بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވަޒީރުން. ގައްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު. އަދި ރައްޔިތުންގެ މަޖިލީހުގެ އެހެންވެސް ޢިއްޒަތްތެރި މެންބަރުން. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުގެ އެކުވެރި ލޮބުވެތި ގައްދޫ ރައްޔިތުން.
 
السّـلام عليـكم
 
މީގެ ދުވަސްތަކެއްގެ ކުރީގައި އަޅުގަނޑު މިރަށުގައިވެސް ފާހަގަކުރިން ނުކުތާއެއް. އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެންގެ ރާއްޖެ މިއަދު މިއޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އެކަންމަތިން އަޅުގަނޑުމެނަށް ޚަރާބުގެ މަގަށްވެސް ދެވިދާނެއޭ. އެހެންނޫނީ އަޅުގަނޑުމެނަށް ދެން އެހެން ގޮތެއް، އަނެއް ދިވެހިރާއްޖެއެއް، އެހެން ދިވެހިރާއްޖެއެއް އަޅުގަނޑުމެނަށް ހޯދިދާނެއޭ. އަޅުގަނޑުމެންގެ ރައްޔިތުން ނިންމީ، އެ ރައްޔިތުން ބޭނުމީ އެހެން ގޮތެއްކަން. އެދުވަހު އެތިބި ހަތަރު އަނގޮޅިން، އެ ރައްޔިތުން އަޅަން ބޭނުންވި މަގުން މިއަދު އަޅުގަނޑުމެން މިދަނީ ހިނގަމުންނޭ.
 
އަޅުގަނޑުމެނަށް މިއަދާ ހަމައަށް އާދެވުނުއިރު، ކުރާންހުރި ކަންކަން ވަރަށްވެސް ގިނަ. އަޅުގަނޑު ހިތުގެ އަޑިން އެކަން އަބަދުވެސް ގަބޫލުކުރަން. މިދިޔަ ދެއަހަރުވެސް އަޅުގަނޑުމެނަށް ނުވެހުރި ކިތަންމެ ކަމެއް އެބަހުރި. ވަކިން ޚާއްޞަކޮށް، ޞިއްޙަތާއި ތަޢްލީމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް އަދި ޙަޤީޤަތަކަށް ހަދައިދިނުމަށް އަޅުގަނޑުމެން ކުރާންހުރި މަސައްކަތް ނުހަނު ބުރަ. ކިތަންމެހާވެސް ގިނަ. ރާއްޖޭގެ ކިތަންމެ ތަނެއްގައި މިހުރި ހެލްތް ސެންޓަރާއި، ހޮސްޕިޓަލާއި އަދި ޞިއްޙީ ޚިދްމަތްދޭ އެތައް ތަނެއްގެ ޚިދްމަތުގެ ފެންވަރު އަޅުގަނޑުމެން ބޭނުންވާ މިންވަރަކަށް އަދި އަޅުގަނޑުމެނަކަށް ނުނެނގޭ. އެއީ މިދިޔަ ދިގު 30 އަހަރުވެސް އެކަން އޮތް ގޮތް. އަދި ހަމަ މިދިޔަ ދެއަހަރުވެސް އަޅުގަނޑުމެނަށް، އަޅުގަނޑުމެން އެދޭ މިންވަރަށް އެކަން މިވަނީ ބަދަލުނުކުރެވި.
 
މި ޙަޤީޤަތް މިހެން އޮތްއިރު، އަޅުގަނޑުމެނަށް ފާހަގަވި އަނެއް ނުކުތާއަކީ، މިރާއްޖޭގެ އާބާދީގެ ކޮންމެ ތިންމީހަކުންކުރެ އެކަކީ، ނިކަމެތި ފަޤީރެކޭ. މިރާއްޖޭގެ އާބާދީގެ އެއްލައްކަ މީހުންނަކީ، އ.ދ. އެ ބުނާ ބަނޑުހައިހޫނުކަމުގެ ރޮނގުން ދަށުގައި ތިބި މީހުންނޭ. އެމީހުންނަކީ ރެޔާ ދުވާލަށް ބޮލަކަށް ދިހަ ބާރަ ރުފިޔާވެސް ނުޖެހޭ ވަރަށް ނިކަމެތިންނޭ. އަޅުގަނޑު ދެންމެ މިދެންނެވި ރާއްޖޭގައި މިވަގުތު ލިބެންހުރި، އަޅުގަނޑުމެން ހިތްހަމަނުޖެހޭ ޚިދްމަތްތަކަށްވެސް، މިދެންނެވި ރައްޔިތުންނަށް މިއޮންނަނީ އަތްނުފޯރާފައި. ޤައުމެއް ތަރައްޤީވުމަށް، އެޤައުމެއްގެ ރައްޔިތުން ތަރައްޤީ ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް. ތަރައްޤީއަކީ ރައްޔިތުމީހާ ތަރައްޤީވުން. ރަށެއްވެސް ނޫން، އަތޮޅެއްވެސް ނޫން، ޤައުމެއްވެސް ނޫން. ހަމަ ސީދާ އަޅުގަނޑުމެން. ހަމަ ސީދާ ގައްދޫމީހާ ތަރައްޤީވުން. އެމީހާގެ ނިކަމެތިކަމުން އެމީހާ ސަލާމަތްނުވާހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެނަކަށެއް ނުލިބޭނެ.
 
