ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ހަވީރު ތިލަދުންމަތީ އުތުރުބުރީ މުރައިދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މުރައިދުއަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެ ރަށުގެ ރައްޔިތުން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

 
މުރައިދޫ ސްކޫލުގައި އެރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުމުގެ ވިސްނުމަކީ ސީދާ، ވެރިކަން ހިންގާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)ގެ ވިސްނުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގެ މަސައްކަތުގައި ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު، އެ ސިފަތަކާއި އުޞޫލުތަކުގެ ތެރޭގައި ލާމަރުކަޒީ އުޞޫލު ހިމެނިފައި ނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ޤާނޫނުއަސާސީގައި ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުން ހިމެނިގެން ދިޔައީ، އެމް.ޑީ.ޕީ.ގެ ދެ މެންބަރުން ކަމަށްވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ހުށަހެޅުއްވި ހުށަހެޅުއްވުމުގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތަން ހިންގައިގެން މެނުވީ ރާއްޖެއަށް ޙަޤީޤީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ނުލިބޭނެ ކަމަށާއި، މުރައިދޫގެ ތަރައްޤީއަށާއި މުޅި ރާއްޖޭގެ ތަރައްޤީއަށް އެޅޭ އެންމެ މުހިންމު ބިންގަލަކީ، ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވޭ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުންނާ ގާތުން، ރައްޔިތުންނަށް ޓަކައި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ކުރެވޭނެ ނިޒާމެއް ނުހޯދައި ޤައުމުތައް ތަރައްޤީވެފައި ނުވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ފުރިހަމައަށް ފެނިވަޑައިގަންނަވަމުން އެބަދާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މުރައިދޫގެ ތަޢްލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން، މުރައިދޫ ސްކޫލަކީ އެއްދަންފަޅިއަށް ހިނގާ، ވަށާޖެހޭ ތަޢުލީމެއް ދެވޭ ސްކޫލަކަށް މިދިޔަ އަހަރު ބަދަލުކުރެއްވުމުގެ ނަތީޖާ، އިއްޔެ ނުކުތް މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިޙާނުގެ ނަތީޖާއިން ސާފުވެވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކުރީއަހަރު މުރައިދޫއިން އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކު ފާސްވެފައި ނުވިޔަސް، މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި މުރައިދޫ ސްކޫލުން ބައިވެރިވި ކުދިންގެ ތެރެއިން ގިނަ ކުދިން ފަސް މާއްދާއިން ފާސްވެ، ވަރަށް ފުރިހަމަ ނަތީޖާއެއް ހޯދާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމާއި، އެހެންވެސް ޕްރޮގްރާމް ތަކުގެ ސަބަބުން، މުރައިދޫއަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އިތުރު ކުރިއެރުން ލިބިފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.
 

މުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ ރަށުގެ ނަރުދަމާ ހެދުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓްގައި ހިމެނި، އަދި އެ މަސައްކަތް މިއަހަރު ފެށޭނެކަން ހާމަކުރެއްވިއެވެ.