بســماللّـهالرّحمـنالرّحيــم

 
ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު އަދި ފައިނުގެ އެންމެހާ ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް، މިރަށުގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑަށް ވަރަށް އުފަލާއެކީގައި މިއަދު ކަތީބު އެވިދާޅުވި ދެވާހަކައަށްވެސް އާއެކޭ ދެންނެވެން އެބައޮތް. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުން، އަޅުގަނޑު ތިޔަބޭފުޅުންނަށް ކޮށްދޭ ކަމެއް ނެތް. މި ރާއްޖެ، ރާއްޖެއަށް ކުރާ ކަންކަން ހުރީ. މިރަށު ރައްޔިތުން، މިރަށަށްޓަކައި ކުރާ ކަންތައްހުރީ. މި ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތާ އަޅުގަނޑުމެން ޙަވާލުވެ މިތިބީ. މި މަސައްކަތާ މި ސަރުކާރުން ޙަވާލުވީ، ފައިނު ކުރިއަށް ގެންދާނެ ގޮތުގެ ތަޞައްވުރެއް، ވިސްނުމެއް، ކުރެހުމެއް، މަންޒަރެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގައިގެން.
 
ސަރުކާރު ހިންގުމާ ޙަވާލުވުމުގެ މާކުރީގައިވެސް، އަޅުގަނޑުމެން ހަމަ ކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީއިން ރާއްޖޭގެ ވަރަށްގިނަ ތަންތަނަށް ދަތުރުކުރި. ވަރަށްގިނަ ގޭގެއަށް ޒިޔާރަތްކުރި. ވަރަށްގިނަ މީހުންނާ ބައްދަލުކުރި. އަޅުގަނޑުމެން، ރާއްޖޭގެ ރައްޔިތުންގެ ބަސް، އަޑު އެހީމު. އެ ރައްޔިތުން ދައްކަމުން ގެންދިޔަ ވާހަކަތައް އަޅުގަނޑުމެންނަށް ސާފު. މިރަށުގެ ބިން ބޭނުން ނުކުރުމާއި، މިރަށުގައި ބަނދަރެއް ނެތުމާ، އެއީ އެއްކަންތައް. އެދެކަންމެ އޮންނަނީ ގުޅިފައި. ބިން ބޭނުންކުރެވެން ފެށޭނީ، ފަސޭހައިން ލަފާފުރާނެ ގޮތެއްވެސް ހަމަޖެހިގެން ދިޔައީމާ. ކަންދިމާކުރި ގޮތުން، ތިބޭފުޅުންގެ ވަފްދެއް، ތިބޭފުޅުންގެ ތެރެއިން ބޭފުޅުންކޮޅެއް، އަޅުގަނޑަށް ލިބުނު، އެބޭފުޅުންނާ ބައްދަލުކުރުމުގެ ފުރްޞަތު، މިދިޔަ އަހަރުގެ ތެރޭގައި.  އެބޭފުޅުން އެދުނު، ބަނދަރުގެ ކަންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައިދިނުމަށް. ސަރުކާރުގެ ތެރެއިން އޭރު އެކަން ކުރެވެންހުރި ގޮތްތަކެއް އަޅުގަނޑު ހޯދިން. އަޅުގަނޑަށް އެނގުނީ، 2010 ވަނަ އަހަރު ކުރެވޭނެ ކަމަކީ، އެއާ ގުޅޭ ސަރވޭ ހެދުމާއި، ހިނގާނެ ޚަރަދެއް އޮޅުންފިލުމާއި، އަދި ދެން އެކަން ކުރުމަށް ގެންދާނެ ގޮތެއް ވިސްނުން ކަމަށް. މިތަނުގައި ހަދާ ބަނދަރު ތަފާތުވާނެ. އެހެން ނަމަވެސް، ކުޑަތަންކޮޅެއް އަގު ބޮޑުވާނެ. ފައިނުގައި ހަދާ ބަނދަރުގެ އަގެއް ކަމަށް މިހާރު އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ، ތިރީސް ހަތަރު މިލިއަން ހަތަރު ލައްކަ ރުފިޔާ. މިހާރު މިވަނީ ކޮންޓްރެކްޓްގައި ސޮއި ކުރެވިފައި. އެމަސައްކަތް ހިންގާ ކުންފުނިން ދާދި އަވަހަށް އަޅުގަނޑު މި އުންމީދު ކުރަނީ، މަސައްކަތް ފަށައިގަންނާނެ ކަމަށް. ކޮންޓްރެކްޓް ކުރެވިފައި މިވަނީ، މިއަހަރުގެ ތެރޭގައި އެމަސައްކަތް ނިންމުމަށް. އިރާދަކުރެއްވިއްޔާ، ތިބޭފުޅުންނަށް މިއަހަރު ނިމުމުގެ ކުރީގައި، ތިބޭފުޅުންގެ ބަނދަރު ލިބޭނެ.
 
