بســماللّـهالرّحمـنالرّحيــم

 
ދިވެހި ރައްޔިތުންގެޑިމޮކްރެޓިކް ޕާޓި އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދާންދޫގެ ލޮބުވެތި ރައްޔިތުން އަދި ހުވަދުއަތޮޅާއި މިރާއްޖޭގެ އެންމެހާ ރައްޔިތުން.
 
السّـلام عليـكم
 
މީގެ ދުވަސްކޮޅެއް ކުރީގައި، ދުވަސްތަކެއް ކުރީގައި އަޅުގަނޑު މިރަށަށް އައިސް އެވިދާޅުވިހެން އޭރު އަޅުގަނޑުމެންގެ ވާހަކަތައް ބޭފުޅުން އަދި އެހާ ރަނގަޅަށް އަޑު ނޭއްސެވި ދުވަސްވަރެއްގައި އަޅުގަނޑުމެން ދެންނެވީމު، އަޅުގަނޑުމެން މިތިބީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އެމް.ޑީ.ޕީ.އިން ފާހަގަކުރީ 2006ވަނަ އަހަރު. މިއަދު އެދުވަހު މިރާއްޖެ ޚިޔާރުކުރާ މަގެއްގެ ސަބަބުން އަޅުގަނޑުމެންނަށް ޚަރާބުގެ މިޞްރާބަށްވެސް ދެވިދާނެއޭ. ނޫނިއްޔާ އަޅުގަނޑުމެންނަށް މުޅިން އެހެން ދިވެހިރާއްޖެއެއް، މުޅިން އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަށް ހޯދިދާނެއޭ. އަޅުގަނޑުމެން މިރާއްޖޭގެ ގޭގެއަށް ދިޔައީމު. އަޅުގަނޑުމެން މިރާއްޖޭގެ ރައްޔިތުންނާ ބައްދަލުކުރީމު. އަޅުގަނޑުމެން މިރާއްޖޭގެ ރަށްރަށަށް ޒިޔާރަތް ކުރީމު. ދޮރުން ދޮރަށް ހިނގާ ކިތަންމެ ބަޙުޘެއްކޮށް، ކިތަންމެ މަޝްވަރާއެއްކޮށް، އަޑު އުފުލާ އަދި މުޒާހަރާވެސްކޮށް އަޅުގަނޑުމެން ހެދީމު.
 
އަޅުގަނޑުމެންނަށް، ރައްޔިތުން ދެއްކި ވާހަކަތައް ވަރަށް ސާފުކޮށް އަޑުއިވުނު. އެއަޑުތައް އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯ. އެ އަޑުތައް ވެގެންދިޔައީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވީ ވަޢުދުތަކަށް. އަޅުގަނޑުމެން ބުނިން، ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ސަލާން ޖެހުން އަޅުގަނޑުމެން ނައްތާލަދޭނަމޭ. އަޅުގަނޑުމެން އެދުވަހު ދޮރުން ދޮރަށް، ގެއިން ގެއަށް ހިނގަމުން ދިޔައިރު އަދި އެއަށްވުރެ ބޮޑަށްވެސް މުޅި ރާއްޖޭގައިވެސް ވަރަށް ސާފުކޮށް ފެންނަން އޮތް އެއް ޙަޤީޤަތަކީ، ރާއްޖޭގެ އެތައް ރައްޔިތުންނެއް ޑޮކްޓަރު ދެއްވާ ބޭސްސިޓީއަށް ބޭސް ހޯދުމަށްޓަކައި އޭނަ ކައިރިން، މީނަ ކައިރިން، އަނެކެއް ކައިރިން ހިނގާ ސަލާންޖަހައި، ބިކަހާލުގައި އުޅޭ މަންޒަރަކީ އާންމު މަންޒަރެއް. އަޅުގަނޑުމެންނަށް ރައްޔިތުން ފާހަގަކޮށްދިން އެއް ނުކުތާއަކީ، އެބޭފުޅުންގެ އަޑަކީ އެކަން ނުކޮށް އެބޭފުޅުންނަށް ޤަދަރާއި ޢިއްޒަތް ލިބޭނޭ މަގު ހޯދައިދިނުން.
 
