بســماللّـهالرّحمـنالرّحيــم

 
އެމް.ޑީ.ޕީ.ގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އެމް.ޑީ.ޕީ.ގެ ޕާލަމަންޓަރީ ގްރޫޕްގެ ރައީސް އަލްއަޚް މޫސާ މަނިކު، އެމް.ޑީ.ޕީ.ގެ ކުރެންދޫ ދާއިރާގެ ރައީސް ޢަބްދުލްބާރީ އަދި ދައުލަތުގެ ވަޒީރުން، އެމް.ޑީ.ޕީ ދާއިރާގެ ރައީސުން އަދި ވަޑައިގެން ތިއްބެވި ކުރެންދޫ އެމް.ޑީ.ޕީގެ އެންމެހާ މެންބަރުންނާއި، މިހޯލަށް ވަޑައިގެން ތިއްބެވި އެންމެހާ ރައްޔިތުން.
 
السّـلام عليـكم
 
މީގެ މާގިނަ ދުވަސްތަކެއް ނޫން ދުވަސްތަކެއްގެ ކުރީގައި އަޅުގަނޑުމެން ހަމަ މިރަށުގައި ފާހަގަކުރި ބައެއް ނުކުތާ، މިއަދު އަލުން އަނބުރާ އަޅުގަނޑަށް ފެންނަ ފެނުމުގައި ތަކުރާރުކޮށްލުމަކީ މުނާސަބުކަމެއް ނޫން. އަޅުގަނޑުމެން ދެންނެވީމު، އަޅުގަނޑުމެން މިތިބީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އަޅުގަނޑުމެނަށް 2008 ވަނަ އަހަރު ޚަރާބުގެ މަގަށްވެސް ދެވުމަށް އެބައޮތޭ، ނޫންނަމަ އަޅުގަނޑުމެނަށް އެހެން ގޮތެއް މުޅިން އެހެން ދިވެހިރާއްޖެއެއް އަނެއް ދިވެހިރާއްޖެއެއް ހޯދެންވެސް އެބައޮތޭ. މިރާއްޖޭގެ ރައްޔިތުން ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން ނިންމެވީ އެހެން ގޮތެއް ހޯދުމަށް. ޚަރާބަށް އަޅުގަނޑުމެން މިޞްރާބު ނުޖެހުމަށް. އަޅުގަނޑުމެން މިއަދު މިތިބީ މިދެންނެވި އަނެއް ގޮތުގެ އަނެއް ދިވެހިރާއްޖެ ހޯދުމުގެ ނިޔަތުގައި، ހޯދުމުގެ މަސައްކަތުގައި. އަޅުގަނޑުމެންގެ މިދިޔަ ދެއަހަރުވެސް އަދި ކުރިޔަށް އޮތް ތިން އަހަރުވެސް މަސައްކަތްތަތަކަށްވާނީ އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުން.
 
އެމް.ޑީ.ޕީ.އަށްވެސް އަދި މިއަދުގެ އެމް.ޑީ.ޕީ ސަރުކާރަށްވެސް ވަރަށްގިނަ ސާފު ނުކުތާތަކެއް އެބަހުރި. އަޅުގަނޑުމެނަށް އެބަ އެނގޭ، މިރާއްޖޭގެ ޞިއްޙީ ވަސީލަތްތައް، އަޅުގަނޑުމެން މިއެދޭ ފެންވަރަކަށް، މިއެދޭ ދަރަޖައަކަށް އެކަންތައް ތަރައްޤީވެފައި ނެތްކަން. މިދިޔަ ދިގު ތިރީސް އަހަރުވެސް އަދި ފަހުން މިއައި އަޅުގަނޑުމެންގެ ދެއަހަރުވެސް އަޅުގަނޑުމެން މިއެދުނު އަދި އަޅުގަނޑުމެން އެންމެން މިއެދޭ މިންވަރަކަށް އަޅުގަނޑުމެންނަކަށް ޚިދުމަތްތަކެއް ނުލިބޭކަން. މިދެންނެވި ޚިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުންދާއިރުގައި، އަޅުގަނޑުމެންނަށް ސާފުވާ އެހެން ބޮޑު ޙަޤީޤަތެއް އެބަވޭ. މިރާއްޖޭގެ ރައްޔިތުންކުރެ ކޮންމެ ތިން މީހަކުންކުރެ އެކަކީ، ބަނޑުހައިހޫނުކަމުގައިވާ ފަޤީރެކޭ. ރާއްޖޭގެ އާބާދީގެ އެއްލައްކަ މީހުންނަކީ، އ.