بســماللّـهالرّحمـنالرّحيــم

 
އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލްފާޟިލް މޫސާ މަނިކު، ދައުލަތުގެ ވަޒީރުން، އެމް.ޑީ.ޕީ ދާއިރާތަކުގެ ރައީސުން، ގޮފިތަކުގެ ރައީސުން އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެމް.ޑީ.ޕީ.ގެ އެންމެހާ މެންބަރުން އަދި ހަމައެހެންމެ، ވެލިދޫގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަނެއް ދިވެހިރާއްޖެ ރަށަށް، ކެމްޕޭނަށް މަރުހަބާ. އަޅުގަނޑުމެންގެ އަބަދުވެސް އޮތް ވެލިދޫގެ ތަޞައްވުރެއް. އަޅުގަނޑުމެން އަބަދުވެސް މިރަށް މަންޒަރު ކުރަމުން ގެންދިޔައިން. އަޅުގަނޑުމެންގެ ޕާޓީ، އެމް.ޑީ.ޕީ.އިން ވެލިދޫ، އެހެން ވެލިދޫއަކަށް ހެދުމުގެ ވިސްނުން، ވެލިދޫގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރުމަށް ކުރެވޭންހުރި ކަންކަމަކީ ކޮބައިތޯ، އެމް.ޑީ.ޕީ.އިން އަދި ޚާއްޞަކޮށް މިހާރު އެމް.ޑީ.ޕީ ސަރުކާރުން އަބަދުވެސް ގެންދިޔައީ ވިސްނަމުން. އެނގިވަޑައިގަންނަވާނެ، މިވޭތުވެދިޔަ ހަތަރު ފަސްއަހަރެއްގެ ތެރޭގައި، މިޕާޓީގެ ފަރާތުން މިރަށަށް ކިތަންމެ ފަހަރަކު ޒިޔާރަތްކުރިން. މިރަށުގެ އެއްގެއިން އަނެއް ގެއަށް އަޅުގަނޑުމެންގެ ވަރަށް ގިނަ މެންބަރުން ހިނގި. މިރަށުގެ ކިތަންމެ ބަޔަކާ އަޅުގަނޑުމެން މަޝްވަރާ ކުރިން، ވާހަކަ ދެއްކިން، މިރަށުގައި އަޅުގަނޑުމެން އެތައް ބަޙުޘެއް ކުރިން. ކިތަންމެ މަސައްކަތު ބައްދަލުވުމެއް ބޭއްވިން. އަޅުގަނޑުމެން މިރަށުގެ ރައްޔިތުންގެ އަޑު އެހިން. އެމް.ޑީ.ޕީ ގެ މެނިފެސްޓޯއަކީ، އެހެންވީމާ، މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ، މިރަށުގެ ރައްޔިތުންގެ އަޑު އެހުމަށްފަހު އެރައްޔިތުން އެ އަޅުގަނޑުމެންނަށް ސާފުކޮށްދިން މައްސަލަތައް ޙައްލުކޮށް، މިރަށް ތަރައްޤީކުރުމަށް އަޅުގަނޑުމެން ރާވާފައިވާ ސިޔާސަތުތައް އެކުލެވިފައިއެވަނީ އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގައި. 2009 ވަނަ އަހަރު އެނގިވަޑައިގަންނަވާނެ،       އެ ސިޔާސަތުތައް ބަދަލުވެގެންދިޔައީ ޤައުމީ ތަރައްޤީގެ އޮނިގަނޑަށް. 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ޚާއްޞަކޮށް ބަޖެޓުގެ ގޮތުގައި ޕްރޮގްރާމްވެގެން އެދަނީ، ހަމަ އެހެން ބަސްތަކަކުން ދަންނަވަނީނަމަ، ވެލިދޫ ތަރައްޤީކުރުމުގެ ޕްރޮގްރާމް. އަޅުގަނޑުމެން އެދުވަހު ބުނިން، އަޅުގަނޑުމެންގެ ރާއްޖެ އަދި އަޅުގަނޑުމެންގެ ވެލިދޫ އެއިރުއޮތީ ހަތަރުއަނގޮޅިއެއްގެ ކަންމަތީގައޭ. ވެލިދޫއަށް ވެލިދޫ ރައްޔިތުންނަށް ޚަރާބުގެ މަގަށްވެސް ދެވެން އެބައޮތޭ. އަދި ހަމަ އެރައްޔިތުންނަށް މުޅިން އެހެންގޮތެއް، އެހެން ދިވެހިރާއްޖެއެއް، އެހެން ވެލިދޫއެއް، އެހެން ގޮތެއް ހޯދެންއެބައޮތޭ.
 
ރާއްޖޭގެ ރައްޔިތުން ވަރަށް ސާފުކޮށް އަންގާދީފައިއެވަނީ، އެމީހުން ބޭނުންވަނީ މުޅިން އެހެން ގޮތެކޭ، އެހެން ދިވެހި ރާއްޖެއެކޭ. 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ އެގާރަވަނަ ދުވަހު    އެ އަނެއްގޮތް ހޯދުމަށްޓަކައި ވެލިދޫގެ ރައްޔިތުންނާއި ރާއްޖޭގެ އެންމެ ރައްޔިތުން މި ރާއްޖޭގެ އެންމެމަތީ ވަލީ އެމް.ޑީ.ޕީ އާ ހަވާލުކުރި. މި ރާއްޖޭގެ ސަރުކާރު ހިންގުން އަޅުގަނޑުމެނާ މިއޮތީ ހަވާލުވެފައި. އަޅުގަނޑުމެން މިގެންދަނީ އެމަސްއޫލިއްޔަތު އަދާކުރަމުން. މިރަށުގެވެސް އަދި ރާއްޖޭގެ އެހެން ރަށްރަށުގެވެސް ދޮރުން ދޮރަށް ގެއިން ގެއަށް އަޅުގަނޑުމެން ހިނގަމުންދިޔައިރު، ސާފުވަމުންދިޔަ ކިތަންމެ ކަންކަމެއްހުރި. އަޅުގަނޑުމެނަށް ސާފުވި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކީ ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެމުން އަންނަ ބަޔެކޭ. އދ. ގެ ހިސާބުތައް ބުނާގޮތުންވެއްޖިއްޔާ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުން ކުރެ އެކަކީ، އެމީހެއްގެ ބޮލަށް ރެއާ ދުވާލަށް ދިހަ ބާރަ ރުފިޔާ ނުޖެހޭ މީހެއް. އދ. އެ ބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ހުންނަ މީހެއް.
 
