بســماللّـهالرّحمـنالرّحيــم

 
ދިވެހި ދައުލަތުގެ ޢިއްޒަތްތެރި ވެރިން. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުގެ އެކުވެރި ފުވައްމުލަކު ރައްޔިތުން.
 
السّـلام عليـكم
 
މީގެ ދުވަސްތަކެއްގެ ކުރީގައި އަޅުގަނޑު ހަމަ މިރަށުގައި ދެއްކި ވާހަކައެއްގައި، އަޅުގަނޑު ފާހަގަކުރިން. އަޅުގަނޑުމެންގެ ރާއްޖެ މިއަދު މިއޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އެދުވަހު އަޅުގަނޑުމެން ޚިޔާރުކުރާ ގޮތަކުން އަޅުގަނޑުމެނަށް ޚަރާބާ ދިމާއަށްވެސް ދެވެން އެބައޮތޭ. ނޫންނަމަ، އަޅުގަނޑުމެނަށް މުޅިން އެހެން ދިވެހިރާއްޖެއެއް، މުޅިން އެހެން ގޮތެއް، މާ ރަނގަޅު ގޮތެއް އަޅުގަނޑުމެނަށް ހޯދެން އެބައޮތޭ. އަޅުގަނޑުމެނަށް އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެ ހޯދިދާނެ. ވަރަށް ސާފު ބަހުން، ފުވައްމުލަކު ރައްޔިތުން ޚަރާބު ބޭނުންނުވާކަން، އޭގެފަހުން އެ އައި ރިޔާސީ އިންތިޚާބުގައި ދައްކަވައިދެއްވި. އަދި އަޅުގަނޑަށް ހަމަ ޔަޤީން، ފުވައްމުލަކު ރައްޔިތުންނަކީ، ރާއްޖޭގެ އެންމެ ރައްޔިތުންނާ އެއްފަދައިން، ހަމައެކަނި ބޭނުންވަނީ ތިބޭފުޅުންގެ ތަރައްޤީކަން. ރާއްޖޭގެ ތަރައްޤީއާއި، ތިބޭފުޅުންގެ ޢާންމު ޙާލަތު ބަދަލުވުން. އެއް ޙާލަތުން އަނެއް ޙާލަތަށް ޤައުމެއް ބަދަލުވެދިޔުމަށް، އަޅުގަނޑުމެން އަބަދުވެސް އެބަ ފާހަގަކުރަން، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް އެބަ ކުރާންޖެހެއޭ. އެކަންތައްތަކަކީ ކޮބައިތޯ ދެނެގަތުމަށް އަޅުގަނޑުމެން ދޮރުން ދޮރަށް، ގެއިން ގެޔަށް ދިޔައީމު. ކިތަންމެ ބަޔަކާ ވާހަކަ ދެއްކީމު. އެތައް ބަޔަކާ މަޝްވަރާކޮށް، ކިތަންމެ ކިތަންމެ ޚިޔާލުފާޅުކުރުމަކަށްފަހު، އަޅުގަނޑުމެން ނުކުތީ ރައްޔިތުންނަށް ވަޢުދުތަކެއްވަމުން. އެވަޢުދުތަކަކީ، އެ ވަޢުދުތައް ފުއްދީމާ އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީވާނެ ވަޢުދުތަކެއްކަން އަޅުގަނޑުމެނަށް އެނގިތިބެ.
 
އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ދިވެހިރާއްޖޭގެ ރަށްތައް އެއީ، ލާމެހި ގުޅިފައިވާ ރަށްތަކަކަށް އަޅުގަނޑުމެން ހަދައިދޭނަމޭ. އަޅުގަނޑު މިހެން ދަންނަވާއިރުގައި މިހާރު ކުޑަކޮށް ހިނިއާދޭ. ބައެއް ބޭފުޅުންނަށް ފުވައްމުލަކުގައި ހުރީ ވަކިވަކި ރަށްތަކެއް ކަމަށްހީވެ، މިތަން ސިޓީއަކަށް ނުހެދި އަދި ފުވައްމުލަކު ސިޓީއަކަށް ހެދުމާ ގުޅޭގޮތުން އަޅުގަނޑުމެނަށް ކުރާންޖެހިފައި އޮތް މަސައްކަތް ކުޑަކޮށް ދަތިވެފައިވާކަމުން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، ތަރައްޤީ ހޯދުމަށްޓަކައި އެބަ އެއްތަނަކަށް، ބައެއް ތަންތަނަށް، ބައެއް ޚިދްމަތްތައް އެހެން ތަންތަނަށްވުރެ ގިނައިން ޖަމާކުރަންޖެހެއޭ. އެޖަމާ އެކުރަނީ، އޭގެ ސަބަބުން ޖަމާނުވި ތަނަށްވެސް ލިބޭ ފައިދާއާއި މަންފާ ބޮޑުކަމަށް، ވަރަށްބޮޑަށް ސާފުވީމައޭ. ފުވައްމުލަކަށް ބޭނުންވާ އެންމެހާ ސިޓީއަކަށް ބޭނުންވާ އެންމެހާ އަސާސީ ޚިދްމަތްތައް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފޯރުކޮށްދޭނެ. އަދި އިރާދަކުރެއްވިއްޔާ، މި ރަށް ސިޓީއެއްގެ ގޮތުގައި ހިންގުމަށް ކުރާންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނެ.
 
މި ރާއްޖޭގެ ރަށްތައް، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުމުގެ އެންމެބޮޑު އެއްބޭނުމަކީ، މުދަލާއި ފަސިންޖަރުން، އެއްތަނުން އަނެއް ތަނަށް ފަސޭހަ ގޮތުގައި ދެވޭނެގޮތް ހޯދުން. ވިޔަފާރި ކުރިއެރުވުން. އެކަމަށްޓަކައި ކުރާންއޮތް، ކުރާންހުރި ކިތަންމެ ކަމެއް އެބަހުރި. އެހެން ނަމަވެސް، އަޅުގަނޑު މިއަދު އުފާވާ ކަމަކީ، މި އަތޮޅުގެ، މިރަށުގެ 2135 މީހުން، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ފުވައްމުލަކުގެ ދަތުރުފަތުރު ކުރުމުގެ ނިޒާމު ބޭނުންކޮށްފައިވާތީ. އަދި އޭގެތެރެއިން ހަސަތޭކައެއްހާ ދަތުރަކީ ބަސްދަތުރު. މިރަށުގައި އެ ދެބަސް އޮވެގެން، އެކަން ފުރިހަމައަށް ހިނގަމުންދާކަމީ، އަޅުގަނޑުމެންނަށް ހިތްވަރުލިބޭ ކަމެއް. އަޅުގަނޑުމެން އުފާވާ ކަމެއް. ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއްގެ ތެރޭގައި ހިމެނެނީ، މައިގަނޑު ގޮތެއްގައި ހަތަރު ބާވަތެއްގެ ކަންތައް. އެއީ، ބަނދަރު، އެއަރޕޯޓް، މަގު އަދި ދުއްވާތަކެތި. މި ރަށް މިއޮތް ގޮތުންނާއި އަދި މި ރަށް، ރާއްޖޭގެ އެހެން އަތޮޅުތަކާ ވަކިވެފައި ހުރި މިންވަރުން މިރަށުގައި އެއަރޕޯޓެއް ހެދުމުގެ ވިސްނުމަކީ، އަޅުގަނޑަށްވެސް ފެންނަ ފެނުމުގައި ހަމަ ރަނގަޅު ވިސްނުމެއް. އަޅުގަނޑުމެން ސަރުކާރުން މިވިސްނުމުގެ ތެރެއަށް އަލުން އަނބުރާ ގޮސް، ފުވައްމުލަކުގެ އެއަރޕޯޓް އިރާދަކުރެއްވިއްޔާ، ސާކް ސަމިޓްގެ ކުރިއަށް އަޅުގަނޑުމެން އަޅައި ނިންމާނެ. ހަމަގައިމުވެސް، އަޅުގަނޑުގެ ޙަޔާތުގައި ދިމާވެފައި ހުރި ގިނަ ކަންކަމަކީ، ފަސޭހައިން އަޅުގަނޑަށް ކުރެވިފައި ހުރި ކަންކަމެއް ނޫން. އަޅުގަނޑަށް ޔަޤީން، ފުވައްމުލަކުގެ އެއަރޕޯޓް އެޅުމަކީ، އެބާވަތުގެ ކަމަކަށް ވެގެނެއް ނުދާނެކަން.
 