އަޅުގަނޑުމެން އެހެންވީމާ، ވަޢުދުވީ، ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ބޭސްފަރުވާ ހޯދުމަށް އެކެއް ކައިރިން އަނެކެއް ކައިރިން ސަލާން ޖަހަމުން، ބުނެކިޔާ އާދޭސް ކުރަމުން މިދާދިޔުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހުއްޓުވާނަމޭ. މަދަނައިގެ ވިއުގަ އުފެދުނީ،  މި ވިސްނުމުގައި. އަޅުގަނޑު މިރޭ އުފާވަނީ، މިރަށުގެ 325 މީހުން މަދަނައިގައި ރަޖިސްޓްރީވެފައި ޚިދްމަތް ލިބެމުންދާތީ. އެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސް ފަރުވާ، މާލިއްޔަތުގައި ރައްކާކުރެވިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެން މިސަރުކާރު އައުމުގެ ކުރީގައި، ދެންމެ މިތަނުގައި ފާހަގަކުރެއްވި ކިތަންމެ ބޭފުޅުންނެއް ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެން ބުނީމު، ޢުމުރުން ދޮށީ މީހުންނަށް ޕެންޝަނެއް މި ސަރުކާރުން ފޯރުކޮށްދޭނަމޭ. އަޅުގަނޑުމެން ގަބޫލުކުރީ މި ރާއްޖެ އަޅުގަނޑުމެނަށް މިގޮތަށް ލިބިފައި މިއޮތީ، އެ ދުވަސްވީ މީހުންގެ މަސައްކަތުންނޭ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނަށް، މިރާއްޖެ ރައްދުކޮށްދިނީމާ. މިއަދު މި ދައުލަތުން ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ އަޅުގަނޑުމެން ވިސްނާއިރުގައި، ހަމަކަށަވަރުންވެސް އެކަން ޙައްޤުވާ، އެންމެ ޙައްޤުވެރި އެއްފަރާތަކީ، ޢުމުރުން ދުވަސްވީ މީހުންކަން، އަޅުގަނޑު ނިސްބަތްވާ ޕާޓީއާއި އަދި އަޅުގަނޑުމެން އެންމެންވެސް މިތިބީ ހިތުގެ އަޑިން ގަބޫލުކޮށްގެން. އެހެންވީމާ، އަޅުގަނޑުމެން ވަޢުދުވީ އާމްދަނީ މަދު ކޮންމެ ދުވަސްވީ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، ކޮންމެ މަހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ. މިއަދު އަޅުގަނޑު އުފާވަނީ، މި ގައްދޫގެ 161 މީހަކަށް، މިދެންނެވި ޕެންޝަން ކޮންމެ މަހަކު ދެމުން އަންނަތާ މިހާރު ދެއަހަރުވެއްޖެ. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، ކޮންމެ މަހަކު މިރަށަށް ތިންލައްކަ ބާވީސްހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ދެވޭކަމީ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބޭ ކަމެއް.
 
އެނގިވަޑައިގަންނަވާނެ، މިރަށްރަށުގެ ރައްޔިތުންނަށް ޔަޤީންކަމާއެކީގައި މިވަގުތު ޙަޤީޤަތުގައި ވަޒީފާއެއް ލިބޭން މިއޮތީ ގިނަފަހަރަށް ސަރުކާރުން. އެނޫން ގޮތެއްގައި، އިތުބާރާއެކީގައި އާމްދަނީއެއް ހޯދުން މިއޮންނަނީ ވަރަށްދަތި ކަމަކަށްވެފައި. އަޅުގަނޑުމެންގެ އަމާޒަކަށްވީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެން ދެކި މިތިބެނީ، މިޤައުމު ތަރައްޤީ ކުރުމަށް ކޮންމެހެން އެންމެ ފުރަތަމަ ކުރާން އޮތް ކަމަކީ، ރައްޔިތުން ހައިހޫނުކަމުން ނަގައި، އ.ދ.ގެ ހައިހޫނުކަމުގެ ރޮނގުން މައްޗަށް އަޅުގަނޑުމެންގެ ރާއްޖޭގެ އެއްލައްކަ ރައްޔިތުން ގެނައުން. އަޅުގަނޑުމެނަށް މިރޭ ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 22 މީހަކަށް، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި އަދި ނުކުޅެދޭ މީހުންނާއި އަދި ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ ޢިނާޔަތްތައް ދެވެމުން ގެންދެވޭކަމީ، އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް. އަޅުގަނޑުމެނަށް ހިތްވަރު ލިބޭ ކަމެއް.
 
އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، މި ރައްޔިތުންނަކީ އެމީހުންގެ ބޭސްފަރުވާއަށް، އެހެން މީހެއްގެ ގާތަށް ގޮސް، ތިމާގެ އަމިއްލަ ނަފްސާއި، ތިމާގެ އަމިއްލަ ޢިއްޒަތް ނަގާލަންޖެހޭ މީހަކަށް އެމީހާ ނުވުން. އަޅުގަނޑުމެންގެ ބޭނުމަކީ، ކޮންމެ ރައްޔިތަކީވެސް، ކޮންމެ ގައްދޫ މީހަކީވެސް، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ، ޢިއްޒަތާއި ޤަދަރު ލިބިގެންވާ، ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ގައްދޫ މީހެކޭ ބުނެ، ހަމަ އިސްކޮޅަށް ހިންދެމިލެވޭނޭ ރައްޔިތަކު ހޯދުން. އެ ރައްޔިތަކު އުފެއްދުން. އެ ރައްޔިތަކަށް ޖާގަ ލިބުން. އަޅުގަނޑުމެން ކުރަމުން މިއަންނަ މަސައްކަތަކީ މިދެންނެވީ. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން.
 
