بســماللّـهالرّحمـنالرّحيــم

 
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު އަދި މި ޚާއްޞަކޮށް، މިރަށުގެ ކެންޑިޑޭޓުންގެ ގޮތުގައި ލޯކަލް އިންތިޚާބަށް ކުރިމަތިލައްވާ އެންމެ ބޭފުޅުންނާއި، އަދި ދިއްފުށީގެ އެންމެހާ ރައްޔިތުން.
 
السّـلام عليـكم
 
މީގެ ދުވަސްތަކެއް ކުރީގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރާއްޖޭގެ ވަރަށްގިނަ ގޭގެއަށް، ވަރަށްގިނަ ރަށްރަށަށް ޒިޔާރަތް ކުރިން. އެ ރަށްރަށުގެ ވަރަށްގިނަ ގޭގެއަށް ޕާޓީގެ ފަރާތުންދިޔަ. ވަރަށްގިނަ މީހުނާ ބައްދަލުކުރިން. ކިތަންމެ ގިނަ މަޝްވަރާތަކެއް ކުރިން. އެ މަޝްވަރާތަކާއި، މިބައްދަލުވުންތަކުގެ ނަތީޖާއަކަށްވެގެން އައީ، މިއަދު މިހިންގާ ސަރުކާރުގެ ސިޔާސަތު އެކުލަވައިލުން. މިބައްދަލުވުންތަކާއި، އެ ހޯދުންތަކާއި، ރާއްޖޭގެ ރައްޔިތުންގެ އަޑު އެހުމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ އިން އެކުރި މަސައްކަތުން ރާއްޖެއާ ގުޅޭ ވަރަށްގިނަ ޙަޤީޤަތްތަކެއް އަޅުގަނޑުމެންނަށް އެނގިގެންދިޔަ.
 
އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ އަދި އަޅުގަނޑު ތަމްސީލުކުރާ، އަޅުގަނޑު    އެ ޕާޓީއެއްގެ މެންބަރެއް ކަމުގައި މިހުރި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަމާޒަކީ،       މި ރާއްޖެ ތަރައްޤީ ކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް މިއަދު ލިބޭ އެއްޗަކަށްވުރެ ގިނަ އެއްޗެއް، މާދަމާ ލިބޭނޭ އުޞޫލެއް، ލިބޭނޭ ގޮތެއް ހޯދުން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ޢާންމު ޙާލަތު، މިއަދަށްވުރެ ރަނގަޅުވެގެންދާނެ ސިޔާސަތުތަކެއް ރާއްޖޭގައި ތަންފީޛު ކުރުން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުން.
 
ޤައުމެއް އަދި ރަށެއްވިޔަސް ތަރައްޤީވެ މިދަނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް ކުރެވުނީމާ. ރާއްޖޭގެ ރައްޔިތުންގެ ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުންގެ ކިތަންމެ ކިތަންމެ ޝަކުވާއެއް އެބަހުރި. އަޅުގަނޑުމެން އެކަން ފުރިހަމައަށް ގަބޫލުކުރަން. ޚާއްޞަ ގޮތެއްގައި، ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދްމަތާއި އަދި އެނޫންވެސް ބައެއް ޚިދްމަތްތައް ދިނުމުގައި، އެކަށީގެންވާ ފެންވަރުގައި އެކަން ނުކުރެވޭ ކަމަށް ވަރަށްގިނަ ރައްޔިތުންނަށް، މިދިޔަ ދިގު 30 އަހަރުވެސް އަދި މިދިޔަ ދެއަހަރުވެސް ފާހަގަވެގެންދިޔަ. މި ސަރުކާރު އެކަން ފުރިހަމައަށް ގަބޫލުކޮށް ބަލައިގަނޭ. ސަރުކާރަށް އެނގިފައި އޮތް، އެހެން ޙަޤީޤަތެއް، އެއަށްވުރެ މާބޮޑު ޙަޤީޤަތެއް އެބައޮތް. އެއީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުންކުރެން އެކަކީ، އެމީހެއްގެ މައްޗަށް ރެޔާ ދުވާލަށް ވިއްސަކަށް ރުފިޔާވެސް ނުލިބޭ މީހުންނޭ. ނިކަމެތި ފަޤީރުންނޭ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަކީ، 2008 ވަނަ އަހަރާ ހަމައަށް އައިއިރުގައި ނިކަމެތިން، ފަޤީރުން. އެމީހުންނަކީ، އެމީހުންނާ އަޅާލާނެ މާގިނަ ބައެއް ނެތް އަދި އާމްދަނީ ހޯދޭނެ މާގިނަ ގޮތްތަކެއްވެސް ފަހިވެފައިނުވާ، ބިކަ ހާލުގައި ތިބި މީހުން.
 
