6 ފެބްރުއަރީ 2011ވާ އާދީއްތަ ދުވަހާއި، 13 ނޮވެމްބަރ 2011ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދެދުވަހެވެ. އެ ދެދުވަސް ބަންދުވަނީ، ޤައުމީ ދުވަސް ނުވަތަ ޖުމްހޫރީ ދުވަސް، ހުކުރު ދުވަހަކާ ނުވަތަ ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ، ވިދިގެން އަންނަ އާދީއްތަ ދުވަސް ބަންދު ކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 25 މެއި 2000 ގައި ނެރެފައިވާ ދެންނެވުމުން ހަމަޖައްސަވާފައިވާތީއެވެ.
 
މިދިޔަ ހޯމަ ދުވަހު ޝާއިޢު ކުރައްވާފައިވާ ދިވެހި ސަރުކާރުގެ ގެޒެޓްގެ ވޮލިއުމް 40ގެ 19 ވަނަ ޢަދަދުގައި ޝާއިޢު ކުރައްވާފައިވާ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގެ 17 ޖެނުއަރީ 2011ގެ އިޢްލާނާއެކު 2011 ވަނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ލިސްޓްވަނީ ހިމަނުއްވާފައެވެ. އެލިސްޓްގައި، ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާއި، ނޮވެމްބަރު މަހުގެ 13 ވަނަ ދުވަސް، މިދެންނެވި ގަވާއިދާ އެއްގޮތަށް ބަންދު ދެދުވަހުގެ ގޮތުގައިވަނީ ހިމަނުއްވާފައެވެ.
 

ޤައުމީ ދުވަހާއި، ޖުމްހޫރީ ދުވަސް އިސްތިސްނާ ކުރައްވާފައިވާ ފަދައިން، ރާއްޖެ އިސްލާމްވި ދުވަސްވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 27 ޖޫން 2000 ގައި ނެރުއްވި ދެންނެވުމުން އިސްތިސްނާ ކުރައްވާފައެވެ. އެދެންނެވުމުގައިވަނީ، ރަބީޢުލްއާޚިރް މަހުގެ 2 ވަނަ ދުވަސް، ރަސްމީ ބަންދު ދުވަހަކާ ދިމާވެއްޖެނަމަ، އެދުވަހުގެ ބަދަލުގައި، އެދުވަހުގެ ފަހުން އެންމެ ފުރަތަމަ އަންނަ ބަންދު ނޫން ދުވަސް، ރަސްމީ ބަންދު ދުވަހަކަށްވާނެ ކަމަށެވެ.