ފައިނުގެ ބިން ބޭނުންކުރުމަށްޓަކައި، ސަރުކާރުން ހިންގާ އެންމެބޮޑު އެއް މަޝްރޫޢަކީ، ދަތުރުފަތުރު ކުރުމުގެ އެހެން ނިޒާމެއް ޤާއިމް ކުރުން. މި ފައިނާ އަދި ޖެހިގެން އޮތް ކިނޮޅަހާވެސް، އަދި އެހެން ރަށްރަށާވެސް ގުޅުވާލެވޭނެ ގޮތެއް، ދަތުރުގެ ނިޒާމުން ހުޅުވާލެވޭނެ އިންތިޒާމެއް ހަމަޖެއްސުން. ތަރައްޤީ އަޅުގަނޑުމެންނަށް މިލިބެނީ، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރީމާ. އެއްއަތުން އަނެއް އަތަށް ތަކެތި ބަދަލުވީމާ. ވިޔަފާރި ކުރިއަރައި ދިޔައީމާ. އެހެންވީމާ، ސަރުކާރުން ވަޢުދުވީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް. އަދި 7 އަހަރު ދުވަހުގެ ތެރޭގައި އެކަން ކުރުމަށް. ފުރަތަމަ ދެއަހަރުގެ ތެރޭގައި، އެކަމުގެ އަސާސީ ޚިދްމަތްތައް ފަށައިގަތުމަށް. އަޅުގަނޑު މިއަދު އުފާވަނީ، މިރަށުގެ ކޮންމެ ދުވަހަކުވެސް، މިރަށުގެ ފަސް ހަމީހަކު ފެރީގެ ނިޒާމު ބޭނުންކުރޭ. އެއީ، އަޅުގަނޑަށް ލިބިފައި ހުރި ހިސާބު މަޢްލޫމާތު. އެކަމަކު އަޅުގަނޑަށް މިއަދު އެކަން ޔަޤީންވެއްޖެ. މިރަށުގެ ކުޑަކުއްޖެއް، އަތް ބިންދައިގެން ގޮސް ހުއްޓައި، އަޅުގަނޑު އޭނަ ގާތު އެހިން، ކޮންތާކުންތޯ ބޭސްއެޅީ. އޭނަ ބުނި އުނގޫފާރުންނޭ. އަޅުގަނޑު އޭނާ ގާތުގައި އެހިން، ކޮންހެނެއްހޭ އުނގޫފާރަށް ދިޔައީ. އޭނަ ބުނި ފެރީއިންނޭ. އަޅުގަނޑުމެން ބޭނުންވަނީ، އެ ނިޒާމް ފުރިހަމަކުރަން. ސަރުކާރުގެ އަމާޒަކީ، އެކަން އަދި މިހާރަށްވުރެ ބޮޑަށް ތަރައްޤީ ކުރުން. ދުވާލަކު ތިންފަހަރު މިރަށުން ފުރޭގޮތް ހެދުން. އަދި ދުވާލަކު ތިންފަހަރު މިރަށަށް ލެފޭގޮތް ހެދުން. މިރަށުގައި ފެރީ ޓަރމިނަލެއް ޤާއިމް ކުރެވި، އެޚިދްމަތް ފުޅާކޮށް، މިރަށުގައި ދެވެން ފެށޭނެ ގޮތެއް ހޯދުން. އިރާދަކުރެއްވިއްޔާ، މިހިނގާ 2011 ވަނަ އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް އަދި ވަކިން އިތުރަށް އެމަސައްކަތް ކުރިއަށް ގެންދެވޭނެ.
 
