ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ޤާއިމްކުރެއްވުމަށް މަސައްކަތް ކުރައްވާ ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓާގުޅޭގޮތުން، މެލޭޝިޔާގެ ކުންފުންޏެއްކަމަށްވާ، ނެކްސްބިޒްއާ ގުޅިގެން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ މަސައްކަތް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުއްޓަވާލެއްވުމަށް އަންގަވާފައިވާތީ، އެ އެންގެވުމަށް ޢަމަލުކުރައްވައި، އެމަސައްކަތް ހުއްޓަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމަށް މިއަދު އަންގަވައިފިއެވެ.

 

މިކަން އަންގަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމަށް އެޑް ރެސް ކުރައްވައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ފޮނުއްވި ނޯޓުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، ޤާނޫނީ ބާރު ލިބިދީފައިވާ މިނިވަން މުއައްސަސާއަކަށްވުމާއެކު، އެ މުއައްސަސާއަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކުންވެސް އިޚްތިރާމްކުރައްވަންވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުން ހިންގަވާ ކަމެއް ލަސްކޮށްލެއްވުމަށް ނުވަތަ ހުއްޓަވާލެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަންގަވައިފިނަމަ، އެ ކޮމިޝަނުން އެންގެވި ގޮތަކަށް އެ އިދާރާއަކުން ވަގުތުން ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2010 އޮކްޓޯބަރ 21 ގައި ނެރުއްވި 62 ނަންބަރު ދެންނެވުމުން އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.