بســماللّـهالرّحمـنالرّحيــم

 
މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ އާމިނަތު ޖަމީލް، ހެލްތް މިނިސްޓްރީގެ ނައިބުން، ދިރާގުގެ ޗެއަރޕަރސަން އަދި އެކުންފުނީގެ ވެރިންނާއި މުވައްޒަފުން، އެ ޕްރޮވިންސްގެ ވެރިން އަދި ހޮސްޕިޓަލާއި، ހެލްތް ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން.  
 
السّـلام عليـكم
 
އަޅުގަނޑުމެން މި ނިޒާމު ދެކެނީ، ލާމެހިފައިވާ ދިވެހިރާއްޖޭގެ ޕްރޮގްރާމްގެ ތެރެއިން. އަޅުގަނޑުމެން މިކަން ހަމަ މިދެކެނީ، ދަތުރުފަތުރު ކުރުން، އެއްތަނާއި އަނެއްތަނާ ގުޅާލެވުން. މުދަލާއި ފަސިންޖަރުންނޭ، އަޅުގަނޑު ޢާންމުކޮށް ބުނެއުޅެނީ. މިހާރު ދެން އަޅުގަނޑުމެން ހަމައެކަނި ބުނަން ޖެހޭނީ، މަޢްލޫމާތާއި ޚިދްމަތް، އެއްތަނުން އަނެއް ތަނަށް ފަސޭހައިން ދެވޭގޮތަށް، ކަންކަން އިންތިޒާމްވެގެން ނޫނީ، އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުހޯދޭނެއޭ.
 
މި ނިޒާމް އަޅުގަނޑުމެންނަށް ހޯދުމަށްޓަކައި އަޅުގަނޑު ވަރަށް ގާތުން ދުށިން، ޑޮކްޓަރ އާމިނަތު ޖަމީލް ކުރައްވަމުން ގެންދެވި މަސައްކަތް. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން، ޚާއްޞަކޮށް، ނަސީމްވެސް. އާމިނަތު ޖަމީލް ދެތިން ހަތަރު ދަތުރެއް ކުރެއްވި، ޓެލެމެޑިސިންގ ޕްރޮގްރާމެއް ރާއްޖެއަށް ހޯދުމަށްޓަކައި ދުބާއީއަށް. މިޕްރޮގްރާމް އަޅުގަނޑުމެންނަށް ދެއްވާފައި މިއޮތީ، ރާއްޖޭގެ މުވާޞަލާތީ ގުޅުމުގެ ވަރަށްބޮޑު ކުންފުންޏަކުން، ދިރާގުން. މީގައި އެކުންފުނިތަކަށް އޮތް ފައިދާ ވަރަށްބޮޑު. އަދި އެކުންފުނިތަކަށް މިއިން ލިބެން އޮތް މުސްތަޤްބަލްވެސް އިންތިހާއަށް ބޮޑު. ރާއްޖޭގެ ވަރަށްގިނަ ދަތުރުފަތުރެއް ބަދަލުވެގެންދާނީ، ނަރެއްގެ ތެރެއަށް. އެކަމުގެ ފެށުމެއް އަޅުގަނޑުމެންނަށް މިއަދު މިފެށެނީ. ނޫންނަމަ، އަޅުގަނޑުމެންނަށް ދެންމެ އެވީ ހުރިހާ ކަމަކީ، އެއްގޮތަކީ މިތަނުގައި އެހުރިހާ ޚިދްމަތެއް ލިބޭނެގޮތެއް ހޯދުން. އެގޮތެއް އަޅުގަނޑުމެންނަކަށް ފަސޭހަ ނޫންކަމުން މިދަންނަވަނީ، ކޮންމެ ތަނެއްގައި ގައިނަކޮލޮޖިސްޓެއް، ކޮންމެ ތަނެއްގައި އެތެރެހަށީގެ ޑޮކްޓަރެއް، ކޮންމެ ތަނެއްގައި ފިޒީޝަނެއް. އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށް އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އަންނަނީ. އެކަމެއް އެހެނެއް ނުކުރެވޭނެއޭ. އެ ޙާލަތަށް ރާއްޖެ ބަދަލުކުރަން، އެގޮތަށް ރާއްޖެ ތަރައްޤީ ކުރަން އުޅުމަކީ ވަރަށް ދަތި ކަމަކަށްވާނެއޭ.
 