ދ. މިބުނާ ހައިހޫނުކަމުގެ ރޮނގުން ދަށުގައިތިބޭ މީހުނޭ. އެމީހުންނަކީ އެމީހުންނަށް ރެއާ ދުވާލަށް ދިހަ ބާރަ ރުފިޔާވެސް ނުޖެހޭ މީހުންނޭ. ޤައުމެއް ތަރައްޤީވެގެން ނުދާނެ، އެޤައުމެއްގެ ރައްޔިތުން ހައިހޫނުކަމުގައި ތިއްބައެއް. ތަރައްޤީކުރާން މިޖެހެނީ ރައްޔިތުމީހާ. ތަރައްޤީވާން މިޖެހެނީ ސީދާ އަޅުގަނޑު، ކުރެންދޫމީހާ، ފާދިއްޕޮޅުމިހާ، ދިވެހިމީހާ. ކުރެންދޫގައި އަދި ފާދިއްޕޮޅުގެ ހުރިހާތަނެއްގައި ކިތަންމެ ބޮޑު ބިނާއެއް އެޅިޔަސް، ކިތަންމެ ފުޅާ ޢިމާރާތްތަކެއް ކުރިޔަސްވެސް ސީދާ މީހާ ފަޤީރުކަމުން އަރައިނުގަނެވޭހާ ހިނދަކު ނުވަތަ އެހެން ބަސްތަކަކުން ދަންނަވަނީނަމަ މިރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހައިހޫނުކަމުގައި ތިއްބާ އަޅުގަނޑުމެނަކަށް ތަރައްޤީއެއް ނުހޯދޭނެ. އަޅުގަނޑުމެން އެހެންވީމާ، ވަޢުދުވީ ބޭސް ސިޓީއަށް ސަލާންޖެހުން އަޅުގަނޑުމެން ނައްތާލަދޭނަމޭ. ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެން ހޯދައިދޭނަމޭ. މަދަނައިގެ ވިއުގަ އުފެދިގެންއައީ މިދެންނެވި ހިސާބުން. އަޅުގަނޑު މިއަދު އުފާވާ ސަބަބަކީ އަދި އަޅުގަނޑުގެ ޕާޓީއަށް ހިތްހަމަޖެހުން ލިބޭ ސަބަބަކީ، މި ސަރުކާރުން ހިތްވަރުލިބޭ ސަބަބަކީ، މިރަށުގެ 358 ކުރެންދޫ ރައްޔިތުން މަދަނައިގައިޖެހި ޚިދުމަތް ލިބެމުންދާކަން. މިޕާޓީއަށާއި އަދި މިޕާޓީ ނިސްބަތްވާ ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ މިދެންނެވި 358 ރައްޔިތުންނަށް ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ ދިވެހި މާލިއްޔަތުގައި 2011 ވަނަ އަހަރުވެސް ރައްކާކުރެވިފައިވާކަން. އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެނަށް ވަރަށް ބޮޑަށް ސާފު ރާއްޖޭގައި ހުރި ޚިދުމަތްތައް އެކަށިގެންނުވާކަން. އެހެންނަމަވެސް، މިދެންނެވި އެކަށީގެންނުވާ ޚިދުމަތްތަކަށް އަތްނުފޯރާ އެއްލައްކަ މީހުން ނުވަތަ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައިމީހުން ތިއްބާ އަޅުގަނޑުމެންނަށް ފެނުނީ އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެންގެ ޤައުމު، ތަރައްޤީ ކުރުމަކީ މުސްތަޤިއްލު ކަމެކޭ. އެހެންވީމާ، މަދަނަ އުފެދިގެން އައީ. އެހެންވީމާ އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ މިހާރު މިރަށުގެ 358 މީހުންނަކީ ބޭސް ސިޓީއަށް ސަލާންޖަހަން ނުޖެހޭ ރައްޔިތުންކަމުން.