ސަރުކާރުގެ އަބަދުވެސް ބޭނުމަކީ، ރާއްޖޭގެ ތަރައްޤީ. އަޅުގަނޑުމެންގެ މަސައްކަތަކީ، ރައްޔިތުން މުއްސަނދި ކުރެވޭތޯ ބެލުން. ރައްޔިތުންނަށް ތަނަވަސްކަމެއް ހޯދައިދިނުން. ރައްޔިތުން ފަޤީރުކަމުން ސަލާމަތްވާނެ މަސައްކަތްތަކާއި އިންތިޒާމްތައް ހަމަޖެއްސުން. މި ސަރުކާރު ވެރިކަން ހިންގުމާ ޙަވާލުވީއިރު، މި ރާއްޖޭގެ އާބާދީގެ ކޮންމެ ތިންމީހުންކުރެ އެކަކީ ނިކަމެތި ފަޤީރެއް. އެމީހާއަކީ އޭނާއަށް ރެޔާދުވާލަށް ދިހަ ބާރަ ރުފިޔާ ނުލިބޭ މީހެއް. ޤައުމެއްގެ އާބާދީގެ ތިންބައިކުޅަ އެއްބައި، ހައިހޫނު ނުވަތަ ނިކަމެތި ކަމުގައި ތިބެ، އެޤައުމެއް ތަރައްޤީ ކުރަން ވަރަށް އުނދަގޫވާނެ. މި ފައިނެއްވެސް ތަރައްޤީއެއް ނުވާނެ، ފައިނުގެ ގިނަ މީހުންނަކީ މިދެންނެވި ހާލުގައި، މިދެންނެވި ނިކަމެތި ގޮތުގައި ތިބި މީހުންނަށް ވަންޏަކާއެއް. އަޅުގަނޑުމެންނަށް ފެންނަނީ، ވަރަށް ކުޑަކުޑަ އެއްޗެއް މަތިމަތިން. އަޅުގަނޑު މިރަށަށް އަންނައިރުގައި، އަޅުގަނޑަށް އެނގޭ، ހުރިހާ ބޭފުޅުންވެސް ތި ތިއްބަވަނީ، ވީ އެންމެ ނަލައެއްވެ، އަދި ވީ އެންމެ ފުރިހަމަ މަރްޙަބާއެއް ކިޔުއްވުމަށްކަން. އަޅުގަނޑުގެ ހިތުގެ ފުންމިނުން ތިބޭފުޅުންނަށް އެކަމަށް ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، އަޅުގަނޑު ބޭނުން، ޢާންމު ދިރިއުޅުމުގައި ތިބޭފުޅުންނަށް ދިމާވާ ދަތި އަޅުގަނޑަށް އެނގެން. އަޅުގަނޑު ބޭނުމެއް ނޫން، މާލޭގައި ހުރެގެނެއް އެކަނި ރާއްޖޭގެ ވެރިކަން ކުރާކަށް. އެއީކީއެއް އަޅުގަނޑުމެން މިކަން ކުރަން އުޅޭގޮތެއް ނޫން. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެން ވެރިކަން ހިންގާން ބޭނުންވަނީ، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް. ރައްޔިތުން ނޭދޭ ކަމެއް ކުރުމުގެ މާނައެއް ނެތް. އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށް ކުރާ ހަމަ އެއްކަމެއްވެސް އިރާދަކުރެއްވިއްޔާ ނޯންނާނެ.
 
