بســماللّـهالرّحمـنالرّحيــم

 
        ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ޗެއަރޕާރސަން، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ، ހިންނަވަރު ދާއިރާގެ ރައިސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން، އަދި ވަކީން ޚާއްޞަކޮށް ހިންނަވަރާއި ފާދިއްޕޮޅުގެ ލޮބުވެތި އަޅުގަނޑުގެ ރަޙްމަތްތެރިން.
 
السّـلام عليـكم
 
މީގެ ދުވަސްކޮޅެއް ކުރީގައި، މަސްތަކެއް ކުރިގައި އަޅުގަނޑުމެން ނުގުތާތަކެއް ފާހަގަކުރީމު. އަޅުގަނޑުމެން ދެންނެވީމު، މި ރާއްޖެ އެދުވަހު އޮތީ، ހަތަރުއަނގޯޅިއެއްގެ ކަންމަތީގައޭ. އެއޮތް ކަންމަތިން އެދުވަހު ދިވެހިންނަށް އެބައޮތޭ، ޚަރާބުގެ މަގު ޚިޔާރުކުރެވެންވެސް. އަދި ދިވެހިންނަށް އެބައޮތޭ، އެހެންގޮތެއް، މުޅިން އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެއިން ހޯދެންވެސް. ދިވެހިރާއްޖޭގެ ރައްޔިތުންގެ ނިންމުން ވަރަށް ސާފު. ރައްޔިތުން ނިންމީ އެހެންގޮތެއް، އަނެއް ދިވެހިރާއްޖެއިން ހޯދަން.  އެ ދިވެހިރާއްޖެ އަޅުގަނޑުމެން މިއެދެނީ އަޅުގަނޑުމެންގެ އަމިއްލަ ޙަޔާތް، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން މިހާރަށްވުރެ ތަނަވަސް ކުރުމަށް އަޅުގަނޑުމެން އެދޭތީ. އެހެން ދިވެހިރާއްޖެއެއް، އެހެންގޮތެއް އަޅުގަނޑުމެން އެދެމުންދިޔައީ، އެދުވަހު އަޅުގަނޑުމެންނަށް އޮތްގޮތް އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ކަމުނުދިޔައީތީވެ. ރާއްޖޭގެ ތަރައްޤީ އެއިރު ކުރިއަރަމުންއައި މިންވަރާއި، މިރާއްޖޭގެ ތަނަވަސްކަމާއި އަދި މިރާއްޖޭގެ ޤުދްރަތީ ވަސީލަތްތައް ހުރި މިންވަރުން އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވުނު. ރާއްޖޭގެ ރައްޔިތުންނަށް ދެމުންދިޔަ އަނިޔާއާއި ރާއްޖޭގެ ރައްޔިތުންނަށް ކުރެވުނު ހުރިހާ ގޯނާއެއް އަޅުގަނޑުމެން ދުށީ އެއީ އަޅުގަނޑުމެން ތަޙައްމަލްކޮށްގެން ތިބޭނެކަމެއް ނޫންކަމަށް. އަޅުގަނޑުމެން ދުށީ މިރާއްޖެ ބަދަލުވާން ވެއްޖެކަމަށް. އަޅުގަނޑުމެން ނުކުތީ އަޅުގަނޑުމެންގެ އަމިއްލަ ޙާލަތު ބަދަލުކުރަން. އަޅުގަނޑުމެން އެއްޙާލަތުން އަނެއްޙާލަތަށް ބަދަލުވުމަށް އަޅުގަނޑުމެން އެދުނީ. އަޅުގަނޑުމެން އެދުނީ، އަޅުގަނޑުމެންގެ ޖީބަށް ވަންނަ ފައިސާ އެއްދުވަހުން އަނެއްދުވަހަށް އިތުރުވެގެން ދިއުމަށް. އަޅުގަނޑުމެން އެދުނީ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީވުމަށް. ހިންނަވަރުވެސް ތަރައްޤީވުމަށް. ފާދިއްޕޮޅުވެސް ތަރައްޤީވުމަށް. އަދި މުޅި މިރާއްޖެވެސް ތަރައްޤީވުމަށް. އަޅުގަނޑުމެން ހޯދާން ނުކުތީ އެހެން ދިވެހިރާއްޖެއެއް، އެހެންގޮތެއް.
 
 އަޅުގަނޑުމެނަށް ދޮރުން ދޮރަށް ހިނގުނު. ކިތަންމެ ބަޔަކާ ވާހަކަދެއްކުނު. އަޅުގަނޑުމެން އެތަށް ރަށަކަށް ދިޔައިމު. އަޅުގަނޑުމެން ކިތަންމެ ބަޔަކާ މަޝްވަރާ ކުރީމު. އަޅުގަނޑުމެން އަޑު އުފުލީމު، މުޒާހަރާކުރީމު، އަޅުގަނޑުމެން މި ދިވެހީންގެ އަޑު، ދިވެހިރާއްޖޭގެއަޑު އެހީމު. އެ އަޑުތަކުގެ މައްޗަށް އަޅުގަނޑުމެން އެކުލަވާލި މެނިފެސްޓޯއެއް. މިއަދު އެއީ، އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގެ މަޝްރޫޢު. އަޅުގަނޑުމެން އެދުވަހުވެސް، މިދުވަހުވެސް ފާހަގަކުރަމުން މިއަންނަނީ ޤައުމެއް ތަރައްޤީވެ މިދަނީ ވަކިޚާއްޞަ ކަންތައްތަކެއް ވަކިގޮތަކަށް ވަކިއިރެއްގައި ކުރެވުނީމާއޭ. އަޅުގަނޑުމެންނަށް އެނގޭ، މިއަދުވެސް އަޅުގަނޑުމެންގެ ކިތަންމެކިތަންމެ ވަސިލަތްތަކަކީ އަޅުގަނޑުމެން އެދޭ މިންވަރަށްހުރި ވަސީލްތްތައް ނޫންކަން. އަޅުގަނޑުމެންގެ ޞިއްޙީ ޚިދްމަތް މިހާރަށްވުރެ ކިތަންމެތަނެއް ރަނގަޅުކުރާން ވެއްޖެކަން އަޅުގަނޑުމެން ހިތުގެ އަޑީން ގަބޫލުކުރަން. އެކަން، އެމަސައްކަތް އަޅުގަނޑުމެން ކުރަމުންދާއިރުގައި އަޅުގަނޑުމެންނަށް އެނގޭ އަނެއް ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީގެ ކޮންމެ ތިންމީހުންކުރެ އެކަކީ އ.ދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ދަށުގައިތިބި ނިކަމެތި ފަޤީރުންނޭ. އެމީހުންނަކީ ރެއަކާދުވާލު ބޮލަކަށް ދިހަބާރަ ރުފިޔާ ނުޖެހޭ ނިކަމެތީންނޭ.
 