އަޅުގަނޑުމެންނަށް އެނގުނު އަނެއް ޙަޤީޤަތަކީ، މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުން ކުރެ އެކަކީ ނިކަމެތި ފަޤީރެއްކަން. މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްލައްކަ މީހުންނަކީ، އ.ދ. އެ ބުނާ ބަނުހައިހޫނުކަމުގެ ރޮނގުން ދަށުގައި ތިބި މީހުންކަން، ރެޔަކާއި ދުވާލަށް ބޮލަކަށް ދިހަ ބާރަ ރުފިޔާ ނުޖެހޭ ނިކަމެތިންކަން. އަޅުގަނޑުމެންނަށް އެދުވަހުވެސް އެނގުނު ރާއްޖޭގެ ކިތަންމެ ކިތަންމެ ޚިދްމަތެއް، ކިތަންމެ ކިތަންމެ ވަސީލަތްތަކެއް ހުރީ ރައްޔިތުން އެއްގޮތަކަށްވެސް ހިތްހަމަނުޖެހޭ މިންވަރުގައިކަން، ދަރަޖައިގައިކަން، ފެންވަރުގައިކަން. އަޅުގަނޑުމެންނަށް އެދުވަހުވެސް އަދި މިއަދުވެސް އެނގޭ، މިރާއްޖޭގެ ހެލްތް ސެންޓަރުތައްވެސް، ހޮސްޕިޓާތައްވެސް، އަދި މިފަދަ ކިތަންމެ ކިތަންމެ ތަނެއް މިހުރީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ހިތްހަމަނުޖެހޭ މިންވަރުގައިކަން. އެހެންނަމަވެސް، މިދެންނެވި އެއްލައްކަ މީހުންނަށް އަޅުގަނޑު މިދެންނެވި ކަމުނުދާ ޚިދްމަތަށްވެސް އަތްނުފޯރާކަމީ މިރާއްޖެ އޮތް ޙާލަތު. ރާއްޖޭގެ ގިނަ ފަޤީރުންނަށް އެމީހުންގެ އަމިއްލަ ބޭސްފަރުވާއެއް އެއްގޮތަކަށްވެސް ކުރެވޭގޮތެއް ހަމަޖެހިފައެއް ނުވޭ. އިޖްތިމާޢީ ރައްކާތެރިކަމާއި މަދަނައިގެ ވިއުގަ އުފެދުނީ މިސަބަބަށްޓަކައި. އަޅުގަނޑު މިރޭ އުފާވާ އެއް ސަބަބަކީ، މިދާންދޫގެ 330 މީހުން، މަދަނައިގައި ރަޖިސްޓަރީވެ، އެމީހުންނަށް އޭގެ ތެރެއިން ކޮންމެ ރައްޔިތަކަށްމެ އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ އަޅުގަނޑުމެންގެ މާލިއްޔަތުގައި ރައްކާކުރެވިފައިވާކަން. އަޅުގަނޑު ބައެއް ފަހަރު މާލޭގެ ވިޔަފާރިވެރިންގެ ގާތުގައި އަހަން، މާލޭގައި އެބޭފުޅުން ގާތަށް ބޭސްސިޓީ ހިފައިގެން މީހުންދާ މިންވަރަށް، މީގެ ދެތިން އަހަރެއް ކުރީގައި ދިޔަ މިންވަރަށް މިއަދުވެސް ދޭތޯއޭ. އެމީހުން ޖަވާބުގައި ބުނަނީ މިއަދު އެކަންވާލެއް ވަރަށް މަދޭ. އަޅުގަނޑަށް ޔަޤީން، މި ދާންދޫގެ ވިޔަފާރިވެރިންނަށްވެސް އަދި މި ހުވަދުއަތޮޅުގެ އެންމެ ވިޔަފާރިވެރިންނަށްވެސް، ހަމަ މިޙަޤީޤަތް އޮންނާނީ ފެނިފައި. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެންނަށް މިކަން މިހާރު ވަރަށް ސާފު ސާދާކޮށް ފާހަގަވާނެ.
 
