بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިރަށާއި މިއަތޮޅުގެ ވެރިން، އަދި ވަކިން ޚާއްޞަކޮށް، މިރަށުގެ، ހުޅުމީދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން.
 
السّـلام عليـكم
 
ދުވަސްތަކެއް ވެދާނެ، އަޅުގަނޑުމެން އެކިގޮތްގޮތަށް ތިބޭފުޅުން ގާތުގައި، މިރަށާ، އަދި މިއަތޮޅާ، އަދި މުޅިރާއްޖޭގެ ތަރައްޤީގެ ވާހަކަތައް ދައްކަމުން އަންނަތާ. އެކިފަހަރުމަތިން އަޅުގަނޑުމެންނަށް އެކި ދަތުރުކުރެވިއްޖެ. އަޅުގަނޑު ދަންނަވާނީ ތިބޭފުޅުންގެ ހުރިހާގެއަކަށް އަޅުގަނޑުމެންނަށް ވަދެވިއްޖެ. ވަރަށްގިނަ މީހުންނާ އަޅުގަނޑުމެންނާ ބައްދަލުވެއްޖެ. އަދި ވަރަށްގިނަ މަޝްވަރާއާއި ބަޙުޘް އަޅުގަނޑުމެންނަށް ކުރެވިއްޖެ. މި އެންމެ ކަންކަމުންވެސް އަޅުގަނޑުމެންނަށް ފާހަގަވި ކަންތައްތަކެއް އެއީ، ސަރުކާރުން ރައްޔިތުންނަށް ވަޢުދުވާ ކަންތައްތައް ކަމުގައި ދެކިގެން، ސަރުކާރުގެ ސިޔާސަތު މިއޮތީ އެކުލަވާލާފައި. އަޅުގަނޑުމެން މިވަޢުދުތައް ފުއްދުމަށް މަސައްކަތްކުރަމުންދާއިރުގައި އަޅުގަނޑުމެން ގަބޫލުކުރާ ޙަޤީޤަތަކީ އެވަޢުދުތައް ފުއްދީމާ އެއީ، މިރާއްޖޭގެ ތަރައްޤީއަށް މިހާރުންމިހާރަށް މިވަގުތަށް ބޭނުންވާ އެންމެ މުހިންމު އެއްކަން ކަމޭ.
 
އަޅުގަނޑުމެން ދެންނެވިން، ރާއްޖޭގެ ރައްޔިތުން ބޭސްސިޓީއަށް ސަލާންޖެހުން އަޅުގަނޑުމެން ނައްތާލަދޭނަމޭ. އެހިނދުގައިވެސް އަދި މިހާރުވެސް އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ ޞިއްޙީ ޚިދްމަތް ފޯރުކޮށްދޭ ހެލްތްޕޯސްޓްތައްވެސް، ހެލްތްސެންޓަރުތައްވެސް އަދި ހޮސްޕިޓާތައްވެސް މިހުރީ އަޅުގަނޑުމެން އެއްގޮތަކަށްވެސް އެދޭ މިންވަރަކަށް ތަރައްޤީ ވެފައެއްނޫން. އެ ޚިދްމަތްތަކެއް އެތަންތަނަކުންނެއް އަޅުގަނޑުމެން އެދޭ މިންވަރަކަށް ފޯރުކޮށެއްނުދެވޭ. އަދި މިދިޔަ ދެއަހަރުތެރޭގައިވެސް އެކަން އެހާ ރަނގަޅަކަށް އަޅުގަނޑުމެންނަކަށް ކޮށްނިންމިފައެއް ނެތް. މިދެންނެވި ޙަޤީޤަތް މިހެންއޮއްވާ، މިމަސައްކަތްތައް ރަނގަޅުކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުންދާއިރު އަޅުގަނޑުމެންނަށް ދެން އެނގޭ އަނެއް ޙަޤީޤަތަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން، ވަރަށްގިނަ ބައިވަރު ރައްޔިތުންނަކީ ވަރަށް ނިކަމެތި ފަޤީރުންނޭ. އެމީހުންނަކީ އަޅުގަނޑު ދެންމެ މިދެންނެވި ޚިދްމަތަށްވެސް އަތް ނުފޯރާ ބައެކޭ. އެމީހުންއަދަދު އެއްލައްކައަށްވުރެ ގިނައޭ. ރާއްޖޭގެ ކޮންމެ ތިން މީހަކުންކުރެ އެކަކީ އ.ދ. މިބުނާ ބަނޑުހައިހޫނުކަމުގެ ރޮނގުން ދަށުގައި އެމީހުންނަށް ރެއާދުވާލަށް ދިހަބާރަ ރުފިޔާވެސް ނުލިބޭ ނިކަމެތި ފަޤީރުންނޭ. މި ފަޤީރުންނަކަށް މިދެންނެވި ޚިދްމަތްތަކަށް، ކަމުނުދާ ޚިދްމަތްތަކަށްވެސް އަތެއް ނުފޯރައޭ.
 
އިންސާނީ ތަޖްރިބާ ދައްކާފައި އޮތް އެއް ޙަޤީޤަތަކީ، ޤައުމެއް ތަރައްޤީވެދިއުމަށް އިޖްތިމާޢީ ރައްކާތެރިކަން އެޤައުމެއްގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭކަން. ގިނަ ބަޔަކު ފަޤީރުކަމުގައި އެންމެ އާދައިގެ ޚިދްމަތްތަކަށްވެސް އަތްނުފޯރާއިރުގައި އެ ބަޔަކާއެކީގައި ތަރައްޤީގެ މަގު ހޯދަން މިއޮންނަނީ ވަރަށް އުނދަގޫވެފައި. އެހެންވީމާ، މަދަނަ އުފެދުނީ. އެހެންވީމާ، ސަރުކާރުގެ ސިޔާސަތަކަށް ވެގެންދިޔައީ، ރާއްޖޭގެ ވީހާވެސް ގިނަބަޔަކަށް ހެލްތު އިންޝުއަރެންސްގެ ނިޒާމަކުން ސަލާމަތްތެރިކަން ހޯދައިދީފައި ބޭއްވުން. އަޅުގަނޑު މިއަދު ހުޅުމީދޫގައި އުފާވާ ސަބަބަކީ، މިރަށުގެ އެއްހާސް އެއްސަތޭކަ ހަތްދިހަ ތިން މީހުން މަދަނައިގައި ބައިވެރިވެފައިވާކަން. އަދި އެއިން ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ބަޖެޓުގައި މާލިއްޔާގައި ޚާއްޞަކޮށް ރައްކާކުރެވިފައިވާކަމީ، އަޅުގަނޑުމެނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. މިދެންނެވި ކަމަށްޓަކައި ސަރުކާރުން އެބަ އެއްކައިރި ކުރަންޖެހޭ، ޔަޤީންކޮށް އިތުބާރާއެކީގައި ސަތޭކަ ސަތާރަ މިލިޔަންރުފިޔާ.
 
އަޅުގަނޑުގާތުގައި ބައެއް ބޭފުޅުން އަހާ، ރައީސް އެހާ ޚަރަދު، ހުޅުމީދޫގެ މަދަނައިގައި ބޭސްފަރުވާއަށް ޖައްސާފައި އެތިބި މީހުންނަށް ކުރުމުގެ ބަދަލުގައި ކީއްވެތޯ މިދިޔައަހަރު ބަނދަރު ނުހެދީ. ކީއްވެތޯ މިދިޔަ އަހަރު އެވެނިކަމެއް ނުކުރީ، މިވެނިކަމެއް އަޅުގަނޑުމެން ނުކުރީ. އަޅުގަނޑަށް ފެންނަފެނުމުގައި އަދި އަޅުގަނޑުމެން ގަބޫލުކޮށް މިތިބީ، ރައްޔިތަކު ހައިހޫނުކަމުގައި ތިއްބައި، ހަދައިގެން އުޅެންވީ ބަނދަރެއްވެސް ނެތްކަން. ޢިމާރާތެއްވެސް ނެތްކަން. އަޅުގަނޑުމެނަށް އެމީހުންގެ އަސާސީ އިޖްތިމާޢީ ރައްކާތެރިކަން، ބޭސްފަރުވާއާއި މިބާވަތުގެ ކަންކަން ސަލާމަތްކޮށް ނުދެވެނީސް އަޅުގަނޑުމެން ދާނެ ވަކި އެހެންތަނެއް ނެތް. އަޅުގަނޑުމެނަށް އެމަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެކެނީ މިރަށުގައި އަޅުގަނޑުމެންނަށް އެބަ ކޮންމެވެސް މިންވަރަކަށްވުރެ ރަނގަޅަށް ހިންގޭކަމަށް. މިދަންނަވާހެން، އެއްހާސް އެއްސަތޭކަ މީހުން މަދަނައިގައި ބައިވެރިވެފައިވާ ދެވަނަރަށެއް މިރާއްޖެއަކު ނެތް. އަދި މަދަނައިން މިރަށުގެ ރައްޔަތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިއޮތް މިންވަރުވެސް ރާއްޖޭގެ އެހެންރަށްރަށާ އަޅާބަލާއިރުގައި ވަރަށްބޮޑުތަން އިތުރުވެފައި މިވަނީ.
 
އަޅުގަނޑު މާލޭ ވިޔަފާރިވެރިން ގާތުގައި އަހަން، މީގެ ތިންއަހަރު ކުރީގައި ބޭސް ސިޓީ ހިފައިގެން މީހުން ބޭސް ފަރުވާއަށް އެދެން އަންނަ އައުން މިހާރުވެސް ތަކުރާރުވޭތޯ. އަޅުގަނޑު ގާތުގައި މާލޭ ވިޔަފާރިވެރިން ބުނޭ، ރައީސް ނޫނެކޭ، ކުރީގައި އަންނަވަރަށްވުރެ މިހާރު މަދޭ. އަޅުގަނޑު ދެކެނީ، އަޅުގަނޑަށް ޔަޤީން، ހަމަ މި ހުޅުމީދޫގައިވެސް މީގެ ކުރީގައި ބޭސް ނުލިބިގެން ނުވަތަ ޑޮކްޓަރު ލިޔާ ސިޓީއަށް ބޭސް ނެގޭނޭގޮތެއް ނެތިގެން އެ ނިކަމެތިކަމުގައި އުޅެންޖެހޭ މީހުން އަޅުގަނޑަށް ފެންނަފެނުމުގައި މިހާރު މިރަށުގައިވެސް މިރާއްޖޭގައިވެސް ކިތަންމެތަނަކުން މަދުވާނެ.
 
 އަޅުގަނޑުމެންގެ އަނެއް މަސައްކަތަކަށްވީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން، އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުން. އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ސާފުވެގެންދިޔަ އެއް ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ތެރޭގައި މީގެކުރީގައި ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައިތިބި ބަޔަކު މިއަދު މިތިބެނީ ވަރަށް ނިކަމެތި ޙާލެއްގައި. ބިންބޮޑު ރާއްޖޭގެ ރަށްރަށުގައި މިރަށްފަދަ ރަށްރަށުގައި މީގެ ހަތަރު ފަސްއަހަރު ކުރީގައވެސް އަޅުގަނޑުމެން ދުށީ ހޮޅުއަށިތަކުގަޔާއި ގޮނޑުދޮށްތަކުގައި ރުއްރުއް ގާތުގައި އުމުރުން ދުވަސްވީ މީހުން ހަމަ ގާތްގަނޑަކަށް ލައްވެފައި ތިއްބާ. މާލޭ ފޮތިފޮތިކޮށް ބަހައިނިންމައި، ކުރީގައި ބަދިގެ ހުރިތަނުގައި ހުރި ކޮޅުފިލާ ގޮނޑިއެއްގައި އެންމެފަހުން ކާފަ ނުވަތަ މާމަ ބައިންދާފައި އިންނަތަން ގޭގެއަށް ވަންނަމުންދިޔައިރު އަޅުގަނޑުމެން ދުށިން. ހިތްވަރާއެކީގައި އަތްފައިގައި ބާރުހުރިކަމަށް ދެކިގެން ކޮންމެވެސް ވަޒީފާއެއް އަދާކޮށްލަން ނުކުންނަ މީހާވެސް ވޮޗަރެއްގެ ގޮތުގައި ރޭގަނޑުދަންވަރު ގޮނޑިއެއްގައި ނިދިޖެހިފައި އުނގަށް ޓޯޗު ވެއްޓިފައި އޮއްވާ އަޅުގަނޑުމެން ދެކެން.
 
އަޅުގަނޑުމެންނަށް ފެނުނީ، ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ ދޮށީޢުމުރުގެ މީހުން ކުރީގައިކުރި ވަރަށްގިނަ ކަންތައްތަކުގެ ސަބަބުންނޭ. އެހެންވީމާ، މިއަދު މިރާއްޖޭގެ ރައްޔިތުންނަށް ޕެންޝަނެއް ޙައްޤުވަނީ ކޮންބަޔަކަށްތޯ އަޅުގަނޑުމެން ވިސްނާއިރު ހަމަގައިމުވެސް ހަމކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓި ގަބޫލުކުރާ ފަލްސަފާއެއްނޫން އެއީ، ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް ކަމަށް. އެހެންވެގެން ސަރުކާރުން ނިންމީ      65 އަހަރުން މަތީގެ ކޮންމެ މީހަކަށް 2000 ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އެންމެ އުފާވާ ކަމަކީ،  މި ސަރުކާރަށް އުފާވާ އެންމެބޮޑު އެއް ސަބަބަކީ، މި ހުޅުމީދޫގެ 428 މީހުންނަށް މިދެންނެވި ޕެންޝަން ގަވާއިދުން ދެމުންއަންނަތާ ދެއަހަރުވެއްޖެ. އަދި އަޅުގަނޑުމެން ހިތްހަމަޖެހޭ އެންމެބޮޑު އެއް ކަމަކީ، މިރަށަށް ކޮންމެ މަހަކަށް އަށްލައްކަ ފަންސާސްހަހާސް ރުފިޔާ ޕެންޝަންގެގޮތުގައި ޚަރަދުކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބިފައިވާކަން. މިރަށަކަށް އެހެންއެއްވެސް ތަނަކުންނެއް ދާއިމީކޮށް މިފަދައިންނެއް ފައިސާއެއް ނުވަންނާނެ. ސަރުކާރު މުވައްޒަފުންގެ މުސާރައަކަށްވެސް މަހަކަށް މިއަދަދެއް ނާރާނެ. އަދި އެހެން މުސާރަތަކަކުންވެސް މަހަކަށް މިއަދަދެއް ނާރާނެ. މިރަށް ހިފެހެއްޓުމަށްޓަކައި މިރަށުގެ އިޤްތިޞާދީ ތަރައްޤީއެއް ހޯދުމަށްޓަކައި އަޅުގަނޑު ދެކެނީ މިދެންނެވި އަށްލައްކަ ފަންސާސް ހަހާސްރުފިޔާ އެހިތެރިވެދޭނެކަމަށް. އަދި އަޅުގަނޑުމެން ދެކެނީ ކަންމަތީ އިސްޓޯރަށް އެތައްބަޔަކު ދަރާފައިވާ ދަރަނި، އެއަށްވެސް ލުޔެއް ހަމަ މިދެންނެވި އަށްލައްކަ ފަންސާސް ހަހާސްރުފިޔާ އެހީތެރިވެދޭނެ ކަމަށް.
 
 ހަމަ އޭގެ އިތުރުން، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި އަދިވެސް ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އިޖްތިމާޢި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން، މިރަށު 105 މީހަކަށް އެހީތެރިކަން ފޯރުކޮށްދެއްވިކަމީ، މި ސަރުކާރު ވަރަށް ހިތްހަމަޖެހޭކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ސަލާމަތްތެރިކަމެއް ހޯދައިދިނުން. އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ، މިދެންނެވި އެއްލައްކަ މީހުން، ފަޤީރުން ހައިހޫނުކަމުގެ ރޮގުން މައްޗަށް ނެގޭނެ ގޮތެއް ހޯދުމަށް. އަޅުގަނޑުމެން ދެކެނީ ޤައުމެއް ތަރައްޤީވެދަނީ އެޤައުމެއްގެ ރައްޔިތުންނަށް އަމިއްލަ ދެފައިމައްޗަށް ތެދުވެ، ތިމަންނާއަކީ ތިމަންނާގެ ޙަލާލު މަސައްކަތުން މަސައްކަތްކޮށް ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ހުޅުމީދޫ މީހެކޭ ތިމަންނާގެ ޙައްޤުތަކެއް އެބަހުއްޓޭ، ތިމަންނާއަކީ ޝަޚްޞެކޭ، ތިމަންނާގެ ޤަދަރާއި ތިމަންނާގެ ޢިއްޒަތް އެބައޮތޭ. މިހެންބުނެ، ހިންދެމިލެވޭނޭ ރައްޔިތަކު އުފެއްދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބުކުރާނީ މިދެންނެވި މަސައްކަތް.
 
 ޤައުމެއް ތަރައްޤީވެއެއް ނުދޭ އެއްވެސް އިރެއްގައެއް ތަޢްލީމު ރަނގަޅަށް ފޯރުކޮށް ނުދެވޭހާ ހިނދަކު. އިންސާނާ އެބަ ތަރައްޤީވާންޖެހޭ. އެހެންވީމާ، އަޅުގަނޑުމެން އެކުލަވާލީ، އެއްދަންފަޅިއަށް މަދަރުސާތައް ބަދަލުކޮށް، ވަށާޖެހިފައިވާ ތަޢްލީމެއް، ރައްޔިތުންނަށް، ދަރިވަރުންނަށް ފޯރުކޮށްދިނުމަށް. އަޅުގަނޑުމެންނަށް މިކަމުގައި ހިތްހަމަޖެހުން ލިބޭ. މިދިޔަ 2010 ވަނަ އަހަރުގައި މިރަށުގެ ދަރިވަރުންނަށް، ތިންސަތޭކަ ފަންސާސް އެއްލައްކަ ތިންސަތޭކަ އެއްރުފިޔާ ފޮތްފަންސުރު ގަތުމަށް ފޯރުކޮށދެވިފައިވާކަމީ ސަރުކާރަށް ހިތްހަމަޖެހުން ލިބޭކަމެއް. ހަމަ އެހެންމެ، އިމްތިޙާނުގެ ފީގެގޮތުގައި ފަންސާސް ހަތްހާހަށްވުރެ ގިނަ ރުފިޔާ މިރަށު ދަރިވަރުންނަށް ޚަރަދު ކުރެވުނުކަމީވެސް ސަރުކާރަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއް. މިކަންކަމުގެ ނަތީޖާއަކަށް ވެގެންދިޔަ ނަތީޖާ އެއީ، އަދި އަޅުގަނޑުމެން މާހިތްހަމަޖެހޭ ކަމެއް. ފަސްމާއްދާއިން ފާސްވިކުދިންގެ އަދަދު އޭގެކުރީއަހަރާ އަޅާބަލާއިރުގައި މިރަށުގައިމިވަނީ ހަޕަސެންޓް އިތުރުވެފައި. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އަމާޒަކީ އިމްތިޙާނުގައި ބައިވެރިވާ ހުރިހާކުދިންގެ ތެރެއިން ފަސްދޮޅަސް ޕަސެންޓް ކުދިން ފަސް މާއްދާއިން ފާސްވުން. އެ އަމާޒަށް އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނީ އެ އަމާޒަށް.
 
ހަމައެއާއެކީގައި އިންސާނީ ތަރައްޤީއަށްޓަކައި، ސަރުކާރުން މިއަހަރު ހިންގާ އެންމެބޮޑު އެއް މަޝްރޫޢު ހިންގަން ސަރުކާރުން ނިންމާފައި މިވަނީ މިރަށުގައި. އެއީ، ހުޅުމީދޫގައި އެޅޭ ލޯ ސްކޫލް. އެއީ، އެ ސްކޫލަށް އަޅުގަނޑުމެން މި އުންމީދު މިކުރަނީ ރާއްޖޭގައި ހިންގާ އެންމެ ރަނގަޅު ޤާނޫނީވަކީލުކަން ކިޔަވައިދޭ މަދަރުސާ ނުވަތަ ޔުނިވަރސިޓީ މިރަށުގައި ބެހެއްޓުމަށް ސަރުކާރުން މިހާރު ނިންމާފައި މިވަނީ. އިރާދަކުރެއްވިއްޔާ މިމަސައްކަތް ދާދި އަވަހަށް މިރަށުގައި ފަށައިގަނެވޭނެ. މިހާރު އަޅުގަނޑުމެންނަށް މިވަނީ މިރަށުގައި މި މަސައްކަތް ފަށައިގަތުމަށް ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކޮށްދެއްވާފައި. އަޅުގަނޑުމެންގެ ބޭނުމަކީ، މިތަނުގައި ދަރިވަރުން ކިޔަވަން އައިސް އެހެންތަންތަނުންވެސް މިތަނަށް ދަރިވަރުން އައުން. އަޅުގަނޑުމެންގެ ވިސްނުމަކީ، ދަނާލަކާއެކީގައި އޮންނަ ލޯ ސްކޫލެއް މިތަނުގައި ޤާއިމުކުރުން.
 
ދެން އަޅުގަނޑު މިތަނުގައިހުރެ ދެއްކުމުގެ މާނައެއްނެތް، މިތަނު ރައްޔިތުންގެ މޮޅު ވާހަކައާ ރާއްޖޭގެ ޝަރްޢި ނިޒާމު، އަދި ޤާނޫނީ ޙުކޫމަތަށް، އަދި މިދެންނެވި ހަމަތައް  ބިނާ ކުރުމުގައި މުޅިރަށުގެ ރައްޔިތުން ޒަމާނުއްސުރެ ފަށައިގެން ކާބަފައިންގެ އިރުއްސުރެ ފަށައިގެން މިރާއްޖެއަށް ލިބިފައިވާ ޙިއްޞާއަކީ އަޅުގަނޑުހިތުން އަޅުގަނޑު ކޮންމެހެން މިތަނުގައި ފާހަގަ ނުކުރިނަމަވެސް ތިބޭފުޅުންނަށް ވަރަށްބޮޑަށް ސާފުވާނެކަމެއް. ރާއްޖޭގެ ގިނަ ފަނޑިޔާރުންނަކީ، ރާއްޖޭގެ ގިނަ ވަކީލުންނަކީ، މި ޤާނޫނީ ދާއިރާގައި އުޅުއްވާ ރާއްޖޭގެ ގިނަ ބޭފުޅުންނަކީ މިރަށަށް އުފަން ނުވަތަ މިރަށާ އެކިގޮތްގޮތަށް ގުޅިފައި ތިއްބެވި ބޭފުޅުން. އަޅުގަނޑުމެންގެ ސަރުކާރުން ނިންމީ، އެކަން ފާހަގަކޮށް، ސަރުކާރުން ޤާނޫނީ ދާއިރާ ތަރައްޤީ ކުރުމަށް، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގައި، ޤާނޫނީ ދާއިރާ ކުރިއެރުމުގައި، މިރަށުގައި އެމަސައްކަތް ހިންގޭނެގޮތްވުމަކީ، އަދި މިހާރު އެކީއެކައްޗަކަށް އެކަން ހަމަޖެހިފައި އޮތްކަމީ މިސަރުކާރަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް އުފަލެއް ލިބޭކަމެއް.
 
އަޅުގަނޑުމެން އަބަދުވެސް ދައްކަމުންއަންނަ އެއްވާހަކައަކީ، ޤައުމެއް ތަރައްޤީވެ ދިއުމަށްޓަކައި އެބަޖެހެއޭ، ވިޔަފާރި ކުރިއަރަން. ވިޔަފާރިއަކީ، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ދިއުން. ތަކެތި އެއް އަތުން އަނެއް އަތަށް ބަދަލުވުން. އެހެންވީމާ، ވިޔަފާރިއަށްޓަކައި ކޮންމެހެން ބޭނުންވާ އެއް ވަސީލަތަކީ ދަތުރުފަތުރުގެ ރަނގަޅު އަމާޒެއް. އެއްތަނުން އަނެއްތަނަށް އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީގައި ދަތުރުކޮށް ހެދޭނެ ރިވެތިގޮތެއް. މި ވިސްނުމުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމު ސަރުކާރުން ފަށައިގަތީ. ސަރުކާރުގެ އަމާޒަކަށްވީ، 7 އަހަރު ދުވަހުގެ ތެރޭގައި ރަނގަޅު ނިޒާމެއް ޤާއިމުކުރުން. އަދި ފުރަތަމަ 2 އަހަރުގެތެރޭގައި އޭގެ އަސާސީ ޚިދްމަތްތައް ދޭން ފެށުން. މިހާރު ދެވެމުން މިއަންނަނީ އޭގެ އަސާސީ ޚިދްމަތްތައް. އެހެންވީމާ، ކުރިޔަށްއޮތްތާނގައި އަދި      މި ޚިދްމަތް ވަރަށް ރަނގަޅަށް، ވަރަށްބޮޑަށް ފުޅާވެގެންދާނެ. މި ޚިދްމަތް، މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިޕްރޮވިންސުން 16 ހާސް މީހުން ބޭނުންކޮށްފައި އޮތްއިރުގައި 3253 މީހުން މިރަށުން ދަތުރަށް އަރައި އަދި 3632 މީހުން މިރަށަށް ދަތުރު ނިންމާފައި އޮތްކަމީ މި ސަރުކާރަށް، އަޅުގަނޑުމެންނަށް ވަރަށް ހިތްހަމަޖެހުން ލިބޭކަމެއް. އަޅުގަނޑުމެން އުފާވާކަމެއް.
 
އަޅުގަނޑުމެންގެ ބޭނުމަކީ، މިދަތުރުތައް އިތުރުކޮށް، ކުރިޔަށް ގެންދިއުން. ދެންމެ އަޅުގަނޑު މިދެންނެވި އަދަދަކީ، ކަނޑުމަގުގެ އަދަދު އޭގެތެރެއަށް އައްޑުއަތޮޅުގެ ހިކިފަސް، އައްޑޫ ސިޓީގެ ހިކިފަސް ސަރަޙައްދުގައި 48543 ފަހަރު މީހުން ދަތުރަށް އަރާފައި އެބައޮތް. މިދިޔަ ކުޑަ ދުވަސްކޮޅުގެތެރޭގައި. އެހެންވީމާ، މި ނިޒާމަކީ، މިކަމަކީ އިންތިހާޔަށް ބޭނުންތެރިކަމެއްކަން އަޅުގަނޑުމެންނަށް ކުރީގައިވެސް އެނގޭ. އަދި ބައެއްބޭފުޅުން އެކަމާ އިންކާރުކޮށް، އެއީ، ވާންނެތް ކަމެއްކަމާ، ތާކުންތާކުނުޖެހޭ ކަމެއްކަމަށް ވިދާޅުވަމުންދިޔަ ކަމުގައި ވިޔަސްވެސް އަޅުގަނޑުމެން ދުށީ އަޅުގަނޑުމެންގެ އަމާޒު އަޅުގަނޑުމެން ނަގައެއްނުލާނަމޭ. އަޅުގަނޑުމެން ގެންދާނީ އަޅުގަނޑުމެން ކުރަމުންދާ ކަންތައް ބަރާބަރަށް ކުރަމުންނޭ.
 
ދަތުރުފަތުރު ކުރުމުގެ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުގެ ވާޖިބު، ޒިންމާ ވަރަށްބޮޑު. އޭގެތެރޭގައި ބަނދަރާއި މަގު ހެދުން ހަމަކޮންމެހެންވެސް އެބަހިމެނޭ. އެހެންވީމާ، އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް މިމަހުގެ ތެރޭގައި ހުޅުމީދޫގެ ބަނދަރުގެ މަސައްކަތް ފަށައިގަނެވޭނެ. އަދި އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުމެންނަށް ދާދި އަވަހަށް މިރަށުގެ ބޮޑު މަގުވެސް ހެދޭނެކަމަށް. އަޅުގަނޑުމެން އެމަގުތައް ހެދުމުގެ ކިތަންމެ ވިސްނުމެއް އެބަގެންގުޅެން.  އެއްގޮތަކީ، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށްގެން އެމަގުތައް ހެދުން. އަނެއްގޮތަކީ، ސަރުކާރުން ހަމައެއަށްވުރެ ބޮޑަށް އެންމެފަހުން ޚަރަދުކޮށްގެންވެސް މަގުތައް ހެދުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، އަޅުގަނޑުމެން ހުއްޓައެއް ނުލާނެ، މަގުތައްހަދައި، ބަނދަރުތައް ހަދައި،      މި ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއް އަޅުގަނޑުމެންގެ ތެރެއަށް ޤާއިމު ނުކުރެވެނީހެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުއްޓައެއްނުލާނަން. އަދި އަޅުގަނޑުމެންނަށް އެކަން ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް.
 
ފެނާއި ނަރުދަމާގެ ނިޒާމު ރާއްޖޭގެ ރަށްރަށުގައި ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން އެކުލަވާލީ ޔުޓިލިޓީ ކުންފުނިތަކެއް. ސަރުކާރުން ދުށީ، އިންޖީނުގެތައްވެސް ވަކިވަކި ރަށްރަށުގައި ރަށްކުރިއަރުވާ ކޮމެޓީއާއި، އަތޮޅުކުރިއަރުވާ ކޮމިޓީއޭ، ޖިންސުއްލަޠީފުންގެ ރޫޙޭ، އަންހެނުންގެ ރޫޙޭ، އެހެން ވިދާޅުވެ، މިހެން ހިންގާން މިއުޅޭ އިންޖީނުގެތަކަށް ވެފައިހުރިގޮތާއި ވަމުންދާގޮތް އަނެއްކާވެސް އަޅުގަނޑުމެން ހަމަ ބައެއްފަހަރަށް ވަރަށް ސާފުކޮށް ދުށީމު. އިންޖީނެއް ޖައްސައިގެން އޭގެއިން ރަށަކަށް ކަރަންޓު ލިބޭފަހަރަށްވުރެ އެނގިވަޑައިގަންނަވާނެ، ނުލިބޭފަހަރު ގިނަވާނީ. ދެން އަޅުގަނޑަށް އަދި ފާހަގަވެފައިއޮތީ، އިންޖީނު ހައްތަހާވެސް މިދަނީ މަދަރުސާއާ ގާތްވަމުން ގާތްވަމުން އައިސް، އަޅުގަނޑު އެއްރަށެއްގައި ދުށީ، ސީދާ ޕްރިންސިޕަލް ކޮޓަރިއާ ޖެހިގެން އިންޖީނުގެ ހުރިތަން. އެހާވެސް މުހިންމު އެއްޗެއް އިންޖީނުގެއަކީ. އަމިއްލަ އެސެޓެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަ ޖީބަށް ލެވެންޏާ ފޮރުވައިގެންވެސް ތިބެން ބޭނުންވާ އެއްޗެއް. ރައްޔިތުންގެ ވަރަށްބޮޑު މަސައްކަތަކުން އަދި ވަރަށްފުޅާ އުންމީދެއްގައި ކޮށްނިންމާލި ކަންތައްތަކެއް. 1980ގެ އަހަރުތަކުއްސުރެ ފެށިގެން ކޮންމެ ރަށެއްގައިވެސް މަޑުމަޑުން ޖަނަރޭޓަރެއް ބަހައްޓައިގެން ކަރަންޓު ދެމުން ދެމުން ދެމުންއައިސް، އަޅުގަނޑުމެންނާ ހަމައަށް އާދެވުނުއިރު މިހުރީ ބާވަތެއްގެ އިންޖީނުގެތަކެއް މިރާއްޖޭގެ އެކިތަންތަނުގައި ޤާއިމުކުރެވިފައި. އެހެންނަމަވެސް، އެކަށީގެންވާ ރަނގަޅު ޚިދްމަތެއް އެތަންތަނުން ދިނުމަށްޓަކައި، އެއްކުންފުންޏެއްގެ ތެރެއަށް މި އިންޖީނުގެތައް ގެންނާން ޖެހޭކަމީ އެއްވެސް ޙާލެއްގައި އެއްވެސް މީހަކު ހަމަމަގަކުން ވިސްނައިފިއްޔާ އިންކާރުކުރާނެ ކަމެއްނޫން. ވިޔަފާރީގެ އުސޫލުން ވިޔަސްވެސް އިޖްތިމާޢީ ތަރައްޤީއަށް ވިޔަސްވެސް، އިޤްތިޞާދީ ކުރިއެރުމަށް ވިޔަސްވެސް، އެއީކީއެއް އަޅުގަނޑުމެން ވިސްނާނެގޮތެއްނޫން. އަޅުގަނޑު މިއަދު އުފާވާ ކަމަކީ، ސަދަން ޔުޓިލިޓީ އަޅުގަނޑުމެން މިހެދި މަޤްޞަދު އިރާދަކުރެއްވިއްޔާ އެއޮއް ޙާޞިލް ކުރަނީ. ސަދަން ޔުޓިލިޓީ ކުންފުނިވަނީ، ދެންމެ ޒަރީރު ފާހަގަކުރެއްވިހެން، އިނގިރޭސިވިލާތު ކުންފުންޏަކާއެކީގައި ޖޮއިންޓްވެންޗަރ އެގްރީމެންޓެއް ކޮށް، އެ އެގްރީމެންޓުގެ ދަށުން މި ދެއަތޮޅުގެ އެއީ، ފުވައްމުލަކާއި އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށް އެދަނީ. އަޅުގަނޑުމެން ދެކެނީ، ކުރިޔަށް މިއޮތް ދެއަހަރެއްގެ ތެރޭގައި މުޅި މިސަރަޙައްދުގެ މިދެންނެވި މަސައްކަތް އެކީގައި ނިމޭނެކަމަށް.
 
އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުންއައީ، ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެން ހޯދަންޏާ ރައްޔިތުން ދޫކޮށްލާންޖެހެއޭ، ރައްޔިތުން ހިފަހައްޓައިގެން، ބިރުގަންނަވައިގެން، ރައްޔިތުން ބަންދުކޮށްގެން މިދެންނެވި ތަރައްޤީއެއް ނެތޭ. ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް ތަރައްޤީ ލިބިފައި އޮތް އެންމެބޮޑު އެއް ސަބަބަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އަދި ޞުލްހަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރްޞަތު ރައްޔިތުންނަށް ލިބިފައި އޮތުމޭ. އަޅުގަނޑުމެންގެ އެންމެބޮޑު ޕްރޮގްރާމަކީ، ޕްރޮޖެޓަކީ، މަޝްރޫޢަކީ މިދެންނެވީ. ޑިމޮކްރަސީ. އަޅުގަނޑު ވަރަށް ސާފުކޮށް، ހަމައަޅުގަނޑަށް ވަރަށް ސާފުކޮށް ޔަޤީން ވާހަކައެއް މިދަންނަވަނީ.  މިކަން ނެތީހެއް، ފެނެއްވެސް ނުލިބޭނެ، ނަރުދަމައެއްވެސް ނުލިބޭނެ. ބަނދަރެއްވެސް ޙަޤީޤތުގައި ނެހެދޭނެ، މަދަރުސާއެއްވެސް ނޭޅޭނެ. އަދި އަޅުގަނޑުމެން މިބޭނުންވާ ހަމައެއްކަމެއްމެ އަޅުގަނޑުމެންނަށް ކުރާން ދަތިވާނެ.
 
އަޅުގަނޑުމެން ވަޢުދުވީން، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވެރިކަން ކުރާނެ އިންތިޒާމެއް، ނިޒާމެއް އަޅުގަނޑުމެން ހޯދާންޖެހެއޭ. ލޯކަލްގަވަރމަންޓް ނުވަތަ އަތޮޅު ކައުންސިލާއި، ސިޓީ ކައުންސިލާއި، ރަށުކައުންސިލްތަކުގެ އިންތިޚާބު. ލާމަރްކަޒީ އުޞޫލު ދަންނަވަންތޯ އެއީ. އަޅުގަނޑު މިއަދު ވަރަށް އުފާވޭ، އެއިރުގެ އަޅުގަނޑުމެންގެ ޕާޓީގެ އައްޑުއަތޮޅުގެ ދާއިރާ ރައީސް ދެން އެބޭފުޅާ ކަންދިމާކުރިގޮތުން އޭރު ހުންނެވީ އައްޑުއަތޮޅުގެ ރައްޔިތުންގެ މަޖިލިސް މެންބަރެއްގެ ގޮތުގައި. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް އެހެންވީމާ އެބޭފުޅާ ތަމްސީލު ކުރައްވާ. 8 ވަނަ ބާބު ތިވިދާޅުވާ، ލާމަރުކަޒީ އުޞޫލުން ހިންގާކަށް ބާބެއް، ޑްރާފްޓިންގ ކޮމިޓީއަކުންވެސް ނެތް. އަސާސީ އުޞޫލުތައް ކަނޑައެޅުމަކުވެސް ނެތް. އެހެންނަމަވެސް އެފަހުން، އެންމެފަހު ވަގުތުގައި ޑޮކްޓަރ ޙުސައިން ރަޝީދާއި އަސްލަމް ހުށަހަޅުއްވައިގެން، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި މިހާރު      މި އަޅުގަނޑުމެން މި އެދޭ، ކައުންސިލް އިންތިޚާބުތަކެއް އޮންނަ ވާހަކައެއް އެޅީމު. އެއީ އަޅުގަނޑުމެންގެ ކަމެއް، އެހެންބައެއްގެ ކަމެއްނޫން. އަދި އެހެންބަޔަކު ބޭނުންވި ކަމެއްވެސްނޫން. އަޅުގަނޑުމެންނަށް ޔަޤީންވެފައިއޮތީ ރައްޔިތުންގެ ގާތުން، ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ އިޙްސާސްތަކާއެކީގައި ވެރިކަން ހިންގިގެން ނޫނިއްޔާ އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށް ނުހޯދޭނެއޭ. އެހެންވީމާ، ފެބްރުއަރީ 5 ވަނަދުވަހު މި ބިންގާއެޅޭ ސިޓީ ކައުންސިލް، އައްޑޫ ސިޓީ ކައުންސިލް އެއީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ވަރަށް ބޮޑު އުފަލެއް.
 
 އަޅުގަނޑު ދެކޭގޮތުގައި ޙަޤީޤަތުގައި އަޅުގަނޑުމެން ކުރާން ނުކުތް ވަރަށްގިނަ ކަންކަން އެދުވަހު ދެން ނިމޭނެ. ހަމަގައިމުވެސް އަޅުގަނޑު އައްޑުއަތޮޅާ ގުޅޭގޮތުން އަޅުގަނޑު ގެންގުޅުނު އެންމެބޮޑު އެއް ވިސްނުމަކީ، މިއަތޮޅު، މިއަތޮޅު ރައްޔިތުންނަށް ދިނުން. މި އަތޮޅުގެ ފެނާއި، ނަރުދަމަޔާ، ކަރަންޓުގެ މަސައްކަތް ގެންދާނީ މިއަތޮޅުގެ ކުންފުންޏަކުން. މިއަތޮޅުގެ ބަނދަރު، ސަރަޙައްދީ ބަނދަރު ހިންގާނީ މިއަތޮޅުގެ ކުންފުންޏަކުން. މިއަތޮޅުގެ އެއަރޕޯޓު ހިންގާނީ މިއަތޮޅުގެ ކުންފުންޏަކުން. އަދި މިއަތޮޅުގެ ހެލްތް ކޯޕަރޭޝަން ހިންގާނީ މިއަތޮޅުގެ ކުންފުންޏަކުން. ދެންއޮތީ މިއަތޮޅުގެ ވެރިކަން ހިންގުން. އެކަން ހިންގާނީ މި ސިޓީގެ ސިޓީ ކައުންސިލުން.
 
އަޅުގަނޑުގެ ބޭނުމެއްނެތް، އަޅުގަނޑުމެނަށް ހަމަ އިރާދަކުރައްވައިގެން ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ ބޭނުން ނައްތާލާގޮތް އަޅުގަނޑަށް ވަރަށްބޮޑަށް މިހާރު ސާފުވެފައި މިއޮތީ. އަޅުގަނޑު އުންމީދުކުރަނީ، ވީހާވެސް އަވަހަކަށް އަޅުގަނޑުމެންގެ ބޭނުން ތިބޭފުޅުން ނައްތާލަން. ތިބޭފުޅުންގެ ތަރައްޤީ ތިބޭފުޅުންގެ އަމިއްލަ އަތްމައްޗަށް ނަންގަވައި ތިބޭފުޅުން އެދޭ މަގަށް ތިބޭފުޅުން ބަދަލުވެ، އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެން ހޯދާނަމޭ.
 
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފަގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.      
 
والحمد للّـه. والســّلام عليــكم 
                  _____________________