އަޅުގަނޑުމެން މިހާރު މިތިބީ ސަރުކާރު ހިންގުމުގައި. ދިވެހި ދައުލަތުގެ ބަޖެޓް އެއޮތީ ރައްޔިތުންގެ މަޖިލީހުން މިއަންނަ އަހަރަށް ފާސްވެފައި. ސާކް ސަމިޓްގެ އެންމެހާ ކަންކަމާއި އަދި އެނޫންވެސް މިރަށުގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެނަށް އެއޮތީ އެބަޖެޓްގައި ހިމެނިފައި. އެހެންވީމާ، ދެން އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ގަދައަޅައި މަސައްކަތް ކުރުން. އަޅުގަނޑުމެން އެންމެނަށް އެއްއަމާޒަށް ދެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ރޭވީމާ، އަޅުގަނޑު ދެކޭގޮތުގައި ތަރައްޤީ ޙާޞިލުވާން ފަސޭހަވާނެ. އަޅުގަނޑުމެންގެ ކުރީގެ ވިސްނުމެއް އޮތް. މިތަނަށް މިސާލަކަށް، އެއަރޕޯޓެއް އެޅުމުގެ ބަދަލުގައި ކުޅިއަށް ބޯޓް ޖައްސައިގެން ހަދައިގެން އަޅުގަނޑުމެންނަށް ޙައްލެއް ހޯދިދާނޭ. އަދި އެހެން ވިސްނުމެއް އޮތް. ހަމަ ރަނގަޅު ބޮޑެތި ބޯޓްފަހަރު ހޯދައިގެންވެސް ޙައްލެއް ހޯދިދާނޭ. އެހެން ނަމަވެސް، އަޅުގަނޑުމެނަށް ވަރަށް ބޮޑަށް ސާފުވެގެންދިޔައީ، އެއް އަމާޒަކަށް މަސައްކަތް ކުރަންޏާ އަޅުގަނޑުމެންވެސް ޖެހޭނީ، ތިބޭފުޅުންގެ އަމާޒުގައޭ ތިބެން. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށް، އަލުން އަނބުރާ އަޅުގަނޑުމެން ހިސާބުޖަހައި، މިރަށުގައި އެއަރޕޯޓެއް އެޅުން.
 
އަޅުގަނޑަށް ފެންނަ ފެނުމުގައި، ރާއްޖެއަށް މިއައި ވެރިކަމުގެ ނިޒާމުގެ ބަދަލާ ގުޅިގެން، އެ ނިޒާމުގެ ބޭނުން އެންމެ ރަނގަޅަށް ހިފި އެއްބަޔަކީ ތިބޭފުޅުން. އަޅުގަނޑު އުންމީދު ކުރަން، ތިބޭފުޅުން އަދިވެސް ވިސްނަވާނެ ކަމަށް. އަޅުގަނޑަށް، ސަރުކާރަށް މިމަސައްކަތް ހިންގުމުގައި ދަތި ދިމާވެދާނެ، އެކިއެކި ވާދަވެރި ފަރާތްތަކުން. އެހެން ނަމަވެސް، ކެތްތެރިކަމާއި ޙިކްމަތްތެރިކަމާއި، ވިސްނުމާ އެކީގައި، އެ ވާދަވެރި ފަރާތްތަކާ މުޢާމަލާތް ކޮށްގެން، އަޅުގަނޑުމެނަށް ކުރިއަށް ދެވޭނެ. ހަމަ އަޅުގަނޑު ތަކުރާރުކޮށް ދަންނަވާނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިމުލަކުގައި އެއަރޕޯޓް އަޅާނޭ.
 
އަޅުގަނޑަށްވެސް އެނގޭ، މިހާރު އައްޑުއާއި މުލަކާ ދޭތެރޭގައި އޮންނަ ދަތުރުފަތުރުގެ ބޯޓް. އެ މާބޮޑުތަނުން ކުޑަވެއްޖެކަމާއި އަދި އެއަށް ބަދަލުގެންނާން ވެއްޖެކަމާ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ދާދި އަވަހަށް 90 ޕެސެންޖަރުންގެ އާ ފެރީއެއް މިދެމެދަށް އަނެއްކާވެސް ޤާއިމް ކުރެވޭނެ. ހަމައެއާއެކީގައި، ފުވައްމުލައް ހަމައެކަނި އައްޑުއާ ގުޅުމުގެ ބަދަލުގައި، ވީހާވެސް ގިނަ ތަންތަނާ ގުޅުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. މުޅި ބޮޑު ދެކުނު އެކީގައި ގުޅުވާލުމަކީވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް ބޭނުންތެރި ކަމެއް. ރާއްޖޭގެ ތާރީޚު، ދިވެހިންގެ ވިސްނުން، އެމަގަށް ގޮސްފައިވާ ފަހަރު ފަހަރު ވަރަށްގިނަ. އެހެންވީމާ، އެއްވެސްއިރެއްގައި އަޅުގަނޑުމެން އިދިކީއްޔަށް ކަންކުރަން އުޅޭނެ ކަމެއްނެތް. ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް އަޅުގަނޑުމެން ކަންކުރަން އުޅުނީމާ، އަޅުގަނޑުމެނަށް ތަރައްޤީގެ މަޤްޞަދުތައް، ތަރައްޤީގެ ލަނޑުދަނޑިތައް އަވަހަށް ޙާޞިލްވާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން. އަޅުގަނޑު ދިގުކޮށް މިދެންނެވި ވާހަކައަކީ، އަޅުގަނޑުމެން މިއުޅެނީ ހުވަދުއަތޮޅާއި ފުވައްމުލަކާ ދެމެދުވެސް ފެރީގެ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތުގައޭ. އަދި އަޅުގަނޑު މިދެކެނީ، ފުވައްމުލަކުގައި އެއަރ ސްޓްރިޕެއް އެޅުނީމާ، ވަރަށް ފުރިހަމައަށް ފުވައްމުލަކާއި އަދި ރާއްޖޭގެ އެހެން ހުރިހާ ރަށަކާ، ދާދި ފަސޭހައިން ގުޅާލެވުނީއޭ. ދެން އެހެން ނަމަވެސް، އަނެއްކާ އިތުރަށް އަޅުގަނޑު ދަންނަވާނަން. އެއަރޕޯޓެއް އެޅުނީމާ މަތިންދާބޯޓަށް އެރޭނީ، މިރާއްޖޭގެ ވަރަށްމަދު ބަޔަކަށް.
 
އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީގެ ކޮންމެ ތިންމީހަކުންކުރެ އެކަކީ ނިކަމެތި ފަޤީރެއް. އެއްލައްކަ މީހުންނަކީ އ.ދ. އެބުނާ ބަނޑުހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުން. ދުވާލަކަށް ދިހަ ބާރަ ރުފިޔާ، އެމީހުންނަށް ނުޖެހޭ މީހުން. ޤައުމެއް ތަރައްޤީއެއް ނުވާނެ، އެޤައުމެއްގެ ރައްޔިތުން ތަރައްޤީނުވެ. އެޤައުމެއްގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ނުލިބި. އަޅުގަނޑުމެން ފުރަތަމަ ކުރާންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ ތެރެއިން ނިކަމެތިން ބަލައި ހޯދައި، އެ ވެރިންގެ އަޑުވެސް މަޑުވާނެ، މުއްސަނދިން ތަނަވަސް މީހުންނަށްވުރެ. އެހެން ނަމަވެސް، ނިކަމެތިން ބަލައި ހޯދައިގެން ގެނެސް، އެމީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް މަގުފަހިކުރުމަށް، މިދެންނެވި ހުރިހާ ބޭފުޅުންގެ ޙިއްޞާ ލިބޭނޭ މަގު ހޯދައިދިނުން. އެ ވިސްނުމުގެ ތެރެއިން އަޅުގަނޑުމެން ވަޢުދުވީ، ބޭސް ސިޓީއަށް ސަލާންޖެހުން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ނައްތާލަދޭނަމޭ. އެހެންވީމާ، މަދަނައިގެ ވިއުގަ އުފެދިގެންދިޔައީ. އަޅުގަނޑު މިއަދު އުފާވާ ސަބަބަކީ، މިރަށުގެ 1820 ރައްޔިތުން މަދަނައިގައި ރަޖިސްޓްރީވެފައިވާތީ. އަޅުގަނޑު އެންމެ އުފާވަނީ، އެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، ދިވެހި މާލިއްޔަތުގައި ރައްކާތެރި ކުރެވިފައި ހުރީތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، ނިކަމެތި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން.
 