އަޅުގަނޑު މިރޭ އުފާވޭ، މިފަހަރުގެ ބަޖެޓްގައި، ގައްދުއަށް ފެނުގެ ނިޒާމެއް ޤާއިމް ކުރުމުގެ ފައިސާ ހިމެނިފައި އޮތްކަމީ، އަޅުގަނޑުމެނަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެނަށް ސާފު، މިރަށުގައި ސާފު ބޯފެނާއި، ރަނގަޅު ނަރުދަމާގެ ނިޒާމެއް ޤާއިމްނުވާހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެން ހޯދަން އުނދަގޫވާނެ. ފެނާއި ނަރުދަމައަކީ އަސާސީ ޚިދްމަތެއް ކަމަށް އަޅުގަނޑުމެން އަޑުއުފުލިން. އެ ނަން، އެ ވާހަކަ ޤާނޫނުއަސާސީގައި ބިންވަޅު ނެގުނީ، އަޅުގަނޑުމެން އެދުވަހު އެ އަޑު އެގޮތަށް އުފުލީތީވެ. ގަބޫލުފުޅު ކުރައްވާ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިއިރު، މި ރާއްޖޭގައި އޮތީ ނަރުދަމައެއް އޮތް 6 ރަށް. މިހާރު މި ރާއްޖޭގައި ނަރުދަމާ އޮތް 30 ރަށާ މި ގާތްކުރަނީ. އިރާދަކުރެއްވިއްޔާ، 2011 ވަނަ އަހަރު ނިމޭއިރުގައި، ނަރުދަމައާއެކު މި ރާއްޖޭގައި 50 ރަށް އޮންނާނެ. އަޅުގަނޑުމެންގެ ދައުރު ނިމޭއިރުގައި، އިރާދަކުރެއްވިއްޔާ،     މި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް އަޅުގަނޑުމެން ޤާއިމް ކުރާނަން.
 
ގައްދޫގެ ޞިއްޙީ ޚިދްމަތްތައް ފުޅާކުރުމުގައި މަސައްކަތް ކުރަމުން އަންނައިރު، އަޅުގަނޑު މިރޭ ޝުކުރާ އެކީގައި ޑޮކްޓަރ އާމިނަތު ޖަމީލަށް ޝުކުރު ދަންނަވާނަން. މިންނެތް މަސައްކަތުން އާމިނަތު ޖަމީލު ހޯއްދެވި ނިޒާމެއް، ޓެލެމެޑިސިންގެ ނިޒާމަކީ. އިރާދަކުރައްވައިގެން، ގައްދޫގައި އެ ޚިދްމަތް ފުޅާކުރެވޭކަމީ، އަޅުގަނޑުމެނަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް. ކުރިއަށް އޮތް ތަނުގައި، ގައްދޫގެ ހުރިހާ ބަލި މީހުންނަށްވެސް، އެ ބަލި މީހުންގެ ބަލިތައް، ދުނިޔޭގެ އެހެން ތަންތަނުގައި ތިބެގެން، ރާއްޖޭގެ އެހެން ހޮސްޕިޓަލްގައި ތިބެގެންވެސް ބެލޭނޭ ނިޒާމެއް އަޅުގަނޑުމެނަށް މި ހަމަޖެހެނީ. އަޅުގަނޑުމެންގެ އަމާޒަކީ، ތިޔަބޭފުޅުންނަށް ޚިދްމަތް ދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުން.
 
އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ، ދަތުރުފަތުރުގެ ނިޒާމެއްގެ މުހިންމުކަން. ސަރުކާރުން ނިންމީ، 7 އަހަރު ދުވަހުގެ ތެރޭގައި، އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކީގައި ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމް ކުރަން. ފުރަތަމަ ދެއަހަރުގެ ތެރޭގައި، އެ ނިޒާމްގެ އަސާސީ އޮނިގަނޑެއް އެކަށައެޅުން. އަދި އެ އޮނިގަނޑު މަސައްކަތް ކުރުވުން. މިއަތޮޅުގައި މި ހުވަދުއަތޮޅުގައި އެމަސައްކަތް ހިންގާ މިންވަރު، އެހެން އަތޮޅުތަކާ އަޅާބަލާއިރު ރަނގަޅެއް ނޫން. އަޅުގަނޑުމެންގެ 2011 ވަނަ އަހަރުގެ އެއް އަމާޒަކަށްވާނީ، ހުވަދުއަތޮޅުގެ ދަތުރުފަތުރުކުރުމުގެ ނިޒާމް، އެހެންވެސް ޕްރޮވިންސްތަކުގައި އެމަސައްކަތް ހިނގަމުންދާ އުޞޫލުން އެމަސައްކަތް ކުރުން. މިހާރަށްވުރެ މާ ފުޅާ ގޮތެއްގައި، މާ ފުރިހަމަ ގޮތެއްގައި އެކަން ރަނގަޅު ކުރުން.
 
