ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޓިއުނީޝިއާގެ މަސްރަޙާމެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، އެ ޤައުމުގެ މިހާރުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދެއްކެވީ، އެ ޤައުމުގެ ވާދަވެރި ލީޑަރު މޮންޗެފް މަރްޒޫކީއާ މިއަދު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
ރައީސުލްޖުމްހޫރިއްޔާ، ޓިއުނީޝިއާގެ ވާދަވެރި ލީޑަރާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތުގެ ތަޖުރިބާ ޙިއްޞާ ކުރައްވައި، ކައިރި މުސްތަޤްބަލެއްގައި، ޓިއުނީޝިއާގައި ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤާނޫނުގެ ވެރިކަން ޤާއިމްކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޓިއުނީޝިއާގައި ހިނގަމުންދާ މުޒާހަރާތަކުގައި، ޢާންމު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގަމުން ދިޔުމާއި، އިންސާނީ ޙައްޤުތަކާއި ޚިލާފު ޢަމަލުތަކެއް ހިންގާފައިވާތީ، އެކަންތައް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ.
 

މީގެއިތުރުން، ޓިއުނީޝިއާގައި ވަރަށް އަވަހަށް މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވައި، އެ ޤައުމުގައި އަލުން އަނބުރާ ޑިމޮކްރަސީ އިޢާދަކޮށް، އެ ޤައުމުގެ ރައްޔިތުންނަށް އިންސާފު ހޯއްދަވައިދެއްވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.