އަޅުގަނޑު މާލޭ ރައްޔިތުން ކައިރީގައި، މާލޭ ބައެއް ވިޔަފާރިވެރިން ގާތުގައި އަހަން، މިހާރު ކުރީގައި ބޭސް ސިޓީ ހިފައިގެން، އެ ސިޓީއަށް ބޭސް ހޯދުމަށް، ފައިސާ ހޯދުމަށް މީހުން އާދޭސްކުރާވަރު، ކުރިއާ އެއްހަމަތޯ. އަޅުގަނޑަށް ލިބޭ ޖަވާބަކީ، ކުރިއަށްވުރެ މިހާރު އެކަން މާ މަދޭ. އަޅުގަނޑަށް ޔަޤީން، މި މުލަކުގައިވެސް މިހާރު ބޭސްފަރުވާއަށް، ސިޓީއަށް ބޭސް ނުލިބިގެން އާދޭސް ކުރަމުން ހިނގާ މީހުންގެ ޢަދަދު، ކިތަންމެ ތަނަކުން މަދުވެގެންދާނެ. ކުރިއަށް އޮތް ތާނގައި އަދި މިހުރި ނިޒާމް، މުޅި ރާއްޖެއަށް ފަތުރާލުމަކީ، އަޅުގަނޑުމެންގެ އަމާޒު. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް، އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދޭނަން.
 
އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަކުރެވެމުން އައި އަނެއް ނުކުތާއަކީ، މި ރާއްޖެ އަޅުގަނޑުމެނަށް ލިބިފައި އޮތީ، އަޅުގަނޑުމެންގެ ކުރީގައި އެތައް ބަޔަކު، ކިތަންމެ ކަމެއް ކުރީމާއޭ. ދޮށީ ޢުމުރުގެ މިއަދުގެ މީހުން، މި ރާއްޖޭގައި މަހަށް، ފަރަށް، ފަޅަށް ދިޔައީމައޭ، ރުކަށް އެރީމައޭ، ވަޑާން ކުރީމައޭ، ރިޒޯޓްފަހަރު ހެދީމައޭ، ގެދޮރު އެޅީމައޭ، ކިތަންމެ ކިތަންމެ ކަމެއް، އެމީހުން ކުރީމައޭ. އެހެންވީމާ، އަޅުގަނޑުމެނަށް ހަމަގައިމުވެސް، ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީއަށް އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭ ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށް. އަޅުގަނޑުމެން ވަޢުދުވިން، 65 އަހަރުން މަތީގެ ކޮންމެ އަންހެނަކަށްވެސް، ކޮންމެ ފިރިހެނަކަށްވެސް، އާމްދަނީ ނުލިބޭ ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް އަޅުގަނޑުމެން ފޯރުކޮށްދޭނެ ކަމަށް. އަޅުގަނޑު މިއަދު އުފާވަނީ، މި ދެހާސްރުފިޔާ ލިބެމުން އަންނަ 609 މީހުން، މި މުލަކުގައި އުޅެމުން އަންނަތާ ދެއަހަރު ވެފައިވާތީވެ. އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ، މި މުލަކަށް ކޮންމެ މަހަކު އެއްމިލިއަން ދެލައްކަ އަށާރަހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި އަޅުގަނޑުމެނަށް ދެވޭތީވެ.
 
ސަރުކާރުގެ މުވައްޒަފުން ވަރަށްގިނަ ރަށެއް ފުވައްމުލަކަކީ. އެހެން ނަމަވެސް، އަޅުގަނޑު މިހާރު އުފާވާ ސަބަބަކީ، ހަމަ އެއާ އެއްހަމައަށް، އަޅުގަނޑުމެނަށް ޢުމުރުން ދުވަސްވީ މީހުނަށް އެބަ ފައިސާ ދެވެއޭ. ހަމަ އެފައިސާއަކީ، އަޅުގަނޑުމެން މިދެކެނީ، މިރަށުގެ ތަރައްޤީއަށް ބޭނުންކުރެވޭނެ ފައިސާއޭ. އެފައިސާއިންނޭ އަޅުގަނޑުމެން މިދެކެނީ، ކަންމަތީ އިސްޓޯރުގެ ދަރަނި، ގިނަ ބަޔަކު ފިލުވާނީ. އެފައިސާއިންނޭ އަޅުގަނޑުމެން މިދެކެނީ، ކިތަންމެ ބައެއްގެ ހާސްކަން، ޙަޤީޤަތުގައި ނެތިގެންދާނީ. އަޅުގަނޑުމެން، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަމުން ދިޔައިރު، ކިތަންމެ ފަހަރަކު ދުށިން، ބައްދަލުވި އަޅުގަނޑުމެނާ ނިކަމެތިން، ދުވަސްވެފައި ތިބި މީހުން، ހޮޅުއަށިއަށީގައި، ގޮނޑުދޮށުގައި، ރުއްރުއްދޮށުގައި ލައްވެފައި ތިއްބާ. އަޅުގަނޑުމެން ދުށިން، އަތްފައިގައި ބާރުނެތި ތިބި މީހުން ފައިސާކޮޅެއް ހޯދުމަށްޓަކައި ވޮޗަރެއްގެ މަސައްކަތް ނަމަވެސް ކުރާން އުޅެ، އުނގަށް ޓޯޗް ވެއްޓިފައި ތިބި ދުވަސްވީ މީހުން. އަޅުގަނޑުމެން ދުށިން، މާލޭގައިވެސް ގޯތިތައް ފޮތިކުރަމުން އައިސް، ކުރީގައި ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާ ގޮނޑިއެއްގައި ހުރި ދުވަސްވީ މީހާ. ގޭގެ މަންމަ، ނުވަތަ މާމަ ނުވަތަ ކާފަ ނުވަތަ ބައްޕަ. އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން.
 
އަޅުގަނޑުމެންނަށް އެނގޭ، ޤައުމެއް ތަރައްޤީވަނީ ކިހިނެއްކަން. އަޅުގަނޑުމެނަށް އެނގޭ، ތަރައްޤީ ކުރާންޖެހެނީ އިންސާނާކަން، މީހާކަން. ފުވައްމުލަކެއް ތަރައްޤީއެއް ނުވާނެކަން، ފުވައްމުލަކު މީހާ ތަރައްޤީނުވާހާ ހިނދަކު. ބޮޑެތި ޢިމާރާތްތައް ހެދިދާނެ. އަދި އެބާވަތުގެ ކިތަންމެ ކިތަންމެ ކަމެއް ކުރެވިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އާދައިގެ އިންސާނާއަށް ހެޔޮގޮތް ނުވާކަމަށް ވަނީވިއްޔާ، އެޤައުމެއް ތަރައްޤީވާން ވަރަށް އުނދަގޫވާނެ. ޙަޤީޤަތުގައި މިއީކީއެއް މިހާރުގެ ދުނިޔޭގައި، ދެން އަޅުގަނޑުމެން ނޭނގިގެން އުޅެންވީވަރު ކަމެއް ނޫން. ކިތަންމެ ކިތަންމެ ޤައުމެއް ތަރައްޤީވެ ހިނގައްޖެ. އެކަން އެމީހުންކުރި ގޮތް ފޮތް ފޮތުގައި ސާފުބަހުން ލިޔެވިފައި އެބަހުރި. އަޅުގަނޑުމެން ތިބޭފުޅުންނާ އެކުގައި ނުކުމެ މިތިބީ، އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮންނާތީވެ. އަދި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިކަން ކުރާނަން.
 
އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބޭ، މިރަށުގެ 356 ބޭފުޅަކަށް އިތުރު އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވޭތީވެ. އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފުވައްމުލަކު ރައްޔިތުން. އަޅުގަނޑުމެންގެ ހަމަ އަމާޒަކީ، މިދެންނެވީ. ތިބޭފުޅުންނަށް ރައްކާތެރިކަން ހޯދައިދީ، އިޤްތިޞާދުގައި ބައިވެރިވުމުގެ ފުރްޞަތުތައް ފަހިކޮށްދިނުން. އަޅުގަނޑުމެނަށް އަބަދުވެސް އެނގޭ، ރާއްޖޭގެ ކިތަންމެ ޚިދްމަތްތަކެއް ހުރީ އަޅުގަނޑުމެން އެދޭ މިންވަރަށް ނޫންކަން. އަދި އަޅުގަނޑު ހަމަ ހިތުގެ އަޑިން ގަބޫލުކުރަން، މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން އެކަކުވެސް އުންމީދުކުރި މިންވަރަށް، އެ ޚިދްމަތްތައް ފުރިހަމަކޮށްދެވިފައެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކަށްވީ، މިހާރުވެސް ލިބެންހުރި ޚިދްމަތްތަކަށް، އެއީ ކަމުނުދިޔަސްވެސް ރާއްޖޭގެ ގިނަ ބައިވަރު ރައްޔިތުންނަށް، އެ ޚިދްމަތްތަކަށް އަތްފޯރާނެ ގޮތެއް އަޅުގަނޑުމެން އެބަ ހަދަންޖެހޭ. އެހެންވީމާ، މަދަނައިގެ ނިޒާމާއި، ޢުމުރުން ދުވަސްވީ މީހުންނަށް ޕެންޝަނާއި އަދި ޔަތީމު ކުދިންނާއި، އެކަނިވެރި މައިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެއްޗެއްދީގެން، އަޅުގަނޑުމެން ބެލީ، މި ރާއްޖެއަށް މިބަދަލު ގެނައުމަށް ބިންގަލެއް އެޅުމަށްޓަކައި. އަޅުގަނޑު ގާތު ކިތަންމެ ބައެއް އަބަދުވެސް އަހާ. ކީއްވެގެންތޯއޭ ފުވައްމުލަކަށް، އެ 182 މިލިއަން ރުފިޔާ ނުވަތަ ކޮންމެ މަހަކު ތި ޚަރަދު ކުރަމުން ގެންދާ ދެމިލިއަން ރުފިޔާއިން މިތަނުގެ ފެންހޮޅި ނޭޅީ. މިތަނުގައި އެއަރޕޯޓް ނޭޅީ. މިތަނުގައި އެވެނި މިވެނި ކަމެއް ނުކުރީ. އަޅުގަނޑުމެން އެކަން ނުކުރީ، ހަމަ މިދަންނަވާހެން ތަރުތީބަކުން ކަމެއް ކުރާންވެގެން.
 
