بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވެރިން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި ވަކިން ޚާއްޞަކޮށް، ވާދޫގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެންގެ ޖީބަށް ވަންނަ އާމްދަނީ ދުވަހުން ދުވަހަށް އިތުރުވެ، އަޅުގަނޑުމެންގެ ޙާލަތު، އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުވެ، ޤައުމެއް ތަރައްޤީވެ ދިޔުމަށް އަޅުގަނޑުމެނަށް ސާފުވެފައި އޮތް އެއް ޙަޤީޤަތަކީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރާން އެބަޖެހޭކަން. އަޅުގަނޑުމެނަށް އެބަ އެނގޭ، ކަމެއް ކާމިޔާބު ކުރުމަށް، ކަމެއް ބަދަލުކޮށްލުމަށް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި، ޙިކްމަތާއި، ހިތްވަރާއި އަދި ވިސްނުންތެރިކަން އެބަ ނުހަނު ބޭނުންކުރަންޖެހޭކަން. އަޅުގަނޑުމެނަށް ވަރަށް ސާފު، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކިތަންމެ ކިތަންމެ އަސާސީ ޚިދްމަތްތަކެއް، ޞިއްޙަތުވެސް އަދި އެނޫން ކަންކަންވެސް އަޅުގަނޑުމެން ރައްޔިތުން އެދޭ މިންވަރަކަށް އަޅުގަނޑުމެނަކަށެއް ނުލިބޭ. މިދިޔަ ދިގު 30 އަހަރުވެސް އަދި ވޭތުވެމިދިޔަ ދެއަހަރުވެސް، އަޅުގަނޑުމެން އުންމީދުކުރާ މިންވަރަށް ނުވަތަ އަޅުގަނޑުމެން އެދޭ މިންވަރަށް، އަޅުގަނޑުމެންގެ ހެލްތް ސެންޓަރުތަކެއްވެސް، އަޅުގަނޑުމެންގެ ހޮސްޕިޓާތަކެއްވެސް މަސައްކަތެއް ނުކުރޭ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ޙަޤީޤަތެއް.
 
މިކަން މިހެން އޮތްއިރު، އަދި މިކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެން ނުހަނު މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެނަށް ފެންނާން އޮތް އަނެއް ޙަޤީޤަތަކީ، މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހުންކުރެ އެކަކީ، ނިކަމެތި ފަޤީރުންކަން. ރާއްޖޭގެ އާބާދީގެ އެއްލައްކަ މީހުންނަކީ، އ.ދ. މިބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުން. އެމީހުންނަކީ، އެމީހުންނަށް ރެޔާދުވާލަށް ބޮލަކަށް ދިހަ ބާރަ ރުފިޔާވެސް ނުލިބޭ މީހުން. އެމީހުންނަކީ އަޅުގަނޑު ދެންމެ މިދެންނެވި އަޅުގަނޑުމެން ހިތްހަމަނުޖެހޭ ޚިދްމަތްތަކަށްވެސް އަތްނުފޯރާ މީހުން. ޤައުމެއް ތަރައްޤީ ކުރާން އަޅުގަނޑުމެން ބޭނުންނަމަ، އެޤައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، ނިކަމެތި ފަޤީރުން ކަމަށްވެފައި، އެމީހުންނަށް އިޖްތިމާޢީ އެއްވެސް ރައްކާތެރިކަމެއް ނެތްނަމަ، އަޅާ ބޮޑެތި ޢިމާރާތްތަކަކުން، ހަދާ ބޮޑެތި ބަނދަރުތަކަކުން ޤައުމުތައް ތަރައްޤީވެ ގޮސްފައެއް ނުވާނެ.
 
އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ވާޖިބަކަށްވާންޖެހޭނީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެން ވަޢުދުވިން، އަޅުގަނޑުމެނަށް ފެނިފައި އޮތް މަންޒަރުތައް ޙައްލު ކުރުމަށް އަޅުގަނޑުމެން ސިޔާސަތުތައް ރާވާނެ ކަމަށް. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު، އެމީހުނަށް ދިމާވާ ޞިއްޙީ އެކިއެކި ބައްޔަށް ބޭނުންވާ ފަރުވާއަށް، ބޭނުންވާ ބޭސް ހޯދުމަށްޓަކައި އެކެއް ކައިރިން އަނެކެއް ކައިރިން ހިނގަމުންދިޔަތަން އަޅުގަނޑުމެން ވަރަށް ސާފުކޮށް ދުށީމު. އެހެންވީމާ، މަދަނައިގެ ވިއުގަ އުފެދުނީ. އަޅުގަނޑު މިއަދު ހިތްހަމަޖެހެނީ، މި ވާދޫގެ ރައްޔިތުންގެ ތެރެއިން 254 ރައްޔިތުން މަދަނައިގައި ރަޖިސްޓްރީވެފައިވާކަން. އަދި އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، އެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، ދިވެހި މާލިއްޔަތުގައި ފޮރުވިފައި އޮތްކަން. އަޅުގަނޑުމެނަށް އެނގޭ، އަޅުގަނޑުމެން އެދެން، އަދި އަޅުގަނޑުމެންގެ ސިޔާސަތަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ބޭސް ސިޓީއަށް ރައްޔިތުން ސަލާން ނުޖަހައި، ރައްޔިތުންނަށް އުޅެވޭނެ މަގެއް ހޯދައިދިނުން.
 
އަޅުގަނޑުމެންނަށް ޔަޤީން، ސީދާ މީހާ، ވާދޫ މީހާ ތަރައްޤީވެގެން ނޫނިއްޔާ ވާދުއެއް ތަރައްޤީއެއް ނުވާނެ. ދިވެހި މީހާ ތަރައްޤީވީމާ، ދިވެހި މީހާ ތަރައްޤީވާނީ. ވާދޫ މީހާ ތަރައްޤީވީމާ، ވާދޫ މީހާ ތަރައްޤީވާނީ. ހުވަދޫ މީހާ ތަރައްޤީވީމާ ހުވަދޫ ތަރައްޤީވާނީ. ހުވަދުއަތޮޅު އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައި އޮތް ބޮޑު ނިޢުމަތެއް. މި ނިޢުމަތުގެ ބޭނުން މުޅި ރާއްޖޭގެ ތަރައްޤީއަށް އަޅުގަނޑުމެން ހިފާނަން. އަޅުގަނޑު އަބަދުވެސް ދަންނަވަމުން މިގެންދަނީ، އަޅުގަނޑުމެންނަކަށް ނެތޭ، އަޅުގަނޑަކީ ގަލޮޅު މީހެކޭ، އަޅުގަނޑަކީ ކެރަފާގޯތި މީހެކޭ، ގަލޮޅު މީހެކޭ، މާލޭ މީހެކޭ ބުނެ، އަޅުގަނޑަށް އެގޮތަށް ކަމަރު ބަނދެގެން ހުރެވޭކަށް. އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން އަދި އަތޮޅުދުނިން އަދި ވަކިން ޚާއްޞަކޮށް، ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އަޅުގަނޑުމެންގެ ފިކުރު ގެންގޮސްގެން ނޫނީ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެނަކަށް ނުލިބޭނެ.
 
 ތަރައްޤީއަށްޓަކައި މިދަންނަވާހެން އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދޭން އެބަޖެހޭ. އަޅުގަނޑުމެން ދުށީމު، ރާއްޖޭގެ ޢުމުރުން ދުވަސްވީ އެތައް ބައެއް، ވަރަށް ބިކަ ޙާލުގައި، ވަރަށް ނިކަމެތި ގޮތަކަށް އުޅެމުން އަންނަ ތަން. މިރަށްރަށުގައިވެސް ހޮޅުއަށިތަކާއި ގޮނޑުދޮށްތަކުގައި، ރުއް ރުއް ގާތުގައި ދުވަސްވީ މީހުން ނިކަމެތިވެފައި، ބިތްޖެހިފައި ތިއްބާ އަޅުގަނޑުމެން ދެކެން. މާލޭގައިވެސް ގޯތިތައް ފޮތިކުރަމުން އައިސް، ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި އެންމެފަހުން އައިސް ވެއްޓިފައި އޮންނަނީ، ކާފަ ނުވަތަ މާމަ ނުވަތަ ބައްޕަ ނުވަތަ މަންމަ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ނިކަމެތި ހާލުގައި އުޅެނިކޮށް، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެނަކަށެއް ނުހޯދޭނެ. ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީ، އެއްވެސް ހާލެއްގައި ގަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަން ނުހޯދާ ރާއްޖެ ތަރައްޤީ ކުރެވިދާނެކަން.
 
އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަޅުގަނޑުމެންގެ ސަރުކާރެއްގައި ދެހާސް ރުފިޔާގެ ޕެންޝަނެއް ދެވޭނެ ކަމަށް. އަޅުގަނޑު މިއަދު އުފާވަނީ، މިރަށުގެ 75 ރައްޔިތަކަށް، އެ ޕެންޝަން ދެމުން އަންނަތާ މިހާރު ދެއަހަރުވެއްޖެ. އަޅުގަނޑުމެން ހިތްހަމަޖެހެނީ، މިރަށަށް، މިވާދުއަށް ކޮންމެ މަހަކު އެއްލައްކަ ފަންސާސްހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ޚަރަދު ކުރެވޭކަން. އަޅުގަނޑުމެނަށް އެނގޭ، މިރަށްރަށުގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިގެން ނޫނިއްޔާ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެނަށް ނުހޯދޭނެކަން. އެކަނިވެރި މައިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އަދި ޔަތީމު ކުދިންނަށް އެހީތެރިވުމަށްވެސް ސަރުކާރުން ވާދޫގައި މިދަނީ ޚަރަދު ކުރެވެމުން. އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ، މިދެންނެވި ބާވަތުގެ 11 ރައްޔިތަކަށް ސަރުކާރުން އެހީތެރިވެދެމުން ގެންދެވޭކަން. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ ސަލާމަތްތެރިކަން ހޯދައިދިނުން.
 
އަޅުގަނޑު ގާތުގައި ކިތަންމެ ބައެއް އަހާ، ވާދުއަށް އެހުރިހާ ފައިސާ ޚަރަދުކުރީ ކީއްވެތޯއޭ، ވާދޫ ބަނދަރު ނުހަދާ. ވާދޫ ބަނދަރު ހަދައިގެން ނޫންތޯއޭ، ވާދޫ ޙަޤީޤަތުގައި ތަރައްޤީ ކުރެވެން އޮތީ. އަޅުގަނޑު އެކަން ހަމަ ސަތޭކައިންސަތޭކަ ގަބޫލުކުރަން. އެހެން ނަމަވެސް، އަޅުގަނޑުމެނަށް ފެނުނީ، އެންމެ ފުރަތަމަ ކުރާން އޮތް ކަމަކީ، ރައްޔިތުން ސަލާމަތް ކުރުމޭ. ރައްޔިތުންނަށް އެހީތެރިކަމެއްވެ، އެ ރައްޔިތުންނަށް ހިންދެމިލެވޭނެގޮތެއް ހޯދުމޭ. ބޭސް ސިޓީއެއް ހިފައިގެން، އެއްމަހުޖަނަކު ގާތުން އަނެއް މަހުޖަނަކު ގާތުން ހިނގާން ޖެހުނީމާ، ދެން ކޮން ޤަދަރެއް، ޢިއްޒަތެއްތޯ، ރައްޔިތުންގެ ކިބައިގައި އޮންނާނީ. އަޅުގަނޑުމެން ބޭނުމީ، ތިމަންނާއަކީ ވާދޫ މީހެކޭ، ތިމަންނާއަކީ ޙައްޤުތަކެއް ލިބިފައިވާ ވާދޫ މީހެކޭ، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ވާދޫ މީހެކޭ ބުނާ ވާދޫ ރައްޔިތަކު އުފައްދަން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ އެކަން ކުރުމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް މިއޮތް 2011ގެ ތެރޭގައިވެސް މިމަސައްކަތް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރާނަން.
 
ވާދޫ ބަނދަރު، މިއަހަރު ސަރުކާރުން އިރާދަކުރެއްވިއްޔާ ހަދާނަން. ވާދޫގެ ބަނދަރު ހެދުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައި. ކޮންޓްރެކްޓްގައި ވަނީ ސޮއިކުރެވިފައި. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެމީހުން އައިސް، ވާދޫގެ ބަނދަރު ހަދަން ފަށާނެ. އެއީ، އަޅުގަނޑުމެންގެ ބޭނުމަކަށް ހަދާ ބަނދަރެއް. އެއީ، ވާދޫ ރައްޔިތުންގެ ބޭނުމަކަށް ހަދާ ބަނދަރެއް. އެއީ، ހުވަދޫ ރައްޔިތުންގެ ބޭނުމަކަށް ހަދާ ބަނދަރެއް. އެއީ، މުޅި ރާއްޖެއަށް ހަދާ ބަނދަރެއް. މިރާއްޖޭގެ އެއްވެސް ރަށެއްގައި، ބަނދަރެއްވެސް، މަދްރަސާއެއްވެސް، ނަރުދަމާއެއްވެސް، އެއްވެސް އެއްޗެއް ނުހަދާ މިރާއްޖެއަށްޓަކައި ނޫނިއްޔަކާއެއް. ކަންދިމާކޮށްފައި އޮތްގޮތުން، މި ފަސްގަނޑުގައި އުޅެނީ ވަކިބައެއް. އެ ފަސްގަނޑުގައި އުޅެނީ ވަކިބައެއް. އަޅުގަނޑުމެން ހުރިހާ އެންމެންގެ ސަލާމަތްކަން އަޅުގަނޑުމެން ބޭނުމިއްޔާ، އަޅުގަނޑުމެން ތިބެން ޖެހޭނީ، އެއްބަޔަކާ އަނެއް ބަޔަކާ ލާމެހި ގުޅިފައި.
 