އަޅުގަނޑެއް ތިބޭފުޅުންގެ ފައިސާއަކު ނުޖެހޭނެ. އަޅުގަނޑެއް ތިބޭފުޅުންނަށްޓަކައި މަސައްކަތް ކުރުމެއްވެސް އިރާދަކުރެއްވިއްޔާ މަދެއް ނުކުރާނަން. އަޅުގަނޑުމެން އެންމެންނަށް އެނގޭ، ރާއްޖޭގައި ހުރި އެތައް ކިތަންމެ ޚިދްމަތަކީ، މިހާރަށްވުރެ މާބޮޑަށް ފުޅާކުރަންވެފައި ހުރި ޚިދްމަތްތައްކަން. އެހެން ނަމަވެސް، މިހާރު މިހުރި ޚިދްމަތްތަކަށްވެސް ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް އަތްނުފޯރާ ކަމަށްވަންޏާ، އެއީ ތަރައްޤީއަށް އެޅޭނެ ވަރަށްބޮޑު ހުރަހެއް. މަދަނައިގެ ވިއުގަ އެހެންވީމާ އުފެދިގެން އައީ، އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި ފައިނުގެ 66 މީހަކު، މިއަދުވެސް މަދަނައިގައި ރަޖިސްޓްރީވެފައިވާތީވެ. އަދި މި 66 މީހުނަށް، ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، ބޭސްފަރުވާއަށްޓަކައި މާލިއްޔަތުގައި ރައްކާ ކުރެވިފައި އޮތީތީ.
 
 ހަމައެހެންމެ، ޢުމުރުން 65 އަހަރުން މަތީގެ ދޮށީ ޢުމުރުގެ މީހުނަށް ޕެންޝަނެއް ދިނުމުގެ ކިތަންމެ ބޭނުމެއް އެބައޮތް. އޭގައި އޮތް އިޖްތިމާޢީ އަދި ޢަދާލަތު، އޭގައި އޮތް އިޖްތިމާޢީ އިންޞާފު އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ރާއްޖެ މިގޮތަށް އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ، ދޮށީ ޢުމުރުގެ މީހުން އިއްޔެގައި ނުހަނު ގިނަ މަސައްކަތް ކުރީތީވެ. މާދަމާ އަޅުގަނޑުމެން މިތިބީ ހަމަ އެ ޢުމުރަށްދާން. އަޅުގަނޑުމެންނަކަށް މާދަމާ ވާނެގޮތް ނޭނގިހުރެ، މިއަދު ބާރަށް މަސައްކަތެއް ނުކުރެވޭނެ. މާދަމާ ވާނެގޮތަކީ އިރާދަކުރެއްވިއްޔާ، އަތްފައިގައި ބާރު ދިޔައީމާ، ސަރުކާރުން ތިބޭފުޅުންނަށް ޕެންޝަންދޭނީ. އެއީ ހަމަ އިރާދަކުރެއްވިއްޔާ، މާދަންވާނެ ގޮތަކީ. އަޅުގަނޑުމެނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 14 މީހަކަށް ދެހާސް ރުފިޔާ ދެމުން ގެންދެވޭތާ މިވީ ދެއަހަރު. އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ، މިރަށަށް ކޮންމެ މަހަކު އަށާވީސްހާސް ރުފިޔާ ޕެންޝަންގެ ގޮތުގައި ދެވޭކަމުން.
 