 
 އަޅުގަނޑު މާލޭގެ ވިޔަފާރިވެރިން ގާތު އަހަން މީގެ ތިން ހަތަރު އަހަރެއް ކުރީގައި ބޭސް ސިޓީ ހިފައިގެން އެސިޓީއަށް ލިޔެފައިހުރި ބޭހަށް ބޭސް ހޯދުމަށްޓަކައި ފައިސާގެ އެހީއަކަށް އެދި މީގެ ކުރީގައި އަންނަވަރަށް މީހުން އާދޭތޯ. މާލޭ ވިޔަފާރިވެރިން ބުނަނީ ރައީސޭ ނޫނެކޭ، މިހާރު ނާދެއޭ. އަޅުގަނޑަށް ޔަޤީން، މިފާދިއްޕޮޅުގައިވެސް ކުރެންދޫގެ ވިޔަފާރިވެރިންވެސް ހަމަ މިމޭރުމުން ފާހަގަ ކުރާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެން ބޭނުންވަނީ، ކޮންމެ ކުރެންދޫ ރައްޔިތަކީވެސް ޤަދަރަކާއި ޢިއްޒަތް ލިބިގެންވާ މީހެކޭ ބުނެވޭނެ ފުރުސަތު އެރައްޔިތު މީހާއަށް ދިނުން. ރައްޔިތުމީހާ ބޭސް ސިޓީ ހިފައިގެން އެއްމަހުޖަނެއްގެ ގާތުން އަނެއް މަހުޖަނު ގާތަށް ހިނގާއިރު އަޅުގަނޑުމެންނަކަށް ނުފެނޭ ޤަދަރާއި ކަރާމާތް އެރައްޔިތުމީހާގެ ހިފެހެއްޓޭނެ ގޮތެއް. މަދަނައިގެ ޚިދުމަތް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފުޅާކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ރާއްޖޭގެ ރައްޔިތުންނަށް ޤަދަރު ހޯދައިދިނުން، ޢިއްޒަތް ހޯދައިދިނުން. އަޅުގަނޑަކީ، އަޅުގަނޑުގެ އަމިއްލަ ފައިމައްޗަށް ތެދުވެ އަޅުގަނޑުގެ އަމިއްލަ ހަލާލު މަސައްކަތުން ފައިސާ ހޯދައިގެން އަޅުގަނޑުގެ އަނބިދަރިން ބަލަމުން އަންނަ ކުރެންދޫ މީހެކޭ ބުނާ ކުރެންދޫ ރައްޔިތެއް އުފެއްދުން އަޅުގަނޑުމެންގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ އަމާޒަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުފައްދަމުން މިގެންދަނީވެސް އެކުރެންދޫ ރައްޔިތު.
 
އަޅުގަނޑުމެން ފާހަގަކުރީމު، މިރާއްޖޭގެ އެއްރަށުން އަނެއް ރަށަށް، އެއްދޮރުން އަނެއް ދޮރަށް، އެއްގެއިން އަނެއް ގެއިން، އެކަކު ކައިރިން އަނެކަކު ކައިރިއަށް އަޅުގަނޑުމެން ހިނގިން. އަޅުގަނޑުމެން ރާއްޖޭ ރައްޔިތުންގެ އަޑު އެހީމު. އެ އަޑު އަޅުގަނޑުމެނަށް ވަރަށް ސާފު. އަޅުގަނޑުމެނަށް ފެނުނީ ރާއްޖޭގެ ހޮޅުއަށިތަކުގަޔާއި، ދޮރުދޮށްތަކުގަޔާއި، ރުއްރުކުގައި ލައްވެ ބިކަވެފައި ތިބި އުމުރުން ދުވަސްވީ އެތައްއެތައް ބައެއް. މާލޭގައިވެސް ގޯތިގެދޮރު ފޮތިކޮށް، އެންމެ ފަހުން އައިސް ކުރީގައި ބަދިގެހުރި ތަނުގައި ހުރި ކޮޅުފިލާ ގޮނޑިއެއްގައި ހުއްޓިހުރީ މަންމަ ނުވަތަ ކާފަ. އަތްފައިން މިއަދު ބާރު ދެރަވީމާ އެމީހުންނާ އަޅާލާނެ ހަމައެކަކުވެސް ނެތި ބިކަހާލުގައި. އަޅުގަނޑުމެންގެ ޕާޓީއަށް އަބަދުވެސް ވަރަށް ސާފު، މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ އަޅުގަނޑުމެންގެ ކާބަފައިން ކުރި މަސައްކަތުންނޭ. ދޮށީ ޢުމުރުގެ މީހުން އަޅުގަނޑުމެނަށް މިރާއްޖެ މިގޮތަށް ރައްދުކޮށްދިނީމައޭ، އެމީހުން މަހަށް، ފަރަށް ފުރީމައޭ، ރުކަށް އެރީމައޭ، ވަޑާން ކުރީމައޭ، އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރީމައޭ. އެމް.ޑީ.