އަޅުގަނޑު ދެންމެ މިދެންނެވި، އަޅުގަނޑުމެން ގިނަ މީހުން ހިތްހަމަނުޖެހޭ ޚިދްމަތްތަކަށްވެސް ރާއްޖޭގެ އެތައްއެތައް ބަޔަކަށް އަތެއް ނުފޯރައޭ. ކިތަންމެ ބަޔަކީ ނިކަމެތިންނޭ. އަމިއްލަ ބައްޔަށް ފަރުވާއެއް ހޯދުމަށް ޑޮކްޓަރު ލިޔެދޭ ބޭސްސިޓީއަށް ބޭސްނުލިބިގެން އެއް މަހުޖަނެއްގާތުން އަނެއް މަހުޖަނެއް ގާތުން އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން ހިނގަމުންދިޔަ މަންޒަރު އަޅުގަނޑުމެން އެދުވަހު ވަރަށް ސާފުކޮށް ދުށީމު. އަޅުގަނޑުމެން ވަޢުދުވިން، ބޭސްސިޓީއަށް ސަލާންޖެހުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ނައްތާލާނަމޭ. އެހިސާބުން މަދަނައިގެ ވިއުގަ އުފެދިގެން އައީ.
 
 އަޅުގަނޑު މިރޭ އުފާވާ ސަބަބަކީ، މިހިންނަވަރުގެ 684 މީހުންނަށް މަދަނައިގެ ޚިދްމަތް މިހާރުވެސް ލިބެމުންދާކަން. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެން އުފާވަނީ މިހިންނަވރުގެ މިދެންނެވި 684 މީހުންނަށް ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ ދިވެހިމާލިއްޔަތުގައި  ބޭސްފަރުވާއަށްޓަކައި ފޮރުވިފައިވާކަން. އަޅުގަނޑު މާލޭގެ ވިޔަފާރިވެރިން ގާތުގައި އަހަން، މީގެ ތިންހަތަރުއަހަރެއް ކުރީގައި ތިބޭފުޅުންގާތަށް ބޭސްސިޓީ ހިފައިގެން އެސިޓީއަށް ބޭސްފަރުވާ ހޯދުމަށްޓަކައި ނުވަތަ ބޭސް ހޯދުމަށްޓަކައި ފައިސާ ހޯދުމަށް މީހުން އައި މިންވަރު މިހާރު ކިހިނެއްހޭ އޮތީ. އަޅުގަނޑު ގާތުގައި ވިޔަފާރިވެރިން މާލޭގައި ބުނަނީ ރައީސްއޭ، މިހާރު އެކަން އެވަރަކަށް ނުވެއޭ. އަޅުގަނޑަށް ޔަޤީން، ހިންނަވަރު ވިޔަފާރިވެރިން ގާތުގައި އަޅުގަނޑު މިއަދު އެހިނަމަވެސް ހަމަ މިޖަވާބު ލިބޭނެ. އަޅުގަނޑުމެންގެ ރާއްޖޭގެ ކިތަންމެ ބަޔަކަށް މިދަނީ މަދަނައިގެ ވިޔުގައިގެ ތެރެއިން ބޭސްފަރުވާ ދެމުން. އެއީ އެމް.ޑީ.ޕީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވެފައިވާ ވަޢުދު ފުއްދައިދިނުމަށް.
 
އަޅުގަނޑުމެންނަކީ ވާ ވަޢުދު ބަލައިގެންވާ ބައެއް. އަޅުގަނޑުމެން ވަޢުދުވަނީ، އަޅުގަނޑުމެން މިވާ ވަޢުދުތައް ފުއްދުމުން އެއީ، ދިވެހިރާއްޖެ ތަރައްޤީވުމަށް އެހީތެރިވެދޭ ވަސީލަތް ތަކަކަށް އެ ވަޢުދުތައް ވާނެތީވެ. އަޅުގަނޑުމެންނަށް އެނގޭ އެންމެބޮޑު އެއް ޙަޤީޤަތަކީ ޤައުމެއް ތަރައްޤީކުރުމަށް، ހިންނަވަރު ތަރައްޤިކުރުމަށް ތަރައްޤީވާންވީ ހިންނަވަރެއްނޫން. ތަރައްޤީވާންވީ ހިންނަވަރު މީހާ. ތަރައްޤީވާންވީ ފާދިއްޕޮޅެއްނޫން، ފާދިއްޕޮޅުމީހާ. ދިވެހިރާއްޖެއެއްނޫން، ދިވެހިމީހާ. ދިވެހި މީހާ ހައިހޫނުކަމުގައި ހުއްޓާ ޤައުމެއް ތަރައްޤީއެއް ނުވާނެ. އެހެންވީމާ، މަދަނައިގެ ވިއުގަ އުފެދިގެންއައީ. އެހެންވީމާ، އަޅުގަނޑުމެން މި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ        މި ސަރުކާރުގެ އެންމެބޮޑު އެއް ވަޢުދު. މި ސަރުކާރު ކުރަމުންދާ އެންމެބޮޑު އެއް މަސައްކަތަކީވެސް މިދެންނެވީ. ދިވެހިރާއްޖޭގެ ނިކަމެތިންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެން ކުރިޔަށް މިއޮތް 2011 ވަނައަހަރުވެސް މިދެންނެވި މަސައްކަތް ކުރިޔަށް އަދި ފުޅާކުރާނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހިންނަވަރު ހުރިހާ ނިކަމެތިންނަށާއި، ފާދިއްޕޮޅު ހުރިހާ ނިކަމެތިންނަށާއި އަދި މިރާއްޖޭގެ އެންމެހާ ނިކަމެތީންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދޭނަން.
 