 އެ ނިޒާމަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ކަންކަމުގެ ތެރޭގައި، އެބަ ބޭނުންވޭ ގައްދޫ ބަނދަރު. ބަނދަރެއް އޮވެގެން އެއްތަނުން އަނެއް ތަނަށް އަޅުގަނޑުމެނަށް މިދެވެނީ. ވިޔަފާރި ކުރިއަރައިދާނީ، އެއްތަނުން އަނެއް ތަނަށް މުދަލާއި ފަސިންޖަރުން ބަދަލުވީމާ. އެކަން ކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްވަސީލަތަކީ ރަނގަޅު ބަނދަރެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިއަހަރުގެ ބަޖެޓްގައި ގައްދޫގެ ބަނދަރު ހިމެނި، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި އެބަނދަރު ހަދަން ފެށޭނެ. ހަމައެހެންމެ، ގައްދުއާ ގާތުގައި އެއަރޕޯޓެއް ނުވަތަ އެއަރ ސްޓްރިޕެއް އެޅުމުގެ ބޭނުމަކީވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ކޮންމެހެން ބޭނުންތެރިކަމެއް. އެސަބަބަށްޓަކައި ސަރުކާރަށް މިހާރު މިވަނީ ކުރީގައި ހުއްޓިފައި އޮތް އެ ގައްދޫގެ އެއަރޕޯޓްގެ މަސައްކަތް ސަރުކާރުން އަލުން ފެށުން. ސަރުކާރުން މިހާރު އެމަސައްކަތް މިދަނީ ފަށައިގެން ކުރިއަށް ގެންދަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދެކެނީ، މިއަހަރުގެ ތެރޭގައި، އޭގެ ޢަމަލީ މަސައްކަތް ފަށައިގަނެ، މިއަންނަ އަހަރުގައި އެފަދަ އެއަރޕޯޓެއްގެ ޚިދްމަތް ގައްދޫ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް.
 
ގައްދޫގެ ބަނދަރާ އެކުގައި މިފަހަރު ބަނދަރުތައް ހަދަމުންދާއިރުގައި، ބަނދަރުމަތި ތަރައްޤީ ކުރުމުގެ ޕްރޮގްރާމެއް އެބައޮތް. ބަނދަރާ އެކުގައި ފެރީ ޓަރމިނަލަކާއި އަދި ގުދަނާއި ފިހާރަފައްޗެއް އުފެއްދުމަކީ ސަރުކާރުގެ ވިސްނުމެއް. އަދި މިގުދަންތަކާއި ފިހާރަފައްޗަކީ، މިގައްދުއާ ގުޅިފައި ހުރި ގާތުގައި އެވާ ރަށްރަށުގެ މުދާ، މިތަންތަނުން ލިބޭނެ، އެ ވިޔަފާރި ފުޅާކޮށް ހިންގޭނެ އިންތިޒާމެއް، ޕްރޮގްރާމެއްގެ ގޮތުގައި ތަރައްޤީ ކުރެވޭ، ހިންގޭ ޕްރޮގްރާމެއް. އަޅުގަނޑުމެންގެ ބަނދަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމް. ބަނދަރަކީ ހަމައެކަނި އަޅުގަނޑުމެން ނުދެކެން ތޮށްޓެއް ކަމަކަށް. ބަނދަރަކީ އެއިން ބޭނުމެއް ކުރަންހުރި އެއްޗެއް. ބަނދަރަކީ އަގުބޮޑުކޮށް އުފައްދާ އުފެއްދުމެއް. އެ އަގު ހޯދުމަށްޓަކައި، އެ ބަނދަރުގެ ފުރިހަމަ ބޭނުން އަޅުގަނޑުމެން އެބަ ހިފާންޖެހޭ. އެހެންވީމާ، ބަނދަރު މެދުވެރިކޮށް، އެހެނިހެން ވިޔަފާރިތަކާއި އުފެއްދުންތަކާ އެބަ ގުޅުވަންޖެހޭ. އެގުޅުވުން ގުޅުވުމަށްޓަކައި ލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމްވެސް މިބޭނުން މިކުރަނީ. އެ ގުޅުވުން ގުޅުވުމަށްޓަކައި މިތަނުގެ، ގައްދޫގެ ބަނދަރުމަތި ތަރައްޤީ ކުރުމުގެ ޕްރޮގްރާމް އަޅުގަނޑުމެން މިކުރިއަށް މިގެންދަނީ. ގައްދުއާއި ތިނަދުއާވެސް. އަދި ގައްދުއާއި ފުވައްމުލަކާވެސް. ގައްދުއާއި އައްޑުއާވެސް. މުޅި ބޮޑު ދެކުނު އެކީގައިވެސް ފުރިހަމަ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅުވާލެވިގެން މެނުވީ، އަޅުގަނޑުމެންގެ މުޅި ދިވެހިރާއްޖެ، ތިލަދުންމައްޗެއްވެސް، މާލެއެއްވެސް، ފާދިއްޕޮޅެއްވެސް، އެހެން އެއްވެސް ތަނެއް ތަރައްޤީވެއެއް ނުދާނެ. އަޅުގަނޑުމެން މުޅި ރާއްޖޭގެ ތަރައްޤީ ހޯދުމަށްޓަކައި ގައްދޫގައި ބަނދަރު ހަދަންޖެހޭނީ. އަޅުގަނޑުމެން މުޅި ރާއްޖޭގެ ތަރައްޤީ ހޯދުމަށްޓަކައި ތިނަދޫގައި ބަނދަރު ހަދަންޖެހޭނީ. ރަށުގެ ތަރައްޤީއާއި މުޅި ޤައުމުގެ ތަރައްޤީ އޮންނާނީ އަބަދުވެސް ގުޅިފައި.
 