އަބަދުވެސް ސާފުވެފައިއޮތް އަނެއް ކަމަކީ، ޤައުމެއް ތަރައްޤީކުރުމަށް، ބައެއްގެ ހާލަތު، އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވުމަށް، އަޅުގަނޑުމެންގެ ޖީބަށް ވަންނަ ފައިސާ އިތުރުވުމަށް، ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ކުރާންޖެހޭކަން. އިންސާނީ ތަޖުރިބާ ދައްކާފައިއޮތް ޙަޤީޤަތެއްނޫން އެ،އީ ޤައުމެއްގެ ރައްޔިތުންގެ ތިންބައިކުޅަ އެއްބައި ބިކަ ހާލުގައިވަނިކޮށް އެޤައުމަކަށް ތަރައްޤީގެ މަގަކަށް ނުދެވޭނެ. ތަރައްޤީވާން މިޖެހެނީ ވެލިދޫއެއްނޫން، ވެލިދޫ މީހާ، މިއަތޮޅެއް ނޫން މިއަތޮޅު މީހާ، މިރާއްޖެއެއްނޫން މިރާއްޖެމީހާ. އެމީހާ ހައިހޫނުކަމުގައި ހުރެ އޭނާގެ ރަށް، އޭނާގެ އަތޮޅު، އޭނާގެ ޤައުމު ތަރައްޤީވެވޭނެ ގޮތެއް އެއީ، ވަރަށް ނާދިރުކަމެއް. އަޅުގަނޑުމެނަށް މަޖުބޫރުވެފައިމިވަނީ ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ފޯރުކޮށްދިނުން. އެރައްކާތެރިކަން ފޯރުކޮށްނުދީ ތަރައްޤީގެ އެއްވެސް ފިޔަވަޅެއް އަޅުގަނޑުމެންނަކަށް އެޅޭކަށެއް ނެތް. އެހެންވީމާ، މަދަނައިގެ ވިއުގަ އުފެދިގެން އައީ. އެހެންވީމާ، މި ސަރުކާރުން އެމް.ޑީ.ޕީ.އިން ވަޢުދުވީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުން ބޭސްސިޓީއަށް ސަލާންޖަހާ ޖެހުން އަޅުގަނޑުމެން ނައްތާލާނަމޭ. އަޅުގަނޑު މިރޭ އުފާވަނީ  މި ވެލިދޫގެ ރައްޔިތުންގެ ތެރެއިން ހަތަރުސަތޭކަ އެކަކު މަދަނައިގެ ރަޖިސްޓްރީވެފައިވާކަމަށް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އެއިން ކޮންމެ ވެލިދޫ ރައްޔިތަކަށް އެއްލައްކަރުފިޔާ، ދައުލަތުގެ މާލިއްޔަތުގައި ރައްކާކުރެވިފައިވާތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ މިދެންނެވި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމެއް ހަމަޖެހެމުން އަންނާތީ.
 
 އަޅުގަނޑު، މާލޭ ބައެއް ވިޔަފާރިވެރިން ގާތުގައި އަހަން، މީގެކުރީގައި ރައްޔިތުން ބޭސް ސިޓީއަށް ބޭސްހޯދުމަށްޓަކައި ފައިސާކޮޅެއް ހޯދުމަށް އަންނަމުން އެއައި މިންވަރަށް މިހާރުވެސް އާދޭތޯއޭ. އަޅުގަނޑު ގާތުގައި މާލޭ ވިޔަފާރިވެރިން ބުނަނީ ރައީސް މިހާރު އެކަން ވާލެއް ވަރަށް މަދޭ. އަޅުގަނޑަށް ޔަޤީން، ވެލިދޫގައިވެސް މިކަމުގެ ޙަޤީޤަތް މިއަދު އޮންނާނީ މިދެންނެވި ފަދައިންކަން. މަދަނައިގެ އިންތިޒާމުތައް އަދި އެންމެ ފުރިހަމަކަމުގައި ނުވީނަމަވެސް، އަޅުގަނޑުމެނަށް މިގެންދެވެނީ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމް ދުވަހެއް ދުވަހަކުން ހަރުދަނާ ކުރަމުން. މި ސަރުކާރަށް އަދި އަޅުގަނޑުމެންގެ ޕާޓީއަށްވެސް ވަރަށް ސާފުކޮށް އެނގޭ އަދި ގަބޫލުކުރާ އެއް ޙަޤީގަތަކީ، މިރާއްޖޭގެ ކިތަންމެ ކިތަންމެ ޚިދުމަތެއް މިހުރީ އަޅުގަނޑުމެން އެންމެ އެދޭ މިންވަރަށް ނޫންކަން. މިރާއްޖޭގެ ޞިއްޚީ ޚިދުމަތްތައްވެސް އަދި އެހެނިހެން ޚިދުމަތްތައްވެސް ކިތަންމެ ތަނަކުން ރަނގަޅުކުރާން އެބަ ޖެހޭކަން. އެހެންނަމަވެސް، ދެން އެނގޭ އަނެއް ޙަޤީގަތަކީ މިހާރު މިހުރި އަޅުގަނޑު މިދެންނެވި އަޅުގަނޑުމެން މިހިތްހަމަނުޖެހޭ ޚިދުމަތްތަކަށްވެސް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ރައްޔިތުންނަކަށް އަތެއް ނުފޯރައޭ. އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކަށްވީ، މިދެންނެވި ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަމެއް ފޯރުކޮށްދިނުން. އަޅުގަނޑުގާތުގައި މީހުން އަހާ، ކީއްވެތޯ ސާޅީސް މިލިޔަން ރުފިޔާ، ވެލިދޫގެ އިޖްތިމާޢީ ރައްކާތެރިކަމަށްޓަކައި ނުވަތަ މަދަނައިގެ ޚިދުމަތް ދިނުމަށްޓަކައި ބޭއްވިފައި މިއޮންނަނީ، މިރަށުގައި ކީއްވެތޯ އެވެނި މިވެނި ބިނާއެއް ނޭޅީ، އެވެނި މިވެނި ބޮޑު މަޝްރޫޢެއް ނުހިންގީ. ހަދާބޮޑު އިމާރާތެއްގެ ބޭނުމެއް ނެތް އެތަނަށް ވަންނާންތިބި ރައްޔިތުންގެ ހަކަތައެއް ނެތިއްޔާ. އަޅާ ކިތަންމެ ބޮޑު ބަނދަރަކަސް އަދި ކިތަންމެ ފުރިހަމަ ދަނާލަކަސް އެތަންތަނުގައި އުޅެވޭނެ ގޮތެއް ނެތް ރައްޔިތަކު ތިބިނަމަ އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ. ތަރައްޤީއަކީ ވަކިގޮތަކަށް ހިންގާ ކަމެއް. އެގޮތަށް އެކަން ހިނގީމާ ނޫނީ އެކަމެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.
 