އަޅުގަނޑުމެނަށް އަބަދުވެސް އެނގޭ، މިރާއްޖެ އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ އަޅުގަނޑުމެންގެ ކުރީގެ ދިވެހިން، އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަނޑުމެންގެ މައިންބަފައިން މިރާއްޖެ މިގޮތަށް އަޅުގަނޑުމެނަށް ރައްދުކޮށްދިނީމާކަން. އެމީހުން ކިތަންމެ މަސައްކަތެއް ކުރީމާކަން އެމީހުން މަހަށް، ފަރަށް ދިޔައިމާކަން، އެމީހުން ރުކަށް އެރީމާކަން، ވަޑާންކުރީމާކަން އެމީހުން ރެޒޯޓުފަހަރު ހެދީމާކަން، އެމީހުން ކިތަންމެކިތަންމެ މަސައްކަތެއް ކުރީމާކަން. ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ މިލޮބުވެތި އެމް.ޑީ.ޕީ.ގެ ފަލްސަފާއެއް ނޫން އެއީ، މިއަދު މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައޒަފުންކަމަށް ބުނާކަށް. އެމް.ޑީ.ޕީ.ގެ ފަލްސަފާއަކީ މިރާއްޖެ އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ، މީގެކުރީގައި އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް މިކަން ކޮށްދީފައި އޮތީމާއޭ. އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީ، އުމުރުން      65 އަހަރުގެ ކޮންމެ ދިވެއްސަކަށް ޕެންޝަނެއް ދިނުމަށް.
 
އަޅުގަނޑުމެން ހިނގި ހިނގުމުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނުނު ރާއްޖޭގެ ދޮށީ އުމުރުގެ މީހުން، އެމީހުންގެ ޙަޔާތުގެ ފަހުދުވަސްތައް ހޭދަކުރަމުންދިޔަގޮތް. އަޅުގަނޑުމެން ދުށިން، ހޮޅުއަށިއަށިން، ގޮނޑުދޮށުން، ރުއްރުކުގައި މަންމަ ނުވަތަ ކާފަ ނުވަތަ ބައްޕަ ލައްވެފައި ހުއްޓާ. އަޅުގަނޑުމެން ދުށިން، ހިންނަވަރުގައިވެސް މާލޭގައިވެސް ގޯތިގެދޮރު ފޮތިކުރަމުންއައިސް އެންމެފަހުން ކުރީގައި ބަދިގެހުރިތަނުގައި ހުރި ކޮޅުފިލާގޮޑިއެއްގައި މަންމަ ނުވަތަ ކާފަ ނުވަތަ ދޮށީއުމުރުގެ ކޮންމެވެސް މީހަކު ހުއްޓިފައި އޮއްވާ. އަޅުގަނޑުމެން އެދުވަހު ވަޢުދުވީން، އަޅުގަނޑުމެންގެ ސަރުކާރެއްގައި އެމީހުނަށް އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެން ހޯދައިދޭނަމޭ.
 
އަޅުގަނޑު މިއަދު އުފާވަނީ މި ހިންނަވަރުގެ 197 މީހަކަށް މިދެންނެވި 2000 ރުފިޔާގެ ޕެންޝަން ދެމުންގެންދާތާ މިވީ މިއަދަށް ދެއަހަރު. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މި ހިންނަވަރަށް ކޮންމެމަހަކަށް ތިންލައްކަ ނުވަދިހަ ހަތަރުހާސް ރުފިޔާ އިޖްތިމާޢީ ރައްކާތެރިކަމަށްޓަކައި ފޯރުކޮށްދެވޭތީވެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، އަޅުގަނޑުމެންގެ ރައްޔިތުންނާ އަޅާލުމަށް، އަޅުގަނޑުމެން ވަޢުދުވީ ކަންކަން ކުރަމުން ގެންދެވޭތީވެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންގެ ރައްޔިތުންގެ ތަނަވަސްކަން އަޅުގަނޑު މެންނަށް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބުވަމުން އަންނާތީ. އަޅުގަނޑުމެންގެ އުފާވެރިކަން ގުޅިފައިއޮތީ ހިންނަވަރުގެ 42 މީހަކަށް އަޅުގަނޑުމެންނަށް އެކަނިވެރި މައިންގެ ގޮތުގައި ނުވަތަ ޔަތީމު ކުދިންގެގޮތުގައި ނުވަތަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެގޮތުގައި އެބަ އެހީތެރިވެދެވޭ. އަޅުގަނޑުމެންގެ އަމާޒަކީ، މިރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށް. އަޅުގަނޑުމެންގެ ބޭނުމަކީ، މިރާއްޖެ ތަރައްޤީކުރުން. ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ އަޅުގަނޑުމެންގެ ފަޤީރު މީހާއަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދެވުނީމާ.
 