ޕީ ހަމަގައިމުވެސް ގަބޫލުކުރާ ފަލްސަފާއެއްނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކުން. އެހެންވީމާ، މިޕާޓީ ވަޢުދުވީ. އެހެންވީމާ، މިއަދުގެ ސަރުކާރުން އުމުރުން 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ދެހާސްރުފިޔާގެ ޕެންޝަނެއް ދެމުން މިގެންދަނީ، މިސަރުކާރަށާއި އަޅުގަނޑު ނިސްބަތްވާ ޕާޓީއަށާއި، އަޅުގަނޑުމެން އެންމެނަށް މިއަދު ހިތްހަމަޖެހުން ލިބެނީ މިކުރެންދޫގެ 89 ރައްޔިތަކަށް އެ ޕެންޝަން ލިބެމުންދާތާ މިހާރު މިވީ ދެއަހަރު ދުވަސް. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ މިކުރެންދޫއަށް ކޮންމެ މަހަކު އެއްލައްކަ ހަތްދިހައަށްހާސް ރުފިޔާ ޕެންޝަންގެ ގޮތުގައި ދެވޭކަމުން. އަޅުގަނޑުމެނަށް ޔަޤީން، އެފައިސާއިން ކިތަންމެ ބައެއްގެ ޤަދަރާއި ޢިއްޒަތް ރައްކާތެރިކޮށްދެވޭކަން. އަޅުގަނޑުމެނަށް ޔަޤީން، އެ އެހީތެރިކަމުން ކިތަންމެ ބަޔަކާ އަޅުގަނޑުމެނަށް އަޅާލެވެމުން އެބަދެވޭކަން. އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ މިދަންނަވާ ކަންކަން އަޅުގަނޑުމެނަށް ފުރިހަމައަށް ކުރެވެމުންދާތީވެ. އަޅުގަނޑުމެނަށް ހިތަހަމަޖެހުން ލިބި އަޅުގަނޑުމެން އަނެއްކާވެސް އެމް.ޑީ.ޕީ.ގެ ވޯޓަކަށް މިއެދެނީ، އަޅުގަނޑުމެން ވަޢުދުވެފައިވާ ކަންތައްތައް އަޅުގަނޑުމެން ފުއްދަމުންދާކަމުގެ ފުރިހަމަ ޔަޤީންކަން ތިބޭފުޅުންނަށް މިއަދު އޮންނާތީ.
 
އަޅުގަނޑު ގާތު، ކުރެންދޫގެ ކިތަންމެބަޔަކު އަހާ، ރައީސޭ ދެއަހަރުވެއްޖެއޭ، މިތާ ބަނދަރެއް ނުހެދެއޭ. ރައީސޭ ދެ އަހަރު ވެއްޖެއޭ، މިތާ ނަރުދަމައެއް ނުހެދެއޭ. ކީއްވެތޯއޭ، ކުރެންދޫއަށް ކޮންމެ މަހަކު އެއްލައްކަ ހަތްދިހައަށްހާސް ރުފިޔާ ޚަރަދު ކުރަމުންދިޔައީ ބޭހަށް. ކީއްވެތޯއޭ 35 މިލިއަން ރުފިޔާ، ކުރެންދޫ ރައްޔިތުންގެ ބޭހަށް އަޅުގަނޑުމެން ފޮރުވާފައި މިއޮތީ. އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯ ވަރަށް ސާފުކޮށް ފާހަގަކޮށްފައިވާނެއޭ، އަޅުގަނޑުމެން ކަންކަން ކުރާނެ ދުވަސްތަކާއި އަދި އަޅުގަނޑުމެންގެ މުޅި ތަރައްޤީގެ އޮނިގަނޑު. އަޅުގަނޑުމެން ވަރަށް ސާފުކޮށް ދަންނަވާފައިވާނެ، އަޅުގަނޑުމެންގެ ފުރަތަމަ ދެއަހަރުގައި އަޅުގަނޑުމެން ހިންގާ މަސައްކަތްތައް. އެންމެ މުހިންމު މަސައްކަތަކީ، ރައްޔިތުން ފަޤީރުކަމުން ނެގޭތޯ މަސައްކަތްކުރުން. ހައިހޫނުކަމުގައި ތިބި ބިކަ ހާލުގައި ތިބި ރައްޔިތުންނަށް ގޮތެއް ހޯދައިދެވޭތޯ އަޅުގަނޑުމެން ބެލިން. އަޅުގަނޑުމެން އިރާދަކުރެއްވިޔާ މިއަދު ކުރަމުން މިގެންދަނީ މިމަސައްކަތް. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ މިރަށުގެ އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން 18 މީހަކަށް، ދައުލަތުން ކޮންމެ މަހަކު އެހީތެރިވަމުން ގެންދެވޭކަން. އަޅުގަނޑުމެނަށް މިހިތްހަމަޖެހުން ލިބެނީ، މިރަށަކީ އަޅުގަނޑުމެން މިދެންނެވި އަދި ކަމުނުދާ ފުރިހަމަކުރަން ބޭނުންވާ ޚިދުމަތްތައް ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުން ޕްރޮގްރާމް ކޮށްފައިވާ ރަށެއް. މިރަށަކީ، ޓެލެމެޑިސިންގެ ޚިދުމަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ލިބިގެންދާނެ ރަށެއް.
