ރާއްޖޭގެ މުސްތަޤްބަލުގެ ތަރައްޤީ ކަށަވަރު ކުރުމަށްޓަކައި، ހަކަތަ އުފެއްދުމަށް ހަކަތައަށް ކުރާ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރުވެސް ކުޑަކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމެރިކާގެ ބައިނަލްއަޤްވާމީ އެހީ ފޯރުކޮށްދޭ މުއައްސަސާ، ޔޫ.އެސް.އޭ.އައި.ޑީ.އާއި، ސައުތު އޭޝިޔާ ރީޖަނަލް އިނިޝިއޭޓިވް ފޮރ އެނަރޖީ އަދި ރީޖަނަލް ސެންޓަރ ފޯރ ލައިޓިން ގުޅިގެން ބާއްވާ ސައުތު އޭޝިޔާ ލައިޓިން ޓްރާސްފޮރމޭޝަން ފޯރަމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މިފޯރަމް އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މިނިސްޓްރީގައި ކަރަންޓްގެ ޚަރަދު ކުޑަކުރުމަށް ސަމާލުކަން ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން، އެ މިނިސްޓްރީގެ ކަރަންޓް ބިލުން މަހަކު 30,000 ރުފިޔާ ކުޑަކުރެއްވިފައިވާ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަރަންޓަށް ކުރެވޭ ޚަރަދު މިވަރަށް ކުޑަކުރެއްވިފައި މިވަނީ، ވަރަށް ކުދިކުދި، އަދި އާދައިގެ އާދަކާދަތަކެއް، މަސައްކަތުގެ މާޙައުލުގައި އަށަގަންނުވައިގެން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ކޮންމެ ދުވަހަކު މަސައްކަތް ނިމުމުން، ކޮމްޕިއުޓަރތައް ނިއްވާލުމާއި، އެއަރކޮންޑިޝަނަރގެ ފިނިކަން 24 ޑިގްރީ ސެލްސިއަސްގައި ބެހެއްޓެވުންފަދަ ކަންކަމަށް އިސްކަންދެއްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.