 އެމް.ޑީ.ޕީ މި މޮޅުވަނީ އެޕާޓީއަކީ އެކަން ކުރަން ދަންނަ ޕާޓީއެއްކަމުން. އަޅުގަނޑުމެން ކާމިޔާބުވަނީ އަޅުގަނޑުމެންނަކީ ފަލްސަފާއެއް އޮވެގެން، ވިސްނުމެއް އޮވެގެން، ވަކި ކަމެއް ކުރަން ވަކި މަޤްޞަދަކަށްޓަކައި ނުކުންނަ ބަޔަކަށް ވާތީވެ. އަޅުގަނޑުމެންނަކީ ހަމައެކަނި، އަޅުގަނޑުމެންގެ އަމާޒަކީ، ވެރިކަމުގެ އާރާއި ބާރާ އޭގެ އަރާމު ހޯދުމަށް ނުކުމެ ތިބި ބައެއް ނޫން. އަޅުގަނޑުމެންނަކީ މަޤްޞަދަކަށްޓަކައި، ކަމަކަށްޓަކައި މަސައްކަތްކުރާ ބައެއް. އަޅުގަނޑުމެންގެ އެބޮތް ގޮތެއް، ފޮތެއް. އަޅުގަނޑުމެން ކޮންމެ ކަމެއްވެސް ކުރާނީ، އެގޮތާ އެފޮތުގައި އޮތްގޮތަށް. އެހެންވީމާ، އަޅުގަނޑުމެން ފާހަގަވަނީ. އެހެންވީމާ އަޅުގަނޑަށް ޔަޤީނީ މިވެލިދޫގެ ހުރިހާ ކެންޑިޑޭޓުން ކާމިޔާބު ކުރާނެކަން.
 
އަޅުގަނޑުމެނަށް މިރަށުންވެސް އަދި ރާއްޖޭގެ ކިތަންމެ ރަށަކުންވެސް، އެތައް މިތަނުން ހޮޅުއަށިތަކުން، ރުށްދޮށުން، ގޮނޑުދޮށްދަށުން އަދި މާލެއިންވެސް އަޅުގަނޑުމެން ދުށިން، ބިކަހާލުގައި ނިކަމެތިވެފައި، އަތްފައިގެ ބާރުދެރަވެފައިތިބި ކިތަންމެ ދޮށީ އުމުރުގެ ބައެއް. މާލޭގައިވެސް ގޯތިގެދޮރު ބަހަމުން ފޮތިކުރަމުންގޮސް، އެންމެފަހުން ކުރީގައި، ބަދިގެހުރި ތަނުގައި ހުންނަ ކޮޅުފިލާ ގޮނޑިއެއްގައި ހުއްޓިފައި ހުންނަނީ ކާފަ. އަތްފައިގައި ބާރުދެރަވެ، ދެން އެހެން އެއްވެސްކަމެއް ނުކުރެވުނީމާވެސް އާމްދަނީއެއް ލިބޭތޯ ވޮޗަރަކަށްވެގެން ޓޯޗު އުނގަށްވެއްޓި އިންނަ ދުވަސްވީ މުސްކުޅި މީހާ އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެން ވަޢުދުވިން، އެމް.ޑީ.ޕީ ސަރުކާރެއްގައި ޢުމުރުން ފަސްދޮޅަސް ފަސްއަހަރުން މަތީ ކޮންމެ މީހަކަށް، އަންހެނަކަސް ފިރިހެނަކަސް އާމްދަނީ ނުލިބޭނަމަ ދެހާސްރުފިޔާގެ ޕެންޝަނެއް ދެވޭނެއޭ. އަޅުގަނޑު ނިސްބަތްވާ ޕާޓީ އެއްގޮތަކަށްވެސް ގަބޫލުކުރާ ފަލްސަފާއެއްނޫން، މިރާއްޖޭގައި ޕެންޝަނަށް ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށްކަމަށް ދެކެވޭ ދެކުން. އަޅުގަނޑު މިރޭ އުފާވަނީ، މިވެލިދޫގެ ނުވަދިހަފަސް މީހަކަށް ކޮންމެ މަހަކު ދެހާސްރުފިޔާ ދެމުން ގެންދާތާ މިހާރުމިވީ ދެއަހަރު. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ މިރަށަށް ކޮންމެ މަހަކަށް އެއްލައްކަ ނުވަދިހަހާސް ރުފިޔާ ދިނުމުގެ ފުރުސަތު، އެމް.ޑީ.ޕީ ސަރުކާރަށް ލިބިފައިވާތީ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ މިރަށުގެ، މިވެލިދޫގެ، މިއަތޮޅުގެ، މިރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަނެއްކާވެސް އަޅުގަނޑުގާތުގާ އަހާ ރައީސް،  އެ އެއްލައްކަ ނުވަދިހަހާސް ރުފިޔާ ކޮންމެ މަހަކު ދޭއިރުގައި، ހާދަ ރުފިޔާއެކޭ، އެރުފިޔާއިން އެވެނި މިވެނި ބޮޑު މަޝްރޫޢެއް ހިންގިނަމައޭ.
 
