بســماللّـهالرّحمـنالرّحيــم

 
ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ޓްރެއިންޑް އޮފިސަރުން އަދި އެމް.އެން.ޑީ.އެފް.ގެ އެންމެ ބޭފުޅުން، ވަޑައިގެން ތިއްބެވި ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި އަދި ވަކިން ޚާއްޞަކޮށް، މިއަދު އޮފިސަރުކަން ލިބިވަޑައިގަންނަވާ އެންމެ ބޭފުޅުންގެ ޢާއިލާތައް.
 
السّـلام عليـكم
 
ދިވެހި ސިފައިންނަށް އަދި އެމް.އެން.ޑީ.އެފް.އަށް މިއަދު އަޅުގަނޑަށް ފެންނަ ފެނުމުގައި މި ލިބެނީ ވަރަށްބޮޑު ކުރިއެރުމެއް. މީގެކުރީގައި، އަޅުގަނޑުމެންގެ ތެރޭގައި، ސިފައިންގެ ވެރިންގެ ގޮތުގައި ބޭފުޅުން ކަނޑައެޅިގެން މިދަނީ، ސިފައިންގެ އެންމެމަތީ ވެރިޔާއަށް އެއިރެއްގައި ފެނުނު ބޭފުޅުން އެއީ، އޮފިސަރުންގެ ގޮތުގައި ކަނޑައެޅެމުންދިޔަ ޒަމާނެއް އަޅުގަނޑުމެންނާ އަލްވަދާޢުކީކީއެއް މާ ކުރިއަކު ނޫން. މިފަހަށް އައިސް، އަޅުގަނޑުމެނަށް އޮފިސަރުކަން ދެވޭއިރުގައި، ބޭފުޅުންގެ ޙިކްމަތާއި، ބޭފުޅުންގެ ތަޢްލީމީ ފެންވަރާއި، އަދި ވަކިން ޚާއްޞަކޮށް، ހަނގުރާމައިގެ ހުނަރާއި، ޑިފެންސް ޕޯސްޓަކަށް، އޮފިސަރަކަށް ބޭނުންވާނެ އެހެން އެންމެހާ މަޢްލޫމާތުތައް ތިބޭފުޅުންނަށް ލިއްބައިދެވިފައި އެބަވޭ. އެހެން ނަމަވެސް، އޮފިސަރުންނަށް ޚާއްޞަ ޓްރޭނިންގއެއް ދެވިފައި މިވަނީ، ރާއްޖެއިން ބޭރުން. އެހެންވީމާ، ވަރަށްމަދު ފަހަރަކު އަދި މާބޮޑަށްވެސް އަޅުގަނޑުމެން ބޭނުންވާ މިންވަރަށްވުރެން މަދުން.
 
މިއަދު އަޅުގަނޑުމެނަށް ފަށައި މިގަނެވެނީ، ރާއްޖޭގައި އޮފިސަރުންގެ ޓްރޭނިންގ ކޯހެއް ހިންގައި، އެމް.އެން.ޑީ.އެފް.ގެ އޮފިސަރުކަން، މި ރާއްޖެއިން ހިންގޭ ކޯހަށްފަހު، ޓްރޭނިންގއަށްފަހު ދެވޭ ދެވުން. ލީޑަރުން ތައްޔާރު ކުރުން ނުވަތަ ވެރިން ތައްޔާރުކުރުމަކީ، ފަސޭހަކަމެއް ނޫން. އަދި ލީޑަރުން ހޯދުމަކީވެސް ފަސޭހަކަމެއް ނޫން. މިބާވަތުގެ ޓްރޭނިންގއެއް ނުހިންގޭނަމަ، އަދި ވަކި ޚާއްޞަ ޢިލްމުތަކެއް، ހުނަރުތަކެއް ލިބިގެން މެނުވީ، އަދާކުރެވޭ ބާވަތުގެ ވަޒީފާތަކަށް ބޭފުޅުން ނެގުމުގައި، ބަލަންޖެހޭ ބެލުންތަކާއި، ކަނޑައަޅަންޖެހޭ މިންގަނޑުތައް، ވަކި ޚާއްޞަ އިންސްޓިޓިއުޝަނެއް ކަނޑައެޅުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެހެން އެކަން ނުވަނީނަމަ، ވެރިންނަށް ނުވަތަ ލީޑަރުންނަށް ވެގެން އަބަދުމެ ދަނީ ކޮންމެހެންނަކުން އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅުންނެއް ނޫން. އަދި ހަމައެހެންމެ، ބައެއްފަހަރަށް ވަކި ޚާއްޞަ އިންސްޓިޓިއުޝަނެއް ނެތުމުން، ލީޑަރުންގެ ގޮތުގައި ތިބެންޖެހޭ އެތައް ބަޔަކަށް، އެ ފުރްޞަތު މިއޮންނަނީ ނުލިބިފައި.
 