ޤައުމެއް ތަރައްޤީއެއް ނުވާނެ، އެ ޤައުމެއްގެ ރައްޔިތުންގެ ގިނަ ބައިވަރު މީހުންނަކީ، ފަޤީރުންގެ ގޮތުގައި ތިބޭހާ ހިނދަކު. ދިއްފުށްޓެއް ކުރިއަކަށް ނުދާނެ، ދިއްފުށީގެ ގިނަ މީހުންނަކީ، ފަޤީރުން ކަމުގައި ނުވަތަ އަޅާލުމެއްނެތި ތިބޭ މީހުން ކަމުގައިވަނީނަމަ. ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އެހެންވީމާ، މަދަނައިގެ ވިއުގަ އުފެދިގެން އައީ. މިއަދު މި ޕާޓީއަށާއި، މި ސަރުކާރަށާއި، އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މި ދިއްފުށީ ރައްޔިތުންގެ ތެރެއިން 146 މީހަކު، މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާތީވެ. އަދި އެއިން ކޮންމެ މީހަކަށް، އެއްލައްކަ ރުފިޔާގެ ބޭސްފަރުވާއަށް، އެއްލައްކަ ރުފިޔާ، މާލިއްޔަތުގައި ރައްކާ ކުރެވިފައިވާތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ދުޅަހެޔޮ، ޞިއްޙަތު ރަނގަޅު ދިއްފުށީ ރައްޔިތަކު އުފެއްދުން. އެ ރައްޔިތަކު މިތަނުގައި ޤާއިމްކުރުން. ބޭނުންވަނީ، ދިއްފުށި ތަރައްޤީއަށް ބޭނުންވަނީ، ދިއްފުށީ މީހާ ތަރައްޤީވުން ދިއްފުށި ތަރައްޤީވުމަކީ. ތަރައްޤީއަކީ ކޮންކްރީޓުން މިނާ އެއްޗެއް ނޫން. ތަރައްޤީއަކީ ބޮޑުހިލައިން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ އެއްގަމު ތޮށިން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީވާން މިޖެހެނީ ދިއްފުށީ މީހާ. ހެޔޮ ޙާލުގައި ހުންނާން މިޖެހެނީ ދިއްފުށީ މީހާ.
 
ރާއްޖޭގެ ދުވަސްވީ މީހުން، މިދިޔަ ދެއަހަރު ކުރީގައި އުޅެމުންދިޔަ ބިކަ ޙާލު އަޅުގަނޑުމެން ދުށިން. ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކާއި، ހޮޅުއަށިތަކާއި، ރުއްރުއްދޮށުގައި އަދި މާލޭގައިވެސް ގޯތިގެދޮރު ފޮތިކުރަމުން އައިސް، އެންމެފަހުން ކުރީގައި ބަދިގެ ހުރި ތަނުގައި ހުރި ކޮޅުފިލާ ގޮނޑިއެއްގައި ހުއްޓިފައި ހުންނަނީ ކާފަ ނުވަތަ މާމަ. މި ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، ދޮށީ ޢުމުރުގެ މީހުން ކޮށްފައިވާ މަސައްކަތުން. އެމީހުން މަހަށް ފަރަށް ދިޔައީތީވެ. އެމީހުން ރުކަށް އެރީތީވެ. އެމީހުން ރިޒޯޓްފަހަރު ހެދީތީވެ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރީތީވެ. ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ފަލްސަފާއެއް ނޫން އެއީ، މިއަދު ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ ދެކޭއިރު، އެ ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށް ދެކުން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ވަޢުދުވީ، ރާއްޖޭގެ 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، ފިރިހެނަކަސް، އަންހެނަކަސް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. މިއަދު މިޕާޓީއަށާއި، މި ސަރުކާރަށާއި، އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 46 މީހަކަށް، މިޕެންޝަން ދެމުން އަންނަތާ މިހާރު ދެއަހަރުވެއްޖެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިރަށަށް ކޮންމެ މަހަކު ނުވަދިހަ ދެހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ޚަރަދު ކުރުމުގެ ފުރްޞަތު ލިބިފައިވާތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، ދޮށީ ޢުމުރު މީހުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، އެމީހުންނަށް ސަލާމަތްތެރިކަން ހޯދައިދިނުން.
 