އަޅުގަނޑު މިދެކެނީ، މި ރަށްރަށް ތަރައްޤީ ވުމަށްޓަކައި، ރަށުގެ އިޤްތިޞާދުގައި އަބަދުވެސް ފައިސާ ދައުރުވާންޖެހޭނެ. މިރަށަކީ ކުޑަ ރަށެއް. އެހެން ނަމަވެސް، މިއީ ޖަޒީރާ ޤައުމެއް. ދިވެހިރާއްޖޭގައި އެކުލެވިގެންވަނީ، ކުދި ރަށްރަށާއި ބޮޑެތި ރަށްރަށް. ބޮޑެތި ރަށްރަށުގައި ކުދި އާބާދީތައް އުޅުނީމާ، ކުޑަ ރަށެއްގެ ގޮތުގައި އެރަށް ކިޔާން، ޙަޤީޤަތުގައި އުނދަގޫ. އެއްގޮތަކަށްވެސް ރާއްޖޭގެ މުއްސަނދިކަމަކީ، ހަމައެކަނި ރާއްޖޭގެ މީހުންގެ ޢަދަދެއް ނޫން. އެއީ ވަރަށްބޮޑު ބައެއް. އެއީ ފުރަތަމަ އަމާޒު. ތަރައްޤީވާން މިޖެހެނީ ފައިނު މީހާ. ފައިނެއް ނޫން. ތަންދޮރުއޮޅުންފިލާން މިޖެހެނީ ފައިނު މީހާއަށް. ޤަދަރާއި ޢިއްޒަތެއް ލިބި، ޙައްޤުތަކެއް ލިބިގެންވާ ރައްޔިތެކޭ ބުނުމުގެ ފުރްޞަތު ލިބެން މިޖެހެނީ ފައިނު މީހާއަށް. ފައިނު ތަރައްޤީވާނީ އޭރުން، އެމީހާ ތަރައްޤީވީމާ.
 
މިރަށުގެ ބޮޑުބިން ތަރައްޤީ ކުރުމަށް، އޭގެ ހެޔޮ އިޤްތިޞާދީ ބޭނުން ހިފުމަށް، ސަރުކާރުގެ ވިސްނުން އެބަހުރި. މެދު އަދި ކުދި ފަންތީގެ ފަތުރުވެރިކަމަށް ރާއްޖޭގެ ރަށްތައް ހުޅުވާލުމުގެ އެންމެބޮޑު އެއްބޭނުމަކީ، މިފަދަ ބިން ބޮޑެތި ރަށްރަށުގެ ބިން އިތުރަށް ބޭނުންކުރެވޭނެ ގޮތްގޮތް ހޯދުން. މިވަގުތު މިއޮތީ، އެ ފުރްޞަތު ފައިނު ރައްޔިތުންނަށްވެސް ހުޅުވާލެވިފައި. އަދި ހަމައެހެންމެ، ލުއި ލޯނާއި، ބޭންކް ގެރެންޓީ ދިނުމުގެ މަޝްރޫޢެއް، ޕްރޮގްރާމެއް މިއަހަރުގެ ތެރޭގައި ހިންގޭނެ. އޭގެތެރެއިން ފައިނަށް އަމާޒުކުރެވޭ މިންވަރެއްވެސް އޮންނާނެ. މިރަށުގެ ވިޔަފާރިވެރިންނަށް، މިރަށުގެ ތަރައްޤީއަށްޓަކައި ހިންގާންހުރި މަސައްކަތްތަކަށް ފައިސާ ހޯދޭނެ ގޮތް އިރާދަކުރެއްވިއްޔާ، މިއަހަރުގެ ބަޖެޓްގެ ތެރެއިން އެއޮތީ ހަމަޖެހި ނިމިފައި. އެމަސައްކަތް ތިބޭފުޅުންނަށް ކުރިއަށް ގެންދެވޭނެ.
 