މިރަށްރަށަށް ރާއްޖޭގެ އެތައް މިތަނުގައި، ރާއްޖޭގެ ދޮށީއުމުރުގެ ރައްޔިތުންނަށް ސަރުކާރަށް އެހީތެރިވެދިނުމުގެ ސަބަބުން އެފުރުސަތު ސަރުކާރަށް ލިބޭތީވެ، އެއިން ނުކުންނަ އިޤްތިޞާދީ ނަތީޖާ ވަރަށް ބޮޑު. މިރަށުގެ އިޤްތިޞާދުގެ ތެރޭގައި، ދައުރުވުމަށް މިދެންނެވި ފައިސާ ދެވޭކަމީ، ދިނުމުގެ ފުރުސަތު މި ސަރުކާރަށް ލިބިފައިއޮތްކަމީ ސަރުކާރަށްލިބޭ ވަރަށްބޮޑު އުފަލެއް، ހިތްހަމަޖެހުމެއް. އެއީ، އެމް.ޑީ.ޕީ.އަށް ލިބޭ ހިތްހަމަޖެހުމަކީ. އެހެންވީމާ އެމް.ޑީ.ޕީ އަލުން އަނބުރާ ނިކުމެ މިތިބީ މިރަށު ކައުންސިލް އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރުމަށް. އަޅުގަނޑުމެންނަކީ       ވާ ވަޢުދު ފުއްދާ ބައެއް. އަޅުގަނޑުމެންގެ ވަޢުދަކީ، ތިބޭފުޅުން އެއީ، ބޭނުން ކަންތައްތައްކަމަށް އަޅުގަނޑުމެންގާތުގައި ބުނި ކަންތައްތައް. އަޅުގަނޑުމެންގެ ވަޢުދަކީ، އަޅުގަނޑުމެން ހިތްހަމަޖެހޭ ކަންތައްތަކެއް ނޫން ކޮންމެހެނެއް. އަޅުގަނޑުމެންގެ ވަޢުދަކީ، މިރާއްޖެ ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ފުއްދުން. އަޅުގަނޑުމެން ނުކުމެ މިތިބީ އެބޭނުމަށް. އަޅުގަނޑުމެންގެ މަޤްޞަދަކީ އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ތަރައްޤީ.
 
އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިޖްތިމާޢީ ރައްކާތެރިކަމެއް ފޯރުކޮށްދޭން އެބަޖެހޭ. އަޅުގަނޑު މިރޭ އުފާވަނީ، އެފަދަ އޮނަތިރީސް ފަރާތަކަށް، ވެލިދޫގައި ސަރުކާރަށް އެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދެވޭތީވެ.
 
އަޅުގަނޑުމެނަށް ހެޔޮވެށްޓެއްލިބި، އަޅުގަނޑުމެނަށް ރަނގަޅު އަރާމު ދިރިއުޅުމެއް އުޅުމަށް ފުރިހަމަވާންޖެހޭ ކަންތައްތައް ބައިވަރުކަން އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން. ސަރުކާރާ ހަވާލުވެ ހަމަކަށަވަރުންވެސް އަޅުގަނޑު ވެލިދޫއަށްކުރި އެންމެ ފުރަތަމަ ދަތުރުގައި އަޅުގަނޑުގެ އަމާޒަކަށްވީ، ވެލިދޫގެ ކުނިގޮނޑު މިރަށުން ބޭރުކުރެވޭތޯ ބެލުން. އަޅުގަނޑުމެން އެދުވަހު އެމަސައްކަތް ކުރިން. އަދި ހަމައެއަށްފަހު ވަރލްޑް ބޭންކުގެ އެހީގައި މިހާރު މިދަނީ ނ، ރ، ބ، ޅ، ގެ ކުނިނައްތާލުމުގެ ޕްރޮގްރާމެއް ހިންގަމުން. އަޅުގަނޑު އުފާވަނީ، އިރާދަކުރެއްވިއްޔާ މިވެލިދޫގައިވެސް ކުނިނައްތާލުމުގެ ރަނގަޅު ފުރިހަމަ ޕްރޮގްރާމެއް ހިންގޭނެތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަރާމު ދިރިއުޅުމެއް، އަޅުގަނޑުމެންގެ ބޭނުމަކީ، ހިތްހަމަޖެހޭ ދިރިއުޅުމެއް ވެލިދޫގެ ރައްޔިތުންނަށްވެސް، ރާއްޖޭގެ ރައްޔިތުންނަށްވެސް ހޯދައިދިނުން.
 
 އަޅުގަނޑުމެނަށް ނުވިސްނެނީއަކީއެއް ނޫން، މި ރާއްޖޭގައި ކަންކަން ބޭނުންވެފައިހުރި މިންވަރާއި އަދި ކުރާންހުރި ކަންކަމުގެ ބޮޑުކަން. އަޅުގަނޑުމެން އެދޭ މިންވަރާއި އަޅުގަނޑުމެންނަށް ލިބޭ މިންވަރު މިއޮންނަނީ އަބަދުވެސް ތަފާތުވެފައި. ލިބޭ މިންވަރަށް އެބަ އަޅުގަނޑުމެން ޝުކރު ކުރާންޖެހޭ. މާދަމާ ނުކުމެ އިތުރަށް ހޯދާން އަޅުގަނޑުމެން އެބަ މަސައްކަތްކުރާންޖެހޭ. މަސައްކަތްކުރާ އަޅަކަށް މާތްރަސްކަލާނގެ ކާމިޔާބު ދެއްވާނެކަމީ ޝައްކެއްހުރި ކަމެއްނޫން. އެއީ، އަޅުގަނޑުމެންގެ އަމާޒަކީ، އެއީ، އަޅުގަނޑުމެންގެ ބޭނުމަކީ، ކެނޑިނޭޅި މަސައްކަތްކުރުން. އަޅުގަނޑު ތިބޭފުޅުންނަށް ވަޢުދުވަން، އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ރަނގަޅަށް އެގާރަ ބާރަ ގަޑިއިރު މަސައްކަތްނުކުރާ ހަމައެންމެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ ނުބާއްވާނަން.
 