ކޮން ރަށަކަށްތޯ ކޮންކަމެއް ގެންދާނީ، އެއީ، އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހިތްހަމަނުޖެހުން އުފެދޭނެ ކަމެއް. އަޅުގަނޑުމެން އެކަކުވެސް އެދޭ މިންވަރަކަށް ނުވެސް ލިބޭ. އަޅުގަނޑުމެން އެންމެންވެސް އުޅޭން މިޖެހެނީ، ލިބޭ މިންވަރަށް ޝުކުރުކޮށްގެން. އަޅުގަނޑަށް ޔަޤީން، ސަރުކާރުން ދެވެން އޮތް ހުރިހާ މަސައްކަތެއް މިރަށުގެ އަދި މިއަތޮޅުގެ، މި ޕްރޮވިންސްގެ، މިރާއްޖޭގެ ތަރައްޤީއަށް އަޅުގަނޑުމެން ކުރާނީ. ގައްދޫގެ ތަރައްޤީއަށް އަޅުގަނޑުމެން ކުރާނީ.
 
އަޅުގަނޑު އަބަދުވެސް ފާހަގަކުރަމުން މިއަންނަނީ، ތަރައްޤީއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެއޭ، އިންސާނާ ތަރައްޤީނުވާހާ ހިނދަކު. ގައްދޫ މީހާ އެބަ ތަންދޮރު އޮޅުންފިލާންޖެހޭ. އޭނާއަށް އެބަ ވާނުވާ އެނގެންޖެހޭ. ފުރިހަމަ ތަޢްލީމެއް ލިބިފައި ހުރި މީހަކަށް، އެމީހާ ހެދުމަށްޓަކައި ރަނގަޅު މަދްރަސާއެއް އެބަ ހިންގާންޖެހޭ. އެއްދަންފަޅީގެ މަދްރަސާއެއްގައި ވަށާޖެހޭ ތަޢްލީމެއް، އަޅުގަނޑުމެން އެބަ ދަރިންނަށް ދޭންޖެހޭ. އަޅުގަނޑު ދަންނަވާނީ، އެ ވަށާޖެހޭ ތަޢްލީމް ހިންގުމުގެ މަސައްކަތް ރާއްޖޭގެ ވަރަށްގިނަ ރަށުގައި، ވަރަށް އެކަށީގެންވާ ކާމިޔާބެއް އަޅުގަނޑުމެންނަށް ހޯދަމުން އެބަދެވެއޭ. އަޅުގަނޑު އެކަމަށްޓަކައި އެޑިޔުކޭޝަން މިނިސްޓަރުކަން ކޮށްދެއްވިޑޮކްޓަރ ލުޠުފީއަށް، ނިހާޔަތަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ ޑޮކްޓަރ ލުޠުފީގެ ޚިދްމަތް އަދިވެސް ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެނަށް، ސަރުކާރަށާއި ރައްޔިތުންނަށް ލިބިގެންދާނެކަން.
 
އަޅުގަނޑު ހިތްހަމަޖެހޭ އެއްކަމަކީ، ގައްދޫގައި އެއްދަންފަޅިއަށް މަދްރަސާ ހެދުމަށްޓަކައި މިއަހަރުގައި 8 ކްލާސްރޫމް އިރާދަކުރެއްވިއްޔާ، ޢިމާރާތް ކުރެވޭނެ. މި މަދްރަސާގައި 8 ކްލާސްރޫމް ހެދޭނެ. އަޅުގަނޑު ގާތުގައި ބައެއް ބެލެނިވެރިން މިއަދު މިވާހަކަ އަހާލި. ދެން އަޅުގަނޑު ނޭނގޭ ކަމަށް ހަދައިގެން އެވަގުތު އިނީ. ޒާހިރު އަޅުގަނޑަށް ކުޑަކޮށް ދަސްކޮށްދެއްވި ކަމެއް. އެހެންވީމާ، އަޅުގަނޑުވެސް ހިތަށްއެރީ، އަޅުގަނޑުވެސް އެހެނޭ ހަދާނީ. އަޅުގަނޑުމެނަށް އިރާދަކުރައްވައިގެން، މިފަހަރުގެ ބަޖެޓްގައި ގައްދޫގެ 8 ކްލާސްރޫމް މިއޮތީ ހިމެނިފައި. އަދި އަޅުގަނޑު ހަމަ ޔަޤީނުންވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑު އަނެއްކާވެސް ގޮސް ބަލައިދޭނަން، ތިބޭފުޅުންގެ ގައްދޫ މަދްރަސާގެ ޓީޗަރުން ހަމަތޯއާއި އަދި އެ ޓީޗަރުން ހަމަކުރެވެން އޮތް ގޮތަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމަކޮށްދޭނަން.
 