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ދޭ ޚިދްމަތްތަކާއި، ދޭ އެހީތެރިކަންވެސް މިރަށުގެ ފަސް ބޭފުޅަކަށް ދެމުން ގެންދެވޭކަމީ،        މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށް. ރައްޔިތުންނަށް މިއަދަށްވުރެ ރަނގަޅު ގޮތެއް ހޯދައިދިނުމަށް. މި ސަރުކާރު ދެމިއޮންނަނީ، ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. ސަރުކާރުން ވެފައިވާ ވަޢުދުތަކަކީ، ރައްޔިތުންގެ އަޑު އެހުމަށްފަހުގައި، މި ރާއްޖެ ތަރައްޤީ ކުރުމަށް ކުރާންޖެހޭ ކަންކަމަކީ ކޮބައިތޯ މިނެ، އެކަންކަން އެއީ ރައްޔިތުންގެ ވަޢުދު، ރައްޔިތުންނަށް މި ޕާޓީއާއި ސަރުކާރުވާ ވަޢުދުގެ ގޮތުގައި ވެފައިވާ ވަޢުދުތަކެއް. އަޅުގަނޑުމެންނަށް ޔަޤީން، އަޅުގަނޑުމެންގެ ވަޢުދުތައް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ފުރިހަމައަށް ފުއްދެމުންދާނެ.
 
އަބަދުވެސް ސަރުކާރުން ދެކެމުން އައި އެއް ޙަޤީޤަތަކީ، ޤައުމެއް ތަރައްޤީ ކުރުމަށްޓަކައި، ރަށެއް ތަރައްޤީވެދިޔުމަށްޓަކައި، ދިއްފުށި ތަރައްޤީވުމަށްޓަކައި، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅެން ޖެހޭނެއޭ. ދިއްފުށްޓާއި އަދި އެހެން ރަށްރަށާ ގުޅާލެވެން ޖެހޭނެއޭ. މި ސަރުކާރުން ވަޢުދުވިން، 7 އަހަރު ދުވަހުގެ ތެރޭގައި، ފުރިހަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ހުރިހާ ރަށްތައް ގުޅާލުމަށް. އަދި ފުރަތަމަ ދެއަހަރުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްދޭނެ ކަމަށް. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި، މި ދިއްފުށީގެ 1588 މީހުން ދަތުރަށް އަރާފައިވާތީވެ. އަދި މި ދިއްފުށްޓަށް 1701 ފަހަރު ދަތުރު ނިންމާފައި އޮތްކަމީވެސް، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ޕާޓީއަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ރަށްތަކުގައި ވިޔަފާރި ތަރައްޤީ ކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، ދިއްފުށި ތަރައްޤީ ކުރުން. މި ސަރުކާރު އުފެދިގެން އައީ، ދިއްފުށީގެ ތަރައްޤީގެ ތަޞައްވުރަކާއެކީގައި. މި ސަރުކާރު އުފެދިގެން އައީ، ދިއްފުށްޓަށް ބަދަލު ގެނައުމަށްޓަކައި އަޅުގަނޑުމެންގެ މަންޒަރެއް އޮވެގެން، އަޅުގަނޑުމެންގެ ޚިޔާލެއް ހުރެގެން.      އެ ޚިޔާލަކީ، އެ މަންޒަރަކީ، އަޅުގަނޑުމެން ރާއްޖޭގެ އެންމެހާ ރައްޔިތުންނާ، އޭގެތެރޭގައި، ދިއްފުށީ ރައްޔިތުންނާވެސްއެކު މަޝްވަރާކޮށް، ޚިޔާލު ހޯދައި، އަޅުގަނޑުމެން އެކުލަވައިލާފައިވާ ތަޞައްވުރެއް. އަޅުގަނޑުމެނަށް، ދިއްފުށްޓަށް އެހެން ގޮތެއް ހޯދައިދެވޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ދިއްފުށްޓަށް އެހެން ގޮތެއް ހޯދައިދޭނަން.
 