 
އަޅުގަނޑުމެނަށް އަބަދުވެސް އެނގޭ، ޤައުމެއް ތަރައްޤީވެ މިދަނީ ސީދާ އިންސާނާ، ރައްޔިތުމީހާ ތަރައްޤީވީމާކަން. އޭނާއަށް ތަންދޮރު ފިލީމާކަން، އޭނާއަށް ތަޢުލީމު ލިބުނީމާކަން، އޭނާއަށް މިދުނިޔެ ހިނގާ މަގު އޮޅުންފިލާންފެށިމާކަން. އެހެންވީމާ، އަޅުގަނޑުމެންގެ ވަށާޖެހޭ ތަޢުލީމާއި އަދި މަދަރުސާތަކުގެ ސިޔާސަތު ރަނގަޅު ކުރަމުން މިގެންދަނީ. ކުރެންދޫ ރައްޔިތުން އަބަދުވެސް އަޅުގަނޑުމެން ގާތުގައި ބުނަމުން އައި އެއް ވާހަކައަކީ، ކުރެންދޫގެ މަދަރުސާގެ ވާހަކަ. މިސަރުކާރުން ކުރެންދޫގެ މަދަރުސާގެ އިދާރީ ހިންގުމުގެ މަސްއޫލިއްޔަތު އޮންނާން ޖެހޭ ފަރާތާގުޅޭގޮތުން އަބަދުވެސް އަޅުގަނޑުމެނާ ވާހަކަ ދައްކަމުން އައި. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހި ލިބެނީ، ކުރެންދޫ ދަރިޔަކާ މިއަދު މިމަދަރުސާ ހަވާލިކުރެވިފައިވާތީ. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، ކުރެންދޫ ދަރިވަރުންނަށް ފޮތް ފަންސުރު ގަލަން ގަތުމަށް 2010 ވަނަ އަހަރު ދެލައްކަ ސާޅީސް ހަތްހާސް ފައްސަތޭކާ ސާޅީސް ހަތަރުރުފިޔާ ޚަރަދުކުރެވިފައި އޮތް ކަމީ        މި ސަރުކާރަށް އުފާވެރިކަންލިބޭކަމެއް. މި ސަރުކާރަށް ހިތްވަރު ލިބެނީ، ކުރެންދޫގެ ދަރިވަރުންނަށް އިމްތިޙާނުތަކުގައި ބައިވެރިވުމަށްޓަކައި އެއްލައްކަ ފަސްދޮޅަސް އެއްހާސް ދުއިސައްތަ އަށްޑިހަރުފިޔާ ޚަރަދުކުރެވިފައި އޮތްކަމަކީ އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބޭކަމެއް، މި ސަރުކާރަށް އުފާވެރިކަން ލިބޭކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ ދަރިވަރުންގެ ޚަރަދު. އަޅުގަނޑުމެނަށް މިކަމުގެ ނަތީޖާވެސް ވަރަށް ފޮނި. ކުރެންދޫއަކީ، އޯލެވެލްގައި ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އެކާވީސް ޕަސަންޓް މައްޗަށްގޮސްފައިވާ ރަށެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، އިމްތިޙާނުތަކުގައި ބައިވެރިވާ ކުދިންގެ ތެރެއިން ފަސްދޮޅަސް ޕަސަންޓް ކުދިންނަކީ ފަސް މާއްދާއިން ފާސްވާ ކުދިންކަމުގައިވުން. އަޅުގަނޑުމެންނަށް ޔަޤީން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި އަޅުގަނޑުމެން މިދެންނެވި ވަޢުދު ރައްޔިތުންނަށް ފުއްދައިދެވޭނެ.