ވާދޫގެ ބަނދަރު ހެދުނީމާ އެނގިވަޑައިގަންނަވާނެ، އައްޑޫ ދަތުރުވެރިންނަށް، މުލަކު ދަތުރުވެރިންނަށް އަދި މާލެއަށްދާ އެތައް ބަޔަކަށް ފަސޭހަވެގެންދާނެ. މިތަނުގެ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދަން ފަސޭހަވާނެ. ވާދުއަކީ އުފެއްދުންތެރި ރަށެއް. މިރަށުގައި ދަނޑުވެރިކަމާއި އަދި އެހެންވެސް މަސައްކަތްތައް ބާރަށް ހިނގަމުންދޭ. އެހެން ނަމަވެސް، އަޅުގަނޑުމެނަށް ވަރަށް ބޮޑަށް ސާފު، ވާދުއަށް ބޭނުންވާ ކަންކަން ވަރަށްގިނަ. އެކަންކަން ކޮށްދިނުމަށް އަޅުގަނޑުމެން ނުކުމެ މިތިބީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވާދުއަށް ކޮށްދޭނެ ކަންކަން، އަޅުގަނޑުމެން މިޖަހާފައި މިއޮތް ތަރުތީބުން އަދި އަޅުގަނޑުމެން ކުރިއަށް ތިބޭފުޅުންނަށް ހުށަހަޅާފައި އޮތްގޮތަށް، އެކަން ކުރަމުން ގެންދާނަން.
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީ، މެނިފެސްޓޯއަކާ އެކުގައި ނުވަތަ ވަޢުދުތަކަކާ އެކުގައި. އޭގައި އޮންނާނެ، ދަތުރުފަތުރުކުރުމުގެ ފުރިހަމަ ނިޒާމެއް، 7 އަހަރު ދުވަހުގެ ތެރޭގައި އެކުލަވައިލުމަށް. އަދި ދެއަހަރު ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައް ފަށައިގަތުމަށް.     އެ ދެވަނަ އަހަރު މިހިނގަނީ. އެހެންވީމާ، އަސާސީ ޚިދްމަތްތަކުގެ ތެރޭގައި، ލަފާފުރުން އެއީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް. އެކަން ކުރުމަށް އޮތް ވަގުތަކީ މިއަހަރު. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން އެގޮތަށް ކުރާނަން.
 
އަޅުގަނޑު ރަށްރަށަށް ދިޔައީމާ، މިހާރު ހަމަ ވަރަށްގިނަ ރަށްރަށުގެ ރައްޔިތުން އަޅުގަނޑު ގާތުގައި ބުނޭ، ރައީސޭ، މިރަށުގެ ހެލްތް ސެންޓަރޭ، ނުވަތަ ހޮސްޕިޓަލޭ، މަދްރަސާއޭ. އެހެން ނަމަވެސް، މިފަހަކަށްއައިސް ވަރަށް އަޑު އެބަ ނީވޭ، މިރަށުގެ އިންޖީނުގެއޭ ބުނާ އަޑު. ޔުޓިލިޓީ ކުންފުނިތަކެއް ސަރުކާރުން އުފެއްދީ، ފެނާއި ނަރުދަމައާއި ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދިނުމަށް ގޮތްތަކެއް ހޯދުމަށްޓަކައި. އަޅުގަނޑު އުފާވޭ، ވާދޫ ދަރިއެއް، ހުވަދުއަތޮޅުގެ ޔުޓިލިޓީ ކުންފުނީގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރައްވަމުން ގެންދަވާތީވެ. އަޅުގަނޑު ގާތުގައި އެރައްޔިތުންނެއް މިހާރަކު ނާދޭ، ރަށުގައި ކަރަންޓް ނެތިގެންނެއް. އަދި އަޅުގަނޑު އުފާވޭ، މިރަށަށް ކަރަންޓް ސަބްސިޑީއެއްގެ ގޮތުގައި ކޮންމެ މަހަކު ދެލައްކަ ރުފިޔާ ދެވޭކަން. އަދި އަޅުގަނޑު ހިތްހަމަޖެހޭ، މިރަށަށް އާދައިގެ ގޮތުގައި ނަގާ ކަރަންޓްގެ ފީއަކީ އެއްރުފިޔާ ފަންސަވީސްލާރި ކަމަށް މިހާރު ހެދިފައި އޮތްކަން. އެއީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް. އެއީ، އަޅުގަނޑުމެން ޚިދްމަތްތައް ފޯރުކޮށްދޭން ބޭނުންވާ އުޞޫލު.
 