އަޅުގަނޑު ގައްދުއަށް އައި ކޮންމެ ފަހަރަކުވެސް، އަޅުގަނޑު މިރަށުން ދެކޭ ވަރަށް ހިތާމަވެރި މަންޒަރެއް އޮވޭ. އެއީ، މިރަށުގެ ވަރަށްގިނަ ޒުވާނުން ބާރުގަދަ މަސްތުވާތަކެތީގެ ދެވީގައި ޖެހި، އެމީހުންގެ ޙަޔާތް ހަލާކުވަމުންދާތަން ފެނުން. ޒުވާން ޖީލެއް އަޅުގަނޑުމެން އަތުން ގެއްލިދަނީ. ޙަޤީޤަތުގައި އެޖީލަކީ ހަމަ އަޅުގަނޑުމެންގެ ޖީލު. އަދި ޚާއްޞަކޮށް، މި ޢުމުރުގެ އަޅުގަނޑުމެން ޢުމުރުގެ ޖީލު. އަޅުގަނޑުމެނެއް ނެތް އެޖީލު ދޫކޮށްލާކަށް. އެއްގޮތަކަށްވެސް ތައްޔާރަކަށް ނޫން މިތިބީކީ. އަޅުގަނޑު ގައްދޫ ޒުވާނުންނަށްވެސް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެން އެމީހުނާ އަޅާލާނަން. އަޅުގަނޑުމެން އެމީހުން އެ ދެވިން، އެ ވަބާއިން ސަލާމަތްވުމަށް ކުރަންހުރި ކަންތައް ކުރާނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެމީހުނަށް އަލުން އަނބުރާ މުޖްތަމަޢަށް އާދެވޭނޭ ފުރްޞަތުތަކެއް ހޯދައިދޭނަން. މިރަށުގެ ޒުވާނުންނަށްޓަކައި ކުރާންހުރި ކަންތައް ނުހަނު ގިނަ. ރަނގަޅު ކުޅިވަރު ކުޅޭނެ ތަނެއް އަދި އިޖްތިމާޢީ މަރްކަޒެއް ހެދުމުގެ ވާހަކަވެސް ތިބޭފުޅުންގެ މެންބަރު ދެންމެ ވިދާޅުވެއްޖެ. އަޅުގަނޑު އެ އަޑުތައް ކަނުލާ އަހާނަން. އަދި އެކަން ކުރުމަށް އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނަން.
 
އަޅުގަނޑަށް ގައްދުއާ އެކީގައި އަދި ގައްދޫގެ ތަރައްޤީއާއި، ގދ. އާއި ގއ. އާއި، މުޅި ހުވަދުއަތޮޅުގެ ތަރައްޤީއަށް މަސައްކަތް ކުރަން ވަރަށް ފަސޭހަ. އަޅުގަނޑުމެންނާއެކީގައި ޤާނޫނުހަދާ މަޖިލިސްގައި ތަޖްރިބާއިން ފުރިފައި ހުންނެވި އަދި އަމިއްލަ ޙަޔާތުގައި އެހާ ކާމިޔާބު ބޭފުޅެއް، ތިބޭފުޅުންގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަމީ، ގައްދޫ ޒާހިރުގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ. އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް، ވަރަށްބޮޑު އުފަލެއް. އަދި ހަމަ އަޅުގަނޑުމެނަށް ޒާހިރާ އެކުގައި މަސައްކަތް ކުރުމަށް ލިބިފައި މިތިބި ތިނަދޫގެ ދެފަހުލަވާނުންނަކީ، ތިބޭފުޅުން އެންމެނަށްވެސް ހަމަ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، ކޮން ދެބޭފުޅުންނެއްކަން. ރާއްޖޭގައި ޚިޔާލުފާޅުކުރުމާއި އަދި މިނިވަންކަމަށް ބާރުއެޅެން ހަމަގައިމުވެސް އަޅުގަނޑު މަސައްކަތްކުރި ކޮންމެ ފަހަރަކު އެދެބޭފުޅުން އަޅުގަނޑާ އެކީގައި އަބަދުވެސް އޮތީ ތިއްބަވާފައި. އެންމެ ފުރަތަމައިނުން ޕާޓީގެ ވިސްނުމާއި، ޕާޓީގެ ސިޔާސަތުތައް އެކުލަވައިލުމާއި އަދި ޕާޓީ ބިނާކުރުމުގައި، އަޅުގަނޑު ދަންނަވާނީ، މިދެންނެވި ދެބޭފުޅުންގެ ޙިއްޞާ ވަރަށްބޮޑޭ. އަޅުގަނޑު މިރޭ އެ ދެބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން ބޭނުން.
 
އަޅުގަނޑުމެނަށް މިއަތޮޅުގެ ތަރައްޤީ ހޯދުން މަޖްބޫރު. އަޅުގަނޑުމެންގެ ރާއްޖެ އެބަޖެހޭ އަޅުގަނޑު ބަދަލުކުރަން. އަޅުގަނޑުމެންގެ ޖީބަށް ވަންނަ އެއްޗެއް، މިއަދު ލިބޭ މިންވަރަށްވުރެ މާދަމާ އެބަ އިތުރުވާންޖެހޭ. އަޅުގަނޑުމެން އެއް ޙާލަތުން އަނެއް ޙާލަތަށް އެބަ ބަދަލުވާންޖެހޭ. އެބަދަލުވުމަށްޓަކައި ބޭނުންވާ ކަންކަން އަޅުގަނޑުމެން އެބަ ކުރާންޖެހޭ. އަބަދުވެސް އަޅުގަނޑުމެން ފާހަގަކުރަމުން އައީ، ތަރައްޤީއަށް ކޮންމެހެން ކުރާންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ރައްޔިތުން ދޫކޮށްލުމޭ. ރައްޔިތުން ބިރުނުގެންނެވުމޭ، ނުހިފެހެއްޓުމޭ، ހައްޔަރު ނުކުރުމޭ، އަނިޔާ ނުކުރުމޭ، އެމީހުން ވީއްލުމޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތްވެސް ހިންގުމުގެ ފުރްޞަތަކީ، ތަރައްޤީއަށް ކޮންމެހެން ބޭނުން ވަސީލަތެއް.
 
