ބުނެވޭ ތިމަރަފުށީ ރައްޔިތަކު ލިބިގެން މެނުވީ އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިބޭނުންވާ ތިމަރަފުށީގެ ތަރައްޤީއެއް ނުހޯދޭނެ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް ތިމަރަފުށީ އެމީހާ އުފެއްދޭނެ.
 
 ތިމަރަފުށީގެ ތަޢުލީމީ ފެންވަރު، ތިމަރަފުށީގެ މަދަރުސާގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މި ސަރުކާރުން މިދަނީ މަސައްކަތްކުރަމުން. މިދިޔައަހަރު އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ނަތީޖާ އޭގެ ކުރީ އަހަރަށްވުރެ ކިތަންމެތަނަކުން ރަނގަޅު. އަދި މިރޭ އަޅުގަނޑަށް އުފާވެރިކަން ލިބެނީ އިރާދަކުރެއްވިއްޔާ 2012 ގައި މި ތިމަރަފުށީ ދަރިވަރުން މަދަރުސާ ފަށާނީ ގްރޭޑް 11 އާ އެކުގައި. 2013 ގައި އެކުދިން ފުރަތަމަފަހަރަށް މިރަށުގައި އޭ ލެވެލް އިމްތިޙާނު އިރާދަކުރެއްވިއްޔާ ހަދާނެ. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ 2010 ވަނައަހަރުގެ ތެރޭގައި ތިމަރަފުށީ ދަރިވަރުންގެ ފޮތް، ފަންސޫރު، ގަލަން ގަތުމަށްޓަކައި ސަރުކާރުން ދެލައްކަ ސާޅީސްހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ ޚަރަދުކުރެވިފައިއޮތްކަމަކީ. ތިމަރަފުށީ ދަރިވަރުން އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް އިމްތިޙާނު ފީގެގޮތުގައި 60 ދަރިވަރުންނަށް އެއްލައްކަ ހަހާސް ތިންސަތޭކަފަސްދޮޅަސް ފަސްރުފިޔާ ޚަރަދުކުރެވިފައި އޮތްކަމަކީ މި ސަރުކާރަށް ލިބޭ ހިތްހަމަޖެހުމެއް.
 
ތިމަރަފުށީ މަދަރުސާއަކީ، މިހާރު އެއްދަންފަޅިއަށް ކިޔަވައިދޭ މަދަރުސާއެއް. އެއްދަންފަޅިއަށް ކިޔަވައިދިނުމާއި، ވަށައިޖެހޭތަޢުލީމެއް ދިނުމަކީ، މިސަރުކާރުގެ ކޮންމެހެންވެސް ބޭނުންތެރި އަމާޒެއް. އަޅުގަނޑުމެން ކޮންމެހެންވެސް ކުރާންބޭނުން ކަމެއް. އިރާދަކުރެއްވިއްޔާ      މި ސަރުކާރުން ތިމަރަފުށްޓަކީ، މި ސަރަޙައްދުގައި އެންމެ ރަނގަޅަށް ތަޢުލީމު ލިބޭ އެއް ރަށަށް އަޅުގަނޑުމެން ހަދާނަން.
 
 ތިމަރަފުށީގެ ޒުވާނުންގެ ތަރައްޤީއަކީވެސް އެހާމެ ބޭނުންތެރިކަމެއް. ތިމަރަފުށީގައި ބިން މަދުވެގެންދާ ދިއުމުގައި އެންމެބޮޑު ތަކްލީފެއް ލިބޭ އެއްފަރާތަކީ، އެއްބަޔަކީ ޒުވާނުން. އެމީހުންގެ މުނިފޫހިފިލުވުމާއި، އެމީހުންގެ ކުޅިވަރަށް ޖާގައާއި، އެމީހުންގެ ކުޅިވަރަށް ސާމާނު ނެތީހެއް ޤައުމެއް ބިނާއެއް ނުކުރެވޭނެ. ޤައުމެއް ބިނާކުރުމަށްޓަކައި، ތިމަރަފުށި ތަރައްޤީ ކުރުމަށްޓަކައި، ތިމަރަފުށީ ޒުވާނުންނަށް ގޮތްތަކެއް ހޯދައިދޭންޖެހޭނެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ މިއަދު، އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ އަޅުގަނޑަށް ތިމަރަފުށީ ޔޫތު އެންޑް ސްޕޯޓްސް ސެންޓަރުގެ ކްލަބުގައި މިއަދު ބައިވެރިވެވިފައިވާތީވެ. އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މި ސަރުކާރަށް އުފާވެރިކަން ލިބެނީ، މިހާރު ސްޕޯޓްސް ސެންޓަރު ހުޅުވި، އ ެސެންޓަރުގެ ޚިދްމަތް ލިބެމުންދާތީވެ.
 