ތަރައްޤީވާން މިޖެހެނީ އިންސާނާ، ސީދާ މީހާ. ތަރައްޤީއަކީ އިންސާނުން ތަރައްޤީވީމާ، އަޅުގަނޑުމެންނަށް ޙާޞިލްވާ ކަމެއް. ދަރިވަރުންގެ ކިޔެވުމަކީ ނުހަނު ބޭނުންތެރި ކަމެއް. އެހެންވީމާ، ސަރުކާރުން އެއްދަންފަޅީގެ މަދްރަސާއާއި، ވަށާޖެހޭ ތަޢްލީމެއް ދިނުމަށް އަމާޒު ހިފަނީ. ދިއްފުށީގައިވެސް އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެއްދަންފަޅިއަށް މަދްރަސާ ބަދަލުވެގެންދާނެ. އަދި އަދުގެ ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މި ސަރުކާރަށް އުފާވެރިކަން ލިބެނީ، މިދިޔަ 2010 ވަނަ އަހަރު ދިއްފުށީ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި އެއްލައްކަ ތިރީސްފަސްހާސް ފައްސަތޭކަ އެގާރަ ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބިފައިވާތީވެ. މި ސަރުކާރަށާއި މިޕާޓީއަށް ހިތްވަރު ލިބެނީ، ދިއްފުށީ ދަރިވަރުންނަށް ބޭރުގެ އިމްތިޙާންތަކުގައި ބައިވެރިވުމަށް ދައްކާންޖެހޭ އިމްތިޙާން ފީ ދެއްކުމަށް ސަރުކާރުން ފަންސާސް ފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ ޚަރަދު ކުރެވިފައިވާކަމުން.
 
ދަތުރުފަތުރު ކުރުމުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ބަނދަރު ހެދުމަކީ މުހިންމު ކަމެއް. އަދި ބަނދަރެއް ހެޔޮގޮތުގައި ބޭނުންކުރުމަކީ އެއަށްވުރެވެސް އަދި މާ މުހިންމު ކަމެއް. ސަރުކާރުން މިއަދު މިފަށްޓަނީ، ދިއްފުށީ ބަނދަރު އަލުން އަނބުރާ މިހާރު އަދި ކުރީގައި އެއޮތް ވަރަށްވުރެ މާ ފުރިހަމަ ގޮތުގައި ނިންމުމަށް. ބޭރުގައި ބޮޑުހިލަ ޖަހައި، އެތެރޭގައި ރިވެޓްމަންޓް އެޅި، ފުރިހަމަ ބަނދަރެއް މިރަށުގައި ހެދުމަށް. މި ބަނދަރު ހެދުމަށްޓަކައި މިއަހަރުގެ ތެރޭގައި، އެކާވީސް މިލިއަން ޚަރަދުކޮށް، އިރާދަކުރެއްވިއްޔާ، އަހަރު ނިމޭއިރުގައި ފުރިހަމަ ބަނދަރެއް ދިއްފުށްޓަށް ލިބޭނެ. މި ސަރުކާރަކީ ބަނދަރު ހަދާ ސަރުކާރެއް ނޫން. މި ސަރުކާރަކީ ތަރައްޤީގެ ނާރެސްތަކެއް އުފައްދާން ބޭނުންވާ ސަރުކާރެއް. މި ސަރުކާރުން އުފައްދާންވެގެން މިއުޅެނީ، ދިއްފުށްޓަކީ ތަރައްޤީއަށް ފަހިވާ އަދި ދިއްފުށްޓާއި މިއަތޮޅު އެހެން ރަށްރަށާ ގުޅިފައި އޮންނަ ރަށަކަށް، މި ރަށް ހެދުން. އެ ގުޅުން ގުޅުވައިދޭ ނާރެސްއަކީ ބަނދަރު. އެހެންވީމާ، އެތަނުގައި ބަނދަރެއް އަޅާން މިޖެހެނީ. ބަނދަރެއް އަޅަނީ، ހަމަ ބަނދަރެއް އަޅާކަށެއް ނޫން. ބަނދަރެއް އަޅަނީ ތަރައްޤީ ކުރުމަށްޓަކައި. ބަނދަރެއް އަޅަނީ، އެ ބަނދަރުގެ ހުރިހާ ބޭނުންތަކެއް ދެނެގަނެ، އެހުރިހާ ބޭނުންތަކެއް، އެ ބަނދަރު މެދުވެރިކޮށް ކުރުމަށްޓަކައި. އިރާދަކުރެއްވިއްޔާ ބަނދަރާއެކުގައި މިރަށަށް ފެރީ ޓަރމިނަލެއްވެސް މިއަހަރުގެ ތެރޭގައި ލިބިގެންދާނެ.
 