އަޅުގަނޑުމެންނަށް އަބަދުވެސް އެބަ އެނގޭ، ޤައުމެއް ތަރައްޤީވެ ދިޔުމަށް ކުރާންޖެހޭ ކިތަންމެ ކިތަންމެ ކަންތައްތަކެއް ހުރިއިރުގައި، ތަރައްޤީ ޙަޤީގަތުގައިވާން މިޖެހެނީ ތިމަންނާކަން، ވެލިދޫ މީހާކަން. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، ކޮންމެ ވެލިދޫ މީހާއަކީވެސް، ތިމަންނާއަކީ ޤަދަރަކާއި ޢިއްޒަތް ލިބިގެންވާ، ޙައްޤުތަކެއް ލިބިގެންވާ، ވެލިދޫ މީހެކޭ ބުނެ، ހަމަ އިސްކޮޅަށް އެމީހާއަށް ދެމިލެވޭނެ ފުރުސަތު ދިނުން. ތިމަންނާއަކީ ތިމަންނާގެ ހަލާލު ލާރިން، މަސައްކަތްކޮށްގެން ހޯދާ ހަލާލު ފައިސާއިން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ވެލިދޫމީހާއޭ ބުނެވޭނެ ޤަދަރު، ވެލިދޫ ރައްޔިތުންނަށް ދިނުން. އެއް ސައުދާގަރެއް ކައިރިން އަނެއް ސައުދާގަރެއް ކައިރިން ބޭސް ސިޓީއަކަށް ފައިސާ ހޯދުމަށް ސަލާންޖަހަމުން ދަމުން ރައްޔިތުންނަށް ލިބޭނެ ޤަދަރެއް އަދި ޢިއްޒަތެއް ވަރަށް ކުޑަވާނެ. އެހެންވީމާ، ނުކުމެ މަސައްކަތްކޮށް، ރަށުގެއާއި ޤައުމުގެ ތަރައްޤީއަށް އުޅެވޭނެ މިންވަރުވެސް ވަރަށް ކުޑަވާނެ. ޤައުމެއް ތަރައްޤީކުރުމަށް ރައްޔިތަކު އެބަ އުފައްދާންޖެހޭ. އެ ރައްޔިތުންނަށް ބާރުވެރިކަން އެބަދޭންޖެހޭ، އެރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އެދުމާ އެއްގޮތަށް ވެރިކަން އެބަ ހިންގާންޖެހެއޭ.
 
ލާމަރުކަޒީގެ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ފިކުރަކީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. އެއަކާ ޝައްކެއްވެސް ނެތް. ޤާނޫނުއަސާސީގެ އަސީސީ ސިފަތަކާއި އުޞޫލުތައް ކަނޑައަޅާ ނިމުނުއިރުގައި އަށްވަނަ ބާބެއް ނެތް. މިދަންނަވާ ލާމަރުކަޒީ އުޞޫލެއް އެއަކު ނެތް. ފުރަތަމަ ބާބުގައި ލިޔެފައިއޮތީ، ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެކޭ. އެހެންވީމާ، ދެން މަރުކަޒު ކުރުމުގެ ވާހަކަ ނުވަތަ ލާމަރުކަޒު ކުރުމުގެ ވާހަކަ އެއަށްފަހު ގެންނާނެގޮތެއް އޮތްކަމަކަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ވާދަވެރި ބޭފުޅުންނަށް، އެއިރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކަށް އެއްގޮތަކަށްވެސް ވިސްނިވަޑައެއް ނުގެންނެވި. އަޅުގަނޑުމެން އުފާވަނީ އަށްވަނަ ބާބުގައި އެވާ ބަސްތައް އެއީ، އަޅުގަނޑުމެންގެ އެއިރުގެ އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަދި އެމް.ޑީ.ޕީ.ގެ އައްޑޫ ދާއިރާގެ ރައީސް މުޙަންމަދު އަސްލަމާއި ޑޮކްޓަރ ޙުސައިން ރަޝީދާއި ދެބޭފުޅުންގެ ބަސްތައް. އަޅުގަނޑުމެން މިހާރު ތަންފީޒުކުރަމުން މިގެންދަނީ އެބޭފުޅުން އެދުވަހު ހުށަހެޅުއްވި އިޞްލާހު. އަޅުގަނޑުމެން ޙަޤީޤަތަކަށް ހެދުމަށް ނުކުމެ މިތިބީ އެ ޤާނޫނުއަސާސީ. އެޤާނޫނު އަސާސީގައި ލިޔެފައިވާ ބަސްތައް. އަޅުގަނޑުމެންނަކީ އަކުރުގައި އަޅައިގަނެގެން އުޅޭ ބައެއްވެސް ނޫން، އެހެންނަމަވެސް، ޤާނޫނުގެ ފިއްޔަކަށް، ކުރު އަލިފަކަށް، އޮތްގޮތެއް ހޯދައިގެން އެގޮތަކުން ނުނިކުމެވިގެން އުޅޭބައެއްވެސްނޫން އަޅުގަނޑުމެންނަކީ. އަޅުގަނޑުމެންނަކީ ކުރިއަށް މަސައްކަތްކުރާ ބައެއް، އަޅުގަނޑުމެންނަކީ ކުރިއަށްދާ ބައެއް. އިރާދަކުރެއްވިޔާ އެމް.ޑީ.ޕީ ދުވަހެއް ދުވަހެއް ދާނީ ކުރިޔަށް. އަޅުގަނޑުމެން ސިޓީ ކައުންސިލްވެސް އައްޑުއަތޮޅުގައި ހަދާނެ. އަޅުގަނޑުމެން މިރަށުގެ ލޯކަލް ކައުންސިލްވެސް ކާމިޔާބު ކުރާނެ. އަޅުގަނޑުމެން މިއަތޮޅުވެސް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނެ.
 
