ރައްޔިތުންގެ ރުހުން ހޯއްދެވުމުގައި ވާދަވެރި ސިޔާސީ ޕާޓީތަކުން ހިންގަވަމުން ގެންދަވާ ޙަރަކާތްތަކަށް އެކިކަހަލަ ހުރަސްތައް މެދުވެރި ކުރައްވަމުން ގެންދެވުމަކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެއްގޮތަކަށްވެސް ތަރުޙީބުދެއްވާ ކަމެއްނޫނެވެ.

 
05 ފެބްރުއަރީ 2011 ވާ ހޮނިހިރު ދުވަހު ވޯޓްނެގުމަށް ހަމަޖެހިފައިވާލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕޭން ކުރައްވަނިކޮށް 28 ޖަނަވަރީ 2011 ވީ ހަފްތާގެ ބަންދުތެރޭގައި، ހުވަދުއަތޮޅު ކާޑެއްދޫގަޔާއި، ކޮޅުމަޑުލު މަޑިފުށީގަޔާއި ތިމަރަފުށީގައި، ވާދަވެރި ސިޔާސީ ޕާޓީ، ޑީ.އާރު.ޕީ.ގެ އެންމެ އިސް ވެރީންނާ ދިމާކުރައްވައި ހަމަނުޖެހުން އުފައްދައި، އެބޭފުޅުން ބޭއްވެވި ޖަލްސާތަކުގެ އަމާންކަން ނަގާލައްވަން ބައެއް ފަރާތްތަކުން ކުރައްވާފައިވާ މަސައްކަތްތަކަކީ، ޑިމޮކްރަސީގެ ރޫޙާއި ހަމަތަކާއި ރިވެތި އުސޫލުތަކާ ޚިލާފް ޢަމަލުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.
 

ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި ޖަލްސާތައް ހިންގުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާ މިދުވަސްވަރު، ޤައުމީ މަޞްލަޙަތު އިސްކުރައްވައި، ވާދަވެރި ސިޔާސީ ހުރިހާ ފަރާތަކަށްމެ އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ ހަމަހަމަ ޙައްޤުތައް ލިބިދެއްވައިގެން އިންތިޚާބުތަކާބެހޭ ކަންތައްތައް ކުރިއަށްގެންގޮސްދެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ. ސުލްހަވެރި ސިޔާސީ ހަރަކާތްތަކާ ދިމާކޮށް، ކުރިމަތިލުންތަކާއި ހަމަނުޖެހުމާއި، ހުރަސްއެޅުމާއި، މާރާމާރީގެ ޢަމަލުތައް ނުހިންގެވުމަށާއި، ޤައުމުގެ އެންމެހާ ރައްޔިތުންގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި އެކުވެރިވުން އިސްކުރެއްވުމަށްވެސް، ސިޔާސީ ހުރިހާ ޕާޓީއެއްގެ ވެރީންނަށާއި އެންމެހައި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައެވެ.