بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވަޒީރުން، މިރަށުގެ ވެރިން އަދި ވަޑައިގެން ތިއްބެވި އެންމެހާ ފޮއްދޫ ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑު މިރަށަށް 2001 ވަނަ އަހަރުގެ މެދެއްހާ ތަނުގައި އައިމު. އޭރުގައި އަޅުގަނޑުމެންނަށް މިރަށް ކޮންމެވެސް ވަރަކަށް ބަލާލެވުނު. އަޅުގަނޑަށްވެސް މިރަށުގެ ވަރަށްގިނަ ގޭގެއަށް ވަދެވި، ވަރަށްގިނަ މީހުންނާ އަޅުގަނޑާ ބައްދަލުވި. ދެން އެބައްދަލުވުމުގެ ތެރޭގައި މިރަށުގެ މައްސަލަތަކުގެ ގޮތުގައި އޭރުގައި އަޅުގަނޑުމެންނަށް ފާހަގަވެފައި ހުރި މައްސަލަތައް ހިމެނިގެން ދިޔައީ، އަޅުގަނޑުމެންގެ ރާއްޖޭގެ އެކިއެކި ރަށްރަށުގައި މިދެންނެވިހެން ކުރި މަސައްކަތުގައި އަޅުގަނޑުމެންނަށް އެފެނުނު މަންޒަރުގެ މައްޗަށް ބިނާކޮށް އަޅުގަނޑު ނިސްބަތްވާ ޕާޓީގެ މެނިފެސްޓޯއެއް އެކުލަވާލެވި އަދި އަޅުގަނޑުމެންނާ ސަރުކާރު ހިނގުމާ ހަވާލުވުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުގެ ގޮތުގައި އަދި ޚާއްޞަކޮށް ތަރައްޤީގެ އޮނިގަނޑުގެ ގޮތުގައި މިދެންނެވި ސިޔާސަތުތައް މިހާރު މިވަނީ އެކުލަވާލެވިފައި.
 
އަޅުގަނޑުމެންނަށް އޭރު މިރަށުން ފެނުނު އެއް މަންޒަރަކީ، ހަމަ މުޅި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުން ފެންނަމުން ދިޔަ މަންޒަރެއް. އެއީ އ.ދ.ގެ ހިސާބުތައް ބުނަނީ، ރާއްޖޭގެ ކޮންމެ ތިން މީހަކުންކުރެ އެކަކީ ވަރަށް ނިކަމެތި ފަޤީރެކޭ. އެމީހާއަކީ އޭނާގެ އާމްދަނީއަށް ރެޔާއި ދުވާލުގެ މައްޗަށް ދިހަ ބާރަ ރުފިޔާ ނުލިބޭ މީހެކޭ. އ.ދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ހުންނަ މީހެކޭ. އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވެފައި އޮންނަނީ، ޤައުމެއް ތަރައްޤީ ކުރުމަށް، ބަޔަކުގެ ޙާލަތު އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމަށް އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ގޮތަކަށް އެބަ ކުރަންޖެހެއޭ. އެންމެ ފުރަތަމައިނުން އަޅާލަންޖެހޭ ކަންކަމުގެ ތެރޭގައި ޚާއްޞަކޮށް މިވަނީ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން. އެހެންވީމާ، މަދަނައިގެ ޚިދްމަތް، މަދަނައިގެ ވިއުގަ ފެށުނީ. އަޅުގަނޑު މިއަދު އުފާވަނީ މިފޮއްދޫ 80 ރައްޔިތަކު މަދަނައިގައި ރަޖިސްޓަރީވެފައިވާތީވެ. އަދި މިދެންނެވި 80 ރައްޔިތުންނަށް ކޮންމެ ރައްޔިތަކަށްވެސް، ކޮންމެ ބޭފުޅަކަށްވެސް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ މާލިއްޔަތުގައި ރައްކާކުރެވިފައިވާކަމީ، އަޅުގަނޑުމެންނަށް ސަރުކާރަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް.
 
އަޅުގަނޑުމެންނަށް އެއިރުގައި ފެނުނު އެއް މަންޒަރަކީ، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން ބޭސްފަރުވާއަށް އެހީ ހޯދުމަށްޓަކައި އެކެއް ގާތުން އަނެކެއް ގާތުން ހިނގަމުން މިދިޔަ ދިޔުން. ސަރުކާރުގެ އަމާޒަކަށްވީ، އެފަދަ ރައްޔިތުންނަށް ރައްކާތެރިކަމެއް ހޯދައިދިނުމުގެ ޕްރޮގްރާމެއް، ސިޔާސަތެއް ތަންފީޒު ކުރުން. އެ ސިޔާސަތުގެ ތެރެއިން މިކަން ހިނގަމުން މިއަންނަނީ. ހަމައެއިރުގައި އަޅުގަނޑުމެން ފާހަގަކުރި އަނެއް ނުކުތާއަކީ، މިރާއްޖޭގެ އުމުރުން ދުވަސްވީ ކޮންމެ މީހަކަށް، 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އިރާދަކުރެއްވިއްޔާ ސަރުކާރުން ދެހާސް ރުފިޔާގެ ޕެންޝަނެއް ދޭނަމޭ. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ މިރަށުގެ މިދެންނެވި އުމުރުން ދުވަސްވީ 28 މީހުންނަށް ކޮންމެ މަހަކުދެހާސް ރުފިޔާ ދެމުންގެންދެވޭތާ ދެއަހަރު މިވީ. ހަމައެހެންމެ، އެހެންވީމާ ސަރުކާރަށް ވަރަށްބޮޑު ހިތްވަރެއް މިލިބެނީ ކޮންމެ މަހަކުވެސް މިރަށަށް ފަންސާސްހަހާސްރުފިޔާ ދެވޭކަން އަދި މިރަށުގެ އިޤްތިޞާދުގެ ތެރެއަށް އެފައިސާ ސަރުކާރުން ލެވޭކަން.
 
އަޅުގަނޑުމެން ދުށީ ޚާއްޞަކޮށް މިފޮއްދޫ ފަދަ ކުދިކުދި ރަށްރަށުގައި މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ލިބިގެން ނޫނީ އަޅުގަނޑުމެންނަށް އަރައިގަތުމަށް އުނދަގޫވާނެއޭ. އަޅުގަނޑަށްވެސް އެނގޭ، މިރަށު ރައްޔިތުން ނުހަނު ބޭނުންކަން ބަނދަރެއް. އެއީ، އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވާ ކަމެއް. އަދި ސަރުކާރުގެ ސިޔާސަތެއް އެއީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުން. އެނިޒާމު ހިނގާއިރުގައި، ސަރުކާރުން އެ ނިޒާމު ހިންގުމަށް ނިންމާފައި މިވަނީ ހަތް އަހަރު ދުވަހުގެ ތެރޭގައި މުޅި ނިޒާމުއެކީގައި ޤާއިމުކުރުން. ފުރަތަމަ ދެއަހަރުގައި އޭގެ އަސާސީ އޮނިގަނޑެއް އެކަށައެޅުން. އަސާސީ ޚިދްމަތްތަކެއް ދިނުން.
 
 ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން ހިންގަމުން ގެންދޭ ތިންގޮތަކަށް ޚާއްޞަކޮށް. އެއްގޮތަކީ ސީދާ ސަރުކާރުގެ ބަޖެޓުގައި ބަނދަރުގެ ޚަރަދު ހިމަނައިގެން އެކަމެއް ކޮށްނިންމުން. އަނެއް ގޮތަކީ، ދިގު މުއްދަތުގައި ސަރުކާރުން ފައިސާ ދައްކާ އުޞޫލުން އެބަޔަކު ލައްވާ ބަނދަރެއް ހެއްދުން. އަދި ހަމަ އެހެން ގޮތަކީ، ސަރުކާރުން މިހިންގާ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ އަމިއްލަ ފަރާތްތަކާ ގުޅިގެން ހިންގާ މަޝްރޫޢުގެ ތެރޭގައި އެކަން ހިންގުން. އިރާދަކުރައްވައިގެން ފޮއްދޫއަކީ ވަރަށް ރީތި ރަށެއް. އެހެންވީމާ، ދަތުރުފަތުރުކުރުމުގެ ނިޒާމު ހިންގާ ފަރާތްތައް މިރަށުގެ ޓުއަރިޒަމްގެ ބޭނުމަށް އަދި މިހާރު ޚާއްޞަކޮށް ގެސްޓް ހައުސް ހެދުމުގެ ހުއްދަ ޢާންމުކޮށް ހުޅުވާލެވިފައި އޮތުމާއެކުގައިވެސް މިތަނުގައި ހެދޭ ޓަރމިނަލެއް، އިރާދަކުރެއްވިއްޔާ އެކުންފުނީގެ ފަރާތުން މިއަހަރުގެ ތެރޭގައި ހަދަން ފަށާނެ ކަމަށް އެބޭފުޅުން އެބަބުނޭ. އެހެންވީމާ،         އެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކޮށްދޭނަން، މިރަށުގެ ބަނދަރު ހެދުމުގެ ކޮންމެވެސް މިންވަރެއްގެ މަސައްކަތެއް މިއަހަރުގެ ތެރޭގައި ހިންގޭތޯ. ކޮންމެ ގޮތެއްވިޔަސް އިރާދަކުރެއްވިއްޔާ 2012 ވަނަ އަހަރުގައި އަޅުގަނޑުމެންނަށް މިއަހަރު ފެށުނެއް ކަމަކު އެމަސައްކަތެއް ނުއެއް ނިންމޭނެ. ޙަޤީޤަތުގައި މީގެ ބޮޑު ޚަރަދު ސަރުކާރަށް ކުރެވޭނީ 2012 ވަނަ އަހަރު. އެހެންވީމާ، އަޅުގަނޑަށް ހަމަ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް، އިރާދަކުރެއްވިއްޔާ 2012 ވަނަ އަހަރަށް އަޅުގަނޑުމެންނަށް މިރަށުގެ ލަފާފުރުމުގެ މައްސަލައަށް ޙައްލެއް ގެނެވިދާނެ ކަމަށް.
 
އަޅުގަނޑުމެންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ މިދަތީގައިވެސް މިރަށުން 344 ފަސިންޖަރުން މިދިޔަ މަދު ދުވަސްކޮޅު ތެރޭގައި ދަތުރަށް އަރާފައި އެބަވޭ. އަދި މިރަށަށް 411 ފަސިންޖަރުން ދަތުރު ނިންމާފައި އެބަވޭ މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި. ކުދި ރަށްރަށަށް ކޮންމެހެން ބޭނުންތެރިކަމެއް އެއީ، ފަސޭހަކޮށް އެއްތަނުން އަނެއްތަނަށް ދެވޭނޭ ނިޒާމެއް ހަމަޖެހިފައި އޮތުމަކީ. އެހެންވީމާ، އެއީ ކައިރީގައި މިހުރި ރަށްރަށުގެ ޚިދްމަތްތައްވެސް އަދި އެރަށްރަށަށް މިފޮއްދޫއަށް، އެރަށްރަށުގެ ޚިދްމަތްތައް ލިބޭ ގޮތަކަށް ދަތުރުފަތުރުގެ އިންތިޒާމެއް ހަމަޖެހިފައި އޮތުން ސަރުކާރުން ދެކެނީ އެއީ، ވަރަށް ބޭނުންތެރިކަމެއް ކަމަށް. އަޅުގަނޑުމެން އެކަމަށް އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ޚާއްޞަ ގޮތެއްގައި ބަލަމުން ގެންދާނަން.
 
ދެން ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުން، މިއަހަރު ސަރުކާރުގެ ސްކޫލްތައް އިއްޔެގައި ހުޅުވުނުއިރު އަޅުގަނޑަށް އުފާވޭ، މިރަށުގައި މިފަހަރު ސްކޫލްތައް މިހުޅުވުނީ ޓީޗަރުން ހަމަކޮށް އަދި އިރާދަކުރެއްވިއްޔާ ފޮތް، ފަންސުރު، ގަލަންވެސް ހަމަކޮށް. މިދިޔަ 2010ވަނަ އަހަރު މިރަށުގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ގަތުމުގެ އަދި މަދަރުސާއަށް ބޭނުންވާ ތަކެތި ގަތުމަށް 20551 ރުފިޔާ ޚަރަދުވެފައި އޮތްކަމީ، ޚަރަދު ކުރުމުގެ ފުރުސަތު ސަރުކާރަށް ލިބުނުކަމީ ސަރުކާރަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް. އިރާދަކުރެއްވިއްޔާ މިއަހަރުވެސް ހަމަ ދަރިވަރުންނަށް ބޭނުންވާ މިދެންނެވި ހުރިހާ ތަކެއްޗެއް މިރަށުގެ މަދަރުސާ މެދުވެރިކޮށް ދަރިވަރުންނަށް ލިބިގެންދާނެ.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުން. މިރާއްޖެއަކީ ކުދި ޖަޒީރާތަކާ ކުދި ރަށްރަށާއި އަދި ބައެއް ފަހަރަށް ބޮޑެތި ރަށްރަށާއި އާބާދީ ބޮޑު ރަށްރަށާ ހިމެނިގެން އެކުލެވިފައި އޮންނަ ޤައުމެއް. މިއީ، ޖަޒީރާ ޤައުމެއް. މިޤައުމުގެ ޖަޒީރާކަން ނުވަތަ ރަށްތަކެއްގެ މައްޗަށް ބެހިފައި އޮންނަ އޮތުން އެއީ، އަބަދުވެސް ސަރުކާރު ހިތުގެ އަޑިން ގަބޫލުކުރާ ކަމެއް. މިރަށްރަށުގައި، އެންމެހާ ރަށްރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް އަސާސީ ޚިދްމަތްތަކަށް ފަސޭހައިން އަތްފޯރަންޖެހޭނެ. ސަރުކާރުގެ އަމާޒަކީ މިދެންނެވި ކަންކަން ހާސިލުކުރުން.
 
 އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ ބައެއް ފަހަރަށް ވަރަށްބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުން. ސަރުކާރުން އެދޭ މިންވަރަކަށް އަޅުގަނޑުމެންނަކަށް ކަންތައްތަކެއް ކުރެވޭނޭ ހުރިހާ ފުރުސަތުތަކެއް ހުޅުވިފައެއް ނުހުރޭ. އެއީ، ކަމުގެ އަސްލު އޮންނާނެވެސް ގޮތް. ސަރުކާރުން އެކަން ގަބޫލުވެސް ކުރޭ. މިރާއްޖޭގައި ތަންފީޒު ކުރަމުން މިއަންނަ އަޅުގަނޑުމެންގެ އާ ޤާނޫނުއަސާސީ، އެ ޤާނޫނުއަސާސީ ތަންފީޒު ކުރަމުންދާއިރުގައި ދިމާވާ ދަތިތަކެއް ހުންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ވަރަށްބޮޑު އުފަލެއް މިލިބެނީ ފެބްރުއަރީ 5 ގައި، ސަރުކާރުން އަބަދުވެސް ދެކެމުންއައީ އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީން ހަމަގައިމުވެސް ދެކެމުން އައީ، މިރަށްރަށުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާ އެކިއެކި ކަންކަން އަޅުގަނޑުމެން ހިންގަން ޖެހޭ ދުވަސްތަކަށް ހިންގައިގެން އަޅުގަނޑުމެންނަށް ކުރިއެރުން ހޯދޭނެ ކަމަށް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަކަށް ފައިދާ އަދި މަންފާ ކުރާނެ ގޮތަކަށް ރާއްޖޭގެ ތަރައްޤީ ކުރިއަށް ގެންދިޔުން. މިސަރުކާރު އެދޭ މިންވަރަށް މިދެންނެވިހެން އެކަން ނުވިކަމުގައިވިޔަސްވެސް ފެބްރުއަރީ 5 ވަނަ ދުވަހު މިއެކުލަވާލެވޭ ރަށު ކައުންސިލްގެ އިންތިޚާބަކީ ނުވަތަ އެކުލަވާލެވޭ ރަށު ކައުންސިލަކީ، ސަރުކާރަށް ފެންނަ ފެނުމުގައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު އެއް ވަސީލަތް.
 
 މިރަށް ތަރައްޤީ ކުރުމަށް ކޮންމެހެން ކުރަންޖެހޭ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރަށުގެ ރައްޔިތުންގެ އިޙްސާސާއި، ރައްޔިތުންގެ އެދުންތަކާއި، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ހިންގޭނޭ ގޮތްތަކެއް ހޯދުން. އެހެންވީމާ، ރަށުގެ ރައްޔިތުންގެ ތެރެއިން އިންތިޚާބުވެގެން އަދި ޚާއްޞަކޮށް ވާދަވެރި ސިޔާސީ ނިޒާމެއްގެ ތެރެއިން އިންތިޚާބު ވެގެން އުފެދޭ ކައުންސިލަކީ ވަރަށް ބޭނުންތެރި، ވަރަށް މުހިންމު ކައުންސިލެއް ތަރައްޤީއަށްޓަކައި. އެކައުންސިލް އިންތިޚާބުވިޔަސްވެސް ސަރުކާރަކަށެއް އަދި ނެތް އެކައުންސިލުން އަތްދޫކޮށްލެވޭކަށް. ޤާނޫނު މިބުނަނީ ކައުންސިލް ހިނގަން މިޖެހެނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތާ އެއްގޮތަށޭ. އަދި ސަރުކާރުން އެބަޖެހޭ ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ވަރަށް މުހިންމު ފަލްސަފާއެއް އަދި ސިޔާސަތެއް އެއީ، މިއިންތިޚާބުތަކުން އުފައްދާ ކައުންސިލްތައް ތަރައްޤީކޮށް،  އެ ކައުންސިލްތަކަކީ ތަރައްޤީއަށް، ރަށު ތަރައްޤީއަށް އެހީތެރިވެދޭ ކައުންސިލަކަށް ހެދުން. އެއްވެސް ވެރިކަމުގެ ނިޒާމެއްވެސް އަދި އެހެން ނިޒާމެއްވެސް ބޭނުމެއް ނެތް، އެނިޒާމު މެދުވެރި ކޮށްގެން އަޅުގަނޑުމެން ބޭނުންވާ ކަންކަން އަޅުގަނޑުމެންނަށް ހާސިލު ނުކުރެވޭނަމަ. އަޅުގަނޑުމެން ބަނދަރު ބޭނުންވީމާ ކުރިއަށް ވިސްނައިގެން ރޭވިގެން ކައުންސިލްތަކަށް އެކަންކަން ހިންގެން ޖެހޭނެ.
 
އަޅުގަނޑު އުންމީދު ކުރަން، މިރަށުގެ ހުރިހާ ރައްޔިތުންވެސް ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއެކީގައި ކައުންސިލް އިންތިޚާބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް. ދެން އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ އިޙްސާސްތައް އަޅުގަނޑުމެންނަށް ސާފުކޮށް އެނގިގެން، އަދި ރައްޔިތުންގެ ބައިވެރިވުމާއެކީގައި ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް، މަސައްކަތްތައް ހިންގުން. އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________