ވަށާޖެހޭ ތަޢުލީމެއް ދިނުމަކީ ކޮންމެހެންވެސް ވެލިދޫ މީހާއަށް ތަންދޮރު އެނގުމަށް ބޭނުންތެރިކަމެއް. އަޅުގަނޑުމެނަށް ވާއެއް ނުވާއެއް އެނގި، ތަނެއް ދޮރެއް ފިލައިގެން ނޫނިއްޔާ އަޅުގަނޑުމެން ރާއްޖެއެއް ތަރައްޤީއެއް ނުކުރެވޭނެ. މިރަށްރަށުގެ، ވެލިދޫގެވެސް ތަޢުލީމީ ޙާލަތު، ތަޢުލީމީ ފެންވަރު އެތައްތަނަކުން އަޅުގަނޑުމެން ރަނގަޅު ކުރާނެ. މިވޭތުވެދިޔަ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ޚާއްޞަކޮށް ޑރ. މުޞްޠަފާ ލުޠުފީގެ މިންނަތް މަސައްކަތުން ރާއްޖޭގެ ތަޢުލީމީ ހާލަތު ނުވަތަ ތަޢުލީމީ ފެންވަރު، މިޞްރާބު މިދަނީ އަޅުގަނޑުމެން ހިތްހަމަޖެހޭ މަގެއްގައި. އަޅުގަނޑުމެން އުފާވަނީ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ އަހަރު، 2010 ވަނަ އަހަރު، މިވެލިދޫގެ ދަރިވަރުންނަށް ފޮތް ފަންސޫރު ގަތުމަށްޓަކައި ދެލައްކަ ސާޅީސް ނުވަހާސް އެއްސަތޭކަ އަށްޑިހަ ހަރުފިޔާ ޚަރަދުކުރުމުގެ ފުރުޞަތު މި ސަރުކާރަށް ލިބިފައިވާތީ. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބި ހިތްވަރު ލިބެނީ، ދަރިވަރުންގެ އިމްތިހާނުގެ ފީއަށް، ވެލިދޫ ދަރިވަރުންގެ އިމްތިހާނުގެ ފީއަށް، މި ސަރުކާރު، މި އެމް.ޑީ.ޕީ ސަރުކާރުން އެއްލައްކަ ފަންސަވީސްހާސް އަށްޑިހަފަސްރުފިޔާ ޚަރަދުކުރެވިފައިވާތީ. އަޅުގަނޑުމެނަށް ސްކޫލަށް މުދައްރިސުންލާ، މަދަރުސާގެ ފާޚާނާތައް މަރާމާތުކޮށް އަދި މަދަރުސާވެސް މަރާމާތުކޮށް، ދަރިވަރުންނާ އަޅާލުމުގެ ނަތީޖާ މިވެލިދޫގައިވެސް ވަރަށް ފޮނި. އަޅުގަނޑުމެންނަށް އުފާވެރިކަންލިބެނީ 2009 ވަނަ އަހަރު، 2008 ވަނަ އަހަރާ އަޅާބަލާއިރު، މިތަނުގައި ފަސް މާއްދާއިން އޯ ލެވެލުން ފާސްވީ ކުދިންގެ އަދަދު ސަތާރަ ޕަސަންޓުން މައްޗަށް ޖެހިފައިވާތީ. އެއީ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބޭކަމަކީ. އަޅުގަނޑުމެންގެ މެނިފެސްޓޯ އަމާޒަކީ. އަޅުގަނޑުމެންގެ ވަޢުދަކީ، އިމްތިހާނު ހަދާ ހުރިހާ ކުދިންގެ ފަސްދޮޅަސް ޕަސަންޓް ކުދިންނަކީ ފަސް މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެލިދޫގައި އެނަތީޖާ އަޅުގަނޑުމެންގެ ދައުރުގެތެރޭގައި ނެރޭނަށް.
 
ރައްޔިތެއްގެ ގޮތުގައި އަޅުގަނޑުމެނަށް ހުއްޓި މިހުންނާން ޖެހެނީ ބިމެއްގައި. ތިމަންނާގެ ބިމެއް، ތިމަންނާގެ ތަންކޮޅެއް، ފައި ހަރުކޮއްލާނެ ތަންކޮޅެއް، ބޯހިޔާވަހިކަމެއް ނެތިއްޔާ ދެން ރައްޔިތެކޭ ކިޔައިގެން އަދި އުޅޭންވެސް ދަތި. އަޅުގަނޑުމެން ސަރުކާރުން ހިންގުމާ ހަވާލުވީއިރު މިވެލިދޫ އޮތީ މިދެންނެވި މަގުގައި. އަދި ހަމަ މިތަނުން ބަރަވެލި ކަނޑު ހުރަސްކޮށް އެއޮތް ހިންނަވަރުވެސް، އަދި ހަމައެއޮތް ތުޅާދޫވެސް، އަޅުގަނޑުމެންނާ ސަރުކާރު ހިންގުމާ ހަވާލުވިއިރުގައި ދެން އޮތް ތޮއްޖެހިފައި އޮތް އަނެއް ރަށް، ދުވާފަރަށް ބަދަލުވެފައި އޮތްކަމަކީ ލިބުނު ހިތްހަމަޖެހުމެއް. އެހެންނަމަވެސް މިރަށުގެވެސް ބިން ބޮޑުކޮށް، މިވެލިދޫގެ އަޅުގަނޑުމެންގެ ތަޞައްވުރު، އަޅުގަނޑުމެންގެ ތަރައްޤީގެ ތަޞައްވުރު އެބަ ނެރެންޖެހޭ. ވެލިދޫއަކީ ވަރުގަދަ އިޤްތިޞާދެއް ހިނގައި ރަށަކަށް ބަދަލުކުރެވެން    މި ސަރުކާރަށް އެބައޮތް، ބަދަލުކުރެވިދާނެ. އެބަދަލުކުރުމަށްޓަކައި ގެންގުޅޭ ވިސްނުމާއި އަދި ޚިދުމަތާއި އެ ހިތްވަރާއި ޢަޒުމް އެހެން ބައެއްގެ ހުރިކަމަކަށް ހަމަކަށަވަރުންވެސް އަޅުގަނޑެއް ނުދެކެން، އެމް.ޑީ.ޕީ ފިޔަވައި. އެ އެމް.ޑީ.ޕީ.ގެ ހަތް ކެންޑިޑޭޓުންނަށް، އަނެއް ދިވެހިރާއްޖެ ރަށަށް ގެނެސްގެން ނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެ.
 