 އަޅުގަނޑުމެންނަށް އަބަދުވެސް ވިސްނިފައި އޮތީ، ކަމެއް ކުރާންވީމާ، އަބަދު ކުރާން މިޖެހެނީ ސީދާ އެ ބޭނުންވާ ކަމެއް ނޫނޭ. އެހެން ކަންތައްތައް ކުރަމުން ކުރަމުން އައިސް، އަޅުގަނޑުމެން ބޭނުންވާ ކަންތައްވީމާ، ދެން އަޅުގަނޑުމެން ބޭނުންވި ކަންތައް އެހުރީ، ދެމެހެއްޓެނިވި ގޮތުގައި ވެފައި. މިއަދު އަޅުގަނޑަށް ފެންނަ ފެނުމުގައި، މި އޮތީ ފުވައްމުލަކުގެ އެއަރޕޯޓް އެޅުމުގެ ވަގުތު ޖެހިފައި. އެކަން ކުރުމަށް އަޅުގަނޑުމެނަށް ޖެހުނު، މި ރާއްޖެއަށް ސާކް ސަމިޓް ގެންނާން. އަދި އެ ސަމިޓް އީކްއޭޓަރުން ދެކުނުގައި، އައްޑުއަތޮޅުގައިވެސް ބާއްވަން. އެހެންވީމާ، މިރަށަށް ކޮންމެހެންވެސް އެބަ ފަސޭހަކަމާއެކީގައި އާދެވޭނެ ގޮތްތަކެއް ހަމަޖައްސާންޖެހޭ. އަދި ހަމައެހެންމެ، އޭގެއިތުރުން މިރަށުގެ ތަރައްޤީގެ އެހެން މަސައްކަތްތަކަށްމެ، މިރަށަށް ފަސޭހަކަމާއެކީގައި އައިސް ގޮސްވެވޭނޭ ގޮތްތައް އެބަ ހޯދާންޖެހޭ. އަޅުގަނޑުމެން ކުރީގައި އެކަންނުވެ އަދި ނުވަތަ އެކަމަށް ސީދާ އަޅުގަނޑުމެންގެ އަމާޒު ނުހިފީ، އަޅުގަނޑުމެނަށް ފެނުނު ގޮތުގައި، އޭރުގައި ކުރާންހުރި ވަރަށް މުހިންމު ކަންތައްތަކެއް އޮތީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އެހާ ޞަރީޙަ، ބަލާޣާތްތެރި ޢިބާރާތުން، އަލްހާން އެވިދާޅުވިހެން، ވެރިއެއްގެ ކިބައިގައި ހުރި ހުނަރު ނުވަތަ އަޅުގަނޑުމެން ސަރުކާރުގެ ކިބައިގައި އޮތް ޤާބިލްކަން އެއީކީއެއް ޖާދޫގަރެއްގެ ޤާބިލްކަމެއް ނޫން. އަޅުގަނޑުމެނަށް ސަރުކާރު ހިންގުމާ ޙަވާލުވީއިރު ލިބިފައި އޮތީ އަލްހާން އެވިދާޅުވި އެއްވެސް އެއްޗެއް ނޫން. އެހެން ނަމަވެސް، ހުސް ޚަޒާނާއެއް. އަދި ބޮޑު ދަރަނި ފޮތެއް. އަދި ހަމައެއާއެކީގައި، ނުދައްކާ ހުރި ކިތަންމެ ބިލެއް. އަޅުގަނޑުމެން ނިންމީ، ފައިސާ ޗާޕްނުޖަހައި، އެބިލްތައް ދައްކަން. ފައިސާ ޗާޕްކޮށްގެން، އަޅުގަނޑުމެން އެބިލްތައް ދެއްކިނަމަ، މިއަދު ދިވެހި ފައިސާގެ އަގު އެއްގޮތަކަށްވެސް ނުހުރީސް.
 
ރާއްޖޭގެ ވެރިކަން ޙަޤީޤަތުގައި ބަދަލުވި ވަރަށްބޮޑު އެއްސަބަބަކީ، ރާއްޖޭގެ ވިޔަފާރިވެރިންނާއި އަދި ރާއްޖޭގެ އިޤްތިޞާދީ ކިތަންމެ ބަޔަކަށް މި ރާއްޖެ ވެއްޓެމުންދާ އަނދަވަޅު، އޭރުގައި ވިސްނިފައި އޮތީތީވެ. ބޮޑު އިޤްތިޞާދީ އަނދަވަޅަކަށް އަޅުގަނޑުމެން ވެއްޓެމުން، އަޅުގަނޑުމެން އޭރުގައި ބުނަމުން ދިޔައިން، އަޅުގަނޑުމެން މިދަނީ ކަނު ބަނދެވިގެން ތިބެ އަނދަވަޅަކަށް ވެއްޓޭށޭ. އަޅުގަނޑުމެނެއް ލޯ ހުޅުވައި ބަލައެއްނުލައޭ. އަޅުގަނޑުމެން ލޯ ހުޅުވައި ބަލައިލި ދުވަހު އަޅުގަނޑުމެނަށް ފެނުނު، އަޅުގަނޑުމެން ވެއްޓެމުންދާ އަނދަވަޅު. އެހެންވީމާ، އަޅުގަނޑުމެންގެ ވާޖިބަކަށް އޮތީ، ފުރަތަމަ ޑެފިސިޓް ކުޑަކުރުން. 2009 ވަނަ އަހަރުވެސް އަދި 2010 ވަނަ އަހަރުވެސް އަޅުގަނޑުމެން ކުރިކަމަކީ، ޚަރަދު ކުޑަކުރީ، ކޮށް އަތަށް ފައިސާހޯދީ. މިފަހަރުގެ ބަޖެޓްގައި އަޅުގަނޑުމެން އެހެރީ، އެފައިސާ ހިމަނާފައި. އިރާދަކުރެއްވިއްޔާ، ދެން އަޅުގަނޑުމެނަށް އޮތީ، ހަމަ އެ މިޞްރާބަށް ގޮސް މަސައްކަތް ކުރުން. އަޅުގަނޑުމެން ބޭނުން ތަރައްޤީ އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ ހޯދޭނެ.
 