މިއަދު އަޅުގަނޑުމެންނަށް ފަހިވެގެން މިދިޔައީ، ހުރިހާ ޑޮކްޓަރުން އެއްފަހަރާ ބަލިމީހާ ބަލަން، ބެލުމެއް ހިންގޭނޭ ނިޒާމެއް. އެއްގޮތަކަށްވެސް އެހެން ތަނަކަށްދާކަށްވެސް ނުޖެހުނު. އަދި މިތަނުގައި އެހާ މޮޅު ޑޮކްޓަރެއް ހުންނާކަށްވެސް ނުޖެހުނު. ވަކި ޚާއްޞަ ޓްރޭނިންގއެއް ލިބިވަޑައިގެން ތިއްބަވާ ބޭފުޅުން، އެ މުވާޞަލާތުގެ ޒަރީޢާއިން އެހެން ތަންތަނާ ގުޅިގެން، އެހެން ހޮސްޕިޓާތަކާ ގުޅިގެން. އަދި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ހަމައެކަނި އައި.ޖީ.އެމް.އެޗަކާ ނޫން އަޅުގަނޑުމެންނަށް މި ގުޅިފައި ބެހެއްޓޭނީ. ހަމަ އެހެންޏާ ދެން ތިޔަ ވަޑައިގަންނަވާ މެޑްރާސްގައި ހުންނަވާ ޑޮކްޓަރާވެސް ނުވަތަ ސިލޯނުގައި ހުންނަވާ ޑޮކްޓަރާވެސް ނުވަތަ ޖަރުމަން، އިނގިރޭސިވިލާތުގައި ހުންނަވާ ޑޮކްޓަރަކާވެސް.
 
އެހެންވީމާ، އަޅުގަނޑުމެންނަށް ޙަޤީޤަތުގައި މި ނިޒާމުގެ ތެރެއިން، މި ބޭސްފަރުވާގެ ޚިދްމަތް ފޯރުކޮށްދިނުމުގައި، މިއޮތް ދަތިން އަޅުގަނޑު ދެކެނީ ވަރަށް ބޮޑަށް އަރައިގަނެވިދާނެ ކަމަށް. މިއަދު އަޅުގަނޑުމެނަށް މިތަނުގައި މިހުޅުވެނީ، މިދެންނެވިހެން ދިރާގުން ހަދިޔާ ކޮށްދެއްވާފައިވާ ނިޒާމެއް. އޭގެއިތުރުން، 34 ރަށެއްގައި އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި، ސަރުކާރަށް މިމަސައްކަތް ފަށައިގަނެވޭނެ. ހެލްތް މިނިސްޓްރީން މިހާރު ގެންދަވަނީ، މީހުން ޓްރެއިން ކުރަމުން. އަދި މިކަމަށް ބޭނުންވާ ތަކެތި މިހާރު ރާއްޖެ އައުމުގެ މަގުމަތީގައި ބައެއް ތަކެތި ހުރީ. މިއިން ކޮންމެ ކިއޯސްކަކީ، އެކަށީގެންވާ ޢަދަދެއްގެ ފައިސާ. އެހެން ނަމަވެސް، ރަނގަޅު ޚިދްމަތެއް، މިތަކެތި މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމުގެ ވަރަށްބޮޑު އިތުބާރެއް އަޅުގަނޑުމެންނަށް އެބައޮތް. މިއަދު އަޅުގަނޑު ދިރާގުގެ އެންމެހާ ވެރިންނަށާއި އަދި އެތަނުގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން. އަދި ޑޮކްޓަރ އާމިނަތު ޖަމީލް ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެން އުންމީދު ކުރަން، އެހެން މުވާޞަލާތީ ކުންފުނިތައްވެސް، މި ވިޔަފާރިވެރިން އެބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ފައިދާ ސާފުވާނެ. އެހެންވީމާ، މި ނިޒާމް ނުވަތަ މި ޚިދްމަތް ތަރައްޤީ ކޮށްދިނުމުގައި ސަރުކާރާއެކުގައި މަސައްކަތް ކޮށްދެއްވައިފިނަމަ، އަޅުގަނޑަށް ޔަޤީން، ދެފަރާތަށްވެސް މީގެ ފައިދާ ބޮޑުވާނެ. ސަރުކާރަށްވެސް، ރައްޔިތުންނަށްވެސް، އަދި މުވާޞަލާތުގެ ވިޔަފާރިއަށްވެސް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ދިރާގަށް ޝުކުރު ދަންނަވަމުން، އަދި މިނިސްޓްރީ އޮފް ހެލްތަށް، ޚާއްޞަކޮށް، ޑޮކްޓަރ އާމިނަތު ޖަމީލަށާއި، އެމިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށާއި އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒަށާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު ވަކިވެލާނަން.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________