އަޅުގަނޑުމެން ވީ ވަޢުދެއް އެއީ، ރާއްޖެ ތަރައްޤީވާނީ، އަދި ޤައުމެއް ތަރައްޤީވެ މިދަނީ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން އެއްރަށާއި އަނެއްރަށާ ގުޅުނީމައޭ. ވިޔަފާރި ކުރިއަރައި ދިޔާމައޭ. ވިޔަފާރި މިކުރިއަރަނީ މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ބަދަލުވެގެން ދިޔައިމާ. އަޅުގަނޑުމެން ވަޢުދުވިން، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވޭނެކަމަށް. އަޅުގަނޑުމެން ބުނަމުން އައިން، ބަޔާންކުރަމުންދިޔައިން، 7 އަހަރުދުވަހުގެ ތެރޭގައި އެމަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމާނެކަމަށް. ދެއަހަރުދުވަހުގެ ތެރޭގައި އަސާސީ ޚިދްމަތްތައް ފޯރުކޮށްދެވޭނެ ކަމަށް. އަޅުގަނޑު މިރޭ، ހިތްހަމަޖެހެނީ، މި ހިންނަވަރުގެ ފަސްހާސް ފައްސަތޭކަ ރައްޔިތުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އެ ޚިދްމަތުގެ ބޭނުން ހިފާފައިވާތީވެ. ހިންނަވަރުން ފަސްހާސް ފައްސަތޭކަ ރައްޔަތުން ދަތުރަށް އަރާފައިވާއިރުގައި ހިންނަވަރަށް ދަތުރު ނިންމާފައި  4914 ރައްޔިތުން ވާކަމީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭކަމެއް. މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. މިޕާޓީގެ މެނިފެސްޓޯ ކާމިޔާބުވާކަމުގެ އެންމެބޮޑު އެއްދަލީލު.  
 
ދަތުރުފަތުކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުން ހިންގާންޖެހޭނެ އެންމެ މުހިންމު އެއްކަމަކީ ބަނދަރުތައް ތަރައްޤީކުރުން. ބަނދަރުމައްޗެއް އުފެއްދުން. މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި ތޮށިގަނޑެއް އެޅުމެއްނޫން. އެއްގަމު ތޮށްޓެއް އެޅުމެއްނޫން. ބޭރު ތޮށްޓެއްވެސް އެޅުމެއްނޫން. ބޮޑުހިލަ ޖައްސާލުމެއްވެސް ނޫން. އަޅުގަނޑުމެން އުފައްދާން ބޭނުންވަނީ، އިޤްތިޞާދީ ނާރެސްއެއް. އެއް ރަށާއި އަނެއް ރަށާ ގުޅާލާ މާރުކޭޓެއް. އަޅުގަނޑުމެން އުފައްދާން މިއުޅެނީ މީގެކުރީގައި އަޅުގަނޑުމެން ޚިޔާލުކުރި ބާވަތުގެ ކަމެއްނޫން. ބަނދަރެއް ހަދާކަށެއް އަޅުގަނޑުމެނެއް ނޫޅެން. އަޅުގަނޑުގާތުގައި ވަރަށްގިނަ ބޭފުޅުން، ވަރަށްގިނަ ރައްޔިތުން، ރައީސް މިރަށުގެ ބަނދަރޭ އެބަބުނޭ. އަޅުގަނޑު ދަންނަން، އަޅުގަނޑުމެންނެއް ނޫޅެމޭ ބަނދަރުހަދާކަށް. އަޅުގަނޑުމެން މިއުޅެނީ މިރާއްޖެ ތަރައްޤީކުރާށޭ.ރާއްޖެ ތަރައްޤީކުރުމަށްޓަކައި ބަނދަރެއް ހަދަންޖެހޭ ތަންތަނުގައި އެބަނދަރެއް ހަދަންޖެހޭގޮތަކަށް އެބަނދަރެއް އަޅުގަނޑުމެން ހަދަމުން ގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ،އަޅުގަނޑުމެންގެ ޢާންމު ޙާލަތު ބަދަލުކުރުން. މި ހިންނަވަރުގެ މުޅި މަލަމަތި އެކީގަ އަޅުގަނޑުމެންހަދާނަން. މިހިންނަވަރުގެ ބަނދަރުމަތި އެކީގައި މި ސަރުކާރުން ތަރައްޤީ ކުރާނެ. ޖެހިގެން މިއޮތް ނައިފަރުގެ މަލަމަތި އެކީގައި މި ސަރުކާރުން ބަނދަރުހަދައި ނިންމާނެ. މުޅި ނައިފަރުގެ މަލަމަތި މި ސަރުކާރުން ހަދާނެ. މި ހިންނަވަރުގައި މި ސަރުކާރުން ފުލެޓް އަޅާނެ. ނައިފަރުގައި މި ސަރުކާރުން ފްލެޓް އަޅާނެ. މި ހިންނަވަރުގެ މަދަރުސާ އެއްދަންފަޅިއަށް ހަދާނެ. ނައިފަރުގެ މަދަރުސާ އެއްދަންފަޅިއަށް ހަދާނެ.  އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ވަޢުދު ފުއްދާ ޕާޓީއެއް. އަޅުގަނޑުމެން ނުކުމެ މިތިބީ ހަމައެކަނީ އެކަންކުރުމަށް.
 
މި ސަރުކާރު ދެމިއޮންނަނީ ހަމައެންމެ ބޭނުމަކަށްޓަކައި.، އެއީ އަޅުގަނޑުމެން     ވީ ވަޢުދު ފުއްދުމަށްޓަކައި. އަޅުގަނޑުމެން ތިބޭފުޅުންނަށް ޚިދްމަތްކުރުމަށްޓަކައި. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކަމާއެކީގައި އަރުވަނީ، އަޅުގަނޑުމެން އެމަސައްކަތްކުރުމުގައި އެންމެ ހިނދުކޮޅަކުވެސް ފަހަށް ނުޖެހޭނެކަމަށް. އަޅުގަނޑުމެންނަށް އަބަދުވެސް ސާފުކޮށް އެނގޭ ޙަޤީޤަތަކީ، ތަރައްޤީ ގުޅިފައިހުރީ އިންސާނާޔާކަން. ތަރައްޤީ ގުޅިފައި ހުރީ އަނެއްކާވެސް ތަކުރާރުކޮށް އަޅުގަނޑު ދަންނަވާނީ ނަރުދަމާއަކާއެއްނޫނޭ، ސަހަރާ ވަށާފާރަކާ އެއްވެސް އެއްވެސް ނޫނޭ، ބޯޅަދަނޑަކާއެއްވެސް ނޫނޭ. ބޮޑުހިލަ ބަނދަރަކާއެއްވެސްނޫނޭ. ތަރައްޤީ ގުޅިފައިހުރީ ހަމަސީދާ އަޅުގަނޑުމެން އިންސާނުންނާއޭ. ތަރައްޤީވާން މިޖެހެނީ މީހާ. އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ ރަނގަޅު ތަޢުލީމެއް، ތަންދޮރު އަޅުގަނޑުމެނަށް އެނގިގެން. އަޅުގަނޑުމެން އެހެންވީމާ ވަޢުދުވީ، އަޅުގަނޑުމެންގެ ވަޢުދެކޭ އެއީ އިމްތިޙާނުގައި، އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދީންގެ ތެރެއިން،  60 ޕަސެންޓް ކުދިންނަކީ 5 މާއްދާއިން ފާސްވާ ކުދީންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަމޭ.
 