ރައްޔިތުމީހާގެ ގާތުން ވެރިކަން ނުކުރެވޭހާ ހިނދަކު، ޙަޤީޤީ ތަރައްޤީ އެއްވެސް ޤައުމަކަށް ލިބިފައެއްނެތް. ލާމަރުކަޒީ އުޞޫލަކީ ދުނިޔެ ދަންނަ ބާވެފައިއޮތް ފަލްސަފާއެއް، ގޮތެއް. އަޅުގަނޑުމެން އާކަމެއްގެ ގޮތުގައި 2011 ވަނަ އަހަރު، މިހާރު މިވާހަކަ މިދައްކަނީ. އެހެން ޤައުމުތައް، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތައްވެސް، ސިލޯނުގައިވެސް، އާދައިގެ ރަށަކަށް ގޮސްވެސް ރަށުއޮފީހަށްވަދެ ބައްލަވާލެއްވީމާ އެނގިވަޑައިގަންނަވާނެ، އެތަނުން ކައުންސިލުން ކުރާ ކަންތަކާއި، އަދި މައި ސަރުކާރުން ކުރާ ކަންތަކާ، އަދި ރައްޔިތުންނަށް ކުރެވޭން ހުރި ކަންކަމާ، ރައްޔިތުންގެ އުއްމީދުތައް ގެންދެވޭން ހުރި ހިސާބު. މިއަތޮޅުގެ މުއްސަނދިކަން މިއަތޮޅަށް އޮންނާން ޖެހޭނެ، އެކަމަކާ ޝައްކެއް ނެތް. މިރަށުގެ މުއްސަނދިކަން، މިރަށުގެ ޤުދުރަތީ ވަސީލަތްތައް މިރަށަށް ބޭނުން ކުރެވޭންޖެހޭނެ. މިރަށުގެ ތަރައްޤީގައި އެވަސީލަތްތައް ބޭނުން ކުރެވޭން ޖެހޭނެ. ތަރައްޤީއަކީ ވިޔަފާރި ކުރިއަރައިގެން ލިބޭ އެއްޗެއް. ވިޔަފާރި ކުރިއެރުމަށްޓަކައި މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް އެބަ ބަދަލުވާންޖެހޭ. އެހެންވީމާ، ލާމެހިފައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމެއް އެމް.ޑީ.ޕީ.އިން ޤާއިމުކުރީ. އަޅުގަނޑުމެނަށް މިރޭ ހިތްހަމަޖެހުން، އަޅުގަނޑުމެންނަށް އުފާ ލިބިފައިވާކަމަކީ މިރަށުގެ        291 ރައްޔިތަކު ދަތުރަށް އަރާފައި މިދިޔަ މަދު ދުވަސްކޮޅުގައިވާތީ. އަދި މިރަށަށް 402 މީހަކު، ފަސިންޖަރަކު ދަތުރު ނިންމާފައިވާތީ. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ ދަތުރުފަތުރު ކުރުމުގެ ނިޒާމު، ހަމަ އެހެން އަޅުގަނޑުމެންގެ ޕްރޮގްރާމްތަކެކޭ އެއްފަދައިން ތަރައްޤީ ކުރެވެމުން އަޅުގަނޑުމެނަށް ގެންދެވޭތީ. ސަރުކާރުން ވަޢުދުވެފައިވާނީ ހަތް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް. ދެއަހަރު ދުވަހުގެ ތެރޭގައި އޭގެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް. މިދެއަހަރު ނިމުނީ. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ފެރީ ޓާރމިނަލް ވެލިދޫގައި އެޅޭނެ.
 
ވެލިދޫގައި ބިން މިހާރު މިވަނީ ބޮޑުކުރެވިފައި. އެނގިވަޑައިގަންނަވާނެ، ސަރުކާރަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ، މި ވެލިދޫއަށް އަށްޑިހައަށްމިލިޔަން ރުފިޔާ ޚަރަދުކުރެވި 14 ހެކްޓަރުގެ ބިން ވެލިދޫގައި އުފެއްދުނުކަން. މިއަންނަ މަހުގެ ތެރޭގައި މިދެންނެވި ބިމުގެ ސަލާމަތަށްޓަކައި ވަށައިގެންއަޅާ ބޮޑުހިލައިގެ ރިވެޓްމަންޓް އެޅޭނެ. ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ 45 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާލެވޭނެތީ.
 
ވެލިދޫގެ ބަނދަރު މިއަހަރުގެތެރޭގައި އަލުން ހަދާނެ، ބޮޑު ކުރާނެ. ސަރުކާރަށް ލިބޭ އުފަލަކީ 39 މިލިއަން ރުފިޔާ އެކަމަށް ޚަރަދުކުރުމަށް މިފަހަރު ދައުލަތުގެ ބަޖެޓުގައި ކަނޑައެޅިފައި އޮތްކަން. އަޅުގަނޑުމެންނަކީ ބަނދަރު ހަދާ ބައެއްނޫން. މި ސަރުކާރަކީ ބަނދަރު ހަދާ ސަރުކާރެއް ނޫން. މި ސަރުކާރުން ހަދަނީ ބާޒާރެއް. މި ސަރުކާރުން އުފައްދަނީ އިޤްތިޞާދީ ވަސީލަތްތަކެއް. ބަނދަރެއްގެ ބޭނުމަކީ، އެއިން އިޤްތިޞާދީ ފައިދާ ހޯދުން. ބަނދަރެއްގެ ބޭނުމަކީ، ހަމައެކަނި ދޯންޏެއް އަޅާފައި ބޭއްވުމެއް ނޫން. ބަނދަރެއްގެ ބޭނުމަކީ، އެ މެދުވެރިކޮށްގެން ތަރައްޤީ ގެނައުން. އެހެންވެގެން، މިފަހަރުގެ ބަޖެޓުގައި ބާޒާރު ތަރައްޤީކުރުމުގެ ޕްރޮގްރާމެއް އެކުލަވާލެވިފައިވާނެ. މިރަށުގެ ބަނދަރަކީ ކައިރި ހިސާބުގަނޑުގައި ހުރި ރަށްރަށާ ގުޅުވާލެވޭ ބަނދަރަކަށް ވާންޖެހޭނެ. މިރަށުގެ ބަނދަރާ، ހޮޅުދޫ ބަނދަރާ، މަނަދޫ ބަނދަރާ ހުންނަ ގުޅުން ވަރަށް ސާފުވާންޖެހޭނެ. މަނަދޫއަކީ ކޮންކަމެއް ކުރާ ތަނެއްތޯއާއި، ވެލިދޫއަކީ ކޮންކަމެއް ކުރާ ތަނެއްތޯއާއި، އަދި ހޮޅުދޫ، މިލަދޫ، ކުޑަފަރީ، އެހެންގޮސް އަތޮޅުގެ އެންމެހާ ރަށްރަށްވެސް، ކޮންމެރަށަކީވެސް ކީއްކުރާ ރަށެއްކަން އަޅުގަނޑުމެނަށް އެބަ އެނގެން ޖެހޭ.
 