އަޅުގަނޑު އުފާވޭ، މިތަނަކީ، ފުވައްމުލަކަކީ ސަރުކާރުގެ ޓެލެމެޑިސިން ޕްރޮގްރާމްގައި ތަރައްޤީ ކުރެވޭނެ އެއްރަށް. ދާދި އަވަހަށް އަޅުގަނޑުމެނަށް ފުވައްމުލަކުގެ ހޮސްޕިޓާ ގުޅާލެވޭނެ، ރާއްޖޭގެ ހުރިހާ ބޮޑެތި ހޮސްޕިޓަލަކާއި އަދި ރާއްޖެއިން ބޭރު ބައެއް ހޮސްޕިޓަލާވެސް. ތިބޭފުޅުންނަކަށް ބައްޔެއް ދެނެއް ނުވެވޭނެ، އޭގެ އަޞްލު އިރާދަކުރެއްވިއްޔާ، ދުނިޔޭގައި އެނގެން އޮތިއްޔާ ނުހޯދޭނެ ގޮތަކަށް. އެހެން ނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިއަންނަނީ، ބަލިވާކަށް އަމުދަކުން ނުޖެހެއޭ. ކުރިއަށް ބަލައިގެން، ވިސްނައިގެން އުޅުނީމާ، ބަލިން އެބަ ދުރުވެވެއޭ. ހެލްމެޓް ނާޅައި ދުއްވައި ގޮސް ސިކުނޑިއަށް ގެއްލުންވީމާ، ދެން ހަމަ ބޭނުންވާނީ، ސިކުނޑީގެ ޑޮކްޓަރޭ. އަދި ދެން ހަމަ ބޭނުންވާނީ ވަރަށް ބޮޑެތި ބޮޑެތި އޮޕަރޭޝަން، ބައިވަރު މެޝިން، ކިތަންމެ ކިތަންމެ ބޭހެއް. ހެލްމެޓެއްގެ އަގު ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދެން އަޅުގަނޑު މިދެންނެވިހާ ތަކެތީގެ އަގުވެސް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި މީހާ ދޫކޮށްލައްވާ. އޭނާ އަމިއްލައަށް އޭނާ އެކަންކުރީ. އެހެންވެސް އަޅުގަނޑުމެންނަށް ބުނެވިދާނެ. އެހެން ނަމަވެސް، އެބާވަތުގެ ޒިންމާދާރު ކުޑަ ކަންކަމުން، ދައުލަތަށާއި މުޅި ރައްޔިތަށްވާ ގެއްލުމާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނާލަންޖެހޭނެ. އަޅުގަނޑު ދަންނަވާނީ، ނުބަލާ ކެއުމަކީ ހަމަ މުޅި ރައްޔިތުންނަށް ގެއްލުންދޭ ބާވަތުގެ ކަމެކޭ. އަދި ހަމަ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުވެސް، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުން ގެންގުޅޭ ނުރަނގަޅު ޢަމަލުތަކަކީ، މުޅި ރައްޔިތުންނަށް އޭގެ ގެއްލުންދޭ ޢަމަލުތަކޭ. އަޅުގަނޑުމެން ޖެހޭނީ، ބަލިން ރައްކާތެރިވާށޭ.
 
ސަރުކާރުން މިފަހަރު އެކުލަވައިލި ބަޖެޓްގައި، ޕްރޮގްރާމް ބަޖެޓެއް ޤާއިމްކުރީ މިދެންނެވި ބޭނުމުގައި. މިފަހަރު ފުވައްމުލަކަށް ކަނޑައެޅިފައި އޮތް ބަޖެޓްގައި، މީގެކުރީގައި ނެތް ކިތަންމެ ފައިސާއެއް ހިމެނިފައިވާނެ. އޭގައި ވަކިން ޚާއްޞަކޮށް، ރަނގަޅު ޞިއްޙީ އާދަތަކަށް އަޅުގަނޑުމެން ހޭލުންތެރިވުމަށާއި، އަދި އަޅުގަނޑުމެންގެ ޞިއްޙަތު ރައްކާތެރިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ޕްރޮގްރާމްތައްވާނެ. އަޅުގަނޑުމެނަށް އެ ޕްރޮގްރާމްތައް ރަނގަޅަށް ހިންގުނީމާ، އަޅުގަނޑު ދަންނަވާނީ، ބޮޑު ހޮސްޕިޓަލެއް އެޅުމަށްވުރެ، އަޅުގަނޑުމެނަށް ލިބޭ ފައިދާއާއި ތަރައްޤީ، ކިތަންމެ ތަނަކުން އިތުރުވެގެންދާނޭ. މިރަށުގެ އައު ހޮސްޕިޓާ އިރާދަކުރެއްވިއްޔާ، މިމަހުގެ ތެރޭގައި ހުޅުވޭނެ. އަދި އެ ހޮސްޕިޓަލަށް ބޭނުންވާ ސާމާނާއި ތަކެތި، އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ މިހާރު މިދަނީ ހަމަޖެހެމުން. އަޅުގަނޑު ދެކެނީ، މިހާރު އަލަށް އެކުލަވައިލެވިފައިވާ ހެލްތް ކޯޕަރޭޝަންގެ ހިންގުމުގެ ތެރެއިން، އެ ހޮސްޕިޓަލްގެ އެންމެހާ ކަންކަން ފުރިހަމަވެގެންދާނެ ކަމަށް.
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމާ ކުރީގައިވެސް، އަޅުގަނޑުމެނަށް ފެނިފައި އޮތް އެއްތަނަކީ، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް އަސާސީ ޚިދްމަތްތައް، އެއީ ފެނާއި ނަރުދަމައާއި އަދި ކަރަންޓްގެ ޚިދްމަތް. މިކަންކަން ރައްޔިތުންނަށް ފުރިހަމަވެފައިނުވާކަން. އަދި ހަމައެހެންމެ، އެ ސަރުކާރުން އެކަންކަން ފުރިހަމަ ނުކުރެވިފައި އޮތީ، އެކަމަށްދާ ޚަރަދުގެ ބޮޑުކަމުން ކަމަށްވެސް އަޅުގަނޑުމެންވެސް ހިސާބުޖެހީމާ އެތަން ފެނޭ. އެހެން ނަމަވެސް، އެޚަރަދު ބެއްދެން އޮތް ކިތަންމެ ގޮތެއް އެބައޮތް. ފުވައްމުލަކާއި އައްޑުއަތޮޅުގައި މިހާރު މި ޤާއިމްކުރެވޭ ފެނާއި ނަރުދަމާގެ ނިޒާމްގެ މުޅި ޖުމްލަ އަގަކީ، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ފައްސަތޭކަ ފަންސާސް މިލިއަން ރުފިޔާ. އެ ފައްސަތޭކަ ފަންސާސް މިލިއަން ރުފިޔާ، ސަރުކާރުގެ ބަޖެޓުންދޭން އަޅުގަނޑުމެން މަޑުކޮށްގެން ތިބިނަމަ، އެކަމެއް އަޅުގަނޑުމެނަކަށެއް ނުވީސް، ކުރިއަށް މިއޮތް ހަތްއަހަރު، އަށްއަހަރު ތެރޭގައިވެސް. އެހެން ނަމަވެސް، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ޙިއްޞާވެގެން، އަޅުގަނޑުމެން މިބުނާ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ތެރެއިން، މިބާވަތުގެ މަސައްކަތްތައް ހިންގާން އުޅުނީމާ، ވަރަށް ފަސޭހައިން އަޅުގަނޑުމެނަށް ކާމިޔާބު އެބަ ޙާޞިލްކުރެވޭ. ސަދަން ޔުޓިލިޓީޒްއިން މިހާރު އެވަނީ އިނގިރޭސިވިލާތުގެ ކުންފުންޏަކާއެކީގައި ގުޅުމެއް ޤާއިމްކޮށްފައި. ސަރުކާރުން މި ޕްރޮގްރާމަށް މިލަނީ، އަޅުގަނޑަށް ހަނދާންވާ ގޮތުގައި ސަތޭކަ ފަސްދޮޅަސް ކޮންމެވެސް ވަރަކަށް މިލިއަން ރުފިޔާ. އޭގެ އަނެއްބައި، މި މަސައްކަތަށް އެގެންނަނީ، ސަދަން ޔުޓިލިޓީ ކުންފުންޏާ ގުޅިފައިވާ އަނެއް އިނގިރޭސި ކުންފުނި، ބައި ވޯޓަރއިން. އެހެންވީމާ، އަޅުގަނޑުމެންނަށް ސިޔާސަތަށް ގެނައި ބަދަލެއްގެ ތެރެއިން، އަޅުގަނޑުމެންގެ އަމިއްލަ ޙާލަތު ތަންދޭ މިންވަރުން އަޅުގަނޑުމެނަށް އެބައޮތް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާގެ ޚިދްމަތް ދެވެން. މި ޔުޓިލިޓީ ކުންފުނިތައް ހިންގުން ހުއްޓާލުމަށް، ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރާން ފެށި އެއް ސަބަބު ކަމަށް އަޅުގަނޑަށް މިހާރު ލަފާކުރެވެނީ، މިދެންނެވިހެން ވަރަށް ފަސޭހައިން އެކަން އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ބޭނުންވާ ވަރަށްބޮޑު ކަމެއް، ހަމަ އަޅުގަނޑުމެނަށް، އަޅުގަނޑުމެންގެ އަމިއްލައަށް ލިބޭ އެއްޗަކާއި އަދި އަޅުގަނޑުމެންގެ ސިކުނޑީގެ ބޭނުންކޮށްގެން، ޙިކްމަތްތެރިކަމާއި ވިސްނުންތެރިކަމާއެކީގައި ކުރެވެން އޮތްކަން މިހާރު އަޅުގަނޑުމެނަށް މިއޮތީ ވަރަށް ބޮޑަށް ސާފުވެފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ. އަދި މުޅި މަސައްކަތް ނިންމާލަން، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ދޮޅުއަހަރެއްހާ ދުވަސް ނަގާނެ.
 