އެނގިވަޑައިގަންނަވާނެ، މިހާރު މިވަނީ މިރަށު ހެލްތް ކޯޕަރޭޝަނެއް އުފެއްދިފައި. އެކޯޕަރޭޝަންގެ ދަށުން ޞިއްޙީ ޚިދްމަތްތައް ފޯރުކޮށްދޭން ފެށުމުން، އަޅުގަނޑަށް ޔަޤީން، ޞިއްޙީ ޚިދްމަތްވެސް މިހާރަށްވުރެ މާ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. އަޅުގަނޑު ދެންމެ ކަރަންޓްގެ އަގު ކީއިރުގައި، އަޅުގަނޑު މި ކީ އެންމެ ދަށް ބޭންޑް. އަދި އަޅުގަނޑަށް އެނގޭ، އޭގެ މައްޗަށްވެސް ބޭންޑްތައް ހުރިކަން. މިކަން ހަމަޖެހިފައި މިއޮތް އުޞޫލަކީ، އާމްދަނީ މަދު މީހުންނަށް، ކުންފުނިން އަޅުގަނޑުމެން މިއެދެނީ، ނަގާށޭ ހަމަ އަގު. އޭރުންނޭ ކުންފުނި ހިނގާނީ. ކުންފުނި ނުހިނގާ، އެކުންފުނިން ކުރަންޖެހޭ ޚަރަދެއް ނުކުރެވޭނެ. ކުންފުނި ނުހިނގިނަމަކާއެއް، އަޅުގަނޑުމެނަކަށް ކޮންމެ ރަށަކަށް ޖަނަރޭޓަރ ހަމަކޮށް، ރަށްތަކަށް އަނެއްކާ މައްސަލަޖެހޭ ކޮންމެ ފަހަރަކު، ސީދާ ވަގުތީ ޚިދްމަތްދެވި، މިކަންތައް ކުރިއަކަށް ނުގެންދެވޭނެ. ސަރުކާރުގެ އަމާޒަކަށްވާންޖެހޭނީ، އާމްދަނީ މަދު މީހުން ހޯދައި، އެމީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އެމީހުންނަށް އެ ސަބްސިޑީ ފޯރުކޮށްދިނުން. އަޅުގަނޑު މިދެންނެވިހެން މިރަށަށްވެސް މިދަނީ ކަރަންޓްގެ ސަބްސިޑީ ފޯރުކޮށްދެވެމުން.
 
އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި މިރަށުގެ ނަރުދަމާގެ މަސައްކަތް ފެށޭނެ. އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ، މިއަހަރު މިރަށް ނަގާ ކޮޅަށް ޖެހުމުގެ ބޮޑު މަސައްކަތްތަކެއް ހިންގޭނެ. އިރާދަކުރައްވައިގެން، ދައުލަތުގެ ބަޖެޓް މިހާރު މިއޮތީ ފާސްވެފައި. އެބަޖެޓް ފާސްވީއިރުގައި، ވަރަށްގިނަ ތަރައްޤީގެ މަޝްރޫޢުތައް އެބަޖެޓްގައި ހިމެނިފައިވާނެ. އަދި އޭގެއިތުރުން، މިފަހަރުގެ ބަޖެޓް އެކުލަވައިލާފައިވާނީ، އެހެން ފަހަރުތަކާ ވަރަށް ތަފާތުކޮށް. ސީދާ މާލޭގައި ތިބެގެން ހިންގާ ކިތަންމެ ކަމެއްގެ ޚަރަދު ކުރުން، ރަށްރަށާއި އަތޮޅުތަކާއި ޕްރޮވިންސްތަކާ ޙަވާލުވެފައިވާނެ. ބަޖެޓް ހިންގުމުގެ ރަނގަޅު 50 ޕަސެންޓް މިފަހަރު މި ހިންގާ ޕްރޮގްރާމް ބަޖެޓުން ހިންގަމުން ގެންދާނީ ރަށްރަށުގައި. އަޅުގަނޑުމެންގެ ބޭނުމަކީ، ރަށްވެހި ތަރައްޤީ. ރަށްވެރިކަން ކުރިއެރުވުން. ލާމަރްކަޒީ އުޞޫލުން ހިންގުމުގެ އެންމެބޮޑު ބޭނުމަކީ، ރައްޔިތުންނާ ގާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ވެރިކަން ހިންގުން. ނިޒާމެއްގެ ބޭނުމަކީ، އަޅުގަނޑުމެން ބޭނުންވާ ކަންކަން އެ ނިޒާމް މެދުވެރިކޮށް އަޅުގަނޑުމެނަށްވުން. ނިޒާމް މެދުވެރިކޮށް ނަރުދަމައެއް އަޅުގަނޑުމެނަށް އެޅޭގޮތްވުން. ސްކޫލް، އަޅުގަނޑުމެނަށް ރަނގަޅު ކުރެވުން ނިޒާމް މެދުވެރިކޮށް.
 