އަޅުގަނޑުމެން ހަމަ ހައްތަހާވެސް މަސައްކަތް ކުރަމުން މިގެންދަނީ، މިރާއްޖޭގެ ތަރައްޤީއަށްޓަކައި. މިރަށުގެ މަންޒަރު، އަޅުގަނޑުމެން ކުރަހާފައިވާ އެ މަންޒަރާ، ތިބޭފުޅުންނާ އެކީގައި ޙިއްޞާވެގެން، އެމަސައްކަތް ކުރުމަށް ނިހާޔަތަށް އަޅުގަނޑުމެން އެދެން. ފެބްރުއަރީ 5 ވަނަ ދުވަހު ބިންގާ މިއެޅެނީ، މިދެންނެވި ތަރައްޤީގެ، ފައިނުގެ ތަރައްޤީގެ މަސައްކަތުގެ އެންމެ މުހިންމު އެއް މުއައްސަސާ. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ، އިތުރު އެހެން ބައެއްގެ ފިކުރެއް ނޫން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ފުރަތަމަ ކަނޑައެޅުނުއިރު، އޭގައި ލިޔެވިފައި އޮތީ، ރާއްޖެއަކީ ޔުނިޓަރީ ދައުލަތެކޭ. ލާމަރްކަޒު ކުރާ ވާހަކައެއް، ޤާނޫނުއަސާސީއަކު އޭރަކު ނެތް. މާފަހުން 8 ވަނަ ބާބު، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރާއި، އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު ހުށަހަޅައި، 8 ވަނަ ބާބު ހިމެނުނީ. މިއަދު އަޅުގަނޑުމެން ތަންފީޛު ކުރާން މިއުޅެނީ، މިދެންނެވި އެމް.ޑީ.ޕީ. އަށް ނިސްބަތްވާ މެންބަރުންގެ ބަސްތައް.
 