ދިއްފުށީ މަސްވެރިން ގާތު ދަންނަވަން އޮތް ވާހަކައަކީ، އެނގިވަޑައިގަންނަވާނެ، މީގެ މަސްތަކެއް ކުރީގައިވެސް ރާއްޖޭގައި ދޮޅު ކިލޯ ހަމަނުވާ މަހަކަށް ލިބެނީ ދެރުފިޔާ ބައި ނުވަތަ ފަސްރުފިޔާ. ނުވަތަ އެންމެ ބޮޑުވެގެން ފަސްރުފިޔާ. މި ސަރުކާރުން އަބަދުވެސް އަމާޒަކީ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުން. އެހެންވެގެން، މަސްވެރިކަން ދޫކޮށްލައި، މަސްވެރިކަމުގެ ސިޔާސަތު ބަދަލުކުރީ. މިއަދު މަސްކިލޯއަކަށް ދިހަ ބާރަ ރުފިޔާ، ސާދަ ރުފިޔާ ލިބޭކަމީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، މަސްވެރިންނަށް ރަނގަޅު ފައިސާ ލިބޭނެގޮތް ފަހިކޮށްދިނުން. އަދި އެއަށްވުރެ އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، އެހެން ބާވަތުގެ ކަނޑުގެ ރޯދި ބޭނުންކޮށްގެން، ރާއްޖެއަށް އުފެއްދުންތެރިކަން ހޯދުން. އެކުއަރކަލްޗަރއާއި، މެރިކަލްޗަރގެ ގޮތުން ރާއްޖެއަށް އުފެއްދޭންހުރި ހުރިހާ ކާނާއެއް އުފެއްދުން. މި ދުއްފުށްޓަކީ އިއްސަށް ދިޔުމާއި، ލަނޑާ ނެގުމާއި، މިކަންކަމުގައި މަޝްހޫރު ރަށެއް. މިފަހަރުގެ ބަޖެޓްގައި، މިމަސައްކަތްތަކަށް ލުއި ލޯނު ފަހިކުރެވިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އިރާދަކުރެއްވިއްޔާ، ދިއްފުށީ މަސައްކަތްތެރީންނަށް އެ ލުއި ލޯނުން ފައިދާވެ، މިރަށުގެ ތަރައްޤީއަށް ކަންކަން ފަހިވެގެންދާނެ.
 
ފަތުރުވެރިކަން މިހާރު މިވަނީ ކުރިއަށްވުރެ މާބޮޑަށް ހުޅުވާލެވިފައި. ރަށްރަށުގައި ގެސްޓްހައުސް ހެދުމުގެ ހުއްދަ މިވަނީ ސަރުކާރުން މިހާރު ޢާންމު ރަށްރަށަށް ދެވިފައި.         މި ދިއްފުށްޓަކީ އެގޮތުން ތަރައްޤީ ކުރެވޭނެ ރަށެއްކަން އަދި ގެސްޓުންނަށް ފަސޭހަކަމާއެކީގައި އުޅެވި، އެމީހުންނަށް ރިވެތި ގޮތުގައި އުޅެވޭނެ ތަނަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ، ސަރުކާރުން ކުރާނަން. އަދި މިރަށުގައި، މިރަށުގެ އަމިއްލަ ފަރާތްތަކުން ޓުއަރިޒަމްގެ ވިޔަފާރި ތަރައްޤީ ކުރާން ބޭނުންނަމަ، އެ ދޮރުވެސް މިއަދު މިވަނީ، ސިޔާސަތަށް ގެނައި ބަދަލާއެކުގައި ހުޅުވާލެވިފައި. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، ދިއްފުށީގެ ތަރައްޤީ. އަޅުގަނޑުމެން މިމަސައްކަތުގައި މިތިބެނީ، ވެރިކަމުގެ އާރާއި ބާރަށްޓަކައެއް ނޫން. ވެރިކަމުގެ އަރާމަށްޓަކައެއްވެސް ނޫން. އޭގެ ލައްޒަތާއި، އޭގެ ޝަހެންޝާހަށްޓަކައެއްވެސް ނޫން. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، ދިއްފުށީ ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުން. އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ، އަޅުގަނޑުމެންގެ ދަރީންނާއި، އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް މިއަށްވުރެ ރަނގަޅު ގޮތެއް ލިބުން. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ފެންނަމުން މިއަންނަނީ، އެ މަންޒަރޭ. އަޅުގަނޑުމެންނަށް ފެންނަމުން މިއަންނަނީ، އުފާވާ ޒަމާނޭ، އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.
 
والحَمْـدُ لِلّـهِ والســّلام عليــكم.
 
_______________________