 އަޅުގަނޑުމެން މިދަނީ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދެމުން. ޤައުމެއް ތަރައްޤީވެގެން ނުދާނެ އެޤައުމެއްގެ ރައްޔިތުން ބިކަހާލުގައި، ފަޤީރުކަމުގައި ދެމިތިބޭހާ ދުވަހަކު. އަޅުގަނޑުމެންނަށް އެންމެ ފުރަތަމައިނުން ކުރަންޖެހިފައި އޮންނާނެ ކަމަކީ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އެ ރައްޔިތަކު ބިކަހާލުން ސަލާމަތްކޮށްދިނުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ދާންޖެހޭނީ މިރާއްޖެ ތަރައްޤީ ކުރުމަށް. އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތަރުތީބު ބަހައްޓަންޖެހޭނީ، އެތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނެ ހަމައެއްގައި، ލިބޭނެ ގޮތެއްގައި. އަޅުގަނޑު ގާތު ވަރަށްގިނަ މީހުން އަހާނެ، ރައީސޭ 33 މިލިޔަން ރުފިޔާއަށް ބަނދަރު ނުހަދައި، ނަރުދަމާ ނާޅައި ނުވަތަ މިބާވަތުގެ ކޮންމެވެސް ކަމެއް ނުކޮށް ބޭސްފަރުވާއަށް ހޭދަކުރަނީ ނުވަތަ މަދަނައަށް ހޭދަކުރަނީ ކީއްވެގެންހޭ؟ އެއީ، ދެންނެވި ސަބަބަށްޓަކައި. ރައްޔިތަކު ފަޤީރުކަންމަތީގައި، ބަނޑުހައިހޫނުކަންމަތީގައި ތިބެ، ދެން އެޤައުމަކަށް ހޯދޭނެ ތަރައްޤީއެއް ނެތްކަން އެއީ، އިންސާނީ ތަޖުރިބާ ވަރަށް ރަނގަޅަށް ދައްކާފައި އޮތް ޙަޤީޤަތެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދާންދޫގައިވެސް އަދި މިހުވަދޫގައިވެސް އަދި މިއަތޮޅު، މިރާއްޖޭގައިވެސް ހުރިހާ ރައްޔިތުންނަށް މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަބަދުމެ މަސައްކަތް ކުރަމުން ގެންދާނަން. އަޅުގަނޑުމެން އަބަދުވެސް އެމަސައްކަތުގައި އިރާދަކުރެއްވިއްޔާ ދެމިތިބޭނަން.
 
 އަޅުގަނޑުމެންގެ އަނެއް ވާހަކައަކީ، އަޅުގަނޑުމެންނަށް އެބަ އެނގެއޭ، އަޅުގަނޑުމެންނަށް އެބަފެނެއޭ، މިރާއްޖޭގައި ދުވަސްވެފައި ތިބި މީހުންނަށް ވަމުންދާގޮތް. އަޅުގަނޑުމެން ބުނަމުން ދިޔައިމު، އަޅުގަނޑުމެންގެ ދެލޮލުން އަޅުގަނޑުމެން ދުށީމު، ރާއްޖޭގެ ހޮޅުއަށިތަކާއި ގޮނޑުދޮށްތަކުގައި ދުވަސްވީ މީހުން ބިކަހާލުގައި، ބިއްވެފައި، މާޔޫސްވެފައި ތިބޭ މަންޒަރު. އަޅުގަނޑުމެން ދުށީމު، އަތްފައިގައި ބާރުނެތި ދުވަސްވެފައިތިބި މީހުން ކޮންމެވެސް އާމްދަނީއެއް ލިބޭތޯ ކުރާ މަސައްކަތުގައި ވޮޗަރަކަށްވެ، އުނގަށް ޓޯޗު ބައްތި ވެއްޓި، ނިދިޖެހިފައި އިންނަތަން. އަޅުގަނޑުމެން ދުށީމު، މާލޭގެ ގޯތިތައް ފޮތިފޮތިކޮށް އެންމެފަހުން، ކުރީގައި ބަދިގެ ހުރިތަނުގައި ހުރި ބައިގައި އިން ކޮޅުފިލާ ގޮނޑިއެއްގައި، ގޭގެ އަސްލުވެރިޔާ، ދުވސްވީ ކާފަ ނުވަތަ ބައްޕަ ނުވަތަ މާމަ އެގޮޑީގައި ނިކަމެތިވެފައި އިންނަތަން. އަޅުގަނޑުމެންނަށް އެދުވަހުވެސް އެނގޭ، މިއަދުވެސް އެނގޭ، އަބަދުވެސް އަޅުގަނޑުމެން ދަންނަ ޙަޤީޤަތެއް އެއީ، މިރާއްޖެ އަޅުގަނޑުމެންނަށް ރައްދުކޮށްދީފައި މިއޮތީ އަޅުގަނޑުމެންގެ ކާބަފައިންކަން. މިއަދުގެ ދޮށީ ޢުމުރުގެ މީހުން ކިތަންމެ މަސައްކަތެއް ކުރީމާކަން އަޅުގަނޑުމެންނަށް މިރާއްޖެ މިގޮތަށް ލިބިފައި މިއޮތީ. އެމީހުން މަހަށް ދިޔައިމާ، އެމީހުން ފަރަށް ދިޔައިމާ، އެމީހުން ރުއް އެރީމާ، އެމީހުން ވަޑާން ކުރީމާ، އެމީހުން ރިޒޯޓްފަހަރު އެޅީމާ، އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރީމާ. މި ރާއްޖޭގައި ދެން އެހެންވީމާ ދެން ޕެންޝަނެއް ޙައްޤުވަނީ ކޮންބަޔަކަށްތޯ އަޅުގަނޑުމެން ވިސްނާއިރު ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީ އެއްގޮތަކަށްވެސް ޤަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ، އެ ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށްކަން. އަޅުގަނޑުމެން ވަޢުދުވީ، ޢުމުރުން 65 އަހަރުގެ ކޮންމެ މީހަކަށް އަންހެނަކަސް، ފިރިހެނަކަސް، އާމްދަނީ މަދު ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް އަޅުގަނޑުމެން ދޭނަމޭ. އަޅުގަނޑު މިރޭ އުފާވާ ސަބަބަކީ، އަޅުގަނޑަށް ހަމަ ޔަޤީން، އަޅުގަނޑުމެންގެ ޕާޓީ އުފާވާ ސަބަބަކީ، މިރަށުގެ 101 މީހަކަށް، 65 އަހަރުން މަތީގެ 101 މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަން ގަވައިދުން ދެމުންދާތާ މިހާރު މިވީ ދެއަހަރު. އަދި އަޅުގަނޑު އުފާވާ ސަބަބަކީ، މިރަށަށް ކޮންމެ މަހަކު ދެލައްކަ ދެހާސް ރުފިޔާ ޕެންޝަންގެ ގޮތުގައި ދިނުމުގެ ފުރުސަތު، މިޕާޓީއަށާއި އަދި މިޕާޓީ ހިންގާ ސަރުކާރަށް ލިބިފައިވާތީ. ތިޔަބޭފުޅުން ބައެއްގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދަން އެދެނީނަމަ، ތިޔަބޭފުޅުން މިރާއްޖޭގެ ތަރައްޤީ އެދެނީނަމަ، މިވިސްނުމެއް ނޫން ވިސްނުމަކަށް، ވޯޓުދިނުމަކަށް އަޅުގަނޑަކަށެއް ނުދެންނެވޭނެ. އެމް.ޑީ.ޕީ.އަށް ތިޔަބޭފުޅުން ވޯޓު ދެއްވާންވީ އެންމެބޮޑު އެއް ސަބަބަކީ، މިރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން މިޕާޓިން އިރާދަކުރެއްވިއްޔާ ހޯދައިދޭނަމޭ.
 