އަޅުގަނޑުމެން ފާހަގަކުރަމުން މިއައީ، ލާމަރްކަޒީ އުޞޫލު. ލާމަރްކަޒީ އުޞޫލަކީ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރުގައި، ކަނޑައެޅުނު އުޞޫލެއް ނޫން. އަޅުގަނޑު މިރޭ އުފާވަނީ، އަޅުގަނޑުމެންގެ އައްޑުއަތޮޅުގެ އޭރުގެ ޢިއްޒަތްތެރި މެންބަރު އަދި އަޅުގަނޑުމެންގެ ކޮޅުމަޑުލުގެ އޭރުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދާއި، މުޙަންމަދު އަސްލަމް، އެދެބޭފުޅުން އަނެއްކާ ފަހުން ހުށަހަޅުއްވައި، މިހާރު ޤާނޫނުއަސާސީގައި އެވާ ބަސްތަކަކީ، ތިބޭފުޅުންގެ ބަސްތައް. އެމް.ޑީ.ޕީ.ގެ ފިކުރު. އަޅުގަނޑުމެން މިހާރު ތަންފީޛުވެގެން މިއުޅެނީ އެ ފަލްސަފާ. ލޯކަލް އިންތިޚާބަކީ މިދެންނެވީ. ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން ކުރުން. މާލެއަކީ ޕެނަޑޯލް ގުޅައެއްވިޔަސްވެސް އަދި ސާކް ސަމިޓަކަށްވިޔަސްވެސް، ލިބެން އޮތް ހަމައެކަނި ތަން ކަމަށް ހަދައިގެން، އަޅުގަނޑުމެން މި ބޭނުން ތަރައްޤީ އަޅުގަނޑުމެނަކަށެއް ނުހޯދޭނެ. ރައްޔިތުން ބާރުވެރިކުރުން އަދި ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަން ހިންގުމުގެ ބާރު ދޫކޮށްލުން. ދޫކޮށްލައިގެން މެނުވީ، ތަރައްޤީއެއް އަޅުގަނޑުމެނަކަށެއް ނުލިބޭނެ. ފެބްރުއަރީ 5 ގައި އަޅުގަނޑުމެން މި ބިންގާ އަޅަނީ، މިދެންނެވި އުޞޫލު، މި ރާއްޖޭގައި ޤާއިމްކުރަން ފަށާ ދުވަހުގެ ބިންގާ. އެ ބިންގަލާއެކީގައި އަޅުގަނޑުމެން ބިނާކުރަންހުރި މިންވަރު ނުހަނު ގިނަ. މި ސަރުކާރުގެ މަސްއޫލިއްޔަތެއް އެއީ، ރަށު ކައުންސިލާއި، އަތޮޅު ކައުންސިލްތައް ކާމިޔާބުވުން. އެ ކާމިޔާބު ކުރުމުގައި، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެން އަބަދުމެ އަބަދުމެ މަސައްކަތް ކުރަމުން ގެންދާނެ.
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، ގައްދޫގައިވެސް އަދި ޚާއްޞަކޮށް، ހުވަދުއަތޮޅުގައި ފާހަގަކުރި އަނެއް ނުކުތާއަކީ، ރާއްޖޭގެ މަސްވެރިންނަށް، އެމީހުން ބާނާ މަހަށް ހަމަ އަގު އަޅުގަނޑުމެން ހޯދައިދިނުން. އެފަދަ ސިޔާސަތެއް އަޅުގަނޑުމެން ތަޢާރުފް ކުރާނަން. އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ކިލޯ ހަމަނުވާ މަހަކަށް މިލިބެނީ އެއްރުފިޔާ ފަންސަވީސް ލާރި ނުވަތަ ދެރުފިޔާ، ބޮޑުވެގެން ފަސްރުފިޔާ. މިއަދު ގައްދޫ މަސްވެރިންނަށް އިއްޔެގައި ބޭނި މަހަށްވެސް އެންމެ މަދުވެގެން ނުވަރުފިޔާ، ދިހަރުފިޔާ ލިބިފައި އޮންނާނެ. އަދި މިހާރު ރޯމަސް އެކްސްޕޯޓް ކުރުން ޢާންމުކޮށް ދޫކޮށްލުމާ ގުޅިގެން، އެ މަހުގެ އަގު އެދަނީ ދުވަހެއް ދުވަހަކަށް އަރަމުން. އިރާދަކުރެއްވިއްޔާ، ބައިނަލްއަޤްވާމީ މާރުކޭޓްގައި ހުންނަ އަގު، ރާއްޖޭގެ މަސްވެރިންނަށް ލިބޭނޭ އިންތިޒާމްތައް އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ. ވާދަވެރި ވިޔަފާރިވެރިންގެ ތެރެއިން އެ ހެޔޮ، ރާއްޖޭގެ މަސްވެރިންނަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ. މިރަށުގައިވެސް އަދި ހުވަދުއަތޮޅުގެ ގިނަ ރައްޔިތުންނަކީ ހަމަ މަސްވެރިން.
 