އަޅުގަނޑު މިރޭ އުފާވަނީ 2010 ވަނަ އަހަރުގެ ތެރޭގައި މި ހިންނަވަރުގައި        8 ކްލާސްރޫމް އެޅި، މިރަށު މަދަރުސާ އެއްދަންފަޅިއަށް ބަދަލުވެފައިވާތީވެ. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ 2010 ވަނަ އަހަރުގެ ތެރޭގައި މިރަށުގެ ދަރިވަރުންނަށް        ފޮތް ފަންސޫރު ގަލަން ގަތުމަށް ހަތަރުލައްކަ ފަސްދޮޅަސް ހަތަރުހާސް ނުވަސަތޭކަ ހަތްދިހަ ހަރުފިޔާ ޚަރަދުކުރެވިފައި ވާތީވެ. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، މިރަށުގެ ދަރިވަރުން އިމްތިޙާންތަކުގައި ބައިވެރިވުމަށް ދެލައްކަ އަށްޑިހަ އެއްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ ޚަރަދުކުރެވިފައި، އަދި ޚަރަދުކުރުމުގެ ފުރްޞަތު އަޅުގަނޑުމެންނަށް ލިބިފައިވާކަމުން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރަށުގައި ރަނގަޅު ޖީލެއް އުފެއްދުން. ކުޅަދާނަ ޒުވާނުންތަކެއް ނެރުން. އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވަމުންދިޔައީ، ޑްރަގްގެ ވަބާއިން އަޅުގަނޑުމެން މިރާއްޖެ އިރާދަކުރެއްވިއްޔާ ސަލާމަތްކޮށްދޭނަމޭ. އެހެންވީމާ، އަޅުގަނޑުމެން މިރާއްޖޭގެ ޒުވާންޖީލުގެ އިޖްތިމާޢީ ރައްކާތެރިކަމަށް މަސައްކަތްކުރާން ފެށީ. އެހެންވީމާ، އަޅުގަނޑުމެން މިރާއްޖެއަށް ބާރުގަދަ މަސްތުވާތަކެތި އެތެރެވާންހުރި ދޮރުތައް ބަންދުކުރާންފެށީ. އަޅުގަނޑުމެނަށް ދިމާވެފައިހުރި ދަތިތައް، ހުރަސްތައް ކިތަންމެހާވެސް ގިނަ. އެހެންނަމަވެސް، އެމަސައްކަތުގެ ކާމިޔާބު އަޅުގަނޑު މިރޭ ދެކެނީ ވަރަށް އުޖާލާކޮށް. އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ރަށެއް މިހިންނަވަރަކީ. އަދި މި ހިންނަވަރުގެ ޒުވާނުންގެ ތެރެއިން އެތައްބައެއް، ޖީލެއް އެކީގައި ގެއްލިދާކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގެމުންއައީ. ޙަޤީޤަތުގައި އެޖީލަކީ އަޅުގަނޑުމެންގެ ޖީލު. އެޖީލު ގެއްލިދާކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދުލެއް ނުކުރާނަން. އަޅުގަނޑުމެން އެކުދިންނާ އަޅާލާނު. އަޅުގަނޑުމެން އެކުދިން އަލުން އަނބުރާ މުޖުތަމަޢުއަށް އިރާދަކުރެއްވިއްޔާ ނެރޭނަން. އަޅުގަނޑުމެން މިރާއްޖޭގައި ޑީޓޮކްސިފިކޭޝަން ސެންޓަރުތައް ހަދާނެ. އަދި ޑްރަގުން ސަލާމަތްވުމަށްޓަކައި ރިހެބިލިޓޭޝަން ސެންޓަރުތައް މި ސަރުކާރުން މި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އިރާދަކުރެއްވިއްޔާ އަޅާނެ. އަޅުގަނޑުމެން ތިޔަ ޒުވާނުންނަށް އެހީތެރިވުމަށް ކުރެވެންހުރި ހުރިހާކަމެއް އިރާދަކުރެއްވިއްޔާ ކުރަމުންގެންދާނަން.  
 
ޤައުމެއް ތަރައްޤީވުމަށް ކޮންމެހެން ބޭނުންވާ ކަންތައްތަކެއް ހުންނަކަމަށް އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަން. ރައްޔިތަކު ހިފަހައްޓައި އޮބަހައްޓައި ބާއްވައިގެނެއް ޤައުމެއް ތަރައްޤީއެއް ނުވާނެ. ރައްޔިތުން ބިރުގަންނަވައިގެނެއް ޤައުމެއް ތަރައްޤީއެއްނުވާނެ. ރައްޔިތަކު ދޫކޮށްލީމާ މެނުވީ އެއްވެސް ޤައުމެއް ތަރައްޤީވެފައެއްނެތް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ރައްޔިތުންނަށް ރައްދުކޮށްދީގެން ނޫނިއްޔާ ޤައުމެއް ތަރައްޤީ ވެފައެއްނެތް. އަޅުގަނޑުމެންގެ އަބަދުވެސް އެންމެބޮޑު މަޝްރޫޢަކީ ބަނދަރު ހެދުމުގެ މަޝްރޫޢެއްނޫން، ބިން ހިއްކުމުގެ މަޝްރޫޢެއްނޫން، އަޅުގަނޑުމެންގެ އެންމެބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ. އެ މެދުވެރިކޮށްގެންނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އެއްގޮތަކަށްވެސް ގަބޫލު ނުކުރައްވާތި، އަޅުގަނޑުމެން އެދޭ މިންވަރަށް، އަޅުގަނޑުމެން އެދޭ މިންވަރަށް އަޅުގަނޑުމެންނަށް ހުރިހާކަމެއް ލިބެމުން ހިނގައިދާނެކަމަށް. އަޅުގަނޑުމެން މިއެދޭ ބަދަލު މިރާއްޖެއަށް ގެންނާން އަޅުގަނޑުމެން ބޭނުމީނަމަ، މިރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަކީ ކޮންމެހެން މުހިންމުކަމެއް. ރައްޔިތުންނާގާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ އިޙްސާސްތަކާއި ރައްޔިތުންގެ ވިންދާ އެއްގޮތްވާ ވެރިކަމެއް ރާއްޖޭގައި ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް.
 