އެކަނިވެރި މައިންނާއި ޔަތީމު ކުދިންނާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިސަރުކާރުން މިދަނީ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެމުން. މިރަށުގެ 17 މީހަކަށް މިޚިދްމަތް، މިއެހީތެރިކަން ފޯރުކޮށްދެވޭކަމީ، މިޕާޓީއަށާއި އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި އަނެއް ވާހަކައަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ފާހަގަކުރާ ނުކުތާއަކީ އެމީހުން ބޭނުމޭ ބޯހިޔާވަހިކަން. އަޅުގަނޑުމެންނަށް ފެނިފައި އޮތް އަނެއް ޙަޤީޤަތަކީ ބަޔަކު ގެއެއް އަޅަން އުޅޭ ގޮތް. އަލަތު ކައިވެންޏާއެކީގައި ނަގާ ގެވަޅެއްގައި ފަހަރެއްގައި ދެއަހަރު ރިޒޯޓުގައި އުޅެފައި އައިސް ފައުންޑޭޝަން ދަމާލެވިދާނެ. ދެން އަންނަ އަހަރު ގާކޮޅެއް އަޅާލެވިދާނެ. އަނެއް އަހަރު ހަތަރު ފާރު ރާނައިދާނެ. ދެން ޖެހިގެން އަންނަ އަހަރު ފަހަރެއްގައި ހިޔާކުރެވިދާނެ. އަނެއް ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖެހިދާނެ. ދެން އަންނަ ރޯދައަކަށް އަނެއް ޢީދަށް ދޮރެއް ހަރުކުރެވިދާނެ. ގެއަކަށް ވަދެވޭއިރު އަޅުގަނޑުމެންގެ ގިނަމީހުންގެ ހަޔާތުގެ އުމުރުގެ ދެބައިކުޅަ އެއްބައި މިއޮތީ ވޭތުވެފައި. އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީ މިރާއްޖޭގައި ދިހަހާސް ގެ ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބިނާކުރާނަމޭ. އަދި އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީ، ސުނާމީގައި ގެއްލުންވި ހުރިހާ ގެއެއްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަޅާދޭނަމޭ. މިއަދު އަޅުގަނޑު އުފާވާ އެއް ސަބަބަކީ، މިރަށުގައި ސުނާމީގައި ހާލުގައި ޖެހުނު ރައްޔިތުންނަށް ގެދޮރު އެޅުމުގެ މަސައްކަތް މިހާރު ބާރަށް ހިނގަމުންދާކަން. އަދި އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް އަޅުގަނޑުމެންނަށް ސަރުކާރަށް އެ ގެތައް ނިންމައި، އެގެތަކަށް މިރަށުގެ ރައްޔިތުން ވެއްދޭނެކަމީ، އަޅުގަނޑަށާއި އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ޕާޓީއަށް ނުހަނު އުފާވެރިކަން ލިބޭ ސަބަބެއް.
 
އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ ބައެއް ރަށްރަށަކީ ބިމުގެ ޖާގަ މަދު ރަށްރަށްކަން. އަޅުގަނޑުމެން އެކަމަކާ މިހާރު ކަންބޮޑެއް ނުވަން. އަޅުގަނޑުމެންނަށް އެނގޭ އެއީ،  5 ދުވަހުން ހަތަރުގުނަ ކަމެއް ކުރެވޭކަންވެސް އަޅުގަނޑުމެން ދުށީމު. ކުޅުދުއްފުށިންވެސް އަޅުގަނޑުމެން ދުށީމު. ހިންނަވަރުންވެސް، ތުޅާދޫންވެސް، ދިއްދޫންވެސް، ވެލިދޫންވެސް. ޒަމާނީ ޓެކްނޯލޮޖީގައި ބިން ބޮޑުކުރުމަކީ ދާދި ފަސޭހައިން ކުރެވެން އޮތް ކަމެއްކަން. އެހެންވީމާ، އަޅުގަނޑު ދާންދޫ ހުރިހާ ރައްޔިތުންނަށްވެސް ދަންނަވަން އޮތް ވާހަކައަކީ، އަދި މިއަތޮޅާއި މިރާއްޖޭގެ އެންމެ ރައްޔިތުންނަށް ބިމާ ގުޅޭގޮތުން ކަންބޮޑުވެ ނުލައްވާށޭ. އަޅުގަނޑުމެން، މިރާއްޖެ ތަރައްޤީ ކުރުމުގެ މަގުގައި ތިޔަބޭފުޅުންގެ ބޯހިޔާވަހިކަން ހޯދާދޭނަމޭ. އަދި ދިވެއްސެކޭ ބުނާ ބަހުގެ މާނައަކީ، ފައިހަރުކޮށްލާނެ ބިންކޮޅެއް އޮތުންކަން އެއީ، ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީއަށް ވަރަށް ސާފުކޮށް އެމް.ޑީ.ޕީ. ދަންނަ ޙަޤީޤަތެއް. އެމް.ޑީ.ޕީ.ދެކޭ އުޞޫލެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދާންދޫގެ ބިން ބޮޑުކޮށްދޭނެ. ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ.
 
އަޅުގަނޑުމެން އުފާވާ އެންމެބޮޑު އެއްސަބަބަކީ، މިރަށުގެ ނަރުދަމާ އަޅުގަނޑުމެންނަށް، ތިޔަބޭފުޅުންނަށް ނިންމާދެވުނުކަން. އަޅުގަނޑުމެން ހިތްހަމަޖެހޭ އެންމެބޮޑު އެއް ކަމަކީ، މިރަށުގެ ބަނދަރު އަޅުގަނޑުމެންނަށް، ތިޔަބޭފުޅުންނަށް ނިންމާދެވުނުކަން. އަޅުގަނޑުމެންގެ ހަމައެކަނި އޮންނަނީ އެންމެ ބޭނުމެއް. އެއީ، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުން. ތިޔަބޭފުޅުންނަށް ޚިދްމަތްކުރުން. މި ސަރުކާރެއް ދެމިއެއްނޯވޭ، އެހެން ސަބަބަކަށްޓަކައި ޚިދްމަތްނޫން އެހެން ކަމެއް ކުރާކަށް އަޅުގަނޑުމެންނެއް ބޭނުމެއް ނޫން. އަޅުގަނޑު ނިސްބަތްވާ ޕާޓީ އެނޫން ކަމެއް ކުރާކަށް އަޅުގަނޑަކަށް ޖާގައެއް ނުދޭނެ. އަޅުގަނޑު އެޕާޓީއަށް އަނެއްކާވެސް ވޯޓުލާނެ އަނެއް ސަބަބަކީ މިދެންނެވީ. އަޅުގަނޑުމެންނަށް މިޕާޓީ މެދުވެރިކޮށް ކުރެވެން އޮތީ އެންމެ ކަމެއް. އެއީ، ރާއްޖޭގެ ތަރައްޤީއާއި ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުން.
 
އަޅުގަނޑުމެންނަށް އެބައެނގޭ، އަޅުގަނޑުމެންނަށް ވަރަށް ސާފު. ތަރައްޤީއަށްޓަކައި ބޭނުން އެންމެ މުހިންމު އަނެއް ކަމަކީ، އިންސާނާ ތަރައްޤީވުންކަން. އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުވާން އޮތީ އަޅުގަނޑުމެންނަށް ތަންދޮރު ފިލީމާކަން. އަޅުގަނޑުމެންނަށް ވާނުވާ އެނގުނީމާކަން. އަޅުގަނޑުމެންނަށް ރަނގަޅު ތަޢްލީމެއް ލިބުނީމާކަން. އެހެންވެގެން ވަށާޖެހޭ ތަޢްލީމަކާއި އެއްދަންފަޅިއަށް ކިޔަވާދިނުމުގެ އުޞޫލު މި ރާއްޖެއަށް ތަޢާރަފްކުރަން އަޅުގަނޑުމެން ފެށީ. އަޅުގަނޑު އުފަވާ ސަބަބަކީ، 2011 ވަނަ އަހަރު ގދ. އަތޮޅު މަދަރުސާ، އެއްދަންފަޅީގައި ކިޔަވާދޭ ސްކޫލަކަށް ބަދަލުވެގެންދާނެތީވެ. މިއަހަރުގައި އެ ސްކޫލްގައި އިތުރު ދެކްލާސްރޫމް އެޅި، އެ ސްކޫލް އެއްދަންފަޅިއަށް އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ.
 
 އަޅުގަނޑުމެން އުފާވަނީ އަޅުގަނޑުމެންގެ ރާއްޖޭގެ ގިނަ ބައިވަރު ކިޔަވާ ކުދިންނަށް ފޮތް، ފަންސުރު، ގަލަން، އަޅުގަނޑުމެންނަށް އެކުދިން ބޭނުންވާ މިންވަރަށް ހޯދާދެވޭކަމުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށުގެ ދަރިވަރުންނަށް އެއްލައްކަ ނުވަދިހަ ހަތްހާސް އެއްސަތޭކަ ފަސްފޮޅަސް ފަސް ރުފިޔާ މިދެންނެވި އެހީގެ ގޮތުގައި 2010 ވަނަ އަހަރު ދެވިފައިވާކަން. މިރަށުގެ ދަރިވަރުންނަށް ފަސްދޮޅަސް އެއްހާސް ހަތް ސަތޭކަ ހަތްދިހަފަސް ރުފިޔާ، އިމްތހާނުގެ ފީގެ ގޮތުގައި ދެއްކިފައިވާކަމީ އަޅުގަނޑުމެންނަށް ހިތްވަރާއި އަދި އިތުރު އުންމީދު ލިބޭ އަނެއް ސަބަބު.
 
 އަޅުގަނޑުމެންގެ ހަމައެކަނި މަޤްޞަދަކީ، އަޅުގަނޑުމެން ތަކުރާރުކޮށް މިދަންނަވާހެން މިރާއްޖޭގެ ތަރައްޤީ. އަޅުގަނޑުމެންނަށް އެނގޭ އަދި ޢަމުދުން މިއަތޮޅުގެ ކުރީގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު ފާހަގކުރެއްވި ފަދައިން މިއީ، މަސްވެރި އަތޮޅެއް. އަޅުގަނޑުމެން ފާހަގަކުރިން، އަޅުގަނޑުމެން ދަންނަވަމުން ގެންދިޔަން، މަސްވެރިކަން ޢާންމު ވިޔަފާރިއެއްގެ ގޮތުގައި، ވާދަވެރި ވިޔަފާރީގެ އުޞޫލަށް ދޫކޮށްލައިފިނަމަ، އެވާދައިގެ ތެރޭގައި ފައިދާ ލިބޭނީ މަސްވެރިޔާއަށޭ. އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ތިޔަބޭފުޅުން ކިލޯއެއް ހަމަނުވާ މަސް ގަންނަމުން ގެންދިޔައީ އެއްރުފިޔާ ފަންސަވީސް ލާރިއަށް ނުވަތަ ދެރުފިޔާ ބަޔަށް. ބޮޑުވެގެން ފަސްރުފިޔާއަށް. އެނގިވަޑައިގަންނަވާނެ، މިއަދު ތިޔަބޭފުޅުން މަސްކިލޯއެއް ވިއްކަވަނީ ދިހަރުފިޔާއަށް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، ވާދަވެރިކަމުގެ ތެރޭގައި އެ މަސްކިލޯގެ އަގު ދުވަހުން ދުވަހަށް މައްޗަށް ޖެހެމުންދާކަން. އަދި އަޅުގަނޑުމެންނަށް ޔަޤީންވީ، އެހެންވީމާ މިއަތޮޅު ރައްޔިތުންގެ އާމްދަނީ ކިތަންމެ ތަނަކުން އިތުރުވެގެންދާކަން. އެ މުއްސަނދިކަމާއި އެ ތަނަވަސްކަން ޙަޤީޤަތުގައި ލިބިގެން މި އަންނަނީ އަޅުގަނޑުމެން ރާއްޖެއަށް. އޭގެ ފައިދާ މިކުރަނީ ރާއްޖޭގެ ތަރައްޤީގެ ގޮތުގައި.
 
އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ އަނެއް ޙަޤީޤަތަކީ، ޤައުމެއް ތަރައްޤީވެ ދިޔުމަށް އެންމެ ބޮޑަށް އަޅުގަނޑުމެން ކުރަންޖެހޭ އެއްކަމަކީ އެޤައުމެއްގެ ރައްޔިތުން ދޫކޮށްލުމޭ. އެރައްޔިތުން މިނިވަން ކުރުމޭ، އެރައްޔިތުން ނުހިފޭއްޓުމޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން މުހިންމުވަނީ. އެއްވެ އުޅުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް މުހިންމުވަނީ. އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރުސަތު، ހުރިހާ ބަޔަކަށްވެސް ލިބެން މިޖެހެނީ. އަޅުގަނޑުމެންގެ ޙަޤީޤީ ބޮޑު މަޝްރޫޢަކީ ޑިމޮކްރަސީ. އެއީ، ތަރައްޤީގެ މަގަކީ. އަޅުގަނޑު ގާތުގައި ތިޔަބޭފުޅުން ބުނެގެން، ކިޔައިގެން ނުވަތަ އެހެން މީހެއްގެ ގާތުގައި އެވާހަކަ ދައްކައިގެން ކުރަންޖެހޭ ކަމެއް ކުރާގޮތަކަށް އޮންނަ ކަމެއް ނޫން. ތަރައްޤީއަކީ، ޑިމޮކްރަސީ ފަހިކޮށްދޭ ކަމެއް. އަޅުގަނޑުމެން ބުނަމުން މިއަންނަނީ، ރައްޔިތުމީހާއާ ގާތުން އެމީހުންގެ ވެރިކަން ކުރެވޭނޭ އުޞޫލެއް، ކުރެވޭނޭ ހަމައެއް އަޅުގަނޑުމެން ހޯދަން އެބަޖެހެޔޭ. އިންސާނީ ތަޖުރިބާ ދައްކާފައި އޮތް ޙަޤީޤަތަކީ ތަރައްޤީގެ މަގު ލިބެނީ މިދެންނެވި ގޮތުގައޭ.
 
 އިރާދަކުރެއްވިއްޔާ 5 ފެބްރުއަރީގައި އަޅުގަނޑުމެންނަށް މިދެންނެވި ގޮތުގެ ބިންގާ އަނެއްކާވެސް ވަރުގަދަ ކުރެވޭނެ. ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ސިޓީ ކައުންސިލްތަކުގެ އިންތިޚާބު ފެބްރުއަރީ 5 ގައި އޮންނާނެ. އަޅުގަނޑު ޝައްކެއް ނުކުރަން،      އެ އިންތިޚާބުގައި އަޅުގަނޑުމެން މާ ބޮޑަށް މާ ރަނގަޅަށް މާ ސާދާކޮށް ކާމިޔާބު ކުރާނެ. އެއީ، އަޅުގަނޑުމެން ޝައްކު ކުރާކަމެއް ނޫން.
 