ލާމަރްކަޒީ އުޞޫލަކީ އަޅުގަނޑަށް ހަމަ ވަރަށް ސާފުކޮށް ދަންނަވަން ކެރިދާނެ، އަޅުގަނޑު ނިސްބަތްވާ ޕާޓީ، އެމް.ޑީ.ޕީ.ގެ ފިކުރެކޭ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ނިންމިއިރުގައިވެސް، ލާމަރްކަޒީ އުޞޫލުން ރާއްޖެ ހިންގާ ބާބު، އަޅުގަނޑުމެން މިހާރު ތަންފީޛު ކުރަން މިއުޅޭ 8 ވަނަ ބާބެއް އެއަކު ނެތް. ވަރަށްފަހު ވަގުތެއްގައި އަޅުގަނޑު ހިތްހަމަޖެހޭ، އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، އަދި އަޅުގަނޑުމެންގެ ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ހުށަހެޅުއްވި އިޞްލާޙު މިއަދު ޤާނޫނުއަސާސީގައި އެވަނީ. އަޅުގަނޑުމެން މިހާރު ޢަމަލުކުރާން މިއުޅެނީ އެބަސްތަކަށް. އަޅުގަނޑުމެން ތަންފީޛު ކުރާން މިއުޅެނީ އެ އުޞޫލާއި، އެ ފަލްސަފާ. އަޅުގަނޑުމެންގެ މަސްއޫލިއްޔަތު ވަރަށްބޮޑު. ފެބްރުއަރީ 5 ގައި ކައުންސިލް އުފެދުނަސް، އަޅުގަނޑުމެންނަކަށް އަތް އުރާލައިގެން ތިބެވޭކަށެއް ނެތް. އަޅުގަނޑުމެންގެ ބޭނުމަކީ، ރަނގަޅު ރަށްވެރިކަމެއް ރާއްޖޭގެ ރަށްތަކުގައި އުފެއްދުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖެ ތަރައްޤީ ކުރުން.
 
އަޅުގަނޑުމެނަށް ސާފުވެފައި އޮތް އެންމެބޮޑު އެއް ޙަޤީޤަތަކީ، ޤައުމެއް ތަރައްޤީއެއް ނުވާނެއޭ، އެޤައުމެއްގެ ރައްޔިތުން ހިފަހައްޓައި، އޮބަހައްޓައި އަދި ތަޅުލާފައި ބައިތިއްބައިގެނެއް. ރައްޔިތުން ބިރުގަންނަވައިގެނެއް ޤައުމެއް ތަރައްޤީއެއް ނުވާނެއޭ. އަނިޔާކޮށްގެނެއް ޤައުމެއް ތަރައްޤީއެއް ނުވާނެއޭ. އަދަބުދީގެން ޤައުމެއް ތަރައްޤީއެއް ނުވާނެއޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތަކީ، ކޮންމެހެން ބޭނުންތެރި ވަސީލަތްތަކެއް ތަރައްޤީއަށްޓަކައި. އަޅުގަނޑުމެން މިއަދު މިހިންގާ މަސައްކަތްތައް މިހިންގަނީ، މިދެންނެވި އުޞޫލުތައް އަޅުގަނޑުމެންގެ ހިތުގެ އަޑިން ގަބޫލުކޮށްގެން ތިބެ. އެހެންވީމާ، އަޅުގަނޑުމެން އެދެނީ، ރަނގަޅު ފުރިހަމަ ރަށު ކައުންސިލެއް މިތަނުގައި އިންތިޚާބުވުމަށް. އަޅުގަނޑު ޔަޤީން ކުރަނީ، މިތަނުގައި މިދަންނަވާ ރަނގަޅު ފުރިހަމަ ކައުންސިލް އިންތިޚާބުވެގެންދާނެ ކަމަށް.
 