މާލޭގައި ހިންގާ ވެރިކަން ޑިމޮކްރެސީގެ އުސޫލުން ރައްޔިތުންގެ މަޖިލީހުން ބަލަމުންގެންދިޔަ ކަމުގައިވިޔަސްވެސް، ރަށުދަރަޖައިގައިވެސް، އަތޮޅު ދަރަޖައިގައިވެސް އަދި ޕްރޮވިންސް ދަރަޖައިގައިވެސް ރަނގަޅު ވެރިކަމެއް، ރަނގަޅު ވެރިކަމުގެ ނިޒާމެއް ރަށްވެރިކަމެއް ނުހިނގާހާ ހިނދަކު އަޅުގަނޑުމެން މިއެދޭ ޙަޤީޤީ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.    މި ހިންނަވަރު ތަރައްޤީކުރާނީ މިހިންނަވަރު ރައްޔިތުން. އެމީހުން އިންތިޚާބުކުރާ ކައުންސިލަރުން.    އެ ކައުންސިލަރުން ނިންމާނީ އެމީހުންގެ ރަށުގައި ތަރައްޤީ ކުރިޔަށްގެންދާންވީގޮތް. އަޅުގަނޑުމެންނަކަށް މިޕާޓީއަކަށް ފެބްރުއަރީ 5 ގެ ފަހަކުންނެއް އަދި އަތްދޫކޮށްލެވޭކަށްނެތް. ކޮންބަޔަކަށްތޯ މިކައުންސިލު އޮންނަ ގޮތް އެނގިވަޑައިގަންނަވަނީ. ކޮންތަނެއްގައިތޯ ކައުންސިލް އިށީންނަނީ. ކިހިނެއްތޯ ކައުންސިލުން ހަދަނީ. ކޮންކަމެއްތޯ އަޅުގަނޑުމެން ކުރާން މިއުޅެނީ. ކާކަށްތޯ މިކަންއެނގެނީ. މިއީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. މިއީ، އެމް.ޑީ.ޕީ.ގެ ފަލްސަފާއެއް. އަޅުގަނޑުމެންނަކަށް މިކައުންސިލް ދުލެއް ނުކޮށްލެވޭނެ. މިކައުންސިލާ ގުޅިފައި އޮތީ މިރާއްޖޭގެ ސަލާމަތް. އެހެންވީމާ، އަޅުގަނޑުމެންނަށް މަޖުބޫރު މިކައުންސިލްގެ އަޣްލަބިއްޔަތު ކޮންމެހެންވެސް ހޯދަން.  އެހެންވީމާ، އަޅުގަނޑު ހިންނަވަރު ރައްޔިތުންގެ ކިބައިން އެދެނީ ސަތޭކައިން ސަތޭކަ ހުރިހާ ވޯޓެއް އަޅުގަނޑުމެންނަށް ދެއްވުމަށް. ހުރިހާވޯޓެއް. އަޅުގަނޑު ހިންނަވަރުގެ ހުރިހާ ވޯޓު ބޭނުން. އެންމެ ވޯޓެއް ވައްޓާނުލައި ހިންނަވަރުން ކައުންސިލަށް އަޅުގަނޑުމެންނަށް ވޯޓުލިބެން އެބަޖެހޭ.
 
މިރާއްޖޭގައި ޑިމޮކްރަސީ އަށަގަންނުވާން ބޭނުންނަމަ އަޅުގަނޑު ނުހަނު އެދެން، އަޅުގަނޑުގެ ދަރިންނާއި ތިޔަބޭފުޅުންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި. އެޑިމޮކްރަސީ ނެތްނަމަ، މިރޭ މިތާ މިތިބި ހުރިހާ ރައްޔިތުންނަކީ ކުށްވެރިން. އެންމެމަދުވެގެން ދެއަހަރު ދުވަހުގެ  ޖަލުގެ ޙުކުމް އަންނާނެ. މީގެ ހަތަރުއަހަރު ކުރީގައިވެސް ތިބޭފުޅުން މިތާ މިގޮތަށް އެއްވެ ތިބިނަމަ، 88 ވަނަމައްދާގެ (ހ) އިން ދެއަހަރު ދުވަހުގެ ޙުކުމް އަންނާނެ. އަޅުގަނޑުމެނެއް އެތަނަށް ދާކަށެއް ދެނެއް ބޭނުމެއްނޫން. އަޅުގަނޑުމެން އެތަނަށް ނުދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން. އަޅުގަނޑުމެން މިކައުންސިލް ހޯދުމަށް މިނުކުންނަނީ އެތަނަށް ނުދިއުމަށްޓަކައި. އެއީ ދެން އަޅުގަނޑުމެން ދެކެން ބޭނުންވާނެ މަންޒަރެއްނޫން. އަޅުގަނޑަށް ޔަޤީން އެއީ، ދެން ދިވެހީން އިތުރަށް އެއްވެސް ބަޔަކަށް ފުރްޞަތުދޭނެ މަންޒަރެއް، ގޮތެއް ނޫން.
 