އަޅުގަނޑަށް އަބަދުވެސް ސާފުވާ އެއްކަމަކީ، އަޅުގަނޑުމެންގެ ޢަޒުމް، އަޅުގަނޑުމެންގެ މަޤްޞަދު ނުގުޑާ ކަމަށްވަނީވިއްޔާ އަޅުގަނޑުމެންނަށް އަބަދުވެސް ކާމިޔާބީ ލިބޭނެއޭ. ހުވަދޫ ދުށް އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ، ޢަބްދުﷲ ޖާބިރުގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ. އެ ވިދާޅުވަނީ ފޯކަސްއެއް ހުރެގެން، މަޤްޞަދެއް އޮވެގެން އަދި އަމާޒެއް އޮވެގެން މަސައްކަތް ކޮށްފިނަމަ ބޮޑު މަންޒަރެއް ފެންނާނެއޭ. އެ މަންޒަރު ޙަޤީޤަތަކަށް ހެދޭނެއޭ ޙިކްމަތާއި ވިސްނުމާއި ހިތްވަރާގައި. އަޅުގަނޑުމެންނަށް ޔަޤީން، މިރާއްޖޭގެ ތަރައްޤީ ލިޔެފައި އޮތް ފަތްފުށް އަޅުގަނޑުމެންނަށް އެނގޭކަން. އަޅުގަނޑުމެންނަށް އެނގޭ މިރާއްޖެ ތަރައްޤީ ކުރާނެގޮތް. އަޅުގަނޑުމެންގެ ކިބައިގައި އެހުނަރު އެބަހުރި. އަޅުގަނޑުމެންގެ ކިބައިގައި އެ ޢިލްމުވެސް އެބަހުރި. އަދި ކުރަންވީ ކަންތައްވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފު. ކުރެވެން އޮތް އެންމެ ބޮޑު ކަމަކީ އިތުރު ފަރާތަކަށް ނުބަލައި، އިތުރު ވިސްނުމެއް ދެން ނުގެންގުޅެ، އަޅުގަނޑުމެން އެއް މިޞްރާބަކަށް، އެއް އަމާޒަކަށް މަސައްކަތް ކުރުން. އަޅުގަނޑުމެންގެ މިފަހަރުގެ ބަޖެޓުގައި، ސަރުކާރުގެ ބަޖެޓުގައި އެކުލަވާލާފައިއެވަނީ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވާނެ ކަންކަން. އަޅުގަނޑުމެންގެ ބަޖެޓުގައި މިފަހަރު އެކުލަވާލެވިފައިއެވަނީ، އަޅުގަނޑުމެންގެ ސީދާ ފަސް ވަޢުދު ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންތައް. އަޅުގަނޑުމެންނަށް ޔަޤީންވާ ކަމަކީ، އަޅުގަނޑުމެންނަށް ކަށަވަރުވާ ކަމަކީ، މިދެންނެވި ވަޢުދުތައް ފުއްދީމާ، މިރާއްޖެ އެނބުރޭނެކަން. މިރާއްޖެ ހިނގާނެކަން. މިރާއްޖެ ދުވާނެކަން. އަޅުގަނޑުމެންނަށް ޔަޤީންވާ ކަމަކީ، ހުވަދޫއޭ މިކިޔާ އިންޖީނުގައި މިރާއްޖެ ތަރައްޤީވާނެކަން. އެތަރައްޤީގެ މަގު ހޯދުމަށްޓަކައި ކުރަންހުރި މަސައްކަތްތައް ކުރަންހުރި ތަރުތީބުން އަޅުގަނޑުމެން މިދަނީ ކުރަމުން. މިފަހަރުގެ ބަޖެޓުގައި ކުރީގައި މި ރަށްރަށަށް އަދި މިއަތޮޅުތަކަށް ފައިސާ އެކުލަވާލާފައި އޮތް މިންވަރަށްވުރެ، އަދަދަށްވުރެ މާގިނައިން ހިމެނިފައިވާނެ. އޭގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަށް އަޅުގަނޑުމެން ވާސިލުވުން. އޭގެ ބޭނުމަކީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބޭނެ ގޮތަކަށް އަޅުގަނޑުމެންގެ ރާއްޖެ ބައްޓަން ކުރުން.
 
މިފަހަރުގެ އަޅުގަނޑުމެންގެ ޕްރޮގްރާމް ފާސްވެ އަދި އަޅުގަނޑުމެންނަށް އެޕްރޮގްރާމާ އެއްގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު މިއޮތީ ލިބިފައި. އެނގިވަޑައިގަންނަވާނެ، އެފުރުސަތު އަޅުގަނޑުމެންނަށް ލިބިފައިމިވަނީ ޑީ.އާރު.ޕީ.ގެ ޒަޢީމު އަޙްމަދު ތަސްމީން ޢަލީވެސް އެކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން އަޅުގަނޑުމެންގެ ބަޖެޓް ނެރެދެއްވައި އަދި އެބަޖެޓް އަޅުގަނޑުމެންނަށް ފާސްވެގެން ދިޔައީތީ. އަޅުގަނޑުމެންނަށް މިވަގުތު އެ ބަޖެޓައިގެން ކުރިއަށް ދެވެން އެބައޮތް. އަޅުގަނޑުމެންނަށް އޭގައި ހިމަނާފައިވާ، އޭގައި އެކުލެވިގެންވާ އެންމެހާ ވާހަކަތައް އަދި އެންމެހާ މަސައްކަތްތައް ކުރުމުގެ ފުރުސަތު މިހާރު މިއޮތީ ވަރަށް ބޮޑަށް ސާފުވެފައި، ފަހިވެފައި. އަޅުގަނޑުމެން ކުރިއަށް އޮތް އަހަރުގައި ކުރަމުން ގެންދާނީ މިދެންނެވި މަސައްކަތް. އެބަޖެޓުގައި އެވާ އަމާޒުތައް ހިފުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. އަނެއްކާވެސް ތަކުރާރުކޮށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ މިރާއްޖޭގެ ތަރައްޤީއޭ. އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތްހަމަޖެހުމޭ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________