بســماللّـهالرّحمـنالرّحيــم

 
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން، ކެންދޫ ކަތީބު، ވަޑައިގެން ތިއްބެވި ސަރުކާރުގެ ޢިއްޒަތްތެރިން، އަދި ވަކިން ޚާއްޞަކޮށް، ކެންދޫގެ ލޮބުވެތި ރައްޔިތުން.  
 
السّـلام عليـكم
 
މީގެ އަހަރުތަކެއް ކުރީގައި، އަޅުގަނޑުމެން މިހާރު މި ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ފަރާތުން ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދަތުރުކޮށް ހެދިން. ވަރަށްގިނަ ގޭގެއަށް އަޅުގަނޑުމެން ޒިޔާރަތް ކުރިން. ވަރަށްގިނަ މީހުންނާ އަޅުގަނޑުމެން ބައްދަލުކުރިން. އަޅުގަނޑުމެން އެދުވަހު ވަރަށް ސާފުކޮށް، ރާއްޖޭގެ އަޑު، ރައްޔިތުންގެ އަޑު އެހިން. އަޅުގަނޑުމެނަށް އެނގުނު ޙަޤީޤަތްތަކެއް އެދުވަހު ތަރުޖަމާވެގެންދިޔައީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ސަރުކާރު ހިންގުމާ ޙަވާލުވުމަށްޓަކައި ރައްޔިތުންނަށް ހުށަހަޅާ ހުށަހެޅުންތަކަކަށްވެގެން. މިދެންނެވި އިވުނު އަޑުތައް އެންމެފަހުން އައިސް ތަރުޖަމާވެގެން. ރައްޔިތުން  އެ ގަބޫލުކޮށް، ސަރުކާރު ހިންގުން އަޅުގަނޑާ އަދި ޚާއްޞަކޮށް، އަޅުގަނޑު ނިސްބަތްވާ ޕާޓީއާ ޙަވާލުކޮށް، ރައްޔިތުން ބުނެފައި އެވަނީ، އެ ސިޔާސަތުތައް މި ރާއްޖޭގައި ހިންގައިދޭށޭ. އެމް.ޑީ.ޕީ. މެނިފެސްޓޯގައިވާ ސިޔާސަތުތައް، މި ރާއްޖޭގައި ތަންފީޛުކޮށްދޭށޭ. އެ ސިޔާސަތުތައް ހިންގައިދޭށޭ.
 
ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އެވަނީ، ރާއްޖޭގެ އެދުންތައް. އެ ސިޔާސަތުތަކަކީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށްޓަކައި ސަރުކާރުން އެކުލަވައިލާފައިވާ ސިޔާސަތު. ސަރުކާރަށް އަދި އަޅުގަނޑުމެނަށް އަބަދުވެސް ފާހަގަވާ ޙަޤީޤަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޙަޤީޤަތަކީ، ރާއްޖޭގެ އާބާދީގެ ވަރަށްގިނަ ބަޔަކީ، ވަރަށް ނިކަމެތި ފަޤީރުންނޭ. ރާއްޖޭގެ އާބާދީގެ ކޮންމެ ތިންމީހުންކުރެ އެކަކީ، އެމީހެއްގެ މައްޗަށް ރެޔާދުވާލަށް ދިހަ ބާރަ ރުފިޔާ ނުލިބޭ ނިކަމެތި ފަޤީރުން. އ.ދ.ގެ ހައިހޫނުކަމުގެ ރޮނގުން ސީދާ ތިރީގައިވާ މީހުން. އަޅުގަނޑުމެން ރާއްޖޭގައި މިދިޔަ ދިގު 30 އަހަރުވެސް އަދި މިފަހުން މިއައި އަޅުގަނޑުމެންގެ ދެއަހަރުވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކިތަންމެ ކިތަންމެ ޚިދްމަތެއް އަދި ހުރީ އެތައް ތަނަކުން ފުރިހަމަކުރާންވެފައި. މި ޚިދްމަތްތައް މިދެންނެވި މަގުން ފުރިހަމަކުރާންވެފައި ވަނިކޮށް އަދި އޭގެއިތުރުން އަޅުގަނޑުމެންނަށް މި ސާފުވާ ޙަޤީޤަތަކީ، މިރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި، ރަނގަޅު އެއްލައްކަ މީހުންނަށް، މިދެންނެވި ފަރުނުޖެހޭ، ކަމުނުދާ ޚިދްމަތްތަކަށްވެސް އަތްނުފޯރައޭ. އެމީހުން މާ ނިކަމެއްޗޭ، އެ ރައްޔިތުން      މާ ފަޤީރޭ. އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީ، ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމަށް އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރާނަމޭ. މި ވަޢުދުން މަދަނައިގެ ވިއުގަ އުފެދިގެން އައީ. އަޅުގަނޑު މިއަދު އުފާވާ ސަބަބަކީ، މިރަށުގެ، ކެންދޫގެ 157 މީހުން މަދަނައިގައި ރަޖިސްޓްރީ ވެފައިވާކަން. އަޅުގަނޑުމެނަށް، މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މަދަނައިގައި، މާލިއްޔަތުގައި ކެންދޫ ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި ފަނަރަ މިލިއަން ހަތްލައްކަ ރުފިޔާ، އެއްކައިރި ކުރެވިފައިވާކަން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން.
 
           އަޅުގަނޑުމެނަށް އަބަދުވެސް އެނގިފައި އޮތް ޙަޤީޤަތަކީ، ޤައުމެއް ތަރައްޤީ ކުރުމަށްޓަކައި ތަރައްޤީވާން ޖެހެނީ މީހާއޭ. ކެންދޫ މީހާއޭ. ކެންދޫ މީހާ ހައިހޫނުކަމުގައި ހުއްޓައި، ކެންދޫ ތަރައްޤީވާނެ ގޮތެއް އެއީ، އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ގޮތެއް ނޫން. މި ރަށްވެސް،         މި އަތޮޅުވެސް، މި ޤައުމުވެސް ކުރިއަރައިދިޔުމަށް ކޮންމެހެން ބޭނުމީ، ރައްޔިތުން ހެޔޮޙާލުގައި ރަނގަޅަށް ތިބުން. އެމީހުންގެ ތަރައްޤީ ބޭނުންވަނީ. ރަށެއްގެ ތަރައްޤީއެއް ނުލިބޭނެ، އެރަށެއްގެ ރައްޔިތުންނަކީ، ގިނަ ބައިވަރު ރައްޔިތުންނަކީ، ހައިހޫނުކަމުގައި ނުވަތަ އެމީހުން ބޭނުންވާ ބޭސްފަރުވާ ހޯދުމަށްޓަކައި، އެކެއް ގާތުން، އަނެކެއް ގާތުން، އެއް ސާދާގަރެއް ގާތުން، އަނެއް ސާދާގަރެއް ގާތުން ސަލާން ޖަހަމުންދާންޖެހޭހާ ހިނދަކު. މިރަށުގެ ރައްޔިތުންގެވެސް، މި ރާއްޖޭގެ ރައްޔިތުންގެވެސް ޤަދަރެއް، ޢިއްޒަތެއް އަޅުގަނޑުމެންނަކަށް ހޯދައެއް ނުދެވޭނެ. ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ލިބި، އެރައްޔިތުންނަށް ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ކެންދޫ މީހެކޭ، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ދިރިއުޅޭ، އަނބިދަރިން ބަލަހައްޓާ ފަޚްރުވެރި ކެންދޫ މީހެކޭ ބުނެވުނީމާ ނޫނީ، އަޅުގަނޑުމެންނަކަށް ނުވިސްނޭ، މި ރަށްތައް އަޅުގަނޑުމެނަށް ތަރައްޤީ ކުރެވޭނެ ގޮތެއް. އެޅިދާނެ ބޮޑެތި ޢިމާރާތް. އެޅިދާނެ ބޮޑެތި ބަނދަރުވެސް. ކިތަންމެ ކަމެއްވެސް ކޮންކްރީޓުން އަޅުގަނޑުމެނަށް ކުރެވިދާނެ. އެހެން ނަމަވެސް، އިންސާނާ ބަދަލުނުވަނީހެއް، އިންސާނާ، ކެންދޫ މީހާ ތަރައްޤީ ނުވަނީސް އަޅުގަނޑުމެނަކަށް އެކަމެއް ނުކުރެވޭނެ.
 
އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ އަޑު އަހަމުންދިޔައިރު އަޅުގަނޑުމެނަށް ވަރަށް ސާފުކޮށް މިރަށުންވެސް އަދި ރާއްޖޭގެ ކިތަންމެ ރަށަކުން ފެންނަމުންދިޔަ އެއް މަންޒަރަކީ، ދޮށީ ޢުމުރުގެ މީހުން ހޮޅުއަށިތަކުގައި، ރަށްރަށުގެ ގޮނޑުދޮށުގައި، ރުއްރުއްދަށުގައި ލައްޖެހި ހުއްޓިފައި ހުއްޓާ. މާލޭގައިވެސް ގޯތިތައް ފޮތިފޮތި ކުރަމުން ކުރަމުން އައިސް، ކުރީގައި ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާ ގޮނޑިއެއްގައި ހުއްޓި ވެއްޓިފައި އޮންނަނީ، ކާފަ ނުވަތަ މާމަ. ދޮށީ ޢުމުރުގެ މީހުންގެ ރައްކާތެރިކަމެއް ހޯދައިދިނުމަށްޓަކައި އެހެންވީމާ، އަޅުގަނޑު ނިސްބަތްވާ ޕާޓީންވީ ވަޢުދެއް. އަޅުގަނޑުމެން ވަޢުދުވިން، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން 65 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް، އާމްދަނީ މަދު ކޮންމެ ރައްޔިތަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑު މިއަދު އުފާވަނީ، މި ކެންދޫގެ 42 ރައްޔިތަކަށް ކޮންމެ މަހަކު މިދެންނެވި ދެހާސް ރުފިޔާ ދެމުން ގެންދެވޭތާ މިއަދު މި ދެއަހަރު ހަމަވެދިޔައީ. އަޅުގަނޑު، އަޅުގަނޑަށާއި އަޅުގަނޑު ނިސްބަތްވާ ޕާޓީއަށް ހިތްހަމަޖެހުން ލިބެނީ، މިރަށަށް ކޮންމެ މަހަކު ސަރުކާރުން އަށްޑިހަ ހަތަރުހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ހޭދަކުރެވޭކަން. މިރަށުގައި ދާއިމީ ގޮތެއްގައި، އިތުބާރު ހުރި ގޮތެއްގައި އާމްދަނީ ވަންނާނެ ހަމައެކަނި ގޮތަކީ، ސަރުކާރުގެ ވަޒީފާތަކުން ވަންނަ އާމްދަނީ. އެނގިވަޑައިގަންނަވާނެ، ވަޒީފާތަކަކުން ނުވަންނާނެ މިރަށަކަށް މަހަކަށް އަށްޑިހަ ހަތަރުހާސް ރުފިޔާއެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބި އުފާވަނީ، ކެންދޫގެ އިޤްތިޞާދު ދިރުވުމަށް، ކެންދޫގެ ރައްޔިތުންނަށް ހެޔޮގޮތެއް ހޯދައިދިނުމަށް ކޮންމެ މަހަކު މި ސަރުކާރަށް އަށްޑިހަ ހަތަރުހާސް ރުފިޔާ ޚަރަދު ކުރެވެމުން ގެންދާތީ.
 
އަދި ހަމައެހެންމެ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އަދި ހަމަ އެއާއެކީގައި އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ސަރުކާރުން އިޖްތިމާޢީ ރައްކާތެރިކަމެއް ފޯރުކޮށްދެވޭކަމީ،    މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑު އުފާވަނީ، މި ކެންދޫގެ 8 ފަރާތަކަށް މިދެންނެވި އެހީތެރިކަން ސަރުކާރަށް ފޯރުކޮށްދެވޭތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، ކެންދޫ ރައްޔިތުންގެ ތަރައްޤީ. އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށް ކުރިއަރައިދިޔުން. އެހެންވީމާ، އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުން ގެންދާނަން. އަޅުގަނޑަށް ހިތްހަމަޖެހުން ލިބޭ.
 
ސަރުކާރަށް ވެފައިވާ އެއްވަޢުދަކީ، މި ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލަދޭނަމޭ. އަޅުގަނޑުމެން ބުނަމުން އައީ، ޤައުމެއް ތަރައްޤީވެއެއް ނުދާނެއޭ، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް އުފުލިގެން ނޫނީ. އެ ވިޔަފާރި ގުޅިފައިވަނީ މިކަމާކަމުން. ވިޔަފާރި ތަރައްޤީވީމާ ނޫނީ، އަޅުގަނޑުމެނަށް ރަށެއް، ޤައުމެއް، ރައްޔިތަކު ތަރައްޤީއެއް ނުކުރެވޭނެ. އަޅުގަނޑު މިއަދު އުފާވާ އެންމެބޮޑު އެއްސަބަބަކީ، އަޅުގަނޑުމެންވީ ވަޢުދަކީ، 7 އަހަރު ދުވަހުގެ ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމަށް. އަދި ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައްދޭން ފެށުމަށް. އަޅުގަނޑަށާއި އަދި ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީއަށް އެންމެބޮޑު ހިތްހަމަޖެހުމެއް ލިބެނީ، މިރަށުގެ 800 ފަސިންޖަރުން މިރަށުން ދަތުރަށް މިދިޔަ މަދު ދުވަސްކޮޅު ތެރޭގައި އަރާފައިވާކަމުން. އަދި މިރަށަށް 733 ފަސިންޖަރުން ދަތުރު ނިންމާފައިވާތީ. ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ސަރުކާރުން ޤާއިމްކޮށްދޭންޖެހޭ ވަސީލަތްތަކެއް އެބަހުރޭ. އޭގެތެރޭގައި، އެންމެ މުހިންމު އެކައްޗަކީ ބަނދަރު. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، މިއަހަރުގެ ބަޖެޓްގައި ކެންދޫގެ ބަނދަރު ހިމަނައި، އެ ބަޖެޓްގައި ކެންދޫ ބަނދަރު ފާސްކުރެވި، އިރާދަކުރެއްވިއްޔާ، މިއަހަރު މިރަށުގައި ބަނދަރު ހެދޭނެ.
 
އަދި ހަމަ އެނގިވަޑައިގަންނަވާނެ، ކެންދޫގެ ރައްޔިތުންނަށް އަޅުގަނޑުމެން ބެލި ބެލުމުގައި، މިރަށުގެ ފެން ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައި. އަޅުގަނޑަށް އެނގޭ، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ފެންވަނީ ތަޣައްޔަރުވެފައިކަން. އަދި އެ ރަށްރަށުގެ ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން. ސަރުކާރުން މިދަނީ ވީހާވެސް ގިނަ ރަށެއްގެ ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ހިންގަމުން. އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް މިލިބެނީ، ކެންދޫގެ ނަރުދަމާ 2011 ވަނަ އަހަރު ހެދޭނެތީ. މިއަހަރުގެ ބަޖެޓްގައި، އެ ނަރުދަމާގެ މަސައްކަތް އެވަނީ ހިމެނިފައި. އަޅުގަނޑު ހަމަ މިދެމަސައްކަތް މިރަށުގައި ހިންގުމަށް މިރަށުގެ، މިރަށަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ތަސްމީން ޢަލީގެ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަން. ބަޖެޓް މުޠާލިޢާ ކުރުމުގަޔާއި، ބަޖެޓް ފާސްކޮށްދިނުމުގައި، އެބޭފުޅާގެ އެހީތެރިކަން އެމް.ޑީ.ޕީ. އަށް ވަރަށް ފުރިހަމައަށް އަދި ސަރުކާރަށް ވަނީ ވަރަށް ފުރިހަމައަށް ލިބިފައި. އެހެންވީމާ، އަޅުގަނޑު އަޙްމަދު ތަސްމީން ޢަލީއަށް ފަށްފަށުން ޝުކުރު ދަންނަވަން.
 
އަޅުގަނޑުމެނަށް، އަޅުގަނޑުމެންގެ އަބަދުވެސް އެންމެބޮޑު އަމާޒަކީ، އެންމެބޮޑު ބޭނުމަކީ ރަށްރަށް ތަރައްޤީ ކުރުން. އަޅުގަނޑުމެނަށް އެނގޭ، ވާދަވެރި ސިޔާސީ މަސްރަޙެއް އުފެދިގެން ނޫނިއްޔާ، އަޅުގަނޑުމެނަކަށް ތަރައްޤީއެއް ނުލިބޭނެކަން. އަޅުގަނޑުމެން ތަރައްޤީ ހޯދުމަށްޓަކައި ޤާއިމްކުރީ މިދެންނެވި ޞުލްޙަވެރި ސިޔާސީ ހަރަކާތް އިންތިޒާމްވެގެން، ޖޯޝާއި ފޯރިއާ އެކީގައި، ވާދަވެރި ގޮތެއްގައި ހިންގޭނެ އިންތިޒާމެއް. އަޅުގަނޑަށް މިއަދު ހަމަ ވަރަށްބޮޑު ހިތްހަމަޖެހުމެއް     މި ލިބެނީ، މިކެންދޫގައި އެ ނިޒާމް ވަރަށް ރަނގަޅަށް ހިނގަމުން އަންނަތަން އަޅުގަނޑަށް ފެންނާތީ. އަޅުގަނޑުމެންގެ އަމާޒަކީ، އެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް މަންފާވުން. އެއްވެސް ނިޒާމެއްގެ ބޭނުމެއް ނެތް، އެ ނިޒާމް މެދުވެރިކޮށްގެން، ނަރުދަމާ ނޭޅެންޏާއެއް. ޑިމޮކްރަސީގެ ބޭނުމެއް ނެތް، ޑިމޮކްރަސީ މެދުވެރިކޮށްގެން ބަނދަރު ނުހެދޭނަމަ. އަޅުގަނޑުމެން ޑިމޮކްރަސީއަށް އެދޭ ކަމަކީ، ބަނދަރު ހެދުމަށްޓަކައި. އެހެން ގޮތެއް، އަނެއް ދިވެހިރާއްޖެއެއް އަދި ސީދާ ސާފު ގޮތެއްގައި އަނެއް ދިވެހިރާއްޖެ، ރަށަށް ގެނައުމަށް އަޅުގަނޑުމެން މިމަސައްކަތް ކުރަނީ، މިރަށުގެ ތަރައްޤީގެ މަގުފަހިކޮށްދިނުމަށްޓަކައި.
 
ރައްޔިތުންނާ ގާތުން ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްގެން ނޫނިއްޔާ، ސަރުކާރު ހިންގައިގެން ނޫނިއްޔާ ޤައުމެއް ތަރައްޤީވެއެއް ނުދާނެ. އެކަން ކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ، ފެބްރުއަރީ 5 ގައި މި އަޅުގަނޑުމެނަށް ބިންގަލެއް އެޅެނީ. އެއީ، ލޯކަލް އިންތިޚާބު ބާއްވައި، މިރަށުގައިވެސް އިރާދަކުރެއްވިއްޔާ ކައުންސިލެއް އުފެދޭނެ. އެ ކައުންސިލް ވެގެންދާނީ، މިރަށުގެ ތަރައްޤީގެ އެންމެބޮޑު، އެންމެ މުހިންމު ވަސީލަތަށް. އަދި އަޅުގަނޑުމެނަށް ހަމަކަށަވަރުންވެސް އަޅުގަނޑަކަށްވެސް އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީއަކަށްވެސް ކައުންސިލްގެ ފިކުރު އަދި ހަމަ އިންތިޚާބު ވުމަކުން ކައުންސިލް ދޫކޮށްލެވޭކަށެއް ނެތް. އަޅުގަނޑުމެނަށް ވަރަށް ސާފުކޮށް އެނގޭ، އަދި ވާދަވެރި ޕާޓީތަކުން އަޅުގަނޑު ދެންމެ މިދެންނެވި އަޙްމަދު ތަސްމީން ޢަލީގެ ޕާޓީންވެސް އަދި ފަލްސަފާއެއް އެކުލަވާލަންއެބަޖެހެއޭ. އެ ޕާޓީއަކު ނެތް ގޮތެއް، އެ ޕާޓީއަކު ނެތް އެ ޕާޓީގެ ސީދާ ފަލްސަފާއެއް. އެހެންވީމާ، ޕާޓީއަކަށް، ކޮންމެ ޕާޓީއަކަށް އެންމެ ސާފުގޮތުގައި ބޭނުންވާނެ އެކައްޗަކީ ވަރަށް ރަނގަޅު ފަލްސަފާއެއް، ފިކުރެއް، ޚިޔާލެއް. އެބޭފުޅުންނަށް އެބަޖެހޭ، ވާދަވެރި ދެފަރާތަށްވެސް އެބަޖެހޭ ދެބާވަތުގެ ސިޔާސީ ފަލްސަފާ ނެރެން. އެމް.ޑީ.ޕީ.ގެ ސިޔާސީ ފަލްސަފާއެއް އެބައޮތް. އަދި ހަމަ ކެންދޫ ރައްޔިތުންނަށް ޑީ.އާރު.ޕީ.ގެ ސިޔާސީ ފަލްސަފާއެއްވެސް ސާފުވާންޖެހޭނެ. އަދި ހަމަ ސިޔާސީ މަސައްކަތް ހިންގުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމަކީ، ސާދާ ސާފުގޮތުގައި ކޮންމެ ޕާޓީއެއްގެވެސް ލީޑަރެއް އެނގެންވީ. އަދި އެއީ އެ ހަމައަކުން، ގޮތަކުން އިންތިޚާބުވެފައި ނުވަތަ އެޕާޓީއެއްގެ އަސާސީ ގަވާއިދުތަކާއި އަސާސީ ހަމަތަކާ އެއްގޮތަށް އެކަށައެޅިފައި ހުންނަ ލީޑަރެއް ހުރުން. އަޅުގަނޑު އެދެން، މިކަންކަން ފުރިހަމަވެގެން ކައުންސިލްތައް، ޕާޓީތަކުގެ އެހީތެރިކަމާއެކީގައި ބާރަށް ހިނގުމަށް. އެހެންވީމާ، އަޅުގަނޑުމެނަކަށެއް އަދި ނެތް، އެ ކައުންސިލް ހަމަ އިންތިޚާބުވީމާ، އަތް ދޫކޮށްލެވޭކަށް.
 
އަޅުގަނޑުމެނަށް ވަރަށް ސާފު، ކައުންސިލް އެބަ ދިރުވަންޖެހޭކަން. ކައުންސިލް އެބަ ބިނާކުރުވަންޖެހޭކަން. އަޅުގަނޑުމެންގެ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފިކުރެއް ކައުންސިލަކީ. މި ޕާޓީގެ ފަލްސަފާއެއް ލާމަރްކަޒީ އުޞޫލަކީ. އެއީ، އަޅުގަނޑުމެން ކުރަން އުޅުނު ކަމެއް. ޤާނޫނުއަސާސީ އެކުލަވައިލަމުންދިޔައިރުގައި، އެ އަސާސްގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު، 8 ވަނަ ބާބެއް ނެތް. 8 ވަނަ ބާބަކީ މާފަހުން އޭރުގައި އެމް.ޑީ.ޕީ.ގެ އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރާއި އަދި އެމް.ޑީ.ޕީ.ގެ ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ހުށަހަޅައިގެން އެކަށައެޅުނު ބާބެއް. އަޅުގަނޑުމެން މިހާރު މިދަނީ އެ ބާބު ތަންފީޛު ކުރަމުން. ދާއިރުގައިވެސް މިކަމަށްހުރި ހުރަސްތައް އަދިވެސް މަދެއް ނޫން. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މިދަންނަވަނީ، މާގިނައެއް ނުވާނޭ، އަޅުގަނޑު މިއަންނަ ރަށު މީހުން ބާރުދޫކޮށްލަންޖެހޭ. ގިނައެއްނުވާނެ. އަޅުގަނޑު ރަށު މީހުންނަކީ ޒަމާނުއްސުރެ ފަށައިގެން ބާރުވެރިން. އަޅުގަނޑު ރަށު މީހުންނެއް އެހާ ފަސޭހައެއްކޮށް ހަމަ މިރަށު މީހުންނެކޭ އެއްފަދައިން، މިރަށު އޮތް އެއްޗެއް އެއީ ބާ އިންޖީނަކަށްވިޔަސް އަދި ތަނެއްގައި ހުރި އާދައިގެ މޭޒަކަށްވިޔަސް، މިރަށު އޮތް އެއްޗެއް، މިރަށު މީހުން ނުދޭނެ އެހެން ރަށަކަށް، އުނދަގޫވާނެ. އަޅުގަނޑުމެން މިއަދު ކުރާންވެގެން މިނުކުތް މަސައްކަތަކީ، އަޅުގަނޑު ރަށުގައި ހުރި އެއްޗެއް، ރާއްޖޭގެ ހުރިހާ ރަށަކަށް ބަހާލުން. އެމަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. އެމަސައްކަތުގައި އަޅުގަނޑުމެނަކަށް ހަމަގައިމުވެސް އަޅުގަނޑަކަށް މާގިނަ ބައިވެރިންނެއް ނުލިބޭ. އަޅުގަނޑުމެންގެ ޕާޓީ އެއީ މި ފަލްސަފާ ގަބޫލުކުރާ ޕާޓީއެއް. އަޅުގަނޑުމެން މިދެކެނީ، ބާރު އެއްތަނަކަށް ޖަމާވެގެން ލިބޭނެ ތަރައްޤީއެއް ނޯންނާނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެނަށް މިމަސައްކަތުގައި މިރަށު ރައްޔިތުން އަޅުގަނޑާ އެކީގައި މަސައްކަތް ނުކުރެއްވިއްޔާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑު ރަށަކު ނެތޭ، މާގިނަ މީހުނެއް މިކަމުގައި އަޅުގަނޑާ އެކުގައި މަސައްކަތް ކުރާން. އެހެންވީމާ، މިރަށު މީހުންވެސް އަޅުގަނޑާ އެކުގައި މިކަން ކުރާން ނެތިއްޔާ އަޅުގަނޑަށް ވަރަށް ދަތިވާނެ މިކަން ކުރަން. އަޅުގަނޑުގެ އުންމީދަކީ، ތިބޭފުޅުން އަޅުގަނޑުމެނާ އެކުގައި މިމަސައްކަތް ކޮށް ނިންމަވައިދެއްވާނެ ކަމަށް.
 
އަޅުގަނޑު އަބަދުވެސް ފާހަގަކުރަމުން މިއަންނަނީ، ޙަޤީޤީ ތަރައްޤީ ލިބޭނީ، ސީދާ އިންސާނާ ތަރައްޤީވީމައޭ. އަޅުގަނޑުމެނަށް ތަންދޮރުއޮޅުންފިލީމައޭ. އަޅުގަނޑުމެނަށް ވާނުވާ އެނގުނީމައޭ. އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދެވުނީމައޭ. އެހެންވީމާ، އެއްދަންފަޅިއަށް މަދްރަސާ ބަދަލުކުރަން މި ސަރުކާރުގެ ސިޔާސަތު ކަނޑައެޅީ. ފުރިހަމައަށް އެކަންތައް ހިންގޭނެ ގޮތެއް އިންތިޒާމް ކުރުމަށް ސަރުކާރުން ނިންމީ. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބުނީ، 2010 ވަނަ އަހރު މި ކެންދޫ ދަރިންނަށް، ފޮތް، ފަންސުރު، ގަލަން ހޯދައިދިނުމަށް ސަރުކާރުން އެއްލައްކަ ފަސްދޮޅަސް ތިންހާސް އެއްސަތޭކަ ހަތާވީސް ރުފިޔާ ޚަރަދު ކުރެވިފައިވީކަން. އަޅުގަނޑަށާއި އަޅުގަނޑު ނިސްބަތްވާ ޕާޓީއަށާއި އަދި މި ސަރުކާރަށް އެންމެބޮޑު ހިތްވަރެއް ލިބެނީ، މިރަށުގެ ދަރިވަރުން އިމްތިޙާންތަކުގެ ފީ ދެއްކުމަށްޓަކައި ސަރުކާރުން ފަންސާސް ހަތަރުހާސް ނުވަސަތޭކަ ހަތްދިހަ ފަސްރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބިފައިވާތީ. އަދި ހަމައެހެންމެ، މިރަށުގެ މަދްރަސާ އެއްދަންފަޅިއަށް ބަދަލުވެގެން ދިޔައިމާ. މިއަހަރަކީ ފުރަތަމަފަހަރަށް ރާއްޖޭގައި މަދްރަސާތަކުގައި ޓީޗަރުން ހަމަކޮށް، އަޅުގަނޑުމެނަށް ކިޔަވައިދޭން ފެށުނު އަހަރު. އެއީ އެނގިވަޑައިގަންނަވާނެ، 2008 ވަނަ އަހަރު ނިމި، 2009 ވަނަ އަހަރު ފެށުނުއިރުގައި، އަޅުގަނޑު ހަމަ މިދަތުރުތައް ކުރިން، މަދްރަސާތައް ހުޅުވުމުގެ ކުރިން. އަޅުގަނޑަށްވީ މިންވަރަކުން ރާއްޖޭގެ ވީހާވެސް ގިނަ ރަށްރަށަކަށް ދިޔައިން. އަޅުގަނޑަށް ފެނުނީ، އިސްލާމް، ދިވެހި ޓީޗަރުންވެސް ހަމަ އެއްގޮތަކަށްވެސް ހަމައަށް ނެތްކަން. އަދި އެހެންވެސް ކިތަންމެ ޓީޗަރުންނެއް ހަމައަށް ނެތްކަން. މިހާރު މި ތަޢްލީމުގެ ނިޒާމަށް ގެނެވޭ ބޮޑެތި ބަދަލާއި އަދި ކުރެވޭ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެނަށް އިރާދަކުރައްވައިގެން، މިފަހަރު މިކެންދޫގެ މަދްރަސާވެސް މިހުޅުވެނީ، ޓީޗަރުން ހަމަކޮށް. އަޅުގަނޑަކަށް ސާދާކޮށް ދަންނަވާކަށް ނޭނގެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ކޮންމެ އެއްކްލާހެއްގެ ފޮތްކޮޅެއް، ކޮންމެވެސް ބައެއް ބައެއް ކްލާސްތަކުގައި އެބަ މަދުވޭ. އެހެން ނަމަވެސް، އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ދާދި އަވަހަށް މަދު ފޮތެއްވިއްޔާ ހަމަކޮށް އަޅުގަނޑުމެނަށް ނިންމޭނެ.
 
ކެންދުއަކީ ޒަމާނުއްސުރެ ފަށައިގެން މަސްވެރި ރަށެއް. އެހެން ނަމަވެސް، އަޅުގަނޑުމެން އެމަސައްކަތަށް ބާރުއެޅުމަށްޓަކައިވީ ވަޢުދަކީ، އަޅުގަނޑުމެން ހިންގާ ސަރުކާރެއްގައި މަސްވެރިކަން ދޫކޮށްލާނަމޭ، ވާދަވެރި ވިޔަފާރި އޭގެތެރެއަށް ގެނެސް، މަހުގެ އަގު އަޅުގަނޑުމެން، ބައިނަލްއަޤްވާމީ އަގަށް އުފުލައިދޭނަމޭ. އެނގިވަޑައިގަންނަވާނެ، މި ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، ކިލޯ ހަމަނުވާ މަހެއް ވިއްކެނީ، އެއްރުފިޔާ ފަންސަވީސް ލާރިއަށް ނުވަތަ އެންމެބޮޑުވެގެން ފަސްރުފިޔާއަށް. މިއަދު އެނގިވަޑައިގަންނަވާނެ، މަސް ކިލޯއެއްގެ އަގަކީ ކުޑަވެގެން ދިހަރުފިޔާ. އެއީ، ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން އަޅުގަނޑުމެންނަށް ގެނެވުނު ބަދަލެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ކެންދޫ މަސްވެރިންގެ އާމްދަނީ ދެގުނަ ކުރުން. އަޅުގަނޑުމެނަށް މިހާރު މިޞްރާބު ޖެހިފައިމިވަނީ އެދިމާއަށް. މިއަދު ތިބޭފުޅުންނަށް މަސް ކިލޯއެއް ވިއްކޭ އަގު، މީގެ ކުރީ އަހަރުތަކަށްވުރެ އެތައް ތަނަކުން އެތައް ތަނަކުން އިތުރުވާނެ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކޮށްލުން. އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުން. މި ސަރުކާރު ދެމި މިއޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށްޓަކައި. އަޅުގަނޑުމެން މި ސަރުކާރުގައި ވެރިކަމުގެ އާރާއި ބާރަށްޓަކައި، އޭގެ ލައްޒަތަށްޓަކައި އެންމެ ހިނދުކޮޅަކުވެސް މަޑެއް ނުކުރާނަން. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިބޭފުޅުންގެ ފައިސާއިން ލޯ ލާރިއެއްގައިވެސް އަޅުގަނޑެއް ނުޖެހޭނަން. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އެންމެ ދުވަހެއްވެސް އަޅުގަނޑު ދުލެއް ނުކޮށްލާނަން، 12 ގަޑއިރު މަސައްކަތް ނުކޮށެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކެންދޫވެސް ތަރައްޤީ ކުރާނަން.          މި ބ. އަތޮޅުވެސް އަޅުގަނޑުމެން ތަރައްޤީ ކުރާނަން. އަދި މި ރާއްޖެ އެހެން ރާއްޖެއަކަށް، އަނެއް ދިވެހިރާއްޖެއަކަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަދާނަން. އަޅުގަނޑު ހަމަ ދަންނަވާނީ، އަޅުގަނޑު ދަންނަވާނީ، މިއީ އަޅުގަނޑުމެންގެ އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، މި އަޑު އިވެނީ އުފާވެރިވި ރާގޭ.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________