 
ކުރެންދޫގެ ބަނދަރު އަޅުގަނޑުމެން، މިއަހަރު ސަރުކާރުން ހަދާނަން. އެކަމަކާ އެއްވެސް ޝައްކެއްނެތް. އަޅުގަނޑެއް ކުރެންދޫ ބަނދަރު ހަދާނެ ދުވަހާއި، ގަޑިއާއި، މިނެޓާއި، ސިކުންތު، ކުރެންދޫ ރައްޔިތުންނަކަށް ދޭކަށް ނުޖެހޭނެ. އަޅުގަނޑަށް ޔަޤީން، ކުރެންދޫ ރައްޔިތުން    މި ސަރުކާރާއެކީގައި، ކުރެންދޫ ބަނދަރު ހެދުމަށް މަސައްކަތް ކުރާނެ. މިދިޔަ ދެއަހަރުވެސް ސަރުކާރުން މަސައްކަތް ކުރަމުން އައީ ފުރިހަމަ ގޮތުގައި ރަނގަޅު ކޮލިޓީއަކުން، ރަނގަޅު އިންތިޒާމަކުން ކުރެންދޫ ބަނދަރު ހެދޭނެގޮތެއް އަޅުގަނޑުމެން ހޯދުމަށް. މިއަދު އަޅުގަނޑު އުފާވަނީ، މިއަހަރުގެ ބަޖެޓުގައި ކުރެންދޫ ބަނދަރު ހެދުމުގެ ފައިސާ ހިމެނިފައި އޮތްކަން. މިއަދު އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ މިއަހަރު އަޅުގަނޑުމެނަށް ކުރެންދޫ ބަނދަރު ނިންމޭނެތީވެ.
 
ކުރެންދޫގެ ކުނިނައްތާލުމާއި ކުރެންދޫ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ދުނިޔޭގެ ބޭންކުގެ އެހީގައި ކުރެންދޫގައި އެބަ މަޝްރޫޢުތައް ހިންގޭ. ކުރެންދޫގެ ކުނިނައްތާލުމުގެ ނިޒާމެއް މިހާރު މިދަނީ ޤާއިމުކުރެވެމުން. އިރާދަކުރެއްވިއްޔާ ކުރެންދޫއަކީ، ސާފުތާހިރު ރަށަކަށްވެގެންދާނެކަން ހަމަގައިމުވެސް އަޅުގަނޑަށް ކަށަވަރު.
 
އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިއަންނަނީ، ޤައުމެއް ތަރައްޤީވެ މިދަނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ގޮތަކަށް ކުރެވުނީމައޭ. އަޅުގަނޑުމެން ބުނަމުން މިއަންނަނީ މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ފަސޭހަގޮތުގައި ބަދަލު ނުކުރެވޭހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެނަކަށް ނުލިބޭނެއޭ. ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ، އަޅުގަނޑުމެން މި ސަރުކާރުން އަދި އެމް.ޑީ.ޕީ.އިން މިރާއްޖޭގެ ރައްޔިތުންނަށް ވެފައިވާ ވައުދެއް. އަޅުގަނޑު ހިތްހަމަޖެހެނީ، މިދިޔަ މަދު މަސްކޮޅުގެ ތެރޭގައި ދެހާސް ތިންސަތޭކަ ހަތްދިހަ ތިން ކުރެންދޫ ރައްޔިތުން އެނިޒާމު ބޭނުންކޮށްގެން ދަތުރަށް އަރާފައިވާތީ. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ދެހާސް ތިންސަތޭކަ ތިރީސް ނުވަ ރައްޔިތުން ކުރެންދޫއަށް ދަތުރު ހުއްޓާފައި އޮތްކަން. އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ، އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބަނދަރާއެކީގައި ކުރެންދޫގެ ފެރީ ޓަރމިނަލް ހެދިގެންދާނެތީ. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، ކުރިޔަށް މިއޮތް ތަނުގައި ދަތުރުފަތުރުކުރުމުގެ ނިޒާމު އަދި އިތުރަށް ފުޅާވެ ތަރައްޤީވެގެން ދާނެތީ. ތިބޭފުޅުންނަށް ސާފުވާނެ، ޚާއްޞަކޮށް ޕާޓީ މެންބަރުންނަށް ސާފުވާނެ، މިޕާޓީގެ މެނިފެސްޓޯގައިވާނީ ހަތް އަހަރު ދުވަހުގެ ތެރޭގައި ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް. ފުރަތަމަ ދެއަހަރުގެ ތެރޭގައި އަސާސީ ޚިދުމަތްތައް ދޭން ފެށުމަށް. އެ ދެ އަހަރު މިނިމުނީ. އަޅުގަނޑު ހިތުން ކުރެންދޫ ރައްޔިތުން ހެކިވާނެ، އެ އަސާސީ ޚިދުމަތް މިރަށުގައި މިހާރު ޤާއިމުވެފައިއޮތްކަމަށް. އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ އަމާޒުގައި. މި ޕާޓީއާއި މި ސަރުކާރު، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް އިރާދަކުރެއްވިއްޔާ ފުރިހަމައަށް އަކުރުން އަކުރަށް ޒައްރެއްގެ މިންވަރަށްވެސް މަދުނުކޮށް ފުއްދައިދޭނަން.