 އަޅުގަނޑުމެން މި ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް އަޅުގަނޑުމެން ނުކުތީ ހުވަފެންތަކެއް ދެކެމުން. މިރާއްޖެ ތަރައްޤީކުރުމަށް. އަޅުގަނޑުމެން އެދޭތީވެ. އަޅުގަނޑުމެންނެއް ތިބޭފުޅުންގެ ފައިސާއަކު ނުޖެހޭނަން. އަޅުގަނޑެއް ތިބޭފުޅުންނަށްޓަކައި މަސައްކަތްކުރުމެއް ހުއްޓައެއް ނުލާނަން. އަޅުގަނޑުމެނަށް އަނެއް ދިވެހިރާއްޖެ ވަރަށް ސާފުކޮށް ސާދާކޮށްފެނޭ. އަޅުގަނޑުމެން ތިބޭފުޅުންނަށްވީ ވަޢުދުތަކުގެތެރެއިން ގިނަ ވަޢުދު މިހާރު މިވަނީ ފުއްދުމުގެ ވަރަށް ފުރިހަމަ މަރްޙަލާއެއްގައި. އަޅުގަނޑުމެން ފުއްދަންއައި އެންމެ މުހިންމު ވަޢުދެއް އެބަވޭ، އެއީ، މުދަލާއި ޚިދްމަތުގެ އަގު އަޅުގަނޑުމެން ތިރިކޮށްދޭނަމޭ. އެވަޢުދު ފުއްދެމުން އަންނަތަން އަޅުގަނޑަށް ފެންނަ ވާހަކަ ދެންނެވީމާ، ތިބޭފުޅުން ބައެއްފަހަރަށް އެއްޗެކޭ ހީފުޅު ކުރައްވާފާނެ. އެހެންނަމަވެސް ގަބޫލުފުޅުކުރައްވާ! ތަކެތީގެއަގު ވަރަށްބޮޑު ދަރަޖައަކަށް ގުޅިފައިއޮންނަނީ ނަގާބޮޑު ޑިއުޓީއަށް. ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި ތަކެތިން ސަރުކާރަށް ޑިއުޓީ ނަގަމުން މިއަންނަނީ ފަޤީރުންނާއި ނިކަމެތިންނާ ހަމަ އެއް ހަމައެއްގައި. ރާއްޖޭގެ އެންމެބޮޑު މަހުޖަނު މީހާގެ ދަތްއުނގުޅާ ބޭސްފުޅިން ނަގާ ޑިއުޓީ ހަމަހަމައޭ، މިރާއްޖޭގެ އެންމެ ފަޤީރު މީހާގެ ދަތްއުނގުޅާ ބޭސްފުޅިން ނަގާ ޑިއުޓީއާ. މުދަލުގެއަގު ބޮޑު ވެފައިމިވަނީ ޑިއުޓީ ނަގާތީ. ޑިއުޓީނެގުން ހުއްޓާނުލެވެނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނުނެގޭތީވެ. ވިޔަފާރީގެ ފައިދާއިން ޓެކްސް ނަގައި އަދި ޚިދްމަތުން ޓެކްސެއް އަޅުގަނޑުމެންނަށް ނެގުނީމާ އަޅުގަނޑުމެނަށް މުދަލާއި ޚިދްމަތުގެއަގު ތިރިކުރުމުގެ މަގަށް ވަރަށްރަނގަޅު މިޞްރާބެއް ހިފޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން 2011 ވަނައަހަރުގައި ދެން ދެކޭނީ އެމަންޒަރު. 2011 ވަނަ އަހަރު ނިމޭއިރު، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލް މިހާރު އެއޮތީ ފާސްވެފައި. އަޅުގަނޑު އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންނަށް ޝުކުރު ދަންނަވަނީ އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އިޤްތިޞާދީ ކޮމިޓީގަޔާއި މާލިއްޔަތު ކޮމިޓީގައި އެމަސައްކަތް ކޮށްދެއްވި އިބްރާހީމް މުޙަންމަދު ޞާލިޙާށާއި އަސްލަމަށާއި އަދި އެމް.ޑީ.ޕީ.ގެ އިޤްތިޞާދީ ކޮމިޓީގައި އެމަސައްކަތް ކޮށްދެއްވި، ޕާޓީގެ ހުރިހާ މެންބަރުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން.
 
އަޅުގަނޑުމެންނަށް ލިބިފައި މިވަނީ ރަނެއް މަލެއްފަދަ ޕާޓީއެއް. އަޅުގަނޑުމެންނަށް ލިބިފައިމިވަނީ ޖަވާހިރެއް. އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީވުމަށް އަޅުގަނޑުމެންނަށް މިއަށްވުރެ ފައްކާ، މިއަށްވުރެ ކުޅަދާނަ، މިއަށްވުރެ ޙިކްމަތްތެރި ވިސްނުންތެރިކަމެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ޙަރަކާތް ހިންގިގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް ޤައުމު ތަރައްޤީއެއް ނުކުރެވޭނެ. ސިޔާސީޕާޓީއެއް ހެދުމުގެ ބޭނުމަކީ، އިންތިޒާމުވެގެން ސިޔާސީ ޙަރަކާތް ހިންގުން. މިޕާޓީ މިއަންނަނީ ވަރަށް އިންތިޒާމުވެގެން، ސިޔާސީ ޙަރަކާތް ހިންގަމުން. އަޅުގަނޑު އެކަމަށްޓަކައި މިއަދުގެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއަށް ނިހާޔަތަށް ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކީގައި މިޕާޓީގެ ދާއިރާގެ ރައީސުންނާއި ގޮފިތަކުގެ ރައީސުންނާއި އަދި ޕާޓީގެ އެކްޓިވިސްޓުންނާއި ޢާންމު މެންބަރުން ކޮންމެ ޕާޓީގެ ގޮވާލުމަކަށް ކޮންމެ ޕާޓީގެ އިންތިޚާބަކަށް ފޫގަޅާ އެ ނުކުންނަވާ ދަރަޖައަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.
 
އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން ދަންނަވާންއޮތް އަދި އިތުރު އެއްވާހަކަ އެބައޮތް. ތަރައްޤީ ލިބޭނީ ބިންގަނެ ވިއްކިގެން. ބިމަކީ ހަމަ ސީދާ ވިޔަފާރީގެ މުޢާމަލާތްކުރާ މަޢުދަނެއް. އެނޫން އެހެންއެއްވެސް އެއްޗެއްނޫން. ބިމަކީ ބޮޑުކުރެވޭ އެއްޗެއް. ބިމަކީ އިތުރުކުރެވޭ އެއްޗެއް. ބިމަކީ އެހާބޮޑު ކަރާމާތެއްހުރި އެއްޗެއްނޫން. ބިމަކީ އާދައިގެ ސާދާ ވިޔަފާރީގައި އަތް ބަދަލުކުރަންވީ އެއްޗެއް. އެކަން އެހެންވެގެން ނޫނިއްޔާ ބޯހިޔާވަހިކަމެއްވެސް ޙަޤީޤތުގައި ނުލިބޭނެ. އެކަން އެހެންވެގެން ނޫނިއްޔާ ބިން ހެޔޮގޮތުގައި ބޭނުމެއްވެސް ނުކުރެވޭނެ. ބިން ހެޔޮގޮތުގައި ބޭނުން ނުކުރެވެންޏާ ބޯހިޔާވަހިކަމެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. މިބިމަކީ ވަކި މާ މުޤައްދަސް ތަނެއްނޫން. އަޅުގަނޑުމެންނަށް މިބިން ސާފުކޮށް އެކެއް އަނެކަކަށް ދެވެންވެސް ޖެހޭނެ. އެކެއް އަނެކަކަށް ވިއްކެންވެސް ޖެހޭނެ. އެ ޢާންމު އުސޫލަށް އަޅުގަނޑުމެންނަށް ބަދަލުނުވެވޭހާ ހިނދަކު އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.  ބޯދާވިސްނުމުގައި ޤައުމަކީ ތިމާގެ ޖީބުގައި އޮންނަ އެއްޗެއްކަމަށް ނުވަތަ ތިމާއަށް އަތުންހިފައިގެން އެއްތަނުން އަނެއްތަނަށް ގެންދެވޭނޭ އެއްޗެއްކަމަށް ދެކިގެން ދެން އަޅުގަނޑުމެން ސިޔާސީ ފިކުރު ކުރާންވެއްޖެނަމަ ޤައުމު ހައްތަހާވެސް ދާނީ ފަހަތަށް. ޤައުމުދާނީ ދަރަނީވެރިވަމުން. އަޅުގަނޑުމެންގެ ރާއްޖެ މިހާރުމިވަނީ އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުން މެދު އާމްދަނީގެ ޤައުމަކަށް ބަދަލުވެފައި. މިހެންވާއިރުގައި އަޅުގަނޑުމެނަށް މީގެކުރީގައި ލިބެމުންއައި ވަރަށް ކުޑަ އިންޓްރެސްޓުގެ ލޯނުތަކާއި މިބާވަތުގެ މާލީއެހީތައް ލިބޭލެއް މަދުވާނެ. އަދި ޙަޤީޤަތުގައި ބޭނުމެއްވެސްނުވާނެ އަޅުގަނޑުމެންނަށްވުރެ     އެފައިސާ މާ ބޭނުންވާ ޤައުމުތައް، ރައްޔިތުން މިދުނިޔޭގައި އެބައުޅޭ.
 
އަޅުގަނޑުމެނަށް މިއަދު އައިސް މިތިބެވުނުތަނުން ދެން އަޅުގަނޑުމެންހަމަ ކުރިޔަށް ދިއުމަށްޓަކައި އަޅުގަނޑުމެންގެ ކިބައިގައި ހުންނަން ޖެހޭނީ ތަރައްޤީވެފައިވާ މުޖުތަމަޢުތަކުގައި      އެ ހުންނަ ސިފަތައް. ހަމަކަށަވަރުންވެސް އަޅުގަނޑަކަށެއްނެތް، އަޅުގަނޑަކީ ކެރަފާގޯތި މީހެކޭ، ގަލޮޅު މީހެކޭ، މާލޭ މީހެކޭ ކިޔާ ހުރެވޭކަށް. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން އަދި އަތޮޅުދުނިން، ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އަޅުގަނޑުމެންގެ ފިކުރު ގެންދަން. އަޅުގަނޑުމެން އެބަޖެހޭ، ބައިނަލްއަޤްވާމީ ގުޅުންތައް ދޭދޭ ކިތަންމެ ޤައުމަކާ ޤާއިމުކުރަން. އަޅުގަނޑުމެން އެބަޖެހޭ، އެންމެނާ ވާހަކަދައްކަން. އަޅުގަނޑުމެން އެބަޖެހޭ ރަނގަޅު ޝަޚްޞަކަށްވާން، ޤައުމަކަށްވާން. އަޅުގަނޑުމެންގެ ބޭނުމަކީ، ކޮންމެ މީހަކީ، ކޮންމެ ދިވެއްސަކީވެސް ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު ފައިސާއިން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ އަމިއްލަ މީހެކޭ ބުނާ ދިވެހިރައްޔިތެއް އުފެއްދުން. އެ ހިންނަވަރު މީހާ ހޯދުން އަޅުގަނޑުމެންގެ ބޭނުމަކީ. ތިމަންނާޔަކީ ތިމަންނާގެ ޙައްޤުތަކެއް ލިބިފައިވާ އަމިއްލަ ޝަޚްޞެކޭ ބުނެވޭ ހިންނަވަރު ރައްޔިތުމީހާ ހޯދުން.
 
 އަޅުގަނޑަށް ދުވަހުން ދުވަހަށް ފެންނަނީ މި މަންޒަރު އަޅުގަނޑުމެންނަށް ސާފުވަމުން އަންނަތަން. އަޅުގަނޑުމެންނަށް ކާމިޔާބުވަމުން އަންނަތަން. އަޅުގަނޑު ނިންމާލަމުން ދަންނަވާނީ، އުފާވާ ޒަމާނޭ ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ  
 
والحَمْـدُ لِلّـهِ. والســّلام عليــكم.
          _____________________