މި ސަރުކާރުން މަސައްކަތްކުރަމުން މިގެންދަނީ ތިމަރަފުށްޓާއި މިރާއްޖޭގެ ތަރައްޤީ ހޯދުމަށްޓަކައި. ތަރައްޤީއަށްޓަކައި ހިންގާންޖެހޭ އެންމެ މުހިންމު މަޝްރޫޢަކީ، ޑިމޮކްރެސީ. ރައްޔިތަކު ހިފަހައްޓައިގެން، ރައްޔިތަކު އޮބަހައްޓައިގެން ވޯޓުލާ ކޮންމެދުވަހަކު ކޯސްޓްގާޑަށް މިރަށުން 40 މީހުން ލައިގެން ގެންގޮސް ހައްޔަރު ކޮށްގެނެއް މިރަށެއް ތަރައްޤީއެއް ނުކުރެވޭނެ. އަޅުގަނޑާ 7 މީހުންނާ ބައްދަލުވި. މިރަށް ތަރައްޤީކުރުމަށްޓަކައި މިރަށުގެ ރައްޔިތުން ކޮންމެހެންވެސް ވީއްލާން އެބަޖެހޭ.    އެ ރައްޔިތުން މިނިވަން ކުރާން އެބަޖެހޭ. ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ނުލިބޭހާ ހިނދަކު ރައްޔިތަކު ތަރައްޤީވެއެއް ނުދާނެ. އެތަރައްޤީ ހޯދުމަށްޓަކައި އަޅުގަނޑުމެންގެ އެންމެ މުހިންމު އެންމެބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ. އެހެންވީމާ، ލާމަރްކަޒީ އުޞޫލުން ހިންގުން މުހިންމުވަނީ. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރިޔަށް މިއޮތް އިން ތިޚާބު މުހިންމުވެގެންދަނީ. މިއިންތިޚާބަކީ، ކުރިޔަށް މިއޮތް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ އިންތިޚާބަކީ، ތިމަރަފުށީގެ ތަރައްޤީއަށް ބޭނުންވާ އެންމެމުހިންމު މުއައްސަސާގެ ބިންގާއެޅޭ ދުވަސް.
 
ލާމަރްކަޒީ އުޞޫލަކީ ދަންނަވަންތޯ، މާލޭގައި އަޅުގަނޑުގެ ރަށުގައި ހުރިއެއްޗަކުން ބައެއް ތިމަރަފުށްޓަށް ދޭން މިއުޅެނީ. ޒަމާންތަކެއް ވަންދެން މާލޭގެ ވެރިކަމުގެ ޚާންދާންތަކުން މާލެއަށް އެއްކުރި ބާރު، އެ ބާރުން ބައެއް ރާއްޖޭގެ ރަށްތަކަށް ބަހާލުމަށް އަޅުގަނޑުމެން މިކިޔާ އެއްޗަކީ ލާމަރްކަޒީ އުޞޫލުން ހިންގުމޭ. އަޅުގަނޑުމެނަށް ލިބުނު އާ ޤާނޫނުއަސާސީއާއެކު ޝަރީޢަތް ހިންގުމުގެ ބާރު މިހާރު އެވަނީ މުސްތަޤިއްލު ކުރެވިފައި، ވަކިކުރެވިފައި، ވެރިކަމާ ދުރުކުރެވިފައި. ސްޕްރީމްކޯޓު އެވަނީ އެކުލަވާލެވިފައި. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހެއްނޫން. ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބަކާނުލައި       8 މެންބަރުން މިހާރު ޢައްޔަންކޮށްފައެއް ނުތިބޭ. ރައްޔިތުންގެ މަޖިލީހަކީވެސް، ޤާނޫނުހަދާ މަޖިލީހަކީވެސް ވެރިކަމުގެ ފަރާތުން ވަކިވެފައިއޮތް ބާރެއް. މިހާރު އަޅުގަނޑުމެންގެ މަސައްކަތަކީ ވެރިކަމުގެބާރު އަދިވެސް އެބާރުން ބައެއް ތިމަރަފުށްޓަށްވެސް ދިނުން. މާލޭގައިހުރި ބާރު ތިމަރަފުށްޓަށް އޭގެއިން ބައެއް އެޅުން.
 