މިރަށުގެ މަގު ހެދުމަކީވެސް، މިފަހަރުގެ ބަޖެޓްގައިވެސް އަދި ސަރުކާރުގެ ޕްރޮގްރާމްތަކުގައިވެސް ހިމެނިފައި އޮތް ކަމެއް. އަޅުގަނޑަކަށް އަދި ސީދާ ގޮތުގައި ހަދަންވީ ކޮން މަގެއްތޯއެއް ކަނޑައެޅިގެނެއް އޮޅުމެއްނުފިލާ. މިހާރު އަޅުގަނޑުމެން، ސަރުކާރުން ނިންމާ މިތިބީ، އެއީ ކައުންސިލަށްފަހު، ކައުންސިލުން ނިންމާ ނިންމުމެއްގެ ގޮތުގައި ކަނޑައެޅުމޭ ބުއްދިވެރިވާނީ. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، ފުވައްމުލަކުގެ އެތެރޭ މަގުތަކަކީ ވަރަށް ހަނި މަގުތަކެއް. އަދި     އެ މަގުތައް ހަމަހުރީ ވަރަށް ބޮޑަށް، ވަރަށް ޒަމާނުއްސުރެ ފަށައިގެން، ޤަދީމީ ގޮތަށް އޮންނަ އާބާދީތަކުގައި މަގުތައް ހުންނަ އުޞޫލުން. އެހެންވީމާ، އަޅުގަނޑުމެން ފުވައްމުލަކު މަގު އަޅާއިރުގައި، ނިއުޔޯރކްގައި ހުރި މަގު ބަލައިފިއްޔާ، މިތާ މަގު ނޭޅޭނެ ކަމަށް ހީވެދާނެ. އެހެން ނަމަވެސް، އަޅުގަނޑު ދެކެން، ބައެއް އެހެން ޤައުމުތަކުގައި ހަމަ މިބާވަތުގެ މަގު. ދެން އަޅުގަނޑަށް ޔަޤީން، ބައިވަރު ބޭފުޅުން އިޓަލީއަށްވެސް ވަޑައިގެންފައިވާނެކަން. އަދި ޔޫރަޕްގެ ގިނަ ޤައުމުތަކަކީ ޤަދީމީ ރަށްރަށް. އެމީހުންގެ ރަށްރަށުގައި އެމީހުން މަގުއަޅާފައި އެބަހުރި. ހަމަ މިގޮތަށް، ހަނިކޮށް، ދަތިކޮށް ވަނިކޮށްވެސް. އެހެން ނަމަވެސް، ހަނި މަގުގައި ހިނގަން ދަތިވާނެކަން ހަމަކަށަވަރުން ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ.
 
އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް އެއީ، ފުވައްމުލަކު ހުރިހާ ރައްޔިތުންނަށްވެސް އަމާންކަމާއެކީގައި، ފިރިހެން ބޭފުޅުންނަށްވެސް، އަންހެން ބޭފުޅުންނަށްވެސް، އަމާންކަމާއެކީގައި އުޅެވޭނެ ގޮތެއްވުން. އަޅުގަނޑުމެން އެހެންވެގެން، ސަރުކާރުގެ ވަޢުދެއްގެ ގޮތުގައި މަސްތުވާތަކެތީގެ ދެވިން ޒުވާން ޖީލު ސަލާމަތްކުރުން އެއީ، އަޅުގަނޑުމެންގެ ވަޢުދެކޭ، އަޅުގަނޑުމެން ބުނީ. އަޅުގަނޑު އެންމެ އުފާވަނީ މިއަދު އަޅުގަނޑު ފޭބިއިރު މިރަށަށް، އެ މިދެންނެވި ދެވިން އަރައިގަތުމަށް މަސައްކަތްކުރާ ވަރުހުރި ޒުވާންކޮޅެއް، އެއްކުލައިން ޓީޝާޓްލައިގެން އަޅުގަނޑާ ބައްދަލުކޮށްލި. އަޅުގަނޑު އެކުދިންނަށާއި އަދި ރާއްޖޭގެ މި ވަބާއިން ސަލާމަތްވުމަށް މަސައްކަތްކުރާ ހުރިހާ ކުދިންނަށް، ހުރިހާ ބޭފުޅުންނަށް، އަޅުގަނޑަށްވުރެ އެބޭފުޅުން އެހާ ދޮށްޓެއް ނޫން. އެހެންވީމާ، ކުދިންގެ ބައި މިދޫކޮށްލީ. ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެން އެބޭފުޅުންނާ އަޅާލުން ހުއްޓައެއްނުލާނަމޭ. އަޅުގަނޑުމެންނަށް ވަރަށް ސާފޭ، މިރާއްޖޭގެ ތަރައްޤީ ގުޅިފައި އޮތީ ކޮންކަމަކާކަން، ކޮން އެއްޗަކާކަން. އެއީ ދިވެހި ރައްޔިތުންނަކާކަން.         އެ ރައްޔިތުން އެއްވެސް ސަބަބަކާލައިގެން ބިކަވެ، ޙާލުގައިޖެހި ނެތިދާން ފަށައިފީވިއްޔާ، ދެން ގެއްލުން ލިބޭނީ، ހަމައެކަނި އެ ގެއްލުންވި ރައްޔިތު މީހާއަކަށް ނޫނޭ. މުޅި ރައްޔިތަށޭ. އެހެންވީމާ، އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަން ޖެހޭނޭ، މިދެންނެވި ޒުވާނުންނަށް އެހީތެރިވެދިނުމަށް.
 
ސަރުކާރުން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި، ފުލުހުން ވަރަށްގިނަ އޮޕަރޭޝަން ފުވައްމުލަކުގައިވެސް ހިންގާފާނެ. އެހެން ނަމަވެސް، ކޮންމެ ފަހަރަކުވެސް ހަމަ އަނެއްކާވެސް ދުވަސްކޮޅެއްނުވެ، މައްސަލަ މިއޮންނަނީ އިހުހުރި ތަނުގައި ޖެހިފައި. އިހުހުރި ތަނުގައި މައްސަލަ އަބަދުވެސްޖެހެނީ، މައްސަލައިގެ އަޞްލު ޙައްލުކުރަން ނޫޅޭތީވެ. މަތިމަތިން ކަންކަން ކުރަން އަޅުގަނޑުމެން ނިންމާތީވެ. އަޅުގަނޑުމެނަށް ވިސްނިފައި މިއޮންނަނީ، ސީދާ ޖަހާ، މާރާމާރީ ހިންގާ ކުއްޖާ ނުވަތަ ޑްރަގް ބޭނުންކުރާ ކުއްޖާ ގެންގޮސް ހިފައި ހައްޔަރުކޮށް، އެވެނި މިވެނި ގޮތެއް ހެދީމާ، ދެން އަޅުގަނޑުމެނަށް އެ ޙައްލު ފެނުނީއޭ. ނޫން އެހެނެއް ނުވާނެ، އެއީ، ހައްތަހާ ކަންތައް ފަލަކުރެވުނީ. ޙައްލަކީ އޭގެ އަޞްލު ހޯދައި، އޭގެ އަޞްލު ރަނގަޅު ކުރުން. ޙައްލަކީ ދުޅަހެޔޮ، ހީވާގި، ވަރުގަދަ ޒުވާން ޖީލެއް، އަޅުގަނޑުމެން މި ރާއްޖޭގައި ބިނާކުރުން. އެކަމަށްޓަކައި ކުރަންޖެހޭ ކަންތައް، އަޅުގަނޑުމެން އެންމެނަށްވެސް ވަރަށް ސާފު. އެއީ، އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅަށް ކިޔަވައިދިނުން. އެހެންވީމާ، ސަރުކާރުން ވަށާޖެހޭ ތަޢްލީމާއި، އެއްދަންފަޅީގެ މަދްރަސާ ތަޢާރުފްކުރަން ނިންމީ. މި މަސައްކަތް މިރަށުގައި ވަރަށް ރަނގަޅަށް އެބަ ހިނގަމުންދާ ކަމަށް އަދި ރަނގަޅު ތަޢްލީމެއް ދަރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް، މިރަށުގެ މަދްރަސާތަކުގައި، ކުރިއަށްވުރެ ރަނގަޅަށް ހިނގަމުންދާ ކަމުގެ އެންމެބޮޑު އެއް ޢަލާމާތަކީ، މިދިޔަ އަހަރު 5 މާއްދާއިން ފާސްވި ކުދިންގެ ޢަދަދު، އޭގެ ކުރީ އަހަރާ އަޅުވާ ބަލާއިރުގައި، 11 ޕަސެންޓް މައްޗަށް ގޮސްފައި އެބަވޭ. އަދި އޭ ލެވެލް އިމްތިޙާނުގެ ނަތީޖާ، މާބޮޑުތަނުން، 51 ޕަސެންޓުން މައްޗަށް ގޮސްފައި އެބަވޭ. އެއީ މިސަރުކާރަށް ވަރަށްބޮޑު އުފަލެއް ލިބޭ ކަމެއް. ޙަޤީޤަތުގައި، އޭ ލެވެލްއިން ގިނަ ކުދިން ރަނގަޅު ނަތީޖާ ހޯދައިގެން ނުކުތުމަކީ، އެއަށްވުރެ ބޮޑު ރަނގަޅެއް، ވަކި އާބާދީއަކަށް، ޤައުމަކަށް ނުލިބޭނެ.
 
އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބޭ ކަމަކީ، މިރަށުގެ ދަރިވަރުންގެ ތެރެއިން ފޮތް، ފަންސުރު، ގަލަން އަދި މަދްރަސާއަށް ބޭނުންވާ ތަކެތި ދަތިވާ ކުދިންނަށް، އެއްމިލިއަން ތިންލައްކަ ފަސްދޮޅަސް ދެހާސް އަށްސަތޭކަ ފަނަރަ ރުފިޔާ ޚަރަދުވެފައިވާތީވެ. އެއީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަދި މިރަށުގެ ދަރިވަރުން އިމްތިޙާންތަކުގައި ބައިވެރިވާ ފީ ދެއްކުމަށްޓަކައި ހަލައްކަ ފަސްދޮޅަސް އަށްހާސް ރުފިޔާ ޚަރަދުވެފައި އޮތްކަމީ، އަޅުގަނޑުމެނަށް އުފާވެރިކަން ލިބޭ ކަމެއް. އޭގެ ނަތީޖާ އަދި އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ލުޠުފީގެ ނުހަނު މިންނެތް މަސައްކަތާއެކީގައި، އަޅުގަނޑުމެނަށް މިވަނީ ވަރަށް ރަނގަޅު ބަދަލުތަކެއް އަޅުގަނޑުމެންގެ ތަޢްލީމީ ނިޒާމަށް ގެންނާން ފެށިފައި. ތިބޭފުޅުން އެއްގޮތަކަށްވެސް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. އަޅުގަނޑުމެންގެ ތެރެއިން އިރާދަކުރެއްވިއްޔާ، ޑޮކްޓަރ ލުޠުފީގެ ޚިދްމަތް މި ސަރުކާރަށް އަދިވެސް ލިބޭނެ. ތިބޭފުޅުންނަށް އެ ޚިދްމަތް އަދިވެސް ލިބެމުންދާނެ.
 
ފުވައްމުލަކުގައި މަތީ ތަޢްލީމުގެ ފުރްޞަތުތައް ފަހިކުރުން އެއީ، އަޅުގަނޑުމެން ތަޢާރުފް ކުރަން ބޭނުން ކަމެއް. އެނގިވަޑައިގަންނަވާނެ، ޔުނިވަރސިޓީގެ ބިލް މިހާރު އެވަނީ ފާސްވެފައި. ދާދި އަވަހަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެ ބިލް ތަޞްދީޤު ކުރާނަން. އެ ބިލް އަޅުގަނޑުމެންނަށް ހިންގާން ހަމަ ފެށުމާއެކީގައި، ކޮލެޖްގެ ކޮންމެވެސް އެއް ފެކަލްޓީއެއް މިތަނަށް ބަދަލުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފަށައިގަންނާނަން.
 
އަޅުގަނޑުމެން އަބަދުވެސް ދެކެންޖެހޭނެ. އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަން ޖެހޭނެ، ސަރުކާރަކަށް އަބަދަކު ރާއްޖޭގެ އަދި އެއްވެސް ޤައުމެއްގެ ހުރިހާ ރައްޔިތަކަށް ވަޒީފާދީ، މުސާރަ ދެމަކުންނެއް ނުގެންދެވޭނެ. އިތުބާރު ހުރި، ރަނގަޅު، އަމިއްލަ ވަޒީފާތައް އުފެއްދުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. މިފަހަރުގެ ބަޖެޓްގެ އެންމެބޮޑު އެއްއަމާޒަކީ، ގިނަ ވަޒީފާ އުފެއްދުން. އެގޮތުން، ވަޒީފާގެ ފުރްޞަތުތައް ފަހިކުރުމަށްޓަކައި މިރަށުގައި ވިޔަފާރި ތަރައްޤީ ކުރުމަށް މިފަހަރުގެ ބަޖެޓުން ލުއިލޯނާއި އަދި ލޯން ގެރެންޓީ، މިރަށުގެ ވިޔަފާރިވެރިންނަށް އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނަން. އަޅުގަނޑުމެންގެ ބޭނުމަކީ، ވީހާވެސް ގިނަ ބަޔަކަށް، ރާއްޖޭގެ މުއްސަނދިކަން ފުރޮޅާލުން. އަޅުގަނޑުމެންގެ އަމާޒަކީ، ވީހާވެސް ގިނަ ބައެއް ތަނަވަސްވެދިޔުން.
 
މިރަށަކީ ޤުދްރަތީ ވަސީލަތްތައް އިންތިހާއަށް ގިނަ ރަށެއް. މިރަށުން ނެރެވޭނެ މުއްސަނދިކަމަކީ ހަމަކަށަވަރުންވެސް މިރަށާއި މިރާއްޖޭގެ ތަރައްޤީއަށް ނުހަނު ބޮޑެތި އެހީތެރިކަން ފޯރުކޮށްދޭނެ މުއްސަނދިކަމެއް. އެ މުއްސަނދިކަން ބޭނުންކުރެވޭނީ، ވިޔަފާރީގެ އުޞޫލުން. އަދި ހަމައެއާއެކީގައި، ކަންކަން ފެށުމަށް ބޭނުންވާ ފައިސާ ނުވަތަ އިންވެސްޓްމަންޓް، ފަސޭހަ ގޮތުގައި ލިބޭނޭގޮތްތައް ހަމަޖެހުނީމާ. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އަދި ނުވަތަ ޑިވެލޮޕްމަންޓް އިސްލާމިކް ބޭންކެއް ރާއްޖޭގައި ޤާއިމް ކުރެވޭނެ. އެ ބޭންކުންވެސް ލުއި ލޯނާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެނަށް މިރަށާ ގުޅޭގޮތުން، އަޅުގަނޑުމެން ދެކެމުން މިއައި މަންޒަރު ޙަޤީޤަތަކަށް ހެދޭނެ. އަޅުގަނޑުގެ އެންމެބޮޑު ބޭނުމަކީ، ތިބޭފުޅުންނަށްވެސް އެމަންޒަރު ފެނުން. އަޅުގަނޑުމެން އެންމެންނަށް، އެއް އަމާޒަކަށް ދެވޭނެގޮތް ހޯދުން. އެންމެންނަށް އެއްއަމާޒަކަށް ދެވޭނީ، ހަމަ އަޅުގަނޑުމެން އަބަދުވެސް ބުނަމުން އައި ކަންތައް ކޮށްގެން. މި ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްވެގެން.
 
ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުންތަކާ އެއްގޮތްވާ ގޮތަށް ވެރިކަން ހިންގޭނީ، ރައްޔިތުންގެ މަންދޫބުން އެކަން ކުރާން އަޅުގަނޑުމެންނަށް ނެރެވުނީމާ. އެނގިވަޑައިގަންނަވާނެ، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ، ޤާނޫނުއަސާސީ އުފެދިގެން އައިއިރުގައި، ފުރަތަމަ ކަނޑައެޅުނު އެ އަސާސްގެ އަސާސީ ސިފަތަކާއި އުޞޫލުތަކުގައި ހިމެނުނު ވާހަކައެއްވެސް ނޫން. މާފަހުން އަޅުގަނޑުމެން ނުހުއްޓި އެ އަޑު އުފުލަމުން ގެންދިޔައީމާ، ޤާނޫނުއަސާސީގައި ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ބާބެއް އެކުލެވިގެންދިޔައީ. އަޅުގަނޑު އެންމެ އުފާވާ އެއްސަބަބަކީ، އެއްކަމަކީ މިއަދު އެ މާއްދާ ޤާނޫނުއަސާސީގައި، ޤާނޫނުއަސާސީއަށް ހުށަހަޅާފައި އެވަނީ، އޭރުގެ އަޅުގަނޑުމެންގެ އައްޑުއަތޮޅުގެ ދާއިރާ ރައީސް އަދި އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި އަދި އޭރުގެ ކޮޅުމަޑުލުގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން. އެދެބޭފުޅުން ހުށަހެޅުއްވި ބަސްތައް، ޤާނޫނުއަސާސީގައި އެވަނީ. އަޅުގަނޑުމެން މިއަދު ޢަމަލުކުރާންވެގެން މިއުޅެނީ، އެބަސްތަކުގެ މައްޗަށް.
 