 
ޤައުމެއް ތަރައްޤީވެގެން ނުދާނެ، އެޤައުމެއްގެ ރައްޔިތުން ހިފާ ހައްޔަރުގައި ބައިތިއްބައިގެނެއް. އަޅުގަނޑުމެނަށް މަޖުބޫރު، އަޅުގަނޑުމެނަށް ޖެހޭނީ ރައްޔިތުން ދޫކޮށްލަން. އެމީހުން ވީއްލަން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ ހަރަކާތަކީ، ކުރެންދޫގެ ތަރައްޤީއަށްވެސް، ފާދިއްޕޮޅުގެ ތަރައްޤީއަށްވެސް އަދި މުޅި މިރާއްޖޭގެ ތަރައްޤީއަށްވެސް ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑުމެންގެ އެންމެ ބޮޑު މަޝްރޫޢަކީ އެއީ. އަޅުގަނޑަށް ޔަޤީން، ހެޔޮ ވިސްނޭ ކުރެންދޫގެ ރައްޔިތުންނަށް ވަރަށް ސާފުވާނެ، މިރަށް ޙަޤީޤަތުގައި ތަރައްޤީވާންއޮތީ ޑިމޮކްރަސީ މިރާއްޖޭގައި އަށަގަންނަވައިގެންކަން. ގަބޫލުފުޅުކުރައްވާ މިހޯލްގައި މިތިއްބެވި ހުރިހާ ބޭފުޅުންނަކީވެސް، މިއަދު މީގެ ތިންއަހަރު ކުރީގައިވެސް ބޮޑު ޤާނޫނީ ކުށެއް މިތަނަށް އެއްވީތީވެ ވެފައިތިބި މީހުން. މިބަދަލު ގެނައީ އަޅުގަނޑުމެން. މިވާހަކަ ދައްކާފައި އޮތީ އަޅުގަނޑުމެން. މިޕާޓީއަށް ވޯޓު ނުލިބޭނަމަ އަޅުގަނޑުމެން މިއަދު މިއުފާ ކުރަމުން މިދާ އުފާވެރިކަމެއް އަޅުގަނޑުމެންނަކަށެއް ނޯންނާނެ. އަޅުގަނޑަށް ޔަޤީން، ކުރެންދޫ ރައްޔިތުން އަޅުގަނޑުމެނަށް ވޯޓު ދެއްވާނެކަން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނާއެކީގައި ނުކުމު ކުރެންދޫ ރައްޔިތުން މިރަށް ތަރައްޤީ ކުރުމުގައި މަސައްކަތް ކުރާނެ.