އަޅުގަނޑު ދަންނަވަން ބޭނުމީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ އިސް ސަފުގައި ތިބޭނީ ރާއްޖޭގެ ވެރިކަމުގެ ޚާންދާންތައް. އެ ޚާންދާންތަކުގެ ޢާއިލާތައް.         އެ ޢާއިލާތަކުން ޒަމާންގަނޑެއްވަންދެން މާލެއަށް އެއްކުރި ބާރު އެ ޢާއިލާތަކުގެ މިއަދުގެ ޖީލާ އެކީގައި އަޅުގަނޑުމެން މިއުޅެނީ ރަށްރަށަށް ބަހަންވެގެން. އެކަމުގެ ވަލީވެރިންނަކީވެސް އެކަމުގެ ބެލެނިވެރިންނަކީވެސް އަޅުގަނޑުމެން. އަޅުގަނޑުމެނާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީއާ އެކީގައި މިމަސައްކަތް ކުރިޔަށްގެންދެވޭނީ. އެހެންޕާޓީއެއްގާތުގައި އަހާ ކައުންސިލަރަކީ ކާކުތޯ، އެއީ ޤާނޫނުއަސާސީގައި އޮތް ބަހެއްނޫން. އެއީ، އެމް.ޑީ.ޕީ ގެ ބަހެއް. އެއީ، އެމް.ޑީ.ޕީ ޤާއިމުކުރި ވަޒީފާއެއް. ކައުންސިލަކީ ކޮބައިތޯ އެހެންބޭފުޅުން ކައިރީގައި އައްސަވާ، އެއީކީއެއް އެހެންޕާޓީއަކު ދަންނަ ކަމެއްނޫން. ޤާނޫނުއަސާސީގައި ލިޔެވިފައިއޮތް ކަމެއްވެސްނޫން. އަޅުގަނޑުމެންނަށް ޤާނޫނޫން އެބައި ފެނުނީވެސް ދާދި މިދާކަށްދުވަހު. ކައުންސިލް އިށީންނަނީ ކޮންތާކުތޯ؟ ކައުންސިލްގައި ކުރަންއޮތީ ކޮންކަމެއްތޯ؟ މިއިން އެއްވެސްކަމަކީ، އެހެން އެއްވެސް ޕާޓީއެއްގެ ފިކުރެއް ހިންގި ކަމެއްވެސްނޫން. އެއީ އެމް.ޑީ.ޕީގެ ފިކުރެއް. އެމް.ޑީ.ޕީ ހިންގާ މަސައްކަތެއް. އަޅުގަނޑުމެންނަކަށެއްނެތް. ފެބްރުއަރީ 5 އެއްގައި އަތްއުރާލެވޭކަށް. މިކައުންސިލްތައް ބިނާކުރުމާއި، ޑިމޮކްރަސީ ފުރިހައަށް މިރާއްޖެއަށް ގެނައުމާއި، ރައްޔިތުންގެ ގާތުން ރައްޔިތުންނާއެކު ރައްޔަތުންނަށް ޓަކައި ވެރިކަމެއްކުރުމަށް ލާމަރްކަޒީ އުސޫލުން ހިންގުމަކީ ކޮންމެހެން ބޭނުންތެރިކަމެއް.
 
އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކުގައި ތިމަރަފުށީ ރައްޔިތުން ގާތުގައި ދަންނަވަން ބޭނުންވަނީ މުސްޠަފާ ހަމައެވިދާޅުވި ވާހަކަ. މި ސަރުކާރަކަށްނޫން ވޯޓުދެއްވާންވީ. ވޯޓު ދެއްވާންވީ އުފަންވާންއޮތް ތިމަރަފުށީ ޖީލަށް. ވޯޓުދެއްވާންވީ އަންނާންއޮތް ދުވަހަށް. މިއަދު ނިމިއްޖެ. މިއަދެއް ދެން އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. ފާއިތުވެ ހިނގައްޖެ. އަޅުގަނޑުމެންނަށް ހޯދޭނީ މާދަމާ. މާދަމައަށްޓަކައި އަޅުގަނޑުމެން މިއެދެނީ ތިބޭފުޅުން މިކެންޑިޑޭޓުންނަށް ވޯޓުދެއްވާށޭ. އެވޯޓުންނޭ ތިބޭފުޅުންގެދަރިންނާއި ތިބޭފުޅުންގެ ދަރިންގެދަރިންނަށް ތަނަވަސް ދިރިއުޅުމެއް ހޯދޭނީ. އުފާވެރި މާޙައުލެއް ގެނެވޭނީ. އަޅުގަނޑުމެންނަށް އެ އުފާވާ ޒަމާން ވަރަށް ސާފުކޮށް ފެނޭ. އަދި ހަމަ އަޅުގަނޑު މިރޭ ތިމަރަފުށީގައި ހުރެ މިވާހަކަދަައްކާއިރު ދެބޭފުޅަކަށް ނުހަނު ޝުކުރު ދަންނަވަން ބޭނުން. އެއީ މުޞްޠަފާޔާ މުޖްތަބާޔާ. މިދެބޭފުޅުންނަކީވެސް މުޖްތަބާއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ ސިއްރިޔާތުގައި ހިނގަމުންއައިއިރުގައިވެސް މެންބަރެއް. އަޅުގަނޑު ވަރަށް ކުރިއްސުރެ ފަށައިގެން ދަންނަ ބޭފުޅެއް. ދަންނަ މީހެއް. ދަންނަ ރަޙްމަތް ތެރިއެއް. މިޕާޓީގެ ހުރިހާ މަރްޙަލާއެއްގައި މުޖްތަބާޔަކީ މަސައްކަތްކުރަމުން އައި މީހެއް. މުޞްޠަފާޔަކީ، އަޅުގަނޑު އެއިރެއްގައި ޕާޓީއަށްޓަކައި ކޮށްދޭންބުނި ކޮންމެކަމެއް ކޮށްދެއްވާ ބޭފުޅެއް. މުޞްޠަފާއަކީ، އަޅުގަނޑު މުޞްޠަފާގާތުގައި މުޞްޠަފާއޭ ރަނގަޅުވާނީ މިހާރު ތިމަރަފުށްޓަށް އިންތިޚާބުވާން، މުޞްޠަފާއަށް ދެންނެވީމާ، މުޞްޠަފާ އައިސް ރަންގޮނޑި ނަގައި އަޅުގަނޑުމެންނަށްދެއްވި، ތިމަރަފުށީގެ ޢިއްޒަތްތެރި މެންބަރު.
 