ލާމަރްކަޒީ އުޞޫލާއި ރައްޔިތުންގެ ގާތުން ވެރިކަން ކުރުމާއި، ކައުންސިލާއި ސިޓީ ކައުންސިލަކީ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ކަމެއް. އެއީ، އެމް.ޑީ.ޕީ ފިކުރެއް. ވަރަށް ދަތިވާނެ، ތިމާގެ އަމިއްލަ ހިތުގެ އަޑީން، ތިމާ ގަބޫލުނުކުރާ ކަމެއް، ތިމާ ކިތަންމެވަރަކަށް އަދި އުޅުނެއްކަމަކު ކުރަން. އަޅުގަނޑުމެނަށް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ކަންކަން ފަރިތަވެފައި މިވަނީ، އަޅުގަނޑުމެނަށް ހިތުގެ އަޑީން އެ އުޞޫލު ގަބޫލުކުރެވޭތީ. ޕެނަޑޯލް ގުޅައަކަށްވިޔަސް އަދި ސާކް ސަމިޓަކަށްވިޔަސް، އެ ލިބެންޖެހެނީ މާލެއިން ކަމަށް އެބުނާ އުޞޫލު އަޅުގަނޑުމެންނަކަށް ބަލައެއްނުގަނެވޭ. ރާއްޖޭގެ މުއްސަނދިކަން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަތުރާލެވެންޖެހޭނެ. އަދި އެފެތުރޭނެ ގޮތްތައްވެސް އަޅުގަނޑުމެންނަށް ހޯދެންޖެހޭނެ. އަޅުގަނޑުގެ ހަމަ ވަރަށްބޮޑު އުންމީދެއް، ލޯކަލް އިންތިޚާބަކީ. ނުވަތަ ރަށު ކައުންސިލްގެ އިންތިޚާބަކީ. އެ ކައުންސިލްތައް، އަތޮޅު ކައުންސިލްތައް މެދުވެރިކޮށްގެން، ތަރައްޤީގެ މަޝްރޫޢުތައް ހިންގުން އެއީ، ސަރުކާރުގެ ވަރަށްބޮޑު ބޭނުމެއް. އެކައުންސިލްތައް ފެބްރުއަރީ 5 ގައި އިރާދަކުރެއްވިއްޔާ އުފެދޭނެ. އަދި ކުރިއަށް އޮތް ތަނުގައި އަޅުގަނޑު ދެކޭނީ، އެ ކައުންސިލްތަކުގެ ފައިދާއާއި މަންފާ، ތިބޭފުޅުންނަށް ލިބިގެންދާނެ ކަމަށް.
 
އެނގިވަޑައިގަންނަވާނެ، ފަތުރުވެރިކަމުގެ ގެސްޓްހައުސް ހެދުމުގެ ހުއްދަ މިހާރު މިވަނީ ޢާންމުކޮށް ދޫކުރާ ގޮތަށް ހަމަޖެހިފައި. ފުވައްމުލަކުގެ ރައްޔިތުންގެ ތެރެއިން އެއްވެސް ބަޔަކު، ގެސްޓްހައުސްއެއް ހަދާން އެދެނީނަމަ، އެކަން ދާދި އަވަހަށް އެބޭފުޅުންނަށް ކުރެވޭނޭ ގަވާއިދުތައް މިހާރު މިވަނީ އެކުލަވައިލެވިފައި. އަދި އެ ގަވާއިދުތަކަށް ޢަމަލުކުރާން ފެށިފައި. އެއަރޕޯޓްގެ މަޝްރޫޢާ އެކީގައި، އަޅުގަނޑު އުންމީދު ކުރަން، އެ އެއަރޕޯޓް އެއީ، ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ އެއަރޕޯޓަކަށްވާނެ މިންވަރަށް، މިތަނަށްވެސް މީހުން ދަތުރުކުރާނޭ ވިޔަފާރިތައް، އަމިއްލަ ފަރާތްތަކުން އުފައްދަވާނެ ކަމަށް. އަޅުގަނޑަށް އެކަން ވަރަށް ބޮޑަށް ކަށަވަރު. އެ އެއަރޕޯޓް އުފެދުނީމާ، ދެން އެއާ ގުޅިގެން، އެހެން ތަރައްޤީ އަންނާނެ. މި ތަރައްޤީ ފުވައްމުލަކު ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.
 
އަޅުގަނޑުމެންގެ މިދިޔަ އަހަރުގެ ތެރޭގައި، މިދެންނެވި ޚަރަދު ކުޑަކުރުމުގެ ކަންތައް، އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮށްދިނީ ސިވިލް ސަރވަންޓުން. އެބޭފުޅުންގެ ސަރުކާރު މުވައްޒަފުން ނިންމެވީ، މުވައްޒަފުންގެ ގިނަ މުވައްޒަފުން އެއްބަސްވެވަޑައިގަތީ، އެބޭފުޅުންގެ މުސާރައިން 15 ޕަސެންޓް އުނިކުރަން. އެ ގިނަ ބޭފުޅުން އެއްބަސްވެވަޑައިނުގެންނަމަ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގޭން މިއޮތް ޒަމާނުގައި، އަޅުގަނޑުމެނާ އިންކާރުނުކޮށެއް ނުތިބީސް. މިއަދު އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދު، ވަރަށްބޮޑު އަނދިރިގަނޑަކުން ހަމަ އަނެއްކާވެސް ސިވިލް ސަރވަންޓުން، ސަރުކާރު މުވައްޒަފުން ސަލާމަތްކޮށްދެއްވައިފިއޭ. އަދި އަޅުގަނޑު އުފާވޭ، ޖަނަވަރީ މަހުއްސުރެ ފެށިގެން، އެބޭފުޅުންގެ މުސާރަ، އިހުހުރި ގޮތަށް އަޅުގަނޑުމެނަށް ބަދަލުކޮށްލެވޭތީވެ.
 
އަޅުގަނޑު ނިންމާލަމުން ދަންނަވާނީ، ޤައުމެއް ތަރައްޤީ ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ މުހިންމު އެއްވަސީލަތަކީ ހެޔޮވެރިކަމޭ. ޑިމޮކްރަސީގެ ރަނގަޅު ނިޒާމެކޭ. އިންޞާފު، ހުރިހާ ރައްޔިތުންނަށްވެސް ލިބުމޭ. ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމޭ. އެކަންކަން ކުރުމަށްޓަކައި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތަކެއް އެބަހުރި. އެއީ، އެއްވެ އުޅުމުގެ ޙައްޤާއި، ޚިޔާލުފާޅުކުރުމުގެ ޙައްޤާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން. ވާދަވެރި ސިޔާސީ ޕާޓީތައް އޮންނަންޖެހޭނެ، މަސައްކަތް ކުރާން ޖެހޭނެ. އެމަސައްކަތުގެ ތެރެއިން އަދި ހަމަ ވެރިކަންކުރާ ޕާޓީވެސް، އޭގައި ބައިވެރިވެގެން އަޅުގަނޑުމެން މި އެދޭ ނިޒާމްތައް އަޅުގަނޑުމެންނަށް  މި ޤާއިމް ކުރެވެނީ. އަޅުގަނޑު ހިތުގެ އަޑީން ޤަބޫލުކުރަން، އެއްވެސް ނިޒާމެއްގެ ބޭނުމެއް ނެތް،     އެ މެދުވެރިކޮށްގެން ނަރަދުމައެއް ނޭޅެންޏަކާއެއް. އެ މެދުވެރިކޮށްގެން، ބަނދަރެއް ނުހެދެންޏަކާއެއް. ނިޒާމެއްގެ ބޭނުމަކީ، އެ ނިޒާމް ހިންގުނީމާ ރައްޔިތުންނަށް އޭގެ ފައިދާވުން. އަޅުގަނޑު ދެކޭގޮތުގައި، ރައްޔިތުން މިހާރު ނިންމާފައި އެވަނީ، އަޅުގަނޑު ފަށައިގަންނަމުން ދެންނެވި ޚަރާބުގެ މަގުން ނުދިޔުމަށް. އެހެން ދިވެހިރާއްޖެއެއް ހޯދުމަށް. އަޅުގަނޑަށް ޔަޤީން، ތިބޭފުޅުންނާއެކުގައި އަޅުގަނޑުމެން މި އުންމީދުކުރާ އަނެއްގޮތް، އެހެން ދިވެހިރާއްޖެއެއް، މާ ތަނަވަސް ދުވަހެއް، މާ އުފާވެރި ދުވަހެއް އަޅުގަނޑުމެންނަށް ލިބޭނެ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް މިއަދަށްވުރެ އަދި މާ ބާއްޖަވެރި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________