ލާމަރްކަޒީކުރުން ނުވަތަ ބާރު ދޫކޮށްލުމަކީ، ދިވެހި ވެރިން ކޮށްއުޅުނު ކަމެއް ނޫން. މަދުން ނޫނިއްޔާ، އެއްވެސް ވެރިއަކު، ދެން ގޮތެއް ނެތިގެން ނޫނީ، ބާރު ދޫކުރުން އެއީ، މިއޮންނަނީ ނުވާކަމަކަށްވެފައި. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީ ބާރު ދޫކުރާން. އަޅުގަނޑު ހަމަގައިމުވެސް މި ވެރިކަމަށް އައީ، މި ވެރިކަމުގެ ބާރުތައް ކުޑަކުރުމަށްޓަކައި. ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބާރު، ދައުލަތުގެ އެންމެމަތީ ވެރިޔާގެ ކޮޅެއްނެތްކޮޅަށް ނިމުމެއް ނެތް ބާރު ކުރިއަށްވުރެ ކުޑަކުރުމަށްޓަކައި. އަޅުގަނޑުމެން ހިތްހަމަޖެހޭ، ޝަރީޢަތް މިހާރު މިއޮތީ މުސްތަޤިއްލު ކުރެވިފައި. ޝަރީޢަތް ކުރުމުގެ ބާރަކީ، ވަކި ބާރެއް. ސުޕްރީމް ކޯޓް މިހާރު މިއޮތީ އެކުލަވައިލެވިފައި. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހެއް ނޫން. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީވެސް، އިންތިޚާބާނުލާ އެތާ ތިއްބަވާ ބައެއް ނޫން. އެ ދެބާރު އަޅުގަނޑުމެން ވަކިކުރުމަށްފަހު، މިހާރު ކުރާން މިއުޅޭ ކަމަކީ، އަދިވެސް ވެރިކަމުގެ ފަރާތުގައި ހުރި އިތުރު ބާރު، މި ފައިނަށްދޭން. އެހެން ބަސްތަކަކުން ދަންނަވަންޏާ، އަޅުގަނޑު ރަށުގައި ހުރި ބާރެއް، ހުރި އެއްޗެއް، ތިބޭފުޅުންނަށްދޭން. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިރަށުގައި ހުރި އެއްޗެއް، އެހެން ރަށަކަށްދޭން މިރަށު މީހުން އިންކާރު ކުރާނެވަރު. އަޅުގަނޑުމެންގެ ރަށަށް، އެ ބާރު އެއްކޮށްފައި އެއޮތީ މިދިޔަ އެއްހާސް އަހަރުގެ ތެރޭގައި. އަޅުގަނޑު މިއުޅެނީ، އެކުވެރިންކޮޅަކާ އެކީގައި، ތިބޭފުޅުންނަށް އެބާރުދޭންވެގެން. އެ ބާރު އެއްކޮށްފައި އަދި އެބާރު ދިނުމުގައި އަޅުގަނޑާ އެކުގައިމިވާ އެމް.ޑީ.ޕީ.ގެ ލީޑަރޝިޕަކީ، މާލޭގެ ވެރިކަމުގެ ޚާންދާންތައް. ޒަމާންވީ ޚާންދާންތައް. އެބޭފުޅުންގެ ކާބަފައިން އެއްކޮށްފައި އޮތް ބާރެއް. އެ ބާރު އެބޭފުޅުންނާ އެކުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއުޅެނީ ދޫކުރާން. އަޅުގަނޑު ތިބޭފުޅުންގެ ކިބައިން އެދޭނީ، މިކަން އަޅުގަނޑުމެން ކުރާއިރުގައި، އަޅުގަނޑަށް ފުރްޞަތެއް ދެއްވައްޗޭ. އަޅުގަނޑުމެން ބޭނުމޭ، މިރަށް ތަރައްޤީ ކުރަން. އަޅުގަނޑަށް އެކަންވާންއޮތީ، އަޅުގަނޑު ދަންނަ، އަޅުގަނޑު ފަރިތަ މީހުނާ އެކީގައި. އަދި އަޅުގަނޑުމެންގެ ފަލްސަފާއާއި، އަޅުގަނޑުމެންގެ ވިސްނުން ގަބޫލުކުރާ ބަޔަކާ އެކީގައި. އެއްއަތުން އާއެކޭ ބުނެ، އަނެއް އަތުން ނޫނެކޭ ބުނާ އުޞޫލުން އަޅުގަނޑުމެންނަކަށެއް މިކަންކަމެއް ނުކުރެވޭނެ. ކުރިއަށް ދާންޖެހޭނީ. ދާންޖެހޭނީވެސް ބާރަށް. ފަހަތަށް އަޅުގަނޑުމެންނަކަށެއް ނުޖެހެވޭނެ. ހުއްޓުމެއް ނުގެނެވޭނެ. މާ ގޯސްގޮތެއް ވެދާނެތީ، ކަންބޮޑެއް ނުވެވޭނެ. ކުރިއަށް ހަމަ ދާންޖެހޭނީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ހަމަ ދާނީ ކުރިއަށް. މާ ގޯސްގޮތެއް އިރާދަކުރެއްވިއްޔަކާއެއް ނުވާނެ. ރަނގަޅަށް ވިސްނާފައި، އަޅުގަނޑުމެން ދެން ކުޅޭ ކުޅި ކުޅުނީމާ. އަޅުގަނޑުމެންނެއް ހަމަ އެއްވެސްއިރެއްގައެއް ގެ ހުސްވާ ކުޅިއެއް އިރާދަކުރެއްވިއްޔަކާއެއް ނުކުޅޭނަން.
 
އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ރަށްރަށުގެ ތަރައްޤީ. މި ރާއްޖޭގެ ޙާލަތު ބަދަލުކުރުން. ތަނަވަސްކަންމަތީގައި، ހާސްކަމެއްނެތި އުޅޭނޭ ރައްޔިތެއް އުފެއްދުން. އަޅުގަނޑަށް ހަމަ ޔަޤީން، މިރަށު ރައްޔިތުންނާ އެކުގައި، އަދި މިއަތޮޅު ރައްޔިތުންނާއި، އަދި މި ރާއްޖޭގެ އެންމެ ރައްޔިތުންނާ އެކުގައި އަޅުގަނޑުމެނަށް މިމަސައްކަތް ހިންގޭނެ. އަޅުގަނޑަށް ފެންނަނީ ހަމަ އުފާވާ ޒަމާނެއް. އަޅުގަނޑު ދަންނަވާނީ، އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ. އުފާވެރިވި މި ރާގޭ.
 
والحَمْـدُ لِلّـهِ. والســّلام عليــكم
 
_______________________