އަޅުގަނޑުމެންނާ ނިސްބަތްކޮށް ބައެއްފަހަރު ބައެއް ބޭފުޅުން އިސްލާމްދީނުގެ ވާހަކަ ދައްކަވާ. އަޅުގަނޑުދަންނަވާނީ އަޅުގަނޑުމެންނަށްވުރެބޮޑަށް މިރާއްޖޭގައި އިސްލާމްދީން ޙިމާޔަތް ކޮށްދެވޭނެ ބަޔަކު ތިބިކަމަކަށް ހަމަކަށަވަރުންވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއޭ. ދިވެހިރާއްޖެ ފިޔަވައި އިސްލާމީ އުންމަތުގާއެއް ނޯންނާނެ ޤައުމެއް، ދީނީ ދަންނަ ބޭކަލުންނަށް ވަޢުޡު ބުނުމުގެ މިނިވަންކަން މިރާއްޖޭގައި ލިބިދީފައި އޮތް މިންވަރަށް ލިބިފައިއޮތް އެހެން އިސްލާމް ޤައުމެއް. މިރާއްޖެ އެކަންޏެއްނޫން، އެހެންއެއްވެސް އިސްލާމީ ޤައުމެއްގައި މިރާއްޖޭގައި ދީނީ ދަންނަ ބޭކަލުންނަށް ހެޔޮނަޞޭޙަތް، ހެޔޮލަފާ ރައްޔިތުންނަށް ދިނުމަށް އެވާ މިނިވަންކަން އެހެން އެއްވެސް އިސްލާމީ ޤައުމެއްގައެއް ނުވާނެ. އަޅުގަނޑު އުންމީދުކުރަން، ޓިއުނީޝިއާ ރައްޔިތުން ނުކުމެ މިހާރު އެކުރާ ހިތްވަރުން ދެން އެރަށު ރައްޔިތުންނަށްވެސް އިރާދަކުރެއްވިއްޔާ ރިވެތިގޮތުގައި އިސްލާމުންގެ ގޮތުގައި އުޅުމުގެ ފުރުޞަތު ލިބޭނެކަމަށް. ޚުދުމުޚުތާރު ވެރިކަމުގެ ދަށުގައި ފިތި ޗިސްވެ ތިބޭއިރުގައި އިސްލާމީ އުންމަތެއް ނުދިރޭނެ. އިސްލާމީ އުންމަތްވެސް ދިރޭނީ މިނިވަންކަމާއެކުގައި. ހަނިރޮނގަކުން ދީނީ ނަޒަރިއްޔާތު ގެންގުޅުނީމަކާއެއް އިސްލާމްދީނެއް ނުދިރޭނެ. އިސްލާމްދީން ދިރޭނީ ފުޅާގޮތެއްގައި. އަޅުގަނޑުމެންނަށް ދީނީކަންކަމުގައި ވިސްނިގެން. އިސްލާމީ ރަންހާރު، އިސްލާމީ ތާރީޚުގެ ރަންޒަމާން އަޅުގަނޑުމެން އެންމެންވެސް ދެނެފައި އޮންނާނީ މިދެންނެވި މަގުން. އެއީ، ހުޅުވިފައި އޮތް ދުވަސްވަރެއް. އެއީ، ހިފެހެއްޓިފައިއޮތް ދުވަސްވަރެއްނޫން. ރައްޔިތުން ހިފަހައްޓައިގެނެއް އަޅުގަނޑުމެންނަކަށެއް އަޅުގަނޑުމެންގެ ދީނެއްވެސް ނުދިރުވޭނެ. ދީނެއްވެސް ޙިމާޔަތެއް ނުކުރެވޭނެ. އަޅުގަނޑަށް ފެންނަނީ އިސްލާމީ އުންމަތަށް ވަރަށް އުޖާލާ މުސްތަޤްބަލެއް. އަޅުގަނޑަކަށެއް ނުފެނޭ، އިސްލާމީ އުންމަތް ނެތިދާތަނެއް. އަޅުގަނޑަކަށެއް ނުފެނޭ، އިސްލާމީ އުންމަތް ބިކަވާތަނެއް. އެމަގުން އެބަހުރުވައިން ދައްކަނީނަމަ، އަޅުގަނޑު ދެކޭނީ އެއީ މިއުންމަތަށް ކުޑައިމީސްބަސް ބުނަނީކަމަށް.
 