އަޅުގަނޑުމެންނަކީ ކާކުކަން އަޅުގަނޑުމެން އަބަދުވެސް ދެނެ މިގަންނަނީ އުފަންވާ ރަށަށް، ގެޔަށް، އަވަށަށް ނިސްބަތްކޮށް. އެހެންނަމަވެސް، ދަންނަވަންތޯ އަޅުގަނޑަކަށް ހަމަގައިމުވެސް ނެތް، އަޅުގަނޑަކީ ކެރަފާ ގޯތީ މީހެކޭ، ގަލޮޅު މީހެކޭ، މާލޭ މީހެކޭ ކިޔާ ހުރެވޭކަށް. އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ރަށުގޮނޑުދޮށުން ބޭރަށް، އަތޮޅު ދުނިން ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އެބަގެންދާންޖެހޭ. އަޅުގަނޑުމެން އެބަ ހުޅުވެންޖެހޭ. އަޅުގަނޑުމެން އެބަ ދޭދޭ ޤައުމުތަކާ މުޢާމަލާތު ކުރަންޖެހޭ، އަޅުގަނޑުމެން އެބަ މިރާއްޖެ ބަދަލު ކުރާންޖެހޭ. އަޅުގަނޑުމެންނަކީ މިހާރު ފަޤީރު ޤައުމެއް ނޫން. ފަޤީރުކަމުގެ ލިސްޓުން އަޅުގަނޑުމެން ނެއްޓުނުއިރު، އަޅުގަނޑުމެންގެ މުއްސަނދިކަން ހުއްޓިފައި މިއޮތީ މަދުބައެއްގެ އަތްމަތީގައި. އަޅުގަނޑުމެންގެ ދައުލަތުގެ އާމްދަނީ ހޯދުމުގެ ނިޒާމު ކަނޑައެޅިފައި މިއޮތީ ހަމަ އެމަސައްކަތް އެގޮތަށް ދާގޮތަށް. ރާއްޖޭގެ މުއްސަނދިކަމުގެ ރަނގަޅު އަށްޑިހަ ޕަސެންޓް ހުއްޓިފައި އޮންނާނީ، ރާއްޖޭގެ އާބާދީގެ ހަތަރު ޕަސެންޓް ފަސް ޕަސެންޓް މީހުންގެ އަތްމަތީގައި. ރަނގަޅު ޓެކްސްގެ ނިޒާމެއް ތަޢާރަފުކޮށްގެން މެނުވީ ދައުލަތުގެ އާމްދަނީ، ތަރައްޤީވާ ޤައުމެއްގެ އުޞޫލަށް ބަދަލެއް ނުކުރެވޭނެ. އެހެންވީމާ، އަޅުގަނޑު މިރޭ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ޝުކުރު ދަންނަވަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި އަދި ޚިދުމަތާއި މުދާ ވިއްކުން ރިޒޯޓުތަކުގައި، ވީ.އޭ.ޓީ.ގެ ޓެކްސް ނެގުން ފާސްވެފައިވާތީ.
 
މީގެކުރީގައި ދައުލަތުގެ އާމްދަނީ ހޯދަމުން މިއަންނަނީ އަދި މިހާރުވެސް ހޯދަމުން އަންނަނީ، އެންމެ ބޮޑު ގޮތަކަށް ދައުލަތަށް ނަގާ ޑިއުޓީން. އެ ޑިއުޓީ ނަގާ އުޞޫލަކީ، ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު މީހާގެ ދަތް އުނގުޅާ ބޭސްފުޅިންވެސް ޑިއުޓީ ނަގަނީ، އެންމެ ނިކަމެތި ފަޤީރު މީހާގެ ދަތް އުނގުޅާ ބޭސްފުޅިންވެސް ޑިއުޓީ ނަގާ މިންވަރަށް. އޭގައި އޮތް އިންޞާފެއް އެއީ، ދުނިޔެ ދަންނަ އެއްޗެއްނޫން. އަޅުގަނޑުމެން ބަދަލުކުރަން ބޭނުންވަނީ، ކުރާ ވިޔަފާރިން ޓެކްސް ނަގަން. ލިބޭ އާމްދަނީން ޓެކްސް ނަގަން. ދައުލަތަކަށް ޓެކްސް ނެގިދާނެ، ހިނގަ ހިނގާ ހުއްޓާ މަޑުކޮށްފައި ޖީބުގައި ކިހާވަރެއްތޯ އޮތީ ބަލާފައި އަތުލުންވެސް. އެކަމަށްވެސް ހަމަ ބޭނުންވަނީ ޤާނޫނެއް. އެހެންނަމަވެސް، ހެދެން އޮތް އެންމެ ފަސޭހައެތި އެއީ، ހަދަންވީ އެތިކަމަށް ދެކެވިގެން އަނެއްކާވެސް އަޅުގަނޑު ދަންނަވާނީ ޤައުމެއް ތަރައްޤީއެއް ނުކުރެވޭނެއޭ.
 
ޤައުމު ތަރައްޤީވާނީ އެމް.ޑީ.ޕީ މެނިފެސްޓޯގައި އަޅުގަނޑުމެން ހިފަހައްޓައިގެން ތިބެގެން. މިރާއްޖެ އަޅުގަނޑުމެންނަށް ބަދަލު ކުރެވޭނީ ލޯކަލް އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކޮށްގެން. އަޅުގަނޑުމެން ފުރަތަމަ މި ޕާޓީން ރިޔާސީ އިންތިޚާބަށް ނުކުމެ ފުރަތަމަ ބުރުގައި، ތެދުފުޅެއް، އަޅުގަނޑުމެނަށް ލިބުނު ވޯޓު މަދު. ފަންސަވީސް ޕަސަންޓް އަޅުގަނޑުމެން ފުރަތަމަ ބުރުގައި ލިބުނީ. ދެން އަޅުގަނޑުމެނާ ކުރިމަތިލީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. އެނގިވަޑައިގަންނަވާތޯ، އެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބުނީ އެމް.ޑީ.ޕީ.އަށް. ފަންސާސް އެއްހާސް ވޯޓު. މިއަދު މިޕާޓީގެ މެންބަރުންގެ ޢަދަދުގެ ވާހަކަ މިދަންނަވަނީ. އެއީ، ފަންސާސްހާސް. މާރިޔާ ވިދާޅުވާ ސާޅީސްފަސްހާސް. އަޅުގަނޑުމެންގެ އަމާޒަކީ، މިލޯކަލް އިންތިޚާބު، މުޅި މިރާއްޖޭގައި ބޭއްވޭ މި އިންތިޚާބުގެ ފުރިހަމަ އަޣްލަބިއްޔަތު މިޕާޓީ ހޯދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން          އެ އަޣްލަބިއްޔަތު ހޯދާނެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިރާއްޖެ ބަދަލުކުރާނެ، އަޅުގަނޑުމެން     މި އެދޭ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެން ހޯދާނެ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ މާފަހި މާދަމައެއް ލިބުން. އަޅުގަނޑު ދަންނަވާނީ، މިއީ، އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މިރާގޭ.
 
والســّلام عليــكم.
 
_______________________