އަޅުގަނޑުމެންވީ ވަޢުދެއް އެއީ، ރާއްޖޭގެ ޒުވާނުންނާ އަޅުގަނޑުމެން އަޅާލާނެއޭ. ޒުވާނުން އަޅުގަނޑުމެންގެ ހިތްތަކުން ހަނދާން ނައްތައެއް ނުލާނަން. އަޅުގަނޑުމެނަށް މިޤައުމު ހިންގުމާ ޙަވާލުވީއިރު، ހަމަ ތެދުތެދަށް ދަންނަވަނީނަމަ، ސީދާ އަޅުގަނޑުމެންގެ ޖީލުވަނީ ގެއްލި ގޮސްފައި. ކިތަންމެ ކިތަންމެ ޒުވާނުންނެއް، އަޅުގަނޑު އަމިއްލައަށް ތަންކޮޅެއް ޒުވާންވަނީ މި. އަޅުގަނޑުގެ ޖީލަށްވުރެ ތަންކޮޅެއް ޒުވާންކޮށް ބައެއް ކުދިން އުޅޭނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ވަރަށް ދަނެ ފަރިތަ ޖީލެއް، މި ރާއްޖޭގައި ހަލާކުވެ ނެތި މިދަނީ. އަޅުގަނޑުމެން ބޭނުން، އެކުދިންނާ އަޅާލަން. އަޅުގަނޑުމެން ބޭނުން، އެމީހުން އަލުން އަނބުރާ މުޖްތަމަޢަށް ގެންނަން. އަޅުގަނޑުމެންގެ ބާރުގަދަ މަސްތުވާތަކެތީގެ ދެވީގައި ތިބި ކުދިން ސަލާމަތްވުމަށްޓަކައި ސަރުކާރުން ހިންގާ ޕްރޮގްރާމްތައް މިއަހަރު ތެރޭގައި، މި ވާދޫގައި ކުރިއަށްވުރެ އަދި ބާރަށް އިރާދަކުރެއްވިއްޔާ ހިންގޭނެ. އަދި ޒުވާނުންނަށް ކުޅިވަރުގެ ފުރްޞަތުތަކާއި، ޒުވާނުންގެ މަރްކަޒަކާއި، އަދި މަދްރަސާގައި މިހާރު ހަދަން ފެށިފައި އެހުރި ލައިބްރަރީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ދާދި އަވަހަށް ނިންމާނަން.
 
ސަރުކާރުގެ ބޭނުމަކީ، ކުދިން އަލުން އަނބުރާ މުޖްތަމަޢަށް ގެނައުން. އަޅުގަނޑު ޒުވާނުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން އޮތީ، ހަމަ އެންމެ ކަމަކުން އެއްކިބާވުމަށް. ބާރުގަދަ ބާރުގަދަ، އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްފައި މިދަންނަވަނީ، ބާރުގަދަ މަސްތުވާތަކެތިން ސަލާމަތްވުމަށް އަޅުގަނޑު ޒުވާނުން ގާތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން. އަޅުގަނޑަށް، އަޅުގަނޑުމެނަށް، މި ސަރުކާރަށްވީ މިންވަރަކުން މި ސަރުކާރުން އެކުދިންނާ އަޅާލާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެން ދެން.
 
އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ ސީދާ މީހާ ތަރައްޤީވެގެން. އަޅުގަނޑުމެނަށް ތަންދޮރުއޮޅުންފިލައިގެން. ހަދާ ބޮޑު ޢިމާރާތަކުން، ކުރާ ބޮޑު ބިނާއަކުން އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުލިބޭނެ. އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުމަކީ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް. މިތަނުގެ މަދްރަސާ މިހާރު އިރާދަކުރެއްވިއްޔާ މިވަނީ އެއްދަންފަޅިއަށް ބަދަލުވެފައި. އަޅުގަނޑުމެންގެ އުންމީދަކީ، މިތަނުގެ ޓީޗަރުންގެ ފެންވަރުވެސް ރަނގަޅުވުން. މިދިޔަ 2010 ވަނަ އަހަރުގައި، މިރަށުގެ ދަރިވަރުންނަށް ފޮތް، ފަންސުރު ހޯދުމަށްޓަކައި އެއްލައްކަ ސައްބީސްހާސް ފައްސަތޭކަ ވިހި ރުފިޔާ ޚަރަދު ކުރެވިފައިވާކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަދި ހަމަ އެހެންމެ، ދަރިވަރުންގެ އިމްތިޙާން ފީ ދެއްކުމަށްޓަކައި ތިރީސްހާސް އަށްސަތޭކަ ފަންސާސް ފަސްރުފިޔާ ސަރުކާރުން ޚަރަދު ކުރެވުނުކަމީ، މި ސަރުކާރު އުފާވާ ކަމެއް. އަޅުގަނޑުމެން ބޭނުމީ، ރަނގަޅު ޒުވާނުން އުފައްދަން. އަޅުގަނޑުމެން ބޭނުމީ، ރަނގަޅު މަދްރަސާއެއް މިރަށުގައި އޮންނަން.
 
އަދި އަޅުގަނޑު ހަމަ އިތުރަށް ފާހަގަކޮށްލަން ބޭނުން، ހުރިހާ ޒުވާނުންނަށްވެސް. ޙަޤީޤަތުގައެއް އެއްވެސް ބަޔަކު އެހާ ގޯސްވެގެން އުޅޭތީ އަޅުގަނޑު ކަންބޮޑެއްނުވެއޭ. އަޅުގަނޑުމެނަށް އެއްވެސް ބަޔަކު ވީއްލި ގޮސްފައި އަދި އަތްނުލެވޭ ހިސާބަށް ގޮސްފައިވާ ކަމަކަށް ހަމަގައިމުވެސް އަޅުގަނޑެއް ނުދެކެން. އަޅުގަނޑާ ވަރަށް ކައިރިން އަދި އަޅުގަނޑާ ހަމަ، ޖެހިގެން ތިބޭފުޅުންނާ ބޭނުން ވާހަކައެއް ދެއްކެވޭނެ. އަޅުގަނޑަށް ވަގުތުވީ މިންވަރަކުން އަޅުގަނޑު އެފުރްޞަތުތައްވެސް ޒުވާނުންނަށްވެސް، ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑުމެން ދާނީ އަރުވަމުން.
 
އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖެ ބަދަލުކުރުން. އަޅުގަނޑުމެން ނުކުތީ މިރާއްޖޭގެ ރައްޔިތުންނަށް އެހެން ދިވެހިރާއްޖެއެއް ހޯދައިދިނުމަށް. އެނގިވަޑައިގަންނަވާނެ،    2008 ވަނަ އަހަރު އަޅުގަނޑުމެން ބުނިން، އަޅުގަނޑުމެން މިތިބީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. މިއަދު އަޅުގަނޑުމެނަށް އެބައޮތޭ ޚަރާބާ ދިމާއަށް ދެވެންވެސް ނުވަތަ މުޅިން އެހެން ގޮތަކަށް އަޅުގަނޑުމެންގެ ޚިޔާލު ބަހައްޓަންވެސް. އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ޚިޔާލު ކުރެވެން އެބައޮތޭ. ރައްޔިތުން ނިންމީ ޚަރާބަށް ނުދިޔުމަށް. ރައްޔިތުން ވޯޓްދިނީ އަނެއް ދިވެހިރާއްޖެއަށް. އަޅުގަނޑުމެންގެ މަސައްކަތަކީ، މިދެންނެވީ. ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުން. މި ސަރުކާރު ދެމި މިއޮންނަނީ، ހަމަ އެންމެ ބޭނުމަކަށް. އެއީ އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. އަދި އަޅުގަނޑުމެން އެހެންވީމާ، ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކަކީ، އެ ވަޢުދުތައް ފުއްދީމާ، މިރާއްޖެ ބަދަލުވާނެކަންކަން. އެއީ، އަޅުގަނޑުމެންގެ އަމާޒަކީ. ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިތަރުތީބަކުން ކޮށް ނިންމުން.
 
އަޅުގަނޑު ހުރިހާ ރައްޔިތުންނަށްވެސް އެދެނީ، މި އަންނަނީ ހަމަ އަޅުގަނޑުމެންގެ އުފާވާ ޒަމާނޭ. އަޅުގަނޑު ދަންނަވާނީ، އުފާވާ ޒަމާނޭ، އުފާވެރިވި މި ރާގޭ، ހިތާއޭ އަހާށޭ.
 
والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
_______________________