ކުރިޔަށްއޮތް ވާލްޑްކަޕް އޮތީ ބަޙުރައިންގައި ބާއްވާގޮތަށް. އެއީ، އިސްލާމީ އުންމަތުގެ ކާމިޔާބެއް. ތަޢުލީމާއި، ޢިލްމާއި، ހުނަރާ އަދި ދުނިޔަވީ އެންމެހާ ކަންކަމާއި އާޚިރަތަށްޓަކައި އުޅުމުގައި އިސްލާމުންނަށް އުޅެވޭނީ އިސްލާމްދީން ހުޅުވިގެން. މިރާއްޖޭގައި މިދިޔަ ޢާޝޫރާދުވަހު ރޯދަޔަށްހުރި މީހުންގެއަދަދު އަޅުގަނޑަށް ޔަޤީން އެއްވެސް ބޭފުޅަކަށް ވަކިން ދަންނަވާކަށް ނޭނގޭނެ. އެހެންނަމަވެސް ޢާޝޫރާދުވަހު މުޙައްރަމް މަހުން 10ވަނަ ދުވަހު ރޯދަޔަށް ހުންނަން ޖެހޭކަން އެނގުނީވެސް ދާދި މިދާކަށް ދުވަހަކު. އަޅުގަނޑުމެންގެ ތެރޭގައި މެދުނުކެނޑި މިސްކިތަށް އަރާމީހުން ދުވަހެއް ދުވަހަކަށް ގިނަވަމުންދާކަމާއި އަދި ހެޔޮލަފާ ގޮތުގައި ދިރިއުޅުން ކުރިޔަށް ގެންދާމީހުން މާގިނަ. އަޅުގަނޑު ހުންނަގޮތް ތަފާތުވެދާނެ. އަޅުގަނޑުގެ ޢަޤީދާ ތިބޭފުޅުންނަކާ ތަފާތެއްނުވާނެ. އަޅުގަނޑު ޤަބޫލުކުރާ ޤަބޫލުކުރުމާއި، އިސްލާމްދީނަށް އަޅުގަނޑުމެން ކުރާ ޙުރްމަތެއް ތިބޭފުޅުންނަކާ ކުޑަތަންކޮޅެއްވެސް ފަރަގެއް ނުވާނެ. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އެމް.ޑީ.ޕީ އަތުގައި ނޫނިއްޔާ މިރާއްޖޭގެ ދީނީ ވަޙްދަތު އަޅުގަނޑުމެންނަކަށެއް ނުހިފެހެއްޓޭނެއޭ.
 
އަޅުގަނޑުމެންނަކީ ދީން ސިޔާސީ ބޭނުމަށް ބޭނުންކުރާ ބައެއްނޫން. އަޅުގަނޑުމެންނަކީ ދީނުގެ ނަމުގައި ފައިދާ ހޯދަންވެގެންއުޅޭ ބައެއްވެސްނޫން. އަޅުގަނޑުމެނަށް އަޅުގަނޑުމެންގެ ދީނަކީ އަޅުގަނޑުމެނާއި މާތްރަސްކަލާނގެއާ ދެމެދު އޮންނަ ކަމެއް. އިރާދަކުރެއްވިއްޔާ އެމަގުގައި، އެގޮތުގައި އަޅުގަނޑުމެން އިސްލާމްދީން މިދިޔަ އެއްހާސް އަހަރު މިރާއްޖޭގައި އެދީން ދެމިގެންއައި ގޮތުގައި އެއައި ހަމައިގައި އަނެއްކާވެސް ކުރިޔަށްއޮތް އެއްހާސްއަހަރަށް އިސްލާމްދީން ކުރިޔަށްގެންދިއުމަށް އާބިންގަލެއް އަޅުގަނޑުމެން އަޅައިދޭނަން. އަލަން އަލުން އަނބުރައި އިސްލާމްދީނާއެކީގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ނުކުމެވޭނެ.
 