އަޅުގަނޑު މިރޭ ނިންމާލުމުގެ ކުރިން ދަންނަވާލަން އޮތް ވަރަށް މުހިންމު ވާހަކައެއް އެބައޮތް. ޒާހިރުވެސް ފާހަގަކުރައްވައިފި. އަޅުގަނޑުވެސް ބިރުގަނޭ، އަޅުގަނޑު ބިރުގަނޭ އިހު ހުރި ގޮތަށް އަޅުގަނޑުމެންގެ ކަންކަން ރުޖޫޢަވެދާނެތީ. އަޅުގަނޑު ބިރުގަނޭ، އަޅުގަނޑުމެން އޭންގަލަށް ނަގާފާނެތީވެ. އަޅުގަނޑު ބިރުގަނޭ، އަޅުގަނޑުމެން އެމީހުން ކިޔާ ޗޭނުޖަހާފާނެތީވެ. އަޅުގަނޑު ބިރުގަނޭ، އަޅުގަނޑުމެން 18 މަސް ވަންދެން، ދެއަހަރު ވަންދެން ތިރި ގޮނޑީގައި ބައިތިއްބަފާނެތީވެ. އަޅުގަނޑު ބިރުގަންނަނީ، އަޅުގަނޑު ބައިންދާފާނެތީއެއް ނޫން. އަޅުގަނޑު އަނެއްކާވެސް އިންނާނެ. އަޅުގަނޑު ދެރަވަނީ، އަޅުގަނޑުމެންގެ ދަރިން ބައިތިއްބަފާނެތީވެ. މިނިޒާމް އަޅުގަނޑުމެނަށް މިރާއްޖޭގައި އަށަގެންނެވުން ކޮންމެހެން މުހިންމު، އަޅުގަނޑުމެންގެ ދަރީންނާއި، އަޅުގަނޑުމެންގެ ދަރީންގެ ދަރީން ސަލާމަތް ކުރުމަށް. އަޅުގަނޑުމެން މި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފޫގަޅާ ނުކުތީ، އެނގިވަޑައިގަންނަވާނެ، ޖަލުގެ އަނިޔާ ހައްދުފަހަނަޅައި އެންމެފަހުން ދިޔައީމާ. އީވާން ނަސީމްގެ ޙާދިޘާއަކީ އަޅުގަނޑު ހަމަގައިމުވެސް ދުށް ގޮތުގައި، ދެން ޖެހިގެން އަންނަ ދުވަހު އަޅުގަނޑުގޭ ދޮރުގައި ޓަކި ޖަހާލާފައި، މިއޮތީ ރޭގައި ދިމާވި ޙާދިޘާއެއްގައި ދަރިފުޅު މަރުވެފައޭ، ދެން ވަޅުލަހަރޭ. އެހެން ކިތަންމެ ޤައުމެއްގައި، މި މަންޒަރު، މި ބަސްތައް  މި ފެތުރީ ވެރިކަމުގެ ފަރާތުންކަން ރައްޔިތުންނަށް އެނގޭ. އެ އަޑު އަޅުގަނޑުމެންގެ ކަންފަތުގައި ޖެހުމަށް 2004 ވަނަ އަހަރު، އާދެ! 2003 ވަނަ އަހަރު އޮތީ ނުހަނު ގާތްވެފައިކަން އަޅުގަނޑުމެނަށް ޔަޤީންވީމާ، އަޅުގަނޑުމެން މިމަސައްކަތާއިގެން އެއްވަލަށް ހަދައި ނުކުތީ.
 
އަޅުގަނޑު ކަންބޮޑުވާނެ. އަޅުގަނޑުމެން އެންމެން ކަންބޮޑުވާންޖެހޭނެ. އިހުހުރި ގޮތަށް އަޅުގަނޑުމެންގެ ކަންކަން ބަދަލުވެއްޖެނަމަ، މިރޭ މިތާ މިތިބި އެންމެން މިކުރަނީ ބޮޑު ކުށެއް. އެއްވުމަކީ މަނާކަމެއް. ހިފާ ހައްޔަރުކުރާނެ. މަދުވެގެން ދެއަހަރު ދުވަހުގެ ޖަލުގެ ޙުކުމް ތިބޭފުޅުންނަށް ލިބޭނެ. އަޅުގަނޑު ބޭނުމެއް ނޫން އެތަނަށްދާކަށް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެކަކުވެސް އެތަނަށްދާކަށް ބޭނުމެއް ނޫން. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެން މިފެށި ދަތުރު އަޅުގަނޑުމެން ކާމިޔާބު ކުރާނެ. އަޅުގަނޑު ތިބޭފުޅުންގެ އަރިހުގައި، އެމް.ޑީ.ޕީ ފިކުރަށް ވޯޓް ދެއްވަން މި އެދެނީ، މިދެންނެވި ބަސްތަކަށްޓަކައި. އަޅުގަނޑުމެން މިޞްރާބު ޖަހަން ބޭނުންވަނީ ކުރިއަށް. އަޅުގަނޑުމެނެއް ބޭނުމެއް ނޫން، މާޒީގެ ވާހަކައެއް ދައްކަމުން ހިނގާކަށްވެސް. އަޅުގަނޑުމެން ބޭނުމެއް ނޫން، ބަދަލުހިފާކަށެއްވެސް. އަޅުގަނޑުމެން ހަމައެކަނި ބޭނުމީ، މި ރާއްޖޭގެ ތަރައްޤީ. އަޅުގަނޑުމެން ބޭނުމީ، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނާ އެކުގައި އުފަލުގައި އުޅެވޭނެ ގޮތެއް ހޯދުން. އަޅުގަނޑުމެން ބޭނުންވަނީ، ތަނަވަސްކަން. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ހަމަ ބޭނުންވަނީ، އުފާވާ ޒަމާނޭ. އަޅުގަނޑުމެނަށް މިލިބެނީ، އުފާވާ ޒަމާނޭ. އަޅުގަނޑު ދަންނަވާނީ ހިތާއޭ އަހާށޭ އުފާވެރިވި މި ރާގޭ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް މިއަދަށްވުރެ އަދި މާ ބާއްޖަވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________