 
ޤައުމު ތަރައްޤީވުމަށްޓަކައި ކޮންމެހެން ބޭނުން އަނެއްކަމަކީ، ރައްޔިތުންގެ ފަރާތުން ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ވެރިކަމެއް ކުރެވުން. ލާމަރުކަޒީ ނިޒާމު އުފެދިގެން އައީ މިދެންނެވި ސަބަބަށްޓަކައި. އެނިޒާމު ޤާއިމުކުރުމަށް މަސައްކަތް ކުރީކީ އެހެން ބައެއްނޫން. އަޅުގަނޑުމެން، ކުރެންދޫ އެމް.ޑީ.ޕީ ރައްޔިތުންނާއި އަދި މުޅި މިރާއްޖޭގެ އެމް.ޑީ.ޕީ ރައްޔިތުން. ލާމަރުކަޒީ ނިޒާމަކީ އަޅުގަނޑުމެންގެ ނިޒާމެއް. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ފޯމްވެގެން އައިއިރު މިދެންނެވި ނިޒާމުގެ ވާހަކައެއް ނެތް. މާފަހުން ޤާނޫނުއަސާސީއަށް ގެނެވުނު އެ އަސާސީ ސިފަތަކާއި އުޞޫލުތަކަށް ގެނެވުނު އިޞްލާޙެއްގެ ތެރޭގައި އައްޑުއަތޮޅުގެ އިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދުގެ ބަސްތައް ޤާނޫނުއަސާސީގައި އެވަނީ. އަޅުގަނޑުމެން މިއަދު ތަންފީޒުކުރާން މިއުޅެނީ އެބަސްތައް. އަޅުގަނޑުމެންނަށް އެނގޭ ފެބްރުއަރީ 5 ގައި ލޯކަލް ކައުންސިލް އިންތިޚާބު ނިމި އެމް.ޑީ.ޕީ ލޯކަލް ކައުންސިލެއް އުފެދޭނެކަން. އެކަމާދޭތެރެއަކު އަޅުގަނޑު ކުރެންދޫއަކާ ޝައްކެއް ނުކުރަން. އެހިސާބަކުން އަޅުގަނޑުމެންނަކަށް ދޫކޮށްލެވޭކަށެއް ނެތް. އެހިސާބަކުން މިޕާޓީއަކަށްވެސް، އަދި މިޕާޓީގެ މި ސަރުކާރަކަށްވެސް މި މަސައްކަތުން އެއްކިބާވެވޭކަށެއް ނެތް. އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެނިޒާމު ވަރުގަދަކުރުން އެއީ. އަޅުގަނޑުމެންގެ ވާޖިބެއް އެއީ، މި ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުން. އަޅުގަނޑުމެނަށް މިއަދު އަޅުގަނޑުގެ ރަށުގެ މިވެނި ކަމެކޭ، އަޅުގަނޑުގެ އަވަށުގެ އެވެނި ކަމެކޭ، އަޅުގަނޑުގެ ގޭގެ މިވެނި ކަމެކޭ، ސީދާ އަޅުގަނޑުގެ އަނެއްކަމެކޭ ކިޔާ އަޅުގަނޑުމެން ބޮޑު މަންޒަރު ހަނދާން ނައްތާލައިގެން ނުވާނެ. އަޅުގަނޑުމެން ނުކުމެ މިތިބީ ސާބިތު ކަމެއް ކުރާން. އެމަސައްކަތް އަދިވެސް ކުރިއަށްއޮތީ. މިއަދާ ހަމައަށް އައިއިރުގައި ތިބޭފުޅުން ހެޔޮނިޔަތުގައި މި ސަރުކާރާއި މިޕާޓީގެ މަސައްކަތުގެ ރިޕޯޓް ކާޑަށް ބައްލަވާލައްވާ. މިރާއްޖޭގައި މިދިޔަ ދެއަހަރު، ޚާއްޞަކޮށް މިރާއްޖެ އިޤްތިޞާދީ ވަޅުގަނޑަށް ވެއްޓެމުންދިޔަ ގަޑީގައި، ދިޔަ ވަގުތުގައި އިޖްތިމާއި ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިންކަމަށްޓަކައި އަޅުގަނޑުމެންނަށް މިއަދު ސަލާމަތްކަންމަތީގައި މިތިބެވެނީ. ކޮންއިރަކުތޯ ކުރެންދޫއަށް އެއްލައްކަ ހަތްދިހަ ތިންހާސް ރުފިޔާ މަހެއްގެ މައްޗަށް ސަރުކާރުން ދެމުން ގެންދިޔައީ. ނުދާނެ އިނގޭތޯ މީގެ ކުރިއަކުން. ކޮންއިރަކުތޯ މިރަށަށް ގަވާއިދުން މިރަށުގެ ރައްޔިތުންގެ ސަލާމަތަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔައީ. މީގެކުރިއަކު އެކަން ވެފައެއް ނޯންނާނެ. މިއީ، އެމް.ޑީ.ޕީގެ ސަރުކާރެއް، މިއީ، އެމް.ޑީ.ޕީ ކުރަމުން މިގެންދާ މަސައްކަތަކީ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެނަށް މިލިބެނީ އުފާވާ ޒަމާނޭ. އަޅުގަނޑު ދަންނަވާނީ، އުފާވާ ޒަމާނޭ ހިތާއޭ އަހާށޭ އުފާވެރިވި ރާގޭ.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________