ޤައުމުގެ ތަރައްޤީއަށްޓަކައި ދީން ނުހަނު ބޭނުން. ޤައުމުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެނަށް ކުރަންޖެހިފައިހުރި ކަންކަން ތަފާތުވެފައި ގިނަ. އޭގެތެރޭގައި ވަކިން ޚާއްޞަކޮށް، ދަތުރުފަތުރުކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމަކީ، ބޭނުންތެރިކަމެއްކަން އިންސާނީ ތަޖްރިބާ އޮތީ ދައްކާފައި. އެއްތަނުން އަނެއްތަނަށް ފަސޭހައިން މުދަލާއި ފަސިންޖަރުން ބަދަލުވީމާ ނޫނީ، އަޅުގަނޑުމެންނަކަށެއް ވިޔަފާރިއެއް ކުރިއަކަށް ނޭރުވޭނެ. ވިޔަފާރި ކުރިއަރައިގޮސްގެން މެނުވީ ޤައުމެއް، ރަށެއް ތަރައްޤީއެއްނުވާނެ. އެހެންވީމާ، މިސަރުކާރުން ވަޢުދުވީ 7 އަހަރު ދުވަހުގެ ތެރޭގައި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކޮށްދިނުމަށް. ފުރަތަމަ ދެއަހަރު އެ ނިޒާމުގެ އަސާސީ ޚިދްމަތްތައް ދޭން ފެށުމަށް. މިއަދު އަޅުގަނޑު ހިތްހަމަޖެހެނީ، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި    މި ތިމަރަފުށިގެ 8423 މީހުން ދަތުރަށް އަރާފައިވާތީވެ. އަދި މި ތިމަރަފުށްޓަށް 8443 މީހުން ދަތުރު ނިންމާފައިވާތީވެ. ކޮންމެދުވަހަކު މިއަދުވެސް މާދަމާވެސް ތިމަރަފުށިން ވިހިތިރީސް މީހުން ދަތުރަށް ނާރާ ދުވަހެއްނެތް. އެމީހުން އެދަނީ އެމީހުންގެ ބޭނުންތަކަށް. އަޅުގަނޑުމެން ބުނީ އަޅުގަނޑުމެންނަކަށެއްނެތޭ، އަޅުގަނޑުމެންގެ ވިސްނުން ރަށުގެ ގޮނޑުދޮށާ ހިސާބު ބަހައްޓައިގެނެއް ރަށް ތަރައްޤީކުރެވޭކަށެއް. އަޅުގަނޑުމެންގެ ވިސްނުން އެބަޖެހެއޭ ރަށުގެ ގޮޑުދޮށުން އަތޮޅުދުނިން އަދި ރާއްޖޭގެ އަސްދަޑިންވެސް ބޭރަށް ގެންދަން. އަޅުގަނޑުމެން މިއުޅެނީ ލާމެހިފައިވާ ދުނިޔެއެއްގައޭ. އަޅުގަނޑުމެންގެ ރާއްޖެވެސް ލާމެހިފައިވާ ރާއްޖެއަކަށް ބަދަލުކޮށްގެންމެނުވީ އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.
 
ވިޔަފާރި ކުރިއެރުވުމަށްޓަކައި ލުއި ލޯނާއި އަދި ވަޒީފާގެ ފުރްޞަތުތައް ޤާއިމުކުރުމަށް މި ތިމަރަފުށީގައި އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މަސައްކަތް ފަށައިގަނެވޭނެ. ތިމަރަފުށީ ވިޔަފާރިވެރިންނަށް، ސަރުކާރުން ލުއި ލޯނު ދިނުމުގެ ޕްރޮގްރާމުގައި އިސްކަންދެވޭނެ.          މި ތިމަރަފުށްޓަކީ، އަޅުގަނޑުމެން ތަރައްޤީކުރަން ބޭނުންވާރަށެއް. މި، ސަރުކާރަކީ ހަމައެކަނި ބަނދަރު އަޅާ ސަރުކާރެއް ނޫން. މި ސަރުކާރަކީ ތަރައްޤީގެ ނާރެސްތަކެއް ތައްޔާރުކުރުމަށް މަސައްކަތްކުރާ ސަރުކާރެއް. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މުސްތަޤްބަލް ފެންނަނީ އުޖާލާކޮށް. އަޅުގަނޑުމެނަށް، އަޅުގަނޑުމެންނަށް ކުރެވިފައިހުރި މަސައްކަތާ ގުޅޭގޮތުން ހިތްހަމަޖެހޭ. އަޅުގަނޑު ދަންނަވާނީ ތިމަރަފުށީ ރައްޔިތުންނަށް ވެފައިހުރިވަރު ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން އެކަކުވެސް އެދޭ މިންވަރާ އަދި ލިބޭ މިންވަރާ މިއޮންނަނީ ތަފާތުވެފައި. ލިބޭ މިންވަރަށް ޝުކުރުކޮށް، ގަދައަޅާ މަސައްކަތްކުރީމާ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެކަމީ ޝައްކެއް ހިނގާ ކަމެއްނޫން. އަޅުގަނޑަށް ފެންނަނީ ކުރިޔަށްއޮތީ އުފާވާޒަމާނެއް. އުފާވާ ޒަމާނޭ، އުފާވެރިވި މިރާގޭ، ހިތާއޭ އަހާށޭ.
 
           والحمد للّـه. والسّـلام عليـكم.
 
       _________________________