މިއަދު އަޅުގަނޑުމެންނަށް މިފެށެނީ، ސިފައިންގެ ވެރިންނާއި ލީޑަރުން ތައްޔާރު ކުރުމުގެ ފުރަތަމަ މަރްޙަލާ. މިއަދު މި އޮފިސަރުކަން އަޅުގަނޑު ޙަވާލުކުރި 38 ބޭފުޅުންނަކީ، މަތީ ތަޢްލީމު ލިބިލައްވާފައި ތިއްބެވި ސިފައިން. އެހެންވީމާ، އިރާދަކުރައްވައިގެން، ކުރު މުއްދަތެއްގެ ތެރޭގައި، އެބޭފުޅުންނަށް އޮފިސަރުންނަށް ވެވޭނޭ ފެންވަރަށް މިއޮތީ އުނގަންނައިދެވިފައި. ކުރިއަށް އޮތް ތަނުގައި، މިހާރު ދެންވެސް ތިއްބެވި ތިބޭފުޅުންނާ އެއްގިންތިއެއްގައި ތިއްބެވި، އެއީ މަތީ ތަޢްލީމެއް ލިބި، އެހެން ނަމަވެސް، އެކަށީގެންވާ ރަނގަޅު މަގާމުގައި ވަޒީފާ އަދާކުރުމުގެ ފުރްޞަތު ލިބިފައިނުވާ ސިފައިންނަށް ހަމަ މި ފުރްޞަތު ހުޅުވިފައި އެބައޮތް. އޮފިސަރ ޓްރޭނިންގ ކޯސް ނިންމުމަށްފަހު، އޮފިސަރުންނަށް، އެބޭފުޅުންނަށް ވެލެއްވޭނެ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ރާއްޖޭގެ ސިފައިންނަކީ ތަމްރީނު ލިބިފައިވާ ވަރަށް ޕްރޮފެޝަނަލް އަދި ވަޒީފާގެ އަޚްލާޤުތަކާއި، މިކަމަށް ބޭނުންވާ އެންމެހާ ކެތްތެރިކަން އަދި އެންމެހާ ހުނަރުތައް، އެމީހުންނަށް ލިބިފައި ތިބި ބައެއް ބިނާކުރުން. ސިފައިންގެ ވާޖިބުތަކާއި، ސިފައިން އަދާކުރަންޖެހޭ ދައުރު އަޅުގަނޑަށް ޔަޤީން، ތިބޭފުޅުންނަށް ކުޑަކޮށްވެސް އޮޅިފައެއް ނުވާނެ. އަޅުގަނޑުމެންގެ ރާއްޖެ، ރާއްޖޭގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ، އަޅުގަނޑުމެންގެ ކާބަފައިން، މި ރާއްޖެ މިގޮތަށް އަޅުގަނޑުމެންނަށް ރައްދުކޮށްދެއްވީތީވެ. އަޅުގަނޑުމެންގެ ވާޖިބެއް، މި ރާއްޖޭގެ މިނިވަންކަމާއި، މި ރާއްޖޭގެ އިސްތިޤްލާލާއި އަދި އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ޘަޤާފަތާއި އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ދަމަހައްޓައި، ނަގަހައްޓައި، އަންނާން އޮތް ޖީލުތަކަށް، މި ރާއްޖެ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް.
 
މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ މި ޙަވާލުކުރާ މަސްއޫލިއްޔަތަކީ، މި ރާއްޖެ އަންނާން އޮތް ޖީލަށް ރައްދުކޮށްދިނުމަށް އެދި އަޅުގަނޑު ޙަވާލުކުރާ މަސްއޫލިއްޔަތެއް. އަޅުގަނޑު އަބަދުވެސް ދަންނަވަން، މިއަދު މިއޮތީ ހަވީރުވެފައޭ، އިއްޔެ ނިމި ގޮއްސިއޭ. އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހޯދެން އޮތީ މާދަމައޭ. މާދަމައަށްޓަކައި އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރާންޖެހޭ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް ކަށަވަރު، މިއަދު މި އޮފިސަރުކަން ލިބިލެއްވި ހުރިހާ އޮފިސަރުންވެސް، އެބޭފުޅުންގެ ޤާނޫނީ ވާޖިބު އަދި ޤައުމީ ވާޖިބު އަދި ވަކިން ޚާއްޞަކޮށް، އެބޭފުޅުންގެ ސިފައިންގެ ވާޖިބު އަދާކުރައްވަމުން ގެންދަވާނީ، އަކުރުން އަކުރަށް. ފިލިން ފިއްޔަށް. ތިބޭފުޅުންނާ މިއަދު މި ޙަވާލުކުރެވޭ މަސްއޫލިއްޔަތަކީ، އެއްވެސް ހާލެއްގައި ކުޑަ މަސްއޫލިއްޔަތެއް ނޫން. ތިބޭފުޅުންނަށް ހަތިޔާރާއެކުގައި، މި ރާއްޖެ ދިފާޢު ކޮށްދިނުމުގެ އެދުން އަޅުގަނޑު ތިބޭފުޅުންގެ ކިބައިން މި އެދެނީ. މި ރާއްޖޭގެ ޤާނޫނުއަސާސީ ޙިމާޔަތްކޮށްދިނުމާއި، މި ރާއްޖޭގެ މިނިވަންކަމާއި، މި ރާއްޖޭގެ އިސްތިޤްލާލާއި، އަޅުގަނޑުމެންގެ ޘަޤާފަތާއި، އަޅުގަނޑުމެންގެ ދީން ޙިމާޔަތްކޮށްދިނުމަށް އަޅުގަނޑު މި އެދެނީ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް މި މަސައްކަތް، އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ހެޔޮ ތައުފީޤު މާތްރަސްކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން.
 
والحمـد لِلّـه ربّ العـالمـين
 
___________________________